މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަސައްކަތް ދެކެ ލޯބިވުން ......މޮޅުވުމުގެ މަގު |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 20 މެއި 2010، 03:10 ބުރާސްފަތި | |||
|
އިބްރާހީމު ރަޝީދު މޫސާ ޔުނިވަރސިޓީއެއްގައި ކިޔަވާ ދަރިވަރަކު، ހިންގުމާއި ވެރިކަމާ ބެހޭ ތަޤްރީރެއްދެއްވަމުން ދިޔަ އުސްތާޛަކަަށް ދެންނެވިއެވެ. މަސައްކަތުގައި މޮޅު މީހަކަށް ވެވޭނީ ކިހިނަކުންތޯއެވެ؟ މި ތަޤްރީރު ދެއްވަން ހުންނެވި މަޝްހޫރު ޓޮމް ޕީޓަރސް، ޖަވާބުދެއްވުމުގެ ގޮތުން " ޝައުޤުވެރިކަން " ބޯޑު ގައި ލިއުއްވާލެއްވި އެވެ.މި ސުވާލު ވިޔަފާރިވެރިއަކާ ކުރުމުން ޖަވާބުގައި ވިދާޅުވީ އެއީ " ލޯތްބެވެ." ދުނިޔަވީ ޙަޔާތުގެ ތަފާތު މައިދާންތަކުގައި ކާމިޔާބު ހޯދުމަށާއި މޮޅުވުމަށް ހިތްވަރުދޭ އަދި އެކަމަށް މަގުކޮށައިދޭ އެންމެ ބޮޑުބާރަކީ ލޯތްބެވެ. ތިބާއަށް ލޯބިވެވިއްޖެ ނަމަ ލޯބިވެރިއާ އެދޭކަމެއް ކުރުމަށް ތިބާ ކޮންމެ ކަމެއް ވެސް ކޮށްފާނެ އެވެ. ލޯބިވެވޭ ވަގުތުން ފެށިގެން އެކަން ކާމިޔާބު ކުރުމަށް ތިބާ މަސައްކަތް ފަށާނެ އެވެ. އެކަމުގެ ވަސީލަތްތަކާމެދު ވިސްނާނެ އެވެ. އައު ގޮތްތައް ހޯދަން ފަށާނެ އެވެ. ވަރަށްގިނަ ބަޔަކު ޙަޔާތުގެ ބޮޑު ބައެއް ހޭދަކުރާނީ މަސައްކަތުގަ އެވެ. ދިރިއުޅުމަށްޓަކައި މަސައްކަތެއްކުރަން ޖެހޭތީ އެވެ. މި މަސައްކަތް ދެކެ ލޯބި ނުވާނަމަ ނުވަތަ ގަޔާނުވާނަމަ އެކަން ފޫހިކަމަކަށް ވެދާނެ އެވެ. އޭރުން ޙަޔާތުގެ ބޮޑުބައި ވާނީ ފޫހިގަޑަކަށެވެ. މިހެންވެ، ކުރާ ނުވަތަ ކުރަންބޭނުންވާ މަސައްކަތެއް ދެކެ ލޯބިވާންޖެހޭނެ އެވެ. މުޖްތަމަޢުގައި ތިމާގެ އަގު މަތިވަމުންދާނީ ތިމާ ކުރާ މަސައްކަތުގެ ސަބަބުންނެވެ. މިހެންވެ އަޅުގަނޑުމެންގެ ދީން، އަޅުގަނޑުމެންް ކުރާމަސައްކަތްތައް، ރަނގަޅަށް ކުރަން ދަސްކޮށްގެން ކުރުމަށް ގޮވާލަ އެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ " إن الله يحب إذا عمل أحدكم عملا أن يتقنه - رواه أبو يعلى – ހަމަކަށަވަރުން ﷲ ލޯބިވެވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއްކުރާނަމަ އެކަމެއް ރަނގަޅަށް ބަރާބަރަށްް ކުރުމަށެވެ." މަސައްކަތުގައި ފާހަގަކުރެވޭ ފަދަމީހަކަށް ވުމަށްޓަކައި އެ މަސައްކަތެއް ދެކެ ލޯބިވާންޖެހޭނެ އެވެ. ބުނެވޭގޮތުގައި މަސައްކަތުގައި ކާމިޔާބުވުމުގެ ފުރަތަމަ ފިޔަވަޅަކީ އެކަމަކަށް ޝައުޤުވެރިވުމެވެ. ދެވަނަ ފިޔަވަޅަކީ އެކަމެއް ދެކެ ލޯބިވުމެވެ. މަސައްކަތް ދެކެ ލޯބިވުމަކީ އެ ކަމުގައި އޭނާ ހޭދަކުރާ ވަގުތުތަކުގެ މިންވަރުގެ މަތިން ހަނދާންނައްތާލާނެކަމެކެވެ. އެކަމުގައި އޭނާއަށް އުފުއްލަން ޖެހޭ ބުރައާއި ވޭން ވާނީ އުފަލަކަށެވެ. ލައްޛަތަކަށެވެ. އިންސާނީ ތަރައްޤީއާ ބެހޭ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި މީހަކު ލޯބިވާ ޢަމަލެއް ކުރާއިރު އޭނާ އަށް އުފުއްލަން ޖެހޭ ބުރަތައް އޭނާއަށް އިޙްސާސްވެގެންދާނީ އޭގެ ދިހަބައިކުޅަައެއްބައިގެ މިންވަރަށެވެ. އެއީ ިކަމުގެ ސަބަބުން އޭނާއަށް ލިބޭ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމާ ހެދި އެވެ. ގިނަ ފަހަރަށް ބަލިވަނީ ނަފްސާނީ ސަބަބުތަކާ ހެދި އެވެ. އެހެންކަމުން ކުރާހިތްވާ ކަމެއް ކުރުމަކީ ބަލިތަކުން ރައްކައުތެރިކޮށްދޭނެ ކަމެކެވެ. ނުވަތަ ބަލި ދުރުކުރާނެ ކަމެކެވެ. އަޅުގަނޑުމެންގެ އިސްލާމީ ބޮޑެތި ޢިލްމުވެރިންނަށާއި މުފައްކިރުންނަށް ބަލާ އިރު އެ ބޭކަލުންނަކީ މަސައްކަތަށް ވަރަށް ފަރުވާބެހެއްޓެވި، މަސައްކަތްކުރައްވާ ހިތްޕުޅުވި ބައެކެވެ. ޢިލްމު ޙާޞިލުކުރެއްވުމުގައި ޤުރްބާންވެވަޑައިގެން ބައެކެވެ. އިމާމު ޠަބަރީ އަކީ ދުވާލަކު 40 ޞަފްޙާ ލިއުއްވި ބޭކަލެކެވެ. އެ ޒަމާނުގައި ޞަފްޙާ އަކީ މިހާރުގެ އޭ -3 ސައިޒުގެ 4 ޞަފްޙާ އެވެ. ފާރާބީ އަކީ ރޭގަނޑު ވޮޗަރުކަންކުރައްވަމުން ޢިލްމު އުގެނިވަޑައިގެންބޭކަލެކެވެ. އިމާމު ބުޚާރީ އަކީ، މީހެއްގެ ފުށުން، ރަސޫލުﷲގެފާނުގެ ބަސްފުޅެއް އިވިވަޑައގަންފި ނަމަ އެ ބަސްފުޅު ގެ ތެދުދޮގު ބެއްލެވުމަށްޓަކައި، އެ ބަސްފުޅު ރިވާކުރެއްވި ބޭކަލަކު އަރިހަށް ބުރަ ދަތުރުކުރައްވާފައި ވަޑައިގެންނެވި ބޭކަލެކެވެ. އޭގެ ތެރެއިން ބޭކަލަކު އެކަލޭގެފާނުގެ ރަޙްމަތްތެރިންނަށް ހުކުރުދުވަހު ބުސްތާނަށް ވަޑައިގެންނެވުމަށް ދަޢުވަތު އެރުއްވި އެވެެ. އެ ބޭކަލަކު ވިދާޅުވި އެވެ. ފޮތަކީ ޢިލްމުވެރިންގެ ބުސްތާނެވެ. މި ރަޙްމަތްތެރިން އެ ބުސްތާނުގައި ހޭދަކުރެއްވި ވަގުތުކޮޅުގެ ތެރޭގައި އެ ކަލޭގެފާނު ފޮތެއް ލިއުއްވި އެވެ. މި ޒަމާނަށް ބަލާ އިރުގައި ވެސް މަސައްކަތުގައި މޮޅު ހޯއްދަވާފައިވާ އެތައް މުފައްކިރުންނެއް، ޢިލްމުވެރިންނެއް އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ބޮކި އީޖާދުކުރެއްވި އެޑިސަނަކީ މަސައްކަތް ދެކެ ވަރަށް ލޯބިފުޅުވި ބޭފުޅެކެވެ. އޭނާ މަސައްކަތަށް ޝައުޤުވެރިކަން ހުރިލެއް ބޮޑުކަމުން، އަދި އެކަމާމެދު ވިސްނަވާލެއް ފުންކަމުން އޭނާގެ އަމިއްލަ ނަންފުޅު ވެސް ހަނދުމަފުޅު ނެތުނު ޙާލަތްތަކެއްވެ އެވެ. އެއްދުވަހަކު އޭނާ ޓެކްސް ދައްކަވަންވެގެން ޓެކްހާ ބެހޭ އޮފީހަށް ވަޑައިގެންނެވި އެވެ. ކިޔޫގައި ހުންނަވައިގެން ފައިސާ ބަލައިގަންނަމީހާ އާ ހަމައަށް ވަޑައިގަތުމުން ޓެކްސް ދައްކަވަނީ ކާކުގެ ނަމުގައިތޯ ސުވާލުކުރި އެވެ. އޭނާ ވިސްނަވަމުން ގެންދަވަނީ އޭނާގެ މަސައްކަތާ ހެދިކަމުން އޭނާއަށް އޭނާގެ ނަމެއް ހަނދުމަފުޅެއްނުވި އެވެ. ނަން ހަނދުމަފުޅުކުރައްވަން އެތައް މަސައްކަތެއް ކުރެއްވި އެވެ. ނަމަވެސް އަމިއްލަ ނަން ހަނދާނަކަށް ނަ އެވެ. އެޑިސަން ދަންނަމީހަކު އޭނާއާ ޖެހިގެން ކިޔޫގައި ހުއްޓެވެ. އޭނާ ފައިސާބަލައިގަންނަމީހާ ގާތުގައި ނަމަކީ އެޑިސަން ކަމަށް ނުބުނި ނަމަ އެދުވަހު އެޑިސަނަށް ޓެކްސް ފައިސާއެއް ނުދެއްކެވޭނެ އެވެ. އެޑިސަން އަބަދުވެސް ވިދާޅުވަނީ އޭނާގެ އެއްވެސް އީޖާދަކީ ހަމަ އެހެން އޮވެފައި އައި އެއްޗެއް ނޫނެވެ. އެއީ އޭނާގެ ބުރަމަސައްކަތުން ހޯއްދެވުނު އެއްޗެކެވެެ. އޭނާ ވިދާޅުވަނީ " އެއްޗެއް ވުޖޫދަށް ގެނެސްދެވުމަކީ ހިތްހަމަޖެހުން ލިބޭކަމެކެވެ." މަސައްކަތް ދެކެ ލޯބިވުމަކީ ހަމައެކަނި ފަރްދުން ގެ ކާމިޔާބީ އެއްނޫނެވެ. ޤައުމުތައް ވެސް ކުރިއަރާ ތަރައްޤީވަނީ މަސައްކަތް ދެކެ ލޯބިވުމުގެ ސަބަބުންނެެވެ. ޗައިނާ އާއި ޔޫރަޕާއި އޭޝިއާގެ ބައެއްޤައުމުތަކުގައި މަސައްކަތް ނިމުމުން ރަނގަބީލެއް ޖަހަ އެވެ. އެއީ މީހުން މަސައްކަތުގައި އަވަދިނެތި ތިބުމުގެ ސަބަބުން އެމީހުންނަށް އެ ދުވަހުގެ ރަސްމީ ގަޑި މަތިން ހަނދާންނެތި މަސައްކަތުގައި ތިބެދާނެތީ އެވެ. އެމީހުން މަސައްކަތް ދެކެ ލޯބިވާވަރުން އެ ދުވަހުގެ ކަމެއް އެދުވަހަކަށް ނިންމާލަން ބޭނުންވާތީ އެވެ. ޖަޕާނުގެ ތަފާސްހިސާބެއް ބުނާގޮތުގައި އެ ޤައުމުގައި މަރުވާ ފިރިހެނުންގެ ތެރެއިން 10 % މީހުން މަރުވަނީ މަސައްކަތް ގިނަވުމުގެ ސަބަބުންނެވެ. ޖަޕާނުގައި އަހަރު ޗުއްޓީގެ މިންވަރަކީ އެންމެ ހަފުތާއެކެވެ. މިހެންވެ މަސައްކަތްކުރާ ގަޑި ހަފުތާއަކު 44 ގަޑިން 42 ގަޑިއަށް މަދުކުރުމަށް ޖަޕާނު ސަރުކާރުން މިހާރު ވަނީ ހުށައަޅައިފައެވެ. މިކަމާ ޢައްމު ރައްޔިތުން ނުޤަބޫލުވެގެން ވަނީ މުޒާހަރާތައް ބާއްވައިފަ އެވެ. އަޅުގަނޑުމެންގެ ޙާލަކީ ކޮބައިތޯއެވެ؟ ވިސްނާލައްވާށެވެ! (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ no namES, 2010-05-20 08:37:14
ބޭނުންތެރި މުހިންމު ލިޔުމެއް. ދިވެހިންގެ ތެރޭގައި މަސައްކަތްދެކެ ލޯބިވުމުގެ އާދަ އަށަގަންނުވަންޖެހޭ އެބަ. އެކަންވާނީ އެންމެ ކުޑައިރުއްސުރެ މަސައްކަތް ފެށިގެން.
... ލިޔުނީ އަޙްމަދު ޙަމީދު , 2010-05-20 12:16:31
ވަރަށް ފުރިހަމަ މަޒުމޫނެއް. މަޢުލޫމާތު މުއްސަނދި. ހުށަހަޅައިދެއްވާފައިވާ ގޮތް ވަރަށް ޝައުޤުވެރި. އަދި އާޔަތްތަކެއް ނުލައިވެސް ވަރަށް ދީނީކޮށް މީހުންނަށް އަންޑަސްޓޭންޑް ވާގޮތަށް ގެންނަވައިފައިވާ ކަން ފާހަގަ ކޮށްލަން. ޝުކުރިއްޔާ އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|