މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހުވަފެނެއްގެ އަސަރު |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 28 ފެބްރުވަރީ 2010، 00:01 އާދީއްތަ | |||
|
ޙަޤީޤީ ހާދިސާ އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ ޒުވާނާގެ ޢުމުރު ވޭތި ކޮށްލަމުންދަނީ، ޒުވާންކަމުގަ އެވެ. ''ކާށި ކެވޭނީ
ދަތް ހުއްޓައޭ'' މުސްކުޅިން ބުނާ ބަސް އެއީ ޅަ ދުވަހުގެ މޮޓޯއެއްކަމުގައި
ބަލައިގެން އުޅެނީ ކަމަށް ވެދާނެ އެވެ. ދުވާލު ދިރިއުޅުމަށް މަސައްކަތް
ކުރެ އެވެ. އެކަމަކު ރޭގަނޑު އަވަދި ނެތިފައިވަނީ، ހުތުރުކަންބޮޑު ފާފަޔަށް
އަރައިގަތުމުގަ އެވެ. ''ބަރިޔަކަށް ލޯބި ހިތުގައި ޖެހުނުހާ ވަގޮށުން''
ބަރިޔަކަށް ފާފަ ފަތުގައި ޖެހޭނެ ގޮތަށެވެ.މި ހުރިހާ މި ސާލުތަކުން އޭނާ ސިފަ ކުރަން މި ޖެހުނީ، ސަބަބެއް އޮވެގެންނެވެ. ފާފަޔާމެދު އޭނާ ފަޚުރުވެރިވާތީ އެވެ. އިލާހީ ވަޢީދުގެ ބަސްފުޅުތަކަށް ބިރުވެތިކަމެއް އެ ހިތުގައި ނެތީތީ އެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ފާފައިގެ ރުއްފޯދި، އިހާމަތީ އިހާ ޖަހާތީ އެވެ. މާނައަކީ، އޭނާ ކުރާ ހުތުރުކަންބޮޑު ޢަމަލަކީ، ކަނޑައެޅިގެން ޙަރާމް ކުރައްވައިފައިވާ ބޮޑުފާފަޔަކަށްވާ ހިނދު، އެ ޢަމަލު ހިންގައިފައި ފަހުން ރައްޓެހިންނާއި، ރަޙްމަތްތެރީންނަށް އެއްވެސް ބިރެއް ސިހުމެއް ނެތި، ސަޅިކެނޑުމުގެ ގޮތުން އޭނާ އެ ވާހަކަތައް ކިޔައިދެ އެވެ. ދީނުގެ ޢިލްމުވެރިން ވިދާޅުވާގޮތުން މި ފަދަ ގޮތުގައި ކުށްފާފައިގެ ގޯނި ތުންމޮހައިލުމަކީ، އެ ފާފަތައް ގުނަވެގެންދާނެކަމެކެވެ. ފާފައިގެ މައްޗަށް ފާފަ އިތުރުވާނެ ކަމެކެވެ. އެހެންވީމާ އޭނާ ފާފަޔަށް ކާނާ ދީގެން އިހާމަތީ އިހާޖައްސަނީ ނޫންތޯ އެވެ؟ އަޅުގަނޑަށް ހާދިސާ ކިޔައިދިން އަޅުގަނޑުގެ ރަޙްމަތްތެރިޔާ (އެ ޒުވާނާގެ އެކުވެރިޔާ) ބުންޏެވެ. ތިމަންނަމީ އެ ބާވަތުގެ ވާހަކައިން ތިމަންނަ ގާތުގައި އޭނާ ބައިސާ ކަނޑާ އެކަކީމެވެ. ''ރޭގައި ދެވުނީ މި ވެނި އިސްކޮޅެއްގެ މި ވެނި ކުލައެއްގެ މި ވެނި އުމުރެއްގެ މި ވެނި ރަހަ.......'' އިތުރަކަށް ކިޔާނެ ކަމެއް ނެތެވެ. ފާއިތުވި 6 އަހަރު ދުވަހުގެ ތެރޭގައި ރަށުން ބޭރުގައި މަޑުކޮށްލަން ޖެހުމުގެ ސަބަބުން ދޫ ވެގެންދިޔަ މަދު ރޭކޮޅެއް ފިޔަވައި ކޮންމެ ރެޔަކީ އޭނާޔަށް ފާފައިގެ ޢީދެކެވެ. އުރެދުމުގެ ހަފުލާއެކެވެ. ގެއްލުނު ހައެއްކަ ރޭ އަލުން ޤަޟާ ނުކުރާ ކަމެއް ވެސް ނޭނގެ އެވެ. ރަޙްމަތްތެރިޔާ ބުންޏެވެ. ދާދި މި ދާކަށް ދުވަހު މީނާޔާ ބައްދަލުވެއްޖެ އެވެ. އާދައިގެ މަތިން ކޮބައި '' އައު ކަމެއް'' ނެތްހޭ ހައިލީމާ، ކުއްލި ސީރިޔަސް ކަމެއް މޫނު މައްޗަށް އައުމާއެކު، ހޯހޯ އޭ ބުނާ ކަހަލަ މާނައެއްގައި އަތް ހޫރުވައިގެންފި އެވެ. ތިމަންނަ އަހައިގެންފީމެވެ. އަނެއްކާ ވީ ކީއްހެއްވެ؟ ކުރުޖަވާބެއް ދިނެވެ. ދެން އެފަދަ ކަމަކާ ވައިވެސް ނޭޅޭނަމެވެ. މި ޖަވާބުން އުފެއްދި ހައިރާންކަން އަދި މާ ބޮޑުވެއްޖެ އެވެ. ތަކުރާރުކޮށް އަނެއްކާ ވެސް ސުވާލު ކޮށްލެވުނީ ކޮންފަދަ ކަމެއް ދިމާވީތޯ އަހައި އޮޅުން ފިލުވައިލުމަށެވެ. ކުއްލި ގޮތަކަށް މި ވަރުގެ ބަދަލެއް މި އައި ސަބަބަކީ ކޮބައިތޯ ދެނެގަންނަ ހިތުންނެވެ. ރަޙްމަތްތެރިޔާގެ ނުތަނަވަސްވެފައިވާ މޫނާއެކު އައިސް، ގާތަށް ލެފިލި އެވެ. ދެން އަހަރެންގެ ކަނާތު ކޮނޑުގައި އަތުން ޖަހައިލައިފައި ބުންޏެވެ. މީ ވަރަށް އާދަޔާ ޚިލާފު ވާހަކަ އެކެވެ. އަހަރެން އިޞްލާޙު ކުރީ އަހަރެންނަށް ފެނުނު އާދަޔާ ޚިލާފު ހުވަފެނެކެވެ. އަޑު އަހާށެވެ. އަހަރެން އެރޭ އޮތީ ނިދައިފަ އެވެ. ދެން ފެނުނު ހުވަފެނަކީ މި އެވެ. އާދައިގެ މަތިން އެރޭ ވެސް އަހަރެންގެ ''ރަސްމީ ކެޔޮޅުކަމު'' ނިކުމެއްޖަ އީމެވެ. 6 އަހަރުވީ ތަޖުރިބާ ''އައިނެއް'' ހޯދާކަށް އަހަންނަކަށް މާ ދައްޗެއް ނުކުރާނެ ތާ އެވެ. ވަރަށް ފަސޭހައިން އެކަން ހަމަ ޖެހުނެވެ. ''އެންކައިފި'' އެވެ. ''އައިނަށް އަރައިފީމެވެ.'' ވަރަށް ދައްސެވެ. ''އެ ގޮތުގައި'' އޮއްވައި ކުއްލިޔަކަށް ފެނުނީ ''އެކުއްޖާ'' ގެ ކުޑަ ދޫ ބޮޑު ސިންގާ ނާގަ ހަރުފަޔަކަށް ވެގެން އަހަންނާ ދިމާޔަށް ނިކުންނަން ފެށިތަނެވެ. އަހަންނަށް އެއްލިގެން ދެވުނެވެ. ކަރުފުއްޕާލައިފައި އެ ހަރުފަ ނިކުތީ ޣުސްޖަހައިފަ އެވެ. މަސައްކަތް ކުރަނީ އަހަރެންގެ ލޮލަށް ވިހަލައި ކަރުގައި ފިސާރިޔަކަށް އޮޅައިލާންކަމަށެވެ. ހުރި ހާލައިގެން ހާމަ މަގުމައްޗަށް ނިކުމެ އަޅައި އިތިކޮށް ދުއްވައިގެންފީމެވެ. މި އާފާތުން ބަޗައިގަތުން ނޫން ފިކުރެއް ނެތީމަ އެވެ. ކަމަކު ދާކަށްނެތެވެ. މަރަށް ފިލަން، ޖަހަންނަމަޔަށް ފިލަން ދެވޭނީ، ވަދެވޭނީ ވަކި، ކޮން ނިވަލަކަށް ކޮން ވަލަކަށް ހެއްޔެވެ؟ ކުރިމަތިން މާދުރުން މުޅި އުދަރެސް ބައްދައިލައިފައި އެހެރަ ހިއްލައިލި ރާޅެއްގެ ބިޔަކަމާއި އުސްކަން ހާދަހައިވާ ބޮޑެވެ. އޮޅެމުން އުފުލެމުން ފަށްވަމުން އެހެރަ އަންނަނީ އޭގެ ހޮޅީގެ ތެރެޔަށް އަހަރެން ދަމައިގަނެ ހަފުސްކޮށްލުން ފިޔަވައި އެހެން އެއްވެސް ކަމަކު ނޫނެވެ. ގަންނާ ކުރެވި ބިރުން އެހެން އަތަކަށް މިސްރާބު ބަދަލު ކޮށްލައިފީމެވެ. އޭރު ބޯޖެހިތާ ނަގޫޖަހައިފައި އަހަރެންގެ ފަހަތުން، އެއްކަލަ ނާގަ ހަރުފަ ވެސް ލުއްސެމުން ވިއްސެމުން އެބަހަރަ އާދެ އެވެ. ބިލެއް ކަނޑާ ހަރެއްގެ ދިގުމިނުގަ އެވެ. މަގު ބަދަލު ކޮށްލައިފީ މެވެ. ރާޅުން ނެއްޓެވުނީތާ އެވެ. ނޫނެކެވެ. އެއްގޮތަކަށް ވެސް އެހެނެއް އެކަމެއް ނުވާނެ އެވެ. ރާޅު ހުރި ދިމާ ކޮބައިތޯ އަރި ބިތަކަށް ކަނދުރާ ހިންގައިލުމުގައި އެއްލުނު ކަޅިޔަކުން މައްޗަށް ބަލައިލެވުނުއިރު ސަހަރޯ ސަހަރޯ އެވެ. މި އޮއް ބޮޑު ދުނިޔެ ހުރި ގޮތަށް އެ އޮއްގެން ތިރިވަނީ ސީދާ މަގޭ ބޯމައްޗަށެވެ. އެ އައިސް ޖެހޭ ޖެހުމުން ގައިގެ ކަށިތަކާއި މަސްތައް އެކުވެ ފުނޑި ޤަރާރުވުން ފިޔަވައި އެހެން އެއްވެސް ގޮތެއް ދެނެއް ނެތެވެ. ލަހެއްނުވެ އެ ބާރު މިނުގައި އައިސް ބޮލު ފުށްކިބަޔާ ދިމާއިން އެބަހަރަ ޖެހިގަތެވެ. އަހަރެން ވިއްސައިގެން ގޮސް ބިންމަތީ ތަނަކަށް ތިރާވެ، ފިރާސި ވަރުގަދަޔަކަށް އިނދެޖެހިއްޖެ އެވެ. އެއާއެކު އިވުނު އަޑަކަށް، މެރިފައިވާ ދެ ލޯހުޅުވައި ލެވުނެވެ. އެ އަޑަކަށް މިވީ، އެ ރޭގެ ފަތިސް ނަމާދު ބަންގީގެ އަޑެވެ. އޭރު މީހާ އޮތީ، ދާހިއްލައި ފޯވެފަ އެވެ. ވަރުބަލިވެ މައިނޭވައިލެވިފަ އެވެ. އެނދުން ވެއްޓި ތަޅުންގަނޑުމަތީގަ އެވެ. އަނގުންތަކުގައި ގޮތް ނޭނގޭ ރިހުމެއް ތަދެއް ވެސް ހުއްޓެވެ. ލިބުނު ސިހުމެއް ކުރި އަސަރެއް ބަޔާން ކުރާކަށް ނޭނގެ އެވެ. މާޒީގެ ހަޑި މުޑުދާރު ފީތާތަކާއި، އެ ''ހަރާމުގެ ބަހާރު މޫސުމަށް'' ނުލިބި ނުދާނެ ޢަޒާބާއި، ޢުޤޫބާތް ގުޅުވައިލެވުނީ މި ފެނުނު ހުވަފެނާ އެވެ. މީހާ ފިނިވެއްޖެ އެވެ. ފިނޑިވެއްޖެ އެވެ. ފެންކަޅިވެ ގިސްލެވެން ފަށައިފި އެވެ. އެކަނި އިންދައި ރޮވިއްޖެ އެވެ. އަވަސް އަވަހަށް ތެދުވެއްޖައީމެވެ. ފާޚާނާޔަށްވަދެ ވުޟޫކޮށްލައިގެން މިސްކިތާ ހަމަޔަށް ދެވުނު އިރު ވެސް މޭގަނޑު ހަމަ ގުންގުން ލައިފައި ޖެހެ އެވެ. އަހަރެން މާތް ﷲއަށް ދުޢާ ދެންނެވީމެވެ. އިސްތިޣުފާރު ދެންނެވީމެވެ. ތައުބާވީމެވެ. އޭގެ ފަހުން ނަމާދެއް ނާޅަމެވެ. މާޒީގެ ހުތުރު ހަނދާންތައް އާކުރާކަށް ނެތީމެވެ. އޭން މަގެއްގައި އަލުން ފިޔަވަޅެއް ވެސް އަޅާކަށް ނެތީ މެވެ. މި ދެއްކެވި ހިދާޔަތުގެ އަލީގައި މުސްތަޤުބަލު ރޯޝަން ކުރާނަމެވެ. މާތް ﷲ އަހަރެމެން އެންމެންނަށް އެ ކަލާނގެ ރުހިވޮޑިގެންވާ މަގަށް މަގުދައްކަވާށި އެވެ. އެ ކަމަށް ތައުފީޤު ދެއްވާށި އެވެ. މީ އަހަރެންގެ އަދުގެ ދުޢާ އެވެ. (ނިމުނީ)
ނޯޓު: މިއީ އަޅުގަނޑުގެ ރަޙްމަތްތެރިޔަކަށް، އޭނާގެ އެކުވެރިޔަކު
ކިޔައިދިން ވާހަކައެއްކަމަށް އެ ރަޙްމަތްތެރިޔާ ބުންޏެވެ. ކަމަކީ
ހިނގިކަމެކެވެ. ޙަޤީޤަތެކެވެ. އަޅުގަނޑު މަސައްކަތް ކުރީ ހާދިސާ ތިޔަ
ބޭފުޅުންނަށް ފަސޭހައިން ފިލައިވަޑައިގަންނަވާނެ ގޮތަށް ހުށަހަޅައިލައި
ދެވޭތޯ އެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ޝާފިޢު, 2010-02-27 18:50:14
އައްސަލާމް ޢަލައިކުމް. ވަރަށް ޢިބްރަތްތެރި ވާހަކައެއް މާޝާ ﷲ. ލިޔުންތެރިޔާ ހުށަހަޅުއްވާފައިވާގޮތުން ވަރަށް އަސަރުގަދަ. އަޅުގަނޑު ބޭނުން އާދަމް ނަސީރުގެ މިފަދަ ވާހަކަތައް އަޅުގަނޑުމެން ހިންގާ ސައިޓެއްގައި ޖަހާލަން. އެކަމުގެ ހުއްދައަކަށް އެދެން.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-02-28 02:19:34
މާތް ﷲ އެޒުވާނާއަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރައްވައި ކުށްފާފައިން އޭނާގެ ނަފްސް ތާޙިރު ކުރައްވައި، އީމާންކަމުގެ ބަރަކާތުން އިނބަ ﷲގެ ދީލަތިވަންތަ ރަޙްމަތް އެއަޅާގެ މައްޗަށް ގުނަގުނައިން އިތުރުކުރައްވާއި އޭނާގެ ހިތް އެމަގުގައި، އިނބަ ﷲގެ ޙަޟްރަތަށް ގެންދެވޭންދެން ސާބިތުކުރައްވައި ލަހައްޓަވައިފާންދޭ. ޔާﷲ އަޅަމެނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދެއްކެވުމަށްފަހަށް އެމަގުން އަޅަމެން ދުރުނުކުރައްވާންދޭވެ.. ފަހެ އިނބަރަސްކަލާނގެ ހެޔޮމަގެއް ދައްކަވައި، ދެއްވަވައިފި އަޅަކަށް ނުބައި މަގެއް، ނުބައި ކަމެއް، ދައްކައިދޭނޭ އެހެން ފަރާތެއް މިއުޑު ހިޔާވައްސަކު ނުވެއެވެ. އަދި އިނބަރަސްކަލާނގެ ނުބައި މަގެއް ދައްކަވައި، ދެއްވައިފި އަޅަކަށް ހެޔޮ މަގެއް، ހެޔޮ ކަމެއް، ދައްކައިދޭނޭ އެހެން ފަރާތެއް މިއުޑު ހިޔާވައްސަކު ނުވެއެވެ. މިޒުވާނާގެ ވާހަކަ އަހައިފައި އަޅުގަނޑުގެ ހިތަށް އަންނަނީ ސޫރަތުލް ފާތިޙާގެ 7 ވަނަ އާޔަތުގެ މާނައެވެ. އެއާޔަތުގެ މާނައިގައި ވެއެވެ. (އެއީ) އެއުރެންނަށް އިނބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލެއްވިގެންވާ މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދިގެންވާ މީހުންގެ މަގެއްވެސް ނުމެ ނޫންމެއެވެ. ﷲ އަކްބަރު! އިނބަރަސްކަލާނގެ ބަސްފުޅަށް ވުރެން ވަކީން ޙައްޤުކަން ބޮޑު ދެވަނަ ބަސްފުޅެއް ނުވެއެވެ. އިނބަﷲ މިވަޙީ ބަސްފުޅު، އާދެ މުސްލިމުންގެ މިމާތްވެގެންވާ ދުސްތޫރު އަދި ޙިދާޔަތުގެ އަލިގަނދަ ނޫރު ކިޔެވުމުންނާއި އަޑުއެހުން އަޅަމެންގެ އީމާންކަން އިތުރުކުރައްވާށި. އާމީން
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2010-03-01 11:03:10
ވަޢަލައިކުމުއްސަލާމް! ޝާފިޢު އަޅުގަނޑާމެދު ތިޔަ ވިދާޅު އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި ވަރަށް ހިތްހެޔޮކަމާއެކު ޝުކުރުދަންނަވައިލަމެވެ.
ފަންވަތުގައި އަޅުގަނޑު މި ލިޔާ ލިޔުންތަކަކީ، ވަކި އުސޫލުތަކެއްގެ މަތިން ވެވިފައިވާ އެއްބަސްވުމަކަށް ރިޢާޔަށްކޮށް ލިޔެވޭ ވަކި ރޫޙެއްގެ ލިޔުންތަކެކެވެ. މި ދެންނެވި އެއްބަސްވުން އަޅުގަނޑު ގަބޫލުކޮށްފައި އޮންނާނީ އަޅުގަނޑަށް ކީރިތި ﷲ މި ހުނަރު މިންވަރު ކުރައްވައިފައިވާ ނިސްބަތުން، މި ހުނަރު އަޅުގަނޑުގެ ކިބައިން މުޖުތަމަޢަށް ފޯރުކޮށްދިނުމުގައި، އަމިއްލަ ނަފުސާއި ދީނާއި ޤައުމަށް އަމާނާތްތެރިވުމުގެ ގޮތުން، އަޅުގަނޑު ހިފަހައްޓަންޖެހޭނެ ކަމަށް ގަބޫލުކުރާ ހަމަތަކަކާއި އިންތަކެއްގެ އަސާސްމަތީގަ އެވެ. މި ދެންނެވި ވިސްނުމާއެކު، ދަންނަވައިލަމެވެ. ފަންވަތުގައި އަޅުގަނޑު ހިމަނާލައި ލިޔުންތަކުގެ ތެރެއިން ޝާފިޢު ޝައުޤުވެރިވެވަޑައިގަންނަވާ ލިޔުމެއް ވާނަމަ، އެ ލިޔުމެއްގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމީ އަޅުގަނޑު މަރުޙަބާ ދަންނަވާކަމެކެވެ. އެކަމަކު އަޅުގަނޑުގެ ވެސް އެދުމެއް އެބަ އޮތެވެ. ނުވަތަ ޝަރުޠެއް ކަމަށް ބެއްލެވިޔަސް އެންމެ ރަނގަޅެވެ. އެ ލިޔުމެއްގެ ތިރީގައި '' މިއީ www.fanvai.infoއިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.'' މި ފަދައިން ޖައްސަވައިލައިދެއްވުން އެދެމެވެ. ފަންވަތުގެ އެއްބަސްވުމަށް އަޅުގަނޑު ވެސް އިޙްތިރާމު ކުރަންޖެހޭނެ ނޫންތޯ އެވެ؟ ވަރަށް ޝުކުރިއްޔާ!
...
ލިޔުނީ ޙަސަން, 2010-03-01 16:19:17
އަޅުގަނޑަށް މިލިޔުން ކިޔާލެވުމުން ހިތަށްއަރާ އަޅުގަނޑުގެ ރަޙްމަތްތެރިޔާ ވެސް މިފަދަ ޙާދިޘާއެއް ދިމާވެގެން އަޅުގަނޑަށް ކިޔައިދޭނެ ނަމައޭ.. އަޅުގަނޑު ބޭނުން އަޅުގަނޑުގެ ރަޙްމަތްތެރިއާއަށް ވެސް މިފަދަ އިބްރަތްތެރި ހާދިޘާއެއް ކުރިމަތި ކުރައްވައިގެން އޭނާ ވެސް މާތްﷲ ގެ ރުހުން ލިބެނިވިގޮތަކަށް ދުނިޔޭގައި އުޅެން. އަޅުގަނޑު އޭނާއަށް ނަޞޭޙަތްތެރިވެގެން އަދި އެއްވެސް ބަދަލެއް ނާދޭ. ހަމަ ލިޔުމުގައިވާފަދަ ފާފަތަކަށް އަރައިގަތުމުގައި އަދިވެސް ހުރީ.
... ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-04-13 09:40:58
އަލް އަޚް ޙަސަން ތިޔަ ކުރައްވާ މިންނެން މަސައްކަތަށް މާތް ﷲ ކާމިޔާބީ މިންވަރު ކުރައްވާށިއެވެ. އަދިވެސް މަސައްކަތް ކުރާށެވެ. ތިބާގެ އެކުވެރިޔާ އިންޝާ ﷲ ހެޔޮމަގަށް ރުޖޫޢަ ކުރެވޭނޭ. ގިނަ ގިނައިން އޭނަގާތުގައި އެވާހަކަތަށް ދައްކާށެވެ. ޝަކުވާކޮށް އޭނާ ހުންނަ އުނި ސިފަތައް ބުނާ އުސޫލަކުންނެއް ނޫނެވެ. ރިވެތި ގޮތުގައި އޭނާއަށް ހެޔޮއެދޭ ރަޙްމަތްތެރިއެއްކަން ވިސްނުވައިދީގެން..ޚުދު އޭނާގެ އަމިއްލަ ނަފްސަށް އޭނާ ކުރާ ކަންކަމުގެ ނުބައިކަން ވިސްނި އޭގެ ހެޔޮގޮތްވެސް އޭނާގެ އަމިއްލަ ނަފްސަށް ވިނުނީމާ ދެން ލަހެއް ފަހެއް ނެތި އޭނާގެ އުޅުން އިޞްލާޙް ވަމުންދާތީ ތިބާ ދެކޭނޫއެވެ. ހަނދާންކޮށްދިނުމަކީ މުއުމިންތަކުންނަށް ނުހަނު މަންފައުކުރާނޭ ކަމެކެވެ. ހަނދާންކޮށް ދޭނީ ރިވެތި ގޮތުގައި ނަޞޭޙަތުގެ މަގުންނެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|