މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބްލެކްމެއިލް |
|
|
| ދިވެހި - ވާހަކަ | |||
| 07 ފެބްރުވަރީ 2012، 00:00 އަންގާރަ | |||
|
އަބޫ ޠާސީން އާދައިގެ މަތީން އޮފީހަށް ގޮސް މޭޒުދޮށުގައި އިށީނދެ ހަމަޖެހިލި އެވެ. ދުވަހުގެ ޚަބަރުތައް ހިފައިގެން އެކިއެކި ރިޕޯޓަރުންތައް އަތުވެއްޖެ އެވެ. މާ ގިނަ އިރުތަކެއް ނުވެ މަހުފޫޒުގެ އަތުފޯނު ރިންގުވާންފެށި އެވެ."އައްސަލާމް ޢަލައިކުމް" ފޯނު ނެގުމަށްފަހު އާދައިގެ މަތީން މަހުފޫޒު ފޯނަށް ޖަވާބު ދިނެވެ. "ވަޢަލައިކުމް ސަލާމް" ފޯނުން އަޑު އައެވެ. "ކޮންބޭފުޅެއްތޯ؟" "ބޭފުޅެއް ކިޔާނެ ކަމެއް ނެތް! އަނގަ ހިމޭނުންލައިގެން އުޅެވޭތޯ ބަލާ! މާ ބޮޑަށް ފުއްޕާނެ ކަމެއް ނެތް. ކަލޭ ހިތަށް އެރިހާ ޚަބަރެއް ނުލިޔެވޭނެ! އެހެން ނޫނީ މާ ތާހިރެއް ނުވާނެ." ވަރަށް ހަރުކަށި ރާގެއްގައި މީހަކު އިންޒާރު ކުރި އެވެ. "ކަލެޔާ ޝިޔާނާ ގެ ވީޑިއޯ އަހަރެންގެ އަތުގައި އެބަ އޮތް. ފާޑުފާޑުގެ އެއްޗެހި ލިޔަންޏާ ތީ ކިހާ ވަރެއްގެ މީހެއްކަން ފަޅައިއަރުވައިލެވިދާނެ. ވިސްނިއްޖެތަ؟". މި ނުރައްކާތެރި އިންޒާރާ އެކު ފޯނު ބާއްވައިފި އެވެ. ފޯނުކަނޑައިލުމުން މޯބައިލް ފޯނުން އެ ގުޅި ނަންބަރަކީ ކާކުގެ ނަންބަރެއްތޯ ބަލަން މަހުފޫޒު މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ބެލޭނެ ގޮތެއް ނެތެވެ. އެ ނަންބަރަކީ "ވިތުހެލްޑް" ނަންބަރެކެވެ. ނަންބަރު އެނގޭނެ ގޮތެއް ނެތުމުން ފޯނު ކަނޑައިލުމަށް ފަހު ޖީބަށްލައިފި އެވެ. މަހުފޫޒަކީ "ފަތިސް" ނޫހުގައި މަސައްކަތް ކުރާ އެސިސްޓެންޓް އެޑިޓަރެކެވެ. ވަރަށް މަޑުމައިތިރި ޚުލްޤު ރަނގަޅު މީހެކެވެ. ވަރަށް ހަރުދަނާ ޒުވާނެކެވެ. އެހެންކަމުން މީހަކު ހުތުރު ބަހުން ވާހަކަދެއްކިޔަސް އެޔަށް ރައްދުދީއެއް ނޫޅެ އެވެ. ކުރިމަތީގައި ފުނިޖެހިފައިވާ މަސައްކަތްތަކާއި އެކިކަންކަމުގައި މަހުފޫޒު ގާތަށް އައިސް ތިބި މުއައްޒިފުންގެ ހުށަހެޅުންތައް ހަނދާނަ ނެތުމާއެކު ދެންމެ އެއައި ކޯލާމެދު ފިކުރު ކުރެވެން ފަށައިފި އެވެ. އެ ބުނި ޝިޔާނާ އަކީ....... ކާކުބާވައެވެ؟ ކޮން. . . . ވީޑިއޯއެއްބާވައެވެ؟!!. . . . . . މަހުފޫޒަށް ހަނދާންވެއްޖެ އެވެ. މީގެ ދެ ރެޔެއްގެ ކުރި އެވެ. ނޫހުގައި މަސައްކަތް ކުރަން އުޅެފައި މަހުފޫޒު އުޅޭ ކޮޓަރިއަށް އައީ މެންދަމު 1:30 ހާ އިރު އެވެ. ހިސާބަކަށް ވާރޭވެސް ވެހެއެވެ. ކުޑަކޮށް ތެމިގެންކަހަލަ ގޮތަކަށް ގެޔަށް އައިސް ޔޭޔޭ ކޮފީތައްޓެއް ބޮއިގެން ފާޚާނާއަށް ވަދެ ނިދަން އަންނަ މުންޑު އނަދެގެން އެނދުގައި އޮށޯވެއްޖެ އެވެ. އަދި އެއަރކޯނުން ސަލާމަތް ވުމަށްޓަކައި ރަޖާގަނޑުގެ ތެރެއަށް ވަދެ ހަމަޖެހިލައިފި އެވެ. މާ ގިނަ އިރުތަކެއް ނުވެ ދޮރުގައި މީހަކު މަޑުމަޑުން ޓަކިދިން ކަހަލަ އަޑެއް އިވިއްޖެ އެވެ. މި ކޮޓަރިއަކީ މައި މަގަކަށް ހުންނަ ހަނި ގޯޅިއަކުން ސީދާ ކޮޓަރިއަށް ވަދެވޭ ގޮތަށް ހުންނަ ތަނެއް ކަމުން އެ ކަހަލަ އަޑުއަޑު އިވިދާނެ އެވެ. އެހެންކަމުން އެ ކަމަށް ސަމާލުކަންނުދީ މަޑުން އޮތެވެ. އަނެއްކާ ވެސް މީހަކު ތަންކޮޅެއް ބާރަށް ޓަކިދިންއަޑު އިވިއްޖެ އެވެ. އެ އަޑަށް ސަމާލުކަން ދީގެން މަހުފޫޒު ސަމާލުވެލި އެވެ. 30 ވަރަކަށް ސިކުންތުގެ ތެރޭގައި އަނެއްކާ އެޔަށްވުރެ ބާރަށް ޓަކި ދީފި އެވެ. "ކާކު"؟ މަހުފޫޒު ސުވާލުކުރިއެވެ. އެކަމަކު ޖަވާބެއް ނުލިބުނެވެ. މި ދަންވަރު އަނެއްކާ މަހުފޫޒު އެކަނި އުޅޭ ކޮޓަރިއަކަށް ހޯދަން އަންނާނީ ކޮން ރައްޓެއްސެއްބާވައެވެ؟ ކޯޓު އޯޑަރަކާއެކު ފުލުހުންވެސް އަތުވެދާނެތާއެވެ. މި ފިކުރެއްގައި އޮއްވައި އަނެއްކާ މާ ބާރަށް ދެފަހަރަކު ޓަކިދީފިއެވެ. އޭރު ހަމަ ބޯކޮށް ވާރޭވެސް ވެހެން ފަށައިފި އެވެ. ދޮރު ހުޅުވައިލައިފި އެވެ. މަހުފޫޒަށް ލިބުނީ ހައިރާން ކަމެކެވެ. ދިޔައީ ސިއްސައިގެންނެވެ. ޚަރަދުކުޑަ ފެޝަނަކުން ނިވައިވެލައިގެން ހުރި ޒުވާން އަންހެންކުއްޖަކު ތެމި ފޯވެގެން ދޮރުމަތީގައި ހުއްޓެވެ. ލައިގެން ހުރި ހުދުކުލައިގެ ވީދިފައިވާ ޓޮޕްކޮޅުވަނީ ގައިގައި ތަތްވެފައެވެ. "ބައްޓަން" ރީތި ދޮން ލޫޅާފަތި އަންހެންކުއްޖެކެވެ. އެ ކުއްޖާގެ ޢުމުރުން ވާނީ 19 ވަރަކަށް އަހަރެވެ. ދޮރު ހުޅުވައިލުމާއެކު އެ ގޯޅިތެރެއިން އެހެން ދެމީހަކު މައި މަގަށް ނުކުތްހެންވެސް މަހުފޫޒަށް ހީވި އެވެ. "ކިހިނެއް ވީ؟ ތިޔައީ ކޮން ކުއްޖެއް" މަހުފޫޒު އެއްފަހަރާ ދެ ސުވާލު ކުރި އެވެ. ވަރަށް ޖެހިލުންވެ ހުރެ އެވެ. ހަންޑިއެއް ނޫންބާވައޭ ހިތައި ބިރުންހުރެ އެވެ. "އަޅުގަނޑު ހީކަރުވައިގެން މިހިރަ މަރުވަނީ. ތިޔަ ސުވާލުތަކުގެ ޖަވާބު ދިނުމުގެ ކުރިން އަޅުގަނޑަށް ބޯ ހިޔާވަހިކަމެއް ދެއްވާ! އޭގެ ފަހުން އަޅުގަނޑު ހުރިހާ ސުވާލެއްގެ ޖަވާބު ދޭނަން". "ވަރަށް ދެރަ. މީ ހަމަ އަހަރެން އެކަނި އުޅޭ ކޮޓަރިއެއް. ހުންނަނީ އެންމެ އެނދެއް. އެހެން ނޫނަސް އަންހެން ކުއްޖަކު މި ކޮޓަރީގައި ބާއްވާނީ ކިހިނެއް؟ އަނެއްކާ ތި ކުއްޖާގެ ބެލެނިވެރިން ތި ކުއްޖާ ނުފެނިގެން ފުލުހަށް އަނގައިގެން ހޯދާ އިރު މި ކޮޓަރިން ފެނިއްޖިއްޔާ.... " އިންސާނެއްކަން ޔަޤީންވުމުން މަހުފޫޒަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. "އަޅުގަނޑު ހޯދަން މީހަކު އުޅޭނަމަ މި ހާލުގައި މި ދަންވަރު މިހާ ނިކަމެތިކޮށް ތިޔަ ބޭފުޅާގެ އެހީއަށް އެދޭކަން ނުޖެހޭނެ ނޫންތޯ؟" މަހުފޫޒު ވިސްނައިލި އެވެ. ޙާލަތެވެ. އޭނާގެ މަޤާމެވެ. އިންސާނިއްޔަތު ކަމެވެ. އަމިއްލަ ސަލާމަތެވެ. އެކަމަކު، އެ ކޮޓަރިން އެހެން މީހަކަށް ހިޔާވަހިކަމެއް ދޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަކާއެކު މަހުފޫޒު ގޮތެއް ނިންމައިފި އެވެ. "ކޮންެމެ ގޮތެއް ވިޔަސް ކޮޓަރީގައި ނިދަން ބޭއްވޭކަށް ނެތް. އެކަމަކު ހެދުން ބަދަލުކުރަން ޓީޝާޓަކާއި ބޭރަށް ދާނެ ކޯޓެއް ދެވިދާނެ" "އެންމެ ރަނގަޅު. އަޅުގަނޑު ހެދުން ބަދަލުކޮށްލައިގެން އެހެން ދިމާއަކަށް ހިނގައިދާނަން". އެކުއްޖަކު ވަރަށް ހަރުދަނާ ކަމާއެކު އެ ގޮތާ އެއްބަސްވި އެވެ. "އަޅުގަނޑު ފާޚާނާއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ހިނގައިދާނަން." ދެ ޚިޔާލެއްގައި ހުރެ، މަހުފޫޒު އެ ކުއްޖާ އަށް ކޮޓަރިއަށް ވަންނަން ޖާގަ ދީފިއެވެ. އަދި ބޮޑު ތުވާއްޔަކާއި މުންޑަކާއި ޓީޝާޓެއް ދީފިއެވެ. ވިއްސާރަ ކޯޓެއް ވެސް އަތްމަތި ކޮށްދީފި އެވެ. "ދޭ! ހެދުން ބަދަލުކޮށްގެން އަވަހަށް ނުކުންނަން. އަހަރެން ވަރަށް އަވަހަށް ނިދާލަން ބޭނުން." މަހުފޫޒު އެދުނެވެ. "ކޮން ނަމެއް ކިޔަނީ؟" "ޝިޔާނާ"... ހަމަ އެކަނި ނަމެއް ބުނުމަށް ފަހު މާނަވީ ހިނިތުންވުމާއެކު ތުވާލި ހިފައިގެން ގޮސް ފާޚާނާއަށް ވަދެއްޖެ އެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޝިޔާނާ ފާޚާނާއިން ނުކުމެއްޖެ އެވެ. ކިހިލިފަތުން ފެށިގެން ފަލަމަސްގަނޑު މެދާ ހަމަޔަށް ނިވައިވާ ގޮތަށް ތުވާލި އަނދެލައިގެންނެވެ. ކުރިން ލައިގެން ހުރި ހެދުން ފެލައިލައިގެން ނުކުމެ ދޮންނަ މެޝިނުން އެ ތަކެތި ހިއްކައިލަންތޯ އެހިއެވެ. މަހުފޫޒަށް ޖަވާބު ނުދެވި އުޅެނިކޮށް މެޝިނުގެ ހިއްކާބަޔަށް ލުމަށް ފަހު މެޝިން ހިންގައިލި އެވެ. ޝިޔާނާގެ ޓޮޕްކޮޅާއި މިނީ ސްކާރޓް ހިއްކުމަށްފަހު ނަގައި ކުޑަ ގޮތަކަށް ފަށްޖަހާލުމަށްފަހު އެތާ ހުރި ގޮނޑިއެއްގެ ލެނގޭ ބައިގައި އަޅުވައިލުމަށްފަހު ބާލީހެއް ލިބި ދާނެތޯ އަހާލި އެވެ. "ކީއްކުރާ ބާލީހެއް"؟ "އަޅުގަނޑަކަށް މި ރެޔަކު ދެން ނުދެވޭނެ. މިތާ ތަޅުންގަނޑު މަތީގައި އަޅުގަނޑު މިރޭ ނިދައިލުމަށް ފަހު ފަތިހުފަތިހާ ނުކުމެގެން ހިނގައިދާނަން". މަހުފޫޒު ކަންބޮޑުވެއްޖެ އެވެ. ވަރަށް ހާސްވެއްޖެ އެވެ. ގޮތް ނޭނގޭ އަންހެން ކުއްޖަކު މި ކޮޓަރީގައި ނިންދެވިކަން ބަޔަކަށް އެނގިއްޖިއްޔާ މީހުން ދެކޭނީ ވެސް ކޮން ގޮތަކަށް ބާވައެވެ. ތަފާތު ތުހުމަތުތައް ކުރާނެ އެވެ. ވާހަކަތައް ފަތުރާނެ އެވެ. އެކަމަކު ވެހޭ ވާރޭތެރޭގައި އަންހެންކުއްޖަކު ގަދަކަމުން ނެރުމަކީ ވެސް އިންސާނިއްޔަތާ ޚިލާފު ކަމެކެވެ. މަހުފޫޒުގެ ކިބައިގައި އެފަދަ ހަރުކަށިކަމެއް ނެތެވެ. އެއީ އޭނާގެ މަޑުމައިތިރި މިޒާޖާ ގުޅޭ ކަމެއްވެސް ނޫނެވެ. "ޝިޔާނާ އެނދުގައި އޮވޭ. އަހަރެން އޮވެދާނަން ތަޅުންގަނޑުމަތީގައި." "ތިހެން ނަހައްދަވާ! އަޅަގަނޑަކަށް ނުކެރޭނެ ތި ބޭފުޅާ ބިންމަތީގައި އޮންނަވަނިކޮށް ތި ބޭފުޅާގެ އެނދުގައި އޮވެ ނިދާކަށް." "އެކަމަކު އަންހެންކުއްޖަކު ބިންމަތީގައި ބާއްވައިފައި އަހަންނަށް އެނދުގައި ކިހިނެއް އޮންނަން ކެރޭނީ؟" "އެހެން ވީ އިރު ތި ބޭފުޅާވެސް އެނދުގައި އޮންނަވަން ވީ ނޫންތޯ؟ މީ 4 މީހުންނަށް ވެސް ނިދޭ ވަރުގެ ބޮޑު ކިންގްސައިޒްގެ ޑަބަލްބެޑެއް ނޫންތޯ؟" ވަރަށް އިޙުތިރާމުގެ ރާގެއްގައި އެ ކުއްޖާ ބުނެލި އެވެ. "ކިތަންމެ ދުރެއްގައިވެސް މި އެނދުގައި ތިބެވޭނެ ނޫންތޯ؟" ބޭކާރު ބަހުސްތަކަކަށް ފަހު މަހުފޫޒު އެނދުގައި މަގަތަށް އެނބުރިގެން އަރައި އޮށޯވެއްޖެ އެވެ. ޝިޔާނާ ވެސް އެނދުގެ ބިއްދޮށުގައި ބިއްދޮށަށް އެނބުރި އޮށޯވެއްޖެ އެވެ. ވަރުބަލިވެފައި އޮތް މަހުފޫޒަށް މާގިނަ އިރެއް ނުވެ ނިދިއްޖެ އެވެ. ޝިޔާނާ އޮތީ ސަމާލުވެ ހޭލައެވެ. މަހުފޫޒަށް ގަދަޔަށް ނިދިއްޖެ ކަން އެނގުމާއެކު، ޝިޔާނާގެ ހުޝިޔާރުކަމުން އެ ދެ މީހުންނަށް ވެސް ހަމައެކަނި ބެޑްޝީޓުން ނިވައިކަން ހޯދައިލި އެވެ. އަދި މިޔަރެއްގެ ކައިރީގައި ހުރި އައްޓަމަހަކަށް ޝިޔާނާ ބަދަލުވެއްޖެ އެވެ. މަހުފޫޒަށް ހޭލެވުނީ، އޭނާއަށް އޭނާގެ ނަފުސުގެ ކޮންޓްރޯލް ގެއްލިފައި ވަނިކޮށެވެ. އޭރު 4 ޖަހަން ކައިރިވަނީ އެވެ. މުޅި ކޮޓަރި ވަނީ ދިއްލައި އަލިކޮށްފައެވެ. މަހުފޫޒުގެ ހަރުދަނާ ވިސްނުން އޭނާއަށް އެ ވަގުތު ކެހި ދީފި އެވެ. އެކަމަކު ގަޑިއެއްހާއިރު ވަންދެން އޭނާގެ ނަފުސު ކޮންޓްރޯލްކުރީ ޝިޔާނާއެވެ. މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާ ކުރެވިފައިވާ ފަދަ "މަތިވެރި" ލައްޒަތެއް މަހުފޫޒަށް އިޙުސާސްކުރެވުމަށްފަހު، އަޞްލު ޙާލަށް ރުޖޫޢަވެއްޖެ އެވެ. ކިތަންމެ ވިއްސާރަ ރެޔެއް ނަމަވެސް އެއަރކޯން އޮފްކޮށްލައިފައި ހުރުމާއެކު ދާހިއްލައި ފޯވެފައިވާތީ، ލަދުވެތިކަމާއެކު ތެދުވެ މަހުފޫޒު ފާޚާނާއަށް ވަދެ ފެންވަރައިގެން ފަތިސްނަމާދުކޮށްލައިގެން ތަޅުންގަނޑުމަތީގައި ވެއްޓިފައި އޮތް ބެޑްޝީޓް ތަޅުންގަނޑުމަތީގައި ފަތުރައިލައިގެން އެތާނގައި ހަމަ ޖެހިލިއެވެ. ދާދި އަވަހަށް ނިދިއްޖެ އެވެ. މަހުފޫޒަށް ހެނދުނު ހޭލެވުނީ 8 ގަޑި ބައި ވެސް ވީ ފަހުންނެވެ. އޭރު ޝިޔާނާއެއް ނެތެވެ. ގަޑި ބަލައިލުމަށް ފަހު ފެންވަރައިގެން އޮފީހަށް ދާން ފަޓުލޫނުލުމަށް ފަހު ޖީބުގައި އައްޖައްސައިލީ އިރު ވޮލިޓެއް ނެތެވެ. ވޮލިޓް އޮތީ މޭޒުމަތީގައި ބާއްވައިފައެވެ. ވޮލިޓް ނަގައިގެން ބަލައިލި އިރު ރޭގައި ވޮލިޓަށް ލީ 5 ހާސް ރުފިޔާއެއް ނެތެވެ. އެއީ ރޭ ގެޔަށް އަންނަމުން ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެކަމުން ނަގައިގެން ވޮލިޓަށް ލީ ގޮތަށް އޮތް 500 ރުފިޔާގެ 10 ނޫޓެވެ. ފައިސާގެ ބަދަލުގައި ވޮލިޓްގައި އޮތީ ކުޑަކުޑަ ނޯޓެކެވެ. "މަހުފޫޒެވެ! ޝުކުރިއްޔާއެވެ! އަހަރެންގެ މިޝަން %100 ކާމިޔާބެވެ. ފަސް ހާސް ރުފިޔާވެސް ލިބުނީ އެވެ. އަހަރެމެންގެ "އެކުވެރިކަމުގެ" ވަރަށް ފުރިހަމަ ވީޑިއޯއެއް ވެސް އެބަ އޮތެވެ. އެ "އެކުވެރިކަން" ދުވަހަކު ވެސް ހިތަކުން ނުފިލާނެ އެވެ. އަދިވެސް ބައްދަލުވުމަށް އުންމީދު ކުރަމެވެ."...... މި ވޭނީ ޚިޔާލުގެ ތެރެއިން ނުކުމެވުނު އިރު ހުރިހާ ރިޕޯޓަރުން ޙައިރާންވެގެން ބަލަހައްޓައިގެން ތިއްބެވެ. ދެންމެ އައި ފޯނު ކޯލާއި އެ ކޯލަށް ފަހު މަހުފޫޒަށް އައި ހުއްޓުމާ މެދު އެންމެން ސުވާލުކުރަނީ އެވެ. މަހުފޫޒަށް ދޭނެ ޖަވާބެއް ނޭނގުނެވެ. މަހުފޫޒަށް ތެޅިގަނެވުނެވެ. ހާސްވެއްޖެ އެވެ. މުޅި ދުނިޔެ އެނބުރިގަތެވެ. ހަދާނެ ގޮތް ހުސްވި އެވެ. ދުނިޔެ ރަންވެއްޖެ އެވެ. އެނެމެ ފަހުން އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. ------------ (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|