މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޚާދިމުގެ އަރާމާމެދު.... |
|
|
| ދިވެހި - ވާހަކަ | |||
| 30 އޮކްޓޫބަރ 2011، 00:02 އާދީއްތަ | |||
|
ޢަބްދުﷲ ޞާދިޤު އިސްލާމުންގެ އެންމެ ބޮޑު އެއް ވެރިޔަކު ކަމުގައިވާ ޚަލީފާ ޢުމަރުބުނު ޢަބްދުލްޢަޒީޒާ ބައްދަލުވުމަށް ރައްޓެއްސަކު އަތުވެއްޖެއެވެ. އޭނާގެ ނަމަކީ ރަޖާބިން ޙަޔާތެވެ. ސަރުކާރުގެ މަސައްކަތްތަކުން އަވަދިވެ ވަޑައިގެން، އޭނާ ގެންދެވީ، ޚަލީފާ ރޭގަނޑު އަރާމު ކުރައްވާ ކޮޓަރިއަށެވެ. ޚަލީފާގެ އަމުރުފުޅާ އެއްގޮތަށް، ޚާދިމުން، އެ މެހުމާނަށް ވެސް އެކޮޓަރި ކޮޅުގައި ތަންމަތި އަޅައިދިނެވެ. ޚަލީފާގެ ޚާއްޞަ ޚާދިމު، ކޮޓަރިކޮޅުގެ އެއް ކަނެއްގައި އިނެވެ. އެއީ، ޚަލީފާ އަވަހާރަލެއްޕެވީމާ ނިދާން ކަމަށެވެ. ނަމަވެސް ކަންދިމާވީ އެހެން ގޮތަކަށެވެ. އެ ދެބޭފުޅުން، ނުހަނު ގިނަ އިރު ވަންދެން ވާހަކަފުޅު ދައްކަވަން ތިއްބެވިއެވެ. މިހެން ތިއްބަވަނިކޮށް ޚާދިމު ގާތަށް ނިދި އަތުވެއްޖެއެވެ. އިރުކޮޅަކުން އޭނާ އެތާނގައި އިނދެ ނިދައިފި އެވެ. ކަން ދިމާވިގޮތުން ކޮޓަރި ކޮޅުގައި ހުރި ބައްތީގެ ތެޔޮ ހުސްވެއްޖެ އެވެ. ޚަލީފާއަށް މިތަން ފެނިވަޑައިގަތުމާއެކު، މިހެން ވިދާޅުވެފައި ތެދުވެވަޑައިގެންފިއެވެ. "ތެޔޮހުސްވީދޯއެވެ! ތެޔޮ އަޅަންވީތާއެވެ." ރާޖާބުނު ޙަޔާތު މި އަޑު އަހާފައި ޙައިރާންވެގެން ދެންނެވިއެވެ. "ސާހިބާއެވެ! ތެޔޮއަޅުއްވަން ތިޔަ އުޅުއްވަނީ ޚަލީފާތޯއެވެ؟ ތިޔަ ކަންތައް ކުރަންވާނީ ޚާދިމު ނޫންތޯއެވެ؟ އޭނާ ގާތުގައި ވިދާޅުނުވީ ކީއްވެގެންތޯއެވެ؟" ޢުމަރުބުނު ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. ޝައްކެއް ވެސް ނެތެވެ. މި ކަންތައް ކުރަންވާނީ ޚާދިމެވެ. އެކަމަކު، މިހާރު އޭނާ އެ އިނީ ނިދައިފައި ނޫންހެއްޔެވެ؟ އޭނާގެ އަރާމު ނަގައިލުމަކީ ރަނގަޅު ކަމެއްނޫނެވެ. ރަޖާ ދެންނެވިއެވެ. "އެހެންވިއްޔާ އަޅުގަނޑު އަތަށް ދެއްވާށެވެ. އަޅުގަނޑު ތެޔޮ އަޅައިލަފާނަމެވެ." ޢުމަރުބުނު ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. "ނޫނެކެވެ. މިކަންތައް ކޮށްލާނީ އަހަންނެވެ. މެހްމާނުންލައްވައި މަސައްކަތް ކުރުވުމަކީ، އުޞޫލާ ޚިލާފުކަމެކެވެ. ގޭގެ މަސައްކަތް ކުރަންވާނީ ގޭގެ ވެރިމީހާއެވެ." މިހެން ވިދާޅުވެފައި ޚަލީފާގެ އަތްޕުޅުން ބައްތިއަށް ތެޔޮ އެޅުއްވިއެވެ. ދެން ރަޙްމަތްތެރިޔާ ގާތު ވިދާޅުވިއެވެ. "އަޚާއެވެ! ތިޔަ އިނީ މިތަން ބަލަން ނޫންހެއްޔެވެ؟ ޔެތޮ އެޅުމުގެ ކުރިން ވެސް އަހަންނަކީ، ޢުމަރުބުނު ޢަބްދުލްޢަޒީޒެވެ. ތެޔޮ އެޅުމަށްފަހު ވެސް އަހަންނަކީ، ޢުމަރުބުނު ޢަބްދުލްޢަޒީޒެވެ. މި ވާހަކައިން އަހަރެމެންނަށް ލިބޭ ފިލާވަޅަކީ، އަހަރެމެންގެ ބޮޑެތި މީހުން އެމީހުންގެ ޚާދިމުންގެ އަރާމަށް ޚިޔާލުކުރަނީ ތިމާމެންގެ އަރާމަށް ޚިޔާލުކުރާ ފަދައިންކަމެވެ. ނުހަނު މަތީ މަޤާމުގައި ތިބުމާއެކުވެސް އަމިއްލަ އަތުން މަސައްކަތް ކުރުމަކީ އަބުރަށް ގެއްލުންވާ ކަމެކޭ ނުހިތާކަމެވެ. އަހަރެމެންނަށްވެސް އެރީތި މަގަށް ތަބާވާން ޖެހޭނެއެވެ. ހަޤީޤަތުގައި މަތިވެރި ކުރެއްވި މީހުން އެ ގޮތުގައި އެ ތިބެނީ އެ މީސްމީހުންގައި ހުންނަ މި ފަދަ މާތް ސިފަތަކުގެ ސަބަބުންނެވެ. ---------- (ނިމުނީ) ނޯޓު: މިއީ ޢަބްދުﷲ ޞާދިޤު ލިޔުއްވި "އިސްލާމީ ތާރީޚުން.... ތެދުވާހަކަ" މި ފޮތުން ނަކަލުކުރި ވާހަކައެއް
|
| ހަމަ މި ގަލަމުން |
|---|