|
ދިވެހި -
އިޖުތިމާޢީ
|
|
02 ފެބްރުވަރީ 2011، 00:05 ބުދަ |
ލޯބިވެރިޔަކު ހޯދާނީ ކިހިނެއް؟
ބިންމާ އިބްރާހީމް ވަޙީދު
ލޯބިވާށޭ ކިޔާފައި، ފެންވަރައި ފުށްޖަހައިގެން ގެއިން ނުކުތަސް އެ ކަމެއް
ނުވާނެ އެވެ. މި ފަހަރު މި ދަނީ ހިތް ހަދިޔާ ކުރާށޭ ކިޔާފައި، ގުންފައި
ޖަހާފައި ގޮސްގެން ހިތް ހަދިޔާއެއް ވެސް ނުކުރެވޭނެ އެވެ. ލޯތްބާއި
ހިތަކީ، ނޭނގިހުއްޓައި އެހެން އިންސާނަކަށް "ދެވޭ" އެއްޗެކެވެ. ގަސްތުގައި
"ދޭ" އެއްޗެއް ނޫނެވެ. ބައެއްފަހަރު، ހިތް ހަދިޔާކުރެވިއްޖެކަން ތިމާ އަށް
އެނގޭއިރު ހިތެއް "ނޯންނާނެ" އެވެ. ލޯބިވެވުނީމަ އެނގޭނީ ކިހިނެއްކަން
މިހާރު އެނގޭނެތީވެ، މި ފަހަރު މި ބަލައިލަނީ ލޯބިވެރިއަކު ހޯދާނެ
ގޮތްތަކަށެވެ. އެއީ އެހާ އުނދަގޫކަމެއްބާ އެވެ؟
އެންމެ މުހިންމު ކަމަކީ، މީހުންނާ ދުރުގައި ނޫޅުމެވެ. އަބަދު ގޭގައި
ހުރުމުން ތީ އުޅޭ ކުއްޖެއްކަން އެނގޭނީ ކާކަށް ހެއްޔެވެ؟ ތިމާ އަށް އެހެން
މީހުން ފެންނާނީ ކިހިނެއް ހެއްޔެވެ؟ މި އުޅެނީ ލޯބިވެރިޔަކު ހޯދާށެވެ.
ފިލާކަށް ނޫނެވެ. ގިނަ މީހުން އެއްވާ ތަންތަނަށް ދާށެވެ. ސުވާލު ކުރާށެވެ.
ޖަވާބު އަޑުއަހާށެވެ. އަދި ސުވާލުކުރުމުން ޖަވާބުދޭށެވެ. ކޮންމެ މީހަކު
ވެސް ވާހަކައެއް ދައްކަން އަންނާނީ، އޭނަގެ ވާހަކަ އަނެކާ އަޑުއަހާނެ
ކަމުގެ އުންމީދުގަ އެވެ. އަދި ރައްދުގައި އަނެކާ ވެސް ވާހަކައެއް
ދައްކާނެކަމަށް އުންމީދުކުރެވޭނެ އެވެ. ކަނުލާ އަޑުއެހުމަކީ، އަނެކާ އަށް
ތިމާ އިޙްތިރާމް ކުރާކަން ވެސް ހާމަވާ ކަމެކެވެ. އިޙްތިރާމްކުރާ މީހުންނާ
ވާހަކަދައްކަން އެހެން މީހުން ބޭނުންވާނެ އެވެ.
ހަނދާންކުރާށެވެ. ބައެއްފަހަރު ލޯބިވެރިއަކު ލިބޭނީ ރައްޓެހިކަމަށް ފަހުގަ
އެވެ. އަނެކާ ދައްކާ ވާހަކަ ތިމާ އަޑުއަހާކަން ހާމަކުރުމަށްޓަކައި،
ވާހަކަދައްކާއިރު ލޮލަށް ބަލާށެވެ. ތިމާ އަށް އެނގޭ ވަރަކުން އެ
ވާހަކައިގެ ތެރެއަށް ވަންނާށެވެ. އިރުކޮޅެއްވަންދެން ވާހަކަދެކެވެމުން،
ދަނޑިވަޅެއް ބަލާފައި، ވާހަކައާ ގުޅުވައިގެން ނަމަވެސް، އޭނަގެ ފޯނު
ނަންބަރު ހޯދާށެވެ. މީހުން ބުނާނެ އެވެ. މާލެ އަކީ ކުޑަ ތަނެކެވެ. ރާއްޖެ
އަކީ މީސްކޮޅު މަދު ތަނެކެވެ. އެކަމަކު، ރަނގަޅު ވާހަކައެއް ބުނެފާނަމެވެ.
އުޅޭތަން ނޭނގޭ މީހަކު ހޯދަން ނުކުމެއްޖެއްޔާ މާލެއަކީ، އެމެރިކާ އަށް
ވުރެ ވެސް ބޮޑު ތަނެއްހެން ހީވާނެ އެވެ.
ތަޢުރީފު ކުރާށެވެ. ހުޝާމަދު ނުކުރާށެވެ. ތަޢުރީފު ކުރެވޭނީ ސިފަ އަށް،
ކުރާ ކަމަކަށް ނުވަތަ މިޒާޖަށެވެ. އޭނަގެ ހުރި އެވެނި ސިފަ ކިހާ
ރަނގަޅުކަން ބުނާށެވެ. ހުޝާމަދު ކުރުމަކީ، ތަޢުރީފު ކުރަމުން ގޮސް ހައްދު
ފަހަނައަޅައި ދިޔުމެވެ. ނެތް ރަނގަޅު ސިފަތައް ހުރިކަމަށް ހަދައި، ނުކުރާ
ކަންތަކަށް ވެސް ތަޢުރީފު ކުރުމެވެ. އެންމެން ވެސް ތަޢުރީފު
އަޑުއަހާހިތްވާނެ އެވެ. ވާހަކަދައްކަން ފެށުމަށްޓަކައި ވެސް، އެ ކަހަލަ
ކަމެއް ކުރެވިދާނެ އެވެ. ތަޢުރީފު ކުރާއިރު، ތެދުވެރިކަމާއެކު، ޙަޤީޤަތަށް
ވާހަކަދައްކަންވާނެ އެވެ. އޭނަ ލައިގެން ހުރި ރަތްކުލައިގެ ހެދުން
ރީތިކަމަށް ބުނާއިރު، ތިމާ ވެސް ރަތްކުލައިގެ ޓައީއެއް އަޅައިގެން
ހުރެއްޖެ ނަމަ، އެއީ "ތެދެކެވެ." ކޮންމެ ފަހަރަކު އެހެން ވާންޖެހެނޭ
ވާހަކައެއް ނޫނެވެ. އޭނަ އަކީ، ކުޑަކޮށް ދަންނަ މީހަކަށް ވާނަމަ، ކުރާ
މަސައްކަތަށް ވެސް ތަޢުރީފު ކުރެވިދާނެ އެވެ. އެއީ ކޮން މަސައްކަތެއްކަން
ތިމާ އަށް އެނގެންޖެހޭނެ އެވެ. މިހާރު ލަވައެއް ނުކިޔަންހޭ އަހާއިރު، އެ
ދުވަހު އޭނަގެ ހަތަރުވަނަ އަލްބަމް ނުކުތް ކަމުގައި ވަންޏާ އެއީ ވަރަށް
"ހުތް" ކަމެކެވެ. ތިމާއާ ޚިޔާލު އެއްގޮތް ކަމެއް އޭނަގެ ހުރިކަން
އެނގިއްޖެއްޔާ އެއީ ވެސް، ވާހަކަ އިތުރަށް ކުރިއަށް ގެންދެވިދާނެ ކަމެކެވެ.
ފުރަތަމަ ފެންނަ ފަހަރު ސަލާމްގޮވާލުމާއި ހާލު އަހާލުމަކީ ވެސް ކުރެވިދާނެ
ކަމެކެވެ. އެކަމަކު، ވިސްނަންވާނެ އެވެ. ޕާރޓީއެއްގައި އެކަނި ހުންނަ
ކުއްޖަކީ އެކަނިހުރި ކުއްޖަކަށް ނުވެދާނެ އެވެ. އޭނައާ އެކުގައި އައި
މީހަކު ފެންތައްޓެއް ނުވަތަ ފޯއްކޮޅެއް ބަލައިދިޔައީ ކަމަށް ވެސް ވެދާނެ
އެވެ. ކެތްތެރިކަމާ އެކުގައި، ދުރުގައި އިރުކޮޅަކު ބަލަން ހުރުމަކީ
ބުއްދިވެރި ކަމެކެވެ.
ތިމާ ގަޔާވާ މީހަކާ ވާހަކަދެއްކުމުގެ ކުރިން ފޯނުގެ ރިންގް އޯފް
ކޮށްލައްޗެވެ. ވާހަކައެއް ދައްކަމުން ދަނިކޮށް، ކުއްލިއަކަށް ފޯނު
ރިންގްވެއްޖެ ނަމަ، "ދެން ގޮސްލާނަން" ބުނެފައި އޭނަ ހިނގައިދާނެ އެވެ.
އާންމު ދިރިއުޅުމުގައި ވެސް، ތިމާ އަކީ އެހެން ކަންކަމުގައި މާ
ބިޒީވެގެންއުޅޭ މީހެއް ކަމުގައިވަންޏާ، ވާހަކަދައްކަން ތިމާ ގާތަށް އަންނަ
މީހުން މަދުވެދާނެ އެވެ. މި ޒަމާނަކީ، އަތުގައި އޮންނަ ފޯނުން އީމެއިލް
ޗެކް ކޮށްލެވޭ ޒަމާނެކެވެ. އޮފީހަށް ވަންނަގޮތަށް ނެޓަށް ވަންނަންޏާ،
ވާހަކަދައްކަން ބޭނުންވެފައި ހުންނަ މީހާ ހުންނާނީ ދުރުގަ އެވެ.
އުނދަގޫވެދާނެ ކަމަށް ހީވާތީ އެވެ. އަބަދު ފޯނު ކަންފަތުގައި ޖަހައިގެން
ހުރުމުގެ މާނަ އަކީ، ތިމާ "ބިޒީ" ކަމެވެ. އެ ހުރިހާ ކަމަކުން،
ހިނދުކޮޅަކަށް ނަމަވެސް މިނިވަންވާށެވެ. ވަށައިގެން ހޯދާލާށެވެ. ގަޔާވާ
މީހެއް އެބަހުރި ހެއްޔެވެ؟ މީހަކު ބަލާ ހެއްޔެވެ؟ ފޫހިވެފައި އިނީ ކާކު
ހެއްޔެވެ؟ އެއީ ގަޔާވާ ކުއްޖެއް ހެއްޔެވެ؟ އެކަނިވެރިވެފައި އިނީ ކާކު
ހެއްޔެވެ؟ އެއީ ކަމުދާ މީހެއް ހެއްޔެވެ؟
ގިނަ މީހުން އެކުވެގެން ކުރާ ކަންކަމުގައި ބައިވެރިވާށެވެ. ޓީމެއް
އެކުވެގެން ކުޅޭ ކަހަލަ ކުޅިވަރެއް ކުޅޭށެވެ. އެ ކަހަލަ ތަންތަނަށް މީހުން
އެއްވާނެ އެވެ. މީހުންނާ ބައްދަލުވާނެ އެވެ. ކޮންމެ ފަހަރަކު ފެންނާނީ
ހުސްހަށިބައި ކުއްޖެއް ނުވަތަ މީހެއް ނޫނެވެ. އެކަމަކު، މީހުންނާ
ވާހަކަދައްކަން ފެށުމުން ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު
ބޮޑުވާނެ އެވެ. ދައްކާނެ ވާހަކަ އާއި ނުދައްކަންވީ ވާހަކަ އެނގޭނެ އެވެ.
ޓީމުގެ އެހެން މީހުން ދައްކާ ވާހަކައިން މަޢުލޫމާތު ލިބޭނެ އެވެ. ތަޖުރިބާ
ލިބޭނެ އެވެ. ޓެކްނޮލޮޖީއާ ރައްޓެހި ނަމަ، އޮންލައިން ކޮންމެވެސް
ގްރޫޕެއްގައި ބައިވެރިވާށެވެ. "ފޭސްބުކް"، "މަލްޓިޕްލައި" ކަހަލަ
ސައިޓްތައް ރަނގަޅުވާނެ އެވެ.
ހިލޭ ސާބަހަށް ކުރާ ކަންކަމުގައި ބައިވެރިވާށެވެ. އެ ފަދަ ކަންކަމުން
ދަރުމަ ލިބިފައި، މީހުންގެ ސަމާލުކަން ވެސް ލިބޭނެ އެވެ. އެހެން މީހުނަށް
އެހީވާ މީހުންނަށް، މީހުންގެ އެހީ ވެސް ލިބޭނެ އެވެ. ހަމްދަރުދީ އާއި
ތަޢުރީފު ލިބޭނެ އެވެ. ނިޔަތް ރަނގަޅު މީހުންގެ ޢަމަލު ރަނގަޅުވާނެކަން
މީހުންނަށް އެނގޭނެ އެވެ. އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަށް
ވިޔަސް، ހަޔާތުގެ ބައިވެރިއަކަށް ބޭނުންވާނީ ތިމާ އަށް ހެޔޮވާނެ މީހެކެވެ.
ގިނަ އެކުވެރިން ލިބުމަކީ، އޭގެ ތެރެއިން ލޯބިވެރިއެއް ހޯދަން ފަސޭހަވާނެ
ކަމެކެވެ.
ވަޒީފާއެއްގައި ނޫޅޭ ނަމަ ވަޒީފާއަކަށް ވަންނާށެވެ. ފުލްޓައިމް ބޭނުން
ނޫން ނަމަ، ޕާރޓް ޓައިމް ވެސް ރަނގަޅުވާނެ އެވެ. ހަނދާންކުރާށެވެ.
މީހުންނާ ދިމާވާނީ މީހުން ތިބޭ ތަންތަނަށް ދިޔައީމަ އެވެ. އެހެން
މީހުންނަށް ތިމާ ފެނުނީމަ އެވެ. ވަޒީފާ އަދާކުރާ ތަނުގެ ހުރިހާ
ފެންވަރެއްގެ މީހުންގެ ރައްޓެއްސަކަށް ވާށެވެ. ވާހަކަދައްކާއިރު
ހިނިތުންވާށެވެ. "މަޖާ" މީހުން ވަރަށް ގިނަ މީހުންނަށް ކަމުދާނެ އެވެ.
ރައްޓެހިކަން ބާއްވާނެ އެވެ.
މީހުންގެ އުފަލުގައި ބައިވެރިވާހެން ހިތާމައިގަ ވެސް ބައިވެރިވާށެވެ.
ހިތްވަރުދޭށެވެ. ވަރަށް އަވަހަށް ތިމާ އަށް އެހެން މީހުންގެ ހިތް ލެނބޭނެ
އެވެ. ކަންދެއްކުމަށް ވުރެ ބޮޑަށް ތިމާ އަކީ، ހިތްހެޔޮމީހަކަށް ވުން
މުހިންމެވެ. ކޮންމެ ތަނެއްގައި ތިމާ ހުއްޓަސް، ކޮންމެ ފެންވަރެއްގެ
މީހަކަށް އެހީއެއް ބޭނުންވިޔަސް، އެ ވަގުތު ތިމާ އަށް އެއްވެސް އެހީއެއް
ވެވެންއޮތް ނަމަ ވަގުތުން ވާށެވެ. ތިމާ އަށް ނޭނގުނަސް، އަބަދު ވެސް
ވަރަށް ގިނަ ލޯތައް ތިމާ އަށް ހުއްޓިފައި ހުންނާނެ އެވެ.
މައާފުކުރާ މީހަކަށް ވާށެވެ. ބަދަލުނުހިފާށެވެ. ބަދަލުހިފައި، މީހުންނަށް
އެއްޗިހިކިޔާ، އަނިޔާކުރުމުން އުފާވާނީ ނުބައިބައި ބޮހެވެ. ހީރޯއިންނެއް
އް ނޫނެވެ. ހީރޮއިންގެ ހިތް އަތުލަން ހީރޯ ބޭނުން ނަމަ، މީހަކަށް
އެހީވާށެވެ. މީހެއްގެ ފުރާނަ ސަލާމަތްކުރާށެވެ. ކޮށްފި ހެޔޮކަމެއް
ގެއްލިނުދާނެ އެވެ. އޭގެ ފައިދާ އެތައް ސިފައެއްގައި ކުރާނެ އެވެ. ބުނާ
އަޑު އިވޭނެ އެވެ. މިނެދޭން ވާނީ މިނެދޭ ނާޅިއަކުންނެވެ. ވިސްނާށެވެ.
ކޮންމެ ހަރުބަހަކީ އެހާ "ހަރު" ބަހެއް ނޫނެވެ.
ޖަނަވާރާއި، ދޫނި ސޫފާސުއިއްޕާއި، ގަސްގަހާގެއްސާއި، މަސްމަހާމެހި ދެކެ
ލޯބިވާށެވެ. އެ ތަކެއްޗަށް އަޅާލާށެވެ. ހިމާޔަތްކޮށް، އެހީތެރިވާށެވެ.
ލޯބި ލިބޭނެ އެވެ. ތިމާ އަކީ މާ މޮޅު މީހެއް ކަމުގައި ހީކޮށް، އެ ފަދަ
އެއްޗިއްސަށް އަނިޔާކުރުމަކީ މީހުން ފޫހިވާނެ ކަމެކެވެ. ލޯބިވާން ބޭނުން
ކުއްޖާ ހީކުރާނީ އޭނަ އަށް ވެސް ހަދާނީ ހަމަ އެހެން ކަމަށެވެ. ރަތް
އައްޔެއް ލޯގަނޑަކަށް އަޅުވައިފިއްޔާ ތިމާގެ މޫނަށް އަންނާނީ ރަތް
އައްޔެކެވެ. ލޯބި ބޭނުމިއްޔާ ލޯބި ދޭށެވެ. ނަފްރަތު ދީފައި ލޯތްބަށް
އުންމީދު ނުކުރާށެވެ.
އަބަދު ފެންވަރައި، ވަރުގެ ކޮޅަށް ނަލަހެދިގެން ނުހުންނާށެވެ. އޭރުން
ހީވާނީ ތިމާ އަކީ، ޚަރަދުބޮޑު، މަސައްކަތެއް ނުކުރާ، އެއް ގޮތަކަށް ހުންނަ
ފޫހި ކުއްޖެއް ނުވަތަ މީހެއް ހެންނެވެ. ދިރިއުޅުމުގައި ތަފާތުތައް
ގެންގުޅޭށެވެ. އަބަދު ވެސް ހުންނަންވާނީ ސާފުތާހިރުކޮށެވެ. އެކަމަކު،
ރަސްމީ އާއި ނުރަސްމީ ވަގުތުތައް ހުންނަންވާނެ އެވެ. އަބަދު ކޯޓުލައިގެން
ހުންނާނީ ތަންތަނުގެ ވެރިންނެވެ. ލޯބިވެރިންނެއް ނޫނެވެ.
ލޯބި ސާބިތުކުރުމަށްޓަކައި ތިމާގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް
ނުކުރާށެވެ. މިހެން ވިސްނާށެވެ. އެންމެ ފުރަތަމަ ލޯބިވާންޖެހޭނީ އަމިއްލަ
ނަފްސުދެކެ އެވެ. ތިމާ ގައިގަ ވަޅިއަޅާ މީހަކު އަނެއް މީހާ އަށް ނުހަދާނީ
ކިހިނެއް ހެއްޔެވެ؟ ފިލްމުތަކުން ފެންނަ ހުރިހާ އެއްޗިއްސަށް
އިތުބާރުނުކުރާށެވެ. ފްލޯކާއި ޙަޤީޤަތާ ދެމެދުގައި، ބޯ ފާރެއް ހުންނާނެ
އެވެ. ލޯބި ހޯދަންވާނީ ލޯބިންނެވެ.
ލޯބީގައި، ލައިލާ މަޖުނޫނު، ރޯމިޔޯ ޖޫލިއަޓް ފަދަ މީހުން މިސާލެއް
ކަމުގައި ނުބަލާށެވެ. އެ މީހުންނަކީ ލޯބީގައި މަރުވި މީހުންނެވެ. އެއީ
ކާކަށްނުވެވޭނެ ކަމެއް ހެއްޔެވެ؟ އުނދަގުލީ ލޯތްބަށްޓަކައި ދިރިހުރުމެވެ.
އުމުރަށް އެކަކުދެކެ ލޯބިވުމަކީ، އުސްތަނަކަށް އަރާފައި ފުންމާލުމަށް ވުރެ
މާ އުނދަގޫ ކަމެކެވެ. ލޯބިވެ، ކައިވެނި ކުރުމުގެ މާނަ އަކީ، ދެ މީހަކު
އުމުރަށްޓަކައި އެއް ގޮށުން ބަނދެލެވުމެވެ. އުފާތަކާ ހިތާމަތައް
ހިއްސާކުރުމެވެ.
އެންމެ ފަހު ކަމަކީ، އެއް ފަހަރުން ނުވަތަ ފުރަތަމަ ފަހަރުން ލޯބި
ލިބޭނެކަމަށް ހީނުކުރުމެވެ. އުންމީދުކަނޑާ ނުލާށެވެ. ކޮންމެ މަހެއްގައި
ދުވަސްތަކެއް، ދުވަހެއްގައި ގަޑިތަކެއް، ގަޑިއެއްގައި މިނެޓް އަދި
މިނެޓުގައި ސިކުންތުތަކެއް ހުންނަނީ ކަމަކު އެވެ. ކޮންމެ ސިކުންތަކީ އާ
ސިކުންތެކެވެ. ކޮންމެ ނާކާމިޔާބަކީ ތަޖުރިބާއެކެވެ. ދެން ހަދަންވީ ގޮތް
ދަސްކޮށްދޭ ޢިބްރަތެކެވެ. ދިރިހުރިހައި ހިނދަކު އުންމީދު ކަނޑާލާކަށް
ނުޖެހެ އެވެ.
-----------------------
(ނިމުނީ)
މި ލިޔުން:
ފޮނުވުން: އަލްފާޟިލް ބިންމާ އިބްރާހީމް ވަޙީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ޝާއިޢުކުރުން: '' ''
|