|
އަބުލްޤާސިމް (އައްޝާއްބީ) ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

1. އެދޭނަމަ ޙަޔާތުގަ އުޅެން ދުންޔަވީ، ތަބާވާން ޖެހޭނެޔެ ކަތުން މިންވަރަށް. 2. ޖެހޭނެޔެ މުޅިން ފުނޑުވުމަށް ޤައިދުތައް، ޖެހޭނެޔެ މުޅިން ހަމަ ނިމެން ރޭގަނޑަށް. 3. ޙަޔާތާ މެދަށް ޝައުޤުވުން ނެތް ކަތުން، ބުރައިގެން ހިނގައިދެޔެ ވެގެން ހިރަފުހަށް. 4. ނިވާވެވިފަވީ ރޫޙުތައް ވެސް އައިސް، މިހެން އެންގިޔޭ ކާއިނާތްތައް މަށަށް.
5. ރުޅިން ރޯޅިތައް ރޫޅެމުން ބުނެހެދީ، މަތިން ފަރުބަދައިން އައިސް ތިރިން ގަސް ދަށަށް. 6. ކަމެއް ހިތު އަޅައިގެންފި ނަމައީ މަރަށް- ސަވާރުވެ، ހިތެއް ނުމެ ދެޔޭ ބިރުތަކަށް. 7. އަނދާ ހޫނު އަލިފާންގަނޑަށް ވެސް އަރައި، ދެ ލަޝްކަރުގެ ދެމެދުން ދަމޭ މަންޒިލަށް. 8. އުޅެން ޖެހިދެޔޭ އަޑިގުޑަންތަކު ތެރޭ، އަރާ ހިތް ނުވާނަމަ، އެ ފަރުބަދަތަކަށް. 9. ޒުވާންކަމުގެ ލޭ ދެން މަގޭ ހިތުތެރޭން، އަރާ ކެކި ދިޔަޔެ ބާރުދޭން އަތް ފަޔަށް. 10. ސުކޫތެއް ގެނައިމޭ ބަލަން ހުރެ ބިމަށް، އަޅާ ހޮނުގެ ގިނި ކަނިތަކާ ގުގުރުމަށް. 11. ޖެހޭ ވައިގެ މިޔުޒިކު އަހައި ބުއްދިކޮށް، ވެހޭ ވާރެޔާމެދު ނިކަން ވިސްނުމަށް.
12. ސުއާލެއް ކުރީމޭ ބިމަށް ބޮސްދެމުން، ކުރަންހޭ ތިބާ ނަފުރަތެއް މީހުނަށް؟ 13. ޖަވާބުގަ މަގޭ މަންމަ ބިން އެންގިޔޭ، ޢިލާޖެއް ކަމަށް ވާނެހެން ހިތްތަކަށް. 14. ޠުމޫޙުގެ ކަތުންނަށް މަ ހިތްވަރު ދެމޭ، ބިރެއް ޖެހިލުމެއް ނެތި އަރާ ބޮންތިޔަށް. 15. މަ ލަޢުނަތް ދެމޭ ހިލަ ފަދައިން ދިރިއުޅޭ، ޒަމާނާ ތަބާ ނުވެ ހިނގާ އެންމެނަށް. 16. މި ކައުނީ މިއީ، ބަލަ ދިރޭ އެއްޗެކޭ، މި ކައުނުގަ ވެޔޭ ލޯބިވުން ދިރިވުމަށް. 17. ވަޔާ އުފުޤު ވެސް ބަލަ ތަނެއް ނުމެ ދެޔޭ، މަރާ ހަމަވެދާ ދޫނިތައް އުދުހުމަށް. 18. ކޮކާ، ބަޅިނދުވެސް ބޮސް ނުދެޔެ ލޯބިކޮށް، މި ގުލްޝަންތެރޭން މަރުވެދާ މާތަކަށް. 19. ނުވާނަމަ މަގޭ ލޯބިވެތި ތުނި ހިތާ، މި މައިވަންތަކަން އުނގުތެރޭ އެންމެނަށް. 20. ނުބާއްވާނަމޭ، މައްޔިތެއް ކަފުނުގައި، މަރަށް ފަހަކު ކަށްވަޅު ތެރޭ ބީވުމަށް.
21. ހިތާމައި ތެރޭގައި މަވީމޭ ބިރުން، ޚަރީފުގެ ރެއެއްގައި ނިކަން ވިސްނުމަށް. 22. ތަރިން އައި އަލިން މަސްތުވީމޭ އެރޭ، ހިތާމައިގެ ލަވަތައް ކިޔައި އެންމެނަށް. 23. ފަތިސް ވެރިވުމުން ދެން ސުއާލެއް ކުރިން، ޙަޔާތުގެ އަރަތްތައް އަހައި ހޯދުމަށް. 24. ބަހާރުގެ ފަހުން ފަހެ، ޙަޔާތުގެ ދިރުން، އިޢާދަވެ ލިބުން ވާނެހޭ ހިތްތަކަށް؟ 25. އެރޭ ފަތިހުގައިވީ ޡަލާމުގެ ދުލުން، ޖަވާބެއް ލިބެން ނެތްކަމުން މީހަކަށް. 26. ގިޓާގައި ދެމޭ ހިމަ ނަރެއް ހެން އައިސް، ވަޔާއެކު އޮނެއް ގުދުވެގައި ބުނި މަށަށް. 27. ޝިތާ އާދެޔޭ ދުންފިނިން ވާ ޝިތާ، ވަޔާ، ގަނޑު ފެނުން ވާ ޝިތާ ދުނިޔެއަށް. 28. ގަހާ ގޮފިގޮފީގައި އެވާ ރީތިކަން، ފިލައިގެން ހިނގައިދެޔެ އެދޭ އެންމެނަށް. 29. މަލާ، ފިޔަތަކަށް ލިބިފަވީ ސިޙުރު ވެސް، މުޅިން ގެއްލިދެޔެ ލޯތަކާ ހިތްތަކަށް. 30. ވިލާތައް ހިނގާ ޝާޢިރީ މަންޒަރާ، އުޑުން ކުލަ އެކީ ކެނޑިދެޔޭ ލަސް ނުކޮށް. 31. ވަޔާއެކުގަ ވަސްމީރުކަން ޖައްވުގައި، ދަނޑުން ފެތުރުމެއް ވެސް ނެތޭ ރަށުތެރަށް. 32. ގޮފިން ފޭބުމަށް ޖެހިދެޔޭ ފަތްތަކާ، ދިރުން އޭގަ ވާ ކުރިތަކާ، ގަސްދަށަށް. 33. އެއިން ލޯބިވެތި މޫސުމެއްގައި ފޮޅުނު، މަލާ، ފިޔަތަކަށް ވެސް ޖެހޭ ބީވުމަށް. 34. އެއާ ކުޅެލަޔޭ ވާދިޔަށް ވައި އައިސް، ދެމޭ ސައިލު ލައްވާ އެކީ ވަޅުލުމަށް. 35. އިސާހިތުގަ ގެއްލިއްޖެޔޭ ގުލްޝަނުން، ޝިތާގައި އެތައް މަންޒަރެއް ލޯތަކަށް. 36. ލޮލަށް ފެނުނު ހުވަފެންތަކެއް ހެން ތަނުން، މިހެން ބީވުމުން ރީތިކަން ފަސްގަނޑަށް. 37. ބިމަށް ވެއްޓި މުޑުވަށްވި އޮށްތައްމެ ނޫން، އެހެން އެންމެހައި ތަކެތި ވީ ވެލިކަމަށް. 38. ހަނދާނާއި ޒިކުރާ ޙަޔާތުގެ ތެރޭން، އެ އޮށްތަކުގަ ވީ އަންނަ މޫސުމްތަކަށް. 39. ޒުމައްރަދުގެ ކުލަ ފަނޑުވި ގޮތް ވެސް ބުނުން، އަލުން އާ ޙަޔާތުގެ އުޖާލާ ކަމަށް. 40. އެ އޮށްތައް ވިޔޭ ދުންފިނިން ކަޅިވެފައި، އެއަށްފަހު ނިވާވީ އެ ފަސްގަނޑު ދަށަށް. 41. މިހެން ގޮސް އެތައް އޮޅިތަކެއް ކޮށް ގިރާ، އެއިން ކުރި ފަޅައިދޭ ޙަޔާތުގެ ތެރަށް. 42. ޙަޔާތަށްޓަކައި ވޭން މިހެން އުފުލަނީ، އުފާތައް ހިފައިގެން ބަހާރުގެ ހިތަށް. 43. ގޮވާ ބުލްބުލާ ދޫނިތައް ވާކަމަށް، ޙަޔާތުގެ ތެރޭގައިވި އުންމީދަކަށް. 44. ބަޝާރަތު ދެމުން އެދި އެވާ އެންމެނަށް، މަލާ، ކަރުގަނޑުން މީރު ވަސް ފެތުރުމަށް. 45. ގޮފީގައި އަޅާ މީރު މޭވާތަކާ، އެއިން އަދި ފަޅާނޭ ޅަނދޮޅު ކުރިތަކަށް.
46. ޒަމާންތައް ހިނގައިދޭ އެތައް ކަންކަމެއް، އައިސް ގޮސް އޮބައި ދާނެހެން މާޒިޔަށް.
47. ލޮލަށް ފެންނަ ހުވަފެންތަކެއް ވާފަދައިން، މުޅިން ސާފު ނުމެވާ ޙަޤީޤަތް ކަމަށް. 48. އެތައް ހާސް ސުއާލެއް ވެޔޭ މިކަމުގައި، ޙަޤީޤަތް އަހައި ސިއްރުތައް ހޯދުމަށް. 50. ކޮބައިހޭ ފޮގާ، ދުންފިނިން ވާ ސަމާ؟ ކޮބައިހޭ އަރައިދިޔަ ވިލާތައް އުޑަށް؟ 51. ކޮބައިހޭ ހަވީރުގެ މަނާޒިރުތަކާ، އަރާ ރަތްވިލާ ރަށްމަތީ އުދަރެހަށް؟ 52. ކޮބައިހޭ ހަނދާ، ފެތުރިދާ ހަނދުވަރާ، އެއިން ވިހުރިދާ ދޫލަތައް މެދު އުޑަށް؟ 53. ކޮބައިހޭ އަރާ ލޭކޮކާ އައިނުތައް، ނަށައި އުދުހެމުން ދަނޑުތަކުން ރަށުތެރަށް؟ 54. ކޮބައިހޭ ފެވޭ ދޯދިތައް ކައުނުގައި، އުފާތައް ހިފައިގެން ޙަޔާތުގެ ތެރަށް؟ 55. ކޮބައިހޭ އެޔަށް އިންތިޒާރެއް ވެވޭ، ޙަޔާތާއި ގުލްޝަން އުފާ ހޯދުމަށް؟ 56. އަރައި ގަދަ އަލީގައި އިނިން ގޮފިމަތީ، އެތާނގައި ބޮޑަށް ފެންބޮވައިގަތެ އެޔަށް. 57. ހިޔާ ގަސްދަށަށް ގޮސް އިނިން ހިޔަލުގައި، އެތާނގައި ބޮޑަށް ފެންބޮވައިގަތެ އެޔަށް. 58. މަނާބިޢުތަކަށް ގޮސް އޮތިން ފެނުތެރޭ، އެތާގައި ބޮޑަށް ފެންބޮވައިގަތެ އެޔަށް. 59. ގުރާތައް ގޮވާ އަޑު އަހަން ގޮސް އިނިން، އެތާނގައި ބޮޑަށް ފެންބޮވައިގަތެ އެޔަށް. 60. ޖެހޭ ވައިގެ ވައި އަޑު އަހަން ގޮސް ހުރިން، އެތާ މާބޮޑަށް ފެންބޮވައިގަތެ އެޔަށް. 61. ވެހޭ ވާރެއިން ރާގުތައް އަޑުއެހިން، އެހިނދު ފެންބޮވައިގަތެ އެޔަށް މާބޮޑަށް. 62. މި ކައުނަށް ބޮޑަށް ފެންބޮވައިގެން އެހިން: ކޮބައިހޭ ވުޖޫދުން ތަނެއް ޢާލަމަށް؟ 63. ޖުމޫދުގެ ތެރޭ ޣަފުލަތެއްގައި ނިދައި، އެއަށްފަހު، މިކައުނަށް ޖެހޭ ހޭލުމަށް. 64. އޮޔާ އިދިކޮޅަށް ދޯނި ދުއްވަން ހިތައި، ޖަހާ ފަލި ދެޔޭ ކާމިޔާބުގެ ތެރަށް. 65. ބިމުން ކުރި ފަޅައިގެން ހެދޭ ގަސްތަކުން، އުފައްދަޔެ އުފާވެރި މަނާޒިރު ލޮލަށް. 66. މިހެން އާދެޔޭ ފޮނި ބަހާރުގެ ނަޣަމް، މިހެން އާދެޔޭ މީރު ވަސް ނޭފަތަށް. 67. މިހެން ބޮސްދެޔޭ ތުންފަތާ މޫނުގައި، ޒުވާންކަން އަލުން ގެންނަމުން ގުލްޝަނަށް. 68. މިހެން ލޯބިކޮށް ގުލްޝަނަށް ބުނެލަޔޭ: ޙަޔާތް އެނބުރި ދެއްވިއްޖެޔޭ ތިޔަ ތަނަށް. 69. ބިމަށް ވެއްޓި މުޑުވަށްވި އޮށްތަކު ތެރޭން، އަލުން ތިޔަ އައީ އާ ޙަޔާތުގެ ތެރަށް. 70. އެދެން، މާތްކަމާ ބަރަކަތާ އަލިކަމުން، ތިބާ މޭގަނޑާ މޫނުގައި ލެއްވުމަށް. 71. ލިބުން ވޭ އަލިން މާތްކަމާ ބަރަކަތާ، ޚިޔާލާތުގައި އެދި އުޅޭނަމަ އެޔަށް. 72. ފަޒާޔާ، ފަޒާގައި ވި އަލިކަން ވަނީ، ހިބައިން ދެވިފަޔޭ ތިޔަ ބަހާރުގެ ތެރަށް. 73. އުޑުން ފޭބި ޝަބުނަމްތިކިން ތެތްވި ބިން، އެޔާއެކުގަ ވެއްޖޭ ތިބާ މޭގަނޑަށް. 74. ނިމުން އަދި ފަނާވުން ނުވާ ރީތިކަން، މި ކައުނުން ދެވިއްޖޭ ތި ގުލްޝަން ތެރަށް. 75. ހިނގައި ދާށެ ވާދީތަކާ ދަނޑުތަކަށް، އެތަންތަނުގަ ވާ ގަސްތަކާ ފެހި ބިމަށް. 76. ހިނގައި ގޮސް ބަހާށޭ މަލާ މޭވަޔާ، އެތާނގައި ހެދޭ ގަސްގަހާގެހިތަކަށް. 77. ގޮވާށޭ ވަޔާ ހުދު ވިލާފޮތިތަކަށް! ގޮވާށޭ ހަނދާ އަދި އަރާ ތަރިތަކަށް! 78. ގޮވާށޭ ވުޖޫދުން ޙަޔާތަށް އެދޭ! އެޔަށް ޝައުޤުވާ އެންމެހައި އެއްޗަކަށް. 79. އުފާވެރި ޚަބަރުތައް އެޔަށް ދީ ހަދަން، އުފާވެރިކަމާ، ބަރަކަތާ ވާ ކަމަށް.
80. އުފާވެރިކަމާއެކު އުޖާލާ ކަމުން، ފަތިސް ކަޝްފުވެއްޖޭ ނިކަން ސާފުކޮށް. 81. ޚިޔާލާތް ފުޅާކޮށްދެމުން، ފިކުރުތައް، ވަކިން ތާޒަގީ ވާނެހެން އެންމެނަށް. 82. މަލުން މީރުވަސް ފެތުރިދާ ހިނދު ހަވީރު، ތަރިން ބައްތިތައް ދިއްލަމުން ރޭގަނޑަށް. 83. މި ކައުނުގެ ތެރޭން ޖާދުވީ އަލިކަމެއް، އިސާހިތަކު އިއްވިއްޖެޔޭ ޢާލަމަށް. 84. ވި އިޢުލާނަކުން ކައުނުގައި އެންގުނޭ، ޙަޔާތުގެ ދިރުން ވީ ޠުމޫޙުން ކަމަށް. 85. އެދޭނަމަ ޙަޔާތެއް ނަފުސުތައް މިތާ، ތަބާވާން ޖެހޭނެޔެ ކަތުން މިންވަރަށް.
|