މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޖުބޫރު ލޯބި (10) |
|
|
| ދިވެހި - ވާހަކަ | |||
| 27 އޮގަސްޓް 2011، 21:30 ހޮނިހިރު | |||
|
19 އޯގަސްޓު (ހުކުރު) އާ ގުޅޭ.. ގައްދޫ މުޙަންމަދު ރަޝީދު ސަލާންގަލާމަށްފަހު ސޯފިޔާ ބުންޏެވެ. [އަހަރެންގެ ދައްތަ ފައުޒިއްޔާއާއި ކޮއްކޮ ރާފިޔާ އައިސް އެބަތިއްބެވެ.][އަޅުގަނޑު މިހާރު މިއަންނަނީއެވެ.] މިހެން ބުނެފައި އޭނާ އެނބުރިލައިފިއެވެ. އަތުގައި ހުރި އެއްޗެހިތައް އެއްފަރާތެއްގައި ބަހައްޓާފައި އަވަސް އަވަހަށް އިސްކުރުން އަތްދޮވެލައިފިއެވެ. އަދި ދޯޕައްޓާއިން އަތް ފޮހެމުން ގޯތި ތެރެއަށް ނުކުމެއްޖެއެވެ. ސޯފިޔާ މަންމައާއި ވާހަކަ ދައްކަން ހުއްޓެވެ. [ދުރުވާށެވެ.] ތާނިޔާ ފެންޑާއާ ދިމާއަށް ހިނގައިގަތެވެ. އަދި ގޯޅިތެރެއަށް ހުޅުވެންހުރި ދޮރު ހުޅުވާލާފައި ވަރަށް އުފަލާއެކު ފައުޒިއްޔާއާއި ރާފިޔާ ގެނެސް ބައިތިއްބައިފިއެވެ. ފައުޒިއްޔާ ބުންޏެވެ. [އަހަރެމެން އަންނާނެކަން ކުރީގައި އަންގާލާށޭ އަހަރެން ސޯފިޔާ ގާތު ބުނީމެވެ.] [އެއީ އެއްވެސް ކަމެއް ނޫނެވެ.] ތާނިޔާ ބުންޏެވެ. [އިށީންނަވާށެވެ.] ތާނިޔާ ޢިއްޒަތްތެރިންނަށް ޤަދަރުކުރުމުގެ ރާގުގައި ބުންޏެވެ. ކަންދިމާކުރި ގޮތުން މިއަދު ޖަޔާ އޮތީ މިތަން ވަރަށް ރަނގަޅަށް ސާފުކޮށްފައެވެ. އެކަމަކު އަގުބޮޑު ޑްރޯއިންގ ރޫމްތަކުގައި ތިބުމަށް އާދަވެފައިވާ އަންހެނުންނަށް މިތަން ކަމުދާނެ ބާވައެވެ. ފައުޒިއްޔާއާއި ރާފިޔާ މެދުގައިހުރި ސޯފާގައި، އަދި އަރިމަތީގައި ހުރި ސޯފާގައި ސޯފިޔާ އިށީދެއްޖެއެވެ. [ޖަޔާ ކޮބައި ހެއްޔެވެ؟] ސޯފިޔާ އެހިއެވެ. [ޗުއްޓީ ދުވަހަކީ އޭނާ ގޭތެރެ ސާފުކުރުމުގެ މޫޑުގައި އުޅޭ ދުވަހެވެ.] ތާނިޔާ ބުންޏެވެ. [މަންމަ ކޮބައި ހެއްޔެވެ؟] ފައުޒިއްޔާ ސުވާލުކުރިއެވެ. [އުޅަގނޑު މަންމައަށް ގޮވާލާނަމެވެ.] ތާނިޔާ ދޮރާދިމާއަށް ހިނގައިގަތެވެ. ފައުޒިއްޔާ އައީ މިއަދު ޖަޔާގެ ކާވެނީގެ ވާހަކައާއިގެންކަން ތާނިޔާގެ ހިތްދެނެގަތީ ކީއްވެގެން ކަމެއްނޭގެއެވެ. މިކާވެންޏާއި ބޭހޭގޮތުން އޭނާ މަންމަ ގާތުގައި ވާހަކަދައްކާތާ ކިތަންމެ ދުވަހެކެވެ. މަންމަ ފިނި ނޭވާއެއްލާފައި ބުންޏެވެ. [ތިޔަފަދަ ނަސީބެއް އަހަރެމެންނަށް ލިބޭނެ ބާވައެވެ.] ތާނިޔާ މަންމަ ގާތުގައި ބުންޏެވެ. [ތިޔަ ތަރުކާރީތައް ބަހައްޓާފައި އެތެރެއަށް ހިނގާބަލާށެވެ.] މަންމަ ތަރުކާރީ ޓުކުރިއާއި ވަޅި އެއްފަރާތެއްގައި ބާއްވައިފިއެވެ. [މަންމަ ހެދުން ބަދަލުކޮށްލިއްޔާ ރަނގަޅުވާނެއެވެ.] ރަބީޢާބުންޏެވެ. މުޅި ގޭގައި ހަލަބޮލިކަން އުފެދުނު ކަހަލައެވެ. ހަތަރު އަންހެންކުދިން ގޭތެރޭގެ އެއްޗެހިތައް ރަމަތަކުރަން ފަށައިފިއެވެ. [އާއެކެވެ. މަންމާއެވެ. ރަބީޢާ އެބުނީތެދެކެވެ. ހެދުން ބަދަލުކޮށްލާށެވެ. މިހާރު ޖަޔާ ކޮބައި ހެއްޔެވެ. އޭނާއަށް ގޮވާބަލާށެވެ.] [އަހަރެން މިހިރީއެވެ. ދައްތާއެވެ. ކިހިނެއްވީ ހެއްޔެވެ؟] ކޮޓަރި ތެރޭގައި ހުރެފައި ޖަޔާ ބުންޏެވެ. [ނިކަން ބޭރަށް ނުކުމެ ބަލާށެވެ.] ތާނިޔާ މަޑުމަޑުން ބުންޏެވެ. ]ކީއްކުރަން ހެއްޔެވެ؟] އޭނާ ސުވާލުކުރިއެވެ. [ސޯފިޔާ އާއި އޭނާގެ ދައްތަ ދުރުވެއްޖެއެވެ. ކަލޭ ކޮބައިހެއްޔޭ ސުވާލުކުރަނީއެވެ.] [ޖަޔާ ދުވެފައި ގޯތި ތެރެއަށް ނުކުމެއްޖެއެވެ. [މާތްކަލާކޯއެވެ. އަހަރެން މީހިރީ ކޮންފަދަ ސިފައަކަށް ހެއްޔެވެ. އަހަރެން އެމީހުންގެ ކުރިމައްޗަށް ނުކުންނާނީ ފެންވަރައި ގެންނެވެ. މިހިރީ ހިރަފުހާ ތަތްތެޅިފައެވެ. ގައިގާ މިއޮތް ހެދުމަށް ބަލާލަ ބަލާށެވެ.] ތާނޫ ހިމޭން ހިންތުން ވުމަކާއިއެކު ބުންޏެވެ. [އަހަރެމެން އެންމެންވެސް މިތިބީ ތިޔަކަހަލަ ގޮތަކަށެވެ. އެމީހުން ބުނާނީ ކީކޭ ހެއްޔެވެ. ފެންޑާ ތާހިރު ކޮށްލެވުނުކަން ހަމަ ނަސީބެވެ.] ހުރިހާ ކުދިން ހޭންފަށައިފިއެވެ. [ދައްތަ އެމީހުން ކައިރިއަށްދާށެވެ. އަހަރެން ހެދުން ބަދަލޮށްލައިގެން މިއަންނަނީއެވެ. މަންމާއެވެ. މަންމަވެސް އަވަހަށް ހެދުން ބަދަލުކުރާށެވެ.] [ކޮންމެވެސް ކަހަލަ ބުއިމެއް ތައްޔާރު ކުރަންވާނެ ނޫން ހެއްޔެވެ؟] ތާނިޔާ ބުންޏެވެ. [ތިޔަކަންތައް އަހަރެން ކޮށްފާނަމެވެ. ދައްތަ އެމީހުން ކައިރިއަށް ދާށެވެ. ނާޖިޔާ ފެންޑާއާ ދިމާއަށް ތާނޫ ކޮށްޕާލައިފިއެވެ. [ގުއްޑޫ ހެދުންވެސް ބަދަލު ކުރުވާށެވެ. އަދި ކުޑަމީހާވެސް އަތްފައި ދޮއްވާށެވެ. އެގޮތަށް ހިރަފުހާއި ތަތްތެޅިގެން ހުރެ މިކޮޅަށް އަޔަ ނުދެއްޗެވެ.] ތާނިޔާ ބުންޏެވެ. [އާއެކެވެ. ދެން ދައްތަ ގޮސްބަލާށެވެ. އަހަރެން މަންމައަތުން ލާރިކޮޅެއް އަތުލައިގެން ސައިގެ ކަންތައް ހަމަޖައްސަފާނަމެވެ.] ސުލައިމާނު އެތެރޭގައި އެބައުޅެއެވެ. ދެތިން ވައްތަރެއް ގަންނަން ވާނެއެވެ. ސައިގެންނާނީ ރީތިކޮށް ތައްޔާރު ކޮށްލައިގެންނެވެ.] [އެނގިއްޖެއެވެ. އެކަމާ ފިކުރު ނުކުރާށެވެ. މީގެ ކުރީގައި އަހަރެން ރީތިކޮށް ތާހިރުކޮށް ކަންތައް ނުކުރަނީ ހެއްޔެވެ؟] [އެހެން ދުވަހާއި މިއަދާ ވަރަށް ތަފާތެވެ.] ތާނިޔާ ހިނިތުންވެލިއެވެ. [އެއީ ވަރަށް މުއްސަނދި މެހްމާނުން ކޮޅެކެވެ. ދައްތަ އެބުނަނީ ތެދެކެވެ.] ޢަތީޤާ ބުންޏެވެ. ރަބީޢާއާއި ތާނޫ ކުއްލިއަކަށް ހީނގަތެވެ. ދެން ތާނޫ ފެންޑާއާއި ދިމާއަށް ހިނގައިގަތެވެ. ************************ މިމީހުން އައީ ނާޖިޔާގެ ކާވެންޏާ ބެހޭގޮތުން ވާހަކަދެއްކުމަށް ކަމުގައި ތާނިޔާގެ ހިތްކިޔަމުން ދިޔައެވެ. މަންމަ އަތްފައި ދޮވެލައިގެން ހެދުން ބަދަލުކުރުމަށްފަހު އެތެރެއަށް އަތުވެއްޖެއެވެ. އެއާއެކު އެތިންބޭން ވަރަށް މާތްކޮށް ހިތުމާއެކު ސަލާމްކުރިއެވެ. މަންމަ މިގޮތަށް ތައްޔާރުވެލައިގެން އައިސް އިންއިރު ވަރަށް މާތްގޮތެއް މޫނުމަތިން ފެންނަން ހުއްޓެވެ. ޙާލުގެ ވާހަކައާއިއެކު އެކަކު އަނެކަކަށް ތަޢާރަފްވުމަށްފަހު އިރުކޮޅެއް ވަންދެން މޫސުމާބެހޭ ވާހަކަ ދެކެވެމުން ދިޔައެވެ. ދެން މައުޟޫޢު ބަދަލުވެއްޖެއެވެ. އަދި ހަމައެއާއިއެކު ކާވެނީގެ ވާހަކަދެކެވެން ފަށައިފިއެވެ...... ވާހަކަ ދައްކަމުންގޮސް ޙާމިދާ ބޭގަމްއަށް ވަރަށް އަސަރުކޮށްފިއެވެ...... ތާނިޔާގެ ބޭކާރު ކާވެންޏާ ބެހޭގޮތުން ވާހަކަ ދައްކަން ފަށައިފިއެވެ. [އަޅުގަނޑުމެން ކަހަލަ މީހުންވެސް ދުނިޔޭގައި އެބައުޅެއެވެ. މިފަދަ ޙާލުގައި އުޅޭއިރު ގެފުރެންދެން މިއޮތީ ހުސް އަންހެން ކުދިންނެވެ. މާތްކަލާނގެއާ ވަކީލެވެ. އެއްވެސް ކަހަލަ އުއްމީދެއް އަޅުގަނޑުމެންގެ ނެތެވެ.] [އާންޓީއެވެ. މާޔޫސްވެ ނުލައްވާނެއެވެ.] ސޯފިޔާއަށް އަސަރުކޮށްގެން ބުނެފިއެވެ. ތާނިޔާ އިސްޖަހާލައިގެން ކަންބޮޑުވެފައި އިނެވެ. [މިއީ މާޔޫސްވާންވީ ކަމެއްވެސް ނޫނެވެ. އެކަމަކުވެސް ފިކުރު ބޮޑުވާންޖެހޭ ކަމެކެވެ.] އޭނާ ވަރަށް ލޯތްބާއެކު ބުންޏެވެ. [ނާޖިޔާއާއި އިންނަން އުޅުނު ކުއްޖާވެސް މުއްސަނދި އަންހެން ކުއްޖަކާ އިންނަން ހަމަޖެހިއްޖެއެވެ.] [މަންމާއެވެ. ތިޔަވާހަކަ ދެން ހުއްޓާލާށެވެ. އަހަރެމެންގެ ޖަޔާއަށްވެސް ކޮންމެވެސް ގޮތެއް ފެނިދާނެ ކަންނޭގެ ނޫން ހެއްޔެވެ.] ތާނިޔާ ބުންޏެވެ. [ތިޔަކަމުން ޖަޔާއަށްވެސް ވަރަށް އަސަރު ކުރާނެއެވެ.] ރާފިޔާ މަޑުމަޑުން ތާނިޔާ ގާތު ބުންޏެވެ. [ލައްބައެވެ.] ތާނިޔާ ބުންޏެވެ. [އެދެކުދިން އުޅެބޮޑުވީ އެއްގެއެއްގެ ތެރޭގައެވެ. ދެބޭންގެދެދަރި ދެކުދިންނެވެ. އެކަމަކު ނަވީދު ކަންތައް ކުރިގޮތުން ޖަޔާ ވަރަށްބޮޑަށް ނަފްރަތުކުރަން ފަށައިފިއެވެ.] ރާފިޔާ ފޯރިއާއެކު ތާނިޔާއާ ސުވާލުކުރަމުން ދިޔައެވެ. ތާނިޔާ ކިޔާދެމުން ދިޔައެވެ. ސޯފިޔާއާއި ފައުޒިއްޔާ އަދި މަންމަ ވާހަކަ ދައްކަމުން ދިޔައެވެ. ވާހަކައިގެ ތެރޭގައި ފައުޒިއްޔާ ޖަލީލާގެ ވާހަކަ ކުރިޔަށްނެރެފިއެވެ. އެވާހަކަ ރަނގަޅަށް ހަލުވާލައިފިއެވެ. ]ތާނިޔާ ބުނަނީ ކީކޭ ހެއްޔެވެ؟] ސޯފިޔާ ސުވާލުކުރިއެވެ. [ކީކޭތޯއެވެ.] [ތާނިޔާ މިވާހަ އަޑެއް ނާހަމު ހެއްޔެވެ؟] [ނާހަމެވެ. އަޅުގަނޑާއި ރާފިޔާ މިތިބީ އެހެން ވާހައެއްގައެވެ.] [އެއްކަލަ ދުވަހު ފައުޒިއްޔާ ދައްތަ ޖަލާލީއާއި ބެހޭގޮތުން ވާހަކަދެއްކި ނޫން ހެއްޔެވެ؟] [ލައްބައެވެ.] [ޖަލާލީގެ ކާވެނީގެ ކަންތައްއޮތީ ދައްތަގެ އަތްމައްޗަށް ދޫކޮށްލާފައެވެ. ދައްތަ މިތާނގައި ހުންނަ ދުވަސްކޮޅު އެކާވެންޏަށް އަންހެން ކުއްޖަކު ހޯދުމަށް ހަމަޖެހިފައިވެއެވެ.] [އެހެންވީމާ............] ތާނިޔާގެ ތުންފަތުގައި އުފާވެރި ހިނިތުންވުމެއް ކުޅެން ފަށައިފިއެވެ. [ފައުޒިއްޔާ ދައްތައަށް ނާޖިޔާ ވަރަށް ރަނގަޅު ވެއްޖެއެވެ. މިއީ ކަލޭމެން ޤަބޫލުކަމެއް ކަމުގައިވާނަމަ މިކަންތައް ނިންމަންވީއެވެ.] [މަންމައާއި ސުވާލު ކުރައްވާށެވެ.] ތާނިޔާ ހިނިތުންވެލަމުން ބުންޏެވެ. މަންމަ ހާސްވެލާފައި ބުންޏެވެ. ]ދަރިފުޅުމެން ނިކަން ވިސްނާލަ ބަލާށެވެ. އަހަރެމެންނަކީ އަމިއްލަ ރަށުގައިވެސް ކާވެންޏެއްގެ ކަންތައް ހިންގާލެވޭފަދަ ތަނަވަސްކަމެއް ހުރިބައެއް ނޫނެވެ. ވީއިރު އެމެރިކާގައި ތިޔަފަދަކަމެއް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟] [އާންޓީއެވެ. އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ.] ފައުޒިއްޔާ ހަމައަވަހަށް ބުންޏެވެ. [ބޭނުންވަނީ ހަމައެކަނި ކިޔަވައިގެންއިން ރަނގަޅު އަންހެން ކުއްޖެކެވެ. ފައިސާއަކީ ޖަލާލީގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނޫނެވެ. އޭނާގެ މުއްސަނދިކަމުގެ ވާހަކަ ދައްތަ ދައްކާއަޑު އަހަމުންގޮސް އަޅުގަނޑުވެސް ޙައިރާން ވެއްޖެއެވެ.] ސޯފިޔާ ބުންޏެވެ. މަންމަ ހިމޭން ވެއްޖެއެވެ. ތަނިޔާގެ ހިތުގައި އުފާވެރިކަމުގެ ވިންދު އަވަސްވެގަތެވެ. އުފަލުންގޮސް ލޮލުގެ ވިދުވަރު ގަދަވެއްޖެއެވެ. ފައުޒިއްޔާ ޖަލާލީއާއި ބެހޭގޮތުން ތަފްޞީލުކޮށް އެމީހުންނަށް ކިޔައިދޭން ފަށައިފިއެވެ. ކޮންމެވެސް ވަރަކަށް އޭނާގެ ސިފައާއި ބެގޭތޮންވެސް ކިޔާދީފިއެވެ. މަންމަ މިވާހަކަތައް އަހާފައި ގަނޑުވެފައި އިނެވެ. ފެއަރީލޭންޑްގައި ހުންނަ ޖަލާލީގެ ޖާދޫގެ ގޭގެވާހަކަ އިވުމުން އޭނާގެ ލޯބޮޑުވެއްޖެއެވެ. އޭނާގެ ހިތަށްއެރިއެވެ. ފިރިހެން ކުއްޖާ ހުތުރުކަމުގައި ވިޔަސް އެކަމުންއޮތީ ކޮންގެއްލުމެއް ހެއްޔެވެ. [ދައްތަމެން ރަނގަޅަށް ވިސްނާފައި މަޝްވަރާ ކުރައްވާށެވެ. ނިންމުން އޮތީ އަޅުގަނޑުގެ އަތްމަތީގައެވެ. އަދި މިހުންނަނީ ޕާކިސްތާނުގައެވެ. ތިން ހަތަރު ދުވަހަކު ސޯފިޔާގެ ގޭގައި ހުންނާނަމެވެ. އަވަހަށް ގޮތެއް ނިންމަވާށެވެ.] ރަބީޢާއާއި ނާޖިޔާ ސައިހިފައިގެން އަތުވެއްޖެއެވެ. ފައުޒިއްޔާ ޖަޔާގެނެސް ކައިރީގައި ބައިންދައިފިއެވެ. އޭނާގެ ސިކުނޑީގައި ދެޔޯއާއި ޕަރީގެ ވާހަކަގަނޑު އެނބުރިގަތެވެ. އެކަމަކު އޭނާ ބޯހޫރާލިއެވެ. ޖަޔާއާއި ގޭގެ ޙާލަތަށް ބަލާއިރު މިކާވެންޏަކީ މާތްރަސްކަލާނގެ މިމީހުންނަށް ލެއްވި ރަޙްމަތެކެވެ. މާދަމާވެސް އަންނާނޭ ކަމުގައި ބުނެފައި ތިންބޭން ދާން ތައްޔާރު ވެއްޖެއެވެ. އެމީހުން ދިއުމުން ތާނިޔާ ބުންޏެވެ. [މިކާވެނި ކުރެވިއްޖެއްޔާ އަހަރެންވެސް މޭފުއްޕާލާފައި ބޮޑުބޭބެގެ ދެމަފިރިންނާ ދިމާއަށް އެއްޗެއް ބުނެލާނަމެވެ.] މަންމަ ކޮންމެވެސް އެއްޗެއް ވިސްނާލަމުން ބުންޏެވެ. [އަހަރެމެންގެ ނަސީބު މިގޮތަށް ދިމާވެދާނެ ކަމުގައި އަހަންނަށް ޔަޤީނެއް ނުކުރެވެއެވެ.] ޖަޔާ ހިމޭނުން އަޑުއަހަން އިނެވެ. ކުރީ ދުވަހު ތާނިޔާ، ސޯފިޔާގެ ގެއިން އައިސް ޖަލާލީގެ ކާވެންޏާބެހޭ ވާހަކަ ދެއްކިއެވެ. އަދި ޖަޔާއާއި ދިމާއަށް ތީރުއުކަން ފެށިއެވެ. އަދި ޖަޔާމިކަމާ އިންކާރުކޮށް ރުޅި ދައްކަން ފެށުމުން އޭނާ ބުންޏެވެ. [ޖަޔާއެވެ. ޚިޔާލުތަކުގެ ދުނިޔެއިން ބޭރަށް ނުކުންނާށެވެ. ސިކުނޑީގައި ކުރީގެ ކަންތަކުގެ ކުޑަވެސްކަމެއް ނުބާއްވާ ފުނޑު ފުނޑުކޮށްލާށެވެ. އެފަދަ ގޮތްދޫނުކުރާ ބައެއްގެ އަތްދަށުން ސަލާމަތްވެވުނު ކަމަށްޓަކައި ކަލާނގެ ކިބަފުޅަށް ޝުކުރުކުރާށެވެ.] ޖަޔާ ހިމޭންވެފައި އިނދެއްޖެއެވެ. ތާނިޔާގެ ވާހަކަތަކަކީ ޙަޤީޤަތް ހާމަކޮށްދޭ ތެދުވާހަކަ ތަކެކެވެ. ނަމަވެސް މިޙަޤީޤަތްތަކާ ދެކޮޅަށް މުޒާހަރާކުރާނެ ހިތްވަރެއް އޭނާގެ ކިބައަކު ނުވެއެވެ. އަދިވެސް އޭނާ އިނީ ހިމޭންވެފައެވެ. ގާވެފައެވެ. ޖެހިގެން އައިރޭ ބައްޕައާއި ތާނޫ ރައިޙާނާއާއި އަމްޖަދު މަންމަގެ ކޮޓަރީގައި ތިބެގެން ޚިޔާލު ފާޅުކުރަމުން ދިޔައެވެ. މިކާވެނި ކުރުވުމުގައި ތާނޫ މިހުންނަނީ ގަދައަށް ފައިވިދެފައެވެ. އެކަމަކު ބައްޕައަކަށް އެކައްޗެއްވެސް ނުވިސްނެއެވެ. އެމެރިކާގައި ހުންނަ މީހަކާއި ބެހޭގޮތުން މަޢުލޫމާތު އޮޅުން ފިލުވާނީ ކިހިނެއް ހެއްޔެވެ. [ފިރިހެން ކުއްޖާއަކީ ކޮންކަހަލަ މީހެއްކަން އެނގެނީ ކިހިނެއް ހެއްޔެވެ. އޭނާއާއިބެހޭ މަޢުލޫމާތު އޮޅުން ފިލުވާދޭނީ ކާކު ހެއްޔެވެ؟] އޭނާ ވިސްނާލަމުން ބުންޏެވެ. އެއާއެކު މަންމަގެ މަގަތުގައި އެނދުގައި އިށީނދެގެން އިން ތާނޫ ދެރަވެފާލައި ބުންޏެވެ. [ބައްޕާއެވެ. ފައުޒިއްޔާ ދެއްކެވި ވާހަކަތައް އަޅުގަނޑުމެން ޔަޤީން ކުރަންވީއެވެ. އޭނާއަކީ ވަރަށް ހިންގުންތެރި އަންހެނެކެވެ. ހުރިހާ ޒިންމާއެއް އޮތީ އޭނާގެ ބޮލުގައެވެ. އަނެއްކޮޅުން ބަލާއިރު ކާވެނީގެ ކުރީގައި އެއްވެސް މީހަކަށް އެކައްޗެއްވެސް ނޭނގޭނެއެވެ. ކޮންމެ މީހަކުވެސް ތިމާގެ ދަރިފުޅު މީހަކާދެވާފައި ދޫކޮށްލަނީ ތަޤްދީރާ ޙަވާލުކުރަމުންނެވެ. އަޅުގަނޑަށް ބައްލަވާށެވެ. ބައްޕަމެން އޭނާއާމެދު ނުބައްލަވަނީ ކޮންގޮތަކުން ތޯއެވެ. އެއީ އެތައް ޒަމާނުއްސުރެ ދެކެމުންއަންނަ ބައްޕަމެން ދަންނަ ގާތްބައެކެވެ.] [މިދަނޑިވަޅު އެއްގޮތަކަށްވެސް ގެއްލި ދިޔަދީގެން ނުވާނެއެވެ.] މަންމަ ބުންޏެވެ. [ސޯފިޔާއަކީވެސް އެތައް ދުވަހަކުއްސުރެ ދަންނަ ރައްޓެހި އަންހެނެކެވެ. ވަރަށް ރަނގަޅު ބައެކެވެ. ފައުޒިއްޔާއަކީ ވަރަށް ހަރުދަނާ އަޚްލާޤު ރަނގަޅު އަންހެނެކެވެ. ދެންއޮތީ ނަސީބެވެ.] [އޭނާ މިކަންތައް ނިންމަން އުޅޭލެއް ތަންކޮޅެއް އަވަސް ވަނީއެވެ.] ބައްޕަ ބުންޏެވެ. [އެމީހުން ވާހަކަ ދައްކާފައިވާ އެހެން ޢާ އިލާތައްވެސް އެބަހުއްޓެވެ.] ތާނިޔާ ބުންޏެވެ. [ތިޔައީ ރަނގަޅު ވާހަކައެކެވެ. އެމެރިކާއަށް ދިއުމަށް އެންމެންވެސް މަރުދެނީއެވެ. އަހަރެމެންގެ ބޮސްގެ ދަރިފުޅު މީހަކާ އިންތާވެސް މާގިނަ ދުވަހެއް ނުވެއެވެ. ކާވެނިކުރީ ފޯނުންނެވެ. އަންހެން ކުއްޖާ ދިޔައީ އެކަނި މަތިންދާ ބޯޓުގައެވެ. އެއީ މުއްސަނދި މީހުންނެވެ. އަންހެން ކުއްޖާއަކީ އެމް. އޭއިން ފާސްވެގެން އިން ކުއްޖެކެވެ. އެހެންކަމުން ހަމަވަގުތުން ހުރިހާކަމެއް ހަމަޖެހިގެން ދިޔައީއެވެ.] [ފައުޒިއްޔާގެ ކާވެނިވެސް ކުރެވުނީ ފުރިހަމަ އެއްހަފާތްގެ ތެރޭގައި ކަމުގައި ސޯފިޔާ ބުނުއްވިއެވެ. ކާވެނިކުރީ ފޯނުންނެވެ. އެމެރިކާއަށް ދިޔައީ އެކަންޏެވެ. އެމީހުން ދިރިއުޅޭލެއް ކިހާ އަރާމުތޯއެވެ. ހަމަކޮންމެ އަހަރަކު އެއްފަހަރު ޕާކިސްތާނަށްވެސް ބުރެއް އަޅާލައެވެ.] ރޭގަނޑުގެ އެތައް ދަމެއް ވަންދެން ބަޙުޘްކުރެވެމުން ދިޔައެވެ. ބައްޕަ ހުންނަނީ ތާނޫގެ ކާވެންޏަށް ވީގޮތާމެދު ފިލާވަޅުލިބި ބިރުގެންފައެވެ. ވަސްވާސް އުފެދިފައެވެ. ދެވަނައަށްވީ ދުވަހު ހަވީރު އަނެއްކާވެސް ސޯފިޔާއާއި ފައުޒިއްޔާ އަތުވެއްޖެއެވެ. މިއަދުގެ ސައިގައި ވަރަށް ޚާއްޞަގޮތެއް އެކުލެވިގެންވާ ކަމުގައި ފާހަގަ ކުރެވުނެވެ. ފައުޒިއްޔާ ލޮލުން އިޝާރާތް ކޮށްލުމާއެކު ހިނިތުން ވެލަމުން ބުންޏެވެ. [ހީވަނީ މިކަން ހަމަޖެހިއްޖެ ހެންނެވެ.] [ހަމަޖެހޭނެކަން ގައިމެވެ.] އޭނާ ވައި އަޑުން ބުންޏެވެ. މިއަދު ގޭގައި ރައިޙާނާއި ބައްޕަވެސް އުޅެއެވެ. ބައްޕަ ޖަލާލީގެ ވިޔަފާރިއާއި ބެހޭގޮތުން ތަފްޞީލު އޮޅުން ފިލުވިއެވެ. ހިތާހިތުން ޙައިރާންވެސް ވިއެވެ. އަދި މިފަދަ މާތް އަޚްލާޤެއްގެ ވެރި މުއްސަނދި އިންސާނަކު އޭނާގެ ދަރިފުޅު ފަދަ ނިކަމެތި ކުއްޖަކާ ކާވެނީގެ ގުޅުމަކުން ގުޅިދާނެ ކަމުގައި ޔަޤީން ނުކުރެވޭކަން ހާމަކޮށްދިނެވެ. -------------- (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|