މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މިހިރަ ނިމިދަނީ! |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 24 ޑިސެމްބަރ 2009، 06:01 ބުރާސްފަތި | |||
|
ޝިފްޒާން އަޙްމަދު ނިމިދަނީއެވެ. ހަމަ ޙަޤީޤަތުގައިވެސް ނިމިދަނީއެވެ. މަރުގެ ސަކަރާތަށް މިވަނީ ހުށަހެޅިފައެވެ. ނޭވާ ހޮޅިއަށްއެޅި ނޭވާލުން މިވަނީ ދަތިވެފައެވެ. ފިކުރުބޮޑުވެ ދެލޯ މުދުނަށް އަރައިފައިމިވަނީ ބިރުންނެވެ. އަޖަލުޖެހޭތީއެވެ. އިންޒާރުގެ ރަނގަބީލުގެ އަޑު މެދުކެޑުމެއްނެތި އެބައިވެއެވެ. ފުރާނައިގެ ބާރު ހުސްވެ، ހަށިން ހޭނެތިދަނީއެވެ. އަޅުގަނޑުތޯއެވެ؟ ނޫނެކެވެ. އަޅުގަނޑު ހަމަހެޔޮ ޙާލުގައި އެބަހުރީމެވެ. އެހެންނަމަވެސް މިދެންނެވީ އަޅުގަނޑުމެންގެ ލޮބުވެތި ވަޠަނުގެ ޙާލެވެ. މިޤައުމު ތަޙައްމަލުކުރަމުންދާ ނިކަމެތިކަމުގެ ވާހަކައެވެ. މިދީބު މިއަދު ހުށަހެޅިފައިވާ ގެއްލުން ލިބެނެވި ޙާލުގެ ވާހަކައެވެ. މިނާމާންކަން އިޙުސާސުކުރާ ދިވެއްސެއް ކަމުގައިވާތީ ބަހެއްނުދަންނަވައި ނުހުރެވިގެން ތިޔަ ކިޔުންތެރިންނާ މިކަންކަން ޙިއްސާކޮށްލާނަމެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގެ ނިމިދިޔުން އައިސް އަޖަލު ޖެހެނީ ކަމުގައި އަޅުގަނޑު ދެންނެވީ ސަބަބެއްނެތިއެއްނޫނެވެ. ޤައުމެއްގެ ފަނާވުމަކީ ސުނާމީއެއްގައި ނުވަތަ ކަނޑުގެ ރާޅު އުސްވެގެން، ނުވަތަ އެނޫންވެސް ޤުދުރަތީ ކާރިސާއެއްގައި އެޤައުމު އެކީ ހަލާކުވުމެއްނޫނެވެ. ނުވަތަ ކޮންމެވެސް ބައްޔެއްގެ ސަބަބުން އެޤައުމުގެ އެންމެހާ އަހުލުވެރިން އެކީ ހަލާކުވުމެއްވެސް ނުމެނޫންމެއެވެ. އެނޫން ގޮތްގޮތަށްވެސް ޤައުމެއްގެ ނެތިދިއުން އައިސް އެޤައުމަކާ ކުރިމަތިވެއެވެ. މާނަވީ ނެތިދިއުމެކެވެ. އާދޭހެވެ. ލޮލަށް ނުފެންނަ ހަށިގަނޑަށް އިޙްސާސް ނުކުރެވޭ ނެތިދިއުމެކެވެ. އަޅުގަނޑުމެން މިއަދު މިކުރިމަތިލަނީ އެފަދަ ނެތިދިއުމަކާއެވެ. އެފަދަ އަޖަލަކާއެވެ. ދަންނަވަން މިއުޅެނީ ބައެއްބޭފުޅުންނަށް ޤަބޫލުކުރައްވަން ދަތި ޙަޤީޤަތެއްގެ ވާހަކައެވެ. އަޅުގަނޑުމެންގެ އެންމެ އަގު ބޮޑު ޖައުހަރުކަމުގައިވާ އިސްލާމްދީން އަޅުގަނޑުމެންގެ އަތްތަކުން މިފަސްގަނޑުގައި ކަފުންކުރާން އުޅޭ މަންޒަރު އެބަފެނެއެވެ. ދިވެހިން ބޭނުންވަނީ އެދީނުގެ އެވަރުގަދަ އޮޑިން މާކަނޑަށް ފުންމާލާށެވެ. ދެންއަރަން މިއެދެނީ މަޑޫތައް ވަކިވެފައިވާ ހުޅަނގުގެ ނު ކިއްސަރު އޮޑިއަށެވެ. ނިކަންވިސްނަވާށެވެ. ހަންޖާވަކިވެފައިވާ ހުންގާނުނެތް އޮޑިއަކަށް އަރަން ބޭނުންވާނީ ކާކުތޯއެވެ؟ ހުޅަނގުގެ އުޞޫލުތަކާއި ފަލްސަފާތައް މިއަދު އަޅުގަނޑަށް ޞިފަވަނީ އިސްވެމިދެންނެވި ނިކަމެތިކަންމަތީ އޮތް އޮޑިއެއްކަމުގައެވެ. އެކަމަކު ދިވެހިން ވަރުގަދަ ހަރުދަނާ އޮޑިއެއް ދޫކޮށް މިނިކަމެތި އޮޑިއަށް ހިޖުރަމިކުރަނީ ފުންކަނޑުގެ އަޑިއަށް ފެތިގެން ދާން ބާވައެވެ؟ މިފަދައިން ކަންކުރުމަކީ އަޅުގަނޑުމެންގެ ހަލާކުނޫންބާވައެވެ؟ ދެން އޮތީ އެދީނުގެ ތަރަހައިގެ މަތީގައި ބިނާކުރެވުނު ދިވެހި މުޖުތަމަޢުގެ ތަނބުތަކެވެ. އާދޭހެވެ. އިޖުތިމާޢި އަގުކުރުންތަކެވެ. ދަންނަވަންއޮތީ ހިތާމަވެރި ވާހަކައެކެވެ. އަޅުގަނޑުމެންގެ އިޖުތިމާޢީ ފޭރާން ފީވެ، ބާހެދި، ބަލިކަށިވެފައިވާ ވާހަކައެވެ. ޒުވާނުންނާއި ހަރުމީހުން ޝާމިލުވާފަދައިން ނޭދެވޭ ޢަމަލުތަކުގެ ކަނޑަކަށް އަޅުގަނޑުމެން އެންމެން އެކީ ފީނަމުންދާ ވާހަކައެވެ. ހޮޓާހޮޓަލުގައްޔާއި ފިނި މައިޒާންތަކުގައި ހުތުރު ބަހުރުވައިން ނޭދެވޭ ޢިބާރާތްތަކުން އެކި ވާހަކަތައް ދެއްކުން ޢާންމުވެއްޖެއެވެ. ކުޑަކުޑަކުދީން ބަދުއަޚުލާޤީ ޢަމަލުތަކުގައި ޝާމިލުވަމުންދާތަން ފެންނަނީ ވަރަށްގިނައިންނެވެ. މަސްތުވާތަކެއްޗަކީ ޢުމުރުން ހަގު ކުޑަކުދީންނާއި ޒުވާނުންނާއި ހަރުކުލައިގެ ޢުމުރުން ދޮށީ މީހުންވެސް ބޭނުންކުރާ އެއްޗެއްކަމުގައިވެއްޖެއެވެ. މިއީ ނެތިދިއުން ނޫންތޯއެވެ؟ މިއީ އަޅުގަނޑުމެންގެ ހަލާކުނޫންބާވައެވެ؟ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވި ޘަޤާފަތުގެ ވާހަކަ އެކިތަންތަނުގައި އެކިއެކި ބޭފުޅުން ވަރަށްގިނައިން ދައްކަވައެވެ. އެހެންނަމަވެސް އެޘަޤާފަތުގެ ވާހަކަ އެންމެ ގިނައިން ތަކުރާރުކޮށް ދައްކަނީ ކިޔަވާކުދިންނެވެ. ގިނަ މުނާސަބަތުތަކެއްގައި ގިނަގުނަ ޕޯޑިއަމްތަކެއް ފަޅުފިލުވައިލަނީ އެޘަޤާފަތުގެ ވާހަކަދައްކާ ކުދިންނެވެ. ކޮންމެވެސް ހިސާބަކުން އެންމެ ޖުމްލައެއްގައި ނަމަވެސް "ޘަޤާފަތް" މިލަފްޒު ގެނައުމަކީ އެކުދިންގެ އާދައެކެވެ. ސުވާލަކީ އެންމެން މިކިޔާ "ޘަޤާފަތު"ގެ ތެރެއިން ރައްކާތެރިކަމާއެކު އަޅުގަނޑުމެންނަށް ދެމެހެއްޓުނީ ކޮން އެއްޗެއްތޯއެވެ؟ ބަޑިޔާޖެހުމާއި ލަނގިރި ގުރޫޕުތަކުގެ ޙަރަކާތްތޯއެވެ؟ އެޘަޤާފަތުގެ އަޞްލުތައް ކަމުގައިވާ އަޚްލާޤީ ޞިފަތައް ރައްކާތެރިކުރެވުނުތޯއެވެ؟ ކިޔަވާކުދިންކުރެ ގިނަކުދިންނަށް "ޘަޤާފަތް" މިލަފްޒުން ދޭހަވަނީ ލަނގިރިޖެހުމާއި ބަޑިޔާޖެހުމާއި ތާރަޖެހުންފަދަ ކުޅިވަރުތަކެވެ. ތެދެކެވެ. އެއީވެސް ޘަޤާފަތުގެ ބައެކެވެ. އެކަމަކު އަޅުގަނޑުމެންގެ ޘަޤާފަތުގެ އަސާސަކީ މާނަވީ ޞިފަތަކެކެވެ. އެޞިފަތަށް އެކުދިންނަށް ނޭނގެއެވެ. އަޖައިބުވެ އަންތަރީސްވާކަށްނުޖެހެއެވެ. އެކުދީންނަށް އެކަންކަން ބުނެދީ ދަސްކޮށްދޭނެ ބަޔަކު ނެތެވެ. އެޞިފަތައް ދައްކައިދޭނެ ބަޔަކު ނުމެނެތްމެއެވެ. އެކުދިންނަށް ފެންނަނީ އަޚުލާޤީ ހުރިހާ އިންތަކަކުން މަޙުރޫމްވެފައިވާ ޘަޤާފަތެކެވެ. މިއީ މިޤައުމުގެ ހަލާކުކަމުގައި ނުވާނެތޯއެވެ؟ އަޅުގަނޑުގެ އަޚު އަޙްމަދު ޝަމީނު އޭނާގެ ޅެމެއްގައި ދިވެހިބަސްވަނީ ޣަރުޣަރާގައިކަމުގައި ވިދާޅުވިއެވެ. ޙަޤީޤަތުގައިވެސް ވަރަށްބޮޑު ތެދުފުޅެކެވެ. މިހާރު މިވަނީ ދިވެހި ވަޠަނުގެ އަމިއްލަ ޝަޚުޞީ ރަމްޒުކަމުގައިވާ ދިވެހި ބަހުގެ ޙާލު އިހުނަށްވުރެ ބޮޑުވެފައެވެ. އައިސީޔޫގައި ދިވެހިބަސް އެދުމަތިކުރެވިއްޖެއެވެ. މިހެން މިދެންނެވީ ސަބަބުތަކެއް މެދުވެރިވެފައިހުރީމައެވެ. ރަސްމީ ލިޔެކިޔުންތަކުގައި ދިވެހި ބަސް ބޭނުންކުރުން މަޑުމަޑުން މިދަނީ ހުއްޓެމުންނެވެ. ތަޢުލީމާއި ބެހޭ ވުޒާރާގައި މިހާރު އެއްކުރެވެމުންދާ 2009ވަނަ އަހަރުގެ މަޢުލޫމާތުތައް ޖަމާކުރެވެނީ ކޮންމެވެސް ވިލާތު ބަހަކުންނެވެ. ކުދިން ދިވެހި ބަހާމެދު ދެކެނި ކޮންގޮތަކަށްތޯއެވެ؟ ޒަމާނަށްނުފެތޭ، ނުކުޅެދުންތެރި ބަހެއްގެ ގޮތުގައެވެ. އުރަތްޕެއްނެތް ޙާލު ދަތިވެފައިވާ ބަލިކަށި ބަހެއްގެ ގޮތުގައެވެ. މިއީ ދިވެހީންނަށް މިނަންދެވުނު ސަބަބުކަމުގައިވާ ދިވެހި ބަހުގެ ނިމުންކަމުގައިވެދާނެނޫންތޯއެވެ؟ ޙުއްބުލް ވަޠަނަކީ ހާދަހާ މަތިވެރި ލޯތްބެކެވެ. ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ހަނގުރާމައިގެ ދަތިކަމާއި ވޭނުގެ ތެރެއަށް ނެރުނީ މިލޯތްބެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި މިލޯބި ހުރީ ކިހާވަރަކަށްބާވައެވެ؟ މީހަކުދެކެ ނުވަތަ އެއްޗެއް ދެކެ ލޯބިވާނަމަ އެމީހަކަށް ނުވަތަ އެއްޗަކަށް ޚިދުމަތްކޮށް އަޅައިލާނެކަން ޔަޤީނެވެ. ސުވާލަކީ އަޅުގަނޑުމެންނަށް މިވަޠަނާމެދު ލޯބިން ކަންކަން ކޮށްދެއްވޭތޯއެވެ؟ މިޤައުމުގެ ޙައްޤުގައި ތަޢުލީމު ޙާޞިލުކޮށްގެން އައިސް މިޤައުމަށް ޚިދުމަތްކުރަނީ ކިތައް ދަރިންތޯއެވެ؟ މިފަސްގަޑުން އަޅުގަނޑުމެން ހޯދާ ފައިސާގެ އެހީގައި ހިލޭ ހުރިހާ ދިވެހި ދަރީންނަށް ތަޢުލީމު ފޯރުކޮށްދިނުމުން ވަޠަނަށް ލިބުނީ ކޮން އެއްޗެއްތޯއެވެ؟ އެކަކު ކިޔަވައިގެން އައިސް ދީނަށް ގޮންޖަހައި ވަޠަނުގެ މެއަށް ތޫނު ޚަންޖަރަކުން ޙަމަލާދެނީއެވެ. އަނެކަކު ފަރަންޖީ ބަސްބަހަށް މޮޅުކަމުން ދިވެހިބަސް "ކަޓު" އެއްޗެއްކަމުގައި ހަދާ އެބަސް ގާދޫ ކޮލުން ދިވެހި ރާއްޖޭގެ ހަފޮޅުން ބޭރުނުކުރެވިގެން މަރުދެނީއެވެ. މިހެންކަންކަން ވަމުންދާނަމަ މިޤައުމު ހަލާކުނުވާނެހެއްޔެވެ؟ މިލިޔުން މިކުރުކުރަނީ ލިޔަން ހުރި ވާހަކަތައް ކޮޅުންލައިގެންނޫނެވެ. އެކަމަކު ހިތްދަތިވެފައިވާ މިންވަރުގެ ބޮޑުކަމުން އިތުރަށް ލިޔަން ނުކުޅެދުންތެރިވީއެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. މިދިވެހި ވަޠަނުގެ ޙައްޤުގައި ފަސްހަނގުރާމަ ބަލައިލާން ނުވޭތޯއެވެ؟ ބޮއްސުންލަމުންމިދަނީ އަޅުގަނޑުމެންގެ ވަޠަނެވެ. ކޮންމެ ބޭފުޅަކުވެސް މިޤައުމުގެ ޙައްޤުގައި މިކަންކަން ފަސޭހަކޮށްނުލައްވައި ވިސްނަވައިގެން ކަންކަން ކޮށްދެއްވަން ވެއްޖެއެވެ. އެއިރުން އަލުން މިވަޠަނަށް ފަސްބޮންތި ދިމާވެ ތަނަވަސްކަން ލިބިދާނެއެވެ. (ނިމުނި) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ sofy, 2010-01-05 03:32:01
bahuge vaahaka mimazumoonuga ayma hiyaalen faaLu kolla hin vy eve. meegai eliyefai vany thedhekeve. aslu mihaaru varan dhivehi bas neyge kudhin gina eve. fanvathun thivehibahuge radheef en migothan genes dhevijje kamugai vanynam varan faidhaa vaaen kaman fene eve
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|