މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސާދަ ވިލޭރޭ (8) |
|
|
| ދިވެހި - ވާހަކަ | |||
| 06 އޮކްޓޫބަރ 2011، 00:00 ބުރާސްފަތި | |||
|
ބިންމާ އިބްރާހިމް ވަހީދު (22 ސެޕްޓެމްބަރ 2011 ގުޅޭ) ފޮށިތައް ހިފައިގެން އެ މީހުން ހިނގައިގަތެވެ. މޫސަމެންވެސް ހިނގައިގަތެވެ. މޫސަ ހުރީ ލެޕްޓޮޕް ކޮޑުގައި އަޅުވައިގެންނެވެ. އަދި، ހިނގުމުގައި ކުޑަކޮށް ކޮރުޖަހަމުން ގެންދިޔަ އެވެ. "ދޭންވީނު މަގޭ އަތަށް؟" ނައީމްބެ ބުންޏެވެ. މޫސަ ލެޕްޓޮޕް ދިނެވެ. އަދި ޝުކުރު ވެސް އަދާކުރިއެވެ. މާލެއާ ޚިލާފަށް، ރަށުގެ މާހައުލު އަޑު މަޑުވެފައި، ރޯޅިތައް ނަލައެވެ. އެއްގަމަށް ބީއްސަމުން ގެންދިޔަ ރާޅާ އެކުގައި، ދުރުދުރުން ގޮވަމުންދިޔަ ކާޅުގެ އަޑުން، މޫސަގެ ސިކުނޑިއަށް ހަމަޖެހުން ގެނެސްދިނެވެ. ރަށަށް އާދެވުނުކަން ނަސީބޭ ހިތަށް އެރިއެވެ. އެހެންނަމަވެސް، ފަޔަށް ވުރެ ބޮޑަށް މޫސަގެ ހިތް ބިރުގެންފައިވަނީ އެހެން ކަމަކަށެވެ. އެ ކަމަށް ހައްލެއް ނުލިބިއްޖެ ނަމަ، ރަށަށް އައުމަކުން މޫސައަށް ލިބޭނެ އުފަލެއްނެތެވެ. "ކަމަކަށް ބޭނުންވެއްޖެއްޔާ ބުނަންވާނެ" ދިޔަ މަގުމަތީގައި ނައީމްބެ ބުންޏެވެ." ދުރުމީހެއް ނޫން މީ. ސައިދާގެ މާމައާ އަހަރެން ތިމާގެ ވާނެ. އަދި މިހިރީ އެއް ވާހަކަ ބުނަން ހަނދާންނެތިފައޭ. ތެޔޮދަމާ އިބުރާހިމްބެ މިވަގުތު ވީ މިތާ ކައިރި ރަށެއްގައި. އެކަމަކު މާދަމާ އަންނާނެ." ރަނގަޅުވާނެ ޗުއްޓީ ހަދާލާށާ އެއްކޮށޭ މި އައީ. ދޯ ސައީ؟" މޫސަ ބުންޏެވެ. "އާނ! އެބުނީ ރަނގަޅަށް. އެކަމަކު، ކިރިޔާވެސް ފަޔަށް ލުޔެއް ލިބުނުނަމަ، އޭނަގެ އޮފީސް ދޫކޮށްލައިފައި ހިޔެއްނުވޭ އަންނާނެހެނެއް. އަމުދުން މިކަހަލަ ރަށަކަށް ނާންނަން ވަރަށް ބަހަނާ ދައްކާނެ." އެންމެން އެކުގައި ކަހަލަ ގޮތަކަށް ހީނގަތެވެ. ޖެހިގެން އޮތް ގޯޅި އަޅައިގެން ތަންކޮޅަކަށް ހިނގުމަށް ފަހު، ތިބެން ހަމަޖެހިފައިވާ ގެއާ އަރައިހަމަވިއެވެ. އެހެންނަމަވެސް، ނައީމްބެ ހުއްޓޭކަށް ނޫޅެއެވެ. އެ ގެ ފަހަނައަޅައި ދާންފެށިއެވެ. "އެޔެއްނު ގެ އަކީ؟" ސައީދާ ބުންޏެވެ. "ބަލަ ފުރަތަމަ މާމަގެ ގެއަށް ގޮސްފައެއްނު އެހެން ތަނަކަށް ދެވޭނީ. ސައި އޮތީ އެކޮޅުގައޭ،" ނައީމްބެ ބުންޏެވެ. "ފުރަތަމަ މާމަގެ ގެއަށް ނުދިޔައްޔާ އަހަރެން ކުށްވެރިވާނެ." ހެމުންހެމުން އެންމެން އެކުގައި ގޮސް، ސައީދާގެ މާމަގެ ގެއަށް ވަނެވެ. އޭރު ތަށިތައްޓަށް މާމަ ސައި އަޅަނީއެވެ. ސައީދާއާއި މޫސަ ފެނުމާއެކު، މާމަ ވަރަށް އުފަލުން އައިސް ދެ މީހުންނާ ސަލާމްކުރިއެވެ. "ދަރިފުޅާ ހާދަ ހިކިއްޖޭ!" ސައީދާގެ ކޮޑުގައި ފިރުމައިލައިފައި މާމަ ބުންޏެވެ. "އަހަރެން ފެންނަ ކޮންމެ ފަހަރަކު މާމައަށް ހީވާނެ ތިހެން." ސައީދާ ބުންޏެވެ. "އަސްލު ކުރިއަށްވުރެ މިހާރު ފަލަވެފައި މިހިރީ. ދެން އެހެން ބުނީމާ މާމަ ކާންދިން ދިނީނުން މަ ފަލަކޮށްލާނީކީ ނޫން." "ދެން ތިޔަ ވާހަކަ ދައްކާނެ ކަމެއް ނެތް. މިހާރު ތިޔަހިރީ މާމަ ގާތަށް އައިސް. ކުޅިދައްކައިލާނަން މިފަހަރު،" ސަމާސާ ރާގެއްގައި މާމަ ބުންޏެވެ. "ކެއި އެއްޗެއްގެ ވަރުހުންނާނީ. ކުއްލިއަކަށް ދަރިފުޅު އަންނަ ވާހަކަ ބުނީމަ މާމަ ހާދަ ހާސްވިއޭ. ހިތަށްއެރި މިގޭ ކޮންތާކުބާއޭ ތިބޭނީ؟ ނަސީބެއްނު ކުރިން ތަނެއް ލިބުނުކަން. ނައީމް ދޭބަލަ ގޮސް ބިސް ކޯދު ޕެކެޓަކާ އެއްޗެހި ހިފައިގެން އަންނަން. ހަމަ އެބަހުރޭ ބަލަހައްޓައިގެން." "ރަނގަޅުވާނެ ނުގެނަޔަސް،" މޫސަ ބުންޏެވެ. "ތެއްލިބަނބުކެޔޮ ހުންނާނެއްނު. އަލަޔާއި އޮޅުންސުވާއްޔާ ވެސް ހުންނާނެއްނު. ހާދަ ދުވަހެއް ވެއްޖޭ އެ ކަހަލަ އެއްޗެއްގެ ރަހަބަލާ ނުލާތާ." "ތި ހުރިހާ އެއްޗެއް ވެސް އެބަހުރި. އެކަމަކު ގޮސްބަލަ ނައީމް ބިސް ކޯދު ޕެކެޓަކާ، ދޮންކޭލާ ހިފައިގެން އަންނަން،" މާމަ ކުރެއް ނުކުރިއެވެ. "އަވަހަށް އަންނާތި!" ނައީމްބެ ހިނގައިގަތެވެ. ސައި މޭޒުދޮށާ ދިމާއަށް، ތިން މީހުން އެކުގައި ކަހަލަ ގޮތަކަށް ހިނގައިގަތެވެ. "ކިހިނެތް ފައި؟" މާމަ އެހިއެވެ. "ކުޑަކޮށް ރަނގަޅުހެން ހީވަނީ." މޫސަ ބުންޏެވެ. "މި ގެއަށް ގިނަގިނައިން އަންނަންވާނެ. އެ އިބުރާހިމްބެ މިއަދުއޭ ފުރީ،" މާމަ ދަޅުތަކުގެ މަތި ނަގަމުން ބުންޏެވެ. "ކުރިން ބުނިނަމަ އޭނަ ފުރިޔަކަ ނުދިނީމުހޭ." "ރަނގަޅުވާނެ މާދަމާ އަންނާނެއްނު. ރަށަށް މިއައީ މޫސަ އަވަހަށް ފުރިޔަދޭ ގޮތަކަށް ނޫނޭ،" ސައީދާ ގޮޑި ދަމައިލާފައި އިށީނެވެ. "ރުކެއްގައި ބަނދެގެން ނަމަވެސް މީނައަކަށް ނުކެރޭނެ އަވަހަކަށް ފުރާކަށް." މާމަ ހީނގަތެވެ. އެއް ދަޅުން ތެއްލި ބަބުކެޔޮ ނެގުމަށް ފަހު، އަނެއް ދަޅުން ތެއްލި އަލަ ނަގައި ތައްޓަށް އެޅި އެވެ. "އާނ ރަނގަޅު! ދެން ނޭނގެ އަންނާނެކަމެއް. އައި ފަހަރު ޖެހޭނެ މަޑުކޮށްލަން،"މާމަ ބުންޏެވެ. މޭޒު ކައިރީގައި މޫސަ ވެސް އިށީނެވެ. ކިތަންމެ އާދައިގެ ގޮތަކަށް ސައި ތައްޔާރުކޮށްފައި ހުއްޓަސް، އެއީ ލޯބިން ފުރިފައިވާ ނާސްތާއެއްކަން މޫސައަށް ޔަގީނެވެ. "އޭ! ބޭސްކާ ގަޑިޖެހިއްޖެ،" ގަޑިއަށް ބަލައިލާފައި މޫސަ ބުންޏެވެ. "ކޮބާ ބޭސް؟" އަތްދަބަސް ބަލައިލާފައި ސައީދާ ބުންޏެވެ. "ފޮއްޓަށް ކަންނޭނގެ ބޭސް ލެވުނީ. ނައީމްބެ އައީމަ، އޭނަޔާ އެއްކޮށް ގޮސް ނަގާނީދޯ؟ ޑޮކްޓަރު ދިން ބޭސް ވެސް ޖެހޭނެ ކާން." އެ ވަގުތު، ނައީމްބެ ބިސް ކޯދު ހިފައިގެން އައެވެ. ބިސް ކޯދު ދިނުމުން، ތައްޓަށް އެޅުމަށްޓަކައި މާމަ އަވަސް ވެގަތެވެ. "މަ ދަންތަ ބަލާ؟" ސައީދާ އެހިއެވެ. "ސައީ އިނދޭ. އަހަރެން އަންނާނަން. ހިނގާބަލަ ނައީމްބޭ ފޮށިތައް ހުރިތަން މަށަށް ދައްކަން. އޭގަ ހުންނާނެ ކަންޖެހޭ ބޭސް،" މޫސަ ތެދުވަމުން ބުންޏެވެ. "އަހަރެން އަންނަންދެން މަޑުކުރައްޗޭ ސައީ." މޫސަ އާއި ނައީމްބެ ހިނގައިގަތެވެ. ބިސް ކޯދު އެޅި ތަށި ގެނެސް މޭޒުމަތީގައި ބަހައްޓައިފައި، މޫސަ ދިޔަތޯ ރަނގަޅަށް ޗެކުކޮށްލައިފައި މާމަ ސިއްރުސިއްރުން ބުންޏެވެ. "ކީއްކުރަން އެ ގެ ހަމަޖެއްސީ ދަރިފުޅާ. އެ ނާޒިމާ މަރުވިފަހުން، މީހުން ކިޔާ އެ ގެއިން އޭނަ ފެންނަ ވާހަކަ. ކައިރި ހިސާބުހިސާބުން ވެސް ފެނެއޭ ކިޔާ." "އެއީ ހަމަ ތެދެއްތަ؟ މާމަ ދުށިންތަ؟" ސައީދާ އެހިއެވެ. "މާމަ ވަންނަ ގެއެއް ނޫން އެއީކީ،" މާމަ ބުންޏެވެ. "އެކަމަކު، އެކަން ހުއްޓުވަންވެގެން އެ ގެ އަށް މިހާރު ވަރަށް ގިނަ ކަންކަން ކޮއްފިޔޭވެސް ކިޔާ. ގައިމު ކަމެއް ވީމަތާ އެކަމުން ސަލާމަތްވާން ކަންކަން ކުރާނީ" ސައީދާ ވިސްނައިލިއެވެ. ފަހަރެއްގައި އެއީ ހަގީގަތަކަށް ވިޔަސް، ހުންނާނެ އެހެންތަނެއް އެރަށަކު ނެތެވެ. "ދެން ނެތޭ އެހެން ތަނެއް މާމާ. ނާޒިމާގެ މަންމަމެން ކޮބާ މިހާރު؟" ސައީދާ ބުންޏެވެ. "އެ މީހުން އުޅެނީ މާލޭގައި." މާމަ ބުންޏެވެ. އަނެއްހެން ދަރިފުޅު ހާސްވާނެ ކަމެއްނެތް. މާމަ ދޭނަން ކޮޓަރީގަ ބަހައްޓާކަހަލަ އެއްޗެއް. އެ ހިފައިގެން ދާތި." ސައީދާ އެފަދަ ކަންކަން ގަބޫލުކުރިޔަސް، މޫސަގެ މިޒާޖު ތަފާތެވެ. މައްސަލައަކީ އެއީ އެވެ. "މޫސަ ވަރަށް ދިމާކުރާނެ އަހަރެން އެކަހަލަ ކަންކަން ގަބޫލުކުރަނީއޭ ކިޔައިފައި. އޭނަ އަށް ސިއްރުން އެ ގެ އަށް އެއްޗެއް ވައްދަންވާނީ،" ސައީދާ ވިސްނައިލި އެވެ. "އެކަމަކު އަހަރެން ބޭނުން ރައްކާތެރިވާން." މޫސަ އާއި ނައީމްބެ އެކުގައިގޮސް އެ ގެ އަށް ވަނެވެ. ނައީމްބެ މަޑުކުރީ ގޯތިތެރޭ ހުރި ޖޯލީގައެވެ. އެ ގޭގެ އެތެރެއަށް މޫސަ ފައި އެޅުމާއެކު، ރިހި ތަނޑިތަކުގެ އަޑު އިވުނުހެން މޫސަ އަށް ހީވި އެވެ. މޫސަ އެއަޑަށް ވިސްނައިލައިފައި އަނެއްކާ ވެސް ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ބޭސްތައް ނެގުމުގެ ބަދަލުގައި، ފުރަތަމަ މޫސަ ވަނީ ފާޚާނާއަށެވެ. ފާޚާނަތަށި ކައިރީގައި މޫސަ ހުރިއިރު، ކޮޓަރީގައި އެހެން މީހަކު އުޅޭހެން މޫސަ އަށް ހީވި އެވެ. ޔަގީނުންވެސް ހިނގާ އަޑު މޫސައަށް އިވުނެވެ. ފާޚާނަ ދޮރުގައި ހިފިކަން މޫސައަށް ޔަގީނެވެ. ސަބަބަކީ އެ ދޮރަކީ އަތްގަނޑު ތަޅެއް ހުރި ދޮރަކަށް ވެފައި، އަތްގަނޑު އެބުރުނުތަން މޫސަ އަށް ފެނުނު ކަމެވެ. ފާޚާނާކޮށް ނިމިގެން މޫސަ ދޮރު ހުޅުވާލީ ވަރަށް މަޑުމަޑުންނެވެ. ކޮޓަރީގައި އެއްވެސް މީހަކު ނެތެވެ. އެ ތަނުގައި އޮތީ، ހަމަ ކުރިންވެސް އޮތް ފަޅުކަމެވެ. ބޭސް ނަގަން ވެގެން ފޮށި ހުޅުވާލި އިރު، އެންމެ މަތީގައި ފެންނަން އޮތީ ބޭސް އަޅައިފައިވާ ކޮތަޅެވެ. އެ ކޮތަޅު ނެގިއިރު، އޭގެ އަޑީގައި ލަވަޖަހަން ގެންގުޅުނު އެމްޕީތިރީ ޕުލޭޔަރު އޮތެވެ. ފޮށި ލައްޕާފައި މޫސަ ނުކުތެވެ. ބޭރަށް ނުކުމެ، ކޮޓަރީގެ ދޮރު ލައްޕާފައި ކުއްލިއަކަށް ޚިޔާލު ބަދަލުވި އެވެ. އެމްޕީތިރީ ޕުލޭޔަރު ހިފައިގެންނޭ ދާނީ ހިތަށް އެރިއެވެ. ދެވަނަ ފަހަރަށް ދޮރުހުޅުވައިލި އިރު، ނާޒިމާ ހުރީ ކުރިމަތީގައި، ދެލޯ ބޮޑުކޮށްލައިގެންނެވެ. އެހެންނަމަވެސް، މޫސައަކަށް ނާޒިމާއެއް ނުފެނެއެވެ. މޫސަ ހިނގާފައި ދިޔައީ ނާޒިމާގެ ގައިތެރެއިން ވަދެގެންނެވެ. މޫސަ ފޮށި ހުޅުވަން ފެށުމުން ނާޒިމާ އައިސް މޫސަ ކައިރިއަށް ގުދުވި އެވެ. ކޮންމެވެސް ވާހަކައެއް ބުނަން ނާޒިމާ ބޭނުންވާ ކަހަލައެވެ. ނުވަތަ ހިތްފުރެންދެން މޫސަގެ މޫނު ބަލައިލަން ނާޒިމާ ބެނުންވާ ކަހަލައެވެ. ހިނދުކޮޅަކަށްވެސް، މޫސަގެ ދެލޯ ނޫން ތަނެއް ނާޒިމާ ނުބަލަ އެވެ. އެމްޕިތުރީ ޕުލޭޔަރު ނަގައިފައި، އޭގެ އިއާރފޯނު ނުފެނިގެން މޫސަ ފޮށި ހާވަން ފެށިއެވެ. ނާޒިމާ މަޑުމަޑުން މޫސަގެ މޫނަށް ފުމެލި އެވެ. ކުއްލިއަކަށް މޫސަގެ ހަރަކާތް ހުއްޓުނެވެ. މީހަކު ފުމެލިހެން ހީވެގެންނެވެ. އަދި މަޑުމަޑުން އަތް ހޫރާލި އެވެ. ނާޒިމާ ކޮންމެހެން ދުރަކަށް ނުޖެހެއެވެ. އެ އަތް ޖެހުނަސް ވާނެކަމެއް ނޯންނާނެތީ އެވެ. އަތުގައި އެއްޗެއް ނުޖެހުމުން، ކުރެވުނު ކަންތަކާ މެދު އަމިއްލައަށް ހިނިއައިސްފައި، އަނެއްކާވެސް މޫސަ އިއާރފޯނު ހޯދަން ފެށިއެވެ. ނާޒިމާ އަނެއްކާވެސް މޫސަގެ މޫނަށް ފުމެލި އެވެ. އެ ފަހަރު މޫސަ ވަރަށް ބޮޑަށް ސިއްސައިގެން ދިޔައެވެ. އަދި، އަތުގައި އޮތް ޕުލޭޔަރ ވެސް ފޮއްޓަށް އެއްލާފައި، ތަންކޮޅެއް ބާރަށް ހިނގާފައި ގޮސް، ކޮޓަރިން ބޭރަށް މޫސަ ނުކުތެވެ. ދޮރު ލައްޕާފައި، އިރުކޮޅެއް ވަންދެން ދޮރާ ދިމާއަށް މޫސަ ބަލަންހުއްޓެވެ. އިރު އޮއްސެނީއެވެ. ގުނަން އުޅުނަސް މީހަކަށް ނުގުނޭހާ ގިނަ ކުލަތަކުން އުދަރެސް އޮތީ ޖަރީކޮށްފަ އެވެ. ދުވަހުގެ ހަލަބޮލިކަމުގެ ތެރެއިން ހަމަހިމޭންކަން ފޫދެމުންދިޔައިރު، ލަސްނުކޮށް ދޫނި ސޫފާސޫފިތައް، އެ ސޮރުމެންގެ ގެއާ ދިމާއަށް ދަތުރުކުރަމުން ދިޔައެވެ. ދެން ލަސްކޮށްފިއްޔާ، އަނދިރިވުމުގެ ކުރިން ހާލި އަތުނުވެދާނެހާ ދުރުގައި އުޅުނު ކާޅުތައް ވެސް، ކަނޑު ހުރަސްކުރުމަށްޓަކައި ދަތުރު ފަށައިފި އެވެ. ޖެހެމުން ދިޔަ ފިނި ރޯޅިއާއި، ބީއްސަމުން ދިޔަ ކުދި ރާޅުތަކުން އިވެމުން ދިޔަ ނާނާގެ އިތުރުން، ފޮޓޯނަގާ އަޑު ވެސް، ދޭތެރެއަކުން އިވިއިވި ހުއްޓެވެ. މޫސަހުރީ ފޯނުނަގައިގެން ފޮޓޯ ނަގާށެވެ. ފޭދުމުގެ ކުރިން، އެ މަންޒަރުގެ ނަކަލެއް ފޯނުގައި ރައްކާކުރެވޭތޯ އެވެ. ސައީދާ ވެސް ހުރީ އެ ފާލަން މަތީގައެވެ. ފާލަންކޮޅުގެ ސިޑީގެ ހަރުފަތަކަށް ފައިބައިގެން، މޫދަށް ދެފައި ލައިގެން މުސަ އިނެވެ. އެތައް ފޮޓޯއެއް ނެގުނު އިރުވެސް، މޫސަގެ ހިތްހަމަޖެހޭ ގޮތަކަށް ފޮޓޯ ނެގުނު ކަމަކަށް ނުވިއެވެ. ކުއްލިއަކަށް މޫސައަށް ފެނުނީ މޫދުގެ އަޑިން، މޫސަގެ ފަޔާ ދިމާލަށް އެއްޗެއް އަންނަ ތަނެވެ. ސިއްސައިގެން ގޮސްފައި ބަލައިލިއިރު، މޫދުގެ އަޑި އޮތީ ސާފުކޮށް ފެންނާށެވެ. ދިރޭ މަހެއްހާ ހިސާބުވެސް އެ ދިމާއަކު ނެތެވެ. "ކީކޭތަ ދެން ސައީ ބުނީ؟" މޫސަ އެހި އެވެ. ހަގީގަތުގައި މޫސަގެ ފަޔާ ދިމާއަށް އެއްޗެއް ނާދޭ ހެއްޔެވެ؟ އެއީ އަމާން ވަގުތެއް ހެއްޔެވެ؟ ލިބިފައިވާ ޔަގީންކަމެއްގެ ސަބަބުން، އެއިން އެއްވެސް ސުވާލެއް، މޫސަގެ ހިތަކު ނުއުފެދެއެވެ. ދެވަނަ ފަހަރަށް، މޫދަށް ނުވެސް ބަލައެވެ. "މަ ބުނީ، ތިއެއް ބުނަން އެނގޭނީ މިރޭ އެ އިބުރާހިމްބެ އައިސް ތެޔޮދަމާލީމައޭ." ސައީދާ ބުންޏެވެ. "ބުނާއަޑު އިވޭ އެއީ ވަރަށް މޮޅު މީހެކޭ. ކޮންހާ ފޮޓޯއެއްތަ ތިނަގަނީ؟" "އަޅެ އަހަރެން ހިތަށްއަރާ އެއީ އަންހެންކުއްޖަކަށް ވީ ނަމައޭ." މޫސަ ސަމާސާ ކޮށްލިއެވެ. "މި ރަށަކު ނުތިބޭތަ ތެޔޮދަމާ އަންހެންކުދިންނެއް؟" މޫސަގެ ފަޔާ ދިމާގައި، ކޮންމެވެސް ކަހަލަ ދިރުމެއްވެ އެވެ. އެއީ އާންމުކޮށް މޫދު އޮންނަ ގޮތް ކަމަށް ހީކޮށް، ފަރުވާކުޑަ ނުކޮއްލި ނަމަ، މޫސައަށް ވެސް އެ މަންޒަރު ފެނުނީހެވެ. "އޭ! މިރަށަކީ ފާޑުފާޑުގެ ކުދިން އުޅޭ ރަށެއްނޫން އެނގޭ." އަމިއްލަ ރަށް ދިފާއު ކުރުމަށްޓަކައި ސައީދާ ފައިކުރި އޮޅާލިއެވެ. "މި ރަށާ ބެހޭގޮތުން މުޅިންވެސް އަރާފަ ހުންނާނީ ރީތި އަޑު. މަގޭ ރަށް ދެކެ އަހަރެން ހާދަ ލޯބިވެޔޭ." ސައީދާ އެހެން ބުނުމާއެކު، ތަންކޮޅެއް ކުރީގެ ބަލި ހަނދާނެއް މޫސަ ވި އެވެ. 'އޭ! އަހަރެން އަޑުއެހިން މި ރަށުގަ މަރުވި ކުއްޖެއް ވަޅުލަންވެގެން ގެންދިޔަ ސަންދޯކުގެ މަތިގަނޑު ވިއްސައިގެން ދިޔަ ވާހަކަ." އަޑަށް ބާރުލާފައި މޫސަ ބުންޏެވެ. "އޭގެ ތެރެއަކު ނެތޯ ގަބުރެއް ވެސް. އެއީ ރީތި އަޑެއް؟ ތި އޮތީ ވާހަކައިން ވާހަކަ ފަޅާފައެއްނު." "ނޫހުގައި އޮތޯ ކިޔައިފައި އޮފީސް މީހަކު ބުނީ." މޫސަ ޒިންމާ ނުވާން ވެގެން ބުންޏެވެ. "މަށަށް އެނގޭ އެއީ ފޭކުކަން. ނޫސް ވިއްކަން ވެގެން އެ މީހުން ޖަހާފާނެ ކޮންމެފަދަ އެއްޗެއް ވެސް. އެއްދުވަސް ވަރެއްގަ ކިއި ކޮންމެވެސް ރަށެއްގަ މާމޮޅަށް ބޭސްހަދާ ކުޑަކުއްޖެއް އުޅޭ ވާހަކަ. އޭނަ ދޭ ބޭހެއް ކާއިރަށް ކޮންމެ ބައްޔެއްވެސް ރަނގަޅު ވެޔޯ ކި. މިހާރު ކޮބާ އެ ކަންތައް؟ މާލޭގެ ކޮންމެވެސް ދިމާއަކަށް އެރި ވައިރޯޅިއަކުން ކަލިމައެއް އެޅުނު ވާހަކަވެސް ކި. ކަމެއް ވާއިރަށް މީހުން އެ ކަން މާ ބޮޑުކޮށްލަނީ. ހައްތާވެސް ވަހުމް. މީހަ މާ ސްޓަރެސް ވީމަ ވެސް އެކަހަލަ ހީތައް ކުރެވޭނެ. ސައީ ބިރުގެންފާނެތީވެ، މަށަށް ފެންނަ ކަންކަމުގެ ވާހަކަ ނުދައްކާ މިހުންނަނީ." ސައީދާ ކުއްލިއަކަށް ސީރިއަސްވި އެވެ. މަޖާ މޫޑެއްގައި ހުރި ސައީދާގެ މޫނަށް އައި ބަދަލު ފެނިފައި، ދެއްކުނީ ރަނގަޅު ވާހަކައެއް ނޫންކަން ވެސް މޫސައަށް ވިސްނުނެވެ. "ސީރިޔަސްކޮށް؟ ދޮގެއް ދޯ؟" ސައީދާ އެހި އެވެ. މޫސަ ވަރަށް ބާރަށް ހީނގަތެވެ. އަދި ބުންޏެވެ. "ގަބޫލު ކުރީ؟ ތީ ބޮޑުވަރު." ކުއްލިއަކަށް މޫސަ ފައިގައި، ވަރުގަދަ އަތަކުން ހިފާލި އެވެ. ބޭއިޚްތިޔާރުގައި ޚަޅޭލައިގެންފައި މޫސަ ފައި ދަމައިގަތެވެ. ސައީދާ އަޅައިވެސް ނުލިއެވެ. އެހެންނަމަވެސް، މޫސަގެ ހިތުގެ ވިންދު އެތައް ގުނައަކަށް އަވަސްވެފައިވެ އެވެ. އެއީ ހީއެއް ނޫންކަން މޫސަ އަށް ޔަގީނެވެ. ހިތާމައަކީ، އެކަން ގަބޫލުކުރާނެ މީހަކު ނެތް ކަމެވެ. ދެލޯ ބޮޑުކޮށްގެން ސައީދާއަށް މޫސަ ބަލަމުން ގެންދިޔައެވެ. ކަން ހިނގައިދިޔަތާ އިރުކޮޅެއްވީއިރު ވެސް، އެ އަތުގެ އިނގިލިތަކުގެ ކުރަކިކަން މޫސަ އަށް އިހުސާސްކުރެވެ އެވެ. އެތަނުގައި މޫސަ އަތް ހާކާލި އެވެ. ކުޑަ ލޮދިކަމެއް ހުރިހެން ހީވި އެވެ. "ދެން ކޮން ކަމެއް؟" މަލާމާތުގެ ރާގަކަށް ސައީދާ ބުންޏެވެ. "ހާދަ ފޭކު ފިރިހެނެކޭ މީ." އިބުރާހިމްބެ އައި ދޯނި ރަށަށް ލެފިއެވެ. ގަޑި ބަލައިލި އިރު އަށްގަޑި ސަތާރަ ހިނގަނީ އެވެ. އިރާކޮޅު ނަމަވެސް، އެއިން ހިސާބެއްގައި ވެސް މީހެއްގެ ހިލަމެއްނުވެ އެވެ. ވަރަށް ފަރުވާތެރި ކަމާއެކު ދޯނިން ފޭބުމަށްފަހު، ތަންކޮޅެއް ބާރުލައިފައި އިބުރާހިމްބެ ހިނގައިގަތެވެ. މެދު އުމުރަށް އަޅައިފައި ވީ ނަމަވެސް، ހިނގައިބިނގައިވެ އުޅުމުގައި، އެ އުމުރުގެ މީހަކަށްވުރެ އިބުރާހިމްބެ ކުޅަދާނައެވެ. "އިބުރާހިމްބެ!" ދޯނީގެ ފަޅުވެރިއަކު ގޮވާލިއެވެ. "ދަބަސް!" ހިނގަން ކުޅަދާނަ ނަމަވެސް، ހަނދާން ނެތުމަކީ، އިބުރާހިމްބެގެ އާންމު ކަމެކެވެ. "މިހާރު ދެން ހަނދާން ބަލިކަމުން..." ކުދިކިޔަމުން ގޮސް ދަބަހުގައި އިބުރާހިމްބެ ހިފިއެވެ. "ޝުކުރިއްޔާ ކޮއްކޯ!" ދަބަސް ހިފައިގެން އިބުރާހިމްބެ ހިނގައިގަތެވެ. މަގުމަތީގެ އަލިކަން ކުޑަވެފައި، ފަޅުކަން އެހާ ބޮޑެވެ. އިބުރާހިމްބެ ދިޔައީ ގަސްގިނަ މަގަކުންނެވެ. ގަސްތަކުގެ ތެރެއިން ބަލަންހުރި ނާޒިމާ، ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ. އިބުރާހިމްބެ އަކަށް އެކަމެއް ނޭނގެ އެވެ. ނާޒިމާ ބޭނުންވީ އަންގާށެވެ. އެއީ، ނާޒިމާއަށް އުދަގޫ ކަމެއް ނޫނެވެ. ރޫހެއް ކަމުގައި ވިޔަސް، ނާޒިމާއަކީ، އާދައިގެ ރޫހެއް ނޫނެވެ. ނާޒިމާ ގޮވާލީ ބުޅަލެއްގެ އަޑުންނެވެ. އަނގަ ހުޅުވާލިއިރު، ނާޒިމާގެ އަނގައިގެ އެތެރެ އޮތީ ކަޅު ކުލައިގައެވެ. ކުއްލިއަކަށް އިބުރާހިމްބެ ހުއްޓުނެވެ. އަނެއްކާވެސް ބުޅާ ގޮވައިލި އަޑު އިވުނެވެ. އިބުރާހިމްބެ ކުއްލިއަކަށް ބޮލުގައި އަތްއެޅި އެވެ. އަބުރައިގަނެގެން ވެއްޓުނެވެ. ނާޒިމާ އައިސް އިބުރާހިމްބެ ކައިރިއަށް ހުއްޓުނުއިރު، އިބުރާހިމްބެގެ ހޭވެރިކަމެއް ނެތެވެ. އިރުކޮޅަކު ބަލަން ހުރެލައިފައި، ނާޒިމާ ހިނގައިގަތެވެ. އިބުރާހިމްބެ ދާން ހަމަޖެހިފައިވާ މަންޒިލަށެވެ. ނާޒިމާގެ ހިތުގައިވަނީ ބަދަލު ހިފުމެއް ނޫނެވެ. ހިފެހެއްޓުމެއް ނެތް ލޯތްބެވެ. އުތުރިއަރަމުންދާ ޖަޒުބާތެވެ. އެ ރޭގެ ހަމަ އެ ވަގުތެވެ. ގޭގެ ސިޓިން ރޫމުގައި، ގޮނޑި އަށް ދެފައިލައިގެން، އިބުރާހިމްބޭގެ އިންތިޒާރުގައި މޫސަ އިނެވެ. ބުނެފައިވާ ގަޑި ފަހަނައަޅައި ދިޔުމުން، ފޫހިފިލުވައިލުމަށްޓަކައި ފޯނާ ކުޅެން އިންއިރު، ކައިރީގައި ސައީދާ ވެސް އިނެވެ. "ހާދަ ލަސްވެސްޖޭ ދޯ؟" ސައީދާ ބުންޏެވެ. "މިރޭ އަހަރެން އަދި އެބަޖެހޭ މާމަގެ އަށް ވެސް ދާން." "ދެން ދޭބަލަ! އޭނަ ތެޔޮދަމަނީ މަގޭ ފައިގައޭ،" މޫސަ އިނީ ވަރަށް ހަމަޖެހިފަ އެވެ. "އެކަނި ދާން ބިރެއްނުގަނޭ؟" "އެކަނި އިންނަން ބިރެއްނުގަނޭ؟" ސައީދާ ސުވާލު ކުރި އެވެ. "ނޫނޭ ވަރަށް ބިރުގަނޭ!" ގޮތް ދައްކައިލަެއިފައި މޫސަ ބުންޏެވެ. "އަޅެ ސައީ ނުދާތި. ބަލަ މިހާރުވެސް އަހަރެން މިއޮއް ތުރުތުރު އަޅަނީ. ރޫޅެނީ. މަންމާ!" "ހާދަހާ އާޓު ބޮޑު ފިރިހެނެކޭ. ވަރަށް ފޫހިވޭ ...." ހީގެންފައި ސައީދާ ބުންޏެވެ. "އޭނަ އައީމަ މަށަށް ގުޅާތި." މޫސަ ހޭން ފެށި އެވެ. އެހިސާބުން ސައީދާ ދިޔައީ އެވެ. މޫސަ ފޯނުން ގޭމެއް ކުޅެން ފެށި އެވެ. ތަނަށް ވެރިވީ ފުން ފަޅު ކަމެކެވެ. ކުއްލިއަކަށް ރިހި ތަނޑިތައް ތަޅުވައިލި އަޑުއިވުނެވެ. ---------- މި ވާހަކައިގެ މިބައި:(ނުނިމޭ) ޓައިޕް ކޮށް ފޮނުވުން: އަލްފާޟިލް ޢަލީ ނިޝާން އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ nubinma1992, 2011-10-06 06:29:26
ހާދަ ދިގު އިންތިޒާރެއް ކޮށްފީމޭ. ވވވވވވވވވވވވވވވވވ.ސަޅި.
...
ލިޔުނީ ފަންވަތް, 2011-10-07 15:16:07
ވަރަށް ގިނަ ބޭފުޅުން އިނގިރޭސިބަހުންނާއި ދިވެހި ބަހުން ލެޓިން އަކުރުން އަދިވެސް އެބަ ކޮމެންޓް ފޮނުއްވާ. އެކަމަކު ހިތާމަޔާއެކު ދަންނަވަންޖެހެނީ ދިވެހިބަހުން ތާނައަކުރުން ހުންނަ ކޮމެންޓް ނޫނީ އަޅުގަނޑުމެން ޝާއިޢު ނުކުރާވާހަކަ. މީ ފަންވަތުގެ އެޑިޓޯރިއަލްބޯޑުން ނިންމައި ފަންވަތުގައި ޝާއިޢުކޮށްފައިވާ ސިޔާސަތެއް. ހުރިހާ ބޭފުޅުންގެ ހުރިހާ ކޮމެންޓަކަށްވެސް ޝުކުރާއެކު މަރުޙަބާ ދަންނަވަން. އެކަމަކު ކިތަންމެ ޝާއިޢުކުރާ ހިތް ވިޔަސް ފަންވަތުގެ ސިޔާސަތާ ޚިލާފަށް ހުންނަ ކޮމެންޓް ޝާއިޢުކުރެވޭކަށްނޯވޭ. ވީމާ ދިވެހިބަހުން ތާނަ އަކުރުން ކޮމެންޓްކުރެއްވުމަށް އަނެއްކާވެސް ހަނދުމަފުޅުކޮށް އަރުވަން.
...
ލިޔުނީ އިކޫ, 2011-10-08 13:51:25
ވަރަށް ވަރަށް ވަރަށް އިންތިޒާރުކުރަން އެބަ.... ތަންކޮޅެއް އަވަހަށް އަނެއްބައިވެސް ގެނެސްދީބަލަ...... ޕްލީޒް
...
ލިޔުނީ އަމް, 2011-10-08 17:02:36
ކޮންމެންޓް ކުރުމުގެ މިންގަނޑަށް އެއްބަސް ވަމޭ ބުންޏަސް ވަރަށް މަދު ބަޔެއް އެއެއްބަސްވުން ކިޔާލަނީ. މި ފެންނަށް ހުންނަ އެއްޗަކަށް ބަލައި ނިންމުން ނިންމާތަން މިފެންނަނީ ގިނައިން. ކުރިން ޝާއިޢުކޮށްފައި ހުރި ކޮމެންޓް އަދިވެސް އެބަހުރި ލެޓިނުން، އިނގިރޭސިންވެސް. ކިޔުންތެރިންނަށް އެތަން ފެނިފަ ނޭނގެ ޝާއިޢުނުކުރެވޭކަމެއް.
ވީމާ އަހަރެން ދެކޭ ގޮތުގަ "ޚިޔާލު ހުށަހަޅާ" ކައިރީގައި "ޝާއިޢުކުރެވޭނީ ހަަމައެކައި ތާނައިން ލިޔެފައި ހުންނަ ޚިޔާލު އެކަނި" މިހެން އެފޮންޓުން އަދި އެހާ ބޮޑުކޮށް ލިޔެލުމުން މިކަން ވަރަށް ބޮޑަށް ޙައްލު ވާނެކަމަށް ފެނޭ.
...
ލިޔުނީ މޑ, 2011-10-09 06:20:57
ނުވަ ވަނަ ބައިގެ އިންތިޒާރުގައި.. ފަންވަތުން ތި ނިންމެވި ގޮތަކީ އަޅުގަނޑު ވަރަށް ތާއީދު ކުރާ ނިންމުމެއް.. ކުރިއަށް އޮއްތަނުގައި ހަމައެކަނި ދިވެހިބަހުން މިގޮޅީގައި ލިޔެވޭގޮތް ހަދާނެކަމަށް އުއްމީދުކުރަން...
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|