މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޙާފިޡުގެ 134 ވަނަ ޣަޒަލު |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 29 ޑިސެމްބަރ 2008، 15:13 ހޯމަ | |||
|
ދިވެހިތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން 1. ޙާނަތު ދޮރުގައި އުޑުގެ މަލާއިކަތުން މެންދަމު ޓަކިޖެހިތަން ދެކެފިން!!!ބިމުގެ ތަފާތު ވެލިން މޮޑެވުނު ފުށްގަނޑު ބައްޓަންވީތަން ވެސް ދެކެފިން!!! 2. ބަޝަރުންގެ ބަފާ ހެއްދެވުމަށްފަހު، އައިހައި މީހުން ޙަރަމު ތެރޭގައި، ތުންފަތްތަކުގައި ބޮސްދީ، އަދި ތަށި ހުސްކުރަމުން ދިޔަ ގޮތް ވެސް ދެކެފިން!!! 3. އަސްތާ! ފަހަތަށް ޖެހިފައި މިހުރީ ވާޖިބުވި އަމާނާތް އުފުލުމުގައި، ޤުރުޢަތަކުން އެކަމަށް ހޮވުނަސް، ހަމަ މީ ބޮޑު މޮޔައެއް ކަމުގައި ބުނެފިން!!! 4. މަޛުހަބުތަކުގެ ޚިލާފާ ހެދި ދަންޖެހި އެދަނީ ތެދުމަގު ނޭނގޭތީ، އެގޮތަށް ދާ އެންމެން އެވަނީ ހަމަ މަގުފުރެދުމުގައި ކަން ބުނެދީފިން!!! 5. ﷲ އަށް ޙަމްދާ ޝުކުރު ކުރަން، އެފަރާތާއެކު ޞުލްޙަވެވޭތީ، ޞުލްޙަވެރިންނާއެކު، އެފަރާތަށް ޝުކުރުގެ ތަށިތައް އުފުލާލައިފިން!!! 6. އުއްބައްތިތަކެއް ހެއްވާ އަލިފާނުގެ ހުޅުގަނޑަކީ އަލިފާނެއް ނޫން!!! އަލިފާނަށްވާ އަލިފާނުން ދޫނި އަނދައި އަޅިޔަށްވާތަން ދެކެފިން!!! 7. ވާހަކަތަކުގައި ޤަލަމު ތުނޑުން އެޅުވި ފުނާތައް ކުރި ރީއްޗަށްފަހުގައި، ގެންނަން ނޭނގުނު ޗާލޫކަން ޙާފިޡު ގެނުވައިދޭތަން ވެސް ދެކެފިން!!! 134 ވަނަ ޣަޒަލުގެ ކުރު ޝަރަޙައެއް 1. ޙާނަތުގެ ދޮރަކީ، ޞޫފީން އަޅުކަންކުރަން ތިބޭ ޚަލްޥަތުގެ ދޮރެވެ. އެދޮރުގައި މަލާއިކަތް ބޭކަލުން ޓަކި ޖެއްސެވިތަން، ދުށްކަމަށް އެއޮތީ، އަޅުކަން ކުރަން ތިބޭ މީހުންގެ ކައިރިއަށް ރަޙުމަތުގެ މަލާއިކަތުން ވަޑައިގަންނަވާކަމާމެދު އީމާންވެ، އެކަން ޤަބޫލުކުރާ މިންވަރުގެ ބޮޑުކަން ބަޔާންކުރުމުގެ ގޮތުންނެވެ. ބިމުގެ ތަފާތު ވެލިން މޮޑެވުނު ފުށްގަނޑަކީ، އާދަމުގެފާނު ޚަލްޤުކުރެއްވުމަށްޓަކައި ބިމުގެ ކަންކޮޅުތަކުން ނެގުނު ވެއްޔެވެ. އެ ފުށްގަނޑު ދުށްކަމަށް ބުނެފައިވަނީ، މާތްވެގެންވާ އިސްލާމްދީނުގައި އެކަން ބަޔާންކުރައްވާފައިވާތީއެވެ. އެހެނީ، ދީނުގައި ބަޔާންކުރައްވާފައިވާ ކަންކަމަށް އީމާންވާން ޖެހެނީ، ލޮލަށްފެނި ކަށަވަރުވެފައިވާ ކަންކަން ޤަބޫލުކޮށް އީމާންވާ ފަދައިންނެވެ. ނޯޓް: ޚަލްޥަތުގައި ތިބުމަކީ ޞޫފީން ކުރާ ކަމެކެވެ. ޚަލްޥަތުގައި ތިބޭ ތަނަށް، ޚަލްވަތޭ ކިޔެއެވެ. މިކަމާ ބެހޭ މަޢުލޫމާތުކޮޅެއް، ޙާފިޡުގެ 5 ވަނަ ޣަޒަލުގެ ޚިޔާލު ހުށަހަޅާ ބައިގައި ލިޔެފައި ވާނެއެވެ. 2. ބަޝަރުންނަކީ، އާދަމުގެ ދަރިންނެވެ. ބަފަޔަކީ، އާދަމުގެފާނެވެ. ޙަރަމަކީ، ދުނިޔެއެވެ. ތުންފަތަކީ، ތަށީގެ ތުންފަތެވެ. ބޮސްދިނުމަކީ، ތަށީގައި އަނގަ ޖެހުމެވެ. ތަށި ހުސްކުރުމަކީ، ޢުމުރު ހޭދަކުރުމެވެ. މާނައަކީ، ޙަޔާތުގެ ރަހަ ލިބިގަނެ، ދުނިޔޭގައި މީހުން ޢުމުރު ހޭދަކުރާ ގޮތް ދެކެފީމެވެ. 3. މިބައިތުގައިވާ އަމާނަތަކީ، އަލްއަޙުޒާބު ސޫރަތުގެ 72 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ އަމާނަތެވެ. އެ އަމާނާތް އުފުލުމަށް އިންސާނާ ހޮވި، އޭނާއާ އެ އަމާނާތް ޙަވާލުކުރެއްވުމުން، އޭނާ އެ އަމާނާތް އުފުލުމުގައި ފަސްޖެހުނެވެ. އޭނާއަކީ، މޮޔައެއް ކަމުގައިވީ އެހެންވެގެންނެވެ. 4. މަޛުހަބުތަކުގެ މެދުގައިވާ ޚިލާފުތަކާހެދި އަރާރުންވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގު ނޭނގޭތީއެވެ. އެއްކަމެއް ކުރެވިދާނެ އެތައް ގޮތެއް، އިސްލާމްދީނުގައި ބަޔާންކުރައްވާފައިވެއެވެ. ދީނުގެ ލުއިފަސޭހަ ކަމަކީ އެއީއެވެ. އެކަން އެހެން ނެތްނަމަ، ދީންވެރިކޮށް ދިރިއުޅުމަކީ ފަސޭހަކަމެއް ކަމުގައި ނުވާނެކަމަށް އަޞްޙާބު ބޭކަލުން ވެސް ވިދާޅުވެފައި ވެއެވެ. މިކަން މިހެން އޮތްއިރު، މަޛުހަބުތަކަށް ތަޢައްޞުބުވެ، އަރާރުންވެ އުޅުން ވާނީ، މަގުފުރެދުމެއް ކަމުގައެވެ. އަދި ތަޢައްޞުބުވާ މީހުންވާނީ، މަގުފުރެދިފައިވާ ބަޔަކު ކަމުގައެވެ. 5. މީހަކަށް ފާފައެއް ކުރެވުނަސް، މާތްﷲ ވަނީ ތައުބާވުމުގެ މަގު ދައްކަވާފައެވެ. އެއީ ވަރަށް ބޮޑު ނިޢުމަތެކެވެ. އެހެންވީމާ، ތައުބާވާ މީހުންނާއެކު، އެކަލާނގެ ޙަޟުރަތަށް ޝުކުރު ދަންނަވަން ޖެހެއެވެ. އެކަން ކުރުމަކީ ހެޔޮ ޢަމަލެކެވެ. 6. އުއްބައްތި ދިއްލަނީ އަލިފާނުންނެވެ. އުއްބައްތީގެ ހުޅުކޮޅު ފަރާތްފަރާތަށް ހެލިލާ ހިނދު، ހުނުމުގެ މަންޒަރު އެއިން ސިފަވާފަދައެވެ. ނަމަވެސް ޝައުޤުވެރިކަން އުފައްދާދޭ ޙަޤީޤީ ހޫނުކަމަކީ އެ އަލިފާނުގައިވާ ހޫނުކަމެއް ނޫނެވެ. ޙަޤީޤަތުގައި، ޝައުޤުވެރިކަން އުފައްދާދޭ ހޫނުކަމަކީ، އަޅުވެރިޔަކު އަޅުކަންކުރަން އިންނައިރު، މާތްﷲގެ ޙަޟުރަތަށް ކުއްތަންވުމުގެ ޝައުޤުވެރިކަން، އޭނާގެ ހިތުގައި އުފައްދާދޭ ހޫނުކަމެވެ. އެ ހޫނުކަމުގެ އަސަރުކޮށްފިނަމަ، އެއިން ދޫނިތައް އަނދައި އަޅިޔަށް ވެދެއެވެ. މިތަނުގައި ދޫންޏަކީ، އަޅުކަންކޮށް ތަސްބީޙަކިޔަން އިންނަ އަޅުވެރިޔާއެވެ. އޭނާ އަނދައި އަޅިޔަށްވުމަކީ، ދުންޔަވީ އެދުންތަކުން އޭނާގެ ހިތް ސާފުވެ، މާތްﷲގެ ޙަޟުރަތަށް ޚުޝޫޢަތްތެރިވެ، އޭނާގެ ހިތް ޖަވާހިރަކާ އެއްފަދަ ވުމެވެ. ޖަވާހިރެއް އަލިފާނަށް ލުމުން އޭގައިވާ ކުނިބުނި އަނދައި ސާފުވާ ފަދައިންނެވެ. 7. ލިއުންތެރިންނާއި ޝާޢިރުންގެ ޤަލަންތަކުން، ހުރިހައި ވާހަކައެއް ލިޔެ ނިންމާފައިވަނީ، ވަރަށް ރިވެތި ޢިބާރާތުންނެވެ. އެވާހަކަތަކުގައި، ޤަލަމުގެ ތުނޑުން ފުނާއަޅުވައި ވަރަށް ރީތިކުރެވުނެވެ. އެއަށްފަހު، އެއަށްވުރެ ރިވެތި ޢިބާރާތްތަކަކުން އެވާހަކަތައް އެއްވެސް މީހަކަށް ތަޢުބީރުކުރާކަށް ނޭގުނެވެ. މިހެން މިކަން އޮއްވައި، ޙާފިޡު އަތުވެއްޖެއެވެ. އަދި ކުރީގެ މީހުން ލިޔެފައިވާ ރިވެތި ޢިބާރާތްތަކަށްވުރެ މާރިވެތި ޢިބާރާތްތަކަކުން، ވާހަކަތައް ލިޔަން ފަށައިފިއެވެ. ކުރިން މީހުންނަށް އެނގިފައި ނުވާ ރިވެތި ޢިބާރާތްތަކަކުން އޭނާ މިގޮވާލަނީ، މާތްﷲގެ ޙަޟުރަތަށް ކުއްތަންވުމަށެވެ. އިޚުލާޞްތެރިކަމާއެކު އެކަލާނގެ ޙަޟުރަތަށް އަޅުކަންކުރުމަށެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ އީސަ ދަރި, 2008-12-29 15:40:41
މި ޒަމާނުގެ ދިވެހިންނަށް ހީވަނީ، މުރަނގަތޮޅީގައި ރިހަ ކައްކާނެ ގޮތް ވަކި ވަޒަނަކަށް، ކާފިޔާ ހަމަކޮށް ބުނެދިނަސް، އެވާނީ ޅެމަކަށް ހެން. އެކަމަކު ޙާފިޡުގެ މި ފަދަ ޅެންތަކުން، އަދި ޚާއްޞަކޮށް ޝަރަޙައާއެކު މި ހާރުގެ ޅަކުދީންނަށް ވިސްނައިގަނެވޭ ގޮތަށް ހުށަހެޅިފައިވުމުން ޙަޤީޤަތުގައި ޅެމަކީ ކިހިނެއް ހުންނަ އެއްޗެއްކަން ވިސްނޭނެ. އޭގެ ޚިޔާލުގެ މަތިވެރިކަމަކީ ކޮބައިކަން އެނގޭނެ. މިއީ ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ފޯރަންޖެހޭ ވަރަށް މުހިންމު އަދަބީ މަސައްކަތެއް. އުސްތާޛު މުޢީދަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|