މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މަންމަގެ ކަޓު ޚިޔާލު |
|
|
| ދިވެހި - އާދަކާދަ | |||
| 31 މެއި 2010، 01:15 ހޯމަ | |||
|
ބިންމާ އިބްރާހީމް ވަޙީދު "ދަރިފުޅު މެންދުރު ނަމާދު ކޮށްފިން؟" މަންމަ އެހި އެވެ. "އިރުކޮޅަކުން އަސުރަށް ގޮވާނެ..""ކުރާނަމޭ!" ރުންކުރު ރާގަކަށް އަހަރެން ބުނީމެވެ. "އަދި ކިރިޔާ މި އައިސް ވަނީނު މަންމާ!" "ގެއްލުނު ރޯދަތައް ހިފައިފިން؟ މިހާރު އަނެއް ރަމަޟާން މަސް މިއޮއް އައިސް ޖެހުނިއްޔޭ!" މަންމަ އެހި އެވެ. "ކުރީ ފަހަރުގެ ރޯދަތައް ވެސް އަދި ހިފައިނުނިމޭ.. ދަރިފުޅަށް އެނގޭތަ އެއީ ކިހާ ބޮޑު..." "ހިފާނަމޭ!" އަހަރެން ބުނީމެވެ. "އަދި އެބައޮތެއްނު ވަން މަންތު!" މަންމަގެ އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރިން އަހަރެން، އަހަރެންގެ ކޮޓަރި އަށް ވަދެފައި ދޮރު ލެއްޕީމެވެ. އެހެންނޫނީ ދެން ސަލާމަތެއް ނުވާނެ އެވެ. ހީވާނީ ކޯޓަކަށް އާދެވިގެން އުޅޭހެންނެވެ. އަހަރެންގެ އުމުރުން އަށާރަ އަހަރުވެއްޖެ އެވެ. އަހަންނަކީ ކުޑަކުއްޖެއް ނޫނެވެ. މަންމަ އުޅެނީ މަންމަގެ ކޮންޓްރޯލުގެ ދަށުގައި އަހަރެން ބަހައްޓަންވެގެންނެވެ. ދެން އެހެނެއް ނުވާނެ އެވެ. އުޅެންވާ ގޮތް އަހަންނަށް ވެސް އެނގެ އެވެ. ތަޖުރިބާ ލިބިފައިހުއްޓޭ ބުންޏަސް، އެއީ މަންމަމެންގެ އުމުރުގެ މުސްކުޅި ތަޖުރިބާ އެވެ. ކަޓު ޚިޔާލެވެ. ތިރީސް އަހަރުވީ ރާއްޖޭގެ ވެރިކަން ބަދަލުވިއިރު ވެސް މަންމަމެންގެ ވިސްނުން ބަދަލެއްނުވެ އެވެ. ފެންވަރައިގެން ކޮޓަރިން ނުނިކުމެވެނީސް އިރުފާނު ގުޅަންފެށި އެވެ. "ޑިނަރ" އަށް ދާން ބުނެފައި އޮތީމަ، އަހަރެން ފެންވަރަން ވަނީ، ނުކުމެފައި ގުޅާނެ ވާހަކަ ބުނެފަ އެވެ. އެ ވަރު ވެސް އިރުފާނަށް ލަސްވީ އެވެ. އޭނަ އަކީ، އެހާ ހިފިނުހުންނަ މީހެކެވެ. "ސާބަހޭ! ހިތްވަރުކޮށްލާފަ ބަހައްޓާ!" އަހަރެން ބުނީމެވެ. "އޭ އަވަސްކުރޭ! މި ރޭ ވަރަށް ފުލްކޮށް ހުރިހާ ތަނެއް ވެސް އުޅޭނީ.." އިރުފާނު ބުންޏެވެ. ހެދުން ލާން ބަލައިލިއިރު، އަހަރެން އެންމެ ބޭނުން ޕާރޕަލް ހެދުން އޮތީ އިސްތިރިނުކޮށެވެ. ދުވަހަކު ވެސް މަންމަ އަށް ނުކުރެވި ހުންނަ ކަންތައްތަކެއް މަންމައަކަށް ނުފެންނާނެ އެވެ. "މި ހެދުން އިސްތިރިކޮށްލަދީފާނަން މަންމާ؟" އަހަރެން ކުޑަކޮށް ދޮރު ހުޅުވާލާފައި، ހެދުން އެއްލަމުން އެހީމެވެ. މަންމަ ހެދުން ނަގައިގެން ގޮސް އިސްތިރިކުރަންފެށި އެވެ. ދެން އަހަރެން ވީ ދެ އަތް އުރާލައިގެން ހުންނާށެވެ. އިރުފާނު އިންނާނީ އަހަރެންގެ އިންތިޒާރުގަ އެވެ. އަޅެ ކުރާނެ ކަމެއް ނެތި ގޭތެރޭގައި، އަހަރެންނަށް ފާރަލަމުން ހިނގުމަށް ވުރެ، ހުރިހާ ހެދުންތައް ވެސް އިސްތިރިކޮށްލާފައި ހުންނަ ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އެނދު ވެސް އޮތީ އަހަރެން ހޭލިގޮތަށެވެ. އެންމެފަހުން ތަންމަތިއަޅަން ވެސް ޖެހޭނީ އަހަންނަށެވެ. އެ ވަރު ކަމެއް ވެސް މަންމަ އަށް ކުރެވޭ ކަމަކަށް ނުވެއެވެ. ދޮންނަ އެއްޗިހި އަޅާ، އަހަރެންގެ ބާސްކެޓު ފުރިގެން ގޮސް ބައެއް އެއްޗިހި ބޭރުގައި ވެސް ހުއްޓެވެ. ކޮޓަރި އެންމެ ފަހުން ކުނިކެހި ދުވަހެއް ނޭނގެ އެވެ. ދޮރު ފޮތިތައް ހުރީ ދާވެފަ އެވެ. ހައްތަހާ ވެސް މަންމަ ކުރަންޖެހޭ ކަންތައްތަކެވެ. "ދަނީ؟" ހެދުން ލައިގެން ނުކުތުމުން މަންމަ އެހި އެވެ. "ކައިގެން ދާންވީނު؟" "އަހަރެން މި ދަނީ ކާން.." އަހަރެން ބުނީމެވެ. "އިޝާ ނަމާދު ކުރިން؟" މަންމަ އެހި އެވެ. "ދެން މަންމާ!" އަހަރެން ބުނީމެވެ. "އަބަދު އަހަރެންގެ ފޯލްޓް ހޯދަން ނޫޅެބަލަ! އަންނާނަން އިލެވަން ތާރޓީގެ ކުރިން.." ކައިނިމިގެން އަހަރުމެން ދިޔައީ ސައިކަލު ދުއްވާލާށެވެ. ދެން ދިޔައީ ދުފާލަންވެގެން ގާޑިޔާ ކައިރިއަށެވެ. އެ ތަނުގައި ހުއްޓައި ބައްޕަ ގުޅި އެވެ. އަހަރެން ހުރި ތަނަކާއި އަންނަ ގަޑި އެހި އެވެ. މަންމަ ގާތުގައި ހުރިހާ އެއްޗެއް ބުނެފައިއައީމަ ވެސް، އަލުން ބައްޕަ ގުޅަނީ ކީއްކުރަން ހެއްޔެވެ؟ އަހަންނަށް އިތުބާރު ކުރަމޭ ބުންޏަސް ނުކުރެވެނީބާ އެވެ؟ ނޫނީ ބައްޕަ ވެސް އަހަރެން ކޮންޓްރޯލްކުރަން މަސައްކަތްކުރަނީބާ އެވެ؟ "މަންމަ ގާތުގަ ބުނިން އިލެވަން ތާރޓީގަ އަންނާނަމޭ.." އަހަރެން ބުނީމެވެ. "މަންމަމެން ހާދަ ވަރެއް ހުރެއޭދޯ އަހަންނާ އެއްކޮށް ބޭރަށް ނުކުތީމަ.. އަހަންނަށް ޓްރަސްޓް ނުކުރެވެނީތަ؟" އިރުފާނު އެހި އެވެ. "ނޫނޭ! އަހަންނަށް ޓްރަސްޓް ނުކުރެވިގެން އެ އުޅެނީ.." އަހަރެން ބުނީމެވެ. "ކުރީ ރޭ ދައްތައާ އެކީ އައިސްގެން އުޅުނުއިރު، އެއް ފަހަރު ވެސް މަންމައެއް ނުގުޅާ.." އިރުފާނު ބުންޏެވެ. "އާނ ދެން އަހަރެން މީ ތި ގޭ މީހުންނަށް މާ ކަޑަ މީހެއްވިއްޔަދޯ؟" އެ ހިސާބުން އެ ރޭގެ ދުވަސް ދިޔައީ އެވެ. ނުލާހިކު ހިތްގައިމުކޮށް ހުރިހާ ކަމެއް ގޮސްގޮސް އޮވެފައި، ބައްޕަ ގުޅި ކޯލެއްގެ ސަބަބުން ހުރިހާ ކަމެއް ފަނިވީ އެވެ. އަޅެ އެއް ފަހަރު ވެސް އަހަންނާ ދޭތެރޭގަ މަންމަމެން ވިސްނާލާ ނަމަ، މިހިނެއް ނުވާނެ އެވެ. އިރުފާނާ އިންނަން އަހަރެން ބޭނުންވަނީ އެހެންވެ އެވެ. އޭރުން އަހަރެން ބުނާ ބަހުގަ ކިހާ ހިފާއްޓާކަން އިރުފާނަށް އެނގޭނެ އެވެ. އަހަރެން ކިހާ ލޯބިވާކަން އިރުފާނަށް ޔަގީންވާނެ އެވެ. ކޮންމެ ރެއަކު ވެސް އަހަރުމެން ވަކިވަނީ ހިތްފުރިގެނެއް ނޫނެވެ. އަހަރުމެން ދެ މީހުން ކިހާ ގުޅޭ ހެއްޔެވެ؟ ކައިވެންޏަށް ފަހުގައި، ރެސްޓޯރަންޓުން ކާލައިގެން، އުމުރަށް އިރުފާނާ އެކުގައި އުޅެވޭނެ އެވެ. އެއީ ކިހާ ހިތްގައިމު ދުވަސްތަކެއް ހެއްޔެވެ؟ އިރުފާނާ އިންނަން ބުނުމުން، ހިނދުކޮޅަކަށް ބައްޕަގެ ދުލުން ބަސް ހުސްވި އެވެ. މަންމަ އިސްޖަހާލި އެވެ. އަހަރެން ކުޑަ ވާހަކަ އާއި، ގޭތެރޭގެ މަސައްކަތް ކުރަން ނޭނގޭ ވާހަކަ އާއި، ފޫހިވާނެ ވާހަކަ އާއި، އިރުފާނަށް ލިބޭ މަދު ލާރިކޮޅުގެ ވާހަކަދައްކައިގެން، އަހަރެންގެ ޚިޔާލު ބަދަލުކުރަން ބައްޕަ ވަރަށް މަސައްކަތްކުރި އެވެ. އަހަރެން ހުރީ އެ ކަމަށް ވިސްނައިގެންނެވެ. އުމުރުން އަށާރަވީމައި، އަހަރެންގެ ނިންމުންތައް އަމިއްލަ އަށް ނިންމުމުގެ ޙައްޤު އަހަންނަށް ލިބެ އެވެ. ގޭތެރޭގެ މަސައްކަތް އަހަރެން ކުރާކަށް ނުޖެހޭނެ އެވެ. އަހަރުމެން ގެއަކު ކައްކާކަށް ނުޖެހޭނެ އެވެ. ކާނީ ރެސްޓޯރަންޓުންނެވެ. އެހެންނޫނީ ބާރގަރ އެއްޗެއް ކާލައިގެން އަހަރެން އުޅެފާނަމެވެ. ދޭތެރެއަކުން އެއްޗެތި ދޮވެލުމާއި، ކޮޓަރި ކުނިކަހާލުން އެއީ ކާކަށް ނުކުރެވޭނެ ކަމެއް ހެއްޔެވެ؟ އިރުފާނު ވެސް ބައެއް ފަހަރު އެ ކަހަލަ ކަންތައް ކޮށްދޭނެ އެވެ. ދެން އޮތީ ލާރީގެ ވާހަކަ އެވެ. ލޯތްބަކީ ލާރި އަށް ގަނެވޭ އެއްޗެއް ނޫނެވެ. ލާރީގެ ކުރިމަތީގައި ލޯބި ސަޖިދައެއް ނުޖަހާނެ އެވެ. މަންމަމެން ޒަމާނުގައި އެކަން އެހެން އޮތަސް، ލޯބި ލިބުމުން ފައިސާ ބޭނުމެއް ނުވާނެ އެވެ. އިރުފާނު ނުލާހިކު "ކެއާރ" ކުރާނެ އެވެ. އަހަރެން ހަމައެކަނި ބޭނުންވަނީ، ގޭގެ ހަތަރު ފާރުން ބޭރަށް ނުކުންނާށެވެ. ގެ އަށް ވަންނައިރަށް އަހަރެންގެ ނޭވާ ހާސްވެ އެވެ. ކިތަންމެ ރީތިކޮށް ގެ ހަދާފައި ހުއްޓަސް، އެ ގެއަކު ލޯތްބެއް ނެތެވެ. އޭގެ ސަބަބުން، އަހަރެންގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެ އެވެ. ގޭގެ އެންމެން، ތުންފިއްތައިގެން ތިބެ އަހަރެންގެ ކައިވެންޏަށް ތައްޔާރުވާން ފެށި އެވެ. އަހަރެން ހުރިހާ ކަމެއް ކުރީ "ވެޑިން ޕްލޭން" ފޮތެއް ބަލައިގެންނެވެ. ޕާރޓީ ބޭއްވީ ވިލިނގިލީގެ އަތިރިމަތީގަ އެވެ. ވައްބުރު ފުރިހަމަ ހަނދާއި، ހަނދުވަރުގެ ރީތި އަލިން އަތިރިމަތި އޮތީ ދިއްލިފަ އެވެ. ލައިވް މިޔުޒިކާއި، ރާޅުގެ ހިތްގައިމު އަޑުން، މާހައުލަށް އިތުރު ދިރުމެއް ގެނެސްދިނެވެ. އެ ރެ އަކީ، ދުވަހަކު ވެސް ނުވާހާ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް އަހަންނަށް ލިބުނު ރެއެކެވެ. އަހަރެންގެ ހުވަފެން ޙަޤީޤަތަކަށްވީ އެވެ. އަހަރެންގެ އެކަނިވެރިކަމާއި ހިތާމަތަކަށް ނިމުމެއް އައީ އެވެ. މިއަދަކީ، ކައިވެންޏަށް ތިން ހަފުތާ ފުރުނު ދުވަހެވެ. އެ ދުވަހު އަހަރެންގެ ހިތަށްއެރި ހުރިހާ ކަމެއް، މިއަދު މި ވަނީ މުޅިން ބަދަލުވެފަ އެވެ. އެކަނިވެރިކަމަކީ ކޮބައިކަން އެނގެނީ މި އަދު އެވެ. އިރުފާނުގެ ގެ ބޮޑެވެ. ޢާއިލާގެ މީހުން ވެސް ވަރަށް ގިނަ އެވެ. މެދު ފަންތީގެ ގެއެއް ނަމަވެސް، އަހަރުމެން އުޅެން ހެދި ފްލެޓް ވަރަށް ރީއްޗެވެ. އެކަމަކު، އަހަންނާ އެކީގައި ވަގުތު ހޭދަކުރާކަށް އިރުފާނަކަށް ފުރުޞަތެއްނުވެ އެވެ. ކުރިން އަހަރުމެން އުޅެނީ، އެކުގައި ހޭދަކުރަން ލިބޭ ވަގުތުކޮޅު ކުޑަވެގެންނެވެ. ދައްކާނެ ވާހަކަ ގިނަވެގެންނެވެ. މައިންބަފައިންގެ އުނދަގުލާހެދި ނޭވާ ނުލެވިގެންނެވެ. ވަގުތު ހިތަކަށް ލިބުމުން މިވީ ކިހިނެއް ހެއްޔެވެ؟ ކުރާނެ ކަމެއް ނެތިގެން އެނދުމަތީގައި ފުރޮޅިފުރޮޅި އޮއްވާ އަހަންނަށް ނިދެ އެވެ. ކައިވެނިކުރުމުން ރެސްޓޯރަންޓަށް ދިޔުން ހުއްޓިއްޖެ އެވެ. ބަދިގެ އަށް ވަންނަން ޖެހިއްޖެ އެވެ. އަހަރެންނަށް ވައްކޮށް ރޮއްޓެއް ވެސް ދަމާކަށް ނޭނގެ އެވެ. ބަތް އެއީ ކިހިނެއް ކައްކާ އެއްޗެއް ހެއްޔެވެ؟ އެއް ގަމީހުގެ ކުލަ އަނެއް ގަމީހުގައި ނުޖެހޭ ގޮތަށް އެއްޗެތި ދޮންނަނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ބޭނުންކުރަން ގަންނަންޖެހެނީ ހާދަހާ އަގުބޮޑު އެއްޗިއްސެވެ. ބަލިވުމުން ހާދަހާ ގިނަ ލާރިއެއް ޚަރަދުވެ އެވެ. އަހަރެންގެ ޑްރެސިންގެ ޓޭބަލް މަތީގައި، ހުސްނުވެ ހުންނަ ސެންޓަކީ، އޭގެ ފުޅިއެއް ނުވަ ސަތޭކަ ރުފިޔާ އަށް ދޭ އެއްޗެއް ހެއްޔެވެ؟ މައިންބަފައިން އަހަންނަށް ކުރި ޚަރަދާއި، ގެންގުޅުނު ފެންވަރު އެނގެނީ، އެކަނި އުޅެންޖެހުނީމަ އެވެ. އެ މީހުން ދިނީ ލޯބިކަމާއި، ދަންވުމުން އުޅޭތަން ބަލާލަން އެ ކުރާ ކޯލަކީ، ލޯބިވާކަމުގެ ކިހާބޮޑު ހެއްކެއްކަން ވިސްނެނީ ވެސް ފަހުންނެވެ. އެކަނި އޮވެގެން ވިސްނާލުމުން އެނގޭ އެއްޗަކީ، ކޮންމެ ކަމެއް ވެސް އެ މީހުން ކުރީ އަހަންނަށް ރަނގަޅަކަށްކަމެވެ. އެއް ވެސް ޝަކުވާއެއް ނެތި އެވެ. އަހަންނަށް ހުރިހާ ކަމެއް ވިސްނުނީ ގޯސްކޮށެވެ. ފައިސާ އަކީ، ލޯބި ދެމިހުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. ގޭގަ ނޫޅެންވެގެން ގެއިން ނުކުތުން އެއީ މޮޅުތަކެއް ވާކަމެއް ނޫނެވެ. އުމުރުގެ ކުރީކޮޅު ކައިވެނި ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ޒުވާން އުމުރުގައި، ފިލްމްތަކުން ދައްކާ ދަޅަތަކަށް ނުހެއްލޭށެވެ. އޭން އެ ދައްކަނީ، މީހެއްގެ އުމުރުގެ އެންމެ ނުވަދިހަ މިނެޓެވެ. ކޮންމެ ދުވަހެއްގައި ސައުވީސް ގަޑިއިރު އޮވެއެވެ. އެއީ އެއް ހާސް ހަތަރު ސަތޭކަ ސާޅީސް މިނެއްޓެވެ. ވާހަކަ ފޮތްތަކުގައި އެ ހުންނަނީ ފްލޯކެވެ. އަހަރެންގެ ދިރިއުޅުން މި އެޅީ ނުބައި ގޯޅިއެކެވެ. ވަގުތު ފާއިތުނުވަނީސް ވިސްނާށެވެ. މަންމަގެ ޚިޔާލު ރަނގަޅެވެ. އަހަރެންގެ ވިސްނުން ކަޓ ީއެވެ. އަހަރެން މި އަދު ބުނަން ބޭނުންވަނީ، މައިންބަފައިންގެ ލޯތްބަށް ޝައްކު ނުކުރާށެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ no namES, 2010-05-31 07:39:19
ވަރަށް ޢިބްރަތްތެރި ކޮނމެއަކަސް. ދެން އުފެދޭ ސުވާލަކީ މިއީ ވާހަކަ މަޒުމޫނެއް ދެއްތޯ؟؟؟؟؟
...
ލިޔުނީ ސަމީ, 2010-06-02 06:17:41
އާނ ލަފާކުރެވެނީ މިއީ ވާހަކަ މަޒުމޫނެއް ކަމަށް އެކަމާ ސައްކު ވެގެން ފަންވަތުގައި މި ލިޔުން ހިމަނާފައި އޮތީ ކޮން ބައެއްގައި ތޯ ބަލާލި އިރު އޮތީ ދިވެހި އާދަ ކާދަ މިބައި ގައި އެން ވީމައި ޔަގީން މިއީ ވާހަކަ މަޒުމޫނެއްކަން ... :)
...
ލިޔުނީ އީޒަފް, 2010-06-04 03:05:40
ވަރަށް ޢިބްރަތްތެރި، އަދި ވަރަށް ރީތި. ބިންމާގެ ކޮންމެ ލިޔުމެއްވެސް ކިޔަނީ ކިޔާހިތުން.
...
ލިޔުނީ ¨ޒިޔާ, 2010-06-15 05:46:50
އަސްލުވެސް " މަންމަގެ ޚިޔާލު ރަނގަޅެވެ. އަހަރެންގެ ވިސްނުން ކަޓީ އެވެ." މިއީ މިހާރުގެ ޒުވާނުން ޤަބޫލް ކުރަންވެއްޖެ ޙަޤީޤަތެއް. ... ވަރަށް މޮޅު ލިޔުމެއް..
...
ލިޔުނީ ޕަރީ, 2010-06-27 16:29:57
މި ވާހަކަ ވަރަށް ވިސްނައިގެން ކިޔައިފި މީހަކަށް ވަރަށް ގިނަ ފިލާވަޅު ތަކެއް ލިބިގެނ ދާނެކަން ޔަޤީން .. ވަރަށް ރީތި ވާހަކަ އެއް.. :)
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|