މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޖުބޫރު ލޯބި (12) |
|
|
| ދިވެހި - ވާހަކަ | |||
| 05 ސެޕްޓެމްބަރ 2011، 13:53 ހޯމަ | |||
|
1 ސެޕްޓެމްބަރު (ބުރާސްފަތި) އާ ގުޅޭ.. ގައްދޫ މުޙަންމަދު ރަޝީދު [ބޭބޭއެވެ!] ފައުޒިއްޔާ ވާހަކައިގެ ތެރޭގައި ބުންޏެވެ. [ޖަލާލީ ބޭނުންވަނީ އަޚްލާޤު ރަނގަޅު އަންހެން ކުއްޖެކެވެ. އޭނާއަށް އިންނާނެ މީހަކު ނުލިބިގެނެއް ނޫޅެއެވެ. އެހެން ޤައުމެއްގެ އަންހެން ކުއްޖަކާ އިންނާކަށް އޭނާ ފަހަރެއްގައިވެސް ޤަބޫލެއްނޫނެވެ. އެހެނަސް އޭނާގެ ފައިސާގަނޑާމެދު ދަހިވެތިވެގެން މެހިތަކެއް ފަދައިން އޭނާ ވަށައިގެން އެތައް އަންހެން ކުދިންނެއް އެނބުރުނެވެ. އޭނާ ބޭނުންވަނީ ތެދުވެރިކަމާއި އުފާވެރި ކަމާއެކު އުފާވެރި ދިރިއުޅުމެއް އުޅެލެވޭފަދަ މާތް އަންހެން ކުއްޖެކެވެ.
އޭނާއަށް އިތުބާރު ކުރެވޭފަދަ ކުއްޖެކެވެ. އަމާނާތްތެރި ކުއްޖެކެވެ. އޭނާ ބޭނުމީ ލޯތްބެވެ. ހަމްދަރްދީއެވެ. އޯގާތެރިކަމެވެ. އޭނާ ފައިސާއެއް ބޭނުމެއް ނޫނެވެ. އޭނާ ދުނިޔޭން ބޭނުންވަނީ ފުރިހަމަ ލޯތްބެކެވެ. އިޚްލާޞްތެރި ކަމެވެ. މާތްރަސްކަލާނގެ އޭނާއަށް ރީތި ސިފަ ނުދެއްވިކަމުގައި ވިޔަސް މިކަން ފުރިހަމަ ވާވަރަށް އަޚްލާޤާއި މާތްސިފަ ދެއްވާފައި ވެއެވެ.[އޭނާގެ ފޮޓޯއެއް ފައުޒިއްޔާ ނުގެންނަވަން ތޯއެވެ.[ ތާނިޔާ ސުވާލުކުރިއެވެ. ފައުޒިއްޔާ ހިނދުކޮޅަކު ހިމޭނުން އިނެވެ. ދެން ދަބަހުން ޝަވާލީ ދިން ފޮޓޯނަގާފައި އޭނާއާއި ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ. [އޭނާގެ ފޮޓޯއެއް ފޮށީގައި ވާނެ ކަންނޭގެއެވެ. މިފޮޓޯ ބައްލަވާށެވެ. މިއީ ޖަލާލީއާ ވަރަށް ވައްތަރު މީހެކެވެ. ތާނިޔާ ފޮޓޯއަށް ބަލާލިއެވެ. ބޯތުންފަތަކާއި ކުރުގެޅިފައިވާ ނޭފަތެކެވެ. ބަލާބެލުމަށް އެހާ ހުތުރެއްވެސް ނޫނެވެ. މާކަ ކަޅެއްވެސް ނޫނެވެ. މަންމަ ހީނލާފައި ބުންޏެވެ. [އަނެއްކާ ކޮރު މީހެއްނޫން ހެއްޔެވެ. ދެލޯ ހަމައަށް އެބަހުރި ހެއްޔެވެ؟] [ތިޔަކަހަލަ އެއްވެސް ގޯހެއްނެތެވެ.] ފައުޒިއްޔާ ހަމައަވަހަށް ބުންޏެވެ. [މާކަރީތި މީހެއް ނޫނެވެ. މިވާހަކަ ކުރީގައިވެސް އަޅުގަނޑު ނަންގަތީމެއް ނޫންތޯއެވެ. މާތްކަމާއި ފަސޭހަކަން އަދި ދިރިއުޅުމުގެ ތަނަވަސްކަން ބޭނުންކަމުގައި ވާނަމަ ދެލޯމަރުއްވާފައި އާނބަސް ބުނުއްވާށެވެ.] މިއަދު ފައުޒިއްޔާއައީ ޖަލާލީ ގަނެފާދިން ސެޓް ހިފައިގެންނެވެ. އަދި ކައިވެންޏަށް ޚަރަދުކުރަން ދިން ފައިސާގެ ވާހަކަވެސް ދައްކައިފިއެވެ..... އެންމެން ޙަރިއާން ވެއްޖެއެވެ. ޖަވާހިރުތަކުން ވިދާ ބަބުޅަމުންދާ ސެޓްގެ އަގަކީ މިތަނުގެ އަގަށް ބަލާއިރުވެސް ދެލައްކަ ފަންސާސް ހާސް ރުފިޔާއެވެ. މިސެޓް ބަލާލާފައި އެންމެންގެ ލޯތަރަތަރަ ޖަހައިގަތެވެ. [ސިފައަކީ ކޮންއެއްޗެއް ހެއްޔެވެ. [ތާނިޔާ މޭޒުމަތީގައި ފޮޓޯގަނޑު ބާއްވާފައި ބުންޏެވެ.] ޙަޤީޤީ ރީތިސިފައަކީ މާތް އަޚްލާޤެވެ. ރީތި އުޅުމެވެ.] [ރީތި އުޅުމާއިމެދު އަހަރެން ވަރަށް ރަނގަޅަށް ދަންނަމެވެ. އޭނާގެ އުޅުން ހުންނަގޮތް އެނގިއްޖެއްޔާ ތާނިޔާ ހަމަ ޙައިރާން ވާނެއެވެ. އެހާގިނަ ފައިސާ އޭނާގެ އަތްމަތީގައި އޮންނައިރު ރާތައްޓެއްގައި އަތްވެސް ނުލައެވެ. އެމެރިކާގައި ރަލަކީ ފެނަށްވުރެވެސް ގިނަ އެއްޗެކެވެ. ޢާއްމުންވެސް ބޭނުން ވަރަކަށް ބޮއި ހަދައެވެ.] [ތިޔައީ ވަރަށްބޮޑު ކަމެކެވެ.] ރައިޙާން ބޯހަލުވާލަމުން ބުންޏެވެ. [ކަލޭމެން ވިސްނާށެވެ. މިކަމުގައި އެއްވެސް ކަހަލަ ކެހިވެރިކަމެއް އޮތްކަމުގައި ނުދެކޭށެވެ.....] ފައުޒިއްޔާ ދަބަހަށް ހާރުސެޓް ލަމުން ބުންޏެވެ. [އަހަރެން އެދެނީ މިކާވެނި މިގޮތަށް ހަމަޖެހުމެވެ. ދެން އޮތީ ކަލޭމެންނަށް ފެންނަ ގޮތެކެވެ.] ވާހަކަ ދެކެވެމުން ދިޔައެވެ. ފައުޒިއްޔާ އެނބުރި ގެއަށް ދިޔައީ އެމީހުން ވިސްނުމަށްޓަކައި ފުރިހަމަ ދެދުވަހުގެ މުހުލަތު ދީފައެވެ..... އެމީހުން ދޮރާށިން ނިކުތުމާއެކު ރަބޫއާއި ޘާނިޔާ ދުވެފައި އެތެރެއަށް ވަދެއްޖެއެވެ. އެމީހުން މިހުރިހާ އިރުވަންދެން ތިބީ ކޮޓަރީގެ ބޭރުގައެވެ. އެތެރޭން ދައްކާ ވާހަކަތަކުން އަޑުއިވޭ ވާހަކަކޮޅުކޮޅު ޖަޔާއާއި ހަމައަށް ގެންގޮސްދެއެވެ. ޖަޔާ ވިސްނުމުގެ ތެރޭގައި ގެއްލިހުރެގެން ބަދިގޭގެ މަސައްކަތުގައި އުޅެއެވެ. ބައެއް ފަހަރު ތެޔޮ އުނދުނުގެ ހުޅުގަނޑު ބޮޑުކޮށްލައެވެ. އަނެއްބައި ފަހަރު ހުޅުގަނޑު ކުޑަކޮށްލައެވެ. ދެފަހަރު އުނދުން ނިވުނުވެސް މެއެވެ. [މިއީ ކޮންފޮޓޯއެއް ހެއްޔެވެ.] ރަބޫ މޭޒުމަތީގައި އޮތް ފޮޓޯ ނަގައިފިއެވެ. ޘާނޫ ކުއްލިއަކަށް އޭނާގެ އަތުން ޖަހައިގެންފިއެވެ. ރަބޫ އޭނާގެ ފަހަތުން ދުއްވައި ގެންފިއެވެ. [ޖަޔާ ދައްތާއެވެ.......... ޖަޔާ ދައްތާއެވެ...... މިފޮޓޯ.........] އޭނާ ބަލާވެސްނުލާ ޖަޔާއާއި ދިމާއަށް ފޮޓޯގަނޑު އެއްލާލައިފިއެވެ. ޘާނޫ އޭނާގެ އިސްތަށިގަނޑުގައި ހިފަހައްޓައިފިއެވެ. ޖަވާބުގައި ރަބޫވެސް ހިފައިގަތެވެ. ދެކުދިން ހެމުން ސަކަރާތް ގަންނަން ފަށައިފިއެވެ. ޖަޔާ ފޮޓޯގަނޑު ނަގައިފިއެވެ. އެކަމަކު ހިތް ޑަންޑާލާފައި ތެޅެއެވެ. ސިއްރު ސިއްރުން ފޮޓޯގަނޑަށް ބަލާލައިފިއެވެ. ދެން އެފޮޓޯގަނޑު ފޮރުވައިފިއެވެ. އޭނާއަށް ކުރީ ކޮންކަހަލަ އަސަރުތަކެއް ކަމެއް މޫނު މައްޗަކުން ފާޅެއް ނުވިއެވެ. އަވަސް އަވަހަށް ތެދުވެގެން ކޮޓަރިއަށް އަތުވެއްޖެއެވެ. ފޮޓޯގަނޑު ފޮށްޓަށްލާ ފޮރުވައިފިއެވެ. ހިނދުކޮޅަކަށްފަހު ރަބޫއާއި ޘާނޫ ދުވެފައި އެތެރެއަށް އަތުވެއްޖެއެވެ. [ޖަޔާ ދައްތާއެވެ. ފޮޓޯގަނޑު ދައްކާލަ ބަލާށެވެ.] [ކޮން ފޮޓޯގަނޑެއް ހެއްޔެވެ.] ޖަޔާ ހިނިތުން ވެލިއެވެ. [އެމުއްސަނދި ސޭޓްސާހަބްގެ ފޮޓޯއެވެ. އަހަރެމެންގެ ވާންއުޅޭ ޅިޔަނުގެ ފޮޓޯއެވެ.] ރަބީޢާ ސަމާސާކޮށްލިއެވެ. [މީނާވެސް ހާދަހާ ސިޔާސަ ވެއްޖެއެވެ.] ޖަޔާ ހާސްވެފައި ބުންޏެވެ. [ދައްތާއެވެ. ދައްތަގެ ނަސީބު އަތުގައި ހިފައިފިއެވެ. ރަބޫ އެނދުގައި އިށީނދެއްޖެއެވެ. [އަހަރެން ހާދަ އުފަލެއްވެއެވެ. [ކަލޭ މިހާރު ތިޔަގޮތަށް ނިންމީދޯއެވެ. މަންމައާއި ބައްޕަ ބުނުއްވަނީ ކީކޭކަމެއްވެސް އަދި ނޭގޭނޫން ހެއްޔެވެ؟] [އެމީހުން ބުނާނީ ވަކި ކީކޭ ހެއްޔެވެ. ކާވެނި ކުރުވާނީ ނޫން ހެއްޔެވެ. ދެން ދައްތަ އުދުހިފައި އެމެރިކާއަށް ހިނގައި ދާނެއެވެ. އަދި ފެއަރީލޭންޑްގެ ޖާދޫގެ ގަނޑުވަރުގައި ދިރިއުޅެން ފަށާފާނެއެވެ.] [ކަލޭމެން ސިއްރުން އެމީހުންދެއްކި ވާހަކަތައް އަޑުއެހީދޯއެވެ.] ޖަޔާ އޭނާގެ ކަންފަތުގައި ހިފާ އަނބުރާލިއެވެ. [އަހަރެން އަޑުނޭހިނަމަ ޖަޔާ ދައްތަ ގާތުގައި އެވާހަކަ ދައްކާނީ ކާކު ހެއްޔެވެ. އަހަރެން މިގެނެސްދިނީ ކިހާ މުހިންމު ޚަބަރެއް ހެއްޔެވެ.] އޭނާގެ ވާހަކައާމެދު ޖަޔާ ހިނިތުން ވެލިއެވެ. ************************ ތަރުތީބުން އެއްޗެހިި އަތުރާފައިވާ ކޮޓަރީގައި ހުރިއްޔާހުރި ބޮތްކެއް އޭނާ ދިއްލައިފިއެވެ. އެކަމަކުވެސް ޖަލާލީ ހަމަ ހާސްވަނީއެވެ. ހިތެއް ހަމައެއް ނުޖެހުނެވެ. އޭނާ އިރުކޮޅެއް ވަންދެން ކެތްމަދުވެފައިވާ ގޮތަކަށް ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގިއެވެ. ދެން މޫނުބަލާ ލޯގަނޑު ކައިރިއަށް ހުއްޓިއްޖެއެވެ. އަދި ޝައްކުގެ ނަޒަރަކުން ވަށައިގެން ހޯދާލިއެވެ. މީހަކު ބަލަން ހުރެދާނެ ކަމުގައި އޭނާއަށް ހީވީއެވެ. ލޯގަނޑުން އަމިއްލަ ހިޔަންޏަށް ބަލާލާހާ ހިތްވަރެއްވެސް އޭނާގެ ނެތެވެ. ކޮޓަރީގައި ހުރީ އޭނާ އެކަނި ކަމުގައި ޔަޤީން ކުރެވުމާއިއެކު ހިތްހަމަޖެހުމުގެ ނޭވާއެއް ލައިފިއެވެ. ދެން އަނެއްކާވެސް ލޯގަނޑާ ކުރިމަތިލައިފިއެވެ...... ލޯގަނޑުން ފުރޭތައެއް ފެނުނު ކަހަލައެވެ. އެވަގުތު އޭނާ ހުރީ ކްރީމް ކުލައިގެ ޤަމީހަކާއެކު ވަރަށް ރީތި ފަޓުލޫނެއް ގައެވެ. އަދި އެހެދުމާގުޅޭ ކަހަލަ ޓައީއެއް އަޅާފައިވެއެވެ. އެކަމަކު މިހެދުންވެސް އޭނާއަކަށް ކަމަކު ނުދިޔައެވެ. އޭނާ ފަރުވާތެރި ކަމާއެކު މޫނަށް ބަލަމުން ގެންދިޔައެވެ. އޭނާގެ ހަށިގަނޑު މަސްފަލަވެފައި ރީއްޗެވެ. ބައިމަތި އެންމެ ރީތި ވަރަށް ފުޅަލެވެ. ހަށިގަނޑާ އެކަށީގެންވާ އިސްކޮޅެއް ލިބިފާވެއެވެ. އެކަމަކު މޫނު.......؟ އޭނާއަށް މިސްޓަރ ތާބުޝްއާ މަންސޫރު ދެއްކި ވާހަކަތައް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. އެމީހުން ވަރަށް ގިނައިން ބުނެއެވެ. [ޖަލާލީއެވެ. އަމިއްލަ ސިފައާމެދު ތިޔަކުރެވެނީ ކުށް ހީއެކެވެ. އެއްގޮތަކަށްވެސް ޖަލާލީގެ ސިފަ ތިޔަހީކުރާހާ ހުތުރެއް ނޫނެވެ. ތިޔައީ ކުޑައިރުއްސުރެ ކުރެވެމުން އަންނަ އިޙްސާސެކެވެ. އެހެންކަމުން މިހާރު ތިމާއަކީ ޢާންމު އިންސާނެއްގެ ސިފައިގައިވާ މީހެއް ކަމަކަށް ސިކުނޑި ޤަބޫލު ނުކުރަނީއެވެ.] އޭނާ މޫނަށް ބަލާލާފައި ބާރަށް ހީނގަތެވެ. [އެހާ ހުތުރެއް ނޫނެވެ.] [ޢާންމު އިންސާނެކެވެ.] [އޭނާ އެވާހަކަތައް ތަކްރާރު ކުރަމުން ހިނިތުންވާން ފަށައިފިއެވެ. ދެން އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލައިފިއެވެ. އަދި ގޮނޑީގައި އިށީންނަމުން ލޯމަރާލިއެވެ. ރަޙްމަތްތެރިންގެ އިޚްލާޞްތެރި ވާހަކަތަކުގެ އަޑުތައް އޭނާގެ ކަންފަތުގައި ގުގުމަން ފަށައިފިއެވެ. އޭނާގެ ޝައްކު ފިލުވާލުމަށްޓަކައި އެމީހުން ދައްކާފައި ނުދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. އެއަޑުތަކުގެ ތެރެއިން ޝަވާލީގެ އަޑު ޚާއްޞަ ކުރެވެއެވެ. [ޖަލާލީއެވެ. ޖަލާލީއަށް ތިޔަހާވަރަށް ޝައްކު ކުރެއެވެންޏާ ތިޔަކަމަށް ބޭސްކުރުވަން ވީނޫން ހެއްޔެވެ. ޕްލާސްޓިކް ސަރޖަރީ ކުރުވަންވީ ނޫން ހެއްޔެވެ. މިއީ އުނދަގޫކަމެއް ނޫނެވެ. ހަމަގައިމުވެސް ޖަލާލީގެ އަތުގައި ފައިސާ މަދެއްނުވާނެއެވެ.] އޭނާ އަބަދުވެސް މިކަހަލަ ތަފާތު ވައްތަރު ވައްތަރުގެ މަޝްވަރާ ކުރެއެވެ. މީހަކާއިނުމަށްވެސް އޭނާ މަޖުބޫރު ކުރުވިއެވެ. އެންމެފަހުން މި މަޝްވަރާތަކުގެ ސިހުރުގައި އޭނާ ރަނގަޅަށް ޖެހިއްޖެއެވެ.... ޖަލާލީ ތުރުތުރު އަޅައިގަތެވެ. އެއްގޮތަކަށްވެސް ހާސްކަން ކުޑަވާގޮތެއް ނުވިއެވެ. މިއަދު ފައުޒިއްޔާގެ ފޯނެއް އަންނާނެއެވެ. ކޮންމެ ދުވަހަކުވެސް އޭނާ ފޯނުކުރެއެވެ. ކާވެންޏާބެހޭ ވާހަކަތައް އޭނާއަށް ކިޔާދެއެވެ. އަންހެން ކުއްޖާއާއި އޭނާގެ މައިންބަފައިންގެ މާލީ ޙައިޘިއްޔަތާބެހޭ ހުރިހާ ތަފްޞީލެއް ކިޔާދިނެވެ. މިއަދަކީ އެންމެފަހުގެ ނިންމުން އަންގާނެ ދުވަހެވެ. ރޭގައި ފައުޒިއްޔާ ފޯނުކުރިއެވެ. [އިރާދަ ކުރެއްވިއްޔާ މިކާވެނި ވާނެއެވެ.] މިއީ ފައުޒިއްޔާގެ އަޑެވެ. މިވާހަކައާމެދު ޖަލާލީއަށް ހިތްހަމަނުޖެހުމެއް އިޙްސާސް ކުރެވުނެވެ. [ފައުޒިއްޔާ އެމީހުންނަށް ހުރިހާ ވާހަކައެއް ކިޔާދިނީ ހެއްޔެވެ؟] [އާއެކެވެ..... ޖަލާލީއެވެ. އެއްގޮތަކަށްވެސް ފިކުރު ނުކުރާށެވެ.] [އަހަރެންގެ ހުރިހާ އުނިކަމެއް ކިޔާދިނީ ދޯއެވެ.] [ހުރިހާ ވާހަކައެއް ކިޔާދީފީމެވެ.....] [އެކަމަކުވެސް އެމީހުން ޤަބޫލުވެއްޖެ ހެއްޔެވެ؟] [ޖަލާލީއެވެ. ކޮންމެ ކަމެއްގައިވެސް ޙައްދެއް އޮންނާނެއެވެ. ކަލާނގެ ރަސްކަންފުޅަށްޓަކައި ތިޔަ ވަހުމުތައް ހިތުން ފޮހެލާށެވެ. އަމިއްލަ އުނި ކަންތައްތަކުގެ މަތިން ހަނދާން ނައްތާލާށެވެ..... އަންހެން ކުއްޖާވެސް ރުހިއްޖެއެވެ. ޢާއިލާއަކީ ވަރަށް ރަނގަޅު ޢާއިލާއެކެވެ. އަމިއްލަ ޙާލަތު ވަރަށް ރަނގަޅަށް ވަޒަންކުރަން ދަންނަ ބައެކެވެ. އެހެންކަމުން އެގޭގެ އެންމެންވެސް ރުހޭކަން ފާޅުކޮށްފިއެވެ.] [ހަމަ ރަނގަޅަށް ހެއްޔެވެ.] [އާނއެކެވެ.] ފައުޒިއްޔާ ހީނގަތެވެ. [ނާޖިޔާ ހިތުން ރުހުމުން މިކާވެންޏާ ޤަބޫލުކަން ފާޅުކުރެއެވެ. މުޅިން ހަމަޖެހިއްޖެއެވެ.] [އަހަނަންނަކަށް ޔަޤީނެއް ނުކުރެވުނެވެ. ފައުޒިއްޔާ އަހަރެންގެ ފޮޓޯއެއް ގެންދިޔައިން ހެއްޔެވެ. އެހާ ފަސޭހައިން އެއަންހެން ކުއްޖާ ޤަބޫލުވީ ކިހިނެއް ހެއްޔެވެ؟] [ތިޔަ ހުރިހާކަމެއް ބަލަން ނޫޅޭށެވެ. ގާތްގަނޑަކަށް ހުރިހާކަމެއް މުޅިން ނިމިއްޖެއެވެ. މާދަމާ އަހަރެން ފޯނު ކުރާނަމެވެ. އޭނާ ގެއްދިއުމުގެ ކަންތަކާ ކާވެނީގެ ކަންތައް ހަމަޖައްސަންވީއެވެ.] [އެންމެ ރަނގަޅެވެ.] [ކާވެނީގެ ރަނާ ބެހޭގޮތުން އަހަރެން އިއްޔެ ސުވާލު ކުރީމެއްނޫން ހެއްޔެވެ؟] [ފައުޒިއްޔާއަށް ފެންނަގޮތަކަށް ނިންމާށެވެ. އިތުރަށް ފައިސާ ބޭނުންކަމުގައި ވަންޏާ އެކަންވެސް ހަމަޖެހޭނެއެވެ.] [އަހަންނަށް ހީވާގޮތުގައި ކާވެނީގެ ރަނަކަށް ފަންސާސްހާސް ރަނގަޅު ވާނެއެވެ. އެވަރު އަންހެން ކުއްޖާގެ ނަމުގައި ބޭންކަށް ޖަމާކުރާނީއެވެ.] ފެންނަ ގޮތަކަށް ހަދާށެވެ. އެއްލައަކް ކަމުގައި ވިޔަސް ރަނގަޅު ވާނެއެވެ. ފައުޒިއްޔާގެ ހުނުމުގެ އަޑިއުވުމުން އޭނާ ބުންޏެވެ... [އަހަރެންގެ ޚިޔާލުގައި ތިޔަވަރު މަދެވެ. އަހަރެން ކަހަލަ މީހަކު ޤަބޫލުކުރުމުގެ އަގު ތިޔައަށްވުރެ މާބޮޑުވާން ޖެހޭނެއެވެ.] [ޖަލާލީގެ ނަސީބު ވަރަށް ރަނގަޅެވެ. އަދި އިރާދަކުރެއްވިއްޔާ މިއަށްވުރެވެސް ރަނގަޅުވާނެއެވެ. މި އަންހެން ކުއްޖާ ލިބުނީ އިއްތިފާޤުންނެވެ. އެގޭގެ މާލީ ޙާލަތު މާކަރަނގަޅެއް ނޫނެވެ. އަނެއްކޮޅުން ބަލާއިރު އަންހެން ކުއްޖާއާމެދު ވިސްނުމަކީ އިތުރަށް ލިބިފައިވާ ހާސްކަމެކެވެ. އެންމެ އަންހެން ކުއްޖެއްވެސް ނޫނެވެ. ހަ އަންހެން ކުދިންނެވެ. ތަފްޞީލު މިހާރު އޮންނާނީ ކިޔާދެވިފެއެވެ. ދެވަނަ ތިންވަނަ ކުއްޖާވެސް ބޮޑުވެއްޖެއެވެ. މިކާވެނި ކުރެވިއްޖެއްޔާ ދެންތިބި ކުދިންގެ ނަސީބުވެސް ރަނގަޅު ވެދާނެތޯ އެމީހުން ވިސްނަން ޖެހެއެވެ.] [އާއެކެވެ. އެހެންވިއްޔާ ނާޖިޔާ ތިޔަވަނީ ޤުރްބާނީއެއްތާއެވެ.] ޖަލާލީ ހީނލާފައި ބުންޏެވެ. [ނޫނެކެވެ. އެއްވެސް މަޖްބޫރުކަމެއް ނެތެވެ. ހުރިހާ ވާހަކައެއް ސާފުކޮށް އޭނާއަށް އެނގިއްޖެއެވެ. ޖަލާލީއެވެ. މިތާނގައި އަންހެން ކުދިންގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އާދަކާދައިގެ ކަންތައް ވަރަށްބޮޑެވެ. ޣަރީބުން ދޫކޮށްލާފައި މެދުފަންތީގެ މީހުންނަށްވެސް ކާވެއްޏެއް ކުރުވަން ވެއްޖެއްޔާ އެކަން އޮންނަނީ ޢަޒާބަކަށް ވެފައެވެ......] ދެމީހުން އިރުކޮޅަކު ފޯނުން ވާހަކަ ދެއްކިއެވެ. ދެން ފޯނު ބާއްވައިފިއެވެ. މިއަދު......... މިއަދު ޖަލާލީ ފައުޒިއްޔާގެ ފޯނަށް އިންތިޒާރު ކުރަމުން މިގެންދަނީ ނުލާހިކު ކެތްތެރިކަން މަދު ޙާލަތެއްގައެވެ. އޭނާ ހިތްހަމަ ޖައްސަން އުޅުނު ވަރަކަށް ހާސްކަން އިތުރުވަމުން ދިޔައެވެ. އެއްވެސް އަންހެން ކުއްޖަކު އޭނާ ޤަބޫލުކޮށްފާނޭ ކަމަކަށް ފަހަރެއްގައިވެސް ޤަބޫލެއް ނުކުރެވެއެވެ. ރޭ ހަތަރުދަމުވެސް އޭނާ މި މައްސަލާގައި ވިސްނަނީއެވެ. ތެދުވެގެން އައިސް ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލަ ސިފަ ބެލިއެވެ. ފައުޒިއްޔާގެ ވާހަކަތައް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. އެއްފަހަރު މިގޮތަށް ލޯގަނޑުން ބަލަން ފެށުމުން ލޮލުން ކަރުނަވެސްއައެވެ. އެފަކީރު ފިސާރި ހިތްދަތި ކަމާއެކު ކަލާނގެ ޙަޟްރަތުގައި ޝަކްވާ ދެންނެވިއެވެ...... މުޅި ދުނިޔޭގައިވާ ބިރުވެރިކަމާ ހުތުރު ސިފައެއް އަޅުގަނޑުގެ ކިބައިގައި ލެއްވެވީ ކީއްވެގެންތޯއެވެ. އަދި ސިފަ އެހާ ހުތުރުވީއިރު ސިކުނޑި ރީތި ކުރެއްވީ ކީއްވެގެންތޯއެވެ. ބައެއް ފަހަރު އޭނާގެ ހިތަށް އަރައެވެ. [ސިފަހުތުރެއްކަމަކު ވާނީކީއްހެއްޔެވެ. މަދީ ކޮން އެއްޗެއް ހެއްޔެވެ. ފައުޒިއްޔާ އެބުނީ ތެދެކެވެ. ބަލަންވީ ހަމައެކަނި މީހާގެ ސިފައަކަށް ނޫނެވެ. އެހެން ކިތަންމެ ކަމަކަށްވެސް ބަލަން ޖެހެއެވެ. ޤަބޫލު ކުރަމެވެ. އަހަންނަކީ ހުތުރު މީހެކެވެ. އެކަމަކު ހިތެއް ހުތުރެއް ނުވާނެއެވެ. އަހަންނަކީ އިންސާނުންނަށް ޤަދަރުކުރާ މީހަކީމެވެ. އަހަންނަކީ ރީތިކަމަށް ދަޢުވާކުރާ މީހަކީމެވެ. އަހަރެން ކަންބޮޑުވެގެންގޮސް އަމިއްލައަށް މަރުވުމުގެ ޚިޔާލެއް ނުކުރަމެވެ. އެތައް އަނިޔާއެއް ލިބެމުން ދާއިރުވެސް ދުނިޔެ ދެކެ އަހަރެން ލޯބިވެއެވެ. މިހާރު ލިބުނީ ކޮން އެއްޗެއް ހެއްޔެވެ. އަހަރެން ގެނބެނީއެވެ. އަހަރެން ހިތްވަރު އާކުރަންވީއެވެ. އަހަރެން ޖަޔާއަށް ލޯބިދޭނަމެވެ. އަހަރެންގެ ހުތުރު ސިފަ ލޯބީގެ ރީތިކަމުގެ ދަށުގައިވެ ފޮރުވިގެންދާ ވަރަށް އަހަރެން އޭނާއަށް ލޯބިދޭނަމެވެ.] މިފަދަ ވިސްނުންތައް އޭނާއަށް އެހީތެރި ވެދީފައިވެއެވެ. އޭނާ އަމިއްލަ ހިތް އިމްތިޙާނު ކުރިއެވެ. މިހާރުއްސުރެން ފެށިގެން އޭނާގެ ހިތުގައި ޖަޔާގެ ލޯބި މޯޅިއަށް ދެމެންފަށައިފިއެވެ. އޭނާގެ އެކި ނާރު ވަކިވަކިން އިންތިޒާރު ކުރަމުން ދާކަމުގައި އިޙްސާސް ކުރެވުނެވެ. ހިތުގައި އަދަމުންދާ ޒަމާންވީ އުންމީދުތައް ފުރިހަމަވުމުގެ ވަގުތު އަތުވެއްޖެއެވެ. އޭނާއަކީ ހަމަ އިންސާނެކެވެ. ކަށްޓާއި މަހުން ހައްދަވާފައިވާ އިންސާނެކެވެ. އޭނާގެ މޭގައިވެސް ވިންދުޖަހާ ހިތެއް އޮވެއެވެ. ޖަޒުބާތުތައް އުފެދެއެވެ. އުންމީދުތަކުގެ ރާޅުބާނީ އުފެދެއެވެ. އޭނާއަކީ ފުރިހަމަ ފިރިހެންވަންތަކަން ހުރި ފިރިހެނެކެވެ. އެކަމަކު.......... ------------- (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|