މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސާދަ ވިލޭރޭ (9) |
|
|
| ދިވެހި - ވާހަކަ | |||
| 21 އޮކްޓޫބަރ 2011، 11:35 ހުކުރު | |||
|
ބިންމާ އިބްރާހިމް ވަހީދު (06 އޮކްޓޯބަރ 2011 ގުޅޭ) "އެކަނި އިންނަން ބިރެއްނުގަނޭ؟" ސައީދާ ސުވާލު ކުރި އެވެ. "ނޫނޭ ވަރަށް ބިރުގަނޭ!" ގޮތްދައްކާލާފައި މޫސަ ބުންޏެވެ. "އަޅެ ސައީ ނުދާތި. ބަލަ މިހާރުވެސް އަހަރެން މިއޮއް ތުރުތުރު އަޅަނީ. ރޫޅެނީ. މަންމާ!" "ހާދަހާ އާޓު ބޮޑު ފިރިހެނެކޭ. ވަރަށް ފޫހިވޭ ...." ހީނގެންފައި ސައީދާ ބުންޏެވެ. "އޭނާ އައިމާ މަށަށް ގުޅާތި." މޫސަ ހޭން ފެށި އެވެ . އެހިސާބުން ސައީދާ ދިޔައީ އެވެ. މޫސަ ފޯނުން ގޭމެއް ކުޅެން ފެށި އެވެ. ތަނަށް ވެރިވީ ފުން ފަޅު ކަމެކެވެ. ކުއްލިއަކަށް ރިހި ތަނޑިތައް ތަޅުވައިލި އަޑުއިވުނެވެ. އެ ދިމާއަށް މޫސައަށް ބަލައިލެވުނުއިރު، އިބުރާހިމްބެ ދޮރުމަތީގައި ބަލަހައްޓައިގެން ހުއްޓެވެ. "އިބުރާހިމްބެ ތަ؟" ހިނިތުންވެފައި މޫސަ އެހި އެވެ. "އައްސަލާމް އަލައިކުމް!" ޖަވާބުގައި އިބުރާހިމްބެ ހިނިތުމެއްނުވި އެވެ. ބަލަން ހުރީ ވެސް ނުރައްޓެހި ބެލުމަކުންނެވެ. މޫސަގެ ހިނިތުންވުން ފިލައިގެން ދިޔަ އެވެ. ސަލާމް ބަލައިގަތުމަކާ ނުލައި، ކަޅިޖަހައިނުލައި އިބުރާހިމްބެ ބަލަހައްޓައިގެން ހުއްޓެވެ. ދޯނިން ފައިބައިގެން އައިއިރު، އިބުރާހިމްބެގެ ކޮޑުގައި ކުރިން އޮތް ދަބަހެއް ނެތެވެ. އެކަމަކު، ކުރިން އޭނަޔާ ދިމާވެފައި ނުވާތީވެ، މޫސަ އަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ. "ވަދޭވަދޭ!" މޫސަ އެދުނެވެ. އިބުރާހިމްބެ ވަދެގެން އައެވެ. އެއީ މޫސަ އަށް ފެނުނު ގޮތެވެ. އެތެރެއަށް ވަދެގެން އައީ ނާޒިމާ އެވެ. އޭނަ ލައިގެން ހުރި ހުދު ހެދުން، ވަޔާ ވިހުރެމުން ދިޔައެވެ. "ހާދަ ލަސްވީ؟" މޫސަ އެހިއެވެ. "އައި މަގުމަތީގަ ވެސް ގެއަކަށް ވަދެލައިފަދޯ ތިއައީ؟ އެހާ ޑިމާންޑް އޮންނަންޏާދޯ؟ މަށަށް ވެސް ތި ކަން ދަސްކޮށްދޭން ވީނު؟ ނޫނީ ހިނގާ މާލެ އަށް. އަހަރެން ތަނެއް ހުޅުވައިދީފާނަން. އޮބިނޯންނާނެ." މޫސަ ކިތަންމެ ވާހަކަ އެއް ދެއްކި ނަމަވެސް، އެއްވެސް ވާހަކައެއް ނުދައްކައި އިބުރާހިމްބެ އައިސް މޫސަ ކައިރިއަށް ހުއްޓުނެވެ. ކުރިޔާ ޚިލާފަށް ނާޒިމާގެ ކިބައިގައި ބާރު އެބަ ހުއްޓެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މޫސަގެ ދުވަސް ދުއްވައިލެވިދާނެ އެވެ. އެހެން ނަމަވެސް، އެއީ ކާމިޔާބެއް ވުމެއް ނޫނެވެ. މޮޅު ކަމެއް ކަމެއް ކަމަށް ވެސް ނާޒިމާ ނުދެކެ އެވެ. "ޖެހޭނީ އޮށޯންނަން،" އިބުރާހިމްބެ ބުންޏެވެ. "އެހެންތަ؟" ތެދުވަމުން މޫސަ ބުންޏެވެ. "ތިހެން ވީއިރު ކޮޓަރިއަށް ދާން ޖެހޭނީ." މޫސަ ތެދުވެގެން، ކުޑަކޮށް ކޮރުޖަހަމުން ހިނގައިގަތެވެ. ނާޒިމާ ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ. މޫސަ ފަސް އެނބުރި ބަލައިލައިފައި އަތުން އިޝާރަތް ކޮށްލުމުން ނާޒިމާ ހިނގައިގަތެވެ. މޫސަ ގޮސް ކޮޓަރިއަށް ވަނެވެ. އިބްރާހިމްބެ ވަންނަން އުޅެނިކޮށް، ކޮޓަރީގައި ހަރުކޮއްފައިވާ ލޯގަނޑެއް އޭނައަށް ފެނުނެވެ. އޭގައި ލިޔެފައި ވަނީ ކުރުސިއެވެ. ކޮޓަރީގެ އެތެރެއަށް ނާޒިމާ އެޅި ފައި ކުއްލިއަކަށް ބޭރަށް ދަމައި ގަތެވެ. މޫސަ އެތެރެއަށް ވަދެފައި، އިބުރާހިމްބެ ނުވަންނާތީ ހައިރާންވި އެވެ. "ވަދޭ، ވަދޭ!" މޫސަ ބުންޏެވެ. "އެނދުގައި ތެޔޮ ހޭކޭނެ." އިބުރާހިމްބެ ބުންޏެވެ. އަދި ވަށައިގެން ބަލައިލައިފައި، އެ ތަނުގައި ހުރި މޭޒު ދައްކާލި އެވެ. "މި ތަންވެސް ރަނގަޅުވާނެ." "އެހެންތަ؟" މޫސަ ނުކުންނަމުން ބުންޏެވެ. "އޯކޭ! ކުރިންވެސް ތިހެން ބުނި ނަމަ." "ޓީޝާޓު ބާލާ!" މޫސަ އެތަނުގައި އޮށޯންނަން ފަރިކޮށްލި ވަގުތު އިބުރާހިމްބެ ބުންޏެވެ. "އެއީ ކީއްވެ؟" މޫސަ އަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. "ބުނާ ގޮތް ހަދާބަލަ!" ކުޑަކޮށް ނުރުހިފައި އިބުރާހިމްބެ ބުންޏެވެ. "އޯކޭ އޯކޭ! ތިހާ ރުޅި އަންނާކަށް ނުވެއެއްނު!" މޫސަ ބުންޏެވެ. ޓީޝާޓު ބާލަން ފެށުމުން ނާޒިމާގެ ސިކުޑީގައި ހަދާންތަކެއް ފިޔަޖަހަން ފެށިއެވެ. ކުރިން މޫސައަށް ނާޒިމާ ކުރި އިތުބާރާއި، އެ އިތުބާރު ވިއްސިވިހާލި ވެގެން ދިޔަގޮތް ވެސް ހަނދާނަށް އައެވެ. ޓީޝާޓު ބޭލުމަށް ފަހު މޫސަ އޮށޯތެވެ. އަދި، ލައިގެން ހުރި ސޯޓު ތަންކޮޅެއް މައްޗަށް ޖައްސާލި އެވެ. "އަތްދައްކާ!" އިބުރާހިމްބެ ބުންޏެވެ. "އަތޭ؟" އަނެއްކާވެސް މޫސަ ސުވާލެއްކުރި އެވެ. "ފަޔޭ މައްސަލަ ޖެހިގެން މި އުޅެނީ." "އެ ނާރު އަތާވެސް ގުޅިފައޭ ހުންނާނީ" އިބުރާހިމްބެ ބުންޏެވެ. "މަ ބުނާ ގޮތް ހަދާބަލަ!" "މި އޮތީ ހަދާފަ." މޫސަ އަތް ދިއްކޮށްލި އެވެ. "އިބުރާހިމްބެ އަށް ތިބައި އެނގޭނީ." ނާޒިމާ އެ އަތުގައި ހިފިއެވެ. އެ އަތުގައި އެއްވެސް ތަފާތު ކަމެއް ހުރިކަމެއް މޫސަ އަކަށް ފާހަގައެއް ނުކުރެވެ އެވެ. މޫސަ އޮތީ ފަންގިފިލާ އަށް ބަލަހައްޓައްގެންނެވެ. ވުމާއެކު، އިބުރާހިމްބެ ބަލަނީ ކޮންދިމާލަކަށް ކަމެއް މޫސައަކަށް ނޭނގެއެވެ. އޭނަ ބަލަހައްޓައިގެން ހުރީ މޫސަގެ މޫނަށެވެ. އަދި، މޫސަގެ މޭގައި މަޑުމަޑުން ފިރުމާލި އެވެ. މޫސައަށް ކުޑަކޮށް އުދަގޫވި އެވެ. ފައިގަ ތެޔޮދަމަން އައި މީހަކު ކުރަން އެއީ ކޮން ކަމެއް ބާއޭ ހިތަށް އެރިއެވެ. "މީ ހާދަ ދިގު އިންތިޒާރެއްގެ ފޮނި ނަތީޖާއޭ!" ނާޒިމާ ބުންޏެވެ. "ތިބުނީ؟" މޫސަ އެހި އެވެ. "މޮޅަށް ތެޔޮދަމަން ދަސްވުންތަ؟" އިބުރާހިމްބެ އެއްވެސް ޖަވާބެއް ނުދީ ތެޔޮފުޅިން އެތިފޮދެއް އަތަށް އޮއްސާލާފައި، ދެއަތްދެއަތަށް އުގުޅާލުމުން، މޫސަ އަނެއްކާވެސް މައްޗަށް ނަޒަރު ހުއްޓަލި އެވެ. މޫސަގެ އަތުގެ މަސްގަޑުގައި އިބުރާހިމްބެ ހިފާލިލެއް ބާރުކަމުން، މޫސައަށް ތަދު އިހުސާސް ކުރެވުނެވެ. އެކަމަކު އެއްޗެއް ނުބުނެއެވެ. "އަންހެނުންދެކެ ވަރަށް ލޯބިވޭތަ؟" އިބުރާހިމްބެ އެހި އެވެ. "އޭނ؟" މޫސަ ހީކުރީ މޫސައަށް އަޑުއިވުނީ ރަގަޅަކަށް ނޫންކަމަށެވެ. "ކީކޭ؟" އެ ވަގުތަކީ، މާމަގެއިން ނުކުމެގެން ސައީދާ އައިސް އެ ގޭގެ ދޮރާ އަރާ ހަމަވި ވަގުތެވެ. ގެ އަށް ވަންނަން އުޅެނިކޮށް، އަތުގައި އޮތް ކޮތަޅު ކޮންމެވެސް ތަނެއްގައި ޖެހުނެވެ. ޖެހުނުލެއް ބާރުކަމުން ސައީދާ ހީކުރީ، އެގެތެރޭގައި އޮތް ލޯގަނޑު ތަޅައިގެން ދިޔަ ކަމަށެވެ. އެހެންކަމުން ލޯގަޑު ނަގައި ބަލައިލި އެވެ. ކުރުސި ލިޔެފައިވާ އެ ލޯގަޑުގެ ބިއްލޫރި ގަނޑުގައި، ވަރަށް ކުޑަ ރެދެއް ލާފައި ހުއްޓެވެ. އެހެން ނަމަވެސް، ލޯގަޑަށް އުނިކަމެއް އަންނަ ވަރެއް ނުވެއެވެ. ތެޔޮދަމަން ހުރި އިބުރާހިމްބެ އަށް، ކުއްލިއަކަށް އެކަން އެގުނެވެ. އަވަސް އަވަހަށް ތެޔޮފުޅި ދަބަހަށް ކޮއްޕާލި އެވެ. "ނިމުނީ؟" މޫސަ ހައިރާންވެފައި އެހިއެވެ. އެއްވެސް އެއްޗެއް ނުބުނެ އިބުރާހިމްބެ ދަބަސް ހިފައިގެން އަވަސްއަވަހަށް ގެއިން ނުކުތެވެ. އެ ކަމާ ހައިރާންވެގެން މޫސަ ތެދުވަނިކޮށް، ސައީދާ އެތަނަށް ވަނެވެ. މޫސަ އޭރު އިނީ އިށީނދެގެންނެވެ. "ހާދަފާޑަކަށް ތެޔޮދަމާ މީހެކޭ އެއީ." މޫސަ ބުންޏެވެ. "އައިތާ ފަސް މިނެޓު ވެސް ނުވެ އެރައްކާވީ. އަހަންނަކަށް ހިއެއްނުވޭ އެންމެ ތެޔޮފޮދެއް ވެސް މަގޭ ގައިގަ އުގުޅިހެނެއް." "މިހާރު އިބުރާހިމްބެ އައީތަ؟" ވަދެގެން ދަމުން ސައީދާ ބުންޏެވެ. "ހަމަ ދެންމެ އެ ނުކުތީ." މޭޒުން ފައިބަމުން މޫސަ ބުންޏެވެ. "އެއީވާ ތަރިއެއް." "މަށަކާ ދިމަލެއް ނުވޭ!" ސައީދާ ބުންޏެވެ. "ޓީޝާޓު ބާލައިގެން ކީއްތިކުރަނީ؟" "ނަސީބެއްނު ޓީޝާޓު ބާލަން ބުނިކަން." އަލުން ޓީޝާޓު ލަމުން މޫސަ ބުންޏެވެ. "އޭނަ އެއީ ކޮންކަހަލަ މީހެއްތަ؟ މީހަކާ އިދެގެންތަ އުޅެނީ؟ ތީ ކޯންޗެއް؟" ސައީދާ ކޮތަޅުގައި އޮތް ލޯގަނޑު ނަގާފައި ދައްކާލި އެވެ. އަދި ބިއްލޫރިގަނޑު އަތުން ފުހެލި އެވެ. "ރީތި ދޯ؟" ސައީދާ ވަރަށް ހިތްހަމަޖެހިފައި ބުންޏެވެ. މާމަ މި ދޭންވެގެނޭ އަންނާށޭ ބުނީ. ކުރިން މާމަ އަށް ދެވުނީ އެންމެ ލޯގަނޑެއް. ބުނީ ފަހުން އަނެއް ލޯގަނޑު ހޯދާލާނަމޭ. ރީތިތަ؟ މާމަ ބުނި ގޭތެރެ ވަރަށް އަމާންވާނޭ މިކަހަލަ އެއްޗެހި ބެހެއްޓީމަ. މޫސަ އަށް މައްސަލައެއް އެބައޮތްތަ މި ބެހެއްޓިޔަސް؟" "އަވަހަށް ބަހައްޓަ ބަހައްޓާ!" މޫސަ އެއްބަސްވި އެވެ. "އެއްގޮތަކަށްވެސް ދޫކޮށްލައިގެން ނުވާނެ." "ހަމަ މަގޭ ފިރިމީހާ މޫސަތަ ތިހެން ތި ބުނީ؟" ސަމާސާ ގޮތަކަށް ބަލަހައްޓައިގެން ސައީދާ އެހިއެވެ. "އަސްލުގަ ވެސް މޫސައަށް އޯކޭތަ މި ބެހެއްޓިޔަސް؟" "އާނ!" މޫސަ ބުންޏެވެ. "އަމާން ވަންޏާ މަށަށް ވެސް އަމާންކަން ލިބޭނެތާ. ތިއެއް ނޫނޭ! މި ތެޔޮދެމުން މީ އެއްރޭގެ ދެތިން މިނެޓުން ނިމޭ ކަމެއްތަ؟" "މަށަށް ކިހިނެއް އެނގެނީ؟" ސައީދާ ލޯގަނޑު ބެހެއްޓުމަށްޓަކައި ހިނގައިގަތެވެ. "ތީ އިބުރާހިމްބެއާ މޫސައާ ދެމީހުންގެ ކަމެއްނު. އޭނަ ކައިރީގަ ނާހަންތަ؟" "އަހާނީ ކިހިނެއްތަ؟" މޫސަ ބުންޏެވެ. "އޭނަ ފާޑަކަށް..." "އައްސަލާމް އަލައިކުމް!" އިބުރާހިމްބެގެ އަޑު އިވުނެވެ. ދެ މީހުން އެކުގައި ބަލައިލި އެވެ. މޫސައަށް ލިބުނީ ހައިރަން ކަމެކެވެ. ސައީދާ ވެސް ހައިރާންވެފައި މޫސައަށް ބަލައިލި އެވެ. ދެ މީހުންގެ ހިތުގައިވެސް އުފެދުނީ އެއް ސުވާލެކެވެ. "އަނެއްކާ؟" މޫސަ އެހިއެވެ. "ވައަލައިކުމް ސަލާމް! ވަދޭ އިބުރަހިމްބޭ!" ސައީދަ ބުންޏެވެ. އިބުރަހިމްބެ ވަދެގެން އައެވެ. އަދި ދަބަސް ބަހައްޓާފައި، ތިން ވައްތަރެއްގެ ފުޅި ދަބަހުން ނެގިއެވެ. "ދެންމެ ޓަސްލާފަ ދިޔައީ ކީއްވެ؟" މޫސަ އެހި އެވެ. "އަޅުގަނޑު؟" އިބުރާހިމްބެ އެހިއެވެ. "އަޅުގަނޑުހޭ؟" މޫސަ ވެސް ކުރީ ސުވާލެކެވެ. ކުރިން ވީގޮތެއް ނުވަތަ އައީ ކާކުކަމެއް ނުވަތަ މީހަކު އައިކަމެއް ވެސް ސައީދާ އަކަށް ނޭނގެ އެވެ. "މޫސަ ބުނި އިބުރާހިމްބެ ދެންމެ އައި ވާހަކަ،" ސައީދާ ބުންޏެވެ. "އަޅުގަނޑު އަދި ކިރިޔާ މި އައީ،" އިބުރާހިމްބެ ބުންޏެވެ. "ހިނގާ އަވަހަށް ފަށަމާ" "އެހެން ކިހިނެއްވާނީ؟ ބަލަ ދެންމެ..." މޫސައަށް ބުނެވުނީ އެހިސާބަށެވެ. "ދެން ސަކަރާތް ނުޖަހާ އަވަސްކުރޭ މޫސަ" ސައީދާ ހީކުރީ މޫސަ ސަމާސާ ކުރަނީ ކަމަށެވެ. "އިބުރާހިމްބެ އަށް ލަސްވެދާނެ." "އަހަރެންތަ ސަކަރާތް މިޖަހަނީ؟" މޫސަ އެހިއެވެ. "ކޮންތާކު ތެޔޮ ދަމަންވީ؟" އިބުރާހިމްބެ އެހިއެވެ. "އަޖައިބެއް ނުވާނެ؟ ގައިމު ކުރިން ތި ސުވާލެއް ނުކުރޭ." އެހެން ބުނުމަށްފަހު މޫސަ ބަލައިލީ ސައީދާ އަށެވެ. "ހަމަ ރަގަޅަށް މިބުނީ. މީ ދެން ކިހާ ހެއްވާ ކަމެއް." "ފައިގަ،" ސައީދާ ބުންޏެވެ. މޫސަ ޓީޝާޓު ބޭލުމަށްޓަކައި ޓީޝާޓުގައި ހިފިއެވެ. "ކީއްކުރަން ޓީޝާޓު ބާލަން ތި އުޅެނީ؟" އިބުރާހިމްބެ އެހި އެވެ. "ބާލާކަށް ނުޖެހޭތަ؟" އަނެއްކާވެސް މޫސަ ހައިރާންވި އެވެ. "އާނ ފައިގަ ތެޔޮދަމަންޏާ ނުޖެހޭނެއްނު ޓީޝާޓު ބާލާކަށް. ފައި ދައްކާ!" އިބުރާހިމްބެ އެދުނެވެ. މޫސަ ދެ އަތަކަށް ބޯހޫރާލާފައި ފައި ދެއްކި އެވެ. އިބުރާހިމްބެ ފައިގަ ތެޔޮދަމަން ފެށިއެވެ. "މިފަހަރު ފަޔާ ގުޅިފަ އޮންނަ ނާރުގެ ބައި ނެތީ؟" މޫސަ އެހިއެވެ. "ކޮން ނާރެކޭތޯ؟" މޫސަ ކިޔާ އެއްޗެއް އިބުރާހިމްބެއަކަށް ނޭނގެ އެވެ. "މޫސަ! ސާބަހޭ!" ސައީދާ ކުޑަކޮށް ހިނިއައިސްފައި ބުންޏެވެ. "ސައީވެސް މަށަށްތަ ސާބަސްދޭންވީ؟" މޫސަ ބުންޏެވެ. "މީނައޭ ހަމަ ކުރިން އެހެން ވެސް ބުނީ". އިބުރާހިމްބެ ގާތަށް އެ ފަހަރު ހިނި އައެވެ. އޭނަވެސް ހީކުރީ މޫސަ ސަމާސާކުރަނީ ކަމަށެވެ. "މިހާރު މީނަ ކޮންހުނުމެއް މި ހެނީ؟" މޫސަ ބުންޏެވެ. "މީ އެއްދުވަހުން ނިމޭ ކަމެއްތަ؟" "މި ފަޔަކު ނެތް މާބޮޑު އަނިޔާއެއް. މޫދަށްގޮސް ވެލި މޮޑެލައްޗޭ. ރަގަޅީ ހެނދުނާ ހަވީރުވެސް ވެލި މޮޑެލިއްޔާ!" އިބުރާހިމްބެ ވަރަށް ގަޔާވެލާފައި ތެޔޮދަމަމުން ގެންދިޔައެވެ. "ހިއެއް ނުވޭ މާގިނަ ފަހަރަކު ތެޔޮދަމަން ޖެހޭނެހެނެއް." ސައީ ކޮތަޅުން ލޯގަނޑު ނަގައިގެން ގޮސް، ސިޓިންރޫމުގައި ބެހެއްޓިއެވެ. އަދި، ލޯގަނޑަށް ބަލަހައްޓައިގެން ހުއްޓެވެ. ގުރުއާން ކަލިމަތަކުގެ ބާރާމެދު، ސައީދާގެ ހިތުގައި އެއްވެސް ޝައްކެއް ނުއުފެދެއެވެ. އެހެންނަމަވެސް، އެފަދަ ކަމެއް ތަޖްރިބާކުރާކަށް ސައީދާ ބޭނުމެއް ނޫނެވެ. އުންމިދަކީ، ކުރަން އައި ކަންތައް ކާމިޔާބުކުރުމަށްފަހު މާލެ ދިއުމެވެ. ޖެހިގެން އައި ދުވަހެވެ. އަވިގަދަ، ވައިމަޑު ދުވަހެކެވެ. ތަންކޮޅެއް ކުރިން ހޭލައިގެން، ސައި ތައްޔާރުކޮށް، ސައިބޮއިގެން، މެންދުރުގެ ގަދަ ހޫނު ބިމަށް ފޯރުމުގެ ކުރިން، މޫދަށް ދިއުމަށް ސައީދާ ވަނީ ރާވައިފަ އެވެ. އެހެންނަމަވެސް ކުދިކުދި އެހެން ކަންތައްތައް ދިމާވުމާއެކު، ސައިބޯން އިށީނދެވުނުއިރު ވެސް ނުވައެއްޖަހައިފި އެވެ. "އުނދުން އަދިވެސް ޖެހޭނީ ސާފުކުރަން،" ސައީދާ ބުންޏެވެ. "އެހެން ނޫނީ ފެންކައްކާ ކަހަލުގެ ނަރުގަނޑެއް ހޯދަންވީ" "އާނ އޭރުން ވަރަށް ފަސޭހަވާނެ." މޫސައަށް އެގޮތް ކަމުދިޔައެވެ. "ހާދަހާ މީރޭ މި މަސްހުނި. ކިހިނެއް ސައީ މަސް ހޯދީ؟ ހެނދުނުހެނދުނާ މާމަ އަށް އުދަގޫކުރީ ދޯ؟" "އަހަރެން ސައިހަދަން އުޅެނިކޮށް ކުއްލިއަކަށް ހިތަށް އެރީ ރޮއްޓާ މަސްހުންޏާއޭ ކަނީ. މާމަ ހުރީ ހުނި ގާނާފައި. އެންމެ މީރު ކަހަލަ ވަޅޯ މަސް ވެސް މާމަ އަތުގަ ހުރި. އުނދުން ބެސްޓު ނަމަ، މާކުރިން ސައި ރެޑީ ކުރީމުސް. "ސައީދާ ޔަގީންކަމާ އެކުގައި ބުންޏެވެ. "ދެން ހިނގާ އަވަހަށް މޫދަށް ދަމާ." ވެލިމޮޑުމަށްޓަކައި މޫދަށް ދާން އެމީހުންނަށް ނުކުމެވުނު އިރު މެންދުރު 11 ޖަހައިފި އެވެ. ކުރީދުވަހު ތެޔޮ އުނގުޅުމުގެ ސަބަބުން، މޫސަގެ ފަޔަށް ވަނީ ވަރަށް ބޮޑު ލުއިކަމެއް ލިބިފަ އެވެ. އެއީ މޫސަގެ އުންމީދު އާވި ކަމެކެވެ. ކުރަން އައި ކަންތަކުގެ ނަތީޖާ، އެހާ އަވަހަށް ރަނގަޅުވާން ފެށުމުން ސައީދާގެ އުންމީދުވެސް އާވި އެވެ. ހިތްހަމަޖެހިގެން ދެމަފިރިން ސަމާސާކުރަމުން ގެއިން ނުކުތްއިރު، އަދާޔާޚިލާފު އެއްވެސް ކަމެއް އެ މީހުންނަކަށް ފާހަނގައެއް ނުކުރެވެއެވެ. އެކަމަކު، ސިޓިންރޫމުގައި ސައީދާ ބެހެއްޓި ލޯގަނޑު އެ ތަނަކު ނެތެވެ. މާލެއާ ޚިލާފަށް ރަށްފުށުގައި ކުރެވޭނެ މާގިނަ ކަންތައްތަކެއް ނޯވެއެވެ. ހަވީރު ވަގުތު ސައީދާ އާއި މޫސަ ތިބީ ބަށިކުޅޭތަން ބަލާށެވެ. އިރުކޮޅެއް ނުވަނީސް މޫސަ ފޫހިވެއްޖެ އެވެ. "ހިނގާ ހިނގާލަން ދަމާ!" މޫސަ އެދުނެވެ. ބަށިކުޅޭތަން ބަލަން ހުންނަން ސައީދާ ބޭނުމެވެ. އެކަމަކު، މޫސަ ފޫހިވެގެން އުޅޭތީވެ ހިނގާލަންދާން އެއްބަސްވި އެވެ. ކެމެރާ ނުލައި ގެއިން ނުކުމެވުނުކަން އެނގުނުއިރު، ރަށުގެ ސަހަރާއާ އަރައި ހަމަވަނީ އެވެ. އެ ހިސާބަކީ، އަންމު ގޮތެއްގައި ފަޅުކޮށް އޮންނަ ސަރަހައްދެކެވެ. "އަޅެ ކެމެރާ...." ސައީދާ ބުންޏެވެ. "މަ އޭރުވެސް ބުނިން ފޮށިން ނަގައިފައި ބާއްވާށޭ، އެހެންނޫނީ ހަނދާނެއްނުވާނޭ،" މޫސަ ބުންޏެވެ. " ދެން އަޅައިނުލާ. މާދަމާ އަލުން ކެމެރާހިފައިގެން ނުކުންނާނީ." "އަޅެ އަހަރެން ބޭނުން ކެމެރާ ހިފައިގެން ދާން." ސައީދާ ކުސްތަޅަން ފެށިއެވެ. "އަޅެ ޕުލީޒް!" "ދެން ނުކުރާނެ ކުރެއް." މޫސަ ބުންޏެވެ. "ސައީ މަޑުކުރޭ. އަހަރެން އަންނާނަން ކެމެރާ ހިފައިގެން." މޫސަ ދުއްވައިގަތެވެ. ސައީދާ މަޑުކޮށްލައިގެން ހުރީއެވެ. ހުރެވުނީ ގަބުރުސްތާނެއްގެ ކައިރީގައިކަން ސައީދާއަށް ރޭކާލިއިރު، މޫސަ ފެންނާކަށް ނެތެވެ. އެ މަގުގައި، ސައީދާ ނޫން އެހެން މީހަކު ނެތެވެ. ފަޅުވެގެން ވީރާނާ ވެފައިވާ ދެތިން ގެއެއް ހުއްޓެވެ. އެގޭގައި ހެދިފައިވާ ބިޔަ ގަސްތަކުގެ ސަބަބުން، ތަނަށް ވެރިވެފައިވަނީ އިތުރު ފަޅުކަމަކާއި ނާމާންކަމެކެވެ. އެކަނި ހުންނަން ޖެހުމުން، ބޭކާރު ވަހުމްތަކާއި ފިކުރުތައް ސައީދާ ސިކުޑިއަށް ތޮއްޖެހެން ފެށި އެވެ. އެފަދަ ފިކުރުތަކާއި ދުރަށްދާން މަސައްކަތް ކުރި ވަރަކަށް، ފިކުރުތައް ހައްތަހާ ދިޔައީ އިތުރު ވަމުންނެވެ. ރާނައިފައިވާ ތިރި ފާރުބުރި މަތިން، ގަބުރުސްތާނުގައިވާ މަހާނަގާތައް ފެންނަން ހުއްޓެވެ. އެ ދިމާއަށް ވެސް ނުބަލަން އުޅުނުވަރަކަށް ހައްތާ ބެލެނީއެވެ. ހިތަށް އެރިއެވެ. ގަބުރސްތާނުގައި ރޫހު އުޅޭނެ ހެއްޔެވެ؟ އެއީ، އިންސާނުންގެ ލޮލަށް ފެންނަ އެއްޗެއް ހެއްޔެވެ؟ މޫސަ އާދޭތޯ މަގަށް ބަލައިލާފައި ދެން ގަބުރުސްތާނަށް ބަލައިލިއިރު، ހުދު ހެދުމެއްގައި ހުރި އަންހެންކުއްޖަކު ހިނގާފައި ދަނިކޮށް ފުރަގަހުން ސައީދާއަށް ފެނުނެވެ. ކުއްލިއަކަށް ކައިރީގައި ހުރި ގަހަކުން ވާލެއް ހޭރިގަތް އަޑު އިވުނެވެ. ސިއްސައިގެން ގޮސްފައި ސައީދާ އެދިމާއަށް ބަލައިލައިފައި، އަލުން ގަބުރުސްތާނަށް ބަލައިލިއިރު، އެ އަންހެން ކުއްޖާ ހުރީ ސައީދާގެ މޫނުޖެހޭހާ ހިސާބު ކައިރީގަ އެވެ. އޭނާ ހުރިލެއް ކައިރިކަމުން، އޭނާގެ މޫނު ވަކިކުރަންވެސް ސައީދާ އަށް ނޭނގޭހާ ކައިރީގަ އެވެ. ހަމަ އެ ވަގުތު މޫސަ ގޮވާލި އަޑު އިވިގެން ބަލައިލިއިރު، މަގުގެ ތަންކޮޅެއް ދުރުން މޫސަ ދުވެފައި އަންނަތަން ފެނުނެވެ. ދެން ގަބުރުސްތާނަށް ބަލައިލިއިރު، ފަޅުކަން ފިޔަވައި އެކައްޗެއް ވެސް އެތަނަކު ނެތެވެ. ވީއިރު، ކުރިން އެ ފެނުނީ ކޯންޗެއް ހެއްޔެވެ؟ އެއީ، ހީވިގޮތް ހެއްޔެވެ؟ "ހިނގާ!" ކައިރިއަށް އައިސް، މައިނޭވާ ލެވިފައި މޫސަ ބުންޏެވެ. "އަވަހަށް އަންނަން ހަދައިގެން މުޅިން ވަރުބަލިވެއްޖެ!" ސައީދާ ހިނގައެއް ނުގަތެވެ. މޫސައަށް ބަލަހައްޓައިގެން ހުރީ އެވެ. "ކިހިނެއްވީ؟" މޫސަ އެހި އެވެ. "ކަމެއް ނުވޭ! ހިނގާ!" ސައީދަ އެހެން ބުނެފައި ހިނގައިގަތެވެ. ދަންވަރުގެ ވަގުތެވެ. މޭޒުމަތީގައިހުރި ސޯނާގަޑީގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެ އެވެ. ޖެހިލި ވައި ރޯޅިއަކާއި އެކުގައި، ފުރާޅުމަތީގައި ހުރި ހިކި ފަތްތައް ވަޔާ ބުރުއްސައިލި އަޑު އިވުނެވެ. ކޮޓަރިގައި ދިއްލައިފައިވާ ބޮކީގެ ފަނޑު އަލި، އިތުރަށް ފަނޑުވި ކަހަލައެވެ. މޫސަ އާއި ސައީދާ ތިބީ ނިދައިފަ އެވެ. ކުއްލިއަކަށް ސައީދާގެ ލޯ ތަންމިނަށް ހުޅުވައިލި އެވެ. އަދި ގަޔާވެފައި ހުރެގެން ސައީދާ ތެދުވި އެވެ. ----------- މި ވާހަކަ:(ނުނިމޭ) ޓައިޕްކޮށް ފޮނުވުން: އަލީ ނިޝާން އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (10)
![]()
...
ލިޔުނީ އަހްމަދު, 2011-10-21 15:41:42
"ދޯނިން ފައިބައިގެން އައިއިރު، އިބުރާހިމްބެގެ ކޮޑުގައި ކުރިން އޮތް ދަބަހެއް ނެތެވެ." އެކަމަކު ދަމުން ދިޔެއީ ދަބަސް ހިފައިގެން. މައްސަލައެއްނެއް. ރޫހެއްކަމުގައިވިޔަސް ނާޒިމާއަކީ އާދައިގެ ރޫހެއްނޫން.
...
ލިޔުނީ aish, 2011-10-23 17:00:33
ވަރަށް ސަޅި. އަނެއް ބަޔަށް އިންތިޒާރުކުރަން. އަވަހަށް އަޕްލޯޑްކުރެއްވުން އެދެން.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|