މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޖުބޫރު ލޯބި (16) |
|
|
| ދިވެހި - ވާހަކަ | |||
| 19 ނޮވެމްބަރ 2011، 22:00 ހޮނިހިރު | |||
|
12 ނޮވެމްބަރު (ހޮނިހިރު) އާ ގުޅޭ.. ގައްދޫ މުޙަންމަދު ރަޝީދު މުޅިގެ އާގޮތަކަށް ބަދަލުކުރުވިއެވެ. ވަރަށްރީތިކޮށް ތަރުތީބުން އެއްޗެހިތައް ބެހެއްޓިއެވެ. ބެޑްރޫމް މީރުވަސްދުވާ މާމަލުން ފުރުވާލިއެވެ. ކޮޓަރި ހީވަނީ މަލުގެ ދާނެއް ހެންނެވެ. ކުލަކުލައިގެ މާބުރުތައް މަލުން ފޮނި ބުއިމަށްޓަކާ އެކޮޓަރި ތެރެއަށް ވަންނަމުންދާ ކަހަލައެވެ. ނޫކަލައާ އަޅިކުލައިގެ ވިލާތައް ކޮޓަރިއަށް ވަންނަމުންދާ ކަހަލައެވެ.
އަދި ވިލާތަކުގެ ފަހަތުން ކުލަކުލައިގެ އަވިކޮޅުކޮޅުވެސް ވަންނަމުން ދިޔައެވެ. މިނޫރުގެ ދަޅަތަކުގެ އިޙްސާސް ވަރަށް ހިތްއުފާ ކޮށްދެއެވެ. ލޯބިވެރިނަންނާ ލޯތްބަށް އެދޭމީހުންގެ ހިތުގެ ތެޅުން އަވަސްވެގެން ދާވަރަށް ފަޟާ ބަދަލުވެފާވެއެވެ. ރީތި އަދި އުފާވެރި ލޯތްބަކަށްޓަކައި ހިތްތައް ތެޅިގަންނާނެއެވެ. ރަތް ބޮކިތަކުގެ އިންތިޒާމުވެސް ވަރަށް ފުރިހަމައަށް ކޮށްފާވެއެވެ. އަދި ގޮތްގޮތަށް ޙަރަކާތްކުރާ ބޯގޮދަޑިއެޅި އެނދުވެސް ތައްޔާރުކޮށްލާފައިހުރީ ޖަޒްބާތުގައި ޝަބާބުގެ ފެންބޮވުމަށް ކެތްމަދުވެގެންދާ ފަދަ ގޮތަކަށެވެ. ޖަލާލީ ހުރީ ބެޑްރޫމް ތަޅުލާފައެވެ. ރައްޓެހިންނަކަށްވެސް ނުދައްކައެވެ. އޭނާއަށް ހީވަނީ އެންމެން އޭނާއަށް މަލާމާތްކޮށްފާނެ ހެންނެވެ. އިރުއިރުކޮޅުން އޭނާ ބިރުން ތުރުތުރު އަޅައިގަނެއެވެ. އެހެންކަމުން އޭނާ އެކޮޓަރި ތަޅުލާފައި ބެހެއްޓީއެވެ. [ޖަލާލީއެވެ. ދެން ތެދުވާށެވެ. ވަގުތު އައިސް ޖެހެނީއެވެ. އެއަރޕޯޓަށް ދާންވެސް ވަގުތު ބޭނުންވާނެއެވެ.] މަންސޫރު ފޫހިވެގެން އިނދެފައި ބުންޏެވެ. ]ކަލޭމެން އެންމެން ދާށެވެ.] ޖަލާލީ ގޮތަކަށް ނިންމާފައިވާ ރަގަކަށް ބުންޏެވެ. [ދެން ޖަލާލީ ހަދާނީ ކިހިނެއް ހެއްޔެވެ؟] [ކަލޭމެންނަކީ ހަމަ ޙަޤީޤީ ރަޙްމަތްތެރިން ކަމުގައިވާނަމަ އެތެދުވެރި ރަޙްމަތްތެރިކަމުގެ ބޭނުމަކީ މިއީކަމުގައި ހީކޮށްލާށެވެ.] ]ތިޔަބުނީ ޖަލާލީއާ ނުލާ އަހަރެމެން އަމިއްލައަށްގޮސް ޖަޔާ ގެންނަންވީ ހެއްޔެވެ.] [އާއެކެވެ. އަހަރެން ގޭގައި ހުންނާނަމެވެ. ހާސްނުވާށެވެ. އަހަރެން ފިލައިގެން ގޭން ނުކުމެން ނުދާނަމެވެ.] [ނުވިސްނިގެން މިއުޅެނީ ތިޔަދައްކާ ވާހަކައެކެވެ.] [ތާބުޝްއެވެ! މަތިންދާބޯޓުން ފޭބުމާއެކު އަހަރެން ފެނިފައި އޭނާ ބިރުގަތުމަކީ އަހަރެން އެދޭކަމެއް ނޫނެވެ.] [އެއްކަލަ ވާހަކައެވެ.] [ޙަޤީޤަތް ޤަބޫލުކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އެހެންނޫނީ އަހަރެންގެ އުފަލަށްޓަކައި އިޚްލާޞްތެރި ކަމާއެކު ކަލޭމެން ކޮށްދިން ހުރިހާކަމެއް ބޭކާރުވެގެން ހިނގައިދާނެއެވެ.] އެންމެން ހިމޭންވެއްޖެއެވެ. އެދައްކަނީވެސް މުޅިއަކުން ދޮގުވަހާކައެއް ނޫނެވެ. އެހެންނަމަވެސް އެވާހަކަ ޤަބޫލުކުރާކަށް އެއްވެސް މީހަކު އެއްބަހެއް ނުވިއެވެ. އިރުކޮޅަކަށްފަހު އެންމެން އެކަކު އަނެކަކަށް ބަލާލަމުން ހިހޫވާން ކައިރިވެފައިހުރި ކޮފަތަށިތައް ނަގާ ތުނބުގައި ޖައްސާލިއެވެ. ހިނދުކޮޅަކު ހިމޭނުން އިނުމަށްފަހު ޝަވާލީ ސާޅީގެ ކަންގަނޑު ކޮނޑުމައްޗަށް އެއްލަމުން ބުންޏެވެ. [ގެއަށް އައުމަށްފަހުގައިވެސް ތިޔަ ބިރުވެރިކަން އުފެދިދާނެއެވެ. މިހާރު ދެން ތިޔަ ބިރުވެރިކަމުން ޖަލާލީ ނުކުންނަން ޖެހިއްޖެއެވެ.] [ކަލޭމެން ހަމައެކަނި މިހިސާބަށް އޭނާ ގެނެސްދޭށެވެ. އޭގެ ފަހުގައި އަހަންނާ އަހަރެންގެ ތަޤްދީރުގެ މައްޗަށް ދޫކޮށްލާށެވެ.] ޖަލާލީ ސިގިރޭޓް ރޯކޮށްލަމުން ބުންޏެވެ. [ޖަލާލީ ގޮތެއް ދުލެއް ނުކުރީމުއެވެ. އެންމެ ރަނގަޅެވެ. އަހަރެމެން އެންމެން ހެޔޮހިތުން ޖަލާލީއަށް ކާމިޔާބު ޒަވާޖީ ޙަޔާތަކަށް އެދި ދުޢާކުރަމެވެ.] [ކަލޭމެންގެ އިޚްލާޞްތެރި ކަމާމެދު އަހަރެން ފަހަރެއްގައިވެސް ޝައްކެއް ނުކުރަމެވެ.] ޖަލާލީ ތާބުޝް އިށީނދެގެން އިން ސޯފާގެ ފުރަގަހަށް އައިސް ފާރުގައި ހަރުކޮށްފައިހުރި ކުރެހުމަށް ނަޒަރު ހުއްޓާލިއެވެ. [އެކަމަކު އަހަރެމެން ނާޖިޔާ ގާތުގައި ބުނާނީ ކީކޭހެއްޔެވެ. ހަމަގައިމުވެސްއޭނާ ހުންނާނީ އެއަރޕޯޓުން ޖަލާލީ ދުށުމުގެ އެދުމުގައެވެ.] މިސިޒް ތާބުޝް ބުންޏެވެ. [ކޮންމެވެސް ބަހަނާއެއް ހަދާލާށެވެ....... އެއްގޮތަކަށްވެސް އޭނާގެ ކުރިމައްޗަށް އަރާކަށް އަހަރެންގެ ހިތެއް ނޭދެއެވެ. ދެދުވަހަކު ގޭތެރޭގައި އުޅެ ގޭގެ ފަޟާއަށް ހޭނިލުމުން އަހަރެން........] [މާތްކަލާކޯއެވެ.] ޖަގޫ ލޯބާޑުކޮށްލާފައި ކުއްލިއަކަށް ބުންޏެވެ. [އެހެންވިއްޔާ ޖަލާލީ ތިންހަތަރުދުވަސް ވަންދެން އަމިއްލައަށް ގަނޑުފިއްލާކުޅެނީ ހެއްޔެވެ.] ޕްރާން ހީގަތެވެ. [މިހާރު އަހަރެންގެ ވާހަކަ ރަނގަޅަށް ބުނެފީމެއް ނޫން ހެއްޔެވެ. އޭނާ ގެނެސްދޭށެވެ. ދެން ހުރިހާކަމެއް އަހަރެންގެ ނަސީބުގެ މައްޗަށް ދޫކޮށްލާށެވެ. އަހަރެން ހުރިހާ ވާހަކައެއް މިސިޒް ހެރަލްޑަށް ކިޔާދީފީމެވެ.] [ހީވަނީ ހުރިހާ ޕްލޭނެއް ހަމަޖެހިފައިވާ ހެންނެވެ.] ]ތިޔަހެން ހީކޮށްލާށެވެ.] ]ވަރަށް ރަނގަޅެވެ. ކަލޭމެން ބުނަނީ ކީކޭ ހެއްޔެވެ.] ތާބުޝް ހުރިހާ މެހްމާނުންނާ ދިމާއަށް ބަލާލިއެވެ. [ހިނގާށެވެ. އެންމެ ރަނގަޅެވެ.] ގާތްގަނޑަކަށް އެންމެންވެސް ދިނީ މިޖަވާބެވެ.] [ކުއްލިއަކަށް ޖަލާލީ މަސައްކަތެއްގައި ޖެހުނީއޭ ނާޖިޔާ ގާތުގައި ބުނާނީއެވެ.] [އަދި.....] ޖަލާލީ، މަންސޫރުގެ ވާހަކަކޮޅު ދިގުކޮށްލަމުން ބުންޏެވެ. ދެތިން ދުވަހަށް ބޭރަށްދާން ޖެހުނީއެވެ.] [ގޭގައިވެސް ނުހުންނަން ޚިޔާލުކުރަނީ ހެއްޔެވެ؟] [އާއެކެވެ.] [އޭނާ އެކަނި އިންނަން ޖެހުމުން ފިކުރުބޮޑުވާނެ ނޫން ހެއްޔެވެ؟] [މިސިޒް ހެރަލްޑަކީ ފުދޭވަރެއްގެ ހުޝިޔާރު އަންހެނެކެވެ.] ޖަލާލީ ފުރަތަމަފަހަރަށް ހީލިއެވެ. [އަހަރެންވެސް ގޭގައި އުޅޭނަމެވެ.] [އަޖައިބެއް ކަހަލަ އަރަތެކެވެ.] [އަހަރެންގެ މަޤާމުގައި މަންސޫރު ހުރިނަމަވެސް ކަންކުރާނީ މިގޮތަށް ކަންނޭގެއެވެ.] އެކަކު އަނެކަކަށް ތުންތަޅުވަން ފަށައިފިއެވެ. ޖަގޫ އާއި ޝަވާލީ، ޖަލާލީގެ ވާހަކައަށް ތާއީދުކުރިއެވެ. [އެއްގޮތަކަށްވެސް ހަމަކުއްލިއަކަށް ޖަޔާގެ ކުރިމައްޗަށް ޖަލާލީ އެރުމަކީ ރަނގަޅުކަމެއް ނޫނެވެ. [ގެއަށް އައުމުން މަޑުމަޑުންގޮސް ޖަލާލީއާ ރުހިދާނެއެވެ.] [މިއަދަކުވެސް ޖަލާލީ ހުތުރެއް ނޫނެވެ.] [ޖަގޫއެވެ. އެފަކީރު މިއަދު އެހުންނަނީ ވަރަށް ހުތުރު ސިފައެއްގައެވެ.] [އަންހެން ކުއްޖާ ޖަލާލީއާމެދު ހިތްހަމަ ނުޖެހިއްޖެއްޔާ ޔޯއެވެ.] [ޖެހިލުންވަނީ ތިޔަކަމާ މެދުގައެވެ. ޖަލާލީ ފިކުރުކުރަނީ ތިޔަ މައްސަލައިގައެވެ. މިހާރު ދެން ހަމަ ޙަޤީޤަތުގައިވެސް ޖަލާލީ ދޫކޮށްލާފައި އަހަރެމެން ދާންވެއްޖެއެވެ. ކޮންމެއަކަސް މިސިޒް ރަފީޤު ބުނެފައިވާ ފަދައިން އަންހެން ކުއްޖާގެ މާލީޙާލަތު މާކަރަނގަޅެއް ނޫނެވެ. ވީމާ ކޮންމެ ގޮތެއްވިޔަސް އޭނާ މިތާނގައި ހުންނަން މަޖްބޫރު ވާނެއެވެ.] [އާއެކެވެ........] މިސިޒް ތާބުޝްއާއި މަންސޫރު އަދިވެސް އެއްފަހަރު އެމީހުނާއެކު ޖަލާލީ ދިއުމަށް މަޖްބޫރު ކުރިއެވެ. [ޖަލާލީ ނުދިއުމަކީ މޮޔަކަމެކެވެ.] [ނާޖިޔާގެ ހިތުގައި ކުށްހީވެސް އުފެދިދާނެއެވެ.] [މާތްރަސްކަލާނގެ ތިޔަފަދަގޮތެއް މެދުވެރި ނުކުރައްވާށިއެވެ.] [ހަމަގައިމުވެސް ފައުޒިއްޔާއަކީ ތިޔަހާ މޮޔަ އަންހެނެއްނޫނެވެ. އޭނާ ޖަލާލީއާބެހޭ ހުރިހާ ވާހަކައެއް އޮންނާނީ ނާޖިޔާއަށް ކިޔާދީފައެވެ.] [ތިޔަ ހުރިހާކަމެއް އެހާއަވަހަށް ހަމަޖެހުން އެއީ ކުޑަމައްސަލައެއްނޫނެވެ. އަހަރެން ދެކޭގޮތުގައި އެގޭމީހުންނަށް ކަމުގެ ތަފްޞީލާ ހަމައަށް ދިއުމާމެދު ނުވިސްނުނީއެވެ. ފައުޒިއްޔާއަށްވެސް ހުރިހާ ތަފްޞީލެއް ކިޔާދިނުމުގެ ދަނޑިވަޅެއް ނުލިބޭނެއެވެ. ކޮންމެއަކަސް ގޭގެ ޙާލުހުރިގޮތް ރަނގަޅަށް އެބައެނގޭ ނޫން ހެއްޔެވެ.] [ހިނގާށެވެ. ހުރިހާ ކަމެއްވެސް ދިމާވާނީ ރަނގަޅަށެވެ. އަންހެން ކުއްޖާއަކީ ރަނގަޅު ޢާއިލާއެއްގެ މާތް އަންހެން ކުއްޖެކެވެ. އޭނާގެ މަޖްބޫރީއަކީ ޣަރީބުކަމެވެ. ޖަލާލީގެ މަޖްބޫރީއަކީ ހުތުރު ސިފައެވެ. މައްސަލަ ހަމަޖެހުނީއެވެ. ދެކޮޅު ހަމަހަމަވީއެވެ.] [އަވަހަށް ހިނގާށެވެ. ގަޑި ޖެހެނީއެވެ.] [ހިނގާށެވެ...........] ތާބުޝް އެންމެން ގާތުގައި ދާންބުނެފިއެވެ. އަދި އެންމެންވެސް ވިދާ ބަބުޅާ ހެދުންތައް ރީތިކުރަމުން ތެދުވެއްޖެއެވެ. ކޮންމެ މީހަކުވެސް ލޯގަނޑު ކުރިމައްޗަށް އަރާ ބަލާލާފައި ހިތްހަމަ ޖައްސާލައިގެން ބޭރަށް ނުކުމެއްޖެއެވެ. ތިންހަތަރު ކާރު ފައްޗަކަށް ދަތުރުކުރަނީއެވެ. ޖަލާލީގެ ކާރުގައި ތިބީ މިސިޒް ހެރަލްޑްއާއި ޖެކްސަންއެވެ. މިކޮޅަށް އަންނައިރު ދުއްވަން އިންނާނީ މަންސޫރެވެ. ދުލްހަންއާއެކު ތިން އަންހެނުން ތިބެން ޖެހޭނެއެވެ. އެމީހުން ދިއުމުން ޖަލާލީ ލިވިންގރޫމަށް އަތުވެއްޖެއެވެ. ހިނދުކޮޅަކު ސިނގިރޭޓް ބޮމުން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ދެން އަނެއްކާވެސް އެކޮޓަރިއަށް އަތުވެއްޖެއެވެ. ދެން ދެވަނަ ތިންވަނަ ކޮޓަރިއަށެވެ. އަނެއްކާވެސް ލިވިންގރޫމަށް އައިސް ބަޓަނަކަށް އޮބާލައިފިއެވެ. ކޮޓަރި މަޑުމަޑުން އެނބުރެން ފަށައިފިއެވެ. ޖަލާލީ ރީތި ގޮނޑިއަކަށް ވެއްޓިގަތެވެ. ކޮޓަރިއަށްވުރެ ބޮޑަށް އޭނާގެ ސިކުނޑި އެނބުރެމުން ދިޔައެވެ. މަތިންދާބޯޓު ޖައްސާގަޑި ކައިރިވަމުން އައިވަރަކަށް އޭނާއާ ޤިޔާމަތުގެ ވަގުތު ކުރިމަތިވަމުން އަންނަ ކަހަލައެވެ. ހިތް ބޭއިޚްތިޔާރުގައި ތެޅެމުން ދިޔައެވެ. އަތްފައިން ލޮނުދާ ހިއްލަމުން ދިޔައެވެ. ބިރުވެރި ކަމެކެވެ. އަދި އެއާއެކު ޝައުޤުވެރި ކަމެއްވެސް މެއެވެ. ދެވައްތަރުގެ ޖަޒްބާތުތައް ލާމެހިފާވެއެވެ. ބައެއް ފަހަރު ފަޟާގައި އުދުހެމުންދާ ކަމުގައި އޭނާއަށް ހީކުރެވެއެވެ. އަދި ބައެއް ފަހަރު ކަނޑުގެ އެންމެ އަޑީގައި ބަރުހިލައެއް ފަދައިން އިށީނދެވިފައިވާ ކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ....... ކޮންމެއަކަސް ޖަލާލީގެ ފުރާނައޮތީ މިކަންތައްތަކުގެ ވަކިދަށުގައިތާށިވެ ހައްޔަރުވެފައެވެ. ************************ ފައުޒިއްޔާ ޣައިރު ޙާޟިރުގައި އެންމެންގެ ތަޢާރަފް ކޮށްދިނެވެ. ހުރިހާ މީހުންގެ އާދަކާދައާ ސިފައާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ. އެހެންކަމުން ޖަޔާ އެއަރޕޯޓަށް ފައިބާފައި ފަހަރެއްގައިވެސް މިހުރެވެނީ ބޭރު ހިލޭ ބައެއްގެ ތެރޭގައި ކަމެއް އިޙްސާސެއް ނުކުރެވުނެވެ. ކޮންމެ މޫނަކީ ދެކެފަރިތަ މޫނެއްކަހަލައެވެ. އޭނާހުރީ ވަރަށްބޮޑަށް ލަދުންނެވެ. އިސްތިޤްބާލު ކުރަމުންދާ މީހުންގެ މޫނަށް ސިއްރުން ބަލަމުން ގެންދިއެވެ. އޭނާގެ ލޯ އެހޯދަނީ ޖަލާލީ ނޫންކަމެއްވެސް ނޭނގެއެވެ. ޖަލާލީ......... އެމޫނެވެ. ފޮޓޯގެ އެހީގައި އޭނާގެ ސިކުނޑި ހަލުވާލާފައިވާ މޫނެވެ. އޭނާއަށް އެމޫނު ވަތްކެއްނުކުރެވުނެވެ. އެއަރޕޯޓަށް އޭނާބަލާ އައިސްތިބި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މޫނު އެމޫނަކާ ނުގުޅެއެވެ. އެކަމަކު އެއްވެސް މީހަކާ މިކަމާބެހޭގޮތުން ސުވާލެއް ކުރާކަށްވެސް ނުކެރުނެއެވެ. [ޖަލާލީ ކޮބައި ހެއްޔެވެ.] ފައުޒިއްޔާ އޭނާގެ ކުދިންގެ ގައިގައި ފިރުމަމުން މިސިޒް ތާބުޝްއާ ސުވާލުކުރިއެވެ. [މުހިންމު ކަމެއްގައި ތާށިވީއެވެ. އޭނާއަށް އާދެވޭގޮތެއް ނުވިއެވެ.] މިސިޒް ތާބުޝް އެއްޗެކޭ ބުނުމުގެ ކުރީގައި ޝަވާލީ ބުންޏެވެ. އެއާއެކު ޖަޔާގެ ލޮލުގައި ޙައިރާންކަމެއް އުފެދުނެވެ. ފައުޒިއްޔާވެސް ސިހިއްޖެއެވެ. އޭނާ ލޮލުގެ އިޝާރާތުން މިސިޒް ތާބުޝްއާ ސުވާލުކުރިއެވެ. [ހުރިހާ ކަމެއްވެސް ރަނގަޅެވެ.] އަތުގެ އިޝާރާތުން ތާބުޝް ބުންޏެވެ. [އޭނާ ނައީ ކީއްވެގެން ހެއްޔެވެ؟] ފައުޒިއްޔާ އެއްފަރާތަކަށް ޖެހިލާފައި ވައިއަޑުން ބުންޏެވެ. ތާބުޝް އަވަސް އަވަހަށް ހުރިހާ ވާހަކައެއް ކިޔާދީފިއެވެ. [ޖަލާލީ އެކުރީ ކުށެކެވެ.] ފައުޒިއްޔާ ވިސްނުމުގެ ތެރޭގައި ހުރެގެން ބުންޏެވެ. [ފައުޒިއްޔާ ނާޖިޔާ ރުއްސަން ހެދީ ކިހިނެއް ހެއްޔެވެ.] [ހުރިހާކަމެއްވެސް އޮތީ ރަނގަޅަށެވެ. އެކަހަލަ އަންހެން ކުއްޖަކު ގޭގެ ޙާލަތު އިޙްސާސްކުރާނަމަ އަމިއްލައަށް އެޖެސްޓް ވާންޖެހޭނެއެވެ. އަނެއްކޮޅުން ބަލާއިރު އެފަކީރު މިހާރު އެހެރީ ޖަލާލީގެ އިޙްސާންތެރިކަމުގެ ދަށުގައެވެ. އޭނާ ޖަޔާގެ މުޅި ޢާއިލާ އުފާ ކޮށްދީފިއެވެ.] [ހަމަ ރަނގަޅަށް ހެއްޔެވެ؟] [އާނއެކެވެ.] [ޝުކުރުހުރި ކަމެކެވެ. އަހަރެން މިހުންނަނީ ތިޔަކަމާމެދު ވަރަށް ފިކުރު ބޮޑުވެފައެވެ.] [ދެންވާނީ ކޮންކަމެއް ހެއްޔެވެ. އަންހެން ކުއްޖާއަކީ ވިސްނުންތޫނު ކުއްޖެކެވެ. ދުނިޔޭގައިވާ އެންމެނަކީ ރީތި މީހުނެއްނޫނެވެ. ދުނިޔޭގައި ހިތްއެދޭ އެހެނިހެން ކަންތައްތައްވެސް އެބަހުއްޓެވެ.] [އާއެކެވެ. ތިޔައީ ތެދެކެވެ.] [ޖަލާލީ ހަމައެއްވެސް ކަމަކާނުލާ މޮޔަގޮވަނީއެވެ.] [ދެންއެންމެ ރަނގަޅެވެ. އޭނާވެސް އޭނާގެ މަޤާމުގައި، ރަނގަޅުގޮތް ވިސްނާނެ ކަންނޭގެއެވެ. އަހަރެމެން ޖަޔާ ގޮވައިގެން ގެއަށް ދާންވީއެވެ. ކުރިއަށް އޮތްތަން ދެނެވޮޑިގެންވާނީ މާތްރަސްކަލާނގެއެވެ.] [އަހަރެން މިހުންނަކީ ދެފަރާތުގެ ޒިންމާ ބޮލުގައި އަޅައިގެންނެވެ.] [ޖަޔާ ގެއަށް ގެންދިއުމުން ފައުޒިއްޔާގެ ޒިންމާ ދެފަރާތުންވެސް ނިމުނީއެވެ.] އެދެމީހުން އެއްފަރާތެއްގައި ސިއްރު ވާހަކައިގައި ޖެހިފާ ތިއްބެވެ. ޝަވާލީ، ޖަގޫ، ޕްރާން، ރަފީޤާއި އެހެން މީހުން ޖަޔާ ވަށާލާފައި ތިއްބެވެ. އެންމެނަށްވެސް ޖަޔާ ވަރަށް ރީއްޗެވެ. އެވަގުތު އޭނާ ހުރީވެސް ވަރަށް އާދައިގެ ސާޅީއެއްގައެވެ. ހަމަ އާދައިގެ މޭކަޕެކެވެ. ހުރިހާ ގަހަނާ އެއްވެސް ނާޅައެވެ. އެކަމަކުވެސް ވަރަށް ރީއްޗެވެ. އަލަތު އަނބިންގައި ހުންނަ ތަބަޢީ ލަދުވެތިކަން އޭނާގެ މޫނު މައްޗަށްވެސް ވެރިވެފައިވެއެވެ. އޭނާ އެހުންނަނީ ލަދުންކުރާނެ ކަމެއް ނޭގިފައެވެ. އިސްއުފުލާލުމާއެކު އިސްޖަހާލައެވެ. އެކިއެކި ވާހަކައިން މޫނު ރަތްވެގެންދެއެވެ. ލޮލުގައި މަސްތުކަން ނަށަމުން ދެއެވެ. އެންމެން އެކިގޮތްގޮތަށް އޭނާއާ ސަމާސާކުރަމުން ދަނީއެވެ. އެކަމަކު ކޮންމެ މީހަކުވެސް ތިބީ ބިރުން ވިރިވިރިއެވެ. ޖަލާލީފަދަ އިންސާނަކާ ޖަޔާފަދަ ރީތި އަންހެން ކުއްޖަކު ގުޅޭނެ ބާވައެވެ. ނުވަތަ ނުގުޅޭނެ ބާވައެވެ. އެކަމަކު............ މިއީ އެއްގޮތަކަށްވެސް މިހާ ދިގުކޮށް އެމީހުން ވިސްނަންވީ މައްސަލައެއް ނޫނެވެ. މިކަމަކީ މިހާރު ޖަޔާއާ ޖަލާލީގެ އަތުގައި އޮތް ކަމެކެވެ. ނުވަތަ ތަޤްދީރާ ޙަވާލުކުރެވިފައިވާ ކަމެކެވެ........ އެންމެން ހުނުމާ މަޖަލުގައި މަޝްޣޫލު ވެގެން ތިއްބެވެ........ އާ އެކުވެރިއަކު ލިބުނީތީއެވެ. އެނާ އައުމަކީ އުފާކުރަންޖެހޭ ސަބަބެކެވެ. [އަސްތާއެވެ! ދެން ތިޔަގޮތަށް ލަދު ނުގަންނާށެވެ. މިތާކު ޖަލާލީއެއް ނެތެވެ.] ޝަވާލީ ހީނލާފައި ބުންޏެވެ. ޖަޔާގެ މޫނުކުޑަކޮށް މިލައިގެން ހިނގައްޖެއެވެ. އުދާސް ނަޒަރަކުން އޭނާ ވަށައިގެން ތިބި މީހުންނަށް ބަލާލިއެވެ. މިހުރިހާ މީހުން ވަށާލާފައިވާ އިރުވެސް އޭނާއަށް އިޙްސާސް ކުރެވެމުން ދަނީ އެކަނިވެރި ކަމެވެ. ----------- (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|