މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ރާއްޖޭގެ ކަނޑުފަޅުތަކާއި ގުޅުން ހުރި ބައެއް މަޢުލޫމާތު |
|
|
| ދިވެހި - ޖޯގްރަފީ |
| 01 އޮގަސްޓް 2009، 00:02 ހޮނިހިރު |
|
ޝަކީލާ ޙާމިދު 1. އަތޮޅު: ޖިއޮގުރަފީގޮތުން އަތޮޅަކީ މުރަކައިގެ (ކޮރަލް) ފަރަކުން ވަށާލެވި އެފަރުގެ އެތެރެވަރިއަށްދާބައިގައި ވިލުތަކާއި، ފަޅުތަކާއި، ތިލަ ތަންތަން ހުރެފައި ވަށާލެވުނުފަރުން ކަނޑުއޮޅިއޮންނަގޮތަށް އުފެދިފައި ހުންނަ ތަންތަނެވެ. ނުވަތަ ބައިބައެވެ. އަތޮޅަކީ ރައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޚާއްޞަ ބަޔަކަށްކިޔާނަމެކެވެ. ގިނަބައި ހުންނަނީ އެއްބައި އަނެއްބަޔާއި މުޅިންވަކިވެފައެވެ.2. ފުއްޓަރު: އަތޮޅެއް އުފެދިފައި އޮންނައިރު އަތޮޅެއްގެ ވަށައިގެން ނުވަތަ (އަތޮޅުގެ ބައެއްގައި) ބޭރު ކަނޑާއިގުޅިގެން ގުދުރަތީގޮތުން ލެވިފައިއޮންނަ މައިތޮއްޓެވެ. ފަރު ހަމަ މިފަދައިން އަތޮޅެއްގެ މައިތޮށީގައިއޮންނަ ރަށެއްނުވަތަ އަތޮޅެއްގެ ތެރޭގައި އުފެދިފައިއޮންނަ ފަޅުގެ ކަނޑާވީ ފަރާތަކީ ފުއްޓަރެވެ. ފުއްޓަރެއް އުފެދިފައި އޮންނާނީ އެކި ފަށަލަފަށަލައަށް އޮންނަ ވަރަށްހަރު އާނާއި އެކިސައިޒުގެ ގަލާއި މުރަކައިންނެވެ. ފުއްޓަރުގެ މަތީ ފަށަލައިގެ ބޯމިން އެކިފުއްޓަރުގައި ތަފާތުވެއެވެ. މަތީފަށަލައިގެ އަޑިގައި އޮންނާނީ ދޮންވެއްޔާއި، ކުދި އަކިރީގެ ފަށަލައެކެވެ. އެފަށަލައިގެ އަޑީގައި އަނެއްކާވެސް ހަރުއާނުގެ ފަށަލައެކެވެ. މިގޮތަށް ފަށަލަތައް އެކުލެވެމުންގޮސް އަތޮޅެއްއުފެދުމުގެ ބެޑްރޮކާ އޮންނާނީ ގުޅިފައެވެ. 3. ފުއްޓަރުބޭރު: މިއީ ފުއްޓަރުފަރާތު ތޮށިންބޭރެވެ. 4. ފުއްޓަރުމަތި: ފުއްޓަރުމައްޗަކީ ފުއްޓަރުފަރާތުގެ ތޮށިމައްޗެވެ. 5. ފަރު: ފަރަކީ ފުއްޓަރުގެ ސިފައިގައި މުރަކައިން އުފެދިފައި، ހިކިދިޔައިގައި ފެނުންމައްޗަށް އުފުލި ހިކިފައިހުންނަ މައިތޮށްޓަށްވުރެ އުފެދުން ދެރަ ތަންތަނެވެ. ފެނުން މައްޗަށް ނުހިކިއޮންނަ ތަންތަނަށްވެސް ދިވެހިން ފަރޭ ކިޔައެވެ. 6- ފަޅު: ފަޅަކީ ފުއްޓަރެއްގެ އެތެރެ ފަރާތުގައި ތިލަކޮށްއޮންނަ ފެނުގެބައެވެ. މިތާގައި ގަލާއި، މުރަކައާއި، ތިލަތަންތަން އުފެދިފައިވާނެއެވެ. ގިނަފަޅުފަޅާ ގުޅިގެން ވިލުވެސް އުފެދިފައި އޮވެއެވެ. ފަޅެއްގައި ރަށެއް އުފެދިފައި އޮވެއްޖެނަމަ އެފަޅު އެރަށެއްގެ ގޮނޑު ދޮށާ ގުޅިފައިވާނެއެވެ. ފަޅެއްގެ އަޑީއާނު ފުއްޓަރު ނުވަތަ ފަރުގެ އާނުގަނޑާއި ރަށް އުފެދިފައި އޮންނަ ބެޑްރޮކާއި އެއީ އެއްހަރުމިނެއްގެ ތަންތަނެވެ. 7- ވިލު: ވިލަކީ ފަޅެއްގެ ބައެކެވެ. ފަޅުއުފެދިގެން އަންނައިރު ފުންކޮށް އޮންނަ ފެނުގެ ބަޔަކީވިލެވެ. ކަނޑާއި ވިލާއި ތަފާތުވަނީ ފެނުގެ ކުލައިނެންވެ. ކަނޑު ތިލަވަމުން އަންނަވަރަކަށް ކަނޑުގެ ލޮނުގަނޑު ނޫކުލަ ފަނޑުވަމުން އައިސް މަޑުނޫފެހި ކުލައަށް ބަދަލުވާނެއެވެ. މިގޮތުން ވިލެއް ފުންވީވަރަކަށް ވިލުގެ ކުލަ ގަދަ ނޫކުލައަށް ބަދަލުވެގެން ދާނެއެވެ. 8- ކަނޑު: ކަނޑަކީ އަތޮޅެއްގެ މައިފަރުން (މައިތޮށި) ބޭރުގައި އޮންނަ އޯޝަނެއްގެ ބައެކެވެ. ކަނޑަކީ އެއްއަތޮޅު އަނެއްއަތޮޅާ ވަކިކުރާ ތަބައީ ހުރަސްތަކެވެ. މިސާލު: - ކާށިދޫކަނޑު – ހައްދޫކަނޑު – ހުވަދޫކަނޑު 9- ކަނޑުއޮޅި: ކަނޑުއޮޅިއަކީ ދެފަރެއްގެ ނުވަތަ ދެރަށެއްގެ ދެމެދުން އަތޮޅެއްގެ އެތެރެވަރިއަށް ވަދެ ބޭރު މާކަނޑަށް ނިކުތުމަށް އުފެދިފައި އޮންނަ ފުންކެނޑުމެކެވެ. އަތޮޅެއްގެ އެތެރެއަށް މާކަނޑު ވައްދާ އޮއިވަރާއި އަތޮޅުތެރޭން ބޭރަށް ނެރޭއޮއިވަރުގެ ބޮޑުބައެއް ދެމޭނީ ކަނޑުއޮޅިންނެވެ. ބޭރު ކަނޑަށްވުރެ ކަނޑުއޮޅި ތިލަވާނެއެވެ. ބައެއްފަހަރު އަތޮޅެއްގެ އެތެރެވަރިއަށް ވުރެވެސް ކަނޑުއޮޅި ތިލަވެފައި އޮވެދާނެއެވެ. 10- އެތެރެވަރި: އެތެރެވަރިއަކީ އަތޮޅެއްގެ މައިތޮއްޓާ ގުޅިފައި އޮންނަ ފަޅުގެ އެތެރެއަށް އޮންނަ ފެނުގެ ފުންސަރަހައްދެވެ. މިބައިގައި ރަށްރަށާއި، ފަޅުތަކާއި، ތިލަތައް އުފެދިފައި ހުންނާނެއެވެ. އަތޮޅެއްގެ އެތެރެވަރި މާކަނޑަށްވުރެ ތިލަވާނެއެވެ. އެތެރެވަރިއެއްގެ އަޑީގައި ހުންނާނީ މުރަކައާއި ރިނދަލިފަޅިއާއި ފުނޑުފުނޑު ވެފައިހުންނަ މުރަކައާއި ކިސަޑާއި ޗޯކެވެ. އަދި ހަރުގަލެވެ. ރަށް އެތުރިފައި ހުންނައިރު ބޭރުދުނިން ކެނޑިފައިހުންނަ ފުންތަންތަން ގާދޫކޯ – ކަޅި 11- ކަނޑިންމަ: ކަނޑިންމައަކީ ރަށެއްގެ ފަޅުގެ ފަރުގައި އެރަށެއްގެ ފަޅަށް ވަދެނިކުތުމަށް ގުދުރަތީގޮތުން އުފެދިފައި އޮންނަ ފުންތަންތަނެވެ. އެފަދަތަންތަން ފުންކޮށް ކޮނެގެންވެސް އުފައްދާފާނެއެވެ. މިފަދަތަންތަނުގެ ދެފަރާތުގެ ފައިކަށި ރަނގަޅަށް ފާހަގަވެފައި ވާނެއެވެ. 12- ނެރު: ނެރަކީ ރަށެއްގެ ފަޅަށް ނުވަތަ ރަށެއްގެ ފަޅުން ރަށުގޮނޑުދޮށާ ހަމައަށް އޮންނަ ތަބީއީ ފެނުގެ މަގެވެ. ފަޅުކޮނެގެން ހަދާފައި އޮންނަ މަގެވެ. މިފަދަ މަގު ފަޅުގެ ބެޑަށްވުރެ ފުންވާނެއެވެ. 13- ތަންހެޔޮތަން: މިފަދަތަންތަނަކީ މައިތޮށީގައި ނުވަތަ ފަރުގައި އުފެދިފައި ހުންނަ އެތަނަކުން ފުރާދުއްވާ އުޅަނދުފަހަރު ވަދެނިކުމެވޭ ވަރުގެ ފުންތަންތަނެވެ. މިފަދަ ތަންތަނުގެ ދެފަރާތުގެ ފައިކަށި މާރަނގަޅަށް ފާހަގަ ކުރެވިފައެއް ނޯންނާނެއެވެ. މިފަދަ ތަންތަނަށް ބައެއްމީހުން "އޮޅު" ކިޔައެވެ. 14- ގިރި: ގިރިއަކީ އަތޮޅެއްގެ އެތެރެވަރީގައާއި، ވިލާއި ފަޅުތަކުގައި ހުންނަ މުރަކައާއި ގަލުގެ ތިލަތަންތަނެވެ. މިފަދަތަންތަނުގައި އޮޑިދޯނިފަހަރު ބީހޭނެއެވެ. 15- ހައު: މިއީ އަތޮޅެއްގެ އެތެރެވަރީގައި ނުވަތަ ބޮޑުފަޅެއްގައި ނުވަތަ ވިލެއްގައި ހުންނަ ގިރިއަށްވުރެ ފުންތަންތަނެވެ. މިފަދަ ތަންތަނުގައި އޮޑިދޯނިފަހަރު ނުބީހި އެތަން ހުރަސްކުރެވިދާނެއެވެ. 16- ގިރާފިނޮޅު: މިފަދަތަންތަނަކީ ރަށެއްއުފެދުމުގެ އަސްލަކަށްވާ ދޮންވެލީގެ ފަށަލަތަކެވެ. އެކިގޮތްގޮތަށް އެތަނަކަށް ރާޅުޖަހާނެއެވެ. މިގޮތުންޖަހާ ރާޅުތަކުން ފިނޮޅުއުފެދުނަސް ބޮޑުދިޔާގައި ފެނުން ނުހިކި އެދިޔަވަރުގައި ފިނޮޅުން ބޮޑުބައެއް ގިރައިގެން ދިޔަނަމަވެސް ފިނޮޅުން ގިރައިގެން ދިޔަބައި ހިކޭދިޔަވަރުގައި އަލުން އުފެދެމުންދާނެއެވެ. ބައެއްފަހަރު މިގޮތްނުވެ ފިނޮޅުއެކީ ގިރާލައި ކުރީގައި އެފިނޮޅު ހިކެންފެށިތަންނޫން ތަނަކުން އައު ފިނޮޅެއް އުފެދޭތަންވެސް ފެންނަމުންދެއެވެ 17- ނުގިރާ ފިނޮޅު: މިފަދަ ފިނޮޅު ތަކަކީ ގިރާފިނޮޅު ބޮޑުވެ އުސްވަމުންގޮސް ބޮޑުދިޔައިގައި ނުގިރައި ފެނުން ހިކިފައި ހުންނަ ފިނޮޅުތަކެވެ. މިފަދަ ފިނޮޅުތައް ފުރަތަމަ ބޭނުންކުރާނީ ކަނޑާއި، ފަޅުގައި އުޅޭދޫންޏާއި، މާރަނގައާއި، ވައްލަ ފަދަ ދޫނިތަކެވެ. ކަނޑުން ލަނގުވާ އޮށުން ގަސްފަޅައިގެން އެފިނޮޅު "ވިނަގަނޑެއްގެ" ނަމަށް ބަދަލުވެއެވެ. އޭގެފަހުން ރުކާއި ލަކުޑިގަސް ހެދެމުން ރަށެއްގެ ނަމަށް ބަދަލުވެއެވެ. 18- ހުރާ: މިފަދަ ތަންތަނަކީ ފަޅެއްގައި އަކިރިއާއި އެކިސައިޒުގެ ގަލުން ފިނޮޅު އުފެދެމުންދާ ގޮތަށް އުފެދޭތަންތަނެވެ. މިފަދަ ތަންތަނުގައި ކޮންމެވެސް ވަރަކަށް ވެލިހުރުންވެސް އެކަށީގެންވެއެވެ. ގަދަ ވިއްސާރައާއި ނަގޫރޯޅީގެ ސަބަބުންވެސް މިފަދަ ގާހުރާ އުފެދިދާނެއެވެ. 19. ބެން: މިއީ ތޮށީބޭރުން ކަނޑާއިގުޅިގެން ތިލަކޮށްހުންނަ އެތެރެއެނގޭފަށަލައެވެ. 20- ގާމަތީ ރަށްރަށް: މިފަދަ ރަށްރަށުގައި ދޮންވެއްޔަށްވުރެ ގިނައިން ހުންނާނީ އަކިރިއާއި ހަތާގަލެވެ. މިފަދަ ރަށްރަށުގައި ގިނަދުވަހުން ރުއް ހެދިއްޖެނަމަ ރާއެރުމަށް އެފަދަރުއް މޮޅުކަމަށް ބުނެއެވެ. ކާނިގަސް ހެދިއްޖެނަމަ އެފަދަގަސް ގަހުގައި އާރުލުން ބޮޑުކަމަށްވެސް ވެއެވެ. 21- ބޭރުމަތީރަށްރަށް: މިފަދަރަށްރަށަކީ އޮޑިދޯނިފަހަރު އަޅާނެފަޅު (ބަނދަރު) ނެތް ރަށްރަށެވެ. އާންމުގޮތެއްގައި މިފަދަރަށްރަށުގައި ގެންގުޅޭ އޮޑިދޯނިފަހަރު ކުދިވާނެއެވެ. ރަށަށް ލެފުމާއެކު އެހެލަން ޖެހޭނެއެވެ. ނުވަތަ ރަށުގެ ނިވާ ފަރާތުގައި ހޭބޭރުގައި ފައްތިޔާލާފައި ޖެހޭނީ އަޅާފައި ބާއްވާށެވެ. 22- ކުޅި: ކުޅިއަކީ ރަށެއް އުފެދެމުން އަންނައިރު އުފެދޭތުނޑި ކޮންމެވެސް ސިފައެއްގައި ދިރެމުން ވޮޑެމުން ގޮސް ތުނޑީގެކޮޅު، ރަށާގުޅުމުން އެތެރޭގައި އުފެދޭފުނުގެ ސަރަޙައްދެވެ. ކުޅިއުފެދި ހަމަޖެހުމުން ކުޅީގެ ލޮނުގަނޑު ފެނަށް ބަދަލުވެއެވެ. މިފަދަތަންތަން ޒަމާނާއެކު ފަތްކުނިއެޅި ތިލަވަމުން ހިކެމުންގޮސް ޗަސްބިންތަކަށް ބަދަލުވެއެވެ. ރާއްޖޭގެ އުތުރުގައި އެފެދަތަންތަނުގައި ހެދެނީ ކަނޑުލާއި ރަނޑުލެވެ. ދެކުނުއަތޮޅުތަކުގައި ހެދެނީ ދަނބުގަހާއި އޮޅުއަލައިގެ ބާވަތްތަކެވެ. 23- ހޭބޭރު: ހޭބޭރަކީ އަތޮޅެއްގެ މައިފުއްޓަރު (ތޮށި) ން ބޭރަށް ކަނޑުތެރެއަށް އޮންނަ ތިލަހިސާބެވެ. ހޭބޭރު ކަނޑާވީފަރާތަށް ކަތިވަމުން ފުންވަމުން ގޮސްފައިވެއެވެ. އެކި އަތޮޅުގެ ހޭބޭރު ނުވަތަ ރަށްރަށުގެ ހޭބޭރުގެ ތިލަމިނާއި ކަތިމިން ތަފާތުވެއެވެ. 24- ގޮނި: ގޮންޏަކީ އަތޮޅެއްގެ ނުވަތަ ރަށެއްގެ ދެމުލި ދެމެދުގައި ހަނދުފަޅި ބުރެއްގެ ސިފައިގައި އަޑިކޮށް ކިއްސަރު ލެވިފައިއޮންނަ ދޭތެރެއެވެ. 25- މުލި: މުއްޔަކީ އަތޮޅެއް ނުވަތަ ރަށެއް އުފެދެމުން އަންނައިރު އެކިދިމަދިމާއިން ކަނޑުފަޅު ތެރެއަށް ނުކުމެފައި ހުންނަފަރެވެ. ދެމުއްޔެއްގެ ދެމެދުގައި އޮންނާނީ "ގޮނި" ނުވަތަ "ބޭއި" އެވެ. 26. ބޭރު: މިއީ ވަތް ހޭލާހިސާބެވެ. މިހިސާބަކީ ކަނޑުގެ އަޑި ކިރިޔަކިރިޔާ އެނގެން ފެށޭހިސާބެވެ. 27. ވަތްހޭލާފަށް: ވަތްހޭލާފަށަކީ ކަނޑަށްވުރެތިލަ، ފަޅަސްވުރެ ފުންހިސާބު. އަޑި އެނގެންފެށޭ ހިސާބެވެ. 28. ތިލަ: ތިލައަކީ ކަނޑުފަލުގެ ތެރޭގައި އާދަޔާ ޚިލާފަށް ތިލަކޮށް ހުންނަތަންތަނެވެ. 29. ތިލަބޭރު: ތިލަބޭރަކީ ރައްރަށާއި ފަރުފަރުގެ ބޭރުމަތީގެ އެންމެ ތިލަހިސާބެވެ. 30. ވަނި: ވަންޏަކީ ފުއްޓަރުފަރާތުގައި ގޮނިގޮންޏަށް ވަދެފައިހުންނަ އޮއިހެޔޮ ވަންހެޔޮތަންތަނެވެ. 31. މާޑު: މާޑުކިޔަނީ ފަޅުތެރޭގައި މާބޮޑަށް ތިލަވެފައިހުންނަ ފަސްގަނޑުގަނޑަށެވެ. (މިތަންތާގައި ފާޑެއްގެ ހުޔެއްހެދިފައި ހުންނާނެއެވެ.) 32. ދުނި: ދުންޏަކީ އަތޮޅުގެ ރައްތައް އެތުރިފައި އޮންނަ ބޭރުބުރެވެ. 33. ފިނޮޅު: ފިނޮޅަކީ ފަޅުތެރޭގައި ދޮންވެލީންއުފެދި ފެނުންމައްޗަށް ހިކިފައި ހުންނަ ތަންތަނެވެ. 34. ހެއި: ހެއިއަކީ ކަނޑުގެ އަޑި ކިރިޔަކިރިޔާ ފެންނަ ހިސާބެވެ. 35. ފުށި: ފުއްޓަކީ ފަޅުފަޅުގައި އަކިރިއާއި، ގަލުން ހިކިފައިހުންނަ ތަންތަނެވެ. މިތަންތަނުގައި ކުރަދި، ހަލަވެލި، ބޯށި، މަގޫ، ފަދަ ގަސްގަސް ހުރެދާނެއެވެ. (ކުދިކުދި ރަށްރަށަށާއި، ގަސްހެދުންމަދު، އާބާދުވުންކުޑަ، އާމްދަނީލިބުންމަދު، ރަށްރަށަށްވެސް މިހެންކިޔައެވެ.) 36. އޮޅު: މިއީ ބޭރުމަތީ ރަށްރަށުގައި އޮޑިދޯނިފަހަރަށް ވަދެވޭނެހެންހުންނަ ފުންތަންތަނެވެ. ފަޅުތެރޭގައި އުނިޔަ ވައްދަން ފުންކޮށްފައި ހުންނަވަޅުވަޅެވެ. ނިމުނީ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ Ha*san, 2009-08-01 11:13:55
ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް. މިލިޔުމުން ދިވެހިބަހުގެ މުއްސަނދިކަން ހާމަވޭ ، ނަމަވެސް ލިބިފައިވާ މުއްސަނދިކަން ބޭނުންކުރަން ނޭގޭނަމަ އެކަމުގެ ފައިދާއެއް ނެތް. މިއަދު މިބަސްތަކާ ނަންނަން ބޭނުންކުރައްވަނީ ކިތައްބޭފުޅުން ކަމާމެދު ސުވާލު އުފެދޭ. ޝުކުރިއްޔާ!
...
ލިޔުނީ ahmed, 2009-08-02 10:41:42
mi liyumaa gulhey manzaru thakeh himanaali nama varah rangalhuvees. ekamakuves varah rangalhu mauloomaathu kolheh. migothah dhivehi dhoni ge baithakah kiyaanan namaa, dhivehi rukuge baithakah kiyaa nan namaa, insaanaage hashigandu ge gunanthakaa kiyaanan namaa etc etc. silsilaa eh gothah liyun varah rangalhuvaane kamah feney. kiyuntheringe baskoshaaru thanavas vaane avasgotheh. mizamaanugai bodethi dhivehi foiy kiyaigen baskoshaaru ithuru kuran ulheynee varah madhu baeh. avas mauloomaathuge zamaanugai mifadha lui liyunthakaai, foto in mauloomaathu libey goiy hedhumun kuda vaguthukolhegge thereygai aa basthakeh ginabayakah dhas vumuge furusathu hulhuvaalevey. fanvathashaai,fanvathuge liyuntherinnah varah bodah shukuriyya.
ޚިޔާލު ހުށަހަޅާ
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |