މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޖުބޫރު ލޯބި (23) |
|
|
| ދިވެހި - ވާހަކަ | |||
| 17 ޖެނުވަރީ 2012، 00:42 އަންގާރަ | |||
|
ގައްދޫ މުޙަންމަދު ރަޝީދު [ޖަޔާއެވެ.... ނާޖިޔާއެވެ....] ޖަލާލީގެ ނޭވާ އަވަސްވާން ފަށައިފިއެވެ. އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ޖަޔާގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލިއެވެ..... އެވަގުތު އޭނާގެ ހޫނު ތުންފަތް ޖަޔާގެ މޫނާ ކައިރިކޮށްލަން އުޅުނު ވަގުތު ޖަޔާ ސަލާމަތްވުމުގެ ގޮތުން ދެފަރާތަށް ބޯހޫރަން ފަށައިފިއެވެ.އަދި މިކަމުގެ ތެރޭގައި އޭނާގެ ލޯވެސް ކުޑަކޮށް ހުޅުވިއްޖެއެވެ. ޖަލާލީގެ މޫނަށް ބަލާލެވިއްޖެއެވެ. އަދި..... ދެން..... ލޯމަރާލާކަށް ހަނދާނެއްނުވިއެވެ. ލޯބޮޑުވަމުން ދިޔައެވެ. ފަޅައިގެން ދާވަރަށް ބޮޑުވެއްޖެއެވެ. އޭނާގެ މޫނު ހުދުވެއްޖެއެވެ. އަވަސް އަވަހަށް އަނގަމަތީގައި އަތް އަޅައިފިއެވެ. އެކަމަކު..... އިޙްތިޔާރަކާނުލައި..... ބިރުން ފުރިފައިވާ..... ހަޅޭކެއްގެ އަޑު އޭނާގެ އަނގައިން ނިކުމެއްޖެއެވެ. މިއީ ކޮންކަހަލަ ހަޅޭކެއްކަމެއް ޖަލާލީއަކަށް ނުވިސްނުނެވެ. ކީއްވެގެންކަމެއް ނޭގުނެވެ. އެކަމަކު ޖަޔާ ތުރުތުރު އަޅަންފެށުމާ، މޫނުގައި ދެއަތް އަޅައިގެން ތެޅިފޮޅެން ފެށުމުން މުޢާމަލާގެ ވައްތަރު އޭނާއަށް އިޙްސާސް ކުރެވިއްޖެއެވެ.... ބޭއިޚްތިޔާރުގައި ޖަޔާއަށްވުރެ ބާރަށް ހަޅޭލަވައި ގަތުމަށް އޭނާގެ ހިތަށް އެވަގުތު އެރިއެވެ. ގޭގެ ފާރުތައް ރޫރޫ އަޅައިގަންނަ ވަރަށެވެ. އުޑުފަޅައިގެން ދާވަރަށެވެ. ބިންގަނޑު ކުދިކުދިވެގެން ދާވަރަށެވެ. ޖަޔާ ހަޅޭލަވަމުންގޮސް ވަރުބަލި ވެއްޖެއެވެ. ލޯމެރިއްޖެއެވެ. އަނގަ ލެއްޕިއްޖެއެވެ. ޖަޔާ ހޭނެތިއްޖެއެވެ. ޖަލާލީގެ ހިއްސުތައް ޖަވާބުދީފިއެވެ. ކުރައްވީ ކީއްކަމެއް އޭނާއަކަށް ނުވިސްނުނެވެ. އޭނާއަށް ހީވީ ތޫނު ވަޅިއަކުން ޤަތުލުކޮށްލެވުނު ހެންނެވެ. އެކި ގުނަވަންތައް ވަކިވަކި ކޮށްލެވުނު ހެންނެވެ. އެތައް އިރެއް ވަންދެން ޖަލާލީގެ މޫނު މައްޗަށް އަނދިރިވެފައި އިނެވެ. ގަދަ އަލީގެ ތެރެއިންވެސް އޭނާއަކަށް އެކައްޗެއްވެސް ނުފެނެއެވެ. އެކަމަކު ބުއްދީގެ މަސައްކަތުން ކުޑަކޮށް ހަމައަކަށް އެޅުމާއެކު ޖަޔާގެ އަރޫސީ ހެދުމާ ވިދާ ބަބުޅާ ގަހަނާތަކުގެ ތެރެއިން ޖަޔާގެ ހަށިގަނޑު ފެނިއްޖެއެވެ. ޖަޔާގެ ބޯއޮތީ ސޯފާގެ އަތްގަނޑު މަތީގައެވެ. އެއްއަތް އޮތީ އެލިފައެވެ. އަނެއްއަތް އޮތީ ބަނޑުމަތީގައެވެ. ދޯޕައްޓާ ބިންމައްޗަށް ވެއްޓިފައި އޮތެވެ. ޖަޔާގެ ދިގު އިސްތަށިގަނޑު އޮތީ ތަރުތީބު ގެއްލިފައެވެ. އޭނާ ޖަޔާއަށް ބަލަމުން ދިޔައެވެ. ފުރިހަމައަށް ބަލަމުން ގެންދިޔައެވެ. އެތައް އިރެއް ފާއިތުވެ ހިނގައްޖެއެވެ. ޖަލާލީގެ އެތެރެހަށީގެ އިންސާނާ ލަދުން ފިލާރައްކާވީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. މިހާރު އެއީ ކުރީގެ ޖަލާލީއެވެ. ބިރުންހުރި ޖަލާލީއެވެ. ނާކާމިޔާބުގެ ބިރުވެރިކަން ލިބެމުން އައި ޖަލާލީއެވެ. އުފާވެރިކަމުގެ އެންމެ ހިނދުކޮޅެއްވެސް ލިބިދާނެކަމުގެ ކުޑަވެސް އުއްމީދެއް އޭނާގެ ނެތެވެ. އޭނާ މަޑުމަޑުން ސޯފާއިން ތެދުވެއްޖެއެވެ. ހޭނެތިފައި އޮތް ޖަޔާ އަތްދަނޑި މައްޗަށް ނަގައިފިއެވެ. ޖަޒްބާތުގެ ކުޑަވެސް ކަންފުޅެއްނެތެވެ. އެއްވެސް ހޫނުކަމެއް އިޙްސާސެއް ނުކުރެވެއެވެ. ޖަޒްބާތުތައް އުސް ފަރުބަދަތަކުގެ މަތީގައި ޖަމާވެފައިވާ ޒަމާންވީ ގަނޑުފެންތަކެއް ފަދައިން ހަރުހިލައަށް ވެއްޖެއެވެ..... އޭނާ ޖަޔާ ގޮވައިގެން އައިސް އެނދުމަތީގައި ބާއްވައިފިއެވެ. އަދި......... ޑޮކްޓަރަށް ފޯނުކޮށްލުމަށް އެނބުރި ލުމާއެކު ލޮލުން އައިސް އައިސްހުރި ކަރުނަތައް ފޮހެލިއެވެ. ދެދުވަސް ވަންދެން އެއްކަމެއް ތަކުރާރުވަމުން ދިޔައެވެ. ހަމައެއްކަލަ ޑްރާމާއެވެ. ޖަޔާއަށް އިންޖެކްޝަން ދެވުމުން ދިޔައެވެ. ރޭގަނޑު ހަތަރުދަމު އޮންނަނީ ނިދިފައެވެ. އެކަމަކު ހެނދުނު ހޭލެވުމާއެކު އެބިރުވެރި ޙާދިސާގެ ހަނދާން ސިކުނޑީގައި ތާޒާވާން ފަށައެވެ. އަދި ހަމައެއާއެކު ސިކުނޑި ހަމައިން ނައްޓާލައެވެ. ރޭ ހަތަރުދަމު ޖަލާލީ ހޭދަކުރީ ޖެހިގެންހުރި ކޮޓަރީގައެވެ. އޭނާ އޮތީ ނިދާ ބޭސްވެސް ކައިގެންނެވެ. އެކަމަކު އެއަކުން ކުރި އަސަރެއްނެތެވެ. އެތައް ފަހަރަކު ތެދުވެގެން އޭނާ ބެޑްރޫމަށް އައެވެ. ޖަޔާގެ ނޭވާގެ ހިނގުމާ ވިންދު ހުރިގޮތް ބެލިއެވެ. މަޢުސޫމު އަންހެން ކުއްޖެއްގެ ހުވަފެންތައް ހަލާކު ކޮށްލުމަކީ އޭނާއަށް ކުރެވުނު ބޮޑުކުށެއް ކަމުގައި ދެކެއެވެ. އަމިއްލަ ނަފްސުދެކެ ރުޅިވެސް އައެވެ. ދެރަވެސް ވިއެވެ. ޖަޔާގެ މިކުއްލި ޢަމަލުން އޭނާގެ ހިތްހަލާކުވެފައި ވެއެވެ. އޭނާ ދެކެމުން އައި ޙަޔާތަކީ ތަނަވަސް ޞަޙަރާއެއް ފަދަ ތަނަވަސް މައިދާނެއް ކަމުގައެވެ. އެމައިދާނަށް ކުއްލިއަކަށް ހޮނުއަޅާފައި އަނދާ އަޅިއަށްވީއެވެ...... އެކަމަކު..... ޖަޔާ ދުށުމަށްފަހު މިގޮތަށް ހަތިޔާރު ބެހެއްޓުމަކީ މާކަ ހަމަޖެހޭކަމެއް ކަމުގައެއް ނުފެނެއެވެ. ލޯތްބަކީ އަމިއްލަ އެއްޗެއްނޫނެވެ. އާފާޤީ ޤަދަރެކެވެ. ޖަޒްބާތެކެވެ. ލޯތްބަކީ އެތައް ޤަރުނެއް ވަންދެން ދެމިހުންނަ އެއްޗެކެވެ. ބަޔާންކުރަން ދަތި އަސަރެކެވެ. ޚަބަރު ހުސްވެފައި އޮތް ޖަޔާގެ މޫނަށް ޖަލާލީ ބަލަމުން ގެންދިޔައެވެ. ޖަޔާގެ ސިފައާ ވުޖޫދަކީ އޭނާއަށް ބީރައްޓެހި އެއްޗަކަށް ނުވާ ވަރަށެވެ. ލޯބީގެ ޠޫފާނެއް އުފެދިފައިވެއެވެ. އަދި އެޠޫފާން އޭނާގެ މޭގެ ޖާގައަށްވުރެވެސް ބޮޑަށް ފެތުރިފައިވެއެވެ. އެސާފު ޖަޒްބާތުގެ ލައްޒަތުން ހިތް ކަތިލެވިފައިވެއެވެ. އެއަށް މިކިޔަނީ ޢިޝްޤެވެ. ހިތަކީ...... ހަމަ ހިތެވެ. ކަޅެއްނޫނެވެ. ދޮނެއްވެސް ނޫނެވެ. ހުތުރެއްވެސް ނޫނެވެ. އެހިތް މަސައްކަތް ކުރަނީވެސް ހަމަކޮންމެ ރީތި އިންސާނެއްގެ އެތެރެހަށީގައިވާ ހިތް ޙަރަކާތްކުރާ ގޮތަށެވެ. އެކަމަކު އޭނާއަށް އަނިޔާ ލިބެމުންދަނީ އެއްވެސް ރަޙްމެއްނެތް ގޮތެއްގައެވެ. ހީކުރި ވަރަށްވުރެވެސް ބޮޑަށެވެ. އޭނާގެ ޖަޒްބާތުތައް ވެއްޔާ މޮޑެވިފައިވަނީ ފިސާރި އަނިޔާވެރި ގޮތަކަށެވެ. އުއްމީދުގެ ކުޑަވެސް އަސަރެއް އަދި އަލިކަމުގެ ކަންފުޅެއްވެސް ނެތެވެ. ހުރިހާ އަލިކަމެއް ދިޔައީއެވެ. އަނދިރިވީއެވެ. އޭނާ ޖަޔާގެ ކޮޓަރިއަށް ދިޔައީ ރޭގަނޑު ހަތަރުދަމުގެ ހާސްކަމާ އެކުގައެވެ. ރޭހަތަރުދަމު ހޭލާހުރި ކަހަލައެވެ. އެވަގުތު ޖަޔާ އޮތީ ހޭލައެވެ. ވޭތުވެދިޔަ ހާދިސާގެ ހަނދާނެއްވެސް މިހާރު ނެތްކަހަލައެވެ. އެކަމަކު ޖަލާލީ ފެނުމާއެކު ކުއްލިއަކަށް ބިރުވެރިކަން އޭނާއާ ޙަމަލާދީފިއެވެ. ހަމައިން ނައްޓާލައިފިއެވެ. [ކެހިވެރިޔާއެވެ......... ކެހިވެރިޔާއެވެ......... ކެހިވެރިޔާއެވެ.........] އޭނާ މާނޭވާލަމުން ދެލޯރަތްކޮށްފައި ހަމައެކަނި މިހެން ބުނަމުން ދިޔައެވެ. ދެން ހައްދުން ނައްޓާލަމުން ބާލީސް ނަގާފައި ޖަލާލީގެ ގައިގައި ޖަހައިފިއެވެ. ޖަލާލީ ހިލަ ބުދެއްހެން ހުއްޓެވެ. އަދި ހިލައިގެ މިބުދު ޙަރަކާތެއްނުކޮށް އަޑެއްވެސް ލައްވާނުލުމުން ޖަޔާގެ ކެތްތެރިކަމުގެ މިންގަނޑު ފަޅައިގެން ހިނގައްޖެއެވެ. އަޑުން އަޑުނަގާ ރޯންފަށައިފިއެވެ. [އަހަރެން އަބުރާ ފޮނުވައިދޭށެވެ. އަހަރެން ދާނީއެވެ.] އޭނާ ބުނަމުން ދިޔައެވެ. ޖަލާލީއަށް އެކައްޗެކޭވެސް ބުނުމުގެ ހިތްވަރެއް ނުލިބުނެވެ. މަޑުމަޑުން އެނބުރިލާފައި ކޮޓަރިން ނުކުމެއްޖެއެވެ. ދެން އެދުވަހު ހަތަރުދަމު އިރުއިރުކޮޅުން މިޑްރާމާ ކުރިމަތިވަމުން އައެވެ. ޖަލާލީ އެކޮޓަރިއަށްގޮސް އެއްޗެކޭ ބުނަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ޖަޔާ ބޭއިޚްތިޔާރުގައި ރޮމުން އެނބުރި ރަށަށް ދިއުމުގެ ގަދަދައްކަމުން ދިޔައެވެ. އޭނާގެ ތުންފަތުގައި ވަނީ އެންމެ ޖުމްލައެކެވެ. [ކަލޭ ކެހިދީފީމުއެވެ. ކެހިދީފީމުއެވެ.] ޖަލާލީ އޭނާގެ މޮޔަ ޙާލަތާމެދު ކަންބޮޑުވެފައި ހުއްޓެވެ. ޖަލާލީގެ ތުންފަތުގައި ހިމޭންކަމުގެ ތައްގަނޑު ޖެހިފައި ވެއެވެ. އެއްޗެކޭ ބުނަން ހިތަށްއެރިއަސް ބުނެވޭގޮތެއް ނުވެއެވެ. ދުވާލުގެ ހަތަރުދަން ދިޔައީ މިކަހަލަ ގޮތަކަށެވެ. ޖަޔާގެ ޙާލު ހަމައެފަދައެވެ. ބައެއްފަހަރު މުޅިން ހިމޭންވެއެވެ. އެސްފިޔަވެސް ޖަހާނުލާ އެއްދިމާއަކަށް ބަލަހައްޓައިގެން އޮވެއެވެ. ހީވަނީ ޙަޤީޤީ ބުދެއް ހެންނެވެ. ބައެއް ފަހަރު ބޭއިޚްތިޔާރުގައި ރޯންފަށައެވެ. [މަންމާއެވެ.... މަންމާއެވެ....] އޭނާ ދެރަވެފައި މިހެން ބުނާއިރު އަޑުއަހަން ހިންނަ މީހެއްގެ މޭގަނޑު އަނގައަށް އަންނަ ކަހަލައެވެ. ގިސްލުމުގެ އަޑުއިވިއިވި ޖަލާލީ ހާސްވެއްޖެއެވެ. އޭނާގެ މޭގައި ކުށްވެރިކަމުގެ އިޙްސާސް ހޭލައިފިއެވެ. ހަމަ ގަސްދުގައި ޖަޔާގެ ޙަޔާތް ބަރުބާދު ކޮށްލެވުނު ކަމުގައި ހީވާން ފަށައިފިއެވެ. ބޭއިޚްތިޔާރުގައި ދަންޖައްސާ މަޅިގަނޑަށް ބޯ މަހާލުމަށް ހިތަށް އެރިއެވެ. އަދި ނިދާބޭސް ފުޅިއެއް ހުރިގޮތަށް ކަރުތެރެއަށް އަޅާލުމަށް ގަސްތުކުރިއެވެ. އިއްޔެގެ ހަތަރުދަން ދިޔައީވެސް މިކަހަލަ ގޮތަކަށެވެ........ ރޭވުމުން ޑޮކްޓަރ ގެނެސް ޖަޔާގެ ގަޔަށް އިންޖެކްޝަން ޖަހަން ޖެހުނެވެ. މުޅި ރޭގަނޑުގެ ހިމޭންކަމަށްފަހު އިރުއަރައިފިއެވެ. މިއަދު ޖަޔާގެ ރުޅިވެރިގޮތް ތަންކޮޅެއް ކުޑައެވެ. އެކަމަކު ބެލުމުގައި ތޫނުކަން އަދި އަޑުގައި ހަރުކަށިގޮތް ވަރަށްބޮޑަށް އެކުލެވިފައިވެއެވެ. ދެފަހަރެއްގެ މަތިން ޖަލާލީއާ ކުރިމަތިވިއެވެ. ކޮންމެ ފަހަރަކުވެސް ޖަޔާގެ ޝަކްވާއަކީ އޭނާ އެނބުރި ރަށަށް ފޮނުވައި ދިނުމުގެ ޝަކްވާއެވެ. [އަހަރެން ރަށަށް ފޮނުވާދޭށެވެ. ކަލޭ ކަހަލަ ކެހިވެރިއަކާއެކު އެންމެ ދުވަހަކުވެސް އުޅޭކަށް ބޭނުމެއްނޫނެވެ. އެންމެ މިނެޓެއްވެސް ހޭދަކުރާކަށް ބޭނުމެއްނޫނެވެ. ކަލޭ އަހަންނަށް ކެހިދީފީމުއެވެ. އަހަރެމެންގެ ޣަރީބުކަމުން ނާޖާއިޒު ފައިދާ ނަގައިފީމުއެވެ. އަހަރެމެންގެ މަޖްބޫރީ ގަނެލުމަށް މަސައްކަތް ކޮށްފީމުއެވެ. އަހަންނަކަށް މިތާކު ނުހުރެވޭނެއެވެ. އަހަރެން ފޮނުވާ ދޭށެވެ. އަހަންނަކީ ކަލެއާ އެއްވެސް ގުޅުމެއްހުރި މީހެއްނޫނެވެ. ކަލެއަކީ ކެހިވެރިއެކެވެ. މަކަރުވެރިއެކެވެ. ދޮގުވެރިއެކެވެ. ޖަޔާ އެއްޗެއް ނުކައި އޮންނަތާ ދެދުވަސްވީއެވެ. ވަރަށް އުނދަގުލުން އެތައް އާދޭހެއް ކޮށްގެން މެންދުރު އޭނާގެ އަރުތެރެއަށް ކިރުތައްޓެއް ދިޔައެވެ. ރޮމުން ގިސްލަމުން ކިރުތަށި ބުއިއިރު ހީވަނީ ޒަހަރުގެ ކޯވަރުތަކެއް ދިރުވަމުން ދިޔަހެންނެވެ. [މިސިޒް ހެރަލްޑެވެ.] ޖަޔާ ރޮމުން އޭނާ ގާތުގައިވެސް ބުންޏެވެ. [ޖަލާލީއަކީ ގޮތްކުޑަ މީހެކެވެ. އޭނާ އަހަރެމެން ކެހިވެރިކަމުގެ ދަލުގައި ޖައްސައިފިއެވެ.] މިސިޒް ހެރަލްޑް އެކައްޗެއްވެސް ނުބުނެއެވެ. [އޭނާއާއެކު އެންމެ ދުވަހަކުވެސް އަހަންނަކަށް ނޫޅެވޭނެއެވެ. އަހަރެން ދާނީއެވެ.] މިސިޒް ހެރަލްޑަކީ ތަޖްރިބާހުރި އަންހެނެކެވެ. އޭނާއަށް ޖަޔާގެ ހިތާއި ސިކުނޑީގެ ޙާލަތު ރަނގަޅަށް ވަޒަން ކުރެވެއެވެ. އެހެންކަމުން ޖަލާލީގެ ޙައްޤުގައި އެންމެ ލަފްޒެއްވެސް ނުބުންޏެވެ. އަދި ޚިޔާލެއްވެސް ނުދިނެވެ. [އިހަށް ކޮންމެވެސް އެއްޗެއް ކޭން ބައްލަވާށެވެ.] އޭނާ ފުރަތަމަ ފަހަރަށް ޖަޔާއާއި މާތްބަހުރުވައިން މުޚާޠަބު ކުރިއެވެ. އަދި ލޯތްބާއެކު ޖަޔާގެ ބޮލުގައި ފިރުމާލިއެވެ. މިގޮތަށް ފިރުމަމުން ލޮއްސަމުން ގޮސް ކިރުތަށި ހުސްކޮށް ބޯންދީފިއެވެ. ސޭންޑްވިޗްވެސް އެތާނގައި އޮތެވެ. އެކަމަކު ޖަޔާ އޭގައި އަތްވެސް ނުލައެވެ. މިއީވެސް ލައްކަބޮޑު ވަރުކަމުގައި ހެރަލްޑް ހީކުރިއެވެ. ހަވީރު މަސައްކަތް ކޮށްލަނިކޮށް ކޮންމެވެސް ވަރަކަށް އެތިކޮޅެއް ކައިފާނެ ކަންނޭގެއެވެ. ޖަލާލީވެސް ހަމަ އެކައްޗެއްވެސް ނުކައެވެ. އެނާ ސިގިރެޓަކަށް ފަހު ސިގިރެޓެއް ހުލިކުރަމުން ދިޔައެވެ. އޭނާގެ ދަނބުކުލައިގެ ތުންފަތް ސިގިރޭޓްގެ ދިލައިން ކަޅިވަމުން ދިޔައެވެ. ހުދު ދަތްތަކުގައިވެސް ދުމުގެ ކުލަޖެހިފައި ވެއެވެ. ދޫ ކަޅުވަމުން ދިޔައެވެ. ކަރުތެރެ ހިކިފައިވެއެވެ. އެތެރެހައްޓަށް ދުމުގެ އަސަރުކުރި ވަރަކަށް ހިތް އަނދަމުން ދިޔައެވެ. މޭ ތެޅެމުން ދިޔައެވެ. ހިތާމައަކީ ހަމައެކަނި ޖަޔާ އޭނާ ޤަބޫލު ނުކުރުމެއްނޫނެވެ. ނިކަމެތި ކޮށްލުމުގެ ހިތާމަވެސް އޭނާ ވަރަށްބޮޑަށް ކުރެއެވެ. ރަޙްމަތްތެރިންގެ ނަޒަރުގައި ނިކަމެތި ވެދާނެތީ އަދި ވަކިންބޮޑަށް އޭނާ ވިސްނައެވެ. ލަދުން ސަލާމަތްވުމުގެ ގޮތުން އިއްޔެ އޭނާ މަންސޫރާއި ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ. [ހުރިހާކަމެއް ރަނގަޅެވެ......] މަންސޫރު އުފަލުން ހަޅޭއްލަވައި ގަތެވެ. [އެހެންވިއްޔާ އަހަރެމެން މިއަދު ހަވީރު ދާނަމެވެ.] ޖަލާލީ ރޫރޫއަޅައިގަތެވެ. އަދި ހަމައަވަހަށް ބުންޏެވެ. ނޫނެކެވެ. [އަހަންނާ ބައްދަލުވާނީ ދެހަފްތާ ފަހުންނެވެ.] [ކީއްވެގެން ހެއްޔެވެ؟] [މިއަދު އަހަރެމެން ދަނީއެވެ.] ]ކޮންތާކަށް ހެއްޔެވެ؟] [ކޮންމެވެސް ރައްކާތެރި ޖަގަހައަކަށެވެ.] މިވާހަކައާމެދު މަންސޫރު ބާރަށް ހެމުން ބުންޏެވެ. [ވަރަށް އުފާވެރި ވާހަކައެކެވެ. ޖަލާލީއެވެ. އަހަރެމެން އެންމެންވެސް މިތިބީ ވަރަށް އުފަލުންނެވެ. މާތްރަސްކަލާނގެ ޖަލާލީ އުފަލުގައި ލަހައްޓަވާށިއެވެ. ތިޔަދާތަނަކަށް ގޮސްފައި އެނބުރި އައުމުން ޕާޓީއެއް ބާއްވަން ޖެހޭނެއެވެ.] [ތިޔަކަން ހަމަޖެހޭނެއެވެ.] ޖަލާލީ ހިތްހަމަ ޖެހުމުގެ ފޫންނޭވާއެއް ލާފައި ފޯނުގެ ގުޅުންކަނޑާލިއެވެ. ދެހަފްތާގެ މުހުލަތު ލިބުނީއެވެ. އޭގެ ފަހުގައި ނޫނީ އެމީހުންގެ ފަރާތުން ބިރެއްނެތެވެ. މިދެހަފްތާގެ ތެރޭގައި އޭނާގެ ދުނިޔެ މުޅިން ބަރުބާދު ވުމަކީވެސް ވެދާނެ ކަމެކެވެ. އޭނާގެ ނިކަމެތި ޙާލު އެހެން މީހުންނަށް ކިޔާދެވޭނީ ޖަޔާއަށް ފަހުގައެވެ. މަޑުމަޑުން ހަވީރުވަމުން ދިޔައެވެ. އުޑުގެ އެއްފަރާތުން ރަތްވަމުން ދިޔައެވެ. އަނެއްފަރާތަށް ކަޅު އަނދިރިކަން ފެތުރިފައިވެއެވެ. ބައެއް ދިމަދިމާއިން ތަރިވެސް ފެންނަމުން ދިޔައެވެ. އޭގެ އަލިން އަނދިރިކަމުގެ ވުޖޫދަށް ކޮންމެވެސް ވަރެއްގެ އަލިކަމެއް ގެނެސް ދީފައިވެއެވެ. ޖަލާލީ ސޯފާގައި އޮންނަތާ ކިތަންމެ އިރެކެވެ. ވިސްނުމުގެ ތޫނު ހަތިޔާރުތައް އޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ. އެއްގޮތަކަށްވެސް ޖަޔާގެ ގޮތެއް ދުލެއް ނުކުރެއެވެ. ކެތްކުރުމަށްވެސް ހައްދެއް އޮންނާނެއެވެ. އެހިސާބު ހުރަސްކުރެވޭއިރު ހިތްވަރެއް ނުހުންނާނެއެވެ. ކެތްތެރިކަން ފެނަށްވެގެން ހިނގައި ދާނެއެވެ...... އިއްޔެއާ މިއަދު ހިނގި ކަންތައްތަކާމެދު އޭނާ ކެތްތެރިވިއެވެ. އެކަމަކު މިހާރު ކެތްތެރިކަން ކޮޅުންލައިފިއެވެ. ޖަޔާ އެނބުރި ދިއުމަށް ގަދަހަދަނީއެވެ. އޭނާ ޖަލާލީއާ ހެރަލްޑް ގާތުގައި ތަކުރާރުކޮށް އެތައް ފަހަރަކު އެވާހަކަ ދައްކައިފިއެވެ..... އަމިއްލަ ޖަޒުބާތާ އަމިއްލަ ލޯބި އަދި ޢިޝްޤާއި ވަކިވެގެން ޖަލާލީ ސީރިއަސް ކަމާއެކު އެކި ފަރާތް ފަރާތަށް ވިސްނުމުގެ ވަކިތައް އުކަމުން ދިޔައެވެ. މިސިޒް އެރަލްޑް ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާ ހުރީ ޖަލާލީގެ ޙާލާމެދު ވަރަށް ދެރަވެފައެވެ. ޖަލާލީގެ ހިތާމައިގެ ސަބަބުން އޭނާގެ ހިތް ކުދިކުދިވަމުން ދިޔައެވެ. އޭނާއަށް ޖަޔާ ހަމައަކަށް އަޅުވާލާނެ މަގެއް ނުފެނުނެވެ. މިވަގުތު ޖަޔާ ޠޫފާނުގެ ތެރޭގައި އޮޔާ ބެހިގެން ދަނީއެވެ. އެހެންކަމުން އޭނާ ޖަލާލީއާމެދު އިންތިހާއަށް ހަމްދަރުދީވެއެވެ. [މިސްޓަރ ޖަލާލީއެވެ![ އޭނާ ސޯފާގެ ކައިރިއަށް އައިސް ހުއްޓިފައި ބުންޏެވެ. ޖަލާލީ ލޯހުޅުވާލައިފިއެވެ. މިސިޒް ހެރަލްޑަށް ބަލާލިއެވެ. ދެން ތެދުވެ އިށީނދެއްޖެއެވެ. ސޯފާގައި ހަމަޖެހި ލައިގެން އިށީނުމާއެކު އޭނާ އިސްތަށިގަނޑުގެ ތެރެއަށް ދެއަތުގެ އިނގިލިތައް ވައްދާލުމާއެކު ދެއަތުން ބޮލުގައި ހިފަހައްޓާ ލިއެވެ. ހަމަ ޙަޤީޤަތުގައިވެސް އޭނާގެ ބޮލުގައި މިހާރު އެބަރިއްސައެވެ. ބޮލަށް އެނބުރުން އަރާފައިވެއެވެ. މިސިޒް ހެރަލްޑް ސޯފާގައި އިށީނދެއްޖެއެވެ. [އެއްވެސް އެއްޗެއް ކޭން ބޭއްލެވުމުގެ ޚިޔާލެއް ނެތްތޯއެވެ؟] އޭނާ ބުންޏެވެ. [މިސިޒް ހެރަލްޑެވެ. އަހަރެން މިއިނީ ވަރަށްބޮޑަށް ހާސްވެފައެވެ.] ޖަލާލީ އެއިންގޮތަށް އިނދެފައި ބުންޏެވެ. [ހާސްވާނެއެވެ. އެކަމަކު އަޅުގަނޑުމެން ޖެހޭނީ ރަނގަޅު ދަނޑިވަޅަކަށް އިންތިޒާރު ކުރާށެވެ.] [އުފާވެރި ވަގުތަކަށް އިންތިޒާރު ކުރުމުގެ ހިތްވަރެއް މިހާރަކު ނެތެވެ.] [ނިކަން ވިސްނަވަ ބައްލަވާށެވެ.] [އަހަރެންގެ ވިސްނުން ކޮޅުން ލައިފިއެވެ.] [އެހާބޮޑަށް ތިޔަކަމާމެދު އުއްމީދު ކުޑަނުކުރައްވާށެވެ. ޖަޔާ މިހާރު އެއުޅެނީ ޖަޒުބާތުގައި ޖެހިގެންނެވެ. އެކަމަކު ޖަލާލީ ހިތްވަރު ދެރަނުކުރައްވާށެވެ.] ޖަލާލީ އިސްއުފުލާފައި ހުރެލްޑާއި ދިމާއަށް ބަލާލިއެވެ. އަދި އޭނާގެ ބޯތުންފަތުގައި ވިހަ ހިނިތުންވެލުމެއް ދުވެލިއެވެ. [ހެރަލްޑް އަދިވެސް އުއްމީދު ކުރަނީ ހެއްޔެވެ؟] [ލައްބައެވެ. މިއީ ހައްތާވެސް ވަގުތީ ކަންތަކެވެ. ވަގުތު ފާއިތުވަމުން ދިޔަވަރަކަށް ކޮންމެވެސް ވަރަކަށް ހަމައަކަށް އުޅޭނެއެވެ. އަދި މަޑުމަޑުންގޮސް ހުރިހާކަމެއް ހަމަޖެހިދާނެއެވެ.] [އޭނާ އެހާލުގައި އޮންނަން ވެއްޖެއްޔާ މަރުވެސް ވެދާނެއެވެ. އޭނާއާ ކާވަނިކުރުމުގެ ކުށް މިހާރު އަހަންނަށް ކުރެވިއްޖެއެވެ. ހެރަލްޑް ބޭނުންވަނީ އޭނާގެ މަރުގެ ޒިންމާވެސް އަހަރެންގެ ބޮލުގައި އެޅުވުން ހެއްޔެވެ.] [އެހެންވީއިރު ދެން ހަދާނީ ކިހިނެއްތޯއެވެ؟] [ނާޖިޔާ ބޭނުންވާ ގޮތެވެ.] [ރަށަށް ފޮނުވާލާނީ ތޯއެވެ؟] [އެގޮތަށް ބުނާކަމުގައި ވަންޏާ ރަށަށް ފޮނުވާލަން ޖެހޭނެއެވެ.] [ވަރަށް ގޯސްކަމެކެވެ.] [އެހެން ގޮތެއްވެސް ނެތެއްނޫން ހެއްޔެވެ؟] [އޭނާއަށް ވިސްނާ ދެވިދާނެއެވެ.] [ޖަޔާ ވިސްނާކަށް ބޭނުމެއް ނުވެއެވެ.] ޖަލާލީ ބުންޏެވެ. [ޖަލާލީ ހުރިހާ އުއްމީދެއް ކަނޑުއްވާ ލެއްވީތޯއެވެ. އަޅުގަނޑު ކުޑަކޮށް މަސައްކަތް ކޮށްލާނަމެވެ.] [ކޮންގޮތަކަށް ހެއްޔެވެ.] [އޭނާއަށް ވިސްނާ ދެވޭތޯއެވެ.] [އިތުރަށް ވިސްނާނީ ކޮން އެއްޗެއް ހެއްޔެވެ.] [ޖަލާލީއަކީ ވަރަށް ރަނގަޅު މީހެއްކަމާ އަމިއްލަ ގޮތްދޫކޮށްލާފައި ވިސްނުމުގެ ބޭނުން ހިފަން ވެއްޖެކަން އޭނާއަށް ކިޔައިދޭނީއެވެ.] [އެއްވެސް މީހަކަށް އެމީހެއްގެ ރުހުމާ އަދި އުފަލާ ދެކޮޅަށް ހިނގުމުގެ ނަސޭހަތް ދިނުމަކީ އޭގެ ޒާތުގައި ވަރަށް ނުބައި ކަމެކެވެ.] [ތިޔަބުނުއްވީ ރަނގަޅު ވާހަކައެކެވެ.] [އަހަންނާއެކު ދިރިއުޅުމަކަށް ޖަޔާ ނޭދެއެވެ. ވީއިރު އޭނާއަށް މަޖުބޫރު ކޮށްގެންވެސް ނުވާނެނޫން ހެއްޔެވެ. އެހެން ނޫނަސް ކޮންމެ މީހަކީ އެމީހެއްގެ އަމިއްލަ ވެރިއެކެވެ.] [ޖަލާލީއަށް ފެނިލައްވާ ގޮތެކެވެ. ކޮންމެއަކަސް މިވަގުތު އޭނާގެ ސިކުނޑި ފުރިހަމައަކަށް މަސައްކަތެއް ނުކުރެއެވެ. ދައްކަނީ ހައްތާވެސް މޮޔަ ވާހަކައެވެ. އޭނާގެ ޙާލަށް އޭނާ ދޫކޮށްލައްވާށެވެ.] [އަހަރެންވެސް ޚިޔާލުކުރީ ތިޔަގޮތަށެވެ.] މިސިޒް ހެރަލްޑް އިރުކޮޅަކު އެތާނގައި އިނެވެ. ދެން ތެދުވަމުން ބުންޏެވެ. [އަޅުގަނޑު ކާންހަދާފައި އަވަނަށް ލާފައި ހުންނާނެއެވެ. ކޭން ބައްލަވަން ބޭނުންވެ ލައްވައިފިއްޔާ އަޅުގަނޑަށް އަންގަވާ ލެއްވުމަކީ އެދޭކަމެކެވެ.] [ޝުކުރިއްޔާއެވެ. ދެން ދިޔަޔަސް އެންމެ ރަނގަޅެވެ.] ޖަލާލީ ތެދުވަމުން ބުންޏެވެ. މިސިޒް ހެރަލްޑް ކޮޓަރިން ނުކުމެއްޖެއެވެ. އަދި ކޮންމެ ދުވަހެއްގެ އާދަފަދައިން މިއަދުވެސް މަސައްކަތް ނިންމާލާފައި އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. އޭނާ ޖަލާލީއާ ޖަޔާއާ ބެހޭގޮތުން ވިސްނަމުން ދިޔައެވެ. ------------------ (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ މާކުންނަ, 2012-01-17 17:00:08
މިބާކިޔާފަ ލޮލުން ފެންވެސް އަތުވެއްޖެ ޖަޔާ ޖަލާލީގެ ހިތްކަތިލާފި ޖަލާލީޔަތް އެހެން ހަދާކައް ނުވާނެ ވަރައް ރީތި
...
ލިޔުނީ އިކޫ, 2012-01-25 03:59:11
ސާދަވިލޭރެއަށް އިންތިޒާރު ކުރާތާ ވަރަށްގިނަ ދުވަސް ވެއްޖެ...... އުއްމީދު ކުރަން ވަރަށް އަވަހަށް ސާދަވިލޭރޭގެ އިތުރު ޗެޕްޓާއެއް ނިކުއްނާނެ ކަމަށް
...
ލިޔުނީ މަންޖެ, 2012-02-03 08:17:13
ދެން އޮތް ޗެޕްޓަރ ނިކުންނާނީ ކިހަާ ދުވަހެއް ފަހުން ބާ؟؟؟؟؟ އިންތިޒާރުގަ މިހެން ހުންނަން ޖެހޭނީ ކިހާ ދުވަހެއް؟؟؟؟؟
...
ލިޔުނީ ހާޖަރާ, 2012-03-06 06:35:37
ވާހަކަ ރީތި އެކަމަކު ދަމަކުން ބަޑިޔެއް މިވަރުގެ މީހުން ވާހަކަ ނުލިޔާގޭގަ ތިބެނޮވީ
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|