މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސާދަ ވިލޭރޭ (7) |
|
|
| ދިވެހި - ވާހަކަ | |||
| 22 ސެޕްޓެމްބަރ 2011، 00:00 ބުރާސްފަތި | |||
|
ބިންމާ އިބްރާހިމް ވަޙީދު (25 އޮގަސްޓް 2011 (ބުރާސްފަތި) އާ ގުޅޭ) "ނޫނެކޭ!" މޫސަ ބުންޏެވެ. "ކުރިންވެސް ބުނީމެއްނު! އަހަންނަށް ހީވީ ކުރިމަތީގައި އަންހެން ކުއްޖަކު ހުރިހެން. އެކަމަކު، ވެދާނެ އެއީ ހީވި ގޮތެއް ކަމަށް ވެސް. ނުނީ ވެދާނެ ނާޑުވާއަށް ފައިން އެރުނީ ކަމަށްވެސް.""އަހަރެން ބުނަން... މާބޮޑަށް ބިޒީކޮށް ތި އުޅެނީ. ސިކުޑިއަށް ރެސްޓެއްދީ!" އީސަ ނަސޭހަތް ދިނެވެ. "މަށަށްވެސް އެބަ ހީވޭ ތިހެން. އެކަމަކު، މިރޭ މީ ވެޑިންއަށް ހަތަރުއަހަރު ފުރޭ ރޭ. ސެލަބްރޭޓު ކުރަން ތާކަށް ދާން ވެސް އެބަޖެހޭ. ކިހިނެއް ރެސްޓް ކުރާނީ؟" ގަޑިއަށް ބަލައިލަމުން މޫސަ ބުންޏެވެ. "ވެޑިން އަށް ހަތަރު އަހަރު ވާއިރު ވެސް ބައްޕައަކަށް ނުވޭ!." ސަމާސާ ރާގެއްގައި އީސަ ބުންޏެވެ. "ކޮބާ އޭގެ ސިއްރަކީ؟ ފަނި މަރުވީހޭ މަށެއް ނާހާނަން. އެކަމަކު މީހުން ހިތަށް އަރާނެ އެހެން." "ތި ޖެހުނީ ބޮޑު ތާ!" ފައިލު ދިއްކޮށްލަމުން މޫސަ ބުންޏެވެ. "އަވަހަށް މި ފައިލް ގެންގޮސް ބޮސް އަށް ދައްކާ. ބުނާތި މީ އަސްލެއް ނޫނޭ. ކުރިން ނަގާފައި އޮތް ބެކްއަޕެކޭ." "އަވަހޭ ވާހަކަ ބަދަލުކޮށްލާލެއް." ހީނގެންފައި އީސަ ބުންޏެވެ. އެ ވަގުތު އޮފީސް ފޯނަށް ކޯލެއް އައެވެ. މޫސަ ފޯނު ނެގިއެވެ. "ހަލޯ" މޫސަ ބުންޏެވެ. ރޭގަނޑު ނުވައެއްޖެހިއިރު މޫސަ އާއި ސައީދާ ތިބީ ލިލީޒްގަ އެވެ. އެއީ ކާނިވާ ސަރަހައްދުގައި ހުންނަ، ރެސްޓޯރަންޓެކެވެ. ތޮށިގަނޑާ އެންމެ ކައިރިއަށް ހުރި މޭޒުތަކަށް ކުޑަކޮށް ރާޅު ވިއްސި ނަމަވެސް އެ މީހުން ބޭނުންވީ އެ ތަނުގައި ތިބޭށެވެ. މޭޒާ ދާދި ކައިރީގައި، އާދައިގެ މަތިން ބުފޭ ތައްޔާރުކޮށްފައިވާ މޭޒުތައް، ތަފާތު ކާނާގެ ބާވަތްތަކުން ފަޅުފިލުވައިލައިފައި ހުއްޓެވެ. ހަމަ އެހެންމެ، ވަގުތުން ތައްޔާރު ކުރަމުން ގެންދިޔަ ސީފުޑުގެ، ކުޅުދިޔައިވާ މީރު ވަސް މާހައުލުގައި ހުވަނދުލަމުން ގެންދިޔައެވެ. ސަޢީދާގެ މޫނަށް ބަލަހައްޓައިގެން މޫސަ އިނެވެ. ކައިވެންޏަށް ހަތަރު އަހަރު ފުރުނު އިރުވެސް، ސައީދާގެ ލޯތްބަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެން އިނދެފައި، ކުއްލިއަކަށް ފަސް އެނބުރިފައި މޫސަ ބަލައިލިއެވެ. "ކިހިނެއްވީ؟" ސަޢީދާ ހައިރާންވެފައި އެހިއެވެ. "އެއީ.... ކަމެއް ނޫން!" މޫސަ ބުންޏެވެ. ފަހަތް ބަލައިލަން މޫސައަށް ޖެހުނީ، ރިހި ތަނޑިތަކެއް ތެޅުމުން އިވޭކަހަލަ އަޑެއް އިވިގެންނެވެ. ފަހަކަށް އައިސް، އެ އަޑު އިވުން ވަނީ ތަންކޮޅެއް ގިނަވެފައެވެ. "ކަމެއްވެއްޖެ! ކޮންކަމަކާ ތި ވިސްނަނީ؟" ސަޢީދާ އެހިއެވެ. "ކޮންއިރަކުން އަހަރެމެން ކިޑެއް ހޯދާނީ؟" މޫސަ ފެއްޓީ މުޅިން އެހެން ވާހަކައެކެވެ. "އަނެއްކާ؟" ކުރިންވެސް ވާހަކަ ދެއްކިފައިވާތީވެ ސަޢީދާ ބުންޏެވެ. މޫސަ ހަމަޖެހިލިއެވެ. ތައްޓަށް ފެންފޮދެއް އަޅައިފައި ބޮއިލިއެވެ. "ސައީ އަމިއްލައަކަށްނު ތިއެހީ ކޮންކަމަކާހޭ ތި ވިސްނަނީ؟" މޫސަ ބުންޏެވެ. "ފަނިމަރުވެފަޔޭ ކިޔައިފައި ރައްޓެހިން މިހާރު ދިމާވެސް ކުރަން ފަށައިފި. އަނެއްކޮޅުން މިހާރު ހަތަރު އަހަރު ވެއްޖެ ކައިވެންޏަށް." "އަދި ކިޑެއް ނުގެންގުޅެވޭނެ." ވަރަށް ކުރިން އެ މައްސަލައާމެދު ވާހަކަ ދެކެވި، އެކަން އޮތީ، ގޮތަކަށް ހަމަޖެހިފައެވެ. "މެރީ ކުރިއިރު ވެސް އަހަރެން ބުނީމެއްނު ފަސްއަހަރު ނުވަނީސް ކިޑެއް ނުހޯދާނަމޭ. އަހަރެންގެ އަތް ބެލި މީހާ...." "ބުނީ ފަސް އަހަރު ނުވަނީސް ކުއްޖަކު ހޯދައިފިއްޔާ ބްލާބްލާ" ބާކީބައި ފުރިހަމަ ކޮށްދިނީ މޫސައެވެ. " ތި ހިންދީ ސީރީޒްތައް ބަލާތީ ތި ކަހަލަ ފުލޯކު ކަންތައް ގަބޫލުކުރަނީ ސައީ." "އަހަރެން ހިންދީ ސީރީޒް އެއް ނުބަލަން. ބޮޅެއް. ދެން މިރޭ އަނެއްކާ އެ ޓޮޕިކަށް ނުދަމާ! ޕްލީޒް!" ބޮޑާ ހާކާ ކަހަލަ ރާގެއްގައި ސައީދާ ބުންޏެވެ. "މި ރެޔަކީ އަހަރެމެންގެ ވެޑިން އެނިވަރސަރީއޭ." "އޯކޭ! ޓޮޕިކް ޗޭންޖް!"މޫސަ އެއްބަސްވި އެވެ. " މިކައިވެންޏަށް ހަތަރު އަހަރު ފުރެން އެއްގަޑި، ވިހި މިނެޓް ތިރީސް ދެ ސިކުންތަށް ވީ އިރު، ސައީ އަށް ލިބުނު އެއްމެ ބޮޑު އުފަލަކީ ކޮބައިކަން ބުނެދީފާނަން؟" ސައިދާ ހިނިތުންވެލުމާއެކު، އުފަލުން ފެންކަޅިވެސް ވިއެވެ. "ތި ކަހަލަ ތެދުވެރި، ކެއަރކުރާ، ލޯބިވާ ފިރިއެއް ލިބުން." ސައީދާ ބުންޏެވެ. މޫސަ ހިނިތުން ވެލައިފައި ސައިދާގެ އަތުގައި ހިފިއެވެ. މޫސަގެ އެއަތް ސައިދާގެ ކޮލުގައި ޖައްސައިލި އެވެ. "ބައެއް ފަހަރު ބިރުވެސްގަނޭ،" ސައިދާ ފެންކަޅިވެފައި ބުންޏެވެ. " މީހެއްގެ އެސްފީނާ ޖެހިދާނެތީ. އަޅެ އަބަދުވެސް ތިޔަ ގޮތަށް އަހަރެންދެކެ ލޯބި ވައްޗޭ!" އެކްސްރޭ ބަލާ ބޯޑުގައި ޑޮކްޓަރު އެކުސްރޭ ހަރުކޮށްލިއެވެ. އެއީ ފައިގެ އެކުސްރޭ އެކެވެ. ފަރުވާތެރިކަމާއެކު ޑޮކްޓަރުު، އެކުސްރޭއަށް ބަލަން އިންއިރު މޭޒުގެ އަނެއްފަރާތުގައި ސައީދާ އާއި މޫސަ ވެސް ތިބީ ދެން ވާނެ ގޮތެއް ނޭނގިފައެވެ. "ފުރެކްޗާއެއް ކަހަލަ ކަމެއް ނެތް،" އެކުސްރޭ ދަމައިގަންނަމުން ޑޮކްޓަރު ބުންޏެވެ. "އެހެންވީމަ، މާބޮޑު މައްސަލައެއްވެސް ނެތް. އަޅުގަނޑު ދޭނަން ކާ ބޭހަކާ، އޮއިންޓްމަންޓެއް. ހާކައިފައި ބެންޑޭޖް ކޮށްލައިގެން ރެސްޓްކޮށްލާ. އޮފީހެއްގައި ތޯ އުޅުއްވަނީ؟" "ލައްބަ! ވަރަށް ބިޒީ އޮފީހެއް!" މޫސަ ބުންޏެވެ. "ތިންދުވަހުގެ ޗުއްޓީއެއް ނަންގަވަން ޖެހޭނީ." ޑޮކްޓަރު އެދުނެވެ. އެއީ މޫސަ ބޭނުންވާ ގޮތެއް ނޫނެވެ. އެކަމަކު ދެކޮޅަށް ބުނެވޭނެ އެއްވެސް އެއްޗްއް ނެތުމުން މޫސަ ބަލައިލީ ސައީދާ އަށެވެ. ސައީދާ ލާނެތްގޮތަކަށް ހިނިތުން ވެލާފައި، ހިނިގަނޑު އޮބަހައްޓައިގެން އިނެވެ. އޮފީހަށް ސަލާމްބުނެފައި ގޭގައި ހުރުމަކީ މޫސައަށް ކިހާ އުނދަގޫވާނެ ކަމެއްކަން ސައީދާއަށް އެނގެއެވެ. އެހެން މީހަކު ބުނި އެއްޗެއް ނަމަ، ކުރިމަތީގައި އިންކާރުވެސް ކުރީހެވެ. ޑޮކްޓަރު އެހެން ބުނުމުން، ދެކޮޅުހެދުމުގެ ގޮތުން އެއްވެސް އެއްޗެއް މޫސަ ނުބުންޏެވެ. ފަހަން ދަސްކުރަންވެގެން ސައިދާ ދިޔަ ކްލާހަކީ، ޖާގައިގެ ގޮތުން ވަރަށް ދަތި ތަނެކެވެ. ކަމަށް އެކަށީގެންވާ މޮޅު ސާމާނެއްވެސް އެތަނަކު ނެތެވެ. ސައިދާ އަންނަ ދަންފަޅީގައި، އެހެން ތިންކުއްޖަކުވެސް ތިބެއެވެ. ދަސްކޮށްދޭ މީހާ، އެއް ކުއްޖެއްގެ ކައިރީގައި ބުނެދޭން ހުއްޓެވެ. ސަޢީދާ، ވަރަށް ފަރުވާތެރިކަމާއެކު ސީދަލަށް ފަތިޖެހޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ކައިރީގައި އިން މުނާ، ރޮދި ކޮޅެއް ކަނޑައިލަންވެގެން ސަޢީދާއަށް ގޮވައިލިއެވެ. "ސައީދާ! ދީ ބަލަ ކަތުރު!" އޭނަ ބުންޏެވެ. ސައީދާ ކަރީގައި އޮތް ކަތުރު މުނާއަށް ދިއްކޮށްލިއެވެ. "މުނާ ކީއްވެ ރޭގަ ނައީ؟" ސަޢީދާ އެހިއެވެ. "ކޮއްކޮ މާބޮޑަށް ސަކަރާތްވެގެން،" މުނާ ބުންނެވެ. "ކުރިއަށްވުރެ ވެސް މިހާރު ސަކަރާތް. ފާލުބެލި މީހާ ބުނީ، ދެނަމާދު ދޭތެރޭގައި ފެންވަރަން ވަނީމަ ވީ ކަމެކޯ އެއީ." އެ ކަހަލަ ވާހަކަތައް ސައީދާ ވަރަށް ގަބޫލު ކުރެއެވެ. "އާނ އެއީ ތެދެކޭ!" ސައީދާ ބުންޏެވެ. "މާމަ ވެސް ބުނާނެ ދެނަމާދު ދޭތެރޭގައި އަންހެނުން ފެންވަރަން ވަންނާކަށް ނުވާނޭ. ފަންޑިތަ ހަދާ މީހަކު ހޯދަންވީނު؟" "ކިހިނެއް ހޯދާނީ؟" މުނާ ކަންބޮޑުވަފައި ބުންޏެވެ. "ބައްޕަ ގަބޫލެއް ނުކުރޭ. ކޮންމެ ފަހަރަކު ފިޓުޖެހުނީމަ ގެންގޮސްގެން އިންޖެކްޝަން ޖަހަނީ. އެ ވަގުތަށް ރަނގަޅުވޭ. އަނެއްކާ އަނެއްރޭ ވެސް. ހަމަ ދެނަމާދު ދޭތެރޭގައި ތެޅިފޮޅެން ފަށާ. ފާލު ބެލީވެސް ބައްޕައަށް ނާންގައި އަހަރެންގެ ރައްޓެއްސަކާ ގުޅައިގެން. މި ޒަމާނުގެ މީހުން ގަބޫލެއް ނުކުރޭ ޖިންނި އަވަލާކަމަކަށް." "އަހަރެން ގަބޫލުކުރަން،" ޔަގީންކަމާއެކުގައި ސައީދާ ބުންޏެވެ. " ޖިންނި އަކީ އުޅޭ އެއްޗެއް. އެހެންވެ ރައްކާތެރިވާނެ ގޮތްގޮތް ވެސް އެ ހުންނަނީ. ރޫޙާނީ ބާރަކީ ލޮލަށް ފެންނަ އެއްޗެއް ނޫން." ރިމޯޓު ހިފައިގެން މޫސައިނީ ގޭގެ ސިޓިންގްރޫމުގައެވެ. ބެންޑޭޖްކޮށްފައިވާ ފައި، ކުރިމަތީއި ހުރި ގޮނޑިމަތީގައި ބާއްވާލައިގެން، ފަހަރަކު ޗެނަލަކަށް ބަދަލުކޮށްލަކޮށްލައި މޫސަ އިނެވެ. އެކަނިމާ އެކަންޏެވެ. އިރުކޮޅަކުން ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. ގަޑިން ނުވައެއްޖަހަން ފަނަރައެވެ. ސައީދާ ކުލާސް ނިމޭނީ ނުވައެއް ޖެހީމައެވެ. ވުމާއެކު، ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު، އަނެއްކާވެސް ޓީވީއަށް ބަލަހައްޓައިގެން މޫސަ އިނެވެ. ބަލާހިތްވާ އެއްވެސް އެއްޗެއް، އެއްވެސް ޗެނަލަކުން ނާދެއެވެ. ކުއްލިއަކަށް ޓީވީ ނިވުނެވެ. ޓީވީގެ ރިމޯޓު ނަގާފައި މޫސަ ދެތިން ފަހަރަކު ފިތައިލި އެވެ. އެއްވެސް ޚަބަރެއް ނުވިއެވެ. ތަންކޮޅެއް އުނދަގުލުން ފައި ނަގައިގެން، ޓީވީ ކައިރިއަށް ގޮސް ކަރަންޓުވާގަނޑު ބަލައިލިއެވެ. ކަރަންޓު ހުއްޓެވެ. ސުވިޗް ވެސް ހުރީ ޖައްސާފައެވެ. ޓީވީ ކުޅެން އިންދައި، ކުޑަދޮރުގައި އެއްޗެއް ޖެހުނު އަޑު ކަހަލަ އަޑެއް މޫސައަށް އިވުނެވެ. ބަލައިލިއިރު ކުޑަދޮރު ކައިރިއަކު އެއްވެސް މީހެއް ނުވަތަ އެއްޗެއް ވެސް ނެެވެ. ކުޑަދޮރު ހުރީވެސް ލައްޕައިފައެވެ. މޫސަގޮސް ކުޑަދޮރު ހުޅުވައިލިއެވެ. ކުއްލިއަކަށް އަތެއް އައިސް މޫސަގެ ކަރުގައި ހިފިއެވެ. އެ އަތުގައި ރިހި ތަޑިތަކެއް ހުއްޓެވެ. ސިއްސައިގެން ގޮސްފައި މޫސަ ފަހަތަށް ޖެހިލިތަނާ، އަރިއަލާލައިގެން ވެއްޓުނެވެ. ރަނގަޅަށް ވިސްނައިލިއިރު މޫސަގެ ކަރުގައި އެއްވެސް މީހަކު ނުހިފައެވެ. އެއީ ކުށް ހީއެކެވެ. އެކަމަކު ކަރުގައި ރިހުމެއް ހުރިކަން މޫސައަށް ޔަގީނެވެ. އެ ވީގޮތެއް ހަމަ އެއްގޮތަކަށް ވެސް މޫސައަކަށް ނޭނގުނެވެ. އާ ދުވަހަކަސް އިރު އެރިއެވެ. ވަރަށް ކަންނެތް ގޮތަކަށް މޫސަ އެނދުގައި އޮށޯވެގެން އޮތެވެ. ސައީދާ ވަރަށް ހަމަޖެހިލައިފައި ރޮށިފިހަން ހުއްޓެވެ. ނިދައިފައި އޮތް މޫސަ ފުރޮޅިލައިފައި، ކުއްލިއަކަށް ލޯހުޅިވައިލި އެވެ. އެ ވަގުތި ސައީދާ އޮތީ ދެލޯ ބޮޑުކޮށްގެން މޫސައަށް ބަލަހައްޓައިގެންނެވެ. އެސްފިޔަވެސް ނުޖަހައެވެ. ރޮށިފިހަން ސައީދާ ހުރިކަމެއް މޫސަ އަކަށް ނޭނގެއެވެ. "ކީއްވެ ފާޑަކަށް ބަލަހައްޓައިގެން ތި އޮންނަނީ؟" މޫސަ އެހިއެވެ. މޫސަ އެނދުގައި ހަމަޖެހިލި އެވެ. ބަލަހައްޓައިގެން އޮތް ސައިދާ ހަމަ އެ އޮތް ގޮތަށް އޮތެވެ. މޫސައަށް ބަލާށެވެ. ސަޢީދާ އޮތީ އަރިއަކަށް ޖެހިގެންނެވެ. ދެ މީހުންގެ ގައިމަތީގައި ވެސް ރަޖާ އޮތެވެ. ސައީދާ އުރިއަށް އޮތްއިރު، ރަޖައިން ނެއްޓިގެން ގޮސްފައިވާތީވެ، ބުރަކަށިން ބައެއް، ހާމައަށް ފެންނަން އޮތެވެ. ރަޖާ އޮތީ ސައީދާ އަރިއަށް އޮތްއިރު އަތާ ހަމައަށެވެ. ކުއްލިއަކަށް ރަޖާގެ ތެރެއިން ސައީދާގެ އަތް ފުރަގަހަށް ކައްސާލި އެވެ. އެ އަތުގައި ރިހި ތަޑިތަކެއް އަޅާފައިވުމުން، ތަނޑިކުގެ އަޑު މޫސައަށް އިވުނެވެ. އަސްލު ސަޢީދާ އެކަހަލަ ތަނޑިތަކެއް ނާޅައެވެ. "އެ އިވުނި އެއްކަލަ އަޑު،" ސައީދާ އަށް ބަލާފައިމޫސަ ބުންޏެވެ. "އިވުނުތަ؟" ސައީދާ އެއްޗެއް ނުބުނެ ބަލަހައްޓައިގެން އޮތެވެ. ތަނޑިތަކުގެ އަޑު ސައީދާ އިއްވީ ގަސްދުގައެވެ. މާގިނައިރު، ލޯބޮޑުކޮށްގެން ސަޢީދާ ބަލަހައްޓައިގެން އޮތުމުން، މޫސަ ވެސް، ސަމާސާ ކޮށްލުމުގެ ގޮތުން، ސައިދާ ބަލަހައްޓައިގެން އޮތްގޮތަށް ދެ ލޯ ހަދައިލިއެވެ. ދޫ ވެސް ދިއްކޮށްލިއެވެ. "މަށަށް ވެސް ތިހެން ބެލިދާނެ" މޫސަ ބުންޏެވެ. "ކޮންކަމަކާ މޫޑީވެފައި ތި އޮންނަނީ؟ އޭނ؟" ކުޑަވެސް ހިނިތުންވުމެއްނެތި ސައީދާ ފަންގިފިލާއަށް ނަޒަރު ހުއްޓާލި އެވެ. ސީދާ ބަންޑުންޖެހިގެން އޮވެ، މައްޗަށް ބަލަމުން ގެންދިޔައެވެ. އަސްލު ސައިދާ އެންމެ ފަހު ރޮށި ފިހެން ފެށިއެެވެ. "އަހަރެން ބުނަންތަ ވާހަކައެއް؟" މޫސަ ބުންޏެވެ. "މި ވާހަކު ބުނީމަ ނާހާތި ކުރިން ނުބުނީ ކީއްވެހޭ؟ ނުބުނި އެއް ސަބަބަކީ ސައީ ބިރުގެންފާނެތީ. އަނެއް ސަބަބަކީ މަށަށް ހީވަނީ ހަމަ އެއީ ހީވާ ގޮތެއް. އެކަމަކު ދެންމެ ސައީ އަށްވެސް އިވުނު ދޯ؟ މިހާރު މާ ގިނައިން އެ ގިގުނި ތެޅޭ އަޑު އެބަ އިވޭ." ސައިދާ އެއްޗެއް ނުބުނެ މައްޗަށް ބަލަހައްޓައިގެން އޮތެވެ. "އަހަރެން ޑޮކްޓަރަށް ދައްކަން ފެނޭތަ؟" މޫސަ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "އަހަންނަކަށް ނުވިސްނުނު އެއީ ކީއްވެގެން ވާ ގޮތެއް ކަމެއް." ކުއްލިއަކަށް ސައީދަ އެބުރި ލިއެވެ. އަދި ވަރަށް ރުޅިއައިސްފައި، ކުޑަކޮށް ތަފާތު އަޑަކުން ބުނެލި އެވެ. "ކަލެއަށް ގަނެވުނު ގަނޑު ހަނދާންކޮށްބަލަ!" ސިއްސައގެން ގޮސްފައި މޫސަ އެނބުރިލިއެވެ. ސައީދާ އާ ހަތަރު ކަޅި ހަމަކުރި އެވެ. ސައީދާ ބަލަން އޮތީ، ކުރިން ދުވަހަކުވެސް ސައީދާ ނުބަލާ ކަހަލަ ގޮތަކަށެވެ. މޫސަ ހައިރާންވެފައި އޮތެވެ. "ކީކޭ!" މޫސަ އެހި އެވެ. ސައީދާ މޫސައަށް ބަލަން އޮއްވައި، ކުއްލިއަކަށް ސައިދާ ގެއްލުނެވެ. މޫސައަށް ހަޅޭއްލަވައިގަނެވުނެވެ. އެ ވަގުތު ކުއްލިއަކަށް އަސްލު ސައީދާ ދޮރުހުޅުވައިލައިފައި ބޯ ދިއްކޮށްލިއެވެ. އެ ދިމާއަށް މޫސައަށް ބަލައިލެވުނެވެ. ދެން ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. މޫސައަށް އެ ފަހަރު ވެސް ފެނުނީ ހުވަފެނެއް ނޫނެވެ. ހުރިހާކަމެއް ހިނގީ މޫސަ ހޭލައި އޮއްވައެވެ. "ގޮވިންތަ؟" ސައީދާ އެހިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި މޫސަ ބަލަންއޮތެވެ. އެއްފަހަރު އެނދަށް އަދި އަނެއްފަހަރު ސައީދާ އަށް ބަލަމުން ގެންދިޔަ އެވެ. މޫސަގެ ހިތުގެ ވިިންދު ވަނީ ދެ ގުނައަށް އަވަސް ވެފައެވެ. "މޫސަ!" ސައީދާ ގޮވާލި އެވެ. "ކިހިނެއްވީ؟" "އޭނ؟ އާނ!" މޫސައަށް ބުނެވުނެވެ. "އައިސްބަލަ މިކޮޅަށް" ސައީދާ އައިސް އެނދުގައި އިށީނެވެ. މޫސަގެ މޫނު ފެނިފައި ވެސް، އޭނާ އޮތީ ކިހާ ހާސްވެފައިކަން ސައީދާއަށް އެނގުނެވެ. "ކިހިނެއްވީ؟ ފަޔަށް ތަދުވަނީތަ؟ ސައީދާ އެހިއެވެ. މޫސައަކަށް ވާހަކައެއް ނުދެއްކުނެވެ. ހިންދިރުވައިލައިފައި ސައީދާގެ އަތުގައި ހިފިއެވެ. އެ އަތް ތުރުތުރު އަޅާހެން ސައީދާއަށް ހީވި އެވެ. މޫސަގެ ކޮލުގައި ސައީދާ ފިރުމައިލި އެވެ. "މޫސަ!" އަނެއްކާވެސް ސައީދާ ބުންޏެވެ. "އާނ ކީކޭ؟" މޫސަ ބުންޏެވެ. "ކިހިނެއް ވެފައިތަ ތި އޮންނަނީ؟ ވާހަކަ ދައްކަބަލަ!" ސައީދާ އެދުނެވެ. "ކީކޭ.. ކުރިން ބުނީ؟" މޫސަ ތެދުވެފައި އެދުގައި އިށީނދެލި އެވެ. "މަ މިބުނީ ފަޔަށް ތަދު ވަނީހޭ؟" ސައީދާ އަނެއްކާ ވެސް އެހިއެވެ. "ދެންވެސް މަބުނިހެން ހަދާބަލަ! ހިނގާ ރަށަށް ދާން. ގޮސް ތެޔޮ ދަމާލަނިކޮށް އެއް ފަހަރުން ރަނގަޅު ވެދާނެ." މޫސަ ވިސްނައިލިއެވެ. "އަހަންނަށްވެސް ފެންނަނީ މި ގެއިން ބޭރަަށް ނުކުންނަން. މި ތަނުގައި އޮންނަން ހަދައިގެން މަ މޮޔަވެދާނެ. ހިނގާ ރަށަށް ދަމާ! ހިނގާ މިއަދު ފުރަމާ." މޫސަ ބޭނުންވީ އެ ގޭގައި ނުހުންނާށެވެ. އޭރުން ފަހަރެއްގައި އެކަންކަމުން ސަލާމަތް ވެދާނެހެން ހީވާތީ އެވެ. ކުއްލިއަކަށް މޫސަ އެއްބަސް ވުމުން ސައީދާ ހައިރާންވި އެވެ. އެހެންނަމަވެސް، އެ ސުވާލެއް ނުކުރެ އެވެ. "ހަމަ ބުނާއިރަށް ޓަސްލާފައި ނުދެވޭނެ. ގޭގައި އުޅޭނީ މާމަ އެކަނި. އެގެއަކު މޫސައަކަށް ނޫޅެވޭނެ. މިގޭގައި މި ހުންނަ ކަހަލަ ފާޚާނާއެއް ވެސް ނުހުންނާނެ،" ސައީދާ ބުންޏެވެ. "ދެން؟" މޫސަ އެހި އެވެ. "އެކަމަކު އަހަރެން ބޭނުން ރަށަށް ދާން." "މާމަ ގެ ކައިރީގައި ހުންނާނެ ކުއްޔަށް ދޭ ގެއެއް،" ސައީދާ ބުންޏެވެ. "އެ ގެ ހުސްކޮށް ހުރިއްޔާ ވަރަށް ސަޅިވާނެ. އަހަރެން ބަލަންތަ؟. މޫސަ އަސްލުގަވެސް ދާނަންތަ؟" މޫސަ ވިސްނަން އޮތެވެ. ޖަވާބެއް ނުދެއެވެ. މޫސައަށް ވިސްނެނީ ކުރިން ފެނުނު ކަންތައްތަކާ މެދުގަ އެވެ. "މޫސަ!" ސަޢީދާ ގޮވާލި އެވެ. "އާނއާނ!" މޫސަ ޔަގީންކަން ދިނެވެ. "ހަމަޖައްސާ ހަމަޖައްސާ! މަ މި ހިތަށް އަރަނީ ސައީގެ ފަހާ ކޯސް ކިހިނެއްހޭ ވާނީ؟" "އެކަމާ ނުވިސްނާ،" ފިކުރެއްނެތި ސައީދާ ބުންޏެވެ. "މޫސަ ޗުއްޓީ ދިގުކުރޭ. އަންނާނަން ފާޚާނާއަށް ވަދެލާފަ. ދެން ތެދުވަންވީނު." ސައިދާ ފާޚާނާއަށް ވަނުމުން މޫސަ ތެދުވި އެވެ. އަދި އެދުގައި އިށީދެލައިގެން ވިސްނަން އިރުކޮޅަކު އިނެވެ. ހިތުގައި ސުވާލުތަކެއް ފުނިޖެހިފައިވެ އެވެ. ކުއްލިއަކަށް މޫސަގެ ދިރިއުޅުމަށް މިއައީ ކޮންފަދަ ކަމެއް ހެއްޔެވެ؟ އެއީ ބައްޔެއް ހެއްޔެވެ؟ އެއްވެސް ކަމަކަށް ނުވާ ކަހަލަ ކަމެއް ހެއްޔެވެ؟ ސައީދާ އަށް އެކަން އެނގުމުން ނުކުންނާނީ ކޮންކަހަލަ މައްސަލައެއް ހެއްޔެވެ؟ އޭނާގެ ފަރާތުން ލިބޭނީ އެހީއެއް ހެއްޔެވެ؟ އިތުރު އުނދަގުލެއް ހެއްޔެވެ؟ ދެން ހިތަށް އެރިއެވެ. އަދި އިހަށް ސިއްރުކުރާނީ އެވެ. ނުބުނެ ނުވެގެން ނޫނީ ނުބުނާނީ އެވެ. މޫސަ އާއި ސައީދާ ދަތުރު ކުރި ލޯންޗު، ރަށުގެ ނެރުން ވަދެގެން އައިސް، ފާލަން ކައިރިއަށް މަޑުކުރި އެވެ. މަރުހަބާ ކިއުމަށްޓަކައި ނައީމްބެ ހުއްޓެވެ. އަދި ފޮށިތައް އުފުލުމަށްޓަކައި ވެސް ދެ މީހަކު ތިއްބެވެ. މޫސަމެން ފޭބުމުން ސައީދާއާއި ނައީމްބެ ސަލާމްކުރިއެވެ. "މީ ނައީމްބެ." މޫސައަށް ބަލައިލައިފައި ސައީދާ ބުންޏެވެ. އެއަށް ފަހު ނައީމްބެ އަށް މޫސަ ތައާރަފް ކޮށްދިނެވެ. "މީ މޫސަ އަކީ. ރަނގަޅުތަ؟" ނައީމްބެ ހިނިތުންވެލާފައި މޫސައާ ސަލާމްކުރިއެވެ. "ކިހިނެއް ހާލު އަހުވާލު؟" ނައީމްބެ އެހިއެވެ. "ރަނގަޅު އިރާދުކުރެއްވީތީ. ނައީމްބެ ކިހިނެއް؟" މޫސަވެސް ހިނިތުންވެލި އެވެ. "ދެން މިއޮއްގެން ދަނީ ދުވަސްތައް،" ނައީމްބެ ޖަވާބު ދިނެވެ. ލޯންޗުން ބޭލި ދެ ފޮއްޓާއި އަދި ކަރުދާސް ފޮށިގަޑެއް ފާލަންމަތީގައި ހުއްޓެވެ. "ނިމުނީ؟" ނައީމްބެ އެހިއެވެ. މޫސަ ބޯ ޖަހައިލިއެވެ. ލޯންޗު އަބުރައިލައިފައި މާލެއަށް މިސްރާބު ޖެހިއެވެ. "ގެންގޮސް ގެ އަށް ލާ،" ފޮށިތަކާ ހަވާލުވާން އައިސްތިބި މީހުންނަށް ނައީމްބެ ބުންޏެވެ. ފޮށިތައް ހިފައިގެން އެ މީހުން ހިނގައިގަތެވެ. މޫސަމެންވެސް ހިނގައިގަތެވެ. މޫސަ ހުރީ ލެޕްޓޮޕް ކޮޑުގައި އަޅުވައިގެންނެވެ. އަދި، ހިނގުމުގައި ކުޑަކޮށް ކޮރުޖަހަމުން ގެންދިޔަ އެވެ. "ދެންވީނު މަގޭ އަތަށް؟" ނައީމްބެ ބުންޏެވެ. މޫސަ ލެޕްޓޮޕް ދިނެވެ. އަދި ޝުކުރު ވެސް އަދާކުރިއެވެ. މާލެއާ ޚިލާފަށް، ރަށުގެ މާހައުލު އަޑު މަޑުވެފައި، ރޯޅިތައް ނަލައެވެ. އެއްގަމަށް ބީއްސަމުން ގެންދިޔަ ރާޅާ އެކުގައި، ދުރުދުރުން ގޮވަމުންދިޔަ ކާޅުގެ އަޑުން، މޫސަގެ ސިކުޑިއަށް ހަމަޖެހުން ގެނެސްދިނެވެ. ރަށަށް އާދެވުނުކަން ނަސީބޭ ހިތަށް އެރިއެވެ. ---------- މި ވާހަކައިގެ މިބައި:(ނުނިމޭ) ޓައިޕް ކޮށް ފޮނުވުން: އަލްފާޟިލް ޢަލީ ނިޝާން އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|
| ހަމަ މި ގަލަމުން |
|---|