ފަންވަތް ދިވެހި އާދަކާދަ ދިގުމަސް މެރުން
ބެލި ޢަދަދު: 1959
ދިގުމަސް މެރުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - އާދަކާދަ
13 ފެބްރުވަރީ 2009، 01:58 ހުކުރު

އާދަމް ނަޞީރު އިބްރާހީމް (2009)

އަޅުގަނޑު ކުޑަ އިރު، ރަށުން ވަރަށް ގިނައިން ދުށް މަންޒަރެކެވެ. ރަށުގެ ވަރަށް ގިނަ ބަޔަކު ކޮށް އުޅޭ ކެޔޮޅުކަމެކެވެ. އެ ކެޔޮޅުކަމަށް އެމީހުން ކިޔައި އުޅެނީ ދިގުމަސް މެރުމެވެ. ދިގުމަހަށް ދިޔުމޭ ވެސް ކިޔައި އުޅެއެވެ. ތޮއްޑޫ މީހުންގެ ބަސްމަގުގައި ދިގުމަހޭ ކިޔަނީ،  އާންމުކޮށް ރާއްޖޭގެ ގިނަ މީހުން ކުރުމަހޭ މި ކިޔާ މަހަށެވެ.

ދުލަށް ކުރު، ލޮލަށް ދިގު މަހެއް ދޮގެއްތޯއެވެ؟

މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ، ދިގުމަސް، ނުވަތަ އާންމުކޮށް ދިވެހިން ދަންނަ ކުރުމަސް މެރުމުގެ ކެޔޮޅުކަން ކުރާ ގޮތަށެވެ. ޚާއްޞަކޮށް ތޮއްޑޫގައި މި ކެޔޮޅުކަން ކޮށް އުޅޭ ގޮތަށެވެ. އެހެންކަމުން، ލިޔުމުގައި ބޭނުންކުރެވޭ މަސައްކަތު ނަންތައްވެސް ބޭނުން ކުރާނީ، ރަށު މީހުން އެބަސްތައް ބޭނުން ކުރާތީ، އަޅުގަނޑަށް އިވިފައިވާ ގޮތަށެވެ.

މޫސުމާއި، މަސް އުޅޭ ހިސާބު:


އާންމުކޮށް ދިގުމަހަށް ނިކުމެ އުޅެނީ ކަނޑު މަޑު ދުވަސްވަރު އެވެ.  ކެޔޮޅުކަން އޮންނަނީ، ރަށުގެ ބޭރުމަތީގައެވެ.  އޮއިމަތީގައެވެ. އޮއިކަނު ދަނޑިފަށް، ފަސްދީ ކުޑަ ތަންކޮޅެއް ބޭރަށް ނެރެލައި އޮޑި ބާއްވަ އެވެ.

މީހުންގެ ޢަދަދު:


މި ކެޔޮޅުކަމަކީ، ދެމީހުން ވެގެން ކުރާ ކެޔޮޅުކަމެކެވެ. އެކަކީ،  މަހަށް ހަމަލަދޭ އިސް ކެޔޮޅެވެ. އަނެކަކީ، ހޭމަސް ކާއްތާ އަތްދަށު ކެޔޮޅެވެ. ފަލިޖެހައި އޮޑި ފަރާތްފަރާތަށް ގެންދިޔުމުގެ ބައި އަދާ ކުރާނީ ވެސް އަތްދަށު ކެޔޮޅެވެ. ބައެއް ފަހަރަށް ދެމީހުން އެކީ ވެސް ފަލި ޖަހާނެއެވެ.

ބޭނުން ކުރެވޭ ތަކެތި:


މި ކެޔޮޅުކަން ކުރަނީ، ގާތްގަނޑަކަށް ހަރިޔަނު ދޯންޏެއްގައެވެ. މަސައްކަތުގައި ބޭނުން ކުރެވޭ އާލާތްތަކުގެ އަދަދު މާގިނައެއް ނޫނެވެ.

1-     ދިގުމަހު ބުޅި
2-     ދިގުމަހު އޮނު
3-     ހޭމަސް
4-     ހޭމަސް ދަނޑި
5-     ހެތުރު
6-    ދެތިން ފަންވަތް
7-    ފުޅަނގި ބާނާ ސާމާނު (ބައެއް ފަހަރަށް)

ކެޔޮޅުކަން ކުރާގޮތް


ދިގުމަސް މަރާ މީހުން  އެ ކެޔޮޅުކަން ކުރުމަށް އާންމުކޮށް ނިކުމެ އުޅެނީ، ހެނދުނު ހަތެއް އަށެއް ޖަހާލީމައެވެ. އެންމެ ފުރަތަމަވެސް ދެމީހުންވެގެން ފަލި ޖަހާލާފައި ގޮސް އޮއިކަނު ގައި މަޑު ކޮށްލާނެއެވެ. ފުޅަނގި ބޭނުމަށެވެ. ދެ ފުޅަނތްގެއްވަރު ބޭވުނީމާ އެ އޮތީ ހޭމަހުގެ ގޮތުގައި ބޭނުން ކުރާނެ ރޯމަހެއް ލިބިފައެވެ. ފުޅަނތްގެއް ނުބޭވިއްޖެނަމަ، ދެން ބޭނުން ކުރާނީ ލަކުޑިން ހަދާފައިވާ ހޭމަހެވެ.

ފުޅަނގި ބާނައިގެން މަޑު މަޑުން ފަލިޖަހާލާފައި، ދޯނި ގެންނާނީ އަތްދަށަށެވެ. ރަށުގެ އުރަފަށް، ނުވަތަ ހޭފަށް މައްޗަށް އަރަންދެންނެވެ. ބޭނުމަކީ، މޭރުމަތީގެ ގަދަ އޮއިން ސަލާމަތްވުމެވެ. ހޭފަށުން ޖަހާލައިފައި މަޑުމަޑުން ގޮސް ދެން އޮޑި ނެރޭނީ ރަށުގެ އޮއިމަތި ފަރާތަށެވެ. އެތާ އޮންނަ އޮއިކަނުގެ ބޭރަށް ޖެހިލައި، އޮޑި ބާއްވާލާނެއެވެ.

މަސްމެރުމުގެ ތައްޔާރީތައް:


މި ހާ ހިސާބުން ދެން އޮންނާނީ ފުޅަނގިވާލުމެވެ. ދިގުމަސް އޮނުނަގައި ދިގުމަސް ބުޅި ވެއްތުން ކުރިޔަށް ދާނެއެވެ. ފަންވަތުގެ ދެއަރީގެ މުއިވާ ނަގައި އެއްލައި ލުމަށްފަހު، ދިގުމަސް އޮނުގައި ބުޅިވައްތާނެއެވެ. ހެތުރު ނަގައި ދިގުމަހު ބުޅީގެ ކޮސަގަނޑުން މަޅިބައްދައި، ހެތުރުގެ ދަށުކޮޅު ދޯނީގެ ކޮޅުފަސްކޮޅު އިންނަ ފަތު ދަށުން ހަތްކަކަށް އައްސާނެއެވެ.
މި ކަންތައްތަކަށް ފަހު، އިސްކެޔޮޅު ހަމަނޭވައި ލައިފާނެއެވެ. ބިޑި ސުއްޓާ ސިނގިރޭޓުގެ ''ދުންބުރުވައި އުޅޭ'' މީހެއްނަމަ އެ ފަދަ އިސްތިޢުމާލެއް ކޮށްލައި ހަމަޖެހިލާނެއެވެ. އޭރު، އަތްދަށުކެޔޮޅު ހޭމަސް ނަގައި، ފެނުގައި ކާއްތަމުން ދާނެއެވެ.  މި ހުރިހާ ކަމެއް ހިނގާނީ ދޯނީގެ ކޮޅުފަސްކޮޅު މަޅު މަތީގައެވެ.

ހޭމަސް ކޭއްތުމާއި، އޮޑި ދަށަށް މަސް އައުން:


ހޭމަސް ކާއްތަން ފެށުމުން އެ ހިސާބުގައި ދިގުމަސް ތިބި ނަމަ ހޭމަހާ ދިމާޔަށް އަންނަން ފަށާނެއެވެ. ބައެއް ފަހަރަށް އަޑިންނެވެ. އަނެއްބައި ފަހަރަށް އަރިއަރިމަތިންނެވެ. ބައެއް މަސް މަޑުމަޑުން ނަލަޔަށް ދުވެލައިފައެވެ. އަނެއްބައި މަސް ރުޅިއައިސްގެން ކޮތަރި ނަގައިފަ އެވެ.

ހޭމަސް ކޭއްތުމަކީ، ވަރަށް ހުނަރު ބޭނުންވާ ކަމެކެވެ. އެއްގޮތެއްގައި ވަރަށް ނުރައްކާތެރިވެސް ކަމެކެވެ. ސަބަބަކީ، އެ އަންނަ ދިގުމަހުގެ ފާޑު (ޠަބީޢަތު) ދެނެ ނުގަނެވިއްޖެއްޔާ، ނުވަތަ އެ ފާޑާ އެއްގޮތަށް ހޭމަސް ބޭނުން ކޮށްގެން މަސް ކޮންޓުރޯލު ނުކުރެއްވިޖެއްޔާ، އަންނަ ގޮތަށް އައިސް ދޯންނަށްވެސް އަރައިފާނެއެވެ. މީގެ އަށެއްކަ މަސް ކުރިން، ތޮއްޑޫން ދިގުމަހަށް ނިކުތް ބައެއްގެ ދޯނި ތެރެއަށް މިގޮތުން ފުންމާފައި އައިސް ޖެހިގަތް ދިގުމަހެއްގެ ތުންގަނޑު އެއައި ގޮތަށް އައިސް ތޮރުފުނީ އަތްދަށު ކެޔޮޅުގެ ކޮލަށެވެ. ނަސީބަކުން އޭނާގެ ފުރާނައަކަށް ގެއްލުމެން ނުވެ އެވެ.


މަސްމެރުން:


މީގެ ހައެއްކަ މަސް ކުރިން ކުރުމަހަށް ނިކުތް ބަޔަކު ބުނާ ގޮތުގައި އެމީހުން ހޭމަސް ފެނަށް ވާޓާލާފައި ކަނާތަށް ފިރާލާފައި، ވާތަށް މަސް ފިރާލި އިރު ބޮޑު،  ދިގުމަހެއް  ހުރީ އަރާ ހިކިފައެވެ. އެކަމަކު ރުޅި އައިސް ރަތްވެފައެވެ. ދެން ކުއްލިއަކަށް ހޭމަސް ފެނުން ކަނޑުވާލަން ޖެހެއެވެ. ހަމަ އެ ވަގުތު ފެނު ޖައްސާލަންވެސް ޖެހެއެވެ. މި ގޮތަށް ދެތިން ހަތަރު ފަހަރު ހަދާލުމުން، އެސޮރު ހަމަޔަކަށް އެޅި، ރުޅިމަޑުވެގެން ދާނެ އެވެ. ދެން ހިމޭންކަމާއެކު ވާތަށް ހޭމަސް ދަމާލީއެވެ. އޭރު ހޭމަސް ދަމާ މީހާ ( އަތްދަށު ކެޔޮޅު) ހުންނާނީ އިސްކެޔޮޅުގެ ފަހަތަށް ޖެހިލައެވެ. ދެ މީހުންވެސް އެނބުރި ތިބޭނީ، ކޮޅުފަސްކޮޅު މައްޔަލާ ދިމާއަށެވެ. އިސްކެޔޮޅު ތައްޔާރުވަމުން ދާނީ، ދިގުމަސްބުޅި ނަގައި އަތަށް ހެޔޮވަރު ކޮށްލާށެވެ. ދިގުމަސް އޮނުގައި ހިފާނީ ކަނާތްތެރިޔަކު ނަމަ ވާތް ކުރިޔަށް ވާގޮތަށެވެ. ބުޅިޔާ ވީ ކޮޅުގައި ހިފަހައްޓާނި ވާތުންނެވެ. އޮނުގެ ފުލާވީ ކޮޅުގައި ހިފަހައްޓާނީ، ކަނާއަތުންނެވެ.  އާންމުކޮށް މަހަށް ހަމަލާ ދޭނީ، ހުރަސް މައްޗަށް އެރުމުންނެވެ. ހުރަސް މައްޗަށް އެރުމަކީ، އިސްވެ ދެންނެވި ގޮތަށް މަޅުމަތީގައި ދެމީހުން ތިބޭއިރު، ކޮޅުފަހު މައްޔަލުން ވާތަށް ހޭމަހުގެ ފުލުން ދިގުމަސް ފިރާލުމެވެ. އޭރު އޮނު އޮންނާނީ ހެޔޮ އަތް މައްޗަށެވެ. ނުއަތްމައްޗަކަށް ނޫނެވެ.

އަހަނ ތަކުރާ ދެންދެން!!


މިހާރު ހޭމަހު ފުލުން ދިގުމަސް މަޑުމަޑުން އެހެރަގެންގޮސް ހުރަސްމަތި ވަނީއެވެ. ހަމަލާދޭން އެންމެ ފަސޭހަ ހިސާބާ އަރާ ހަމަވަނީއެވެ. ހޭމަސް ދަމާމީހާ މަޑުމަޑުން ހޭމަސް ފެނުތެރެއަށް ހުއްޓުވާލަނީއެވެ. މި ވަގުތު އަނހާ ހުތް، ކިޔާފައި އިސްކެޔޮޅު ދިގުމަހުގެ ކޮތަރިމަތިން މައިކަށްޓަށް ބުޅިން ހަމަލާދެއެވެ. ގައިހުރި ބާރަށް ޖަހާ ގަޅާލައެވެ. ހަމަލާ ދިނުމާއެކު، ބަޑިއަޅަައިފައި މަސްތެޅިފޮޅިގަންނާނެއެވެ. ދުވެގަނެވޭތޯ އުޅޭނެއެވެ. އެވަގުތު ދިގުމަސް އޮނުގައި ވައްތައިފައި އޮތް ބުޅި، ފަންވަތްތައް ކެނޑިކެނޑިގެން ގޮސް އޮނުން ނެއްޓިގެންދާނެއެވެ. ކެޔޮޅުގެ ޚުޝިޔާރުކަމުން، އޮނު ދޯނިތެރެއަށް އެއްލާނެއެވެ. އަނެއް ކޮޅުން މަސްވެސް ލަސްނުވެ ދޯނީވަތުތެރެއަށް ޖަހާ ކަހާލައިފާނެއެވެ.

 (ނިމުނީ)




ކުރުމަހާބެހޭ ޚާއްޞަ އިތުރު މަޢުލޫމާތު:

ކުރުމަސް(އިނގިރޭސި ބަހުން: Acanthocybium solandri)ނުވަތަ އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އުޅޭ ގަދަ ނޫކުލައަކަށް ހުންނަ މަހެކެވެ. މިއީ ދިގުކޮށް ހިމަކޮށް އިންނަ މަހެކެވެ. މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ކުރު މަހުގެ ދިގުމިނުގައި 8 ފޫޓް ބަރުދަނުގައި 83 ކިލޯ ގްރާމް ހުރިކަމަށް ފާހަގަ ކުރެވިފައި ވެއެވެ.

ކުރު މަސް ގަނޑިއަކު 47 މޭލަށް ދަތުރުކުރާކަން ފާހަގަ ކުރެވިފައި ވެއެވެ. ކުރު މަހަކީ ވަރަށް އަވަހަށް ބޮޑުވާ މަހެކެވެ. އެއް އަހަރުގެ ތެރޭގައި 11 ޕައުންޑް އިން މަހުގެ ބަރުދަން 33 ޕައުންޑް އަށް އުފުލިގެން ގޮސްފައިވާ ކަމަށް ދިރާސާއެއް ހެދުމަށް ފާހަގަ ޖެހި ކުރުމަހަކުން ސާބިތުކުރެވިފައި ވެއެވެ.

ކުރުމަސް އަކީ އާންމު ގޮތެއްގައި އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މަހެކެވެ. މިއީ ހޫނު ކަނޑުތަކުގައި އުޅޭ ވަރަށް ހަލުވި މަހެކެވެ. އެންމެ ބޮޑު ކުރުމަހެއްގެ ގޮތުގައި ދުނިޔޭގައި ރިކޯޑް ކުރެވިފައިވަނީ 2.1 މީޓަރުގެ ދިގުމިން ހުރި، 80 ކިލޯ ގްރާމްގެ ކުރުމަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ އަނގަޔަށް މީރު މަހެކެވެ.

ކުރު މަހަކީ ދިގު މަހެކެވެ. އަނގަ ވަަރަށް ބޮޑެވެ. އެއްބަރިއަށް އުފެދިފައި ހުންނަ ގަދަފަދަ ދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮަ ތަރިބައިގައި 27-23އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ހުރެއެވެ. މަހުގެ މަތީ ބައިގަޔާއި، ބަނޑު ދަށްފަރާތުގައި ވަކިވަކިން ހުންނަ ކޮތަރި ބައިގެ އަދަދަކީ 8 ނުވަތަ 9 އެކެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައަކަށްދާ ފެހި ކުލައެކެވެ. މަހުގެ ދެފަރާތުގައި 24އާއި 30 އާއި ދެމެދުގެ އަދަދަކަށް ކަޅުކުލައެއްގެ ރޮނގުތަކެއް ހުރަހަށް ދެމިފައި ހުރެއެވެ.

ކުރުމަސް ކަނޑުގެ ދެފެން ދޭތެރޭގައި މަދު އަދަދަކަށް ބަައިބަޔަށް އައިން ހަދައިގެން އުޅެއެވެ. މިގޮތަށް އައިން ހަދައިގެން އުޅެނީ އާންމުކޮށް އެއް އިސްކޮޅެއްގެ މަހެވެ. ކުރުމަހުގެ ކާނާއަކީ ކަނޑުމަހުގެ ކުދި ބާވަތްތަކާއި، ފުޅަނގި އަދި ކަނޑުގެ މަތީބައިގައި އުޅޭ އެހެނިހެން މަސްމަހާއި، ބޯވަ ދިލަ މަހެވެ. ރާއްޖޭގައި ވަދުއަޅައިގެންނާއި، ހޭމަސް ހަދައިގެން ކުރުމަސް ބާނައި އުޅެއެވެ.


Retrieved from "http://dv.wikipedia.org/wiki/%DE%86%DE%AA%DE%83%DE%AA_%DE%89%DE%A6%DE%90%DE%B0"
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ އަތްދަށު ކެޔޮޅު, 2009-02-13 03:12:47
ކިޔާހިތުން އިނދެ ކިޔާ ނިންމާލެވިއްޖެ.........ހުސްގޮޅިއެއް ފުރާލަދެއްވީތީ ނަސީރަށް ވ.ޝުކުރިއްޔާ.
...
ލިޔުނީ fizaan, 2009-02-13 15:54:26
އަސްލުގައި މި މަހަށް ކިޔަން ރަނގަޅީ، ދިގުމަސް ދެގޮެއްތޯ؟ ކުރުމަސް އެއީ މި މަހުގެ ސިފައެއް ނޫން..އެކަމަކު މިހެން ހިތަށް އެރިތަނާ އަޅުގަނޑު ހިތަށް އައީ ފަތްތޫރާފައި ނަޞީރު ދުވާރާ ބެހޭ ގޮތުން ލިޔުއްވާފައި އޮތް ލިޔުމެއް. އޭގައި ނަޞީރު ވިދާޅުވެފައި އޮތް ޖަނަވާރު ތަކުގެ ތެރޭން އަހަކީ ހަލުއި އެއްޗެކޭ. ދޫންޏާކީ އަދި މާހަލުއި އެއްޗެކޭ. އެކަމަކު އަސްދޫނި ކިޔަނީ ވަރަށް ފޮށް ދޫންޏަކަށޭ.. އެހެންވީމާ ކުރުމަހަށް ވެސް މިވަނީ މި ކަހަލަ ގޮތެއް ކަންނޭނގެ ދޮގެއްތޯ؟ ހަމަ ހިއްސާ ކޮށްލީ...
...
ލިޔުނީ ނާޞިރު, 2009-02-15 00:46:00
މިމަހަށް އައްޑޫ މީހުންވެސް ކިޔަނީ ދިގުމަހެވެ. މިއީ ވަރަށް ފޯރިއާއެކު މިއަތޮޅުގައިވެސް ކުރިން ކުރަމުން ދިޔަ މަސްވެރިކަމެކެވެ. ނަމަވެސް މިހާރު ވަރަށް މަދުން ނޫނީ މިމަސް ބާނައި އުޅޭތަނެއް ނުފެނެއެވެ.
...
ލިޔުނީ ahmed waheed, 2009-02-15 04:34:23
fuvahmulak meehunves kiyanee digumas.
...
ލިޔުނީ ނިޔާ, 2010-03-03 06:29:14
އދ. އަތޮޅު އޮމަދޫގައި ''ކުރުމަސް'' އަދި ''ދިގުމަސް'' މި ދެގޮތަށްވެސް ބޭނުންކޮށް އުޅެއެވެ.
ދިގުމަސް ކިޔަނީ ނަޞީރުގެ މިމަޟްމޫނުގައި މިވާފަދައިން ހޭމަސް ހަލައިގެން (ހޭމަސް ކާއްތައިގެން) މިމަސް މެރުމުންނެވެ. އެއަށް ކިޔަނީ ދިގުމަސް މެރުމެވެ.
ކުރުމަސް ކިޔަނީ ވަދުއަޅައިގެން ނުވަތަ އެހެންވެސް ގޮތަކުން މިމަސް ބާނައިފިނަމައެވެ.
...
ލިޔުނީ ނިޔާ, 2010-03-03 10:53:37
''ކުރުމަސް އަކީ" މިގޮތަށް ލިޔުމަށްވުރެ ''ކުރުމަހަކީ'' މިގޮތަށް ލިޔުނުނަމަ ދިވެހިބަހުގެ ހަމަތަކާ އެއްގޮތްވީސްކަމުގައި ފެނެއެވެ. އެކުވެރި ނަޞީރުގެ ބަހަކީ ކޮބައިތޯއެވެ؟
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2010-03-04 13:26:48
ރަޙްމަތްތެރި ނިޔާޒުގެ ޚިޔާލަށް އަޅުގަނޑު ތާއީދު ކުރަމެވެ. އެކަމަކު ކުޑަ އިޞްލާޙަކާ އެކުގަ އެވެ. ކޮމާކޯޅި ކުރާކަމަށް ވާނަމަ، ކޮމާކޯޅީގެ މަޤުޞަދު ދެނެގަންނަންޖެހެ އެވެ. މަޤުޞަދަކީ، އެ މަހަށް ކިޔާނަން ބުނެ ދިނުންކަމުގައި ވާނަމަ، ރަނގަޅު ގޮތަކީ، ''ކުރުމަސް''އަކީ..... މި ފަދައިން ލިޔުމެވެ. ''ކުރުމަހަކީ'' މި ގޮތަށް ކޮމާކޯޅި ކުރެވޭނެ ވެސް އުސޫލުތަކެއް އޮންނާނެ އެވެ. ގުޅޭނީ ސަބަބާ އެވެ. މި ހާރު ނިޔާޒު ''ކުރުމަސްއަކީ'' މި ހެން ކޮމާކޯޅި ކުރައްވައިފައި ތިޔަވަނީ، އެ ލިޔުމުގައި އޮތްގޮތް ދައްކައި ދެއްވުމަށް ކަމަށްވާނަމަ، ނިޔާޒު ގެންނަވައިފައިވާ ގޮތްވެސް ރަނގަޅުކަމަށް ފެނެ އެވެ.
ކޮންމެޔަކަސް، އަޅުގަނޑު އެ ކުށް އިޞްލާޙު ކޮށް ބަދަލު ނުކުރީ އެއީ އެހެން މީހެއްގެ ލިޔުމަކަށް ވެފައި، އެ ލިޔުމުގެ އަޞްލަން ވާޞިލުވެވޭ ''ފާލަން'' ތިރީގައި ހިމެނިފައި ވާތީ އެވެ. ހަމަ އެހެންމެ އަޅުގަނޑުގެ ލިޔުމުގައި ބަހުގެ ރަނގަޅު ގޮތް އެ ތައްފަހަރަކު ތަކުރާރު ކުރެވިފައިވާތީ ވެސް މެ އެވެ. އެ ލިޔުން ކޮޅުގެ މަޤުޞަދަކީ، އޭގައިވާ އިލްމީ މަޢުލޫމާތުތަކެވެ. އަދަބީ ބައެއް ނޫނެވެ.

ނިޔާޒުގެ ޚިޔާލުން އާ މައްސަލައެއް މަޒުމޫނު ވިދާޅުވާ ފަރާތްތަކަށް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާ ގޮތް މި ވީ އެވެ. އެހެން ކަމުން ތިޔަ އުފެއްދުންތެރި ޚިޔާލަށްޓަކައި ނިޔާޒަށް ވަރަށް ހެޔޮ ހިތުން ޝުކުރު ދަންނަވާލަމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 82 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 76
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 42
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
މުޙަންމަދު ޝާހިދު ޙަލީމް: 21
ޙުސައިން ޞަލާޙުއްދީން: 21
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1429322

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 1959