މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ތަމްރީނަށް ބޭނުންވާނެ ކަންތައްތައް ދަނެގަތުން (01) |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 16 ޖުލައި 2009، 00:19 ބުރާސްފަތި | |||
|
T N A ބިންމާ އިބްރާހީމް ވަޙީދު މަޤުޞަދު މިއީ، އޭ. އައި. ބީ. ޑީ އިން ތައްޔާރުކޮށްފައިވާ " މެނުއަލް ފޯރ މީޑިޔާ ޓްރެއިނާރސް" ގެ " ޓްރޭނިން ނީޑްސް އެނަލިސިސް " އެވެ. ދިވެހި ބަހުން މި މަޢުލޫމާތުތައް ތަރުޖަމާކޮށް، މި ބައި އެކުލަވާލަން ޖެހުނީ 8 ސަބަބަކަށްޓަކައެވެ. އެއީ : 1- އެންމެނަށް ކިޔަން ފަސޭހަ ކުރުން 2- ގިނަ ބަޔަކަށް މިކަން އޮންނަ ގޮތް އޮޅުންފިލުވައިދިނުން 3- މި ކަން ކުރާގޮތް މީހުންނަށް އެނގެންވީ ވަގުތު ޖެހިއްޖެކަމަށް ފެނުން 4- ޓްރޭނިންގެ ބުރަކަމާއި މަޤުޞަދު އަންގައި ދިނުން 5- ޓްރޭނިންގެ ޑިމާންޑު ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުން ދިއުން 6- ޓްރޭނިން އަށް ތައްޔާރުވާން ދަސްކޮށްދިނުން 7- ޓްރޭނިން އަކީ ކޮބައިކަން އެންގުން 8- ޓްރޭނިން އަކީ ހުރިހާ ބައްޔެއްގެ ފަރުވާއެއް ނޫންކަން އެންގުން ކަމަށް ޝައުޤުވެރިކަން ހުރި މީހުނާއި ނެތް މީހަކު ވެސް، މި މަޢުލޫމާތު ކިޔައިފި ނަމަ، އަގުހުރި ފައިދާތަކެއް ކުރާނެކަން 101 % ޔަޤީނެވެ. 05 ޖުލައި 2006 ޝުކުރިއްޔާ! ތަމްރީނަށް ބޭނުންވާނެ ކަންތައްތައް ދަނެގަތުން (TNA) އާންމުގޮތެއްގައި، އޮގަނައިޒޭޝަނެއްގައި ޓްރޭނިންގ ދެވެނީ، ކޮންމެވެސް ދިމާޔަކުން މުވައްޒަފުން ނުވަތަ މުވައްޒަފެއްގެ ފެންވަރު ދަށްވަމުންދާކަން މެނޭޖުމަންޓަށް ފާހަގަކުރެވިގެންނެވެ. އެހެންނަމަވެސް، މިވެނި މުވައްޒަފެއްގެ ޙަޤީޤީ މައްސަލައަކީ، އޭނަ އަށް އެވެނި ކަމަކާ ބެހޭގޮތުން ރަނގަޅަށް އޮޅުންފިލާފައި ނެތުންކަން ދަނެގަތުމަކީ، ހީކުރާހާ ފަސޭހަކަމެއް ނޫނެވެ. އޮހައިއޯ ޔުނިވާރސިޓީގެ، ޓެލެކޮމިޔުނިކޭޝަންޝް އެންޑް ޑައިރެކްޓަރ އޮފް ކޮމިޔުނިކޭޝަން އެންޑް ޑިވެލޮޕްމަންޓަ ސްޓަޑީޒްގެ ޕްރޮފެސަރެއް ކަމުގައިވާ، ޑްރޫ އޯ މެކްޑެނިއަލް (ޕީ. އެޗް. ޑީ) ބުނާގޮތުގައި، މުވައްޒަފަކަށް ކަމެއް ޙައްލުނުވާ ކޮންމެ ފަހަރަކު، އޭނަގެ މައްސަލަ އަކީ ތަމްރީނު ލިބިފައި ނެތުންކަމަކަށް ނުނިންމޭނެ އެވެ. ވީއިރު، އޮގަނައިޒޭޝަނަކަށް ކުރިމަތިވާ މައްސަލައެއް، ޓްރޭނިން ދީގެން ޙައްލު ކުރެވޭނީ ކޮން ހާލަތެއްގަ ހެއްޔެވެ؟ ތިރީގައި އެ ވަނީ އެ ސުވާލުގެ ޖަވާބެވެ. ޑަންކަން އެޗް ބްރައުން (ޕީ. އެޗް. ޑީ) އަކީ، ޔުނިވަރސިޓީ އޮފް އިލިނޯއީގެ އެސޯސިއޭޓް ޕްރޮފެސަރ އެންޑް އެސޯސިއޭޓް ޑައިރެކްޓަރ ފޯރ ގްރޭޖުއޭޓް ސްޓަޑީޒް އިން، ދަ ސްކޫލް އޮފް ޓެލެކޮމިއުނިކޭޝަންސް ގައި ކިޔަވައިދޭ މީހެކެވެ. އޭނަ ބުނާ ގޮތުގައި، ޓްރޭނިން އަކީ ފްރީ ސައިޒް އެއްޗެއް ނޫނެވެ. ފްރީ ސައިޒް އެއްޗެއް ކަމަށް ހީވާ ނަމަ، އޭގެ އެއްވެސް ނަތީޖާއެއް ނުނިކުމެ، ބޭކާރުވެގެން ހިނގައިދާނެ އެވެ. ސަބަބަކީ، ޓްރޭނިން އަކީ، ކޮންމެ މައްސަލައެއްގެ ޙައްލެއް ނޫނެވެ. ފެށުމުގެ ގޮތުން ބުނާ ނަމަ، ޓްރެއިނަރގެ އެންމެ ފުރަތަމަ ސުވާލަކަށް ވާންޖެހޭނީ، "މިވެނި މީހަކަށް ބޭނުންވަނީ ޓްރޭނިންކަން އިނގުނީ ކިހިނެއް؟" އެވެ. ތަމްރީނު ޕްރޮގްރާމެއް ކާމިޔާބު ކުރެވޭނީ، އެ ސުވާލަށް ލިބޭ ޖަވާބަކަށް ބަލާފަ އެވެ. ބުއްދި ގަބޫލުކުރާ ޙަޤީޤަތަކީ، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ނޭނގި، އެދެވޭ ގޮތެއްގައި ތަމްރީނު ޕްރޮގްރާމެއް ނުހިންގޭނެ ކަމެވެ. ޓްރެއިނިން ނީޑް އެސެސްމަންޓް (ޓީ. އެން. އޭ) އަށް ޓަކައި ޕްލޭނެއް ތައްޔާރުކުރުމަކީ، އޮގަނައިޒޭޝަނެއްގެ ބޭނުންތައް ދިރާސާ ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު، އެކަމަކު އުނދަގޫ މަސައްކަތެކެވެ. އެކަން ފުރިހަމަވުމުން، މައްސަލައިގެ ޙައްލަކީ ޓްރޭނިން ދިނުންތޯ އާއި، އެހެންކަމަށް ވާނަމަ، އެއީ ކޮންކަހަލަ ޓްރޭނިންއެއްކަން ވެސް އެނގޭނެ އެވެ. މިންވަރާއި ފެންވަރުގެ ގޮތުން، ތަނުގެ ބޭނުންތަކަށް ނުފުދޭ ކަހަލަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަކީ، އެ ކަމުގައި ޝާމިލުވާ ހުރިހާ އެންމެންގެ ދޯދިޔާކަން ފާޅުވާ ކަމެކެވެ. އޭގެތެރޭގައި، ތަނުގެ މެނޭޖުމަންޓާއި، ތަމްރީނު ޕްރޮގްރާމް ހިންގާ މީހާ، އެ ޑިޕާރޓްމަންޓް ނުވަތަ ޔުނިޓް އަދި އެ ކޯހެއްގެ ބައިވެރިން ވެސް ހިމެނޭނެ އެވެ. ޓްރޭނިން އަކީ ތަނަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. އޮގަނައިޒޭޝަނެއްގެ ހިއުމަން ރިސޯސްއިން ކުރާ އިންވެސްޓްމަންޓަކީ، ކަމުގައި ޝާމިލުވާ ވަކިވަކި ފަރުދުންނާއި އަދި އެ އެންޓަރޕްރައިސް އަކަށް ވެސް އެއިން ފައިދާކުރާ އެއްޗަކަށް ވާންޖެހެއެވެ. އާޚިރުގައި، ޓްރޭނިންގެ ސަބަބުން އޮގަނައިޒޭޝަންގެ ފެންވަރާއި، އައުޓްޕުޓް ލެވެލް އަދި އުފެއްދުންތެރިކަމުގެ މިންވަރު ވެސް މަތިވާންޖެހެ އެވެ. ތަމްރީނު ލިބުނު މުވައްޒަފުގެ ފެންވަރު ރަނގަޅުވުމުގެ ނަތީޖާއަކަށް ވާންޖެހޭނީ، ޖުމުލަކޮށް މުޅި އޮގަނައިޒޭޝަންގެ ފެންވަރު ވެސް އިތުރަށް ރަނގަޅުވުމެވެ. ދެން ބަލައިލަންވީ، ތަމްރީނު ޕްރޮގްރާމެއް ފަށަންޖެހޭ އާންމު ސަބަބުތަކެވެ. މީގެ ތެރޭގައި ތަފާތު ކިތަންމެ ސަބަބުތަކެއް ހުރެދާނެ އެވެ. އާންމުގޮތެއްގައި އޮންނާނީ 3 ސަބަބެވެ. އެއީ؛ 1 – އާ ކަމެއް ފަށަންޖެހުން 2 – ކޮންމެ ވެސް ބަޔަކު ކުރާ މަސައްކަތް ރަނގަޅު ނޫންކަން ފާހަގަކުރެވުން 3 – ބަޔަކު "އަޕްޑޭޓް" ކުރަން ވެއްޖެކަމަށް ފެނުން ބްރޯޑްކާސްޓިންގައި، ކޮންމެ ދުވަހެއްގައިހެން ބަދަލުތައް އާދެ އެވެ. އާ ޓެކްނޮލޮޖީތައް، މަސައްކަތުގެ މާހައުލަށް، މެދުނުކެނޑި އަންނަމުންދެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތް ކުރާ ގޮތަށް ބަދަލުއާދެ އެވެ. އާ އުކުޅުތައް ގިނަގިނައިން ތަޢާރުފު ވުމާއި، ޕްރޮގްރާމް އުފެއްދުމުގެ އުކުޅުތައް ބަދަލުވަމުންދިއުމާއި، ޤާނޫނަށް ބަދަލުއައުމުން ބަދަލުއަންނަ އުސޫލުތަކަށް އަހުލުވެރިވުން ކަހަލަ ކިތަންމެ ކަމެއް ހުންނާނެ އެވެ. އެހެންކަމުން، އެ ބަދަލުތަކަށް މުވައްޒަފުންގެ ލޯ ހުޅުވުމަށްޓަކައި، މުވައްޒަފުން "އަޕްޑޭޓް" ވާންޖެހެ އެވެ. ބައެއް އޮގަނައިޒޭޝަންތަކުން މުވައްޒަފުން ޑިޕާރޓްމަންޓް، ޔުނިޓް ނުވަތަ ސެކްޝަންތަކުގައި ބުރުޖަހާ ކަހަލަ އުސޫލެއް ގެންގުޅެއެވެ. އަދި އޮގަނައިޒޭޝަންގެ އެއް ސެކްޝަންގެ ދެ މަސްއޫލިއްޔަތު ދެމެދުގައި އަހަރުތަކެއް ވެސް ނަގައިފާނެ އެވެ. އެފަދަ ހާލަތުތަކުގައި، ބަދަލުވާ މަރުޙަލާގައި ދިމާވާ ކަންތައްތަކަށް ލުޔެއް ހޯދުމުގައި ޓްރޭނިންގެ އެހީ ހޯދިދާނެ އެވެ. އެ ފަދަ "އަޕްޑޭޓިންގ" ކުރިއަށްގެންދެވޭނީ އޮން- ސައިޓުގަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އޮން-ދަ-ޖޮބް ޓްރޭނިން (OTJ) ދީގެންނެވެ. ގިނަ ފަހަރަށް މި ފަދަ ޓްރޭނިން އަކީ ޓްރޭނިންއެއް ކަމަކަށް ވެސް ނުބެލެވެ އެވެ. ނުވަތަ އެކަން ކުރެވޭލެއް ނުރަސްމީކަމުން، އެއްވެސް ރޭވުންތެރިކަމެއް ވެސް ނޯވެ އެވެ. ބަލާބެލުމަށް އެއީ ތަމްރީނަކަށް ނުވިޔަސް އެއީ ވެސް ހަމަ ތަމްރީނެކެވެ. ހިތާމަ އަކީ، މުވައްޒަފުން "އަޕްޓޭޑް" ކުރަންވީ ވަގުތު، ކަނޑައެޅިގެން ބުނަން ނޭނގުމެވެ. އެހެންކަމުން، ތަމްރީނެއް ފަށަންވެއްޖެކަމަށް ނިންމަން އުނދަގޫ ވެދާނެ އެވެ. އެހެންނަމަވެސް، ޓީއެންއޭގެ އެހީގައި، މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ސާފުކުރެވިދާނެ އެވެ. ތަނަށް ތަޢާރުފުވާ ބަދަލުތައް ބޮޑުވުމުގެ ސަބަބުން، މާ ޚާއްޞަ ނުވަތަ މާ ފުޅާ ތަމްރީނުތަކެއް ބޭނުންވާ ކަމަށް ފެންނަ ނަމަ، އެހެން ވައްތަރެއްގެ ތަމްރީނެއް ދެވިދާނެ އެވެ. މިސާލަކަށް، ބްރޯޑްކާސްޓިންގެ ޑިޖިޓަލް ޓެކްނޮލޮޖީ ތަނަށް ތަޢާރުފު ވާނަމަ، އެއީ ޓެކްނިކަލް ސްޓާފުން އަލުންބަލުން ތަމްރީނުކުރަން ޖެހުމެވެ. އެނަލޮގް އާއި ޑިޖިޓަލް އަކީ، އިލެކްޓްރޯނިކްގެ މުޅިން ތަފާތު ދެ ފީލްޑެވެ. އެހެންކަމުން މި ކަމަށް ފަސޭހަ، އަވަސް ޙައްލެއް ހޯދާކަށް ފަސޭހައެއް ނުވާނެ އެވެ. އަދި މި ފަދަ ތަމްރީނުތައް ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. މުވައްޒަފުންގެ ފެންވަރު ދަށްވަމުންދާހެން ހީވާ ހާލަތުތަކުގައި، އެކަން ދެނެގަތުމުގައި ގިނަ މައްސަލަތައް ކުރިމަތިވެ އެވެ. މަސައްކަތް ކުރެވެންޖެހޭ ލެވަލް އަށް މުވައްޒަފުންނަށް މަސައްކަތް ނުކުރެވޭ ކަމަށް ފެންނަ ނަމަ، މާ ގިނައިން އޮޅުންއެރުން ނުވަތަ މައްސަލަތައް ކުރިމަތިވާ ނަމަ، ނުވަތަ މުވައްޒަފެއްގެ ފަރާތުން އުންމީދު ކުރެވޭ ފެންވަރަށް އޭނަގެ ހުނަރު ނުފެންނަހެން ހީވާ ނަމަ، ތަމްރީނު ދިނުމަކީ ވެސް ޙައްލެއް ކަމަށް ބެލިދާނެ އެވެ. އަނެއްކޮޅުން، އޭގެ ސަބަބަކީ، މަޢުލޫމާތާއި ހުނަރު މަދުވުމުގެ އިތުރުން، އެހެން ސަބަބުތަކެއް ކަމަށް ވެސް ވެދާނެ އެވެ. އަސްލު މައްސަލަ އަކީ ކޮބައިކަމާ މެދު ގޮތެއް ނިންމުމަކީ، ހީކުރާ ވަރަށްވުރެ މާ އުނދަގޫ ކަމަކެވެ. އެ ފަދަ ކަންކަން ދެނެގަތުމުގެގޮތުން، އޮގަނައިޒޭޝަނުގެ ވެރިންނާއި، ޑިޕާރޓްމަންޓް ނުވަތަ ސެކްޝަންތަކުގެ ވެރިން ބައިވެރިކޮށްގެން ޓްރެއިނަރ ވަރަށް ގިނަ މަޝްވަރާތައް ބާއްވަންޖެހެއެވެ. އޮގަނައިޒޭޝަނަށް އަންނަ ބަދަލުތަކުގެ ސަބަބުން، ވަރަށް ގިނައިން ތަމްރީނު ޕްރޮގްރާމްތައް ހިންގަންޖެހެ އެވެ. މިސާލަކަށް، އޮގަނައިޒޭޝަންގެ ފެންވަރާއި، ހުނަރާއި، އުފެއްދުންތެރިކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ތަނުގެ އޮނިގަނޑު އިޞްލާޙު ކުރަންޖެހިދާނެ އެވެ. ދުވެލި ހަލުވި ކުރުމާއި، ތަން ހަރުދަނާ ކުރުމާއި، ބާރުތައް ބެހިގެން އަންނަ ދަރަޖަތައް މަދުކުރުމަށްޓަކައި، ބްރޯޑްކާސްޓިންގ އޮގަނައިޒޭޝަންތަކުން މުވައްޒަފުން މަދުކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ފަދަ ލަނޑުދަނޑިތައް ހާސިލު ކުރުމުގެ ގޮތުން، އެއް މުވައްޒަފަކަށް ތަފާތު މަސައްކަތްތަކެއް ހަވާލުކުރަން ޖެހޭތީވެ، ގިނަ މަސައްކަތް ދަސްކޮށްދޭންޖެހެ އެވެ. އެއީ މާބޮޑު ގުޅުމެއް ނެތް މަސައްކަތްތަކަކަށް ވެސް ވެދާނެ އެވެ. އެންޓަރޕްރައިސްއަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ނަމަ، ބައެއް މުވައްޒަފުން ކުރިން ނުއުފުލާ ތަފާތު މަސްއޫލިއްޔަތުތަކެއް ކުއްލިއަކަށް އެ މީހުންނާ ހަވާލު ކުރަންޖެހުމަކީ، ނުވެނުދާނެ ކަމެކެވެ. މިހެން ދިމާވުމުން ޓްރެއިނިން ދޭންޖެހުމަކީ ގާތްކަމެކެވެ. ޖުމްލަކޮށް މުޅި އޮގަނައިޒޭޝަންގެ ޕާރފޯމަންސް ބަލާ އަސާސީ މިންގަނޑުތަކުން، މައްސަލައެއް އުޅޭކަން ފާހަގަވާ ނަމަ ވެސް، ބައެއް ފަހަރު ތަމްރީނު ޕްރޮގްރާމް ހިންގަ އެވެ. ރޭޓިންގ ދަށްވުމުންނާއި، އިޝްތިހާރުން ލިބެންޖެހޭނެ ކަމަށް ބެލެވުނު ފައިސާ ނުލިބުން ވެސް އެއީ މައްސަލައެއްކަމަށް ބެލިދާނެ އެވެ. އޮގަނައިޒޭޝަންގެ ބޭރުން އަންނަ ފާޑުކިއުންތަކުގެ ސަބަބުން، ތަމްރީނު ޕްރޮގްރާމެއް ހިންގަންވީތޯ ދިރާސާ ކުރެވިދާނެ އެވެ. ފާޑުކިޔާފައިވާލެއް ހަރުދަނާކަމުން، އެއީ ބިނާކުރަނިވި، ކުފޫހަމަވާ ފާޑުކިއުމެއް ކަމަށް ބެލެވެންޏާ އެ ވާނީ ތެދަކަށެވެ. ސަރުކާރު، ވިޔަފާރިވެރިން، ނުވަތަ ސިޔާސީ ލީޑަރެއްގެ ފަރާތުން ޝަކުވާއެއް އަތުވެއްޖެ ނަމަ، އޮގަނައިޒޭޝަންގެ ޕާރފޯމަންސްއާ ދޭތެރޭގަ ދެ ވަނަ ވިސްނުމަކަށް ދެވިދާނެ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ޓީއެންއޭ ހެދުމާ ބެހޭގޮތުން ގޮތެއް ނިންމިދާނެ އެވެ. ޓްރެއިނިންއެއް ބޭނުންވޭތޯ ދިރާސާ ކުރުމަށްޓަކައި، މަޢުލޫމާތު ހޯދިދާނެ ތަފާތު ވަސީލަތްތައް ހުރެ އެވެ. ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، އެ މަސައްކަތަކާ ބެހޭ ރެކޯރޑުތައް ދިރާސާ ކުރުމަކީ، ރަނގަޅު ޚިޔާލެކެވެ. އޭގެތެރޭގައި، މަސައްކަތުގެ އައުޓްޕުޓްގެ ތަފުސީލުތަކާއި، މަސައްކަތް ހިނގަމުންދާއިރު ދިރާސާ ކުރުމާއި، މަސައްކަތުގެ ނަމޫނާ އަދި ފެންވަރު ތަޖުރިބާކުރުން ކަހަލަ ކަންތައްތައް ކުރެވިދާނެ އެވެ. ތަމްރީނުތައް ރާވާ މީހާ އަށް އެ ހުރިހާ ކަމެއް ބެލެން ނުހުރެދާނެ އެވެ. އެހެންނަމަވެސް، ބެލެންހުރި ކަންކަމާ ބެހޭގޮތުން ލަފާހޯދަންވާނެ އެވެ. ބަލާއިރު އެއްވެސް މައްސަލައެއް ފާހަގަނުކުރެވުނު ނަމަވެސް، އެ ފަދަ ދިރާސާއަކުން ފައިދާކުރާނެ އެވެ. ހަމަ ޔަގީނުން ވެސް، ދޭތެރެދޭތެރެއިން އެފަދަ ކަންކަން ހިނގާނުހިނގާ ގޮތް ބަލައިލުމަކީ ރަނގަޅު އާދައެކެވެ. އޭރުން، ދުވަސްކޮޅެއްގެ ތެރޭގައި، އެހެންގޮތަކުން ބަލައިގެން ނުކުރެވޭނެ ކަހަލަ ތަޖުރިބާތައް ކުރުމުގެ ފުރުޞަތު ލިބޭނެ އެވެ. ތަމްރީނު ދޭން ބޭނުންވާ އެއްޗެއް ނުވަތަ މަގާމަކާ ބެހޭގޮތުން ވިޔަސް، އިއްޔެ އާއި މިއަދުގެ ހާލަތު އަމިއްލަ ލޮލުން "ބަލައިލުމަކީ" ފައިދާހުރި ކަމެކެވެ. އޭރުން، އެ އޮގަނައިޒޭޝަންގެ އެހާރާއިމިހާރު އޮތްގޮތުގެ "ފަސްމަންޒަރު" ފެންނާނެ އެވެ. އެއީ ކަންހިނގާ ގޮތް "ހަމައެކަނި ބަލައިލައިގެން" ލިބޭ އިނާޔަތެކެވެ. ރަސްމީގޮތުން ޑޭޓާ އެއްކުރުމަކީ، މަދު އޮގަނައިޒޭޝަނަކަށް މެނުވީ ނުގެންގުޅެވޭ އުކުޅެކެވެ. މުވައްޒަފުންނާ ބެހޭގޮތުން ސާރވޭ ކުރުމަކީ، ޓްރޭނިން ޑިޕާރޓްމަންޓުން ކުރެވިދާނެ ކަމެކެވެ. ނުވަތަ، ބޭނުންތައް ދިރާސާ ކުރުމަށްޓަކައި، ބޮޑެތި އޮގަނައިޒޭޝަންތަކުން ގެންގުޅޭ ވަސީލަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވަސީލަތުގެ ބޭނުން ހިފިދާނެ އެވެ. ޓީއެންއޭ ހެދުމުގެ މަސައްކަތް ކުރެވިދާނެ އެއް ގޮތަކީ Strengths, Weaknesses, Opportunities, Threats"ސްވޮޓް" އެވެ. ނުވަތަ، އޮގަނައިޒޭޝަނެއްގެ ފަންވަރާއި، ބަލިފައި، އަދި ހުރި ފުރުޞަތުތަކާއި، ބިރަކީ ކޮބައިކަން ބަލައި ހޯދުމެވެ. ފޯސް ފީލްޑް ސްޓަޑީޒް ހެދުމާއި، ޑެލްފީ ރިސާރޗް ވެސް ހެދިދާނެ އެވެ. (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|