ފަންވަތް ދިވެހި ވަޒަންބަހުރުވަ ގިޔާމަތުނާމާ (49 އިން 62 އަށް)
ބެލި ޢަދަދު: 3086
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ގިޔާމަތުނާމާ (49 އިން 62 އަށް) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
26 ޑިސެމްބަރ 2008، 20:29 ހުކުރު

سيد نا الإمام مهدى عليه الرحمة


(މަހުދީގެފާނު ފާޅުކުރެއްވުން)


ފޮތް ލިޔުއްވީ: ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީން
ދޭހަ:      އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ



49 - ދެހާހާއި ގާތުން އެ މަހުދީ އިމާމާ
             އެހާރުން   އެހާރުން   އެބޯ ފާޅުވާނޭ

ދެހާހާއި ގާތުން މަހުދީގެފާނު ފާޅު ކުރައްވާނެއެވެ.

(ނޯޓު: މިތާނގައި ފަޟީލަތުއްޝައިޚު އެވިދާޅުވާ ދެހާހަކީ، މީލާދުން ދެހާސް ކަމެއް، ހިޖުރައިން ދެހާސް ވަނަ އަހަރު ކަމެއް، ނުވަތަ ދެހާސް ވަނަ ޤަރުނު ކަމެއް  އޮޅުމެއް ނުފިލައެވެ. އެހެން ކަމުން އެއީ މި ނަޒަރުން ވިސްނާލެއްވުން މުހިންމު ނުކުތާއެއް ކަމަށް ފެނެ އެވެ. ސަބަބަކީ ''ދެހާސް'' ގެ މާނަ ވަރަށް ތަނަވަސް ކޮށް ދޫކޮށްލައްވާފައި ވާތީ އެވެ.)



50 - ހިފުން ބައިޢަތެއް ލޯބިވެތިވީ އިމާމަށް
            ވިފުންމާނަ މައްކާ ޙަރަމުގައި ހިނގާނޭ

މުސްލިމުން އެކަލޭގެ ފާނުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިފާނެއެވެ. މާތްވެގެންވާ މައްކާގެ ޙަރަމުގައެވެ. އިސްލާމްދީނަށް ނަޞްރު ދިނުމަށްޓަކައެވެ.


51- ފުރޭ ޢުމުރުގައި ސާފު ސާޅީސް އަހަރުފުޅު
            ކުރޭ އެބަ  ރިވާ ފާޅު ކަމުގައި ވެވޭނޭ

ރިވާ ކުރެވިފައިވާ ގޮތުގައި މަހުދީގެ ފާނު ފާޅު ކުރައްވާނީ އެކަލޭގެފާނުގެ ޢުމުރުފުޅުން ސާޅީސް އަހަރުފުޅު ފުރިހަމަ ވުމުންނެވެ.


52 - ޒުވާން ސާހިބާ ޢުޒުރުތައް ދައްކަވައިގެން
          ނުވާން މިކަމުގައި ގޮތްގޮތުން ވެސް އުޅޭނޭ

މި  ބޮޑު މަސްއޫލިއްޔަތާ ހަވާލުވަޑައި ގަންނަވަން ފަސްޖެހި ވަޑައިގެން އެކަލޭގެފާނު ބައެއް ޢުޒުރު ކުރިމަތި ކުރައްވާނެއެވެ.


53 - އެ އިންސާފުވެރި  މުންތަޡަރު މޮޅު އިމާމާ
           އެއިއްޔޭ  އެއިއްޔޭ ނިދާ    އިއްވެވޭނޭ

އެހެންނަމަވެސް އިންތިޒާރު ކުރެވެމުން އައި، މަތިވެރި އިމާމަކީ، އެކަލޭގެފާނު ކަމަށް ނިދާ އިއްވެވޭނެއެވެ. (ދުނިޔެ ހެޔޮ މަގަށް ގެނުވާ ބޭކަލެއްގެ ގޮތުގައި އެކަލޭގެފާނު ފޮނުއްވޭނެ އެވެ.)


54 - މި އަށްފަހު މި ދީބުގެ އެ ދިދަ އުހުލި އާހަށް
           ކިޔަންވީ   ޅެމަށް  ރާގު ދީބަކު އުޅޭނޭ 

މި އަށްފަހު އިސްލާމް ދީނުގެ ދިދަ އާހަށް އުފުލިދާނެއެވެ. މާނައަކީ، އިސްލާމުން ދުނިޔޭގައި މަތިވެރިވެ ބާރުވެރިވެގެން ދާނެއެވެ. އިސްލާމީ ޝިޢާރުތައް އޭގެ ޞައްޙަ ގޮތުގައި އުފުއްލަވާ  ބޭކަލެއްގެ  ގޮތުގައި މަހުދީގެފާނު ހުންނަވާނެއެވެ.


55 - މި ދީނުގެ މަގާ ތަބަޢަ ނުވި ކާފަރުންނާ
           ނިދީން ހޭ އަރާވަރުގެ  ޙަރުބެއް  ފަށާނޭ

މި މާތް ދީނުގެ ހެޔޮ މަގަށް ފުރަގަސް ދިން ކާފަރުތަކުން، އެމީހުން ނިދާފައިވާ ޣާފިލުކަމުގެ ނިދިން ހޭ އަރާވަރުގެ ހަނގުރާމައެއް ފައްޓަވާނެއެވެ. (ޙަރުބު: މިއީ ޢަރަބި ބަހެކެވެ. މާނައަކީ، ހަނގުރާމައެވެ.)
 

56 - އަރަން ކުރި އެދޭ ރޮނގު ރޮނގުން ހެޔޮ އިމާމަށް
          ވަރަށް   ކާމިޔާބާ   ނަޞުރު ވެސް ލިބޭނޭ

މި ގޮތުން، އެކަލޭގެ ފާނު ގަސްތުފުޅު ކުރައްވާ ހަމަ ކޮންމެ ރޮނގަކުން  މަރަށް މަތިވެރި ކާމިޔާބީއާއި ނަޞްރު ދެއްވާނެއެވެ.

57 - ތަދާ ޡުލްމު އަނިޔާ އެހީތެރިވެ ފިއްލައި
          ޢަދާލަތުގެ     ދަރުބާރު ޤާއިމު  ކުރާނޭ

ބޭ އިންސާފާއި، އަނިޔާވެރިކަން ދުނިޔޭން ނައްތާލައްވާނެއެވެ.  އެކަންކަން ދުނިޔެއިން ފޮހެލައްވާނެއެވެ.  ޢަދުލުވެރިކަމާއި އިންސާފުވެރިކަން ޤާއިމު ކުރައްވާނެއެވެ.



58 - މަސާއިލުތަކާމެދު ހިނގައި ގަންނަ ފިޤުހީ،
        މަސާހިބު     އަލުން އިޖުތިހާދެއް ކުރާނޭ

މުސްލިމުންގެ ތެރޭގައި އޮންނަ ފިޤުހީ މައްސަލަތައް (ދީނީ ބައިބައިވުންތައް) ނައްތާލެއްވުމުގެ މަސައްކަތް ކުރައްވާނެއެވެ. އާ އިޖުތިހާދުތައް ނެރުއްވާނެއެވެ.

59 - ވަޤީލެއް އެކަމުގައި ހުރަސްވާނެ ނެތަކަސް
       ފަޤީހުން  އެޔާ މެދު   ޖަދަލު ކޮށް ހަދާނޭ

މި ގޮތުން އެކަލޭގެފާނު ނެރުއްވާ ބައެއް އިޖުތިހާދުތަކާމެދު އެޒަމާނުގެ ޢިލްމުވެރިން އެހާ ހިތްޕުޅު ހަމައެއް ނުޖެހޭނެއެވެ.  އެފަދަ ކަންކަމާ މެދު  އެ ފަދަ ދަންނަ ބޭކަލުން ޖަދަލު ކުރައްވައި ހައްދަވާނެ އެވެ.  މަހުދީގެފާނު ނެރުއްވާ ޙުކުމަށް  ހުރަސް އަޅާނެ (އެގޮތް ގޯސްކަމަށް ދަދީލު ކުރާނެ) ސާބިތު ޝަރުޢީ ދަލީލެއް ނެތްކަމަށް ވިޔަސްމެއެވެ.

60 - ޤުދޫމުގެ ތަޙިއްޔަތު އިމާމަށް މި ކިޔުމުން
     ހުދޫއެއް      ނިކަން ހިތް އުފާވެރި ކުރާނޭ

ކޮންމެއަކަސް، މަހުދީގެފާނަށް ދުނިޔެ އިސްތިޤުބާލުކޮށް މަރުޙަބާ ދެންނެވުމަކީ، ހިތްތަކަށް ހިމޭންކަމާއި ހަމަޖެހުން ލިބިގެންދާނެ ކަމެކެވެ.


61 - ޖަޒާ ދެއްވަވައި ހެޔޮ ހެވުން މުސްލިމުންނަށް،
              ޚަޒާނާ އެ ގެފުޅުގެ ނަގައި  ބައްސަވާނޭ

އެކަލޭގެފާނުގެ ދީލަތިކަން ވަރަށް ބޮޑުވާނެއެވެ. ގެފުޅުގެ ޚަޒާނާ މުސްލިމުންގެ މެދުގައި ބައްސަވާނެއެވެ.


62 - ވަނީމާ ސަބީލިﷲ ހަނގުރާމަ ތެރެޔަށް
            ޣަނީމާތަކުން ގޮވަތި މުއްސަނދި ވެދާނޭ

ހަމަ އެހެންމެ ކާފިރުންނާ ދެކޮޅަށް ކުރެވޭ ހަނގުރާމަތަކުގެ ކާމިޔާބީގެ ސަބަބުން، މުސްލިމުން  މުއްސަނދި ވެދާނެއެވެ. އެ ހަނގުރާމަތަކުން ލިބޭ ޣަނީމާ މުދަލުގެ ސަބަބުންނެވެ.  އެހަނގުރާމަތަކީ، އިސްލާމްދީނުގެ ޢަދާވާތްތެރިން އެތައް ޒަމާނެއްގެ ކުރީއްސުރެ އިސްލާމުންނާއި އިސްލާމްދީނަށް ކުރިމަތި ކުރަމުންގެންދާ އިހާނެތިކަމުން މުސްލިމުންނާއި އިސްލާމްދީން ދިފާޢުކުރުމަށްޓަކައި ޙައްޤު ގޮތުގައި ކުރެވޭ ހަނގުރާމައެކެވެ.  ދިފާޢީ ހަނގުރާމައެކެވެ.  އިސްލާމްދީން ހުއްދަކުރާ އިމުގެ ތެރޭގައި ﷲގެ މަގުގައި ކުރެވޭ މަތިވެރި ޖިހާދެކެވެ.  


ދޭހަ ލިޔާ ފަރާތުގެ ޚާއްޞަ ދެތިން، ނުކުތާއެއް:
 
ދަންނަބޭކަލުންގެ ފަރާތްޕުޅުން އެނގިފައިވާ ގޮތުގައި، ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކުގެ ބަޔާން ކުރެއްވުންތަކާއި، ކައު އިތުރު ރަސޫލާގެ ޙަދީޘްފުޅުތަކުގެ ބައެއް ލަފުޒުތަކުގެ ނުވަތަ ޢިބާރާތްތަކުގެ  މާނަ ދެނެގަތުމުގައި  ދީނުގެ ބޮޑެތި ޢިލުވެރިންގެ މެދުގައި، އެބޭފުޅުންގެ ގަބޫލު ކުރެއްވުން އޮންނަގޮތް  ތަފާތުވެފައި ހުރެ އެވެ.  އެކަން އެގޮތަށް މެދުވެރިވާން ދިމާވާ ގިނަގުނަ ސަބަބުތައް ހުންނަ ކަމަށްވެ އެވެ.  މައިގަނޑު އެއް ސަބަބަކީ،  ޢިލްމުވެރިންގެ ދޭހަ ތަފާތުވުމެވެ.  ލަފުޒެއް، ނުވަތަ މުޞްޠަލަޙެއް (ޢިބާރާތެއް)ގެ މާނަ ވިސްނިވަޑައިގަންނަވާގޮތް ތަފާތުވުމެވެ. ދޭހަ ކޮށްގަތުމުގައި ބުރަވެވަޑައިގަންނަވާ ހަމަތައް ތަފާތުވުމެވެ. މި ކަންކަމަކީ، ޢިލްމުވެރިންގެ ނިސްބަތުގައި އޭގެ ޒާތުގައި މައްސަލައެއް ވެސް ނޫނެވެ.

މަހުދީގެފާނުފާޅު ކުރެއްވުމާބެހޭ ގޮތުން އައިސްފައިވާ ޙަދީޘްފުޅުތަކާ މެދުވެސް މި ދެންނެވި ކަހަލަ ތަފާތު ފިކުރުތައް ދަންނަ ބޭކަލުންގެ މެދުގައި އޮންނަ ކަމަށްވެއެވެ.  ބައެއް ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި މަހުދީގެފާނަކީ ވަކިނަމެއް ގައި  ފޮނުއްވާ އާ ބޭކަލެއް ނޫނެވެ. ''މަހުދީ'' މި ނަމުގެ މާނައަކީ، ތެދުމަގަށް ގޮވާލާ މީހާ އެވެ. އެހެންވީމާ މަހުދީގެފާނަކީ، ޒަމާންތަކުގެ ތެރޭން ޒަމާނެއްގައި އުފެދިގެން އަންނާނެ ޢިލްމުވެރި ތަޤުވާވެރި ދީންވެރި، އާންމު އިންސާނެއް ކަމަށް  އެފަދަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ކަމަށް އެނގިފައިވެއެވެ. އެބޭކަލަކު އަދާކުރައްވާ ދައުރު (ހިދާޔަތާއި ތެދުމަގަށް ގޮވާލެއްވުމުގެ ދައުރު) ގެ ސަބަބުން ''މަހުދީ'' އެއްގެ ލަޤަބު ލިބިވަޑައިގަންނަވަނީ އެވެ.  އެކަމަކު މި ނޫން ފިކުރުތައް ވެސް ޢިލްމުވެރިންގެ މެދުގައި މި މައުޟޫޢުގައި އެބަހުރި ކަމަށް ވެއެވެ.

މަހުދީގެފާނުގެވާހަކަ ނިމިގެން ފޮތުގައި ދެން ބަޔާން ކުރައްވާފައި އޮތީ، ދައްޖާލު އެރުމުގެ ވާހަކަ އެވެ. ދައްޖާލާ މެދުވެސް އިސްވެ މި ދެންނެވި ގޮތަށް ޢިލްމުވެރިންގެ ބަޙުޘުތައް ހުރެއެވެ.

އަޅުގަނޑުގެ މައިގަނޑު މަޤުޞަދަކީ،  ދިވެހި އަދަބާއި ދިވެހި ވަންތަ ކަމަށް  ޚިދުމަތެއް ކުރުމެވެ.  ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ޢީލްމީ  ޚިލާފުތަކުގެ  ތަފުސީލުތައް ސާފުކޮށް ދެއްވައި، އާންމުންގެ ކުރިމައްޗަށް ހުށަހަޅުއްވަން ޖެހޭ ނަމަ އެކަމަކީ،  ދީން އޮޅުން ފިލުއްވައިދެއްވާ ދީނުގެ ޢިލްމުތަކުގެ އަހުލުވެރީންގެ ކަމެކެވެ.  އެއީ އަޅުގަނޑުގެ ދާއިރާއެއް ނޫނެވެ.  
ފަޟީލަތުއްޝައިޚު  މި ޅެން އެކަށައަޅުއްވާފައިވަނީ، ކައު އިތުރު  ރަސޫލާގެ ޙަދީޘްފުޅުތަކާއި، ކީރިތި ޤުރުއާނުން ލިބެންހުރި ދަލީލުތަކުގެ އަލީގައި ކަމަށް ފޮތުގެ ދީބާޖާގައި ބަޔާން ކުރައްވާފައި އެބަ އޮތެވެ.  އެހެންކަމުން   އަޅުގަނޑުގެ މި މަސައްކަތް ބައްލަވާ، ބޭފުޅުންގެ މަޢުލޫމާތަށްޓަކައި  މި ދެ  ތިން ނުކުތާ ތިޔަ ބޭފުޅުންގެ ސަމާލުކަމަށް ގެނެވޭތޯ ބެލީމެވެ.  ފޮތުގެ ދޭހަ ގެނައުމުގައި މި ލިޔެވި ދިޔަ  މައުޟޫޢާއި، ދެން ކުރިޔަށް ގެންދަން އޮތް، ދައްޖާލާ ބެހޭ މައުޟޫޢުގެ ސަބަބުންނެވެ. ފަހަރެއްގައި ތިޔައިން ބޭފުޅެއްގެ ހިތްޕުޅުގައި މި ފަދަ ކަމަކާބެހޭ ގޮތުން އުފެދި ދާނެ ތަފާތު ސުވާލެއް އޮވެދާނެތީ އެވެ.

 - އާދަމް ނަޞީރު އިބްރާހީމު -   
         ނުނިމޭ....
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ފާއިޒް, 2008-12-27 06:00:02
އަދިވެސް ކިޔާލަން ބޭނުން. އުންމީދުކުރަނީ އަނެއްބައިވެސް ވަރަށް އަވަހަށް ކިޔާލަން ސާއިޢުކުރާނެކަމަށް
...
ލިޔުނީ ކާޑިނަލް, 2010-01-18 13:49:42
މިއީ ދިވެހިބަހަށް ވަރަށް ތަދު ޒާތުގެ އަދަބީމަސައްކަތްޕުޅެކެވެ. މިބުރަ މަސައްކަތް ކުރައްވާފައިވަތީ އަޅުގަނޑުގެ އުސްތާޒު އާދަމް ނަޞީރު އިބްރާހީމް އަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަދި ޅެންހެއްދެވި ފަރާތް ޝައިޚުލްއިސްލާމް ޢަބްދުﷲ ޖަލާލުއްދީންއަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާކުރަމެވެ.
މިބައިގައި ވާ 58 ވަނަ ބައިތާއި އޭގެ ދޭހައާމެދު އަޅުގަނޑުގެ ދެ ޚިޔާލެއް ހުށަހަޅާލާހިތްވެއެވެ.

އެއީ ބައިތުގެ ދޭހައިގައި "ފިޤުހީ މައްސަލަތައް (ދީނީ ބައިބައިވުންތަ" ކުގެ ގޮތުގައި ގެންނަވައިފައި އޮތުމުން އޮންނަންވީ ވަރަށްވުރެ މާނަ ތަނަވަސް ވެގެން އެބަދޭ އެހެންނޫންތޯއެވެ. ފަރްޢީ އިޚްތިލާފުތައް ދީނީ ބައިބައިވުންތަކުގެ ގޮތުގައި މާނަކުރެވުމުން އަޅުގަނޑަށް ތަންކޮޅެއް އުނިގޮތެއްއުޅޭހެން ހީވެއެވެ. ފިޤުހުވެރިންގެ މެދުގައި އޮންނަ އިޖްތިހާދީ ތަފާތުތައް- މިގޮތައް އޮތްނަމަ އަޅުގަނޑުހިތުން ތަންކޮޅެއް ސާފުވެފައި ސީދާވާނެ ކަމަށް ފެނެއެވެ.

އަނެއް ނުކުތާއަކީ މިބައިތުގެ މިދޭހައިގައި "މުސްލިމުންގެ ތެރޭގައި އޮންނަ ފިޤުހީ މައްސަލަތައް" މިހެން އޮތުމުން، އެއީ މަހުދީގެ ފާނުގެ ކުރިންވެސް އޮތް ފިޤްހީ ފަރުޢީ މައުޞޫޢުތައް ކަމަށް ދޭހަނުވޭތޯއެވެ؟ މިހެން މިދެންނެވީ ބައިތުގައި "ހިނގައި ގަންނަ" އޮތުމުން އެއީ އަލަށް އުފެދިގެން އެޒަމާނުގައި ވާހަކަދެކެވެން ފަށާ މައުޞޫޢު ތަކެއްކަމުގައި ދޭހަވާތީއެވެ. ދެން އެކަލޭގެފާނު ވަލީއުލްއަމްރުގެ ހައިސިއްޔަތުން އެއަށް އާ އިޖްތިހާދެއް ނެރުއްވަނީއެވެ.

އަޅުގަނޑުވެސް މިފަދަ މަސައްކަތެއް ކުރާހިތުން ޅެންކޮޅެއް ލިބޭތޯ އެބަ މަސައްކަތް ކުރަމެވެ. :)
...
ލިޔުނީ حسن على, 2011-03-27 15:57:12
ކާޑިނަލްގެ ޚިޔާލާމެދު އަޅުގަނޑުވެސް ހަމަ އެއްޗެއް ދަންނަވާލާހިތްވާލެއް ބޮޑުކަމުން އެއްޗެއް ދަންނާވާލާނަމެވެ. ފުރާނީ ކައިގެންނޭ ބުންޏަސް ނުވަތަ ނުކައެއް ނުފުރާނަމޭ ބުންޏަސް ބުނެވެނީ ހަމަ އެކައްޗެކެވެ. ދީނީ ބައިބައިވުމުގެ އަޞްލަކީ އިޚްތިލާފް ފިއަވާ ކޮންއެއްޗެއްބާވައޭ އަޅުގަނޑުގެ ހިތައް އަރައެވެ. އެއީ ޢިލްމުވެރިންނޭ މިކިޔާ ބަޔަކުގެ ކިބައިން އުފެދޭ ކަމަކަށްވާތީ އިޚްތިލާފުތަކަށް ދީނީ ތަރައްޤީއޭ ކިޔަސް އޭގެ އަސްލު ބަދަލެއް ނުވާނެއެވެ. މީހުން ބުނާއަޑު އަހަމެވެ."ބޭފުޅު " މިލަފްޘަކީ ކުރީ ޒަމާނުގައި ގަނޑުވަރުތެރޭ ޢިއްޒައްތެރިން އަންހެން ސާހިބުން ނަހަލާލަށް ބަލިވެ އިނދެ ރައްކައުވެ ވަޑައިގަންނަވާ ކުދިންނަށް ރައްމެދު ކުކުދިންނޭ ނުވަތަ ނުހަލާލު ކުއްޖެކޭ ނުކިޔަންވެގެން އެކުދިންނަށް އެއީ ގަނޑުވަރުތެރޭގެ ބޭފުޅުންނޭ ކިޔުނީއެވެ. އެކަމަކުވެސް ޙަޤީޤަތް ބަދަލުވޭތޯއެވެ؟
މަސާއިލުތަކާމެދު ހިނގައި ގަންނަ ފިޤުހީ،
މަސާހިބު އަލުން އިޖުތިހާދެއް ކުރާނޭ
މަތީގައިވާ ބައިތުގައި "ހިނގައި ގަންނަ" އޮތުމުން އެއީ މަހްދީ އިމާމު ފާޅުކުރެއްވުމުގެ ފަހުން ދިމާވާ މައްސަލަތައްކަމަށްވާނަމަ މިހާރު ދީނުގައި އުފެދި އަދި އުފެދެމުން ކުރިފަޚަމުންދާ "މައްސަލަތަކާއި" މެދު އަޅާނުލާ ދޫކޮށްލައްވާނީތޯއެވ؟ އެއީ މަހުދީ އިމާމަށް އަތްފޯރާވަރަށްވުރެ މަތިން އުފެދިފައިވާ މައްސަލަތަކެއްތޯއެވެ؟ އެހެންކަމަށްވާނަމަ އެކަލޭގެފާނުގެ ޒަމާނުގައި ދީނީ ޚިލާފްތަކާއި މަޛްހަބުތައް އުވިގޮސް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމުގެ ޒަމާނާ އެއްގޮތައް މުސްލިމުތަކުން އެއްގޮތެއްގައި ސާބިތުވެ އުޅޭނޭކަމަށް އެބުނާ ބުނުމަކީ އެއްވެސް ޙަޤީޤަތެއް ނެތް ބުނުމަކީބާވައޭވެސް ހިތައް އަރައެވެ. ކޮންމެއަކަސް މިއީވެސް ކާޑިނަލްގެ ޙިޔާލު ކިޔާލުމުން އަޅުގަނޑުގެ ހިތުގައިވެސް އުފެދުނު ޙިޔާލެކެވެ. ޙިޔާލަކީ ހަމަ ތަފާތު އެއްޗެކެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3086
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone