މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އިސްލާމީ ތަހުޒީބުގެ ނާރެހަކީ، މުޙައްމަދީ ރިސާލަތެވެ. (2) |
|
|
| ދިވެހި - އާދަކާދަ | |||
| 01 ޖުލައި 2011، 18:59 ހުކުރު | |||
22 ޖޫން (ބުދަ) އާ ގުޅޭ..ޙައްޤާއި ބާޠިލް އޮޅުވައިލުމުގެ ކެމްޕޭނެއްޢަބްދުﷲ ފާރޫޤު ޙަސަން އެހެންކަމުން ކްރިސްޓިޔަނުން ކަށީގެމަދުން ހިތްވަރު ނެރެގެން މަސައްކަތްފެށީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތުގެ ދަޢުވާއަކީ އިތުރުފުޅެއްކަން ސާބިތުކުރެވޭތޯއެވެ. ކީރިތި ޤުރްއާނަކީ އިތުރުސާހިބާގެ އަމިއްލަފުޅު ތަޞްނީފެއްކަމުގައި މީހުން ލައްވައި ޤަބޫލުކުރުވޭތޯއެވެ. އިތުރުސާހިބާ އެފޮތް "ތަޞްނީފު ކުރެއްވީ" ކްރިސްޓިޔަނުންނާއި ޔަހޫދީންގެ ގާތުން ވަނދުހޮއްވަވައިގެން ކަމުގައިވެސް ވާހަކަދެއްކިއެވެ.
ކީރިތި ޤުރްއާނުގެ އުސްލޫބާއި އެފޮތުގެ މައުޟޫޢުތަކުގެ ބާވަތަށްބަލާއިރު އެފޮތަކީ މާތްﷲގެ ކަލާމްފުޅުގެ ނަންދިނުން އެކަށީގެންވާ ފޮތެއްނޫންކަމަށްވެސް ދަޢުވާކުރިއެވެ. ކްރިސްޓިޔަނުންގެ މިވާހަކަތަކަކީ އެއްވެސްޙާލެއްގައި ޢިލްމީ އޮށްޓަރެއް ނުވަތަ ބުރަދަނެއްހުރި ވާހަކަތަކެއްނޫނެވެ. އަނދިރިކަމުގެ ދުވަސްވަރު (Dark Ages) ވެސް މެދުތެރޭ ޤަރުނުތަކުގައި (Medieval Age) ވެސް ޒަމާނީ ޚިޔާލުތަކުގެ (Enlightenment) ދައުރުގައިވެސް ކްރިސްޓިޔަނުންވަނީ މިދެންނެވި މަޤުޞަދުގައި އިތުރުސާހިބާގެ ޝަޚްޞިއްޔަތުގައި ނުހަނު ދަށުދަރަޖައިގެ ދޮގު އިލްޒާމުތަކެއް އަޅުވައިފައެވެ. އިތުރުސާހިބާގެ ޙަޔާތްޕުޅުގެ ކޮންމެ ޙާދިޘާއެއްވަނީ ނުހަނު ވިޔާނުދާ ގޮތްގޮތަށް މާނަކޮށްފައެވެ. އިތުރުސާހިބާގެ ރީތި ސުލޫކާއި މާތްސީރަތު ޙަޤީޤަތާ ޚިލާފަށް ހުތުރު ސިފައެއްގައި ދުނިޔެއަށް ހާމަކުރާން އުޅެފައެވެ. އެބައިމީހުން ވާހަކަދައްކައިފައިވާގޮތުގައި އިތުރުސާހިބާގެ އަރިހަށް ޞަޙާބީން ޖަމާކުރައްވައިފައިވަނީ ކަނޑިކޮޅުގެ ބާރުގައި ލޭއޮހޮރުއްވަވައިގެންނެވެ. ޤަތުލާއި ފޭރުމާއި ލޫޓުވުމުގެ ވަސީލަތުންނެވެ. ޖިންސީ އަދި ދުނިޔަވީ މީރުކަންހޯދުމުގެ ހުޅުވައިލެވިފައިވާ ހުއްދައެއް ދެއްވައިގެންނެވެ. ދޮގުހަދައިގެން މިވާހަކަތައްދެއްކުމުގައި ކްރިސްޓިޔަނުން ބޭނުންކޮށްފައިވަނީވެސް އިންތިހާ ދަރަޖައިގެ ހަޑިހުތުރު ބަހުރުވައެކެވެ. އެވާހަކަތައް ބަޔާންކުރަންވެސް ބިރުގަންނަންޖެހޭފަދަ ބަހުރުވައެކެވެ. އަޅުގަނޑު އޭގެތެރެއިން ބައެއް ވާހަކަތައް މިތާނގައި މިނަކަލުކުރަނީ ހިތާ ދެކޮޅަށެވެ. އަޅުގަނޑުމެންގެ ޢަދުއްވުން ދައްކައިއުޅޭ ވާހަކަތައް އެނގިފައި އޮތުމަކީ އެވާހަކަތަކުގައިހުރި ޙަޤީޤަތާ ޚިލާފުކަން ވިސްނައިގަތުން ފަސޭހަވާނެ ކަމަކަށްވާތީއެވެ. އެވާހަކަތަކުގެ ރައްދުގައި ދައްކާނެ ހެކިތައް ހޯދައިގަނެވޭނީ އެވާހަކަތައް އެނގިގެންކަމުގައިވާނެތީއެވެ. އާދެ މިދެންނެވި ޒަހަރުން ކަޅިވެފައިވާ ވާހަކަތައް އެންމެފުރަތަމަ އީޖާދުކުރީ ސެއިންޓް ޖޯން އޮފް ދިމިޝްޤެވެ (މ. 753) އޭނާއަކީ ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ކުރީން އުމަވީ ދަރުބާރުގައި މަތީމަޤާމެއްގައި ހުރި މީހެކެވެ. އޭނާއަށް އިސްލާމްދީނާއި މުސްލިމުންގެ މާތްކަމާއި މަތިވެރިކަން އޮންނާނީ އެނގިފައެވެ. އޭނާ މުސްލިމުންގެތެރޭގައި އުޅުނީ ޝުކުރުވެރިވާންޖެހޭފަދަ ނިޢުމަތުގައެވެ. ނަމަވެސް ޙަސަދަވެރިކަމަކީ މީހާ ކަނުކޮށްލާ ކަމަކަށްވަނީއެވެ. އާދެ އޭނާ ލިޔެފައިވެއެވެ. "ބަނީ އިސްމާޢީލުގެ ތެރެއިން މުޙައްމަދެވެ ކިޔުނު ދޮގުވެރި ނަބިއްޔަކު ފާޅުވިއެވެ. އޭނާ ތައުރާތާއި އިންޖީލު ދަނެއެވެ. ޢީސާއީ ރާހިބެއްގެ ގާތުންވެސް އެޢިލްމު އުނގެނުނެވެ. އެ ގިއްޗާއި ފައްކާ މަޢުލޫމާތުގެ އަލީގައި އޭނާ ކްރިސްޓިޔަނިޓީގެ ބަދަލުގެނެސްފައިވާ ބާވަތެއްގެ މަޒްހަބެއް އުފެއްދިއެވެ. އޭނާއަކީ ކަލާނގެ ކިބަފުޅަށް ބިރުވެތިވާ މީހެއްކަމުގައި ވާހަކަދައްކައި އޮޅުވާލައިގެން މީސްތަކުންލައްވައި އެމަޒްހަބު ޤަބޫލުކުރުވިއެވެ. އޭނާއަށް އުޑުން މުޤައްދަސް ފޮތެއް ބާވައިލެއްވޭކަމުގެ ދޮގުވާހަކަ ފެތުރިއެވެ. އެފޮތުގައި ހެއްވާ އެއްޗެހިތަކެއް ޖަމާކޮށްފައި އޭނާއާ ތަބާވާ މީހުންނާ ޙަވާލުކުރިއެވެ. ނަމަވެސް ޢީސާގެފާނާއި މޫސާގެފާނު ފަދައިން އޭނާއަށް ވަޙީ އަންނަކަމުގެ އެއްވެސް ހެއްކެއް އޭނާއަކަށް ނުދެއްކެއެވެ. އެއްވެސް މުޢުޖިޒާއެއްވެސް ގެނެހެއްނުދެވެއެވެ. ޒައިދުގެ އަންހެނުން ޒައިނަބާ ކާވެނިކުރުމަށްޓަކައި ތިމާ ރުހޭގޮތަށް އާޔަތެއް ހަދައިލި މީހެއްގެ ވާހަކަޔަށް އަހަރެމެންނަށް އިތުބާރުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟" (Encounters and Clashes: Islam and Christianity in History II, Rome) އިސްވެދެންނެވި ބާވަތުން އިތުރުސާހިބާގެ ޠާހިރު ސީރަތު ހުތުރުކުރަން މަސައްކަތްކުރި ދެވަނަ މީހަކީވެސް މުސްލިމުންގެ ހެވަތާގައި އުޅުނު ބަތާހަރާމީއެކެވެ. ޚަލީފާ މައުމޫނުއްރަޝީދު (813-833) ގެ ދަރުބާރުގައި ގެންގުޅުއްވި ކްރިސްޓިއަން ފާދަރެކެވެ. އޭނާ ޢަބްދުލްމަސީޙު އަލްކިންދީގެ ގަލަމީ ނަމުގައި އައްރިސާލާއެވެ ކިޔުނު ޚިޔާލީ ޑައިލޮގެއް އެކުލަވައިލިއެވެ. އިތުރުސާހިބާއާ ދެކޮޅަށް ވިހަފަތުރަމުން އޭނާ ލިޔެފައިވެއެވެ. "މުޙައްމަދަށް އޭނާގެ ނަބީކަމަށް ތާއީދުކުރާ އެއްވެސް ދަލީލެއް ދެއްކިފައެއް ނުވެއެވެ. މުޢުޖިޒާއެއް ގެނެސްދެވިފައެއް ނުވެއެވެ. ޤުރްއާނަކީ މުޅީންވެސް ޔަހޫދީންނާއި ނަޞާރާއިންގެ ގާތުން އަޑުއަހައިގެން ލިޔެފައިހުރި ވާހަކަތަކެކެވެ. އެފަދަ ފޮތެއް އިލާހީ ކަލާމުފުޅަކަށްވާނީ ކިހިނަކުން ހެއްޔެވެ؟" (މި މައިގަނޑުނަމުގައި ދެއްވާނެ ޖަވާބުތަކެއް ހޯއްދަވަން ބޭނުންފުޅު ބޭފުޅުން އަޅުގަނޑު ލިޔެފައިވާ ޤުރްއާނުގެ މަތިވެރިކަން މިފޮތާއި، ރަސޫލާގެ މަތިވެރިކަން މިފޮތާއި ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ، ރީތި ސީރަތުގެ ޢިލްމީ އަދި ތާރީޚީ ދިރާސާ 1، 2 މިފޮތްތައް ވިދާޅުވުން އެދެމެވެ.) މިޤަރުނު ފެށެންދެންވެސް އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައާމެދު ޔޫރަޕުގެ ވިސްނުމާއި ފިކުރު ފަރުމާވަމުން އައީ ސެއިންޓް ޖޯނާއި ޢަބްދުލްމަސީޙުގެ ލިޔުންތަކުގެ ގިއުގަނޑުގެ ތެރޭގައެވެ. އެދެމީހުންގެ ލިޔުންތައް ޔޫރަޕުގެ އެކި ބަސްބަހަށް ތަކުރާރުކޮށް ތަރުޖަމާކުރަމުން ގެންދިޔައެވެ. ޔޫރަޕުގެ މުފައްކިރުން ގުރާތަކެއްގެ ބީދައިން ފަށްފަށްކުރަމުންއައީ އެވާހަކަތަކެވެ. މީލާދީން ބާރަވަނަ ސައްތައިގައި އައްރިސާލާގެ ލެޓިން ބަހުގެ މުދީރު ޢަބްދުލްމަސީޙުގެ ރިސާލާ އިނގިރޭސި ބަހަށް ތަރުޖަމާކުރިއެވެ. އެތަރުޖަމާ ލަންޑަނުގައި ޝާއިޢުކުރިއެވެ. އާދެ، ކުރީންވެސް ދެންނެވިފަދައިން ވޭތުވެދިޔަ ދިގު ޒަމާންތަކުގައި ކްރިސްޓިޔަން ފާދަރުންނާއި ޔޫރަޕުގެ ސްކޯލަރުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ބެހޭގޮތުން ދައްކަމުން އަންނަ ވާހަކަތަކަކީ ސެއިންޓް ޖޯނާއި، ޢަބްދުލްމަސީޙު އުފެއްދި ވާހަކަތަކެވެ. އެވާހަކަތައް އަންނަނީ މައިގަނޑު ތިން ނަމެއްގެ ދަށަށެވެ. އެއީ: 1. ކީރިތި ޤުރްއާނަކީ ޔަހޫދީންނާއި ނަޞާރާއިން ކޮޕީކުރައްވައިގެން އުފައްދަވައިފައިވާ ދެކޮޅުދިމާނުވާ ވާހަކަތަކެއްގެ މަޖުމޫޢާއެކެވެ. 2. އަޚުލާޤީ އިލްޒާމުތައް 3. އެހެނިހެން ސިޔާސީ ވެރީން ފަދައިން ދަނޑިވަޅުގެ ބޭނުންކުރެއްވުމާއި، ކެހިވެރިކަމާއި މަކަރުވެރިކަމުގެ ޙަރަކާތްތައް ހިންގަވައިފައިވާކަމުގެ އިލްޒާމު (ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅަމެންގެ ފާފަފުއްސަވާނދޭވެ! މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އިނބަރަސްކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅަމެން ހިތްތަކުގެ އަޑީން ޤަބޫލުކޮށް އީމާންވަމުއެވެ.) އަޅުގަނޑު މިވާހަކަތައް ނަކަލުކުރުމުގައި އިސްވެދެންނެވި މަޤުޞަދު ފިޔަވައި އެހެން ބޭނުމެއްވެސް އެބައޮތެވެ. އާދެ އެއީ އަންނަނިވި ޙަޤީޤަތް ހާމަކޮށްލުމެވެ. ދުނިޔެ މިހާރު ވަނީ އެކާވީސްވަނަ ސައްތައިގެ އޮޅިގަނޑު ގިރާކޮށްފައެވެ. މުސްލިމުންނާއި ކްރިސްޓިޔަނުންގެ ވާދަވެރިކަމުގެ ތާރީޚުވަނީ ސާދަ ޤަރުނަށް ދެމިގެންއައިސްފައެވެ. ކްރިސްޓިޔަނުން މިހާރު ޢާއްމުކޮށް ޤަބޫލުކުރުވާން މަސައްކަތްކުރާގޮތުގައި މުސްލިމުންނާއި ކްރިސްޓިޔަނުންނާ ދެމެދު ގާތްގުޅުންތަކެއް އެބައޮތެވެ. ޒަމާން ބަދަލުވެއްޖެއެވެ. ދުނިޔޭގައި ސައިންޓިފިކް ދައުރެއް ވަނީ ފެށިފައެވެ. ނަމަވެސް ޔޫރަޕުގެ ފިކުރީ އުފެއްދުންތަކަށްވެސް ޚިޔާލުފާޅުކުރުމުގެ ބަހުރުވައަކަށްވެސް ޙަޤީޤީ ބަދަލެއް ނާންނަކަން ހާމަކުރުމަށެވެ. އާދެ، ވެޓިކަނާއި، މޮންޓްގޮމަރީ ވޮޓާއި، ކެނެތު ކްރެއިގާއި މިހުރިހާ އެންމެންވެސް ކިޔަނީ އެއް ލަވައެކެވެ. ބަދަލުވީ ލަވަކުޅޭ އާލަތްތަކެވެ. ލަފުޒުތައް ތަންކޮޅެއް ތަހުޒީބު ވެލިޔަސް އިލްޒާމުތަކަކީ ހަމަ އެއް އިލްޒާމުތަކެކެވެ. ގޮވަނީ އެއް އެއްޗެހިތަކެކެވެ. ތަހުޒީބުގެ ކޯޓުފަޓުލޫނުގައެވެ. ބަހުރުވައާއި ތަޢުބީރުތައްވަނީ މިޒަމާނުގެ ސިކުނޑިތައް ޤަބޫލުކުރާގޮތަށް ބަދަލުކޮށްފައެވެ. ނަމަވެސް އަޑީގައިވަނީ ހަމަ އެކައްޗެކެވެ. ފިހެފައި ހުއްޓަސް ތެލުލައިފައި ހުއްޓަސް ހަމައެއްމަސްގަނޑެކެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމައާ ބެހޭގޮތުން މެދުތެރޭގެ ޤަރްނުތަކުގައި ކްރިސްޓިޔަނުން ދެއްކި ވާހަކަތަކުގައިވެއެވެ. "ޤުރްއާން ގެނެވުނީ ފިރިހެން ގެރިއެއްގެ ދަޅުމަތީގައި ބާއްވައިގެންނެވެ. ވަލުކޮތަރެއް އައިސް އިތުރުސާހިބާގެ ކަންފަތްޕުޅުދޮށުގައި ވަޙީއިއްވުމުގެ ކެހިވެރިކަމުގެ ކުޅިވަރު ކުޅެއެވެ. އިތުރުސާހިބާއަކީ ވެއްޓޭބަލީގެ އާލާސްކަންފުޅު ހުރި ބޭކަލެކެވެ. ސިޙުރުވެރިއެކެވެ. މީހުން ސިހުރުގައި ޖައްސަވައެވެ. ޖިންނީންނާއި ޝައިތާނުންވަނީ އެކަލޭގެފާނުގެ މައްޗަށް ބާރުފޯރުވައިފައެވެ. މުރުތައްދުވެފައިހުރި ފާދިރީއެއް މެދުކެނޑުމެއްނެތި ކިޔަވާއަރުވައިދެމުންގެންދިޔައެވެ." ނަމަވެސް މިއަސްލެއްނެތް ވާހަކަތަކުގެމަޤާމު މިހާރުހޯދައިފައިވަނީ ނަފްސާނީ، އިޖުތިމާޢީ، މަޢީޝީ، ސިޔާސީ ޑައިލޮގުތަކެވެ. މިޒަމާނުގެ ސިކުނޑިތަކާ ތަންކޮޅެއް ރައްޓެހި ކަހަލަ ވާހަކަތަކެވެ. މިސާލެއްގެގޮތުން މެކްސިމް ރޮޑިންސަން، ސިގްމުންޑް ފްރޮއިޑުގެ މަގުދެއްކުމުގެމަތީން ކައުސާހިބާގެ ނަފްސިއްޔާތު ތަހުލީލުކުރުމެވެ. "ޤުރުއާނާއި މުޙައްމަދު ޢަރަބިކަރައިގެ ހަނަފަސް އަދި ބަދަވީ ދިރިއުޅުމުގައި"، "ޖާހިލިއްޔަތުގެ ވިޔާނުދާ ދައުރުގައި"، "މައްކާގެ އެކުވެރީންގެ ބާރުގެދަށުގައި"، "ޔަހޫދީ އަދި ޢީސާއީ ތަޢުލީމުގެ އަސަރުގައި"، "ޢަރަބީންގެ ސިޔާސީ ބޭނުންތަކުގައި"، މިފަދަ މައިގަނޑު ނަންތަކުގައެވެ. ކްރެގް (Cragg) ސުވާލުކުރެއެވެ. "ރަސޫލުވަންތަކަން އުފަންވީ ކޮންތަނަކުން ހެއްޔެވެ؟" ޚުދު އޭނާ މިސުވާލަށް ޖަވާބުދެއެވެ. "މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެކަން ހޯއްދެވީ ޢަރަބީން އެއްބައިވަންތަ ކުރެއްވުމަށެވެ. އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ޢަރަބީން އެއްބައިވަންތަކޮށް އެބައިމީހުންނަށް އަމިއްލަވަންތަކަމެއް (އައިޑެންޓިޓީއެއް) ހޯދައިދެވޭނީ އިލާހީ ފޮތަކަށެވެ. ޢަރަބި ބަހުގެ ޤުރްއާނަކަށެވެ." "އެކަލޭގެފާނަށް އެޔަޤީންކަން ލިބިވަޑައިގަތީ ކިހިނަކުންހެއްޔެވެ؟" "ކްރިސްޓިޔަނުންނާއި ޔަހޫދީންގެ ނަމޫނާއަށް ބައްލަވައިގެންނެވެ. އެބައިމީހުންނަކީވެސް އަހުލުކިތާބީންނެވެ." "ހަމްދަރުދީގެ" އެއްވެސް ލިޔުމެއްވެސް އިލާހީ ވަޙީގައި ޚާރިޖީ ގުޅުމެއްވާކަން ސާބިތުކޮށްދިނުމަށްޓަކައި "ޝައިޠާނީ އާޔަތްތަކުގެ" ވާހަކަ ނުގެނެހެއް ނެތެވެ. ސިޔާސީގޮތުން ދަނޑިވަޅުގެ ބޭނުންހިއްޕެވުމާއި ދުނިޔެއަށް ދަހިވެތިވެވަޑައިގަތުމުގެ ހެއްކެއްގެގޮތުން ނަޚްލާގެ ސަރިއްޔާގެ ވާހަކަ ގެނެއެވެ. "އަޚްލާޤީ ދަށުދަރަޖައިގެ" ހެއްކެއްގެގޮތުން ހުށަހަޅަނީ ޒައިނަބު ބިންތު ޖަޙްޝު ރަޟިޔަﷲ ޢަންހާއާ ކާވެނިބެއްލެވި ޙާދިޘާއެވެ. "ލެޔަށް ފެންބޮވައިވަޑައިގަތުމުގެ" ހެއްކަކަށް ދައްކަނީ ޤުރައިޟަތު ވަންހައިގެ މީހުންގެ ޣަދަރުވެރިކަމާގުޅިގެން އެވަންހައިގެ ބޮޑެތި ފިރިހެނުންކުރެ ބަޔަކު ޤަތުލުކުރެއްވުމެވެ. ------------ (ނުނިމޭ) މި ލިޔުން: ފޮނުވުން: އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުންބެލެނުން: އާދަމް ނަޞީރު އިބްރާހީމް ޝާއިޢުކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ ކިޔާމީހާ, 2011-07-04 13:36:25
އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަނަށް ޝުކުރާއި އައްސަރިބަސް ދަންނަވަން. ވަރަށް ފުރިހަމަ ލިޔުއްވުމެއް. ތިންވަނަބަޔަށް އިންތިޒާރުކުރަން. ފަންވަތުގެ ކިޔުންތެރީން ލިޔުންތަކަށް ވިދާޅުވުމާއި ރޭޓު ކުރެއްވުމުގައި ބައްލަވަނީ ލިޔުންތެރިޔާގެ ނަމަށްތޯ ސުވާލުކޮށްލާހިތްވޭ؟ މި ސުވާލުގެ ޖަވާބުވެސް އަޅުގަނޑަށް ހީވާގޮތަށް ދަންނަވައިލާނަން. "މި ސިލްސިލާގައި ފާރޫޤު ލިޔުއްވަމުން ގެންދަވާފަދައިން، ހުޅަނގުގެ މީހުން ނުވަތަ ޣައިރު މުސްލިމުން މުސްލިމުންގެ ސިކުނޑިތައް ދޮވެލުމަށް ކުރާ ބުރަ މަސައްކައްތަކުގެ އެއްނަތީޖާއަކީ މިފަދަ މައުޟޫޢުތަކަށް ލިޔެފައިހުންނަ ފޮތްތަކާއި މަޒުމޫނުތައް ކިޔަންވެސް މީހުން ބޭނުންނުވުން. އަދި ކިޔާލިޔަސް އެއީ މާބޮޑު ސަމާލުކަމެއްދެވޭ އެއްޗެއްކަމުގައިވެސްނުވުން. އެހެންވީމާ އަޅުގަނޑުމެންގެ މި ދިވެހި އިސްލާމީ މުޖުތަމަޢުގައިވެސް މިބައި ވަރަށް ގިނަ. މިފަދަ ލިޔުންތަކާމެދު ދެކެނީ ފޫހި ކަމުގެ ނަޒަރަކުން. ބޭނުންވަނީ ހެއްވާ، މަޖާ ލިޔުންތައް ކިޔައިގެން ހީނލަހީނލާތިބެން. އެކަމަކު އެހެންވާން އެބައޮތްތޯ؟؟ އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުން އަޅުގަނޑުމެންގެ ނަފްސުތައް ހަލާކުގެތެރެއަށް އެއްލާލައިގެން ތިބެންވާނެތޯ؟ އިސްލާމުންނަކީ މިއަދު ދުނިޔޭގައި އާރެއްބާރެއްނެތް ހަމައެކަނި ކޮޕީކުރަން ތިބޭ ކަނު ބަޔަކަށްވެގެން ތިބެވެން އެބައޮތްތޯ؟؟"
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|