މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އޮބީމާ، ކޮއްޕީމާ |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 13 އެޕރީލް 2010، 01:18 އަންގާރަ | |||
|
އައްޝައިޚުލްމަރުޙޫމު ޢުމަރު ޢީސާ އޮބުން، ފިއްތުން، ކޭއްތުން، ކޮއްޕުން، މިހިރީ އަޅުގަނޑުގެ މި މައުޟޫޢުގައި ގޮތް ތަފާތަކަސް މަޢުނަ އެކައްޗަކަށްވާ ކަންތައްތައް. އަޅުގަނޑުގެ ގަސްތަކީ، ފިޒިކްސް ނުވަތަ ޠަބީޢީ ޢިލްމުގެ ގޮތުން މި ކަންކަމުގެ ނަތީޖާއަށް ބަލައިލުން. ދެން އެކަންކަމުން ފެންނަ ނަތީޖާއަކާއި ހަމަ އެކަންކަމުން އިންސާނުންގެ މެދުގައި މަޢުނަވީ ގޮތުން ފައިދާވާ ނަތީޖާއަކާއި، މި ދެ ނަތީޖާ އެއް ރޮނގުން ދޭތޯ ބަލައިލުން. ދަގަތްފާނުގެ ބާރު، އިލެކްޓްރިކްބާރު، ހޫނުގެ ބާރު، އަލީގެބާރު، ޖާޒުބިއްޔަތުގެ ބާރު، މިހިރީ ހައްތާވެސް ތަކެތީގައި އެކުލަވާ ޠަބީޢީ ވަރުގަދަ ބާރެއްގެ އެކި އެކި ސިފަކަމީ ޤުދުރަތީ ޤާނޫނުން ސާބިތުވެފައިވާ ކަމެއް. އެ ބާރު ނެރުމަށް އަޅުގަނޑުމެންގެ ޙިއްސުތަކާއި ހަމައަށް މާއްދާތަކުން ގެންނާން އެންމެ ލާހިކު ގޮތްގޮތަކީ، ކޭއްތުމާއި އޮބުން. އެހެން ޢިބާރާތަކުން ވިއްޔާއި ދަފުޢުކުރުން. ނުވަތަ ބާރަށް އޮބައިގަތުން. ދަގަނޑުގަނޑަކަށް އަޅުގަނޑުމެން ބަލައިލާއިރު، އޭގައި ހުރި ހަރުކަމެއް ނޫން އެހެން ބާރެއް އެއިން ފައުޅުވާތީއެއް ނުފެންނާނެ. ފައުޅުނުވާ އެއްވެސް ބާރެއް ފޮރުވިފައި އެ ކަހަލަ ފިނި ދަގަނޑުގަނޑެއްގައި ހުރެދާނެޔޭ އާންމުންގެ ހަމަ އެކަކު ވެސް ނުބުނާނެ. އެކަމަކު މަރުތޭލަކުން ނުވަތަ އެ ނޫން ހަރު އެއްޗަކުން ބޮނޑިޔަކަށްފަހު ބޮނޑިޔެއް އަޅަން ފަށައިފިއްޔާއި އެއްކަލަ ދަގަނޑުގަނޑު މަޑުމަޑުން ހުރެ ހޫނުވަމުން އަންނާނެ. ޙަރާރަތާއި ހޫނުކަމުގެ ދަރަޖަ އުފުލެމުން އައިސް ދޮންވެގެން ރަތްވެދާނެ. އެންމެ ފަހުން އެތިގަނޑަށް ހުދުކުލަ އަރައި، ނޫރާއި އަލިކަން ފަތުރާލައިފާނެ. ދޮވެގެން ހުދުކުލަ އެރީމާ ނޫރު ފައިދާ ވާކަން، މިހާރު މި ގެންގުޅޭ އިލެކްޓްރިކް ބޮކިތަކުން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެ ބޮކިތަކުގައި އެތެރޭން ފުރާފައި ހުންނަ ޕްލޭޓިން ނަރުފަށެއް ދޮންވެގެން ފައިދާވާ އަލިކަމެއްކަން ވެސް މަދަރުސާ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް އެނގޭނެ. ހަމަ މި ދެންނެވި ބީދައިން، ހަމަ މި ނަތީޖާ ހަރު އެއްޗެއްގައި ފީރަކުން ކޭއްތިޔަސް ލޮލަށް ފެންނާނެ. ބޮޑު ދައްޗަކުލައި ފުދޭވަރަށް ބާރު ކުރެވުނަސް ނަތީޖާ އެކައްޗަކަށް ނުވެއެއް ނުދާނެ. އިހުޒަމާނުގެ މީހުން އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުން އަލިފާން ދަޑީގެ ބަދަލުގައި ގެންގުޅެނީ ދަގަނޑާއި ކަޅު ހިލަ. އެކަތިން އަނެކަތީގައި ބާރަށް ޖެހީމާ ކަނި ބުރައިގަންނަނީ. އެއިން އަލިފާން ރޯވަނީ. ބައެއް ތަންތާނގައި ދަރާއި ލަކުޑި ހޯދައިގެން އަލިފާން ހޯދަނީ. މި ރާއްޖޭގެ ބައެއް ފަޅު ރަށްރަށުގައި މި ގެންގުޅޭ ގޮނޑި ފޮޔަކީ އޭގެ މިސާލު. ދެ އެއްޗެއް ކާއްތައިގެން އަލިފާން އެޅުމެކޭ ބާރަށް ޖައްސައިގެން ނެރެގަތުމެކޭ އަލިފާން ދަނޑީގެ ބޭނުން ކުރުމެކޭ ވެސް މަޢުނައާއި ނަތީޖާ އަޅުގަނޑު ހިތުން އެއްގޮތް. ތަފާތު ހުންނަނީ ޢަމަލު ކުރެވޭ ސިފައިގައި. އަލިފާން ދަނޑި ރޯކުރަނީ ވެސް ކާއްތައިގެން ދަނޑީގެ ކޮޅުގައި ބަޑި ބޭސް ކޮޅެއް ހުންނަނީ. އެއީ ވަރަށް އަވަހަށް ހުޅު ހިފާ އެއްޗެއް. ދާދި ލުއި ކޭއްތުމަކުން އުފެދޭ ކުޑަ ހޫނުކޮޅަކުން ބަޑި ބޭހުގައި ހުޅު ހިފުމަށް ފުދެނީ. ދެން ހޫނުގެ ބާރާއި އަލީގެ ބާރު އަރައިގަންނަނީ. އުނގުޅައިގަތީމާ ޖާޒުބިއްޔަތުގެ ބާރު ފައުޅުވާކަން އެނގޭ އެއްގޮތަކީ، ކަހުރަބާއި ބިއްލޫރި ފަދަ މާއްދާއެއް ކެހެރި ފޮތިގަނޑެއްގައި ކާއްތައިގަތުން. ކާއްތައިފިއްޔާއި ވަރަށް އަވަހަށް ހޫނު ވެދާނެ. ކުދި ކުދި ކަރުދާސް ކޮޅުކޮޅާއި، ލުއި އެތިކޮޅު ދަމައިގަންނަ ފަދަ ޖާޒުބިއްޔަތެއް ފައުޅު ކޮށްފާނެ. ދެން ވެސް ކޭއްތުން އިތުރު ކޮށްފީވިއްޔާއި އިލެކްޓްރިކްގެ ބާރު ފައިދާވާނެ. މި ހިރީ ވަރަށް ގިނަ ޠާލިބުން ދަންނާނެ ކަންތައް. އިލެކްޓްރިކް މެޝިންތަކުގެ ތެރެއިން ވަރަށް ގިނަ ވައްތަރުގައި މިހާރު އިލެކްޓްރިކް ފައިދާކުރަނީ ހަމަ އެކަނި ކޭއްތޭ ކޭއްތުމެއްގެ ވަސީލަތުން. މިފާޑުގެ ތަޖުރިބާތަކުން މާއްދާތަކުގައި ޠަބީޢީ ބާރެއް ހުރިކަމާއި އެ ބާރުތައް އޮބުމާއި ފިއްތުމުން ފައުޅުވާކަން އެއީ ސާބިތުވެފައިވާ މައްސަލައެއް. އެ ބާރު ނެރެގަނެގެން އަޅުގަނޑުމެން ބޭނުން ފުއްދައި އުޅެނީ. އެ ފަދަ ގޮތަކުން މި ދަންނަވާ ބާރުތައް ނެރެ ނު ގަންނަހައި ހިނދަކު އެ ހުންނަނީ މުޅީން ފޮރުވިފައި. ފުރުޞަތެއް ލިބުނުހައި އަވަހަކަށް ނިކުންނާން ތައްޔާރުވެފައި. ތަންދޮރު ފިލާމީހަކު ނުވަތަ ތަޖުރިބާކުރާ މީހަކު މި މައްސަލައިގައި ދެ ކޮޅެއް ނުހަދާނެ. އަޅުގަނޑުމެންގެ އިންސާނީ ޢާލަމުގައި އަދަބީ ފިއްތުމާއި މަޢުނަވީ ކޮއްޕުމުގައި ވެސް މި ކަން އިސްވެގެން ދިޔަގޮތުގެ މަތީން ހިނގާތޯ ނުވަތަ ނުހިނގާތޯ ބަލައިލަމާތޯ؟ ބައެއް މީހުންގެ ފިޠުރަތުގައި ހީވާގި ކަމާއި ވިސްނުން ތޫނުކަމާއި ހިތްވަރާއި ފަންވަރު އެކުލަވައި މަސްހުނިވެފައި ހުއްޓަސް ފަރާތެއްގެ ފިއްތުމެއް ނުވަތަ ކޮށްޕުމެއް އަޅައި އޮބައި ނުގަންނަހާ ހިނދަކު، އެ މީހުންގެ ހަރޮށި ސިފަތައް ބުރަހެލިވެ މަޑުޖެހިގެން ފޮރުވިފައި ހުރެދާނެ. އެހެން ހުންނަހާ ހިނދަކު އެއީ ވިސްނުންކޮށި، މިޒާޖުބަލި، އަގެއް ނެތް މީހުންނޭ ތިބީން ހީކޮށްގެން ތިބެދާނެ. އެކަމަކު އެ މީހުންނަށް ދަތިކޮށް ހުރަސް އަޅާނެ ބާރުތަކެއް މެދުވެރިވެގެން އެ މީހުންގެ ޝުޢޫރުތަކުގައި ކޭއްތި ޟަމީރުތަކުގައި ތެޅެން ފަށައިފީވިއްޔާއި އެ މީހުންގައި ފޮރުވިފައިވާ ތޫނު ފިލިކަން ފައުޅުވެ މަތިވެރި ސިފަތައް އުތުރިގެންފާނެ. ދެން ހައިރާންވާ ކަހަލަ މީހުން ހީވެސް ނުކުރާ ފަދަ ޚުޠޫރަތްތެރި ޢަމަލުތައް ގެނެސްގެންފާނެ. މި މޭރުމުން މި ފިކުރު ހިންގަމުން ދާއިރު، ދަތި އުނދަގޫތަކުގެ ހުސްތަކުގައި އެންމެ ގިނައިން ކޭއްތެނީ، އަދި އެންމެ ނުރައްކައުތެރި އެތި އެތި ފަހަރުން ހޫނުކަން ލިބިފައި ތިބިކަމަށްވަނީ، އިންސާނީ މުޖުތަމަޢަށް އެންމެ މަތިވެރި ޚިދުމަތްތައް އަދާކުޅަ މީހުން. މި ކަމުގެ ތެދުވެރި އުޖާލާ ދަލީލުތައް ފެންނަނީ މާތް މީހުންގެ ސިޔަރަތާއި، އުންމަތްތަކުގެ ތާރީޚު ބަލައި އުޅޭ އަފުރާދުންނަށް. އަދި މި ކަން އެންމެ ދަޅަގަދަ ސިފަޔަކަށް ފެންނަނީ ވެސް ދީނީ މަޒުހަބުތަކަށް ބަލާއިރު، ފަހެ އެކި އެކި ދީންދީނުގެ ޒަޢީމުންނާއި، ނަޞްރުދޭ ވެރިންނަށް، ފަރާތްފަރާތުން ފޯރާ ދެކޮޅުވެރިކަމާއި މުޞީބާތަކީ، އުލުލްޢަޒުމި، އާދެ! ޢަޒުމުގެ ވެރި އަފުރާދުންނަށް ނޫނީ ތަޙައްމަލު ކުރެވޭނެ ކަންތައްތަކެއް ނޫން. އެ ފަދަ އުނދަގޫތައް އެއުރެންގެ ކުރިމައްޗަށް އަންނަކަމީ އެ މީހުންގެ ޢަޒުމާއި ފަންވަރު ގަދަވަމުން ދިޔުމުގެ އެންމެ އިސް ބާރެއްކަމުގައި ނުވެއެއް ނުދާނެ. އެމީހުންގެ ދަޢުވަތު ކުރިޔަށް ހިންގުމަށާއި، ގަދަ އަޅައި ހިންމަތް ކުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، އެމީހުންނަށް ދަތިކުރާ މުޞީބާތްކަމުގައި ވެސް ނުވެއެއް ނުދާނެ. ހަމަ އެކަނި ޢީސާއީ ދީނުގެ ތާރީޚާއި އިސްލާމްދީނުގެ ކުރީކޮޅުގެ ތާރީޚަށް ބަލައިލިޔަސް މި ކަން ރީތިކޮށް ބަޔާން ވެދާނެ. ބައެއް ބައެއް މުސްތަޢުމިރުން ގަނެގެން، ހޯދައިފައިވާ މިނިވަންކަމަކީ ވެސް މި ރޮނގުން ހިނގައިފައި ހުރި ކަންތައް. މިސާލަކަށް އެމެރިކާގެ އަހުލުވެރިން ހޯދައިގަތް މިނިވަން ވުމަކީ ވެސް އިނގިރޭސީންގެ އަނިޔާވެރި ފިއްތުމުގެ ނަތީޖާ. ފަހެ އިނގިރޭސީން އެމެރިކާގެ އަހުލުވެރިންގެ އަތުން ޓެކްސް ނެގުމުގައްޔާއި އެމީހުން އަޅުވެތި ކުރުމުގައި ދޫ ޖެއްސުމެއް ނެތި އޮބަމުން އޮބަމުން ގެންދިޔައީ. ދެން ދަތި އުނދަގޫތައް އެމެރިކާ މީހުންގެ ޝުޢޫރަށް އަސަރުކުރަމުން ކުރަމުން އައިސް އެންމެފަހުން މަރަކީންގައި ހުރި މަޢުނަވީ ބާރު އުތުރި އަރައިގަނެގެން މިނިވަންކަމާއި ދިމާއަށް ދުއްވައިގަތީ. އެ މީހުންގައި ހުރި ބާރުތައް ހިލިގެން ޢަމަލީ ސިފަ އައިސް، އެމެރިކާއަކީ، މިނިވަން ޤައުމަކަށްވީ. މިހާރު ތަރައްޤީއާއި މަދަނިއްޔަތުގެ ކޯޓުގައި ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އެމެރިކާ އޮންނަނީ އިނގިރޭސި ދައުލަތް ކަފުޖަހާ ހިސާބެއްގައި. ޖަޕާނު މީހުން ވެސް ރޫސީންގެ ހަންމުށިން އެޅުނު ދެތިން ބޮނޑިޔަކުން މުޅިން ނިދި ފިލުވައިލީ. ޖަޕާނަކީ ވެސް މިނިކުއްޖަކަސް ބާރުތަކެއް އެކުލަވާ ބައެއްކަން ދުނިޔެއަށް ސާބިތުވަންދެން ހިއްމަތް ކުޅައީ. ކުޑަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ރޮނގަކުން ޔޫރަޕްގެ މަތީ ގައުމުތަކާ އަރާ ހަމަ ކޮށްލީ. މި ޞުރުގައި ވެސް ފާރޫޤާއި ދެން ތިބި ބޮޑެތި ވެރީންގެ އަނިޔާ ރަޢިއްޔަތުންނަށް ވިދިވިދިގެން ލިބޭން ފެށުމުން އެ މީހުންގައި ފޮރުވިފައި ހުރި އަގުހުރި ބާރުތައް ފައުޅުވެގަތީ. ފައުޅުވީ މުޙަންމަދު ނަޖީބެއްގެ ސިފައިގައި. ޢަބްދުއްނާޞިރެއްގެ ކުލައިގައި. ވަރުގަދަ އިއްތިޙާދެއްގެ މިސާލުގައި. ނުގުޑާފދަ ޢަޒުމެއްގެ ފާޑުގައި. އަދި މި ނޫން ވެސް އެތައް ގޮތަކަށް. ދެން ޕޯޗުގީޒުން މި ކުޑަ ކުޑަ ދިވެހި ރާއްޖެއަށް ވެރިވެގަނެގެން އަޅަމުން ދިޔަ އެތި އެތި ފަހަރުގެ ނަތީޖާ އެއްގެ ގޮތުން ހަމަ މި ރާއްޖެ އިން، އާދެ! މި ރާއްޖޭގެ ކަށްޓާއި، ލޭގެ ތެރެއިން، އުފެދުނު ތޫނުފިލި ބާރުތަކަށް ކަޅި ހުއްޓައިލުން ކީއްތޯ؟ މަޝްހޫރު ކަޅުއޮއްފުންމި އަކީ، ކޮންގޮތަކުން، ކޮން ނިޔަތެއްގައި، ކޮން ކަމަކައިހުރެ، އެކުލެއްވުނު އޮޑިއެއްތޯ؟ އޭގެ ޒުވާން ލީޑަރުގެ ހިތްޕުޅަށް ނަޚްވަތްތެރިކަމުގެ އާރާއި ބާރު ވައްދައިދިނީ ޕޯޗުގީޒުން ރާއްޖޭގެ އަހުލުވެރިން ދަތިގައިލައި، ފިއްތައިލި ފިއްތައިލުން ކަމުގައި ނުވޭތޯ؟ އާދެ! ޕޯޗުގީޒުން މި ރާއްޖޭގެ މުވާޠިނުން ފިއްތައިލީމާ، ޙަރާރަތެއް ފައިދާވެގެން ނޫރާއި ކަންޏެއް އަރައިގެން ދިޔައީ. އަލިކުރަމުން، ހޫނު އުފައްދަމުން، ދިޔަ ގޮތަށް ގޮސް ނަޞާރާ ވެރިންގެ މޭގަނޑު އަންދާލީ. ފުރާނަތައް ވަކި ކޮށް މިރާއްޖެ އިން އެމީހުންގެ ވަސް ފޮހެލީ. މި ބީދައިން ގޮސް ފަރުދުންގެ ޙަޔާތަށާއި، ޖަމާޢަތްތަކުގެ ޙަޔާތަށް ވިސްނާއިރު، މިފާޑުގެ މިސާލުތައް ފެންނަނީ މަދެއްކޮށެއް ނޫން. ކޮންމެ މިސާލަކުން ވެސް އިންސާނުންގެ މެދުގައި އެމީހުންގެ ފޮރުވިފައި ހުންނަ ބާރުތައް ހިލުވައިލާ ނު އަތު ޢާމިލުތަކެއް ހުންނަކަން އެނގޭ. އެއީ މުޞީބާތްތަކާއި، އެތިއެތި ފަހަރު އައިސް މީހުން އޮބައިގަތުމާއި، އުނދަގުލާއި ދަތިތަކުގައި ފިތޭން ޖެހުމާއި، ނުރުހުން ވާހަކަލަ ނުފޫޒުތަކެއް ޝުޢޫރުގައި ކޭއްތެމުން ދިޔުމާއި، ކޮއްޕެމުން، ގެޅެވެމުން، ނިކަމެތިވުމާއި ދިމާޔަށް ދާންޖެހުން ފަދަ ޢާމިލުތައް. ފަހެ މީހުންގެ ތެރޭގައި އެތި ފަހަރަކާއި ނުލައި ހޭ ނުއަރާ ފަރުދުން ތިބޭކަމީ އަޅުގަނޑުމެން އެންމެން ދަންނަކަމެއް ނޫންތޯ؟ ކަން މިހެން ހުރުމާއެކު ވެސް، ތަކެތީގެ ތެރޭގައި އޮބުމާއި ފިތުން ތަޙަންމަލު ނުކުރެވޭ ކަހަލަ ތަކެތި ހުރޭ. މިސާލަކީ، ބިއްލޫރިއާއި ފުޅިތޮށި. އޮބައިގެންފިއްޔާއި އެ އެއިން ހޫނުކަން ފައިދާ ނުވަނީސް ފުނޑުފުނޑު ވެދާނެ. ނުވަތަ ތަށިމުށި ބާރަށް ފިތައިގެންފިއްޔާއި ހިމުންވެދާނެ. ހަމަ އެހެންމެ އިންސާނުންގެ ތެރޭގައި ވެސް އެ ފާޑުގެ މީހުން ތިބޭނެ. ފަހެ އެމީހުންގެ ޢަޒުމު، އެ މީހުން ފިތުނު ވަރަކަށް ބަލިވާނެ. އޮބުނު ވަރަކަށް ލޮޑުވާނެ. ހޫނުކަމެއް ކުޑަކޮށް ވެސް ފައުޅުނުވެ، ދުނިޔޭގެ މައިދާނުން ފިލައިގެން ހިނގައިދާނެ. ولله فى خلقه شئون (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ އިސްމާޢިލް މުބާރަކް, 2010-04-13 08:22:58
ފަންވްތުގެ އެޑިޓަރަށާ އަދި މޮޑަރޭޓަރުންނަށް އަޅުގަނޑުގެ ނަމުގަ އަދި ވަކިން ޚާއްސަކޮށް ޢާއިލާގެ ނަމުގަ ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ، މިލިއުމުގާ އަޅުގަނޑުގެ ލޮބުވެތި ބައްޕަ ސިފަކޮށްދެއްވާފަ މިވަނީ ފިޒިކްސް ޢިލްމުގެ ޙަގީގަތެކެވެ އާދެ ފިއްތައިގެންވެސް ނޫނީ އޮއްބައިގެންވެސް ނޫނީ ދޭއްޗެއް ކޭތިގެންވެސް ފްރިކްޝަން އުފެދުމުން ވާނެގޮތެވެ، ފާހަގަ ކުރެވޭ ކަމަކީ ފިޒިކްސްގެ މި ޢިލްމީ ޙަޤީގަތް މިނވަންކަމާ ޑިމޮކްރެސީޔާ ގުޅުވާލައްވާފައިވާލެއް ފުރިހަމަކަމެވެ.
...
ލިޔުނީ އަބްދުއްރަހީމް, 2010-04-14 08:00:15
ސެއިކް މަރުހޫމް ރަހިމަހުﷲ އީސާއަކީ އަދަޔާހިލާފު އަދަބީ މަސައްކަތްތަކެއް ކުރައްވާފައިވަ ބޭފުޅެއް. އެބެފުޅާ ލިޔުއްވާފައިވާ " ކައުންޓު އޮފް ދަ މޮންޓެ ކުރިސްޓޯ" އަކީ މިކަމުގެ މިސާލެއް... އިތުރު އަދަބީ މަސައްކަތްތަކެއް ކުރައްވާފައި ހުރި ނަމަ ފަންވަތުގެ އިހުލާސްތެރި އެޑިޓަރާއި އަދި އެބޭފުޅާގެ ދަރިކަލުން އިސްމާއީލް މުބާރަކު އަންގާލަދެއްވުމަކީ ވަރަށް ބޮޑު އެދުމެއް. ސުކުރިއްޔާ
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|