މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދިވެހީންގެ ސަގާފީ އައު އަހަރު |
|
|
| ދިވެހި - އާދަކާދަ | |||
| 14 އެޕރީލް 2011، 06:31 ބުރާސްފަތި | |||
|
އިބްރާހީމް ސަޢީދު ގައުމު ކުޑަޔަކަސް، މީސްކޮޅު މަދަކަސް، ދިވެހީންނަކީ ވެސް މުއްސަނދި ސަގާފަތަކާއި ދިގު ތާރީޚެއް އޮތް ބައެކެވެ. އަމިއްލަ ބަހަކާއި، އެބަސް ލިޔާނޭ އަމިއްލަ އަކުރެއް ލިބި ތިބި ފަޚުރުވެރިބައެކެވެ. ދިވެހިންގެ މާާހައުލުގައިވާ ތަކެއްޗަށާއި ދިވެހިންނާ ގުޅުން ހުރި ކަންކަމަށް ހޭލައި ތިބި ބައެކެވެ. މޫސުމާއި އަހަރުގެ ދުވަސްތައް ރަނގަޅަށް ދެނެތިބެ، ދިރިއުޅުމުގެ ކަންތައް އެރޮނގުން ބައްޓަންކުރަމުން ދިޔަ ތަހުޒީބު ބައެކެވެ. މިއަދު ދިވެހިތަކެއްޗަށް ދިވެހީން ބީރައްޓެހިވެ، ބޭރު ތަކެއްޗަށް ރޭރުވަމުން ދަނީ ދިވެހި ޒުވާނުންނަށް ދިވެހީންގެ މުއްސަނދި ސަގާފަތާއި ތާރީޚުގެ ތެރެއަށް ލޯހުޅުވައި ނުދެވޭކަމުންނެވެ.
ދިވެހީންގެ މުއްސަނދި ސަގާފަތުގެ ތެރެއިން ސަގާފީ އައު އަހަރަށް ބަލަމާ ހިނގާށެވެ. މިއީ ވެސް ދިވެހީންގެ ގޮތްހުރި ކަމާއި އަޚުލާޤު ކިތަންމެ ރަނގަޅަކަށް ވެސް ދައްކައިދޭ މުނާސަބަތެކެވެ. ދިވެހީންގެ ސަގާފީ އައު އަހަރު ނުވަތަ މުލަބައިސާގު ދުވަސް އަންނަނީ އައްސިދައިގައެވެ. އެ ދުވަހަކީ އައްސިދައިގެ ހަތްވަނަ ދުވަހެވެ. މި ދުވަހަކީ ދިވެހީންގެ ގަމު ރޯދި ދުވަހެވެ. ހަމަ އެހެންމެ މި ދުވަހަށް މޭސަ ސަމަކުރަންދިއޭ ވެސް ކިޔައެވެ. މިއީ އިހު ޒަމާނުގައި ދިވެހީންގެ [ނައުރޯޒު] ދުވަހެވެ. އިހުގައި ދިވެހި ނަކަތްތެރީން ބުނާގޮތުގައި ދުނިޔެއަށް ހަމަކޮށް އިރު ހިނގާނީ އަހަރެއްގައި ދެ ފަހަރަކުއެވެ. އެއީ މޭސަ ސަންގުރަމަނަ އަދި ތުލަ ސަންގުރަމަނައިގައެވެ. މިދެ ސަންގުރަމަނައިގައިމެ ދުވާލާއި ރޭގަނޑު އެއްވަރުކަމަށް ބުނެވެއެވެ. އައްސިދަ ލައިގަތުމުން އޮޑިދޯނި ފަހަރު އެހެލައި، ދަނޑުފަނގުގެ މަސައްކަތަށް ފަށައިގަންނަންވީއެވެ. އައްސިދައިގެ ފުރަތަމަ ދުވަހުން ފެށިގެން ހަވަނަ ދުވަހާ ހަމަޔަށް އޮންނާނީ ދަނޑު އެންދުމެވެ. ހަތްވަނަ ދުވަހަކީ މުލަބައިސާގު ދުވަހެވެ. މިއީ ސަލަވާތް ފާތިހާ ކިޔަވައި ދަނޑަށް ފެންޖަހައި ހަދާ ދުވަހެވެ. މިހައިރުގެ ގޮތުން ބަލާއިރު މިދުވަހަކީ އެޕްރީލު މަހުގެ 14 ވަނަ ދުވަހެވެ. އައްސިދައިގެ ހަވަނަ ދުވަހު އޮންނާނީ ގެދޮރުގައި ހިފައި ގެންގުޅޭ ސާމާނު ދޮވެ، ގެއާއި ބަދިގެ ދޮވެ ސައުފުކޮށް ހެދުމާއި ގެދޮރު ޒީނަތްކުރުމެވެ. މިގޮތުން ގޭގެ މެދުގޯއްޗަށް ކަށިވެލިލުމަކީ ވަރަށް ޚާއްޞަކަމެކެވެ. ހަމަ އެފަދައިން ގާތްތިމާގެ މީހުންގެ މަހާނަތަކަށް ދޮންވެލިލައި ހެދުން ވެސް އޮވެއެވެ. މިކަންކަން ނިމިގެން ދެން އޮންނާނީ ވެވަށް އެރި ހިނައިތާހިރުވުން ނުވަތަ މޫދަށް ގޮސް ހިނައިތާހިރުވުމެވެ. މީގެ އިތުރުން ކޮންމެ އަވަށެއްގެ ކުދީން އެވަށެއްގެ މިސްކިތްތައް ދޮވެ ތާހިރުކުރާނެއެވެ. މިކަމުގައި އުޅޭނީ މިފަދަ މަސައްކަތްކުރެވޭވަރުގެ އެހެނަސް ބާލިޣުނުވާ ފިރިހެންކުދީންނެވެ. ބައެއް މީހުން ގޭގައި ގެންގުޅޭ ކުކުޅުހައު ފަދަ ތަކެތި ވެސް ފެންވަރުވައި ހަދާނެއެވެ. މިއީ ސަމާސާގެ ގޮތުން ކޮށްއުޅޭ ކަމެއް ކަމަށް ފެނެއެވެ. މުލަބައިސާގު ވިލޭރޭ، ގޭގައި މީރުވަސްދުވާތަކެތީން ދުން ބުރުވުން އޮވެއެވެ. އަދި މުލަބައިސާގުގައި ސަލަވާތް ފާތިހާ ކިޔެވުމަށް ކުރަންޖެހޭ ތައްޔާރީތައް ފުރިހަމަކޮށް ހަދާނެއެވެ. މިތައްޔާރީތައް ކުރާނީ ގޭގައި އެންމެ އިސްކޮށް ހުންނަ އަންހެނެކެވެ. އައްސިދައިގެ ހަތްވަނަ ދުވަހުގެ ހަރަކާތްތައް ފެށޭނީ ފަޖުރުލުމާއެކުގައެވެ. ފުރަތަމަ އޮންނާނީ ނައިބުމީހާ ނުވަތަ އެންމެ އިސްކޮށް ހުރި ކަތީބަކު ނުވަތަ މުދިމު ވުޟޫކޮށްގެން މިސްކިތަށް އަރައި، މާމިސްކިތުގެ ވޮށްދިއްލުމެވެ. އޭގެ ފަހުގައި ފަތިސް ނަމާދުގެ ބަންގި ގޮވައި، އިހު ސުންނަތްކޮށް ފަތިސް ނަމާދުކޮށްގެން، ދެން އޮންނާނީ ޞަލަވާތް ފާތިހާ ކިޔެވުމެވެ. މިސްކިތުން ފައިބައި ރަށުގެ ބޮޑުން ސަލާންގަލާންކޮށް ހެދުމަށް ފަހު، އޮންނާނީ މިސްކިތު ވަޅުން ފެންނަގައި، ރިޒުގުގެ އާޔަތްތަކުން އެފެން މެތުރުމެވެ. ދެން އެފެން ހިފައިގެން ދާނީ ރަށުގެ ދަނޑުވެރިކަންކުރާ ސަރަހައްދަށެވެ. ރަށުގެ ދަނޑުބިމުގެ ހަތަރު ކަނަށާއި ދަނޑުބިމުގެ މެދަށް މިފެން އަޅާނީ ރިޒުގުގެ އާޔަތްތައް ކިޔަވަމުންނެވެ. މިކަމުން ނިމިގެން ރަށުގެ ބޮޑުން ދާނީ ކޭން ކެއުމަށް ބޮޑު ހަރުގެއަށެވެ. ކޭން ކައިގެން ދެން އޮންނާނީ ގޭގެއަށް ޒިޔާރަތްކުރުމެވެ. ގޭގައި ތިބޭ އަންހެންވެރީންނާއި ކުދީން، ގެދޮރު ސައުފުކޮށް ހެދުމަށް ފަހު ފެންވަރައިގެން ރީތި ހެދުމާއި، ހުވަނދުލައިގެން ތިމާގެ މީސްމީހުންނާއި ރަހުމަތްތެރިންނާއި އަވަށްޓެރިންގެ ގޭގެއަށް ޒިޔާރަތްކުރާނެއެވެ. އާއިލާގެ ކުޑަކުދީންގެ މުޅި ގޭތެރޭގައި ކުޅެ ސަކަރާތް ޖަހާނެއެވެ. މިކަމަކަށް އެކަކު ވެސް އެއްޗެކޭ ނުބުނާނެއެވެ. ކޮންމެ ގެއެއްގައި ވެސް އާއިލާގެ ދުޅަހެޔޮކަމަށް އަދައި ސަލަވާތް ފާތިހާ ކިޔުއްވުން އޮވެއެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ ފެންވަރު ހުރިވަރަކުން ހަދިޔާ ބަހައި ހަދާނެއެވެ. ކުޑަކުދީންނާއި އަނބީންނަށް އައު ފޭރާން ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމަ އެހެންމެ ގޭގައި ގެންގުޅޭ ކުދީންނަށް ވެސް އައު ފޭރާން ހޯދައިދިނުން އޮވެއެވެ. ގޭގައި ތިބޭ ނޯކަރުންނާއި ބޮޑުން ވެސް މިދުވަހު އެއްތަށިމަތިން ކައިހަދާނެއެވެ. ރަށުގެ ބޮޑުންނަށް ހަދިޔާ ދިނުމަކީ ވެސް އާއްމުން ވަރަށް އުފަލާއެކު ފަރުވާބަހައްޓައިގެން ކުރާކަމެކެވެ. ގޭގައި މީރު ކާނާ ތައްޔާރުކޮށް ގެއަށް އަންނަ މެހެމާނުންނަށް ދިނުމަކީ ވަރަށް ޚާއްޞަ ގޮތެއްގައި ކުރެވޭކަމެކެވެ. މަގުމަތީން ބައްދަލުވާއިރު، އެކަކު އަނެކަކާ ސަލާމްކޮށް ހެޔޮ އަދި އުފައުވެރިކަމުގެ ޝުޢޫރުތައް ފައުޅުކުރާނެއެވެ. ދެމީހަކު ކިތަންމެ ގިނައިން ދިމާވިޔަސް، އުފަލާއި ހިނިތުންވުމާއެކު ސަލާންގަލާންކޮށް ހަދާނެއެވެ. ދުވަހުގެ ހުރިހައި ވަގުތެއްގައިމެ، ކުޅިވަރުކުޅުން ކުރިޔަށްދާނެއެވެ. މިގޮތުން ނާޑުކަތާއޭ ކިޔޭ ޒާތުގެ ހުރިހައި ކަމެއް އޮންނާނެއެވެ. މީގެ ތެރޭގައި ބެރުތާރަ ޖެހުމާއި، ތާރީޚީ ވާހަކަ ކިޔުމާއި، ހަރުބަސް ކިޔުމާއި، ޖޯކުކިޔުމާއި، ރަށާ ގުޅުންހުރި އެކިބާވަތްތަކުގެ ވާހަކަ ކިޔުމާއި، ފުލޯކު ޒާތުގެ ވާހަކަ ކިޔުމާއި، މިފަދަ ހުރިހައި ކަމެއް އޮންނާނެއެވެ. ރައިވަރު ކިޔުމަށް ކުޅަދާނަ މީހުން އަތިރިމަތީގައި ހަދައިފައި ހުންނަ ހޮޅުއަށިތަކުގައި ރައިވަރުކިޔަން ތިބޭނެއެވެ. އަންހެނުންގެ ރައިވަރު ހޮޅު އަށްޓާއި، ފިރިހެނުންގެ ރައިވަރު ހޮޅުއަށި ހުންނާނީ ވަކިންނެވެ. އެތައް ބަޔަކު މިރައިވަރުތައް އަޑުއަހަން ތިބޭނެއެވެ. މީހުންނާ ނުއިނދެ ތިބޭ ޒުވާން ކުދީން ލޯބީގެ ރައިވަރު ފަންވަތުގައި ލިޔެފައި، އެކުދީން ހިތާވާ މީހުންނަށް ފޮނުވައިހަދާނެއެވެ. ބޮޑުމަސް ބޭނުންފަދަ ސަގާފީކަންތަކާއި ފެންކުޅީގެ ކުޅިވަރު ހަވީރު އޮންނަ އިރު، އިރު އޮއްސުމުން އޮންނާނީ، ތާރަ އާއި ބެރު ޖަހައި ނެށުންފަދަ ކުޅިވަރުގެ ހަރަކާތްތަކެވެ. އައްސިދަ ބުރުނު ކެތި، މިއީ ދިވެހީންގެ އަލަތު ކައިވެނީގެ މޫސުމެވެ. އެއިރުގެ މީހުންގެ ގާތުގައި ދިރިއުޅުމަށް މަސައްކަތްތައް ފެށުމަށް އެންމެ ހެޔޮ ދުވަސްވަރަކީ ވެސް މިއީއެވެ. . (ނޯޓު: މިއީ 1996 ވަނަ އަހަރު ސަދަން ސެކަންޑަރީ ސްކޫލުގެ ދަރިވަރުން ނެރުނު މަޖައްލާއެއް ކަމުގައިވާ "ބިންވަރުނަ"އިގެ ހަތަރުވަނަ އަދަދުގައި ޝާއިޢުކުރައްވާފައިވާ ލިޔުމެކެވެ.) ______________ މި ލިޔުން:(ނިމުނީ) ފޮނުވުން: އިޔާޒު ޖާދުﷲ ނަސީމް (ފަންވަތުގެ އިދާރީ ލިޔުންތެރިޔެއް) އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިައލްބޯޑްގެ ފަރާތުން) ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ހުސައިން, 2011-04-16 07:39:42
ވަރަށް ޝައުގުވެރިކުރުވި މަޒުމޫނެއް، މިލިއުން ކިޔާފައި އަޅުގަނޑުގެ ހިތުގައި އުފެދުނު ވަރަށް ގިނަ ސުވާލު "ދަރިވަރު" ކުރައްވާފައިވާތީ އެސުވާލުތައް ތަކުރާރު ނުކޮށް، އަޅުގަނޑުގެ ހިތުގައި އުފެދުނު އެހެން ސުވާލެއް ދަންނަވާލަން، އެއީ، މިލިޔުމުގައިވާ ނަންތައް، "މުލަ ބައިސާގު، ގަމުރޯދި ދުވަސް، މޭސަމަކުރަންދިއޭ، މޭސަ ސަންގުރަމަނަ، ތުލަ ސަންގުރަމަނަ، ނާޑުކަތާއޭ" މިއިން އެއްވެސް ނަމެއް، ގައުމީ މަރުކަޒުން ނެރުއްވާފައިވާ ދިވެހި ބަސްފޮތް 2006 ސީޑީ އިން ނުފެނުނު ވާހަކަ، ވީމާ، މި މަޢުލޫމާތު ހޯއްދަވައި އެއްކުރެއްވިގޮތް ނުވަތަ ވަޞީލަތްތައް، ކޮންމެއަކަސް، ލިޔުން ތެރިން ނުވަތަ ލިޔުން ތެރިއާ ކުރައްވާފައިވާ މި ބުރަ މަސައްކަތައް ތަކުރާރުކޮށް ތަޢުރީފުކޮށް ޝުކުރު ދަންނަވަމެވެ.
...
ލިޔުނީ ޝާހިދު, 2011-04-16 21:00:44
މިއީ އަލްމަރްޙޫމް އިބްރާހީމް ސަޢީދުގެ ލިޔުއްވުމެއް. މަރްޙޫމް ނުޖަހައި އޮތީމާ ހީވަނީ މިހާރުގެ ލިޔުންތެރިއެއްހެން. އަލްމަރްޙޫމް އައްޝައިޚް އިބްރާހީމް ސަޢީދަކީ ދިވެހި އާދަކާދައާ ބެހޭ މިފަދަ އެތައް މަޒުމޫނެއް ލިޔުއްވި ބޭފުޅެއް. ނާއިބުކަމުގެ މަޤާމު އަދާކުރެއްވި ބޭފުޅަކަށް އެންމެ ފަހުން ދުނިޔޭގައި ހުންނެވި ބޭފުޅަކީ ވެސް މިހާރު އަވަހާރަވެފައިވާ އަލްމަރްޙޫމް އިބްރާހީމް ސަޢީދު. ފަތްތޫރަ އާއި މަދަރުސާ ކުދީންގެ މަޖައްލާތަކުގައި އިބްރާހީމް ސަޢީދުގެ މިފަދަ ލިޔުއްވުންތައް ވަރަށް ގިނައިން އެބަހުރި، އެ ލިޔުންތައް ވެސް އިންޓެނެޓުން މިގޮތަށް ފަންވަތުން ލިބޭނެކަމަށް އުއްމީދުކުރަން.
... ލިޔުނީ ރީމާ, 2011-04-16 21:26:28
މޭސަ ދިވެހި ބަހުން ކިޔަނީ "އޭރީސް" އަށް. މިއީ އޭޕްރީލް މަހު އަންނަ ދުވަސްވަރެއް. ތުލަ ދިވެހިބަހުން ކިޔަނީ "ލިބްރާ" އަށް މިއީ އޮކްޓޯބަރުތެރޭ އަންނަ ދުވަސްވަރެއް. މިއީ އިހުގައި ދިވެހިން އިރުވަރު ބެލުމުގައި ބޭނުންކުރި ނަންތަކެއް. ސަންގުރަމަނަ އަދި ބައިސާގު އަކީ ކޮންއެއްޗެއްކަން އަދި އަޅުގަނޑަށް ވެސް މިއުޅެނީ އޮޅުން ނުފިލައިގެން. ރަދީފު ބަލާލީމާ އެބަ އެނގޭ، "މުލަ" އަކީ "ފުރަތަމަ" މި މާނައިގައި ބޭނުންކުރެވޭ ބަހެއްކަން. މިސާލަކަށް މުލަރޯދަދުވަސް. އަދި "މުލައާނާންދައޯގަ" މި ލަފުޒުވެސް ރަދީފުގައި އެބައޮތް. މާނައަކީ "(ބދ.) ލާބަޔާ ނަޞްރުގެ އިރުވަރު." އެހެންކަމުން މިއީ އަހަރުގެ ފުރަތަމަ މަސް ނުވަތަ އެންމެ ރަނގަޅު އިރުވަރު މި މާނައިގައި ބޭނުންކުރެވިފައިވާ ލަފުޒެއްކަމަށް ގަބޫލުކުރެވޭ. ސަމަކުރަންދި އަކީ ރޯއްޖާ ބެހޭ ބަހެއްކަން ޔަޤީން ކުރެވޭ. އެއީ މިބަސް ބޯދާ ބަނދިތަކުގައި އައިސްފައިވާތީ. މުޙައްމަދު ޖަމީލުދީދީ "ޅެމާއި ޅެންވެރިކަން" މީގައި ވެސް ސަމަކުރަންދީގެ ވާހަކަ ދައްކަވާފައިވޭ. ދިވެހިބަހުގެ ރަދީފުގައި "ގަން" މިބަހުގެ މާނައަކަށް އޮންނަނީ "ރަށް" އެހެންވީމާ "ގަމުރޯދި" އަކީ "ރަށުރޯދި" ކަމަށް ބެލެވޭ، މިއީ ދަނޑުވެރިކަމާ ގުޅުންހުރި ލަފުޒެއްކަމަށް ގަބޫލުކުރެވެނީ. ދެން "ނާޑުކަތާ" އަށް ބަލާއިރު، ރަދީފުގައި "ނާޑު" ގެ މާނައަކީ "(1) މިލި އެކުވެރިވެފައިވާބައެއް. (2) ޖަމާޢަތެއް. (3) އެކުވެރިވެގެން ކަމެއްކުރާ އޮޅިޔެއް." ދެން "ކަތާ" ކިޔަނީ ބޯދާބަހުގައި "ވާހަކަ" ނުވަތަ "ޚަބަރު" މިބަހަށް. އެހެންކަމުން މިއީ "ޖަމާޢަތުގެ ޚަބަރު ނުވަތަ ވާހަކަ" ކަމަށް ބެލެވޭ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
އިބްރާހީމް ސަޢީދު މި މައޫލޫމާތު ހޯއްދެވި ވަސީލަތްތައް އެނގިދާނެތޯ؟
މި ދުވަހަކީ މުޅި ރާއްޖޭގައި ވެސް މި ގޮތަށް ފާހަގަ ކުރެވުނު ދުވަހެއްތޯ؟ ނޫނީ ފާހަގަކުރެވުނީ ބައެއް އަތޮޅުތަކުގައި ތޯ؟
މި ދުވަސް ފާހަގަކުރެވުނީ ކޮން ޒަމާނެއްގައިތޯ؟ ފާހަގަކުރުން އުވިގެން ދިޔައީ ކޮންދުވަސްވަރެއްގައި ކޮން ސަބަބެއް މެދުވެރިވެގެންތޯ؟
ސަގާފީއަހަރޭ މި ބުނަނީ ކޮން ގޮތަކަށް ތޯ؟ އެ އަހަރުގައި ހުންނަނީ މަސް ތޯ؟ ނުވަތަ ނަކަތްތޯ؟ އޭރު ވެސް މި ސަގާފީ އަހަރުގެ އިތުރަށް ހިޖުރީ އަހަރު ފާހަގަކުރޭތޯ؟ ސަގާފީ އަހަރުން ތާރީޚު ޖަހައި އުޅުނުތޯ؟ އުޅުނު ނަމަ ތާރީޚު ޖަހައިފައި ހުންނަނީ ކިހިނެއްތޯ؟
ބޮޑުމަސްބޭނުމާއި ފެންކުޅި ފަދަ ކަންތައް އީދުތެރެއަށް ބަދަލު ވީ ކިހިނެއްތޯ؟ ނޫނީ އެކަން މި ދުވަހު ވެސް އަދި އީދު ދުވަހު ވެސް އޮންނަނީތޯ؟