މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޑޭޒީމާ: "ޅެންވެރިކަމުގެ ކޮންމެ ދަނޑެއްގައިމެ އެންމެ ކުރީ ސަފުގައި....." |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 01 އެޕރީލް 2011، 00:59 ހުކުރު | |||
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ގުލްޒާރުގައި ވަކި ފަރިމަލެއް، ޑޭޒީ މަލަށްވުރެ، ނެތްމެޔޭ ބުލްބުލްތަކާ ހުރިހާ ކޮކާ، އެ މަލަށް ޤަދަރު ދީފައިވެޔޭ ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި ޑޭޒީމާ މަޝްހޫރުވެފައިވާ ސަބަބުތައް ގިނަގުނަ އެވެ. އެހެން މާތަކާ ޚިލާފަށް އެ މާ މޯޅި ނުވެ ގިނަ ދުވަހު އިންކަމެވެ. އެ މަލުގެ ވަސް ގިނަ ދުވަހަށް ދެމިހުރިކަމެވެ. މަލުގެ ކުލަ ގަދަކަމެވެ. ވަސްމީރުކަމެވެ. ޅެންވެރިކަމުގެ ބަގީޗާގައި އުދުހުނު ކޮންމެ ކޮކާލަކަށް ވެސް އެ މަލުގެ ޢިލްމީ ތާސީރުން ޣިޛާ ލިބިގަނެވުނުކަމެވެ.
އާދޭހެވެ! ޑޭޒީމަލުގެ ޝާޢިރީ ޚިޔާލާތުން މަންފާ ނުކުރާ ޅެންވެރިޔެއް މަދުވާނެ އެވެ.ކޮންމެއަކަސް ދިވެހި ޅެންވެރިކަމުގެ ބަގީޗާގައި ފަރިވެ ފޮޅުނު އެންމެ ފަރި މާތަކުގެ ތެރޭގައި ހިމެނޭ "ޑޭޒީމާ" މިއަދު އަޅުގަނޑުމެންނާ ވަނީ ވަކިވެފައެވެ. ނަމަވެސް އެ މަލުގެ ވަހުން ދިވެހި ޖައްވު ވަނީ އަދިވެސް ހުވަނދުވެފައެވެ. އަދި ދިވެހި ޅެންވެރިކަން ދެމި އޮތްހާ ދުވަހަކު މި ވަސް އަބަދު ވެސް ލިބިލިބި ހުންނާނެ އެވެ. ޑޭޒީމާ ނުވަތަ ޑޭޒީމާގޭ ފާއިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ގ. ބޮޑުފެންވަޅުގޭގައެވެ. ހިޖުރައިން 1343 ވަނަ އަހަރު ޞަފަރުމަހު 29 ވަނަ ދުވަހު އެވެ. ދިވެހި ޅެންވެރިކަމުގެ އުދަރެހުން އެރި އެންމެ އަލިގަދަ އެއް ތަރި ކަމަށްވާ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އަކީ ފާއިޒާގެ މަންމާފުޅު ފަރާތްޕުޅުގެ ބޮޑުބޭބެ އެވެ. ފާއިޒާ ވިދާޅުވާ ގޮތުން ނަމަ "ތިއްތިބެ" އެވެ. އެހެންކަމުން ފާއިޒާ ބޮޑުފުޅުވެގެން އައީ ވެސް އަދި ތަޢުލީމުގެ ބިންގާ އެޅުނީ ވެސް މި ދެންނެވި ޅެންވެރިކަމުގެ ވެށީގައެވެ. އެހެންކަމުން ފާއިޒާގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފުރަތަމަ މަރުޙަލާގައި ވެސް ވަނީ ޅެންވެރިކަމުގެ ވަސް ހިފައިފައެވެ. މަދްރަސަތުއްސަނިއްޔާއިން، އަދި ކުޑަ ދުވަސްކޮޅަކު ސިލޯނުން ވެސް ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ފާއިޒާ، ޚިދުމަތުގެ މައިދާނަށް ނުކުމެވަޑައިގަތީ ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގެ ތެރެގައެވެ. މަދްރަސަތުއްސަނިއްޔާގެ މުދައްރިސާއެއްގެ ގޮތުންނެވެ. އޭގެ ދުވަސްކޮޅެއް ކުރީއްސުރެ ފާއިޒާ ޅެންވެރިކަމުގެ ތެރެއަށް ވެދެވަޑައިގެންފައި ވީ ނަމަވެސް، ޅެންވެރިކަމުގެ ދުނިޔޭގައި ފާއިޒާ ފާހަގަކުރެވެން ފެށީ މި ދުވަސްވަރު އެވެ. އެއީ "ދިވެހި ޅެންވެރިކަމުގެ ގުލްޒާރު" ހެދި، އެ ގުލްޒާރުގައި "ނޫރާނީ މާ ފޮޅި"، "ބުލްބުލްތަކާއި ކޮކާތައް" އުދުހެންފެށި ދުވަސްވަރެވެ. މި ދުވަސްވަރުން ފެށިގެން ފާއިޒާ އަކީ ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގައި އެންމެ ކުލަގަދަ އެއް މަލެވެ. އެންމެ ވަސްމީރު އެއް މަލެެވެ. އަލްފާޟިލާ އާމިނަތު ފާއިޒާ އަށް "ޑޭޒީމަލުގެ" ނަން ދެއްވި ސުމުއްވުލްއަމީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ "ފާއިޒާ އަކީ އަދުގެ ދިވެހި ޅެންވެރީންގެ ތެރޭގައި އަރައި ހުންނެވި ޝާޢިރާއެއް" ކަމަށާއި އަދި އެއީ "ޅެންވެރިކަމުގެ ކޮންމެ ދަނޑެއްގައިމެ އެންމެ ކުރީ ސަފުގައި ފައި ހަމަކޮށް ހިންގެވޭނޭ ޅެންވެރިއެއް" ކަމަށެވެ. ދިވެހި ޅެންވެރީންގެ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ އަލްއުސްތާޒު އިބްރާހީމް ޝިހާބު، ޑޭޒީމާގޭ ފާއިޒާގެ ޅެންވެރިކަމާ ބެހޭ ގޮތުން ވިދާޅުވެފައިވަނީ އެއީ "ދިވެހި ޝާޢިރިއްޔަތުގެ މާބަގީޗާގެ އެންމެ ޤަދަރުވެރި އެންމެ ފަށުވި އެއް ޝާޢިރާ" ކަމަށާއި އެއީ "ބޭނުންފުޅު (ކޮންމެ) މައުޟޫޢެއްގައި ހިފެހެއްޓުމެއް ނެތި ޚިޔާލު އޮއްސަވަމުން ގެންދަވާ އަދީބާއެއް" ކަމުގައެވެ. މި ފަނާޥެ ދަނިވި ދުނިޔޭގައި ފާއިޒާ ދިރިހުންނެވިހާ ދުވަހަކު އޭނާގެ އަދަބީ ޚިދުމަތްތަކަށް ފަނޑުކަމެއް އައިސްފައެއް ނެތެވެ. އަދި ކީއްތޯއެވެ؟ އެ ޚިދުމަތްތަކުގެ ކުލަ އައީ ގަދަވަމުން އިތުރުވަމުންނެވެ. 1979 ގައި ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލިސް ސަރުކާރުން އުފައްދަވައި އެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހަމަޖެހި އެ އަހަރުން ފެށީގެން 2010 ވަނަ އަހަރާ ހަމަޔަށް "ބަސްކޮމިޓީ"ގެ މެންބަރެއްގެ ގޮތުގައި މެދު ކެނޑުމެއްނެތި އޭނާ ވަނީ ޚިމަތްކުރައްވައިފައެވެ. ތަފާތު 17 ފޮތެއް އޭނާ ތަޞްނީފުކުރައްވައިފައި ވާއިރު އޭގެ ތެރެއިން 7 ފޮތަކީ ޅެންފޮތެވެ. އަދި މި 7 ފޮތުގެ ތެރޭގައި ކުޑަކުދީންނަށް ޚާއްޞަ ދެ ޅެން ފޮތެއް ވަނީ ހިމަނުއްވައިފައެވެ. ޅެންވެރިކަމުގެ ދުނިޔެއަށް ފާއިޒާ ނެރުއްވި ފުރަތަމަ ޚިޔާލުފުޅުގައިވެސް ވަނީ ޖޯޝާއި އިތުބާރެވެ. ޢަޒުމާއި އުއްމީދެވެ. އައްސަވާށެވެ! "ނޫރު ކެނޑި ހިތުގައި މިދާ ބާރެއް މުޅީން ފިލުވާނަމޭ ރޫޙުއަށް އުނިކަން މިދޭ ބާރެއް މުޅީން ފިލުވާނަމޭ ހިތުގެ މޮޅިޔާ ހިތުގެ ގިންޏާ ހިތުގެ ބައްޔާ ހިތުގެ ހޫނު އިތުރުވާތީ ބާރުލައި ގަދަ ޔާރުނޭ ފިލުވާނަމޭ ޢިއްޒަތާ ޢަބުރާ ޤަދަރު އުފުލޭ ގޮތުން އެއް ހިތްވެގެން ވިސްނުމާއެކު ރޫޙުއަށް އާ ބާރުތައް ގެނުވާނަމޭ" އެއްވެސް ޝައްކެއް ނެތެވެ. ފާއިޒާގެ އެ ޢަޒުމު ވަނީ ފުރިހަމަކުރައްވައިފައެވެ. ހިތުގައި ނޫރު ކެނޑޭ ހުރިހާ ބާރުތަކެއް އޭނާ ވަނީ ފިލުއްވައިލައްވައި ރޫޙަށް އުނިކަން ގެންނަ ބާރުތައް ނެތިކޮށްލައްވައިފައެވެ. ޢިއްޒަތާއި އަބުރާއި ޤަދަރު އުފުލޭނެ ގޮތަކަށް އަދަބީ ރޫޢަށް އޭނާ ވަނީ އާ ބާރުތައް ގެންނަވައިފައެވެ. ފާއިޒާ ގެ ޅެންވެރިކަމުގެ ޤަލަންކޮޅު ހިންގަވައިނުލައްވާ ދާއިރައެއް ނެތޭ ދެންނެވިދާނެ އެވެ. މި ގޮތުން ވިސްނައިލާ އިރު، ހިތާމައިގެ ޅެމާއި ޢިޝްޤީ ޅެމާއި ޤައުމީ ޅެމާއި ދީނީ ޅެމާއި ފަލްސަފީ ޅެން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. އާދޭހެވެ! ފާއިޒާގެ ޢުމުރުފުޅުން ދުވަސްވަމުން ދިޔުމުގެ ސަބަބުން އޭނާގެ ޚިޔާލުފުޅާއި ޝުޢޫރާއި ޖަޒުބާތުތަކަށް ހުއްޓުމެއް ނުވަތަ މަޑުޖެހުމެއް ނާދެ އެވެ. އަދީ ކީއްތޯ އެވެ؟ ފާއިޒާގެ ޅެންވެރިކަމުގެ ޝުޢުރުތައް އެއް ދުވަހުން އައީ އިތުރުވަމުން ގިނަވަމުންނެވެ. ހިމުންވެ އޮމާންވަމުންނެވެ.ފަށުވިވެ ބުގިސްވަމުންވެ. 86 އަހަރުގެ ޙަޔާތްޕުޅަކަށްފަހު މި ދިޔަ ފެބްރުއަރީ މަހު 25 ގައި އޭނާ ދުނިޔެ ދޫކުރެއްވި އިރު އޭނާގެ މަސައްކަތްޕުޅު ވަނީ ޓެކްނޮލޮޖީއާ ވެސް ރައްޓެހިވެފައެވެ. އަމިއްލަފުޅަށް ކޮންޕިޔުޓަރުން ލިޔުއްވައިގެން ތައްޔާރުކުރައްވައި އޭނާ ވަނީ ފޮތްތައް ޝާއިޢުކުރައްވައިފައިވެއެވެ. ފާއިޒާގެ ޢާއިލާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި އޭނާ ޢާއިލާއަށްވުރެ ބޮޑަށް އިސްކަން ދެއްވައިފައިވަނީ މުޖުތަމަޢަށެވެ. ދިވެހި އަދަބަށެވެ. ދިވެހި ޅެންވެރިކަމަށެވެ. ޢާއިލާއަށް ޚިދުމަތްކުރެއްވުމަށްވުރެ ބޮޑަށް އޭނާ ބެއްލެވީ މުޖުތަމަޢަށް ޚިދުމަތެއް ފޯރުކޮށްދެއްވުމަށެވެ. ދިވެހި އަދަބާއި ދިވެހި ޅެންވެރިކަމަށް ޚިދުމަތެއް ކުރެއްވޭތޯ އެވެ. ޅެންވެރިކަމުގެ މައިދާނުގައި ތަފާތު ވަނަތައް ފާއިޒާ ހޯއްދަވައިގެން ލިބިވަޑައިގެންނެވި ކާމިޔާބީތައް ގިނަ ގުނައެވެ. ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ފާއިޒާ ވަނީ ޙާޞިލުކުރައްވައިފައެވެ. ކުރުކޮށް ދަންނަވާނަމަ، އާމިނަތު ފާއިޒާއަކީ ދިވެހި ޅެންވެރިކަމުގެ ކިއްލާގެ އެއްމެ ވަރުގަދަ އެއް ތަނބެވެ. މިއަދު އެ ތަނބު ނެތިގެން ގޮސްފައިވާ އިރު އެފަދަ ވަރުގަދަ ތަނބެއް ފެންނާން ނެތްކަމީ ޅެންވެރިކަމުގެ ކިއްލާ އަށް ހުރި ނުރައްކަލެކެވެ. އަލްފާޟިލާ އާމިނަތު ފާއިޒާގެ އަގުހުރި ޚިދުމަތުގެ ޙަޔާތްޕުޅުގެ ދަރުސްތަކުން ފެންދީގެން ޅެންވެރިކަމުގެ ގުލްޒާރުގައި މި ފަދަ އެހެން ގަސްތައް ހައްދައި، މި ދާއިރާގައި މި ފަދަ އެހެން މާތައް ފޮޅުވުމަކީ އަޅުގަނޑުމެން އެންމެންގެ އުންމީދުކަން ކަށަވަރެވެ. "ކެތްކުރާ ހިތަކުން އަނާ، އަދު ހެޔޮ އަދައި ކުރަމޭ ދުޢާ ދެއްވަވާނދޭ ފާއިޒާ އަށް ޖަންނަތުން ހެޔޮ ދަރުމައެއް!" ------------------ (ނިމުނީ) މި ޅެން: ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާޅު އަބޫބަކުރު އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|
| ހަމަ މި ގަލަމުން |
|---|