ފަންވަތް ދިވެހި އިޖުތިމާޢީ " ކޮއިފުޅާ ހަސަނާއެވެ. މީހުން މީހުނަށް ވާނީ މީހުން މީހުނަށް ހެދީމައެވެ."
ބެލި ޢަދަދު: 1636
" ކޮއިފުޅާ ހަސަނާއެވެ. މީހުން މީހުނަށް ވާނީ މީހުން މީހުނަށް ހެދީމައެވެ." ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
01 މާރޗް 2010، 00:04 ހޯމަ

އިބްރާހީމް ނަޢީމު

ބޮޑުތަކުރުފާނު ވާހަ ކިޔާފައިވާ އެއްވެސް މީހަކަށް މިކަން އޮޅިފައެއް ނުވާނެއެވެ. އެތަކުރުފާނުގެ މަތިވެރި ޖިހާދުގެވާހަކައާއި ޙިކްމަތްތެރިކަމުގެ ވާހަކަ އަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. އެވާހަކައިގައި ވާގޮތުން އެތަކުރުފާނު ދުވާފަރަށް ކުރެއްވި ދަތުރެއްގައި، ވަރަށް ނިކަމެތި ބަލި ކުއްޖަކާ ދިމާވިއެވެ. އެއްއަތުން ކާށި ކޮޅެއްކަމުން އަނެއް އަތުން މެހި ފައްސަމުން އައި ކުއްޖެކެވެ. (މެހިފައްސަމުން އަންނަނީ ހަށިގަނޑުގެ އެކި ތަންތާގައި ހުރި ފާރުގަނޑުތަކުން ނުކުންނަ ދިޔައާއި ދޮހުގެ ސަބަބުން މުޅި މީހާ ވަށައިގެން މެހި އެނބުރެމުން ދާތީކަމަށް އެވާހަކައިގައި ބުނެފައި ވެއެވެ.)

ކޮންމެއަކަސް މުޙައްމަދު ތަކުރުފާނު އެކުއްޖާ ގޮވައިގެން ކަޅުއޮއްފުންމިއަށް ދުރުވުމުން، ކޮއްކޯފުޅު ޙަސަންތަކުރުފާނު އެކަމާ ކުޑައިކޮށް ހިތްހަމަ ނުޖެހޭގޮތް ވެއްޖެއެވެ. ސަބަބަކީ ކުރަމުން މިދާ ޖިހާދުގައި ފުރިހަމަކުރަން އޮތް މަސައްކަތުގެ ބޮޑުކަން އެނގިހުރެމެ، އެފަދަ ބަލި ނިކަމެތި ކުއްޖެއްގެ ކަންތައްތަކާ ހަވާލުވީތީއެވެ. ނުވަތަ ހަވާލުވެގަތީ ތީއެވެ. އާޚިރުގައި މިކުއްޖާ ބަދަލުވެގެން ދިޔައީ ވަރުގަދަ ކެރޭ ފަހުލަވާނަކަށެވެ. މިދަންނަވާ ކުއްޖަކީ ދަންޑެހިލުގެ ނަމުން މަޝްހޫރުވި، އުތީމު ތިންބެއިން ފެއްޓެވި ޖިހާދުގައި އެހީތެރިވެދިން ފަހުލަވާނެވެ.

މިކަހަލަ ފަހުލަވާނުން ނަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައެކެވެ. މި ދިވެހި މުޖްތަމަޢުގައި އުޅޭ އެކި ފަންތީގެ މީހުންގެތެރެއިން، ދިވެހި މާހައުލާ އެންމެ ނުގުޅޭ އެއްބަޔަކީ ބިދޭސީ މަސައްކަތުމީހުންގެ ގިންތީގައި ހިމެނިގެން މިއުޅޭ އަވައްޓެރި ޤައުމުތަކުގެ މީހުންނެވެ. ދިރިއުޅުމުގެ އާދަތައް ވަރަށް ތަފާތެވެ. ކެއިންބުއިމުގެ އުޞޫލުތައްވެސް ދިވެހި މާހައުލަކާ ނުގުޅެއެވެ. ހެދުން އެޅުމުގެ ވައްޓަފާޅީގައިވެސް ކުޑަ 'ލޮނުގަދަ'ކަމެއް ހުރެއެވެ. އަދި އެންމެ ފާހަގަކުރެވެނީ ސާފުތާހިރުވުމެގެ ކަންތައްތަކެވެ. އެއިންމީހަކު ހިނގާލާ މަގަކަށް ހަމަ ނޭވައެއްލައިފި މީހަކުގެ ނޭފަތުކަށިގަނޑުވެސް ވިރި ހުސްވާހާ ވެއެވެ.
މި ތަފާތުތައް މިހެން ހުރިއިރުވެސް އަޅުގަނޑުމެންނަކަށް އެމީހުން ދޫކޮށްލެވޭކަށް ނެތެވެ. އަޅުގަނޑުމެންގެ އިޤްތިޞާދީ އިންޖީނުގައި އެމީހުންގެ ހިއްސާ ވަރަށްވެސް ބޮޑެވެ. އެމީހުންގެ އެހީތެރިކަމާ މަދަދު ބޭނުންނުކުރާ ގޭބިސީއެއް ވަރަށްވެސް މަދުވާނެކަމަށް ފެނެއެވެ. އަޅުގަނޑުމެންގެ ރައްރަށުން މިފެންނަ ތަރައްޤީގެ މަންޒަރުތަކުގައި އެވެރިން ޖައްސައިދޭ ކުލަވެސް ވަކި މަދެކޭ ނުބުނެވޭނެއެވެ. ގިނަމީހުންގެ ސައިކަލާއި ކާރަށްވެސް އޮފްއަރުވައިދެނީ އެވެރިންގެ ދެއަތުންނެވެ.

ސުވާލަކީ މިއިން މީހަކު ދަންޑެހިލުކަހަލަ ފަހުލަވާނަކަށް ހެދިދާނެބާވައެވެ. ނުވަތަ މިއިން މީހަކު އެކަހަލަ ފަހުލަވާނަކަށް ހެދިދާނެ ކަހަލަ ތޫނުފިލި ވިސްނުންތެރި ސިކުނޑިއެއް މިމުޖްތަމަޢުން ނެގިދާނެބާވައެވެ. އެކަހަލަ ވިސްނުމެއްގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިދާނެބާވައެވެ. އެމީހުން އެނބުރި ގައުމަށް ދާއިރު ކުރިން އާދަ ވެވިފައިނެތް ރީތި ސިފަތަކެއް ދަސްކޮށްދެވިދާނެ ބާވައެވެ. ކުރިން ބުނިހެން މީހުންމީހުނަށް ވާނީ މީހުން މީހުނަށް ހެދީމައެވެ. އެހެންވިއްޔާ އަޅުގަނޑުމެންގެތެރޭގައި މިއުޅޭ ބިދޭސީންނަށް ރީތި ސިފަތަކެއް ދަސްކޮށްދީ އެއިގެތެރެއިން އެކަކުވެސް މީހަކަށް ވާކަހަލަ މީހަކަށް ނުހެދޭނެ ބާވައެވެ.

ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގާޅު ރައްޔިތުންކަން ތަފާސް ހިސާބުތަކުން އިނގެއެވެ. މާނައަކީ ގިނަމީހުންނަކީ މުސްލިމުންނެވެ. އެހެންކަމުން މުސްލިމު އަޚާއަށް އެހީތެރިވުމާ ހެޔޮފޯރުވުމުގެ ގޮތުންވެސް މިކަމަކީ ކުރުން އެދެވިގެންވާކަމަކަށްނޫނީ ނުވާނެއެވެ. މިވާހަކަ މިހެން ދައްކާއިރުވެސް މިވެރިންގެ ފުށުން ލިބޭ ގޯނާތައްވެސް ހުރިކަން ހަނދާނެއް ނުނެތެއެވެ.

އަޅުގަނޑުގެ މިޚިޔާލު ރައްޓެއްސަކާ ހިއްސާކޮށްލުމުން މިކަމުގައި އޭނާގެ ޚިޔާލުވެސް ބުނެދިނެވެ. އޭނާ ދެކޭ ގޮތުގައި ދަންޑެހިލު ކީއްކުރަން ހެއްޔެވެ. އެއާ ގާތްކުރާ މީހަކުވެސް އުފެދިދާނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ސަބަބަކީ މިވެރިންގެ ވިސްނުން ކޮށިކަމެވެ. ކަމަށް ކަމޭހިތުމުގެ ރޫޙު ނެތްކަމެވެ. ނަމަވެސް އަޅުގަނޑުގެ ޚިޔާލު މިޔާ މުޅިންތަފާތެވެ. އެވެރިންގެ ތެރޭގައިވެސް ކެރޭ މުރާލި ކަމަށް ކަމޭހިތާމީހުން ވަރަށް ގިނައެވެ. ހިތްވަރު ގަދަމީހުންވެސް މަދެކޭ ނުދެންނެވޭނެއެވެ.
(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ އިލާ, 2010-02-28 19:31:47
ކޮންމެމީހަކަށްވެސް އެމީހެއްގެ ޚިޔާލު ފާޅުކުރެވިދާނެއެވެ. ނަމަވެސް އާދައިގެ ބަންގާޅީއަކާ ހަމަ ހަމަ ކުރައްވަން ތިޔަ އުޅުއްވަނީ މަޝްހޫރު ދަންޑެހިލާއެވެ. މީ ކިހިނެތް ވާނެ ކަމެއް ތޯއެވެ. ލިޔުންތެރިޔާ މިކަމާ ވިސްނާލެއްވުން އެދެމެވެ. ނަޢީމުގެ ވަރަށްގިނަ ލިޔުންތަކުގައި ދިވެހި މުޖްތަމަޢް ކުށްވެރިކުރައްވަން އުޅުއްވާހެން ހީވެއެވެ.
...
ލިޔުނީ އިބްރާހީމް, 2010-03-01 17:23:08
އަޅުގަނޑު ހިތުން ލިއުންތެރިޔާ "އާދައިގެ ބަންގާޅީ" އަކާ ދަންޑެހެލާ އާ ހަމަހަމަ ކުރީއެއް ނޫނެވެ. ބޮޑު ތަކުރުފާނު ދަންޑެހެލު މީހަކަށް ހެދި ވާހަކައިން މިސާލު ދެއްކީ އެވެ. އަޅުގަނޑުމެން މުސްލިމުން އުޅެން ޖެހޭ ގޮތުގެ މިސާލަތައް ނަގަނީ ކީރިތި ރަސޫލާގެ ސުންނަތުންނާއި ސިޔަރަތުންނެވެ. ނަމަވެސް އެއީ އަޅުގަނޑުމެން އެމާތް ނަބިއްޔާއާއި ހަމަހަމަ ވުމެއް ނޫނެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1636
extra avandia and congestive heart failure