މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އީމާނުގެ އުދަރެސް |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 24 ޑިސެމްބަރ 2008، 13:16 ބުދަ | |||
|
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ 01 - ވިލާ ރޮއްޖެއްގެ މިންވަރުވެސް ނެތޭ އުޑުގައި އެދުހު މެންދުރު، ކިލާކޮށްލީ ދިމާ ހުޅަނގުން އެކީ ދަށްއުޑު ފަހުންނެ އަސުރު، 02 - ލަހެއްނުވެ ފެނުވަތުން ގުގުރާލިޔޭ ވައިރޯޅި ބާރުވެލައި، ފަހެއް ޖެހުމަށް ފަހުން ވަކިވެސް ދެނެއް ނުވިޔޭ ދުވާލުގެ އިރު، 03 - އެހާ ކުޑަ ބޮއްކުރާ ގަނޑަކަށް އަރައިގެން އެކަނި ފަލި ޖަހަމުން، އެހާބޭރަށް ޢަލީ ނިކުތީ، ކެޔޮޅުކަމުއޭ ތިނެއްޖެހި އިރު، ![]() 04 - ކެޔޮޅުކަން ރަށްދަށުން ކުރުމީ، ބޮޑެތި ކުރުމަސް، ހިބަރު މެރުމީ، ކެޔޮޅު އައްޔަށް ކަމެއް ނޫނޭ އޮތިއްޔާ ހޭމަހާއި ހެތުރު 05 - އެކަކު ފެންނަން ނެތަސް އޭނާ ހަވީރު ކަނޑަށް ނިކުމެއުޅެޔޭ އެކަނިމާއެކަނި ދޮއްދަނޑި ޔާ ހިފައިގެން އޭގެ ތޫނު ކަވަރު 06 - އެހެންނަމަވެސް މި އައި ވިއްސާރަޔާޖެހި، މާކަނޑަށް ބެހުމުން، އެހެން ކަމަކަށް މިހާރުނެތޭ ހިނގާކަށް ބުއްދިޔާއި ފިކުރު 07 - އެކުން އޭނާ ނުތަނަވަސްވީ ޙަޔާތުގެ ނޫރު ކަމުގައިވާ، އެކުޑަކުޑަ ހަ އަހަރުގެ ދަރިފުޅު ވުމުންނޭ ގެނެވިފައި މިދަތުރު 08 - އެފަދަ މަޢުޞޫމު ދެލޮލާ މޫނުގައި ފެވެމުން އެދާ ކުލަތައް މިފަދަ ވަގުތަކު ބަޔާން ނުވެވޭނެހާ ހިތްދަތި މެޔޭ މަންޒަރު 09 - ހިނގާ ބައްޕާ ރަށަށް އަވަހަށް، ހިނގާ ބައްޕާ ގެޔަށް އަވަހަށް، ހިނގާ ބިރު އެބަގަނޭ ބައްޕާ، މިހެން ބުނެލައިފި، ފަސްހަފަހަރު + + + + + + + + + 10 - ޖަހާ ކަޅުކޮށް ނަގާ ބޯމަތި ކުރީ ވަރުހުރި ވިލާގަނޑެކޭ، އެހާ ބާރަށް އެހާބޯކޮށް އަޔޭ ކެރި ވާރެ ވެހިގަތްއިރު 11- ރަށެއް ފިނޮޅެއް، ފަރެއް ގިރިޔެއް ހަލެއް ވަކިވާރެއް ނުވެޔޭ، އަށެއް ނުވައެއް ޖަހާ މަޣުރިބު، ޢިޝާ ފާއިތުވެގެން ދިޔައިރު 12 - ވަށައިގެން ރާޅުތައް ހޮޅިލައި، ދެޔޭ ޙަމަލާ ނުހަނުބިރުވެރި، ރަށާއި ދުރަށް ވަރަށް ބާރޭ ދަމާލެއް އެހެރަ ގަދަ އޮއިވަރު 13- ފެނަށްލާ ޙައްޖުތާކިހަލެއް މެޝިނުގައި އަނބުރަމުންދާހެން، ފެނަށްތިލަ ބޮއްކުރާ އުކަމުން ދެޔޭ މުޅި ކަނޑު އުތުރިދާއިރު 14 - ވެހޭލެއް ބޯކަމުންވާރޭ އޮޅުން އަރައޭ ކޮނޑާ ކޮނޑުހުޅު ޖެހޭވައި ފިނިކަމުން އަތްފައި އެކީ އަޅަމުން ދެޔޭ ތުރުތުރު 15 - ވަނީ ހަފަރާތުގައި ކަނުއަނދިރިޔާ ބިރުވެރިކަމޭ ނާމާން، ދަނީ ތަރަތަރަ ޖަހައިގެންނޭ ދެ ލޯ ވެސް އަންނަ ހިނދުވިދުވަރު 16 - ބޮޑެތި ފަރުބަދަ މަތިން ދާހެންނެ ރާޅުމަތިން އުޅަނދުއެދަނީ، ގަނޑެތި ފެންމަތިކުރަންނެރެޔޭ ކަށީގެ މަދުން، ޢަލީ ހިތްވަރު 17 - ދުލެއް ނުދެޔޭ ޖަހާ ފައްޔަށް އަތަށްވަރުބަލިކަމެއް ލިބިގެން، ފުލުން ދިޔަޔަސް ހެވޭ ބުނެލާ ކަހަލައޭ ގެންނަ އާ ބުންވަރު 18 - ފަލީގައި ބާރުލައި ހިފިޔަސް، ހަކަތަ އާލާވަމުންދިޔަޔަސް، އަލީގެ ހިތަށް ލޮޅުން އަރައޭ އެ ދަރިފުޅު ގިސްލަމުން ރޯއިރު 19- މި ކޮޅިގަނޑުގައި ހަފުސްވެ މި ހާލުގައި ނިކަމެތިވަމުންދާއިރު، އެކޮއި ބަނޑުހައިވެގެންވެސް ވެއްޖެޔޭ ގޮސް ހާންތިވާހާވަރު 20 - މުޞީބާތުގެ މި ދަނޑިވަޅުގައި ލިބޭނޭ އެންމެ ބޮޑުގެއްލުން، ނަސީބުގެ ދެރަކަމުން ދުނިޔޭން ލިބިއްޖޭ ސިކުނޑި މޮޔަވާވަރު 21 - އެދުން އިސްކޮށް ސަލާމަތްވުމުގެ މަރުފަލި ޖަހަޖަހާއިންދައި، މެދުން ހަމަޔަށް ދެފަޅިވިއްޔޭ އަރާއިން ބޮއްކުރާ ކުޑަވަރު 22 - ނުހަނު ބިޔަ ރާޅުތަކުގެތެރޭ، ދަމައިގަތް ބާނިތަކުގެތެރޭ އެހިނދު މަޅުފަތިގަނޑެއް ފައްޔެއް ވިޔަސް ހަމަ ނުވިޔެ އަތުވާވަރު 23 - ކޮބައިހޭ ލޯބިވާ ދަރިފުޅު، ކޮބައިހޭ ދަރިފުޅާ ދަރިފުޅު ނުބައި އަޑަކުން ގޮވައި ލެވުނޭ ޢަލީއަށް ކަނޑުވަމުން ދިޔަރު 24 - ފަތާ ފީނާ އެގޮތް މި ގޮތަށް އެ ކަނު އަނދިރީތެރޭ ކަނޑުގާ ނަތީޖާ އެއް ނެތޭ ލިބިދިން، އަތާ ފައިން ވާގި ހުސްވާއިރު 25 - ވަށައިގެން އެކިފަހަރު އެކި ދިމަ ދިމާއިން ހީވެޔޭ ބައްޕާ! މަށޭ މި އޮތީ ގޮވާހެންވެސް ޢަލީއަށް އެކި އަޑުން އެކިއިރު 26 - ރޮމުން ﷲ އަކުބަރު ހަރު އަޑުން ތަކުރާރުކޮށްގޮވަޔޭ ކަމުން އަތްފައި ދިޔަސް އިޙްސާސް ނުވާނެޔެ މިހިނދު ފެމުނު މިޔަރު 27 - ކެކޭ ތެޔޮ ތާހަކަށް ވައްޓާލެވުނު ކުޑަކުޑަ ޅަ ރެއްސެއްހެން، ދެކޭށޭ ފުށްފުށަށް އުކަޔޭ ޢަލީ އޮވެ ކަނޑުވަމުން ދާއިރު 28 - ބައެއް ފަހަރަށް ފެނަށް ގެނބެމުން، ބައެއް ފަހަރަށް އަރާހިކެމުން، ބައެއް އިރު ލޮނު ބޮމުން ބޮވެމުން، ދެޔޭ ގޮތްހުސްވަމުންދާއިރު 29 - ހިތަށް އެވަގުތު އަރާފައިބާ ޚިޔާލާ ހިތުގެ އިޙްސާސްތައް ކިތަންމެ ވަރަށް ބުނަން އުޅުނަސް ކަމެއް ނޫނޭ އެއީ ވާވަރު + = + = + = + = + 29 - ތިރީސްފަސް އަހަރުގައި ކުރެވުނު ޙަޔާތުގެ އަލަތު ކާވަންޏަށް، ކުރީ ހައަހަރު ފަހުންނޭ ޤުދުރަތުން ހަދިޔާ އެދޭ ހަނދުވަރު 30 - އެލޮބުވެތި ދަރިފުޅަށްޓަކައޭ ޢަލީ މި ޙަޔާތުގައި އެވަނީ، ލޮލުގެ ނޫރޭ އެއީ ރަޙްމަތްފުޅުން ކޮށްދެއްވި މާތް މިންވަރު 31 - އެއީ އޭނާގެ އުންމީދޭ، އެއީ ނަފުސާ ހިތުގެވިންދޭ އެއީ ރޫޙާއި ދިރިހުރުމޭ، އެއިން ލިބިދޭނެ ހެޔޮ މަތިވަރު 32 - ވަދާޢުގެ ބަދުނަސީބު ޒަމާން އެކޮއި މަންމަގެ ވިހޭގެތެރޭން، ހަނދާނަށް ދޫކުރީ އެއްލުނު ހިމުން ދޮންވެލި ދެތިންމުށްވަރު 33 - މަދަދުވެރި ލޯބިވެތި ކުލުނުން، އަލީ އެކޮޔަށް ދިރުންގެނައޭ، ބަދަލުގައި ދިން ޔަތީމު ކަމުން ލޮލުން ހިލުނަސް ކަރުނަ ފޮދުވަރު 34 - އުފަންވީއްސުރެ އަލަތު ދަރިފުޅު، ޢަލީ ހުރިހާ ހިތާމަތަކެއް އުފަލަކަށް ބަދަލު ކޮށްލައިފިޔެ، އެކޮއި ހެދި ބޮޑުވަމުން ދާއިރު 35 - ދުނިޔެދޭ ކޮންމެ އަނިޔާ އެއްގެ ފަހަތަށް ދޭކަމުން އުފަލެއް، މުނިއަވަސް ފިލުވުމެއް ލިބެޔޭ އެކޮއި ހިނިތުންވެ ހީނލާއިރު، 36 - އެކޮއި ހެއްވާ އުފާކޮށްލާން، އެކީގައި ކުޅެ މަޖާކޮށްލާން، ނިކަން އުފަލުން، އަލީ ހުރެޔޭ ރެޔާއި ދުވާލު ހުރިހާއިރު 37 - އެކީގައި މިސްކިތަށް ގެންގޮސް، އެކީގައި ނިންދަވައި، ކާންދީ އެކީ ވާހަކަތަކާ ލަވަޔާ، ކިޔައިދެޔެ ޅެންފަރިހި ރައިވަރު + = + = + = + = + = + 38 - މި ފަދަ ފޮނިފޮނި ހަނދާންތަކުގައި، މި ފުންކަނޑުގައި މުސީބަތުގައި، އުފެދި ވޭނާއި ހިތްދަތިކަން ޢަލީވެޔެ ރޫޙު ނެތި ދާވަރު 39 - ޖަވާބެއް އޭގެ ބޭނުންވާ، ޙަޔާތާ މަރުގެ ދެމެދުންވާ، ސުވާލެއް އުފެދެޔޭ ހިތުގައި ހިތާ މުޅި ލަގޮނޑި ވިރިދާވަރު 40 - ހަޔާތަށް ހަމަޖެހުން ލިބިދިން ހިމޭން އަލި ނޫރު އުންމީދީ، ވަޔާއެކު ރާޅުތަކުގެ ތެރޭ މި ރޭ ނިވުނީހެ ފުރަ ދަންވަރު 41 - އެހެން ކަމުގައި ވަނީ ނަމަ ބޭނުމެއް އަހަރެންގެ އެބައޮތްހޭ؟ މިހެން އޮވެ ދުނިޔެ ދޫކުރުމޭ ބޮޑަށް ރަނގަޅީ ނުބޮއި މަ ޒަހަރު += + = + = + = + = 42 - ޚިޔާލާ ބުއްދިޔަށް ރަނގަޅާ ނުބައި އިޙްސާސް ދެޔޭ ކުރަމުން، ވަޔާ ކެރިޔާއި އޮއިވަރުވެސް ހިމޭންވެޔެ ދަންވަމުންދާއިރު 43 - އެހާ ބޯކޮށް އެއައި ވާރޭ ވަރަށް ތުންޏޭ ވެހޭލެއްވެސް، މިހާރަކު ދެން ނެތޭ އުސް ރާޅު ތައްވެސް ކަނޑުމަތީ ބައިވަރު 44 - އެހެންނަމަވެސް އެކަނިވެރިކަންވެޔޭ އަމުދުން ނިހާޔަތުގައި، މި ހެން އޮވެ މާކަނޑެއްގެތެރޭ މަރާ ހަނގުރާމަ ކުރެވޭއިރު 45 - މިޖަޒުބާތުގެ ތެރޭގައިވެސް ޢަލީ ފެތުމަށް ދުލެއް ނުދެޔޭ، އަޖަލު ޖެހުމެއް ކަމަށް ނުބަލައި، ވަރަށް އެބަ ދައްކަޔޭ ފަންވަރު 46 - އަމާޒެއް ކަނޑައަޅައި ވިސްނައި ބަލައިފައި ހިތުގެ ހިތުލަފަޔަށް، ދިމާއެއް ގަސްތު ކޮށް އޭނާ ފަތައިގަތެ ބަނދެލަމުން އެކަމަރު 47 - ރަށެއް އޮންނާނެޔޭ އެ ހިސާބުގައި އޭނާ ދެކޭ ގޮތުގައި، އަށެއް ނުވަގަޑި އިރުން އަތުވާނެ ފަޅުރަށެކޭ އެއީ މެދުވަރު 48 - ފަތާލަން އެއްލި އެއްއަތުގައި ފަތައި އެއްޗެއް އެހިނދު ޖެހުނޭ އަތާ ސީދާ ވިޔޭ އުޅަނދުގެ އެ ދެފަޅިންކުރެ މެ އެއްފަޅިވަރު 49 - ސަލާމަތް ވީކަމަށް ވިސްނޭވަރުގެ ފުން އުފަލެކޭ ލިބުނީ، ދުލާ ނަފުސުން ކުރީ، އައުދާނަ ރައްބަށް ހާސްފަށުންނެޝުކުރު 50 - ނިކަން ކެތްތެރިކަމާއެކުގައި އަރާ އެ ފިލާގަނޑުގެ މައްޗަށް، ނިކަން ހެޔޮވިސްނުމާ ފިކުރާ އަލީ ހިންގާލިޔޭ ނާދިރު 51 - ދުލުންނާ އަދި ހިތުން ޛިކުރާ ދުޢާކޮށް ހިންމެވުން އެދުމުން، އަލުން ރޫޙެއް އުފައްދައިލިޔެ ހިތުގެ އީމާންކަމުގެ މަޞްދަރު 52 - ޝުޢޫރެއް ހިތުތެރޭ ފައިދާ ވިޔޭ އީމާންކަމުގެ ރޫޙުން، އެއީ މަތިވެރި ފިކުރުތަކެކޭ ހިތަށް ދުވަހަކު ނުވިސްނޭވަރު 53 - ވަރަށް ގަދަ ޢަޒުމުގައި ނަފުސުގެތެރޭން ބުނެ އިއްވަމުންދިޔައޭ ވަރަށް ނިކަމެތި މެޔޭ މާބަނޑުތެެރޭ ނުވަމަސްވެގެން ދިޔައިރު 54 - އޭތާވެސް ހުސްފެނެއް ނޫންހޭ؟ މިތާވެސް ހުސްފެނެއްނޫންހޭ؟ ދެތާވެސް ޚާލިޤުލް އަޢުލާގެ ރަޙްމަތް ނޫން ނެތޭ ޤާދިރު 55 - ދެއަތް ހުޅުވާށެ ވާފަށުގައި ހިފަން ރަޙްމަތްފުޅުގެ މަތިވެރި، ނިޔަތް ޚާލިޞް ކުރާ އަޅަކަށް ވަރަށްގާތޭ އެނގޭހެ ނަޞުރު 56 - އޮތީ ހަމަ '' ކުން'' މި ކުރުލަފްޒޭ، އެޔާކުވާށިޔޭ ''ފަޔަކޫން'' ނަތީޖާ ދައްކަވާނެޔެ ހިތުގެ އީމާނަށް ފިސާރި އިތުރު 57 - ކިހާ ނިކަމެތި ކިހާ ހިތްދަތި ކިހާ އަނިޔާ ޔަކަށްފަހުހޭ؟ އެހާ ބޮޑު ކާމިޔާބީގައި އުފުއްލާލީ، ލިވާއު ބަދުރު 58 - ހެމުން ބޮޑު މާކަނޑެއްގެތޭން ނަބީ މޫސާ ނަޖާވެލިޔޭ، ދެމުންދިޔަ ބޮޑެތި އަނިޔާއިން، ނުބައި ފިރުއައުނު އިހުގެ މިޞުރު 59 - އުފައްދާށޭ ހިތާ މުޅި ރޫޙުގައި އިހުނެތް އިތުރު ބާރެއް ނުފުއްދާށޭ ނުކޮށް ހުރިހާ ހިތުގެ އުންމީދުތައް ފައްތަރު 60 - ކިޔާތަކުބީރު އަޑުހަރުކޮށް، ދުޢާ މުޅި ހިތުގެ ޚާލިޞްކޮށް، ޙަޔާތުގެ އެދުމުގައި ފަލިވަޅު އަޅާށޭ ދައްކަމުން ހުރިވަރު += + = + = += + = + 61 - މިތަންވަޅު ފެނިލިޔޭ ފަނޑު އަލިކަމެއް ބޮތްކެއް ކަމަށްހީވާ، ހިތަށް ވިސްނިއްޖެޔޭ ދޯންޏެއްކަމަށް އޮތް ބޭރުގައި ފުށްޓަރު 62 - މިއައި ވިއްސާރަޔާގުޅިގެން އެތާ އޮތް ފަޅުރަށުގެ ނިވަލަށް، ނިޔާމައިގައި ޖެހީކަމަށޭ އެވާނީ ދޯނި މިއަދު ބަނދަރު 63 - ޙަޤީޤަތުގައި ޢަލީ ވިސްނާ ގޮތުންނަމަ ފަޅުރަށެއް އޮތުމީ، ޔަޤީންކަމެކޭ އެދޯނި އެ އޮތް ދިމާގައި ރަށުގެ ދެމިގެން ފަރު 64 - ލިޔުއްވައިގެން އެރަށް އެ އުޅޭ ފަރާތުން ކޮންމެ ހަފުތާޔަކު، ދިޔުންމީ އާންމު ކަމެކޭ ދޫނުކޮށް އެރަށަށް މި ބުދަ ހޮނިހިރު 65 - ހިތަށްވެރިވީ އުފާވެރިކަން އެތައް ގުނައެއް އިތުރުވެއްޖޭ ކިތައް އިޙްސާސްހެ ހިތުގެ ތެރޭ ހިނގާނީ މިންޖުވާންދާއިރު، 66 - އެހެންނަމަވެސް ތަސައްލީއެއް ޢަލީގެހިތަށް ލިބޭނޭހޭ؟ ރިހުންތައް އާވެޔޭ ދަރިފުޅުގެ ހަނދުމައިން ކަރުނަ ފޫދޭއިރު 67 - އަތުން ފަލިވަޅު އަޅާލާފައި، ފައިންވެސް ބާރުތައްލާފައި، މިތަންވަޅުގައި ޢަލީ ދާއިރު ނެތޭ ކުޑަވެސް ބިރެއްގެ އަސަރު 68 - ދަނީ ހުވަފެންތަކާ އުންމީދުތައް ހިތުގައި އުތުރެމުންނޭ ވަނީ މި ޚިޔާލަށޭ ހަމަ ހުއްޓިފައި ވިސްނުމުގެ ތޫނު ނަޒަރު + = + = + = + = + 69 - ސަލާމަތްކަންމަތީ އަވަހަށް ރަށަށްގޮސް ރަށުގެ އެންމެންނަށް، މުލާއެކުގައި ބާޔާންކޮށްދޭނަމޭ މުޅި ހާދިސާގެ ޚަބަރު 70 - ޙަޔާތުގެ ވިންދުކަމުގައިވާ މަގޭ ދަރިފުޅު ފެނޭތޯ ވެސް، ލެޔާއި ފުރާނަ ގުރުބާންކޮށް ފަށާނަމެ އެހިނދުގައިމަ ދަތުރު 71 - މިކަމުގައި ވާނެޔޭ ބައިވެރި، ވަސީލަތް ރަނގަޅު އަތްމަތިކޮށް، އެކުވެރިންނާ ރަށުގެ އެންމެން، މަދަދުވެރި ރޫޙުގައިވެ މިތުރު 72 - ވަނީ ނެތުމުގެ ތެރޭންނޫންހޭ އެ ނިޢުމަތް އޭރު ދެއްވާފައި، '' ޣަނީ،'' އަދި ރައްދުކޮށްދެއްވާނެޔޭ އެފުރާނަ މާތް ޠާހިރު 73 - ނަޖާކޮށްދެއްވިޔޭ އަލިފާންގަނޑުން ކީރިތިވި އިބްރާހީމް، އަޖާބެއް ނޫންހެ ފިނި ފިނި ގަނޑު ފެނަށްވީކަން އެހޫނު އަނގުރު 74 - މި ބީދައިން ނަޒަރު ހިންގާއިރު، އިލާހީ ރަޙްމަތުގެ ސަބަބުން، ނަބީންނޫނަސް، ދިނޭ ކަނޑުވެސް ޙިމާޔަތް، ހުއްޓަކަސް މާވަރު 75 - ވިޔަސް މާތް މުޢުޖިޒާތްކަމުގައި ބައެއް ފަހަރަށް ބައެއްކަންކަން، މިޔަށް ވިސްނާލުމުން އެނގެޔޭ ރަނގަޅު އީމާންތެރީންގެ ޤަދަރު 76 - ޔަޤީނޭ ކަށަވަރޭ ފެންނާނެޔޭ އަހަރެންގެ ކުޑަ ދަރިފުޅު، ޢަޤީދާ ޔަށް ލިބޭނެޔެ ހަރުދަނާ ހިތްހަމަޖެހޭނެ އަޖުރު 77 - އެދަރިފުޅު ފެނިލުމާއެކުގައި ހެމުން ބޮސްދޭނަމޭ ނިތުގައި، މި ދިރިއުޅުމާއެކީ އަލިވެއްޖެކަން އަންގާ ގެޔާއި ގެދޮރު 78 - ފުރާފުރިހަމަވެގެން އޭނާ ބިނާކޮށްލާނެޔޭ މިޙަޔާތް ކުރާނެޔެ ދުނިޔެވެސް ހައިރާން އެކޮއިގެ މަސައްކަތާއި ހުނަރު + = + = + = + = + = + 79 - ހިތަށްވެރިވާ އެތައް އިލްހާމު ތަކަކާ ހުވަފެނުގެ މަސްތުން، އެތައް ގިނަ ކުރެހުމެއް ކުރަހާ ޢަލީ ދެޔެ ފެންކަފާ މި ބަޙުރު 80 - މިހެން ފެތުމުގެ ތެރޭ ބައިގަޑިއިރަށްވުރެ ވީފަހުން ގިނައިރު، އެހެން އޮވެފައި އެ އޮޑި ނައްޓާލިކަން އެނގުނޭ މަތިންގޮސްނެރު 81 - ކަފުންކޮށް ކަށްވަޅަށް އެއްލާލުމާ ފަރަގެއްނެތޭ އަސްތާ މިފުން މާކަނޑުތެރޭން ދެލޮލަށް ނަސީބުގެ ބައްތި ގެއްލޭއިރު 82 - ކިހާ އުންމީދަކާ ފޮނި އުފަލަކާ އެކުހޭ މިހާއިރުވީ؟ ނިހާޔަތަށޭ އަލުން ދިޔައީ ޢަލީ ހިތްދަތިވެ ބެދެމުން، އަރު 83 - އަރާ އޮތް ފަޅިވަރުން ފައިބައި ކަނޑަށް ދޫކޮށްލުމަށްފަހުގައި، ފަރާތަށް ދޯނި އޮތް އަވަހަށް ފަތައިގެންފިޔެ އެޔޮއް ފިނިއިރު 84 - މިހެން ކަންތައް ކުރީ އަވަހަށް ދެވޭނޭކަމަށެ މާބާރަށް، ރިހޭފައިމައްޗަށޭ އެހެނަސް އަތުން ސޮހި ވެއްޓުނީ ފޮއިބަރު 85 - ބަލަން އޮއްވައި ފަތަން އޮއްވައި، ހިތާ މުޅި ނަފުސު ވެސް ރޮއްވައި، ލޮލަށް އޮޑި ވަންހަނާ ވެއްޖޭ ހުރަސް ކޮށް ރޭގަނޑުގެ ޗާދަރު 86 - އަނެއްކާވެސް އައީ ކަށްވަޅުގެ ކަނުއަނދިރީގެ ފުރުޞަތެކޭ ނުރައްކާތެރިކަމާ ހާސްކަމުގެ ހިތުގައި ކުރިލަމުން ރޯ ނިރު 87 - ހިތުގެ އީމާނަށާ ޢަޒުމަށް އެހެންމަވެސް ބަދަލު ނުގެނެސް، އަތުގެ ހަރަކާތް އަވަސްކުރިޔޭ ޢަލީ ގާތާއި ބަލަމުން ދުރު 88 - ބާރާބަރު ހަގަޑިއިރު މެދުކެނޑުމަކާ ނުމެލައި ފަތާލިފަހުން، އަރާ ހަމަވެއްޖެކަމުގައި ވިސްނުނޭ މައްޗަށް އެ ފަޅުރަށު ފަރު 89 - ލަހެއްނުވެ ފައިޖެހިއްޖޭ ގާގަލާ ހިރިޔާ މުރަކަތަކުގައި ގަހެއްހެންނޭ ކޮޅަށްޖެހިލީ އަލީ، ނުލަނީސް އެރޭގެ ފަޖުރު 90 - އެހެންނަމަވެސް ލިބުނު ހިތްދަތިކަމާ ވަރުބަލިކަމުގެސަބަބުން، ފަހެއްވެސް ޖެހިފަހުންނޭ އެއްގަމަށް ފޯރީ، ގަނޑެއްހެން ދަރު 91 - އަރާ ގުންޑޮޅިމަތީ އަތްފައި ދަމާލައިގެން އޮށޯވެލިއޭ ފަރާތެއް ނެތެ ފުރޮޅި ނުމެލާ، ވެގެން ހުސް ދެން މިހާރު ގޮހޮރު 92 - މި ހާންތިކަމާއި ހިތްދަތިކަމުގެ ހައްދެއް ނެތް ނިހާޔަތުގައި، ކިހާ ގިނަ ވިސްނުމެއް ވިސްނާނެހޭ ކަށްވަޅުތެރަށް ދާ އިރު =================================== 93 - މި ރަށަކީ، އަބަދުވެސް ވެލަޔާއި މާހޯރައިގެ ވެސް ރަށެކޭ ވަރަށް ބޮޑު ހުރަޔަކާ ގުޅިގެން ލިބޭ ހޮވުމަށް އެ ހުދު ޢަންބަރު 94 - އަތޮޅު މިހިސާބުގައި އޮއިވަރު ހިނގާޒާތުން ލިބޭ ނަފައިން، އަތޮޅު އެއްމެން ކިޔާ އުޅެޔޭ މިއޭ މި އަތޮޅުގެ ރަން ހަންދަރު 95 - މި ރަށް ވަރުވާކުރާ ހަމަ ކޮންމެ މީހަކު ވެސް އެހެންވީމާ، ދުރަށް ނަން ފެތުރި، އެއް ފަދަ ވާނެޔޭ އަތޮޅަށް މި އިސްކަންދަރު ++++ ++++ ++++ ++++ 96 - ވަރަށްގަދަ އައްޔަކަށް، ސިހިގެން އަލީ އަށް ހޭލެވުނު ވަގުތޭ، ބަރާބަރު ބޮންތިއެއްގެ މިނަށް އަރާ ހުއްޓޭ އަނެއް ދުހު އިރު 97 - ދުރުން މާ ދުރު ދުރުން ލޮލުގައި އަޅައިގަތެ އެހިނދު ކަތިރިޔަލެއް، 98 - އެއާ އެކުގައި ދިމާ ހަމަ އުރަފަށުން ލައްގާ ފިލާގަނޑަކަށް، މެޔާއި ހިތާ ފުރާނަ އިންވެސް ގޮވައިގަތެ ދޭށެ ތޫނު ނަޒަރު 99 - އަލީ ދުވެ އަތިރިޔަށް ފައިބާ ވަށައި އުދަރެސް ބަލައިލައިފާ ފަލީގައި ހުސް ދެ އަތުގެ ޖަހައިގަތޭ ކުރަމުން ކަލާނގެ ޒިކުރު ++++ ++++ +++++ 100 - ނެތޭ ހަމަ ކުޑަ މިނުން ހާފުސް ކޮޅެއްވެސް އުޑުމަތީ މިވަގުތު ނެތޭ ބީހޭ އޮމާން ރާޅެއް މެ ނޫނީ ކަނޑު ބަލައިލާއިރު 101 - އޮތީ މުޅި ކައުނުގައިވެސް އަދު އުޖާލާ ރީތި ރަންކަމެކޭ މުތީން ފަތުރާލި ސާލެއް ދީފިޔޭ ޖައްވަށް މި ފަރި ކުލަވަރު 102 - ދެކޭށޭ ރަނުގެ ވާރޭގައި އުދުހިލާ ދޫނިތައް މި ފަތިހު،ދެކޭށޭ އޭގެ ރިޒުޤާ ދިރި ހުރުން ހޯދާ ގޮތުގެ ޖައުހަރު 103 - އޮތީ އާ ދުވަހަކަށް އެރި އިރުގެ ފޮނި ފޮނި މަރުޙަބާ ނޫންހޭ އޮތީ ވިސްނާ ޢަޒުމު އާކޮށް އުޅޭ މީ ހުންނަށޭ މި ޢިބަރު ---------------------------- މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (14)
![]()
...
ލިޔުނީ ރަމީ, 2008-12-24 16:56:48
ހާދަ ދިގުޅެމެކޭ. ޅެންވާހަކަ އެއްދޯ. އަލީގެ ދަރިފުޅު ކަނޑުގައި މަރުވީތަ؟ ނޫނީ އޭނާ އަށް ދަރިފުޅު ސަލާމަތް ކުރެވުނުތަ؟ 3 ފަހަރު ކިޔައިފިން. ވަރަށް ހިތްގައިމު.
...
ލިޔުނީ ޖަލީލު, 2008-12-24 17:28:15
މިހާރު އެނގިއްޖެއެއްނު ޝިހާބުއާއި ޖަމީލު އަވަހާރަވީމާވެސް ޅެންހަދާނެ މީހުން އެބަތިބިކަން.
ޝުކުރިއްޔާ ނަސީރު. އަދިވެސް ކުރިޔަށް ނަސީރު.
...
ލިޔުނީ ދަންވަރު, 2008-12-25 19:45:27
ހޭލޭ އިނދެ މި ވާހަކަ ނިންމާލައިފިން. ވަރަށް ފުރިހަމަ ކަމުގައި ބުނެލަން. އެއުމުރުގެ ކުއްޖަކު ކަނޑުވެގެން އުޅޭ އިރު އެކުއްޖާ ހާދަ ބިރެއްވެސް ގަންނާނެޔޭ ދޯ!
...
ލިޔުނީ އިޙުސާނު, 2008-12-25 20:59:46
މި ކަހަލަ އާދަޔާ ޚިލާފު މޮޅު އަދަބީ އުފެއްދުންތައް ސްކޫލުކުދިންނާ ހަމަޔަކަށް ނުފޯރާ. އެއީ ވަރަށް ހިތާމަ ހުރިކަމެއް. ނަޞީރުމެންފަދަ ބޭފުޅުން އެކަނި އިންޓަނެޓުގައި ލިޔެލާ ލިޔުމެއް ފެންނާނީ ވަރަށް މަދު މީހަކަށް. އަސްލު މިކަންކަން ފޯރުކޮށްދޭންވީ ޅަކުދިންނަށް އެކަންކަން ކުރެވޭނީ އެކަމަކު ރަސްމީ ފަރާތްތަކަށް. ޒިންމާ އުފުލާ މުދައްރިސުންނަށް. ނަސީރުގެ މަސައްކަތައް ނަސީރަށް ޝުކުރު އަދާކުރަން.
...
ލިޔުނީ ލަފާ, 2008-12-25 21:51:46
ކުޑަ ކުއްޖަކު، ކަނޑުވެގެން އުޅޭ ފަދަ ޙާލަތެއް ހިމަނައިގެން ޅެންބަހުން ކުރުވާހަކައެއް އެކުލަވައިލެއްވީ، ވާހަކައިގެ އަސަރު ގަދަ ކުރެއްވުމަށް ކަމަށް ފެނޭ. ކޮންމެ ހެނެއް ވިޔަސް ނޭވާ ހިފަހައްޓާލަން ޖެހުނު. ވަރަށް މޮޅު. ނިމުންވެސް ވަރަށް ރީތި. އެއީ ސީދާ ވީގޮތް ނުބުނެ ގުދުރަތީ މަންޒަރަށް އައި ބަދަލުތަކުން ވީގޮތް ދޭހަ ކޮށް ދިނިމާ.
...
ލިޔުނީ ތާއީދު ކުރާމީހެއް, 2008-12-26 19:25:28
ބުނެވޭނީ ހަމަ ވިވަރެއް ނެތޭ. ނަސީރުގެ އަދަބީ ކޮންމެ އުފެއްދުމެއް ވަރަށް މޮޅޭ.
...
ލިޔުނީ އަދީބުންނަށް ޤަދަރުކުރާ މީހެއް, 2009-03-13 05:15:33
ނަޞީރުގެ މި ކަހަލަ މޮޅު ޅެންތައް ހުރި އިރު، އަލަށް ތައްޔާރު ކުރެވޭ ދަރިވަރުންގެ ފޮތަކުންވެސް ފަހުގެ މި ފަދަ ޅެންވެރިންގެ ޅެންތައް ނުފެންނަނީ ކީއްވެބާއޭ ހިތަށް އަރާ.. މިހާރު ދުނިޔޭގައި ތިއްބެވި ޒުވާން ޅެންވެރިންގެ ޅެންތައް ކިޔަން އެކުދީންނަށް ލިބޭނަމަ އެވާނެ، އެކުދީންނަށް ވެސް ލިބޭނެ ހިތްވަރަކަށް. ހަމަ އެހެންމެ އެކުދިންނަށް އެބޭފުޅަކާ، ސުވާލުކޮށް އިތުރު މަޢުލޫމާތު ހޯދަންވެސް ފަސޭހަވާނެ. ކޮންމެ ޔަކަސް، މި މޮޅު ޅެންވެސް ކިޔާލުމުގެ ފުރުޞަތު ލިބުނީ ކިތައް ދަރިވަރުންނަށް ކަމެއް ނޭނގެ.. ޝުކުރިއްޔާ ނަޞީރު!
...
ލިޔުނީ ޖަމީ, 2009-04-09 13:34:21
ވަރަށް ރީތި ވާހަކައެއް. ހުރިހާ އިޙްސާސެއް އެބަހުރި.، ލޯބި، ބިރު، ދަރިކުލުނު، އިންތިޒާރު، ޖަޒުބާތު، މި ހެންގޮސް ވަރަށް ފުރިހަމަ ޝުކުރިއްޔާ ނަޞީރު!
...
ލިޔުނީ ابن محمد على, 2009-05-24 16:43:30
އޮތީ އާ ދުވަހަކަށް އެރި އިރުގެ ފޮނި ފޮނި މަރުޙަބާ ނޫންހޭ
އޮތީ ވިސްނާ ޢަޒުމު އާކޮށް އުޅޭ މީ ހުންނަށޭ މި ޢިބަރު
...
ލިޔުނީ އަބަންބަދީ, 2009-05-25 09:31:51
މި ޅެމުގެ 98 ވަނަ ބައިތުގައި ފެންނަކަމަށް އެބުނާ ފިލާގަނޑުގައި އޮތީ އަލީގެ ދަރިފުޅުކަމުގައި އަޅުގަނޑު ނިންމައިފިން. ވަރިހަމަ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް. ޚުދް ނަސީރު އެއީ ދޮގެކޭ ވިދާޅުވިޔަސް، އަޅުގަނޑު ގަބޫލުކުރާނީ އެއީ އެކުއްޖާކަމަށް. މި ވާހަކައިގައި ބޮއްކުރާ ދެފަޅިވީ ހިސާބުން ފެށިގެން މި އިނދެވުނީ އެކުއްޖާ ސަލާމަތްކުރައްވައިތޯ ދުޢާކޮށްލަކޮށްލާ. އަދި އަޅުގަނޑު އަމިއްލަ ޚިޔާލުން މިހާރު ދެން ވީގޮތް، އަޅުގަނޑު ހިތް އެދޭ ގޮތަށް ނިންމައިފިން. އޭނާއަށް ދަރިފުޅު ލިބި، ރަށުން މާވަހަރެއް ހޮވައި، ރަށުގެ ވެރިމީހާ އޭނާއަށް އިނާމެއްގެ ގޮތުން އަގުބޮޑު އިނާމެއްދީ، އޭގެ ފަހުގައި އެ ދަރި ވަރަށް ރަނގަޅަށް ބަލައި ބޮޑުކޮށްގެން އަލީގެ ޙަޔާތް ނިމުނީ.
ކޮންމެއަކަސް، ވަރަށް އަސަރުގަދަ ރީތި ވާހަކައެއް މީ. މި ހާދިސާ މިހާ އަސަރުގަދަވާނީ ޝައްކެއް ވެސް ނެތް ނަސީރު މިވާހަކަ ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމުން. އޭގެ އިތުރުން، ވަރަށް ގިނަ ފިލާވަޅުތަކެއް މީގައި އެބަހަރި.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2009-05-25 14:23:02
އަޅުގަނޑުގެ މި ޅެމާ ގުޅިގެން ޚިޔާލު ފާޅު ކުރެއްވި އެންމެ ބޭފުޅުންނަށާއި، ޅެންވިދާޅުވި އެންމެހާ ފަރާތްތަކަށް، ތިޔަ ދެއްވާ ތަރުޙީބަށްޓަކާ ޝުކުރު ދަންނަވަމެވެ.
... ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-06-30 03:41:53
މިޅެން ކިޔަމުން ދިޔައިރު އަޅުގަނޑަށް ހުރީ ރޮވޭ ގޮތްވެފައި. ވަރަށް އަސަރު ކުރި.. ޅެމުން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އަދި އެންމެ މުހިންމު ފިލާވަޅީ ފުރިހަމަ އީމާނާއި، ހިއްވަރާއި ޢަޒުމުން ދުނިޔޭގައި ދިމާވާ ކޮންމެ ކަމެއްވެސް ނިންމުމަށް މަގުފަހިވެގެން ދާކަން...މިފަދައިން މަސައްކަތް ކުރުމުންކަން، މަތިވެރި މާތް ﷲ ގެ ޙަޟްރަތުން ނަސްރާއި ކާމިޔާބާއި ފަތަޙަ ލިބެނީ... ޔާ ﷲ.. އަޅަމެންނީ ދުނިޔޭގެ ދިރިއުޅުމުގައި މިފަދަ ބަޔަކަށް ވުމުގެ ހެޔޮ ތައުފީޤް ދެއްވާށިއެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
1. ޅެމުގައި ކޮންމެހެން ބަނޑުވަށް އަކުރެއް އޮންނަން ޖެހޭތޯއެވެ؟
2. ޞަދުރުގެ ވަޒަނާ ޚިލާފު ވަޒަނަކަށް ޢަޖުޒު ހެދިދާނެތޯއެވެ؟
3. ޞަދުރާއި ޢަޖުޒު އެއްވަޒަނަކަށް އޮވެފައި، އެކައްޗަށްވުރެ އަނެކަތީގެ ދިގުމިން ތަފާތުކުރެވިދާނެތޯއެވެ؟
4. ޅެންވެރިކަމުގެ ގޮތުން ބަލާއިރު މި ދަންނަވާ ދެގޮތުން ކުރެ ރަނގަޅީ ކޮންގޮތެއްތޯއެވެ؟
4.1. ޞަދުރު ފެށެނީ: އޮތީ ..... މިހެންނެވެ. ދެން ޢަޖުޒު ފެށެނީ: ފޮތީ ..... މިހެންނެވެ. މިތަނުގައި މިއޮތީ، ފެށޭ ދެއަކުރުގެ ފިލި އެއްގޮތްވެފައެވެ.
4.2. ޞަދުރު ފެށެނީ: އޮތީ ..... މިހެންނެވެ. ދެން ޢަޖުޒު ފެށެނީ: ގަތީ ..... މިހެންނެވެ. މިތަނުގައި މިއޮތީ، ފެށޭ ފުރަތަމަ އަކުރުގެ ފިލި ތަފާތުވެފައެވެ.
5. ހުރިހާ ބައިތެއްގެ ނިމޭ ދެއަކުރުގެ ފިލި އެއްގޮތްވާން ޖެހޭތޯއެވެ؟
ވަގުތުގެ ގޮތުން ދަތިފުޅު ނޫންނަމަ، މި ނުކުތާތައް ސާފުކޮށްދެއްވާނެ ކަމުގައި ހީކޮށް ޝުކުރު ދަންނަވަމެވެ.