މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބަރާބަރު ޕްރީ ސްކޫލެއްގެ 10 ސިފަ |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 19 އޮގަސްޓް 2010، 08:01 ބުރާސްފަތި | |||
|
އަޙްމަދު ރަޝީދު އެސްޖެހިގެ ލ. ފޮނަދޫ މަޢުލޫމާތު ނެގީ: އެމެރިކާގެ ނޭޝަނަލް އެސޯސިއޭޝަން ފޯރ ދި އެޑިއުކޭޝަން އޮފް ޔަންގް ޗިލްޑްރަންޒަމާނީ ތަޢުލީމުގެ އޮނިގަނޑު ބިނާވެފައި އޮންނަގޮތުން ކުރިއާއި ޚިލާފަށް އަޅުގަނޑުމެންގެ ދަރިންގެ ޢުމުރުން 3 އަހަރުން ނުވަތަ 4 އަހަރުން އުނގެނުމުގެ މަރުޙަލާ ފަށައެވެ. މިދެންނެވީ ޕްރީސްކޫލަކަށް ނުވަތަ އެފަދަ ކޮންމެވެސް ތަނަކަށް ގޮސްގެން އުނގެނެން ފަށާ ވާހަކައެވެ. މިގޮތުން އިޚްތިޔާރުކުރާ ޕްރީ ސްކޫލަކީ ފެންވަރު ރަނގަޅު ތަނެއްކަމުގައި ވުމަކީ ކުއްޖާގެ ތަޢުލީމީ ޙަޔާތުގެ ކުރިމަގު އުޖާލާކުރުމަށް އަޅައިދެވޭ އެންމެ މުހިންމު، ފުރަތަމަ ފިޔަވަޅު ކަމުގައި ތަޖްރިބާކާރުން ވިދާޅުވެއެވެ. އަދި އެމެރިކާގެ ނޭޝަނަލް އެސޯސިއޭޝަން ފޯރ ދި އެޑިއުކޭޝަން އޮފް ޔަންގް ޗިލްޑްރަން ގެ ފަރާތުން މިކަމުގައި ސަމާލުވާންޖެހޭ ދިހަ ކަމެއް ފާހަގަކޮށް މިކަންކަމާއިމެދު ވިސްނުން ބަހައްޓައިގެން ޕްރީ ސްކޫލެއް އިޚްތިޔާރުކުރުމަށް ބެލެނިވެރިންނަށް އިރުޝާދުދެއްވައެވެ. މިހެން ދަންނަވާއިރު އަޅުގަނޑުމެންގެ ރާއްޖޭގެ އަތޮޅުތެރޭގެ ރަށްތަކުގައި މިގޮތަށް ޕްރީ ސްކޫލެއް އިޚްތިޔާރުކުރާކަށް ނުޖެހެއެވެ. ކުރެވޭކަށްވެސް ނުހުރެއެވެ. އެހެނީ ގިނަ ރަށްރަށުގައި ހުންނަނީ އެންމެ ޕްރީ ސްކޫލެކެވެ. ނުވަތަ ކިންޑަރގާރޓެން (ކޭޖީ ކިލާސްތައް) އެކެވެ. އެހެންކަމުން މިލިޔުން ބޮޑަށް އަމާޒުކުރެވެނީ މިފަދަ އާބާދީތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ބެލެނިވެރިންނަށެވެ. ކޮންމެއަކަސް އެމެރިކާގެ ނޭޝަނަލް އެސޯސިއޭޝަން ފޯރ ދި އެޑިއުކޭޝަން އޮފް ޔަންގް ޗިލްޑްރަން އިން އެ ވިދާޅުވާ 10 ކަމަށް ބަލާލަމާތޯއެވެ. 1- މިފަދަ ކޭޖީ ކިލާހަކީ ދަރިވަރުންނަށް ކުޅިވަރުކުޅުމުގެ ފުރުޞަތު ބޮޑު ޕްރީސްކޫލަކަށް ވާން ޖެހެއެވެ. މިގޮތުން ތަފާތު ވަޞީލަތްތަކާއި ތަކެތި ބޭނުން ކޮށްގެން ކުޅިވަރުކުޅުމަށް ނުވަތަ ދޭދޭ ދަރިވަރުންނާއިއެކު ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ފަހި ސްކޫލަކަށް މިފަދަ ސްކޫލެއް ވާންޖެހެއެވެ. އެހެނީ ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތަކީ އެއްވެސް އަމާޒެއްނެތި ލާހޫރޭ ވަގުތަކަށް ވެގެން ނުވާނެއެވެ. ހަމަ އެހެންމެ ގިނަ ވަގުތުތަކެއް ވާންދެން މަޑުމައިތިރި ކަމާއިއެކު އިށީންދެ ތިބެންޖެހޭ މާހައުލަކަށްވެސް ވެގެން ނުވާނެއެވެ. 2- މުޅި ދުވަހުގެ ސެޝަންގައި ދަރިވަރުން ތަފާތު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވިފައި އޮންނާން ޖެހޭނެއެވެ. އެފަދަ ސްކޫލެއްގައި ރާވަން ގެންގުޅޭ ބްލޮކްސްތަކާއި ޢިމާރާތްކުރުމަށް ބޭނުންކުރާ އާލާތްތަކުގެ މޮޑެލްތަކާއި ގޭތެރެއާއި ބަދިގޭގައި ހިމެނޭ ސާމާނުފަދަ ތަކެެއްޗާއި ޕަޕެޓްފަދަ ތަކެއްޗާއި ފޮޓޯ ބަސްފޮތް، ފެންކުލަޔާއި ކުރެޔޯން އަދި އެހެނިހެންވެސް ކުލައިގެ ބާވަތްތަކާއި ކްލޭއާއި އަދި މޭޒުމަތީގައި އަތުރައިގެން ކުޅެވޭފަދަ ބޯޑުގޭމްތަކާއި ޖިގްސޯ ޕަޒްލް ފަދަ ތަކެތި ހިމެނޭން ޖެހެއެވެ. އަދި ވީހާވެސް ގިނަ ކަންކަމުގައި ވަގުތުތައް ހޭދަކުރެވެފަދަ އިންތިޒާމެއްވެސް އެފަދަ ކުލާހެއްގައި ނުވަތަ ސްކޫލެއްގައި ކަނޑައެޅިފައި އޮންނާން ޖެހޭނެއެވެ. 3- މުދައްރިސުންނަކީ ފުރިހަމައަށް ތަމްރީނުލިބިފައިވާ ހުނަރުވެރި ޤާބިލު ބައެއް ކަމުގައި ވާންޖެހެއެވެ. މިގޮތުން ބަރާބަރު ޕްރީސްކޫލެއްގެ މުދައްރިސުންނަކީ ވަކިވަކި ދަރިވަރުންނާއި ކުދި ގްރޫޕްތަކާއިއެކު ނުވަތަ މުޅި ކުލާހުގެ ހުރިހައި ކުދިންނާއިއެކު މސައްކަތްތައް ކުރުމުގެ ޤާބިލްކަން ހުންނާންޖެހެއެވެ. ކުދިން އަބަދު އެއް ގްރޫޕެއްގައި ބޭތިއްބުމަކީ ބުއްދިވެރިކަމެއް ނޫނެވެ. 4- މުޅި ކުލާސް ރޫމް ހުންނަންޖެހޭނީ ދަރިވަރުން ކޮށްފައިވާ މަސައްކަތުން ޒީނަތްތެރި ކުރެވިފައެވެ. މިގޮތުން ކުދިންގެ އަމިއްލަ ކުރެހުންތަކާއި، ލިޔުންތަކާއި ކުރު ވާހަކަތައްފަދަ ޔަކެތި މިބައިގައި ހިމެނެއެވެ. 5- ދަރިވަރުން އަކުރުތަކާއި ފިލިތައް އަދި ހިސާބުގެ ޢަދަދުތައް ދަސްކުރާންޖެހޭނީ ކޮންމެ ދުވަހަކުވެސް އެކުދިންނަށް ސްކޫލްތެރޭގައި ކުރެވޭ ތަޖްރިބާތަކުގެ ތެރެއިންނެވެ. މީގެ މަޙްފޫމަކީ މިދެންނެވިތަކެތި ދަސްކޮށްދިނުމަށް ކުރިން ބޭނުންކޮށްއުޅު ގޮތްކަމުގައިވާ އަނގައިން އަނގަޔަށް އަޅައިދޭ އުސޫލު ނުގެންގުޅުމެވެ. ސްކޫލުގެ މާހައުލުން ފެންނަ ގަސްގަހާގެއްސާއި ޖަނަވާރުތައް އަދި ކުރިއަށް ގެންދާ ބައެއް ޙަރަކާތްތަކުގެ ތެރެއިން ކެއްކުމާއި އިންޓަވަލް ބުއިމާއި ޙާޟިރީ ބެލުންފަދަ ކަންކަމުންވެސް ކުދިން ދަސްކުރާނެއެވެ. 6- ތަފާތު ކުދިކުދި ޕްރޮޖެކްޓަށް ރާވައި ހިންގާށެވެ. މިފަދަ ކަންކަމުގައި ކަންކަން ތަޙްލީލުކޮށް ދެނެގަތުމަށް ބާރުއަޅާން ވާނެއެވެ. ވޯރކްޝީޓްފަދަ ކަރުދާހުގެ މަސައްކަތްތައް ޙަވާލުކުރުން ވީހާވެސް މަދުކުރާން ޖެހެއެވެ. 7- ކޮންމެ ދުވަހަކުވެސް ކުލާހުން ބޭރުގައި ކުޅެން އުޅުމުގެ ފުރުޞަތު ތަނަވަސްވެފައި އޮންނާންޖެހެއެވެ. މިގޮތުން ވެއްޔާކުޅުންފަދަ ކަންކަންވެސް މީގެތެރޭގައި ހިމެނިދާނެއެވެ. 8- ކޮންމެ ދުވަހަކުވެސް ދަރިވަރުންނަށް ވާހަކަ ކިޔައިދޭން ޖެހޭނެއެވެ. މިކަމުގައި ކުދި ގްރޫޕްތަކަށް ވާހަކަ ކިޔައިދިނުން ނުވަތަ ކުލާހަށް އެއްކޮށް ވާހަކަ ކިޔާދިނުން ބޭނުންކުރެވިދާނެއެވެ. 9- މުޤައްރަރުގައިވާ ކަންކަމަށް ބާލާން ޖެހެއެވެ. ނަމަވެސް ހަމަ އެކަނި މުޤައްރަރަށް ނުވިސްނާ ދަރިވަރުންގެ ފެންވަރު ވަޒަންކޮށް އެކުދިނާއި އެއް ފެންވަރެއްގައި ޙަރަކާތްތައް ރާވަމުން ގެންދިއުން މުހިންމެވެ. 10- ދަރިވަރުންނާއި ބެލެނިވެރިންގެ އުއްމީދުތައް ވާނީ ސްކޫލާއި އެކުގައެވެ. ސްކޫލުގައި ދަރިވަރުން ހޭދަކުރާ ވަގުތަކީ ބެލެނިވެރިން ހިތްހަމަޖެހިގެން ތިބޭނެ ވަގުތެއް ކަމުގައި ވާންޖެހެއެވެ. އެހެންކަމުން ބެލެނިވެރިންގެ އުއްމީދުތަކުގައި ކުލަޖެއްސުމުގެ ބާރުލިބިގެންވަނީ ސްކޫލާއި މުދައްރިސުންގެ އަތްމަތީގައެވެ. (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|