ފަންވަތް ދިވެހި އިޖުތިމާޢީ ޤައުމީ ދިފާޢީ ބާރު
ބެލި ޢަދަދު: 1399
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ޤައުމީ ދިފާޢީ ބާރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
01 މެއި 2009، 02:17 ހުކުރު


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

މަތީތަޢުލީމުގެ ހަރުފަތެއް ގިރާކުރުމުގައިވާ ދަރިންވަރުންކޮޅަކައި ވާހަކަ ދައްކާލަން ފުރުޞަތު ލިބުނެވެ. ޤައުމާބެހޭ ގޮތުން، އަޅުގަނޑަށް އެނގިފައި އޮތް އެއްޗެއް އަޅުގަނޑުގެ ކިބައިން އޮޅުންފިލުވައިލަން އެކުދިންބޭނުންވީތީ ހަމަޖައްސައިލެވުނު ބައްދަލުކޮށްލުމުގެ ވަގުތު ކޮޅެކެވެ. ވާހަކައިގެ ފެށުމެއްގެ ގޮތުން، އަޅުގަނޑު އެކުދީންނާ ސުވާލެއް ކޮށްލީމެވެ. ''ޤައުމު'' މި ބަހުގެ މާނައަކީ، ކޮބައިހެއްޔެވެ؟ ލިބުނު ބައެއް ޖަވާބު ތިރީގައި މިވަނީ އެވެ.


   1. މީހުން ދިރިއުޅޭތަން

   2. ދިވެހި ރާއްޖެ.

   3. ނޭޝަން

   4. ވަކިންވެރިކަން ހިންގާ ރަށެއް.

މި ޖަވާބުތަކަށް ވިސްނާލުމުން އިތުރުކަމެއް ޚިޔާލަށް އައެވެ. ގައުމާ މެދު އާންމުކޮށް އަޅުގަނޑުމެންގެ ކިޔަވާ ކުދިންނަށް ވިސްނިފައި އޮންނަލެއް ހަނިކަމެވެ. އެކުދީންނަށް އާންމުކޮށް އެނގިފައި އޮންނަވަރަށްވުރެ، ''ގައުމު'' މި ލަފުޒުގެ މާނަ ތަނަވަސް ވެގެންވާކަމެވެ. ގައުމުގެ ދަރީންނަށް މިކަންކަމުގެ ތަފުސީލު އެނގެން ޖެހޭކަމެވެ. ގައުމު ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް، މި އެނގުންތައް  މުހިންމުވާނެކަމެވެ.

އަޅުގަނޑަށް އެނގިފައިވާ އެނގުންތަކުގެ މައްޗަށް ބުރަވެ އެއްޗެއް ދަންނަވާނަމަ، ދަންނަވަންޖެހެނީ މަތީގައިވާ ހުރިހާ ޖަވާބު އެއްކޮށްލައިފައި، އަދިވަރަށް މުހިންމު އެހެން ބައެއް ހިމަނައިލައިގެން ނޫނީ، ގައުމުގެ މާނަ އޭގެ އެންމެ ތިލަ ގޮތުގައިވެސް ފުރިހަމަ ނުވާކަމެވެ.

އާދެ! ގައުމޭ ބުނުމުން އޭން ގަސްތުކުރެވޭ އެއްމާނައަކީ، އިންސާނީ ޖަމާޢަތެކެވެ. ވަކި ސަގާފަތެއް، ވަކި ގަބޫލުކުރުންތަކެއް އެބައެއްގެ މެދުގައި އެއްސިފައެއްގައި އޮންނަ ޖަމާޢަތަކަށްވާންޖެހެއެވެ. އެމީހުން އެހެން މީހުންނާ ވަކި ކޮށްދޭ ޙަޔާތުގެ ވަށްޓަފާޅިއެއް ރޫޙީގޮތުންނާއި، ޢަމަލީގޮތުން ގެންގުޅެންޖެހެއެވެ.

ގައުމުގެ އަނެއް މާނައަކީ، މި ދެންނެވި ޖަމާޢަތް ދިރިއުޅޭ، ވަކި ޚާއްޞިއްޔަތުތަކެއް ވަކި އިމްތިޔާޒުތަކެއް ލިބިގެންވާ ބިމެވެ. ހަމަގައިމު ވެސް އަޅުގަނޑުމެންގެ ދިވެހިން މި މާނައިގައި މި ބަސް ބޭނުންކޮށް އުޅެ އެވެ.

ދެން އޮތް ސުވާލަކީ ދިވެހި ޤައުމަކީ، ނުވަތަ ދިވެހިންގެ ޤައުމަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. އިސްވެ ބަޔާންކުރެވުނު ހަމަތަކުން ބަލާއިރު، ދިވެހިންގެ ޤައުމޭ ކިޔެނީ، އެގޮތްތަކެއްގެ މަތީގައި ދިވެހިން ޒަމާނުއްސުރެ ސާބިތުވެތިބި ސަގާފީ ދީނީ ހަމަތައް ދިފާޢުކުރަމުންދާ، ދިވެހި ރައްޔިތުންގެ ޖަމާޢަތަށާއި ދިވެހި ބިމަށެވެ. އެބިމަށް ނިސްބަތްވާ ކަނޑުފަޅާ ޖައްވާ، ވައިގެ ދަރަޙައްދަށްވެސް މެއެވެ.

ގައުމާ ބެހޭ މި ތަޢާރުފުން ތިން ނަތީޖާ އެއް ނިކުމެއެވެ. އެއީ ޤައުމުގެ މާނަ އެމައްޗަށް އެކުލެވިގެންވާ، އިސްވެ ދެންނެވުނު ތިން ބަހާގެ ތެރެއިން، އެއްބަހާ އެއް ނެތި ދިޔަޔަސް އެކަމުގެ ސަބަބުން ޤައުމަށް އުނިކަން އަންނާނެ ކަމެވެ. ޤައުމުގެ މާނަޔަށް އުނިކަން އަންނާނެ ކަމެވެ. އެހެނީ، ޤައުމުގެ ރައްޔިތުން ނެތި ދިޔަޔަސް ޤައުމު ފުރިހަމަ އެއް ނުވެ އެވެ. ޤައުމުގެ ބިން ނެތި ދިޔަޔަސް، ޤައުމު ފުރިހަމަ އެއް ނުވެ އެވެ. ހަމަ އެފަދައިން، ޤައުމުގެ ރައްޔިތުންގެ ކިބައިގައި ހުންނަންޖެހޭ ޤައުމުވަންތަކަމުގެ ސިފަތައް (ވަކި ބައެއްކަން ރަމްޒުކޮށްދޭ ރޫޙީ މާނަވީ، ޢަމަލީ ޚާއްޞަ އަސަރުތައް) ނެތި ދިޔަޔަސް ޤައުމު ފުރިހަމައެއް ނުވެ އެވެ. އަދި ކިޔެއްތަ؛ މި ތިންބަހާއިންކުރެ ބަހާއެއް ނެތި ދިޔުމީ ގައުމުގެ ފުރިހަމަ ކަން ނެތި ދިޔުމުގެ އިތުރަށް އިންތިހާ ދަރަޖައިގެ އުނިކަން ޤައުމަށް ލިއްބައިދޭނެ ކަމެކެވެ. ކިހާވަރެއްގެ އުނިކަމެއްތޯ އެވެ؟ ''ގައުމު'' މި ކަލިމައިގައި ހިމެނޭ ތިންއަކުރުން އަކުރެއް (ފިއްޔާއެކު) އުނިވުމުން އެ ކަލިމަޔަށް، ނުވަތަ ލަފުޒަށް ލިބޭނެ ފަދަ އުނިކަމެކެވެ.

މިހައި ހިސާބުން، މަޢުޟޫޢުގެ މެދުބަޔަށް ފަށާނަމެވެ. ރުކުގެ ކުރިގަނޑު ދޫކޮށްލައިފައި ކަނދުގަނޑަށް ފަށާނަމެވެ. އާދެ! ދިފާޢުގެ ވާހަކަ އެވެ. ޤައުމު ދިފާޢު ކުރުމުގެ ވަހަކަ އެވެ.

މީލާދުން 1558ގައި، ޕޯޗުގީޒުން ރާއްޖެއާ ތޮޅެ ރާއްޖެ އަޅުވެތި ކުރި އެވެ. 13 ޞަފަރު، 1166ގައި، ހޮޅިން މާލެ އަރައި، މާލޭގެ ތިންބައިކުޅަ ދެބައި އަލިފާނާ ހަވާލުކުޅަ އެވެ. އޭގެ ފަހުން 1887-1965އަށް ރާއްޖެ ދުށް އިނގިރޭސި ޙިމާޔަތޭ ކިޔުނު ދުވަސްވަރާއި، އަދި ޝަހީދު ޙުސައިން އާދަމްގެ ފަޚުރުވެރި ޒިކުރާއާ ގުޅުންހުރި ޙަޤީޤަތްތައް ލޮލުގެ ކުރިމައްޗަށް ގެންނަމާތޯ އެވެ؟

ބޮޑުތަކުރުފާނުގެ އާދަޔާ ޚިލާފު ޤުރުބާނީން، އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީ ސޫރަވާނީ، ހއ. އުތީމުގެ ތުނޑިމަތީގައި ދޫނި ހިފަން އުޅުނު ކުޑަ ކުޑަ ކުއްޖަކު، އޭނާގެ ޒުވާންކަމާއި، ފުރާވަރުގެ އުފާތައް، މާސިންގާ ދިވެހި ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ދޫކޮށްލި ތަނެވެ. 8 އަހަރުވަންދެން، އެއްފަރު މަތިން، އަނެއްގިރި ދަށުން އަނެއް ދެރަށެއްގެ ދެމެދެން، ރިޔާ ފޮރޮޅަމުން، ދީލަމުން، ނަގަމުން، ރޭގަނޑާ ދުވާލު، ނުވަރު އޮޑިގަނޑެއްގައި، އަވަދިނެތިފައިވާތަނެވެ. ދިންހައި އަތްވެއްގައި، ވެހުނުހައިވާރޭ އެއްގައި ޤައުމަށްޓަކައި ހަނާވަމުން ފަނާވަމުން ދިޔަތަނެވެ. ދުޝްމަނުންގެ ޢަދާވާތްތެރިކަމާއި، މަކަރުވެރިކަމުން،  އެ ޒުވާނާގެ ކަނދުރާ މައްޗަށް، މަޅަމަޅައި އޮތްހައި ވިހަ ތޫނު ކަނޑިތަކުގެ މިޔަ ދަށުން ރެކިގަންނަލެއް ފަރިތަކަމާއި ހުޝިޔާރުކަމެވެ.

ޝައްކަކަށް ޖާގައެއް ނެތެވެ.  ޕޯޗުގީޒު ލަޝްކަރާ ދެކޮޅަށް ހަނގާކުރެއްވުމަށް، އައްޞުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމް ނިކުމެވަޑައިގަތީ، އަޖާބު ކުރުވަނިވި ރޫޙެއްގައެވެ. ނަމޫނާ ޖޯޝެއްގައެވެ. ގުޑުމެއް ލޮޅުމެއް ނާރާނެ ޢަޒުމެއްގަ އެވެ.  މުޅި މިސަރަހައްދަށް، ހޯރަ އަޅަމުން ދިޔަ ވަކިތޫނު ޝިކާރަވެރި ބާޒެއް އަތުލައިގަނެ ބަލިކޮށްލުމަށް، އޭގެ ފަހަތުން،  ގަދަ ކަނޑެއްގައި، ވާދަ ޖައްސަވަމުން، އެ ހެރަގެން ވަޑައިގަންނަވަނީ ދިވެހިރުކުގެ ނިރޮޅުން، ބަނދެ އެކުލަވައިލެވި، ފަންރިޔާގަނޑެއްގެ އެހީގައި ދުވެލި ހޯދަމުންދާ ލަކުޑި ފަޅިވަރުގަނޑެއްގަ އެވެ.

އޭގެ ގާތްގަނޑަކަށް ދުއިސައްތަ ފަންސާހެއްހައި އަހަރަށް ފަހު، ދުޝްމަނުންގެ ކިބައިން މި ގައުމު ދިފާޢު ކޮށްދެއްވުމަށް، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒައްދީނު، (މުލީގޭ ދޮން ހަސަންމަނިކުފާނު) ރޭގަނޑުގެ ދަންވަރެއްގައި ނިކުމެވަޑައިގަތީ ވެސް ކޮންފަދަޔަކުންތޯ އެވެ؟ އެއްވެސް ހަތިޔާރެއް ނެތި ހުސް ދެ އަތްޕުޅައިގެންނެވެ. އެކަމަކު، އިޚްލާޞްތެރިކަމުގެ ވިންދު ޖަހަޖަހައި އޮތް، އީމާނާ ޤައުމީ ލޯބީގެ ހިތްޕުޅަކައިގެންނެވެ.

ދެން އޮތީ، މައުޟޫޢުގައި އޮތް އެންމެ ފަހުބައެވެ. ރުކުގެ ބުޑުގަނޑުގެ ބައެވެ. މޫތަކުގެބައެވެ. ބާރުގެ ވާހަކަ އެވެ. ދިފާޢީ ބާރުގެ ވާހަކަ އެވެ.

އިސްވެ ހުށަހަޅައިލެވުނު ބައެއް ހާދިސާތަކަށް ބަލާއިރު، ޕޯޗުގީޒުންގެ ކިބައިން، ދިވެހި ޤައުމު ދިފާޢު ކުރައްވަން ނިކުމެވަޑައިގަތުމުގެ ރޫޙު މުޙަންމަދުތަކުރުފާނުގެ ހިތްޕުޅުގައި އުފެދުނީ ކޮންބާރެއްގެ ސަބަބުންހެއްޔެވެ؟ އެއްވެސް ހަތިޔާރެއް ވަސީލަތެއްނެތި، ހޮޅިންގެ ވަސްފޮހެލައްވައި، މި ޤައުމު އެމީހުންގެ ކިބައިން ދިފާޢު ކުރައްވައި ސަލާމަތްކުރެއްވުމަށް ނިކުމެވަޑައިގަތުމުގެ ބާރު ''މުލީގެ ޙަސަން އަޅާ''  (ފަހުން ދޮންބަންޑާރައިން) އަށް ލިބިވަޑައިތަކީ ކިހިނެއްހެއްޔެވެ؟ މަޝްހޫރު ޝަހީދު ޢަލީ ރަސްގެފާނާއި، އިއްޔެ ދުވަހުގެ ޒުވާން ބަޠަލް ޝަހީދު ޙުސައިން އާދަމް ގިނިކަންޏާ ކުރެއްވި ޖިހާދުގައި އެ ދެއްކެވި ހިތްވަރުފުޅާއި، ސާބިތުކަން ހޯއްދެވީ ކޮންބާރަކުން ހެއްޔެވެ؟

ކަށަވަރުވާ ގޮތުގައި، އެ ބާރުގެ އަސްލަކީ، ޤައުމުގެ މާނަ އޭގެ އެންމެ ފުންގޮތުގައި އެ ބޭފުޅުންނަށް މޭރުންވެ އިޙްސާސްވެވަޑައިގެންފައިވުމެވެ. ޤައުމަކީ، ލޮބުވެތި މުޤައްދަސް ތަނެއްކަމުގެ ޝުޢޫރު އެ ހިތްޕުޅުތަކުގެ އެންމެ ހިމަނާރުތަކުގައި ކެނޑި ނޭޅި ދައުރުވަމުން ދިޔުމެވެ. ޤައުމުވަންތަކަމަށް ފަޚުރުވެރިވުން އެއީ ޝަރަފެއްކަމުގައި ދެކެވަޑައިގަތުމެވެ. ޤައުމަށްޓަކައި އަގުކުރެވޭ ހުރިހާ ސިފަތަކާއި، ކަންކަމާއި، ތަންތަނާއި، ޝަޚްޞިއްޔަތުތަކަށް، ޙުރުމަތް އަދާކުރައްވަން ދަސްފުޅުވެފައި އޮތުމެވެ.

އެބޭފުޅުންގެ ރޫޙީވެށި އިސްވެ ދެންނެވުނު ގޮތުގައި އެކަށައެޅިފައިވަނީ ނަމޫނާ މަގުދައްކައިދިނުމުގެ ހަރުދަނާ ތަރުބިއްޔަތުންނެވެ. ހިތްޕުޅުގެ ކަންވާރު މުއްސަނދިވެފައިވަނީ ޠާހިރު ޢަޤީދާ އިންނެވެ. ފުރާނަ ފުޅާއި ހަމައިން ނަފުސާއި ޟަމީރުގެ އެންމެ ފުނުގައި މުޑުވައްކުރެވިފައިވަނީ ޤައުމީ ލޯތްބާއި، ވަޠަނީ ކުލުނުގެ މާނަވީ އަސަރެވެ. ލޭފޮދުގައި ހިނގަމުންދަނީ މާތްވެގެންވާ އިސްލާމްދީނަށް އޮތް ޤަދަރާއި، އީމާނުގެ ހޫނު ޖަޒުބާތެވެ.  

ކަން މިހެން އޮތް އިރު، ދިވެހި ޤައުމު އެ އަބްޠާލުންނާ މެދު ފަޚުރުވެރިވާ ވަފާތެރި ކޮންމެ ބަޠަލަކަށް، ދުޝްމަނުންގެ ކިބައިން ޤައުމު ދިފާޢުކުރުމަށްޓަކައި، ފިކުރު ހިންގުމުގެ ބާރާއި، ކަނޑި ބަޑި ސިލޭހަ ރައިފަލުގައި ހިފުމުގެ ބާރާއި، ފަސްނުޖެހި ހަނގުރާމައިގެ މައިދާނުގައި ސާބިތުވެ ހުރުމުގެ ބާރު، އޭގެ ފުރިހަމަ ގޮތުގައި ލިއްބައިދީފައިވަނީ، މި ދެންނެވި ޤައުމުވަންތަކަމުގެ ރުކުންތަކުގެ ދިރިހުރި ބާރެވެ. މިއީ ދިވެހި ތާރީޚުގެ ހުދުފުށާއި، ކަޅުފުށުން ސާބިތުވާ އެންމެ ސާފު ޙަޤީޤަތެވެ.

ޤައުމުގެ ކޮންމެ މުވާޠިނެއްގެ ހިތުގައި ވެސް މި ހުރިހާ ދޭހަތަކާއި އިޙްސާސްތައް ފުރިހަމަ ގޮތުގައި ޖަމާވުމުން އެ އުފެދުނީ މި މަޒުމޫނުގައި އަޅުގަނޑު މާނަ ކުރި ޤައުމީ ދިފާޢީ ބާރެވެ. އަދި އެއީ ޤައުމުގެ ދިފާޢުގައި އެންމެ ފުރަތަމަ އުފެދެންޖެހޭ ބާރެވެ. އެފަދަ ކޮންމެ ހިތަކީ، އެންމެ އިތުބާރުހުރި އެންމެ  ވަރުގަދަ ޤައުމީ ދިފާޢީ މަރުކަޒެވެ. ބަޑި ބުރުޒުތަކާއި، ޓޭންކަރުތަކާއި، އޭކޭ ސާޅީސް ހަތެއްގެ ރައިފަލްތަކަކީ، އޭގެ މާފަހުގެ ކަމެކެވެ.

                        --------------------------------------------                         

ނޯޓު:

މިއީ އެމް. އެން. ޑީ . އެފުން ނެރުއްވާ ''އައްޑަނަ'' މަޖައްލާގައި ހިމެނުމަށް، ލިޔުމަކަށް އެދިވަޑައިގަތުމުން، އެ މަޖައްލާގައި ޝާއިޢު ކުރުމަށް ފޮނުވި، މިހާރު މި އަހަރުގެ ޢަދަދުގައި ޝާއިޢު ކުރައްވާފައިވާ ލިޔުމެކެވެ.

                                                

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (9)Add Comment
...
ލިޔުނީ salAm, 2009-05-01 07:55:34
އުސްތާޒު ގިިރިއަކީ ކަނޑުގެ އަނޑީގައި އޮންނަ އެއްޗަކަށްވެފައި ގިރީގެ ދަށުން ދިޔުމޭ އެ ބުނަނީ ކީކޭތޯއެވެ؟
...
ލިޔުނީ އަޙްމަދު ސަމީޢު29, 2009-05-01 07:57:24
މުލީގޭ ދޮން ހަސަންމަނިކުފާނާއި މުޙަމްމަދު ތަކުރުފާނަށް ހަތިޔާރެއް ނުލިބުނެވެ. މިއަދުގެ ޤައުމީ ދިފާޢީ ބާރަށް ވަނީ ހަތިޔާރާއި ހުނަރުވެސްލިފައެވެ. ނަމަވެސް ހަތިޔާރުބޭނުން ކުރެވޭކަށްނެތެވެ ލިބިފައިވާ ހަނގުރާމައިގެ ހުނަރުތަށްވެސް ބޭނުންކުރެވޭކަށްނެތެވެ. ބޭނުންކުރަން ޖެހިފައިވަނީ ކެއްތެރިކަމެވެ ކީއްވެގެން ހެއްޔެވެ އެބޭފުޅުންނަށް މިއަދު ހަނގުރާމަކުރަން ޖެހިފައި ވަނީި ގައުމީ ދިފާޢީ ބާރުގައި އުޅުއްވާބޭފުޅުންނާއި އެކު މިޤައުމުގައި އުޅެބޮޑުވެ އެކުގައި މޫދަށްގޮސް އެކުވެރިކަމުގައި އެއް މަދަރުސާއަކަށް ގޮސް އެއްފޮތަކުންކިޔެވި އެކުވެރިންނާއެވެ.އެމީހުންނަށް އަނިޔާއެއް ލިބިދާނެތީއެވެ އެއީވެސް މިގައުމުގެ ދަރިންނަށްވީތީއެވެ. އެމީހުންނަށް ލިބޭ ކޮންމެދެރައަކަށް ހިތާމަކުރާނެ ދަރިންނާއި މައިން ބަފައިން މިޤައުމުގައި ތިބޭނެތީއެވެ އެމީހުންނަށް ލިބޭކޮންމެ އަނިޔާއެއް އެއީ މިޤައުމަށް ލިބޭ އަނިޔާއަކަށްވީތީއެވެ. ވީމާ މިއީ ވަކިން ކުޑަކަމެއްތޯއެވެ؟ މިއީ ޖިހާދެއްނޫންތޯއެވެ؟
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-05-01 09:36:28
ވަރަށް މޮޅު އެހާމެ ބަލާޢާއްތެރިކަމާއި ފަށުވިކަން އެމުނިއެކުލެވިފައިވާ، ޤައުމީ ލޯބި ދިރުވައިދޭ އަގުހުރި މައުނަވީ ލިޔުމެއް ކަމުގައި ދަންނަވައިލަމެވެ.

ޤައުމު ޤައުމެއްގެ ގޮތުގައި ދެމިއޮންނަނީ މިލިޔުމުގައި އަލިއަޅުވައިލައިފައިވާ ތިން ބަހާގެ ސަބަބުން ކަން ކަށަވަރެވެ.
އެކަމަކު ބޭނުންވަނީ ޤައުމުގެ ނިޞްބީންގެ މަތިވެރި ހިތްޕުޅުތަކުގައި މިބުނެވިދިޔަ ތިން ބަހާ ބިންވަޅު ނެގުމެވެ. ދުވަހެއްގެ ކޮޅުންވެސް ފޮހެވިނުދާ މިންވަރަށެވެ. ބޮމާއި ފިސްތޯލާއި އަދި އެކޭ ސަތާޅީސްގެ ރައިފަލް ކީއްކުރަންތޯއެވެ. އެންމެ މިޒަމާނުގެ ނިއުކުލިއަރު ހަތިޔާރާއި ބަޔޮލޮޖިކު ހަތިޔާރަށްވެސް ނުގުޑާނެ މިންވަރަށް މިތިން ބަހާ ބިންވަޅު ނެގުމަށް މިއަދުގެ ދުނިޔޭގެ އޮޔާއި ވައި ލާޒިމު ކުރެއެވެ. އެފަދައި ބިންވަޅު ނެގިފައި ނެތްނަމައީ، ޤައުމު ރޫޅިދިއުން އެއްވެސް ޝައްކެއް ނެތި ގާތްވެއްޖެއެވެ.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2009-05-01 13:29:09
ސަލާމަށް،
ސަލާމަށްފަހު ދަންނަވާލަމެވެ.
ތިޔަ ކުރެއްވީ ވަރަށް ބޭނުންތެރި ރަނގަޅު ސުވާލެއްކަމަށް ދެކެވެ.
ކަނޑުދަތުރު ފަތުރުގެ ބަހުރުވައިގައި ތަފާތުތަކެއް ހުރެ އެވެ. މި ބަހުރުވައިގައި ރަށެއްގެ ދަށުން ނުވަތަ ގިރިއެއްގެ ދަށުން ދިޔުމޭ ބުނުމުން އޭގެ މާނައަކީ، އެތަނެއްގެ ވައިދަށްފަރާތުން ދިޔުމެވެ. ރަށެއްގެ މަތިން، ނުވަތަ ގިރިއެއް ނުވަތަ ހަލެއްގެ މަތިން ދިޔުމަކީ، އެތަނެއްގެ ވައިމަތި ފަރާތުން ދިޔުމެވެ. އިތުރަށް ދަންނަވާލަމެވެ. ''ނެގުން'' މި ބަހުގެ މާނަވެސް ތަފާތެވެ. ދޯންޏެއް ނެރަކުން ވަންނަ އިރު ދޯނި ނަގާށޭ ބުނެފި ނަމަ އޭން މާނަކޮށްދެނީ ނެރުގެ ވައިމަތީ ފަރާތަށް ދޯނި ޖައްސާށޭ ބުނި ކަމެވެ. ފަޅުގައި އަޅައިފައި އޮންނަ ދޯންޏެއް ދަތުރަށް ފަށައިގަތުމުގައި މި ބަހުގެ މާނަ ގެންނަ ގޮތް ވެސް އަދި މުޅިން ތަފާތެވެ. އެހާލަތުގައި ދޯނި ނެގުމަކީ، ދޯނި ދަތުރަށް ފެށުމަށްޓަކައި، ނަގިލިނަގައި ތައްޔާރުވެގަތުމެވެ. ދަތުރަށް ފެށުމެވެ.

މަޒުމޫނު ވިދާޅުވެ ބައިވެރިވެވަޑައިގަތުން ދެއްވި ކަމަށްޓަކައި ވަރަށް އުފަލާއެކު، ސަލާމަށް ޝުކުރުދަންނަވަމެވެ.
...
ލިޔުނީ އަބަންބަދީ, 2009-05-01 17:44:19
އަޅުގަނޑަށް މި މަޒުމޫނު ކިޔައި މި ލެވުނީ، ޝާއިޢުކުރިތާ ދުވަސްކޮޅެއް ފަހުން. ޚިޔާލެއް ފާޅުކުރަން މި ގޮޅީގައި ލިޔަން މި ފަށަނީ އެންމެ ވާހަކައެއް ދަންނަވާލަން. އެވާހަކައަކީ، މި މަޒުމޫނު ކިޔަމުން ދިޔައިރު އަޅުގަނޑުގެ ދެލޮލުން ކަރުނަ ހިލުނު ވާހަކަ ދަންނަވާލަން. ގައުމުގެ ދަރިންނަށް މިފަދަ ލިޔުންތައް އިންތިހާއަށް ބޭނުންވޭ އެބަ.
...
ލިޔުނީ މ, 2009-05-01 18:33:42
ގިރިއަކީ ކަނޑުގެ އަޑީގައި އޮންނަ އެއްޗެކޭ ބުނުމަކީ ރަނގަޅުގޮތެއް ކަމަކަށް ނުފެނޭ. ގިރިއެއްގެ އަޑިން ފެށިގެން ލޮނުގަނޑުގެ މައްޗާ ހަމައަށް (ގިރި ނުހިކި އޮންނަ އިރު) އެއީ ގިރި. ގިރީގެ މައްޗަކު ކަނޑެއް ނޯންނާނެ. ގިރިއޭ ކިޔަނީ އެތެރެވަރީގައި ނުވަތަ ފަޅުގައި ނުވަތަ ވިލުގައި ތިލަކޮށް ގަލާއި މުރަކަ ހެދިފައި ހުންނަ ތަންތަނަށް. ކަނޑުގެ އަޑީގައި އޮންނަ ބޮޑު ގަލެއް ކަހަލަ އެއްޗަކަށް ނޫން.
...
ލިޔުނީ naseeruge dhari varey, 2009-05-01 18:42:58
alhugadu fonuvi comment nujehee keevvetho alhugadu naseeru mudharris kairin ahaalan beynun vee keevve tho ey addana majaallaah fonuvi liumumuga shaheedh husain adhamuge vaahaka ehaa fadugothakah genaee nuvatha 3 novembaerge vaahak ham hageethugaves meehun bunaahen mihaaruge sarukaarun evaahakadhakakn beynun nuvaathee mudharrisves egothah emeehun buneem liyuvveetho
...
ލިޔުނީ Adam Naseer Ibrahim, 2009-05-02 17:50:09
Naseeruge dharivarehge namugai khiyaalu hushahelhuvvi faraathah dhaan vameve. Khiyaaleh Shaaiu nukuraakamah vidhaalhuvefaivaathy eve. thiya vidhaalhuvaa MSG libunu heneh hee eh nuve eve. Alhugandu nudhuh handhaaneh nuve eve.... dhen dhanna vaaalan othy Shaheedh husain Adamge vaaahka aky dhakkan beynun vaahaka ehkameve.. iraadha kurevviyya 3 Novemberaa gulhuvaigen ehaadhisaa aabehey gothun ottaruhuri liyunthakeh fanvathugai shaaiu kuraanameve.
...
ލިޔުނީ naseeruge dhari varey, 2009-05-03 16:27:36
alhugadu kurinves MSG ey liunin ekamaku eythi fanfathuga shaikoffaey ney adhives. ehenve alhugadun ehen liyunee. v bodah shukuriyyaa Husain Adham aa behey gothun nuvatha 3 November aa behey liumey fanvathugai shaiu kuraane vaahak liuneethee . alhugadakee abdhuves mudharrisge liunthah kiyaa mudharris ge dharivarey . shukuriyyaa

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1399
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone