ފަންވަތް ދިވެހި ވަޒަންބަހުރުވަ ''ބެސްޓްފްރެންޑް''
ބެލި ޢަދަދު: 2297
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
''ބެސްޓްފްރެންޑް'' ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 13
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
24 ޖެނުވަރީ 2010، 00:35 އާދީއްތަ


އާދަމް ނަޞީރު އިބްރާހީމް (2010)

ތިބާޔާ، ބައްދަލުވީތީ، ހިތަށް އުފާވެރިކަން ލިބިއްޖެ އެވެ.

މި އަހަރަކީ އަހަންނަށް އެންމެ އަތްމަތި  ދަތި އަހަރެވެ.
ވިޔަފާރި ބަނގުރޫޓުވެއްޖެ އެވެ.
ފޯރުންތެރިކަން ގެއްލިއްޖެ އެވެ.
ދަރަނިވެރިވެއްޖެ އެވެ.



ތިބާޔާ، ހަތަރު ކަޅި ހަމަވީތީ، ނަފުސަށް  ހަމަޖެހުން ލިބިއްޖެ އެވެ.

މި މަހަކީ އަހަންނަށް އެންމެ ބަދުނަސީބު މަހެވެ.
އާއިލާ ރޫޅިއްޖެ އެވެ.
ދަރީންކޮޅު ވިއްސި ވިހާލި ވެއްޖެ އެވެ.
އެކަނިވެރިއަކަށް ވެއްޖެ އެވެ.



ތިބާޔާ، ސަލާންކޮށްލެވުނީތީ، މެޔަށް ފިނިކަން ލިބިއްޖެ އެވެ.

މި ހަފުތާއަކީ، އަހަންނަށް އެންމެ އުދާސްކަންދިން ހަފުތާ އެވެ.
ވަޒީފާ ގެއްލިއްޖެ އެވެ.
ސަލާންޖަހަން ޖެހިއްޖެ އެވެ.
ދާންވީތަނެއް ކުރަންވީ ކަމެއް އޮޅިއްޖެ އެވެ.


ތިބާ، ހިނިތުންވެލީތީ، ޟަމީރަށް ފާގަތިކަން ލިބިއްޖެ އެވެ.

މި އަދަކީ އަހަންނަށް އެންމެ ނުތަނަވަސްކަން ދިން ދުވަހެވެ.
ބައްޕަ ހަސްފަތާލުގައި ބާއްވައިފި އެވެ.
އަތްފައިގެ ވާގި ނެތިގެންނެވެ.
ފަރުވާއާ މެދު އިތުބާރެއް ނެތެވެ.


ރަޙްމަތްތެރިޔާ އެވެ.

އެކަމަކު.......

ތިބާގެ މި ބައްދަލުވުމުން، ހިތުގެ އުންމީދު އުތުރި އަރައްޖެ އެވެ.

މި ހިނދުކޮޅަކީ،  އަހަންނަށް ހަތަރު އުދަރެސް ފެނުޖެހުނު ވަގުތެވެ.
މަންމަ ނިޔާ ވެއްޖެ އެވެ.
ވަޅުލެވޭނެ ފަދަ ވެސް ނެތެވެ.
މި ފިރުކެނީ، ސަހަރާއާ ދިމާ އަށެވެ.


''ބެސްޓްފްރެންޑް''؛

''އެހެންދޯ! ހާދަ ދެރައޭދޯ!،  ކޮބާ ނެތްތަ ކޮފީއެއް ޖަހާލެވޭކަށް؟''

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ ދަބަސް, 2010-01-23 23:55:54
މިޅެމުގައި ހަމަގައިމުވެސް ވަރަށް ފުންމާނައެއް ވާނެކަން ޔަގީނެވެ.. އަޅުގަނޑަށް އެކަން މިޅެމުން އެބަ އިހްސާސްކުރެވެއެވެ. ޙަޤީޤތުގައި މިއިން މި ނެރިދެނީ ސަލްބީ ނުވަތަ އީޖާބީ މާނައެއްކަންވެސް ނޭނގޭ ވަރަށް މިވަނީ "އަގުޅިބެއްދިފައެވެ" އޭގެބޭރުން ނިކަން ސާދާ ބަހުރުވައެއްގެ "ފޮއްޗަކުން" އުރަލެއްވިފައެވެ. ކޮންމެ ބައެއްގެ ފެށުމާ ނިމުންވެސް އެވަނީ އެޅިފައިވާ ބުގިސް "ވިހޭފަށުގެ ކުރެހުމުން" ޒީނަތް ކުރެވިފައެވެ. މިއީ ވަރަށް ރީތި މާނަފުން ޅެމެކެވެ!
...
ލިޔުނީ މާލިޝް, 2010-01-24 07:46:37
އާދަމް ނަސީރަކީ އަޅުގަނޑު ނުހަނު އިހްތިރާމް ކުރާ ބޭފުޅެކެވެ.ނަސީރުގެ ލިޔުންތައް ނުހަނު ކަމުދެއެވެ.އަޅުގަނޑުގެ އެދުމަކީ ނަސީރު ލިޔުއްވާ ޅެންތަކުގެ ޝަރަހަ އެއް، ނޯޓް މިހެން ޖައްސާވަ ނަމަވެސް ގެނެސް ދިނުމެވެ.މި ފަދަ އާޅެމުގަ ބުނާ ވާހަކަތައް ކޮންމެ މީހަކަށް ދޭހައެއް ނުވާނެއެވެ.ވީމާ މިޅެމުގައި ވެސް ދައްކާފައި ވަނީ ކޮންވާހަކަ ތަކެއްކަން ބަޔާން ކޮށް ދިނުން އެދެމެވެ.
...
ލިޔުނީ މާލިޝް, 2010-01-24 07:58:03
ދަބަސް < ތިޔަ ފާޅު ކުރެއްވި ޚިޔާލުގައި ވެސް ވަރަށް ފުންމާނަތަކެއް އެކުލެވިގެންވާނެ ކަން ޔަގީނެވެ.ތިޔަ ފާޅު ކުރެއްވި ޚިޔާލުގެ ފުންމާނަ އެނގިލައްވާނީ ދަބަހަށެވެ.ތިޔަ ފާޅުކުރެއްވީ ވ މާނަ ފުން ޚިޔާލެކެވެ.
...
ލިޔުނީ ދަރިވަރެއް, 2010-01-24 10:25:25
އަޅުގަނޑަށް ދޭހަވާގޮތުން މިޅެމުގައި ބުނެދީފައި މި ވަނީ އަދުގެ ޒުވާނުންގެ އާދައެވެ.ތިމާގެ އެންމެ ގާތް އެކުވެރިޔާ ކޮންމެ ފަދަ ޙާލަތެއްގައި ވިޔަސް(ޅެމުގައި ބުނެދީފައިވާ ފަދައިން "ހަތަރު އުދަރެސް ފެނުޖެހިފައިވިޔަސް") ކޮފީއަކަށް ދެވެން ނެތްތޯ އަހާލުމެވެ.އަދި މީގެ އިތުރަށް މި ޅެމުގައި ފޮރުވިފައިވާ ފުން މާނަތަކެއް އެކުލެވިގެންވާކަމުގެ އިޙްސާސް އަޅުގަނޑަށްވެސް ކުރެވެއެވެ.
...
ލިޔުނީ ތުއްފާށަނާ, 2010-01-24 13:19:14
ވަރަށް ފުރިހަމަ އާޅެމެކެވެ. އަދުގެ ޙާލަތާ އެކަށޭނައެވެ. އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވެނީ ބެސްޓް ފްރެންޑް އެންމެ ފަހުން ބުނެލާ ޢިބާރާތްކޮޅުގެ ޢިބާރާތްކުރުމެވެ. މިއީ އަދުގެ ޒުވާން "ބެސްޓް ފްރެންޑެއް" ހަމަދޭނެ ޖަވާބެވެ. ޝާޢިރުގެ މުޘައްޤަފުކަން މިއާޅެމުން އެނގިގެން ހިނގައްޖެއެވެ.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2010-01-26 16:13:57

އަޅުގަނޑުގެ މި ފޮޅުވަތްތައް ވިދާޅުވެލެއްވި އެންމެހާ ކިޔުންތެރިންނަށް، ޚިޔާލު ފާޅުކުރެއްވި އެންމެހާ ނާޤިދުންނަށް ލަފާ ދެއްވި އެންމެހާ މުރުޝިދުންނަށް ހެޔޮ އެދުމާއެކު ޝުކުރު ދަންނަވަމެވެ. ހިތުގެ އެންމެ ފުންމިނުންނެވެ.

މި ފޮޅުވަތްތަކުގައި އަޅުގަނޑު އުފެއްދޭތޯ މި އުޅުނު ސުވާލަކީ، ނުވަތަ ހުށަހެޅޭތޯ މި އުޅުނު މަފުހޫމަކީ، ''އެއް އިންސާނަކާ އަނެއް އިންސާނަކާ ދެމެދު އުފެދި ބަދަހިވާ ގުޅުމުގެ މާނައަކީ ކޮބައިތޯ'' މި އެވެ. ނުވަތަ، އޭގެ އަގަކީ، ޙުރުމަތަކީ ކޮބައިތޯ އެވެ؟

އިންސާނީ އާންމު ދިރިއުޅުމަށް ވިސްނަމާތޯ އެވެ؟ ތިބާގެ ކިބައިން އަނެކުންނަށް ކަންތައްތަކެއް ފުދެންޏާ އޭނާގެ ޝައުޤުވެރިކަމާއި އެހީތެރިކަން ތިބާގެ މައްޗަށް އުތުރެމުންދާނެ އެވެ. އެކަމަކު ތިބާގެ ކިބައިން އެކަން އުފުލިގެން ހިނގައްޖެ ނަމަ، ތިބާގެ ނިކަމެތިހާލެއްގައި ޖެހިއްޖެނަމަ، ތިބާގެ ލޮލުން ކަރުނަ ހިލޭނަމަ، އެ މަންޒަރުތައް ބަލާކަށް އޭނާގެ ލޮލަކު ޝައުޤުވެރިކަމެއް ނުހުރެ އެވެ. ތިބާގެ އަޑު އިވޭ ވަގުތު ފޫހިކަން ނޫނީ އިޙްސާސެއް ނުކުރެ އެވެ.
އޭނާ އަށް އެކަމަށް ވަގުތެއް ވެސް ނޯވެ އެވެ. ބިޒީވެ އެވެ. ތިބާގެ ޖަޒުބާތުތައް އޭނާއަށް މުހިންމެއް ނޫނެވެ. ގިނަ ގިނައިން އެވާހަކަ ތިބާ ދައްކާނަމަ، އޭނާގެ ކުރިމަތީގއި ތިބާ މޮޔަޔަކަށް ނުވަތަ ސޭކަކަށް ވެގެން ދެ އެވެ.

މިއީ އިންސާނީ ގުޅުމާ މެދު ސުވާލު އުފެދޭ އެއްބާވަތެވެ. އަނެއް ބާވަތަކީ ކޮބައިތޯ އެވެ.

ތިބާގެ ކުރިމަތީގައި ދިވެހި ޤައުމީ ޓީމު ބޭރުގެ ޓީމަކާ ކުޅެމުން ދަނީ އެވެ. ދިވެހި ޓީމުގައި ތިބާގެ ބޭބެ އެބަ ކުޅެ އެވެ. ކޮންމެ ކުޅުންތެރިއެއްގެ މަސައްކަތުން ނަމަވެސް، ލަނޑެއް ޖެހިއްޖެ އެވެ. ތިބާގެ ބޭބެޔަކަށް ނޫނެވެ. އެހެން މީހަކަށެވެ. ތިބާޔަށް ފުންމައިގެން ތެދުވެވިދާނެ އެވެ. ހަޅޭލަވައިގަނެވިދާނެ އެވެ. އުފާވެރިކަމުގެ ''އާފާތެއް'' އިޙްސާސް ކުރެވިދާނެ އެވެ.

އެކަމަކު، މެޗް ނިމިގެން އެ ކުޅުންތެރިޔާ އަށް މޭންއޮފްދަ މެޗްގެ އިނާމު ލިބޭވަގުތު ހިތަށް އެރުން އެކަށީގެން ވެ އެވެ. އަހަރެންގެ ބޭބެއަށް ލިބުނު ނަމަ ކޮންފަދަ ހެއްޔެވެ؟ އަސްލު މޮޅަށް ކުޅުނީ ވެސް އޭނާ އެވެ. ލަނޑުޖެހޭނީ ނަސީބު ގަދަ މީހަކަށްތާ އެވެ.

މި ތާނގައި ސުވާލަކީ، ތިބާ (ނުވަތަ އެމީހަކީ އަޅުގަނޑު ކަމަށް ވިޔަސް، އަދި ކޮންމެ މީހަކު ކަމަށް ވިޔަސް) އުފާވީ ދިވެހި ޤައުމީ ޓީމު މޮޅުވީތީ ހެއްޔެވެ؟ ނުވަތަ ބޭރުބަޔަކު ބަލިވިން މަންޒަރު ފެނުމުން އެމީހުންނަށް ލިބުނު ދެރައިގެ ސަބަބުން ހެއްޔެވެ؟

އުފާވީ ޤައުމީ ޓީމު މޮޅުވުގެ ސަބަބުން ކަމަށްވާނަމަ، އެއްކަލަ އިނާމު ވަކީ މީހަކަށް ނުލިބުނީތީ ހިތުގައި މި އަނދަނީ ކޮން އަލިފާނެއްބާވަ އެވެ؟

އަޅުގަނޑުގެ ނަޒަރުގައި މިހިރީ އިންސާނީ ޙަޔާތުގައި އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ވިސްނާލުން މުހިންމު ކަންކަމެވެ. އޭރުން އެހެން މީހުންގެ މައްޗަށް ހިތްނުބައި ނުކޮށް އުޅެން އެނގުމާއެކު، ޝައިޠާނާ ހިތުގައި ރޯކުރާ އިންޖީނު އުދުންތައް ނިންވުމުގެ ހުނަރު ލިބޭނެ އެވެ. އޭގެ ސަބަބުން މެޔަށް ފިނަކަން އިޙްސާސް ކުރެވޭނެ އެވެ.

އަދި އެއްފަހަރު މަތީގައި އެ ވާ އަޅުގަނޑު ''ފޮޅުވަތްތައް'' ވިދާޅުވެލެއްވުން އެދެމެވެ. މީހަކު އޭނާގެ އެންމެ ޒަމާންވީ އެންމެ ދުވަސްވީ ރަޙްމަތްތެރިޔާއަށް އެ ހުށަހެޅީ އޭނާގެ އިންތިހާ ދަރަޖައިގެ ނިކަމެތި ޙާލެވެ. އެކަމަކު ރަޙްމަތްތެރިޔާ އޭރު ވެސް ވިސްނަމުން އެދިޔާއީ ކޮންކަމަކާތޯ އެވެ؟ އެ ހުރިހާ އުދާހެއް ދެކިފެނި އިވުމަށް ފަހު ވެސް ހަމަ އެވަގުތު ވެސް އޭނާ އަވަސްވެގަތީ އޭނާގެ އަމިއްލަ ހަށިގަނޑުގެ އެދުމަށެވެ.

އަޅުގަނޑުގެ ބޭނުމަކީ، މި ފަދައިން ބައެއް ފަހަރު ދިމާވާކަން ހަމަ އެކަނި ބަޔާން ކޮށްލުމެވެ. ފަހަރެއްގައި ވެސް ކޮންމެ ރަޙްމަތްތެރިޔަކީ، ކޮންމެ ގުޅުމަކީ މި ފަދަ ގުޅުމެކޭ ކަނޑައެޅިގެން ދެންނެވުމެއް ނޫނެވެ. ނުވަތަ އެއީ މީގެ ދިމާ އިދި ކޮޅަށް އޮތް ކަމެކޭ ވެސް ކަނޑައެޅިގެން ދަންނަވާކަށް ނެތީމެވެ. އޮތީ ވިސްނާ ހޯދައި ބަލައި ފިކުރު ކުރުމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2297
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone