މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ބައެއް ފަޅޯގަހުގައި ފަޅޯ ނާޅަނީ ކީއްވެ؟ |
|
|
| ދިވެހި - އާދަކާދަ | |||
| 15 ޖުލައި 2009، 00:11 ބުދަ | |||
|
ލިޔުންތެރިޔާ؛ އާމިނަތު ޝާފިޔާ އާދަމް ފޮނުވީ؛ އަޙުމަދު ސަމީޢު ބައެއް ފަހަރު ގޯތިތެރޭގައި ވަރަށް ރީތިކޮން ހެދިފައި ހުންނަ ފަޅޯ ގަސްގަހުގައިވެސް ފަޅޮލެއް ނާޅާއެވެ. ނުވަތަ ފަޅޯ ހަރުނުވެ ވަކިވަރަކަށް ފަޅޯ ބޮޑުވުމަށްފަހު ކުއްލިއަކަށް ވެއްޓިދާނެއެވެ. މިއީ ގަސް ހެދުން ދެރަވުމުން ނުވަތަ ގަހަށް ބޭނުންވާ ވަރަށް ކާނާ ނުލިބުމުން ނުވަތަ ގަހަށް ބައްޔެއް ޖެހިގެން ނޫނަސް ދިމާވެދާނެ މައްސަލައެކެވެ. މިކަން މިގޮތަށް ދިމާވާ ސަބަބު ދެނެގަތުމަށްޓަކައި ފަޅޯ ގަސް އުފެދިފައި ވާގޮތުގެ މަޢުލޫމާތު ބޭނުންވެއެވެ. ފަޅޯ ގަހުގެ ތިން ވައްތަރެއް ހުރެއެވެ. އެއީ 1 ފިރިހެން ގަސް 2 އަންހެން ގަސް 3 އަންހެން ފިރިހެން ގަސް މިތިން ބަޔަށް ގަސް ބަހާލެވިފައި ވަނީ ގަހުގައި އަޅާ މަލުގެ ވައްތަރަށް ބަލާފައެވެ. ފިރިހެން ގަސް ކިޔަނީ އެގަހުގައި ހުސް ފިރިހެން މާ އަޅާތީއެވެ. މި މާ އިންނާނީ އެހެން މަލަށްވުރެ ހިމަދިގުކޮށެވެ. ދިގުކޮށް ،ދިގު ތަނޑިއެއްގައި ހުންނަ މިމާތަށް ގަހުގައި ވަރަށް ގިނަވާނެއެވެ. މިމަލުގައި ސްޓެމަން (މަލުގެ ފިރިހެންބައި ) އަދި ވަރަށް ކުޑަ ސްޓިގްމާ އަކާއި އޯވަރީއެއް (މަލުގެ އަންހެން ބައި ) އިންނާނެ އެވެ. ނަމަވެސް އަންހެންބައި މަސައްކަތެއް ނުކުރާނެއެވެ. މިހެންވީމައި ފިރިހެން ގަހުގައި ފަޅޮލެއް ނާޅާނެއެވެ. މާއެޅުމަށް ފަހު ހުރިހާ މާތައް ވެރި ހުސްވާނެ އެވެ. ބައެއްފަހަރު ފިރިހެން މާބޮޑިއެއްގެ ތެރޭގައި 1 ނުވަތަ 2 އަންހެންމާ އުފެދިފައި ހުރެއެވެ. މިހެން ވެއްޖެނަމަ އެގަހެއްގައި 2 ފަޅޮލެއްވަރު އުފެދިދާނެއެވެ. އަންހެން ފަޅޯގަހުގައި އަޅާނީ ހުސް އަންހެން މަލެވެ. އަންހެން މަލުގައި އިންނާނީ ހަމައެކަނި މަލުގެ އަންހެން ބައެވެ. އަންހެންމާ އެހެން މާތަކަށްވުރެ ބޮޑުވެފައި ފުލަށް ވައްވާނެއެވެ. އަންހެން ގަހެއްގައި ފަޅޯ އަޅާނީ ކައިރި ހިސާބެއްގައި ފިރިހެންމާ އަޅާ ފަޅޯގަހެއް ހުރެއްޖެނަމަ އެވެ. ފިރިހެން ގަހުގައިވާ ފިރިހެން މަލަކުން ވަޔާއެކު ނުވަތަ ދިރޭ ސޫފި ފަނިފަކުސައާއިއެކު ޕޮލަން މަލުގެ އަންހެންބަޔަށް ވާސިލުވުމުން ފަޅޯ އުފެދޭނެ އެވެ. މިއާއި ޚިލާފަށް ކައިރި ހިސާބެއްގައި ފިރިހެންމާ އަޅާ ފަޅޯގަހެއް ނެތްނަމަ އަންހެން ފަޅޯގަހުގައިވެސް ފަޅޮލެއް ނާޅާނެއެވެ. އަންހެން ފިރިހެންގަސް މިގަހުގައި އަޅަނީ އަންހެން ފިރިހެން މަލާއި، ފިރިހެން މަލެވެ. އަންހެން ފިރިހެންމާ އަންހެން މަލަށްވުރެ ކުޑަވެފައި ފިރިހެން މަލަކަށްވުރެ ބޮޑުވާނެއެވެ. މިމަލުގައި ފުރިހަމައަށް އުފެދިފައިވާ އަންހެންބަޔަކާއި ފިރިހެންބައެއް އިންނާނެއެވެ. އަދި އަމިއްލައަށް މާޖޯޑުވުމުގެ (ސެލްފް ޕޮލިނޭޓް ) ގާބިލުކަން ލިބިގެން ވާތީވެ، މިފަދަ ގަހުގައި އަޅާ ހުރިހައި މަލަކުންވެސް ފަޅޯ އުފެދޭނެއެވެ. ގޯތިތެރޭގައި ފަޅޯ ގަހެއް އިންދަން ބޭނުން ނަމަ އަންހެން ފިރިހެން ފަޅޯ ގަހުގައި އަޅާ ބޮޑު ރަނގަނޅު ފަޅޮލަކުން އޮށް ނެގުމުން ރަނގަޅުވާނެ އެވެ. ބައެއްފަހަރު މިކަހަލަ ގަހުގައި ފަޅޯ އެޅުން މަދުވަނީ މާބޮޑަށް ހޫނު ގަދަވެފައި ވައިގެ ތެތްކަން ދައްވުމުން ނެވެ. މިފަދަ މާހަޢުލެއްގައި ގަހުގައި އާދަޔާ ޚިލާފަށް ގިނައިން ފިރިހެންމާ ގިނަވެފައި އަންހެން ފިރިހޔެން މަލުގެ އަންހެންބައި ނިކަމެތިވެ، ފިރިހެން މަލަށް ބަދަލުވާނެ އެވެ. މިހެން ދިމާވުމުން ގަހުގައި ފަޅޯ އެޅުން މަދުވާނެ އެވެ. އާމިނަތު ޝާފިޔާ (2003). އެހުރު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މާލެ.
|
| ހަމަ މި ގަލަމުން |
|---|