މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މަންމަގެ ފުރާނަ ހިފަހައްޓާދޭށެވެ! |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 04 ޑިސެމްބަރ 2008، 00:58 ބުރާސްފަތި | |||
|
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ ![]() އަހަރެންގެ ލޯބިވާ މަންމަގެ އުމުރުން 57 މިލިޔަން އަހަރުވެއްޖެއެވެ. މަންމައަށް ކުދިންލިބެންފެށިފަހުން، 4000 އަހަރުވެއްޖެއެވެ. މިހާރު މަންމަގެ އުފަން ދަރިންގެ ގޮތުގައި، 3 ލައްކަ އެތައްހާސް ދަރީންނެއް އެބަތިއްބެވެ. މި ކުދިންގެ ޚިދުމަތުގައި، ބައިލައްކައަށްވުރެ ގިނަ ބިދޭސީ ނޯކަރުން ވެސް އެބަތިއްބެވެ. މަންމަގެ އުފާވެރި މޫނު ދެކިލައި ބައްދަލުކޮށްލަނ ް، ފަހަކަށް އައިސް، ހައެއްކަ ލައްކަ މީހުން ކޮންމެ އަހަރަކު، މަންމަ ގާތަށް، ޒިޔާރަތް ކުރެއެވެ. ކޮންމެ މީހަކަށްވެސް އޭނާގެ ޅައުމުރުގައި ރަނގަޅު ނޫން ކަންތައްތަކެއް ކުރެވިފައި އޮތުމަކީ، ދުނިޔޭގެ ޠަބީޢަތެވެ. މަންމަގެ ދިގު ޢުމުރަށް ބަލާއިރު، މަންމަގެ ޙަޔާތުގައިވެސް މިކަން ތަޖުރިބާ ކޮށްފައިވެއެވެ. ނަމަވެސް މަންމައަށް ހެޔޮ ވިސްނުން ލިބުމާއެކު، މީގެ ގާތްގަނޑަކަށް، 1000 އަހަރު ކުރިން، މީލާދުން، 1153ގައި މަންމަ ވަނީ އެ ނޭދެވޭ އުޅުން ދޫކޮށްލާފައެވެ. އިޞްލާޙުވެފައެވެ. މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގަށް ފައިތިލަ ސީދާ ކޮށްފައެވެ. ވެދިޔަތަން ވެދިޔައީތާއެވެ. ރީތީގެ މުބާރާތެއްގައި ބައިވެރިވެފައި ނެތަސް، މަންމައަކީ ރީތީގެ ނަމޫނާއެއްގެ ގޮތުގައި އަބަދުވެސް މުޅި ދުނިޔެ ފާހަގަކުރާ މީހެކެވެ. މުޅި ދުނިޔޭގެ ސަމާލުކަން މަންމައާމެދުގައި ހުއްޓިފައިވެއެވެ. ހަމައެކަނި ރީތި ވީމައެއް ނޫނެވެ. މަންމަގެ އުނގުގައިވަނީ އޯގާވެރިކަމެވެ. ހިމޭންކަމެވެ. ޠަބީޢަތުގައިވަނީ ސާދާކަމާއި، އޮމާންކަމެވެ. ރަޙުމާ ކުލުނެވެ. މަންމަގެ ކިބައިގައިވަނީ، އިންތިހާ ދަރަޖައިގެ މެހުމާން ދާރީއެވެ. ބީރައްޓެހިންނަށް ދާންދެން މަންމައަށް ތާރީފުކޮށް ލޯބި ކުރާ ސަބަބަކީ މިއެވެ. އިލޮށިފަތިންތަޅައި، ތަންގަނޑު މީހުންނާ ޒުވާބުކޮށް އަޑު ލެވުމަކީ، މަންމަ ދަންނަކަމެއް ނޫނެވެ. މިހާރު މަންމަގެ ކުދިންނަކީ ދުނިޔޭގެ ކުރިމަތީގައި ވެސް އެކުދިންނާމެދު މަންމައަށް ފަޚުރުވެރިވެވޭފަދަ ދަރީންނެވެ. ކިޔަވާކުއްޖަކަށްވިޔަސް ހެވެ. މަސްވެރިޔަކަށް، ނުވަތަ ދަނޑުވެރިޔަކަށްވިޔަސްހެވެ. ސިފައިންގެ މީހަކަށް، ނުވަތަ ފުލުހަކަށް ވިޔަސްހެވެ. ހަމަ ކޮންމެ ކުއްޖަކީ، އެކުއްޖެއްގެ ޕްރޮފެޝަންގައި ދުނިޔެއާ ފައިހަމަ ކޮށްފައިވާ ފަޚްރުވެރި ދަރިއެކެވެ. މި ފަދަ ހެޔޮ ގޮތްތަކުން މަންމައަށް އަބަދުވެސް، އުފާވެރިކަން ފޯރުކޮށްދެވޭތޯ ބަލަންޖެހެއެވެ. މަންމަގެ ޤަދަރާއި ޙުރުމަތަށްޓަކައެވެ. ޝަރަފްވެރި، ފަޚްރުވެރި އަމިއްލަވަންތަ ފުދުންތެރިކަމަށްޓަކައެވެ. އާންމު އެހެނިހެން މީހުންނާ އަޅާބަލާއިރު، މަންމައަކީ، ވަރަށް އާދައިގެ މީހެކެވެ. އިސްކޮޅުން ކުޑައެވެ. ފަގީރެވެ. އެކަނިވެރިއެވެ. ނަމަވެސް ތާރީފު ޙައްޤު އަމިއްލަ ވަންތަކަމެއް ގެންގުޅެއެވެ. އަމިއްލަ މިނިވަން ޝަޚްޞިއްޔަތެއް ދައްކައެވެ. މަންމަގެ އެންމެ އަސާސީ އިންސާނީ މުހުތާދުތައް ވެސް ފުއްދަނީ އަމިއްލަވަންތަކަމުގެ ފަޚްރުވެރިކަމާއެކުގައެވެ. އެކަން މަންމަގެ ކުދިންގެ ކިބައިން އެނގޭނެއެވެ. ވާހަކަ ދައްކަން އެހެން ބައެއްގެ ބަސް ބޭނުން ކުރާކަށް ނުޖެހެއެވެ. އެހެން ބައެއްގެ އަކުރުން ސިޓީ ލިޔާކަށް ނުޖެހެއެވެ. އެކުދިން ކުޅެ އުޅޭ ކުޅިވަރުތަކާއި، އުފައްދާ އުފެއްދުންތަކާއި، މަސައްކަތްތެރިކަމާއި، ކައްކާކެއްކުންތަކަށް ބެލިޔަސް، ސަގާފީ ކޮޕީ ރައިޓްގެ ދަޢުވާއެއް އުފުލޭނެ އެހެން ބަޔަކު މި ދުނިޔެއަކު ނެތެވެ. ސަބަބަކީ މިހުރިހާ ކަމަކީ، އަހަރެމެންގެ އަމިއްލަ ތަރިކަ ކަމުގައިވުމެވެ. ކީރިތި ﷲ މަންމައަށާއި، އަހަރެންގެ މުޅި ޢާއިލާއަށް ދެއްވާފައިވާ، މި މަތިވެރި ނިޢުމަތްތަކާމެދު ހަސަދަަވެރިވާ މީހުން އެކި ދުވަސްވަރު އެކިގޮތަށް މަންމައަށް ހަނގާ ކޮށްފައިވެއެވެ. ގޯނާކޮށް ހަމަލާ ދީފައިވެއެވެ. ނަމަވެސް މަންމަދެކެ ލޯބިވާ ތެދުވެރި އިޚްލާޞްތެރި ދަރިން، މީން ކޮންމެ ފަހަރަކުވެސް، މަންމަގެ ލޮލު ކަރުނަ ފޮހެލައިދީ، ތުންފަތްމައްޗަށް، ހިނިތުންވުން ގެނެސްދިނެވެ. މޫނު އުޖާލާ ކޮށްދިނެވެ. ކިތަންމެ ދަލެއް، ކިތަންމެ ލެޔެއް އޮހޮރުވަން ޖެހުނަސް ފަރުވާލެއް ނެތްކަމަށް ދެކިގެންނެވެ. ޢުމުރުން ކިތަންމެ ދޮށްޓަސް މަންމަ އަދިވެސް ޒުވާނެވެ. މުސްކުޅިއެއް ނުވެއެވެ. އުންމީދުތައް ހަރުދަނާއެވެ. ހުވަފެންތައް ފޮންޏެވެ. މިކަންކަން ޙަޤީޤަތަކަށް ހަދައިދެވޭނީ، މަންމަދެކެ ހުރިހާ ކުދިންވެސް ލޯބި ވެގެންނެވެ. ހުރިހާ ކުދިންވެސް މަންމައަށް ތެދުވެރިވެގެންނެވެ. އިޚްލާޞްތެރިވެގެންނެވެ. ކުރިން އަހަރެމެންނާވަކިވެގެން ގޮސްފައިވާ ޢިއްޒަތްތެރި ބޭބެމެންނާއި، ޅަޢުމުރުގައި ވަކިވެދިޔަ ޒުވާން ފަހުލަވާނުންގެ ހިތުގައި މަންމަޔާމެދު އުފެދިފައިވާ، މައިވަންތަކަމުގެ ލޯބިން ޢިބްރަތް ލިބިގަނެގެންނެވެ. އޭރުވެސް މަންމަ ދެކެ ރުޅިއަރާ ބަޔަކު ތިބިގޮތަށް މިހާރުވެސް ރުޅި އަރާ ބަޔަކު ތިބެދާނެއެވެ. ގޭދޮށު އަވަށްޓެރިންގެ ތެރޭގައިވެސް ތިބެދާނެއެވެ. ނޫނީ މާސިންގާ ދުރު ހިސާބު، ސިއްލަންކޮޅުގައި ވެސް ތިބެދާނެއެވެ. މި އަދަކީ ހަސަދަ ފިލުވާލާ ގޮތް ތަފާތުވެފައިވާ ދުވަހެކެވެ. ފުޓު ބޯޅަކުޅުމުގައި ބޮޑު ބޯޅަ، ކޮއްޓާ ބޯޅައަށް ބަދަލުވީ ގޮތަށެވެ. ގޭ ދޮށުގައި ޒުވާބުކޮށް މަންމައަށް ޖިސްމާނީ ގޮތުން ހާނީއްކަ ކުރުމުގެ ބަދަލުގައި ނަފުސާނީ ގޮތުން ނިކަމެތި ކޮށްލަންވެސް އުޅެފާނެއެވެ. ދަރިންގެ މެދުގައި އޮތް އާއިލީ ލޯތްބާއި އަޚްވަންތަކަމުގެ ކުލުނަށް ފިތުނައިގެ ޕެޓްރޯލު އަލަންވެސް އުޅެފާނެއެވެ. އެހެންކަމުން މި އަދު ހަމަ ކޮންމެ ކުއްޖަކުވެސް މިކަމާ މެދު ވިސްނަންޖެހެއެވެ. ކިތަންމެ ރީތި ނިޔަނެތި ހަށިގަނޑެއް ނަމަވެސް އޭގައި ފުރާނައެއް ނެތް ނަމަ، އެ ޖިސްމު ކުނިވެ ކަށިފުރޭނިގެން ހިނގައިދާނެއެެވެ. މަންމަ ކިތަންމެ ރީއްޗަސް މަންމަ އާމެދުގައިވެސް ކަންވާނީ ހަމަ ޤުދުރަތުގެ މި ނިޒާމާ އެއްގޮތަށެވެ. ފުރާނައަކީ ފެންނަ އެއްޗެއް ނޫނެވެ. މަންމަގެ ފުރާނައަކީ، މަންމައަށް މާތް ﷲ ދެއްވާފައިވާ އިލާހީ ދެއްވުންތަކެވެ. 4000 އަހަރުގެދިގު އާއިލީ އުމުރެއް މަންމަ އަށް ލިބުނީ އެކަމުގެ ސަބަބުންނެވެ. ފާގަތި ޙަޔާތެއް މުޅި މި ދިވެހި އާއިލާ ދުށީ އެކަންތައްތަކުގެ ސަބަބުންނެވެ. ކޮން ދެއްވުންތަކެއް، ކޮން ސަބަބުތަކެއް ހެއްޔެވެ؟ މަންމަގެ ހިތުގައި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ނޫރު ދިއްލިފައިވުމެވެ. އެކަމުގެ ސަބަބުން ހުރިހާ ކުދިން ރަނގަޅު ތަރުބިއްޔަތެއްގެ ހިޔަލުގައިވުމެވެ. އެއްކުއްޖަކު އަނެއް ކުއްޖަކާ ނުތޮޅެ އެއްބަނޑު އެއްބަފައިކަންމަތީ ދިރިއުޅުމެވެ. މަންމަގެ އުފަލަށްޓަކާ އުފުލަންވީ ކޮންމެ ބުރައެއް، އަދާ ކުރަންޖެހުނު ކޮންމެ ޚިދުމަތެއް، އިޚްލާޞްތެރިކަމާއެކު އުފުލައި އަދާކުރުމެވެ. ދެގޮތެއްނުވެ މިގޮތުގައި ދެމި ތިބުމެވެ. މިކަންކަން ނުހިފަހައްޓަައި ދޫކޮށްލެވިއްޖެ ނަމަ އެދޫކޮށް ލެވުނީ މަންމަގެ ފުރާނައެވެ. މިކަންކަން ދަމަހައްޓާ ހިފެހެއްޓިއްޖެނަމަ އެހިފެހެއްޓުނީ މަންމަގެ ފުރާނައެވެ. އެހެންކަމުން މި ޤައުމީ މައިވަންތަކަމުގެ މަތިވެރި ލޯބީގައި، ދިވެހި ވަޠަނުގެ ކޮންމެ ދަރިޔަކު އަބަދުވެސް އިޚްލާޞްތެރިކަމާއެކު ކިޔަންވީ މި ލަވައެވެ. ފާޅުކުރަންވީ މި ޝުޢޫރެވެ. ''ދުވަހަކު ހިތުން ނުދާނޭ ސުވަރުގެ އަކީ ކަލާއެވެ.'' އާދެ! އަޅުގަނޑުމެން ހުރިހާ ދިވެހި ދަރީންގެ މި ލޮބުވެތި ޝަރަފުވެރި ދިވެހި ބިމެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ ރާގު, 2008-12-04 00:40:04
ރަނގަޅު ވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ މޮޅު ލިއުމެއް. ޝުކުރިއްޔާ ނަޞީރު.
...
ލިޔުނީ މީމު, 2008-12-04 08:56:42
ޚިޔާލު މޮޅެވެ. އެތުރުން ޗާލެވެ. ސިފަކުރުން ހިތްގައިމެވެ. މެސެޖް މުހިންމެވެ. ނަސީރަށް ސާބަހެވެ.
...
ލިޔުނީ ފަޒީ, 2008-12-04 11:10:55
އެހެންވެގެންދޯ ދިވެހި ދަރިޔެކޭ ބުނެވެނީ.. އަދި ކިރިޔާ މިއެނގުނީ.. ދިވެހި ދަރިންނޭ ބުނެވެނީ ދިވެހި ގައުމު އެއީ މަންމަ ފަދައިން އެބީދައިން ބެލޭ ތަނަކަށް ވާތީކަން.. އެހާވެސް މުހިންމުތަނަކަށް ގައުމުގެ ފަސްގަނޑު ވާތީކަން. ގައުމުގެ ދަރީންނޭ ކިޔަނީ.. މިކަހަލަ ވަރަށް ކުދިކުދި އާދައިގެ ހާދަ ގިނަ އެއްޗިއްސެއް ދިވެހި ބަހުން ނޭނގި ހުންނާނެޔޭ ދޯ.. އާދަންނަށް ވަރަށް ޝުކުރިއްޔާ!
...
ލިޔުނީ ރުއް, 2008-12-04 18:26:26
ބާމުންނާރުގެ ފަހަތުން އާމުންނާރު ފެންނައިރު ރީތި ދޯ. ނަމަވެސް މިއުޅޭ މީހުން ތިމުންނާރުތަކުގައި ސޮލީބު ނުޖަހާ ދޫކޮށްލާނެބާ؟
...
ލިޔުނީ އަމްޖަދު , 2008-12-06 05:41:09
ވަރަށް ބިނާކުރަނިވި ލިޔުމެއް. މަޖާވެސް ލިޔުމެއް. ފޫހިކަމެއް ނެތި ކިޔާހިތުން ކިޔާލެވުނު. ތަފާތު އިޙްސާސްތަކެއް އުފެއްދި. ސްކޫލް ކުދިންނަށް ދޭހައެއް ތައްޔާރު ކޮށްލަން ވަރަށް ރަނގަޅުވާނެކަމަށްފެނޭ.
...
ލިޔުނީ appe, 2009-06-07 19:44:19
ނަސީރުގެ މިލިޔުން ވަރަށް ފުރިހަމަ. ވަރަށް ސާދާ. މިލިޔުން އެއްކޮށް އަޅުގަނޑު ކިޔާލިން. މުޅީންވެސް ދައްކަނީ މަންމައެއްގެ ވާހަކަ. އަޅުގަނޑު ހިތުގަ އުފެދޭ ސުވާލަކީ ބައްޕައެއް ނެތި މަންމައަކު ހޯދާ ދަރިންނަޚި ކޮންކަހަލަ ކުދިންނެއްބާއެ؟؟ މިލިޔުން އަޅުގަނޑަށް ހީވަނީ ދިވެހި ރާއްޖޭގައި އުޅެނީ ހުސް .....................................
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2009-06-08 10:42:33
appe. ގެ ނަމުގައި ޚިޔާލު ދެއްވި ފަރާތަށް ޝުކުރު ދަންނަވަން. ކުރެއްވި ސުވާލުގެ ޖަވާބުގައި ދަންނަވާލަން އޮތީ، މި ލިޔުމުގެ އަދަބީ މަފުހޫމު ދޭވެވަޑައިގެންފައި ނެތް ކަމަށް ހާދަ ހީވެޔޭ.. ލިޔުމާ މެދު ވިސްނިވަޑައިގެންފައިވަނީ އޭގެ ރޫޙާ އެއްގޮތަށް ނޫންކަމަށް، ތިޔަ ކުރެއްވި ސުވާލުން ހާދަ ހީވެޔޭ.. މި ދަންނަވާ އެއްޗެއްގެ އިތުރު ތަފުޞީލު ހޯއްދަވައި ލައްވަން ބޭފުންފުޅުނަމަ، އަޅުގަނޑު ލިޔެފައިވާ، ''ބާޔަށް ގޮސް ރާބޯން އިންއިރު..'' މި ލިޔުމަށް އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ދެއްވާފައިވާ ޢިލްމީ ޖަވާބާމެދު ވިސްނުންފުޅު ހިންގަވައިލެއްވުން ބުއްދި ވެރިކަމަށް ފެނޭ.. ކޮންމެއަކަށް ތިޔަ ދެއްވި ބައިވެރިވެވަޑައިގަތުމަށްޓަކ
... ލިޔުނީ mohamed, 2010-10-18 06:00:20
kaleymenge thikahala visnun hunnathy ey kanthah bossun lany....ehcheh meehaku rangalhu gothuga liyaa irah coment dheyn ves thibeny limitun katafa.......allah mifadha meehunna heyo visnun dhevvashi...aameeen...liyun theriyaage liyumah ithurah bune veyne ehves ehcheh neiy...ehaa ves furihama.....v gina liyunthah kiyaifin...adhi mihaa furihama liyumeh nukiyan...thanks alot...adam naseeru....
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|