މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މިދިވެހި ޤައުމާއި މިދިވެހި އުންމަތް |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 25 ޖުލައި 2010، 18:00 އާދީއްތަ | |||
![]() ލިޔުނީ: އަޙްމަދު އަޖްމަލް ޙާމިދު ޤައުމަކީ ކޮބައިތޯ؟ އާއްމު ބަސްމަގުގައި ޤައުމަކީ ސިޔާސީ ގޮތުން ވަކިވަކި ދައުލަތްތަކެވެ. ޖޯޣްރަފީ މުޞްޠަލަޙުގައި ޤައުމަކީ ސިޔާސީ ގޮތުން ބައިވެފައިވާ ވަކި ބިމުގެ ނުވަތަ ޖޯޣްރަފީ ސަރަޙައްދެކެވެ. މިމާނައިގައި ޤައުމެއް ޤައުމުއްގެ ގޮތުގައި އޮތުމަށް ބޭނުންވާ އަސާސަކީ ސިޔާސީ ގޮތުން މިނިވަންވެފައިވާ ވެރިކަމަކާއި ބަޔާންވެގެން، އިންކަނޑައެޅިފައިވާ ސަރަޙައްދެކެވެ. ދިވެހި ބަސްފޮތުގައި "ޤައުމު"، މިލަފުޒުގެ މާނަޔެއް ނެތްކަން މިރުފުޞަތުގައި ފާހަގަކޮށްލަމެވެ. މަތީގައިވާ ތަޢުރީފުތަކަކީ ވިކިޕީޑިޔާއިން ނެގިފައިވާ ތަޢުރީފުތަކެކެވެ. މިމާނައިގައި ދިވެހި ޤައުމު ޤައުމެއްގެ ގޮތުގައި ސަލާމަތުން އެބައޮތްތޯ؟ ސަރަޙައްދީ ގޮތުން މިއީ ދިވެހިންގެ ބިމޭ ބުނާނެ ވަކި ބިމެއް އެބައޮތެވެ. އެގޮތުން ދިވެހި ދައުލަތުގެ ދަށުގައި 90 ހާސް ސްކެއަރ ކިލޯމީޓަރުގެ ސަރަޙައްދެއް އެބައޮތެވެ. މިސަރަޙައްދަކީ އޭގެ ޒާތުގައި ވަރަށް ތަފާތު ޚާއްޞިއްޔާތުތަކެއް ލިބިފައިވާ ސަރަޙައްދެކެވެ. އެގޮތުން ދިވެހި ރާއްޖެއަކީ އޭޝިޔާގައި އާބާދީއާއި ސަރަޙައްދުގެ ގޮތުން އެންމެ ކުޑަ ޤައުމެވެ. އަދި މިޤައުމަކީ މުޅި ދުނިޔޭގައިވާ އެންމެ ބިންތިރި ޤައުމެވެ. އަދި ދުނިޔޭގައިވާ ބިމުގެ އުސްމިން އެންމެ ތިރ ސަރަޙައްދުވެސް ވަނީ ރާއްޖޭގައެވެ. އެއީ ސ. ވިލިގިލީނގައިވާ ސަރަޙައްދެކެވެ. ދިވެހި ވަކި ދައުލަތެއް އެބައޮތެވެ. ދިވެހި ރާއްޖޭގައި މިއޮތީ ގިނަ ޕާޓީތަކެއްގެ މައްޗަށް ޤާއިމްވެފައިވާ ސިޔާސީ ނިޒާމެކެވެ. ދިވެހި ރާއްޖޭގައި އަދު ވެރިކަން ކުރަމުންމިދަނީ މިޤައުމުގެ ފުރުތަމަފަހަރަށް ދިމުޤްރާޠީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އިންތިޚާބު ކުރެވިފައިވާ ސަރުކާރެވެ. މިމައުޟޫޢުގެ ހޫނުކަމަށްޓަކައި އަޅުގަނޑު މާގިނަ ވާހަކަދައްކާކަން ނެތީމެވެ. ރައިވަރުގައި ބުނާފަދައިން ނޭނގި ހުއްޓާ އަނދައިދާނެއެވެ. ދިވެހި ރާއްޖެއަށް ސިޔާސީ ގޮތުން އަންނަ ކޮންމެ ބަދަލެއްވެސް އަންނަންވާނީ އަޅުގަނޑުމެން ދިވެހި އުންމަތުގެ އަސާސްތަކުގެ ހިމަ ފުރޭނިން ފުރޭނިގެންކަން މިފުރުޞަތުގައި ފާހަގަކޮށްލަމެވެ. ބަވަނަކުރުމުގެ ކެހިވެރި ރާޅުތައް ގާދޫކޮލުން ލާފައި މިޤައުމުގެ އައްސޭރިއަށް އެބަޖަހައެވެ. އަޅުގަނޑުމެން މިތިބީ ހޭޅި ކޮށާލައިގެންނެވެ. "ސަޤާފީ ފުޑުންތަކާއި، ސިޔާސީ ކިބަކުރުންތަކުގެ ތެރޭގައި އިސްލާމީ އުއްމަތް" މިމައުޟޫޢަށް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ފަންވަތުގައި ލިޔުއްވާފައިވަނީ މަޢުލޫމާތުން ފުރިފައިވާ މިއަދުގެ މިޙާލަތަށް ވަރަށް ވެސް އެކަށޭނަ މަޒްމޫނެކެވެ. މިތާނގައި މި މަޒުމޫނުގެ ފަހު ޕްރެގްރާފުން ތަންކޮޅެއް ތަކުރާރުކޮށްލާނަމެވެ. "މިނިވަންކަމާއި ޑިމޮކްރަސީގެ ނަމުގައި ރާއްޖެއަށް ޖެހެމުންދާ މި ވައިރޯޅިތައް "ނަލަ ވައިރޯޅިއަކަށް" ނުވާނެ އެވެ. މި ރޯޅި ނަގޫރޯޅިއަކަށް ބަދަލުވެދާނެކަމުގެ އިންޒާރުތައް ދަނީ ދެމުންނެވެ." ދެން ބަލާލަމާތޯ އުއްމަތަކީ ކޮބައިތޯ؟ ދިވެހި ބަސްފޮތް ބުނާގޮތުން އުއްމަތަކީ ޤައުމެއް ނުވަތަ ޖަމާޢަތެކެވެ. މިމާނައިގައި އުއްމަތަކީ ޤައުމެކެވެ. ވިކިޕީޑިޔާގައިވާ ގޮތުންނަމަ އުއްމަތެއްގެ ތަޢާރަފެއްގެ އެންމެ ފުރުތަމަ އަސާސަކީ ޙިއްޞާ ކުރެވޭ ޚާއްޞިއްޔަތުތަކެއް ވުމެވެ. ޙިއްޞާކުރާ އެއްޗެއް ނެތް ބަޔަކަށް އުއްމަތަކަށް ނުވެވޭނެއެވެ. ޝާޢިރު ވިދާޅުވެފައިވަނީ: "ތަޤާލީދާއި އަދާތާ ތަބާވެވިތިބި ޢަޤީދާއާ ޘަޤާފަތަކީ ދިރުން ޤައުމިއްޔަތަށް ގެނުވާނެ ބޮޑު ނިޢުމަތު" ކަމުގައެވެ. މިގޮތުން، މިޙިއްޞާކުރާ ޚާއްޞިއްޔަތުތަކުގެ ސަބަބުން އެއުއްމަތުގެ ފަރުދުންގެ ކިބައިން އެއްގޮތްވަންތަކާމާއި އެއްބައިވަންތަކަން ފެނިގެންދާނެއެވެ. އަދި މީގެ ތެރެއިން ބައެއް ޚާއްޞިއްޔަތުތަކަކީ، އެއުއްމަތް ފިޔަވައި އެހެން ދެވަނަ ބަޔަކަށް ލިބިގެންވާ ޚާއްޞިއްޔަތުތަކަށް ވެގެން ނުވާނެއެވެ. މިޚާއްޞިއްޔަތުތަކަކީ: 1. އެންމެން ނިސްބަތްވާ އެއްނަސްލެއް ވުން. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުން ނެރުއްވާފައިވާ "ދިވެހީންގެ އަޞްލު"، މިފޮތުގައިވާ ގޮތުން 1899 ވަނަ އަހަރު ޕްރޮފެސަރ ޖޯން ސްޓޭންލީ ގާރޑިނަރ ރާއްޖެއަށް ވަޑައިގެން، ދިވެހިންގެ އަޞްލު ހޯއްދެވުމުގެ ބޭނުންފުޅުގައި މަޢުލޫމާތުތަކެއް އެއްކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އެކި ރަށުގެ ދިވެހިންގެ އިސްކޮޅާއި ބޮލާއި ހަށިގަނޑުގެ ސައިންޓިފިކް މިންތަކެއް ނެންގެވިއެވެ. މިދިރާސާއިން ދައްކާގޮތުގައި ދިވެހި ރާއްޖޭގައިވަނީ އަންނަނިވި ރަށްރަށުގެ ނަސްލުގެ މީހުންނެވެ. 1. އިންޑިއާގެ ސަބްކޮންޓިނެންޓާއި ލަންކާ 2. އަރަބިކަރަ 3. އެފްރިކާ 4. އަސޭކަރަ (މިހާރުގެ އިންޑޮނޭޝިއާ އާއި މެލޭޝިއާ) ޕިރާޑު ލިޔުއްވާގޮތުގައި އޭނާ ފަދައިން ބޭރުން ރާއްޖެއަށް އަންނަ މީހުން ދިވެހިންނާ އިނދެ ހަދައެވެ. ކަންއޮތީ މިހެން ކަމުގައިވިޔަސް، މިވެނި އެވެނި މީހަކު ދައްކާފަ މިއީ އިންޑިއާ ނުވަތަ ލަންކާ ނުވަތަ ޢަރަބި ނުވަތަ އެފްރިކާ ނަސްލުގެ މީހެކޭ ބުނަންކެރެނީ ކާކަށްތޯއެވެ؟ އަދު އަޅުގަނޑުމެން އެންމެންވެސް މިބުނަނީ އަޅުގަނޑުމެން ނިސްބަތްވަނީ އެއް ނަސްލަކަށް ކަމަށެވެ. ދިވެހި ނަސްލަށް ކަމަށެވެ. މިކަމުގެ ނަތީޖާއަކީ ކޮބައިތޯއެވެ؟ މިރާއްޖޭގައި ދޮނެއް ކަޅެއްގެ މެދުގައި ނަސްލީ އިމްތިޔާޒުތަކެއް ނެތެވެ. އެންމެންވެސް ހަމަހަމައެވެ. މިއީ އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ މިދިވެހި ޤައުމިއްޔަތުގެ ވަރަށް އަސާސީ ބަހާއެކެވެ. މިބަހާ މިގޮތަށް ކުރިއަށް އަންނަންހުރި ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. 2. އެންމެން ޙިއްޞާކުރާ ވާހަކަ ދައްކަން ބޭނުންކުރާ ބަހެއްވުން. ޤާނޫނު އަސާސީގެ ފުރުތަމަ ބާބުގެ 11 ވަނަ މާއްދާ ނަކަލުކޮށްލާނަމެވެ. "ޤައުމީ ބަސް: ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަހެވެ." ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހި ދައުލަތުގެ ރަސްމީ ބަހަކީ ދިވެހި ބަހެވެ. މިމަޒުމޫނަކީ ދިވެހި ބަހުގެ މުއްސަނދިކަމަށް އަލިއަޅުވާލެވޭވަރަށްވުރެ ޚުލާޞާ މަޒުމޫނެކެވެ. އެހެންވީމާ ޝާޢިރެއްގެ ޅެންބައިތަކުން ފުއްދާލެވޭތޯ ބާލާލާނަމެވެ. ސެންސުކިރިތާ ޕާލިޔާ ސިންހަޅަ ތަމަޅަ ފެނެޔޭ ނިކަން ފެންނަހެން ޢަރަބީންގެ ބަސްތައް ފާރިސީއާ ޕޮސްތުވާ އޭގެ އިތުރުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާފައިވާ ދިވެހީންގެ ބަސް މިފޮތުގެ ފެށުމުގައި އެއިދާރާގެ ކުރީގެ ރައީސް ލިޔުއްވާފައިވާ ބަސްކޮޅެއް ނަކަލުކޮށްލާނަމެވެ. "ދިވެހި ބަހުގެ އަޞްލާ ބެހޭގޮތުން ފަހަކަށް އައިސް ހޯދިފައިވާ ހޯދުންތަކުން ދިވެހި ބަހަކީ މީގެ ކުރިން ލަފާކުރެވިފައިވާ ވަރަށްވުރެ އުމުރުން ދުވަސްވެފައިވާ އަދި އެބަހުގެ މޫތައް މާގިނަ ބަސްބަހާ ގުޅިފައިވާ ބަހެއްކަން ދަނީ އެނގެމުންނެވެ." ދިވެހި ބަސް ބަހެއްގެ ގޮތުން ކުރިއަރާފައިވާ މިންވަރަކީ އެބަހުގެ ދަށުން ވަކި ބަހުރުވަތަކެއްވެސް އެބަވެއެވެ. އެގޮތުން އައްޑޫ ބަހުރުވައާއި ހުވަދޫ ބަހުރުވަ ފާހަގަކޮށްލަމެވެ. މީގެ އިތުރުންވެސް ކޮންމެ އަތޮޅަކަށާއި ރަށަކަށް ޚާއްޞަ ބަސްތަކަކާއި ރާގެއްވެއެވެ. ދިވެހި ބަހުގެ ވާހަކަ ދައްކާއިރު ދިވެހި ބަސް ލިޔަން ބޭނުންކުރާ ލިޔުމުގެ ނިޒާމު، ތާނައިގެ ވާހަކަ ދައްކާލުން މުހިންމެވެ. "ދިވެހީންގެ އަކުރު"، މިނަމުގައި ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާފައިވާ ތަރިކައިގެ ޢަދަދުގައި ވާގޮތުން މީލާދީ ގޮތުން 15 ވަނަ ޤަރުނުގައިވެސް ދިވެހިން ތާނަ އަކުރު ބޭނުންކޮށް އުޅުނެވެ. ދިވެހި ބަސް ލިޔަން ބޭނުންކުރެވޭ ލިޔުމުގެ ނިޒާމު ތަރައްޤީވެގެން އައިގޮތަކީ، އެއަށް ދިގު ތާރީޚަކާއި ވާހަކަތަކެއް ލިބިގެންވާ ކަމެކެވެ. ބަހުގެ ވާހަކަދައްކާއިރު އަދަބިއްޔާތަށްވެސް އަލިއަޅުވާލުން މުހިންމެވެ. އެގޮތުން ދިވެހި އަދަބިއްޔާތުގެ ދައުރުތަކާއި ތަރައްޤީވެގެން އައިގޮތަކީ މިމަޒުމޫނުގައި ކިޔާދެވޭވަރަށްވުރެ ތަނަވަސް، ފުޅާ މައުޟޫޢެކެވެ. ޅަފަތުގެ ދައުރު، ފިރުކެންފެށި ދައުރު އަދި ހިނގައިގަނެވުނު ދައުރު، މިއިން ކޮންމެ ދައުރެއްގައި ބޭނުންކުރެވެނު ލިޔުމުގެ އުސްލޫބާއި ބަހުރުވައާއި ފޭޑި މުޅިން ތަފާތެވެ. ދިވެހި ވަޒަންބަހުރުވައިގެ ބާވަތްތަކާއި ޚާއްޞިއްޔަތުތަކާއި ޤަވާޢިދުތައް ގިނަގުނަވެފައި ތަފާތެވެ. ބޮކިފުރާޅުއަލި – ބަނދި، ކާ، ފަރިހި، ރައިވަރު، ޅެން، އަނބާ، ލަވަ، މިއިން ކޮންމެ ބާވަތަކަށް ޚާއްޞަ ޤަވާޢިދުތަކަކާއި ވައްޓަފާޅިތަކެއްވެއެވެ. މިއީ ހައްތަހާވެސް އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ހަވާލުކޮށްފައިވާ އަމާނާތްތަކެކެވެ. މިއަމާނާތްތައް އަޅުގަނޑުމެންގެ އަންނަންހުރި ޖީލުތަކަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. 3. އެންމެން ޙިއްޞާކުރާ އެއްޘަޤާފަތެއްވުން. ދިވެހި ބަސްފޮތުގައިވާގޮތުން ޘަޤާފަތަކީ،(1) އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެބައެއްގެ ތެރޭގައި ވިސްނުމާ ޚިޔާލާ ވާހަކަ ދެއްކުމާ، މަސައްކަތްތެރިކަމާ ކުޅިވަރާ މިޔުޒިކާ ނެށުމާ މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދައެވެ. ނުވަތަ (2) އިންސާނުން ދިރއުޅޭގޮތެވެ. ދިވެހިންގެ ޘަޤާފަތަކީ މުއްސަނދި ޘަޤާފަތެކެވެ. ޘަޤާފަތުގެ ތެރޭގައި އަދަބިއްޔާތާއި، ޤަދީމީ ތަންތަނާއި ބޮޑުބެރާއި ތާރަޖެހުންފަދަ މުނިފޫހިފިލުވުމުގެ ކަންކަމާއި ދިރިއުޅުމުގެ ވައްޓަފާޅި އަދި މަސައްކަތްތެރިކަން ހިމެނެއެވެ. ޘަޤާފަތާ ބެހޭގޮތުން ވާހަކަދައްކާއިރު ވަރަށް ހިތާމަޔާއެކު ދަންނަވާލަންޖެހެނީ، އަދު ދިވެހިންގެ ތެރެއިން މަދު ބަޔަކު ޘަޤާފަތް އެއީ ޙުއްޖަތަކަށް ހަދައިގެން ދީނަށް ގޮންޖަހާ އާޑަ ފުރައްސާރަ ކުރަމުންދާ ވާހަކައެވެ. އެނގި ހޭލުންތެރިވަމުންދާ ވަރަކަށް ޘަޤާފަތުގެ ތެރޭގައިހުރި، އަންހެންކުދިން ބާލިޣުވެ ބޮޑުވެގެންދާއިރުވެސް ލިބާސް ނުލެއްވުމާއި ވަޖިދުވުންފަދަ ނޭއްގާނީ ޢަމަލުތައް ދޫކޮށްލުމަކީ މަންޠީޤީ ހަމަތައް ނިޔާ ކުރާ ގޮތެވެ. އަދި މިއީ ޘަޤާފަތްކަމުގައި ދެއްކުމަކީވެސް ދިވެހި ޘަޤާފަތަށް ހުތުރު އެރުވުންކަމުގައި ނޫނީ ނުވާނެއެވެ. ޘަޤާފަތުގެ ތެރޭގައި ހުރި އެންމެ ކޫސަނި ބޯދާ ކަންކަން ޘަޤާފަތް ދިރުވުމުގެ ނަމުގައި ދިރުވަން އުޅުމަކީ ތަރައްޤީގެ ރޮނގުގައި ފަހަތަށްއެޅޭ ފިޔަވަޅަކަށް ނޫނީ ނުވާނެއެވެ. އިބްނު ބަޠޫޠާ ދިވެހިންނާއި އެބައިމީހުންގެ އާދަކާދަ އަދި އެބައިމީހުންގެ ގެދޮރުގެ ވާހަކަ ގެންނަވަމުން އެންމެ ފުރުތަމަވެސް ލިޔުއްވަނީ، "އެއީ ތަޤުވާވެރި ދީންވެރި ބަޔެއްކަމުގައެވެ. އަދި ހިތްނިޔަތް ތެދުވެރި، އީމާންތެރި ރަނގަޅު ބައެއްމެވެ. މިބައިމީހުން ކައިއުޅެނީ ޙަލާލު ތަކެއްޗެވެ. އަދި އެބައިމީހުންގެ ދުޢާތައް އިޖާބަވެގެންވިއެވެ." އަދިވެސް ލިޔުއްވާ، "މިރާއްޖޭގެ މީހުންނަކީ ހަޑިމުޑުދާރުކަމާ ދުރުހެލި، ސާފުތާހިރު ބައެކެވެ." ޘަޤާފަތުގެ ތެރޭގައި ހުރި މިފަދަ އީޖާބީ ކަންކަން ދިރުވައި އާލާނުކުރަނީ ކީއްވެބާއެވެ؟ މިކަންކަމުގެ ވާހަކަ ނުދައްކަނީ ކީއްވެބާއެވެ؟ ދިވެހި ޝާޢިރު ވިދާޅުވަނީ: ތާރިޚަކާއި ޘަޤާފަތެއް، މާރީތި އަޚްލާޤިއްޔަތެއް ޖާރިވި ނަލަ ޤައުމިއްޔަތެއް، މާޒީވި ނަސްލެއްގައިވުމީ ވަރަށް މަތިވެރި ރަޙްމަތެއްކަމުގައެވެ. ދިވެހި ވަންތަކަމީ މިއީއެވެ. އަޅުގަނޑުމެން އެކަމަކާމެދު ފަޚުރުވެރިވާންވީ ކަންކަމަކީ މިއީއެވެ. އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދޭންވި ޘަޤާފަތަކީ މިއީއެވެ. އަޅުގަނޑުމެންގެ އިޖްތިމާޢީ އެއްބައިވަންތަކަމާއި އިޖްތިމާޢީ މިނިވަންކަން ދެމެހެއްޓުމަށްޓަކައެވެ. 4. އެންމެން ޙިއްޞާކުރާ އެއްތާރީޚެއްވުން. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާފައިވާ "ދިވެހިރާއްޖެ އުފެދުން"، މިފޮތުގެ ފުރުތަމަ ޖުމްލަ ނަކަލުކޮށްލާނަމެވެ. "މިރާއްޖޭގެ ލިޔެވިފައިނުވާ ތާރީޚް ފެށިފައިވަނީ މީގެ ދުއިސައްތަ ފަންސަވީސް މިލިއަން އަހަރަށްވުރެވެސް ކުރީންނޭ ދެންނެވިދާނެއެވެ." ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާފައިވާ "ދިވެހީންގެ ބަސް"، މިފޮތުގެ ފުރުތަމަ ޕްރެގްރާފްގައިވާ ޢިބާރާތްކޮޅު ނަކަލުކޮށްލާނަމެވެ. "ދިރާސާ ކޮށްފައިވާ، އަދި ދިރާސާ ކުރަމުންދާ ހެކިތަކުގެ މައްޗަށް ބަލާއިރު، މިބިމުގައި ދިވެހިން ވަޒަންވެރިވެ އުޅޭތާ މަދުވެގެން 2500 އަހަރު ވެދާނެކަމަށް ލަފާކުރެވެއެވެ. ދިވެހިންގެ ޘަޤާފަތަކީ ވަރަށް ގިނަ ޒަމާންވީ ޘަޤާފަތެއްކަމަށް ބުނުއްވާ މުއައްރިޚުން އެބަތިއްބެވިއެވެ. އާދެ! މިއީ މިތާރީޚު ލިޔެވިފައިވާ ދުވަސްވަރާއި، ލިޔެވިފައިވާ ތާރީޚު އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިނުވާ ޤަދީމީ ދުވަސްވަރާއި އެކީގައެވެ. ރާއްޖޭގެ ބިމުގައި ފޮރުވިފައިވާ އާޘާރީ ތަކެތި ހޯދާ ދިރާސާ ކުރުމުން ތާރީޚުގެ ގެއްލިފައިވާ ބައިތަކަށް ކޮންމެވެސް ވަރަކަށް އަލިކަންގެނެވިދާނެއެވެ." އެގޮތުން މަޝްހޫރު ބައެއް ތާރީޚުތަކަށް ބަލާލާއިރު ލޯމާފާނުތަކާއި އަލްޤާޟީ ޙަސަން ތާޖުއްދީން ޢަރަބި ބަހުން ލިޔުއްވާފައިވާ ތާރީޚާއި ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވާފައިވާ "ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު" އަދި 1958 ވަނަ އަހަރު އޭރުގެ ތާރީޚް ކޮމިޓީން ތައްޔާރުކުރެއްވި "ދިވެހި ތާރީޚަށް އައުއަލިކަމެއް" ފާހަގަ ކޮށްލަންޖެހެއެވެ. އަދި ފަހުގެ ތާރީޚަށް ބަލާލާއިރު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ދިވެހިންގެ ތަރިކައިގެ ނަމުގައި ނެރުއްވާފައިވާ ސިލްސިލާ ފޮތްތަކާއި، އަދި އެފޮތްތަކުގެ ތެރެއިންވެސް "ދިވެހި ރާއްޖޭގެ ޤަދީމީ ތާރީޚް" ފާހަގަ ކޮށްލެވެނީ ދިރާސާފުން، ބޭނުންތެރި ތާރީޚީ މަޞްދަރުތަކެއްގެ ގޮތުގައެވެ. މީގެ އިތުރުންވެސް އިބްނު ބަޠޫޠާ ދިވެހިންނާ ބެހޭގޮތުން އެސައްޔާޙުގެ ދަތުރުނާމާގައި ލިޔުއްވާފައިވާ ވާހަކަތަކާއި ފްރެންކޯއި ޕިރާޑް އޭނާގެ ޑައިރީގައި ލިޔުއްވާފައިވާ ވާހަކަތަކުގެ ވާހަކަވެސް ދަންނަވާލަންޖެހެއެވެ. އަދި މީގެ އިތުރުން ވަކިވަކި ހާދިސާތައް، މިސާލަކަށް ބޮޑުތަކުރުފާނު ވާހަކަ، ބޮޑުހުޅުގު ހާދިސާ، ބަޑި ބުރާސްފަތި ފަދަ ތާރީޚީ ހާދިސާތަކަށް ލިޔެވިފައިވާ ތަފްޞީލީ ފޮތްތައްވެސް ފަހަގަކޮށްލަންޖެހެއެވެ. އަޅުގަނޑުމެންގެ ދިވެހި ދިގު މިތާރީޚް، އަމިއްލަ މަޞްލަޙަތަށްޓަކައި އޮޅުވާނުލައި، އޭގެ އަޞްލު ގެއްލުވާނުލާ ކުރިއަށް އަންނަންހުރި ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. އެހެނީ މިއީ އަޅުގަނޑުމެން އެންމެނަށް ނިސްބަތްވާ ދިވެހިވަންތަ ނިޝާންތަކެވެ. މިއީ މިހާތަނާޖެހެންދެންވެސް ދިވެހިން ދިވެހިންކަމުގައި ހަދައިދިން ދިވެހިން އެކަންކަމަށް ނިސްބަތްވޭވެތިބި އަދި ނިސްބަތްވާން އޮތް ތާރީޚެވެ. 5. އެންމެން ޙިއްޞާކުރާ އެއްދީނެއްވުން. ޤާނޫނު އަސާސީގެ ފުރުތަމަ ބާބުގެ 10 ވަނަ މާއްދާ ނަކަލުކޮށްލާނަމެވެ. "10. ހ . ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެވެ. ށ. ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެ ނުހެދޭނެއެވެ." ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ 19 ވަނަ މާއްދާގެ ފުރުތަމަ ޖުމްލަ ނަކަލުކޮށްލާނަމެވެ. "އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ." ޤާނޫނު އަސާސީގެ ފުރުތަމަ ބާބުގެ 9 ވަނަ މާއްދާގެ ހ. ގައި ވަނީ ދިވެހި ރައްޔިތަކަށް ވާނޭ މީހުންނެވެ. އެމާއްދާގެ ރ ނަކަލުކޮށްލާނަމެވެ. "ރ. މިމައްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ." މި އިސްލާމީ ދިވެހި ރާއްޖޭގެ ތާރީޚުން ފަތްފުށްތައް ހުޅުވައިގެން ކިޔާއިރު، "ތަންޤީހުކުރެވުނު ދިވެހި ތަރީޚުގެ ތަންތަންކޮޅު" މިފޮތުގެ މުޞައްނިފު ސުމުއްވުލް އަމީރު މުޙައްމަދު އަމީން ލިޔުއްވާ ގޮތުގައި ދިވެހި ދައުލަތް އިސްލާމްދީން ޤަބޫލުކޮށް ދިވެހި ރަޢިއްޔާ އިސްލާމްދީނަށް އެނބުރުމަށް އަމުރުކުރެއްވީ މީލާދީ ގޮތުން 1153 ވަނަ އަހަރުއެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި މިދަރަޖައިގައި ދީނީ އެއްބައިވަންތަކަމަށް ބާރުއެޅިފައިވާތަނެއް ފެންނާކަށްނެތެވެ. އެގޮތުން ދިވެހި ރައްޔިތަކަށްވެވެން އަންނަނީވެސް މުސްލިމަކަށްވުމަށް ފަހުގައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. މިސަބަބަށްޓަކައި ދިވެހިން ދިވެހިންނަށްވީތީ ފަޚުރުވެރިވުން ލާޒިމެވެ. މި ތާނގައި ސުމުއްވުލްއަމީރު މުޙަންމަދު އަމީނު މި އިޝާރާތްކުރައްވާ ނުކުތާގެ ޙަޤީޤަތް އޭގެ އަލި ސާފު މަފުހޫމުގައި ބަލައިގަތުން ހުއްޓެވެ. އާދެ! ދިވެހިން ﷲގެ ހިދާޔަތު ގަބޫލުކުރީ ރަސްކަމުގެ ފަތްތޫރަޔަކަށް ނޫނެވެ. އަމުރަކަށް ނޫނެވެ. އެކަމަކު ދިވެހިން އެ މާތް ހިދާޔަތު ގަބޫލުކުޅައީ އެމީހުންގެ ސަލާމަތްބުއްދިޔަށް އަލިފާނާއި ފެން، މާމުޔާއި ހަބަރު، ފިނިފެންމަލާއި ކަށިކުނބުރު ވަކިކުރަން އެނގުނީމަ އެވެ. އެ ޒަމާނުގައި އޮތް ދަތުރުފަތުރު ކުރުމުގެ ބައިނަލްއަޤުވާމީ ހުޅުވުމުގެ ތެރޭން ރާއްޖެއަށް ވާޞިލުވި އިސްލާމީ ޢަރަބި ދަތުރުވެރިންގެ ކިބައިން ދަސްވި ދަސްވުމެވެ. އެނގުނު އެނގުމެވެ. ފެނުނު ފެނުމެވެ. އަޚުލާޤާ ސުލޫކެވެ. ހިރިގަލާއި މަށިގަލަށް އަޅުވެތި ނުވުމެވެ. އިންސާނުން އިންސާނުންނަށް އަޅުވެތި ނުވުމެވެ. ޚާލިޤުވަންތަ ﷲގެ އޯގާވަންތަ ދަރުބާރުން ޙިމާޔަތް ލިބިގަތުމެވެ. ދިވެހި ތަޚުތުން ކުރެއްވި ކަމަކީ، މި ނަސީބު ރަސްމީ ގޮތުން ބަލައިގަތުމެވެ. އެކަން އިޢުލާނު ކުރުމެވެ. ދިވެހި ރައްޔިތުންނަށް ވިސްނައިދެއްވުމެވެ. ދައުލަތުގެ ފަރާތުން މި ފަޚުރާއި ޝަރަފުގައި އުފާވެރިކަމާއި ކާމިޔާބުގެ ސިއްކަ ޖެހުމެވެ. މިހާރު ވަރަށް ގިނައިން ކިޔާތީ އިވެއެވެ. އިސްލާމްދީން ޢަރަބި ގޮތްގަނޑުތަކާއެކު ދިވެހި ޘަޤާފަތް ފުނޑުފުނޑުކޮށްލައިފިޔޯލައެވެ. ދިވެހި ޘާޤާފަތޭ ބުނެވުމުން އެއިން ދޭހަވަނީ ހަމައެކަނި ބުދުދީނަށް އަޅުކަން ކުރުންކަމުގައިވާނަމަ، ހަމަޔަޤީނުންވެސް އިސްލާމްދީން ދިވެހި ޘަޤާފަތް ވެއްޔާ މޮޑަލައިފިއެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެއްވެސް ދީނަކަށް އަނެއްދީނެއްގެ ޖާގަ އެދީނެއްގެ ރަމްޒުތަކާއި ނިޝާންތައް ދުރަށް ޖެއްސުމަށްފަހު މެނުވީ ނުނެގޭނެކަމެވެ. މިސާލަކަށް ނާޞާރާދީން މިރާއްޖޭގައި ފެތުރޭންވެއްޖެނަމަ ދިވެހި ދިދައިގައިވާ ހަނދުފަޅި މާގިނަ ދުވަހަކު ނުހުންނާނެއެވެ. އެހެންވެ މިކަންކަމުން ވާޞިލްވެވޭ ނަތީޖާއަކީ ހުރިހާ ދީނެއްވެސް ޘާޤާފަތް ނެތިކުރުވައެވެ. ނަމަވެސް މިއީ ފެންނަންހުރި މަންޒަރުތަކަށް ބަލާލުމުން ނަފީވެގެންދާ ނަޡަރިއްޔާއެކެވެ. ބުނަންޖެހެނީ އައުދީނެއް ތާކު ފެތުރެންވެއްޖެނަމަ ބައުދީނުގެ ރަމްޒުތަކާއި ނިޝާންތައް ނެތިކޮށްލައެވެ. ހަމަމިފުރުޞަތުގައި ފާހަގަކޮށްލަމެވެ. ދީންތަކުގެ ތެރެއިން އެހެން ދީންތަކަށް ޖާގަދޭ އެންމެ ފުރިހަމަ ނިޒާމުވަނީ އިސްލާމްދީނުގައެވެ. އެގޮތުން އިސްލާމްދީނުގައި ޛިންމީންނަށް ޖިޒްޔަ ދެއްކުމުން މިނިވަންކަމާއެކު އުޅެވެއެވެ. މީގެ ޢަމަލީ ހެކި ތާރީޚަށް ނަޡަރު ހިންގާލުމުންވެސް ފެންނާން އެބައޮތެވެ. އަދި މިވަރަކުން ނުނިމެއެވެ. އަނެއްއަޤީދާގެ އަހުލުވެރިންނަށް ޙުރުމަތްތެރިކޮށް ހިތުމަކީ މުސްލިމުންގެ ސިފައެކެވެ. އެގޮތުން މުސްލިމުން އޫރުޝަލީމްގައި ތިބިއިރު ސަމާވީ ތިންދީނުގެ މީހުން އެއްމިސްކިތެއް، ފައްޅިއެއް ޙިއްޞާކުރިއެވެ. ނަމަވެސް އެތަނަށް ޞަލީބީ ލަޝްކަރު އައިސް "އަހަރުމެންގެ މީހެއް އެމީހުންގެ މީހެއް" ބެލުމެއްނެތި ހިންގި ޤަތުލު ޢާމުން އެމީހުންނަކީ ކިހާވަރެއްގެ ބަޔެއްކަން އެނގިގެންދެއެވެ. ދެންތިބީ ޔަހޫދީންނެވެ. ކާންދޭމީހާގެ އަތުގައި ދަތްއަޅައިގަތްގޮތަށް އަދިވެސް ނައްޓަން ނޭނގިފައި އެތިބީނޫންތޯއެވެ. ކުރިން ދެންނެވި ދިވެހި ޘަޤާފަތުން އެއަށްވުރެން އިތުރު ފުޅާ ކަންތައްތަކެއް ދޭހަވާނަމަ ދަންނަވަންތޯއެވެ. ދިވެހި ރާއްޖޭގައި އިސްލާމްދީނުގެ އުޞޫލުތައް ތިޔަވިދާޅުވާ "ހަރުކަށިކޮށް" ތަންފީޒުކުރެވިފައިވަނީ ކުރީގެ ސަރުކާރުގެ 30 އަހަރަކު ނުވަތަ އަދުގެ އައު ސަރުކާރުގެ ވެރިކަމަކު އެކަންޏެއް ނޫނެވެ. ތާރީޚަށް ނަޒަރު ހިންގާލައިފިނަމަ ފެނިގެންދަނީ މިއަށްވުރެ ރަނގަޅަށް އިސްލާމްދީންގެ އުޞޫލުތައް ތަންފީޒުކުރެވިފައިވާ ޒަމާނެކެވެ. ދިވެހިން ޕޯޗުގީޒުންގެ ވަކިތަކުން މިންޖުކޮށްދެއްވުމަށްފަހު ބޮޑުތަކުރުފާނުންވަނީ ވަރަށް ވަރަގަދަޔަށް އިސްލާމްދީންގެ ޝިޢާރުތައް ފަތުރުއްވާފައެވެ. އެނދި މަރިޔަނބަށްފަހު އިސްލާމްދީން އައުރޫޙާކާއިގެން ފަތުރާލެވުނެވެ. އަދި ރެހެނދި ޚަދީޖާގެ ވެރިކަމުގައި، އިބްނު ބަޠޫޠާގެ ޒަޢާމާތުގެ ދަށުން އިސްލާމްދީންގެ ޙައްދުތައް ވަރަށް ފުޅާކޮށް ޤާއިމްކުރެވުނުކަންވެސް ފެންނަންއެއޮތީއެވެ. ހަނދުމަފުޅު ހުންނާނެހެން ވަގެއްގެ އަތް ކެނޑުމަށް އަމުރު ކުރެވުނު ހިނދު އެތައްބަޔަކު އަނބުރައިގެނެގެން ވެއްޓުނެވެ. އެސައްޔާޙުގެ ނާމާގައި ދިވެހި ރާއްޖެއާ ބެހޭގޮތުން ލިޔުއްވާފައިވާ ވާހަކަތައް ކިޔުއްވައިފިނަމަ މިފަދަ އިތުރު އެތައް ޙާދިސާތަކެއް ފެނިގެންދާނެއެވެ. ތާރީޚުގެ ދިގުރާސްތާގައި އިސްލާމްދީނާއި ދިވެހި ޘާޤާފަތްވަނީ ވަރަށް ޞުލްޙަވެރު ގޮތެއްގައި ދިވެހިބިން ޙިއްޞާކޮށްފައެވެ. މިވޭތުވެދިޔަ ދިގު ޒަމާންތަކުގައި ދިވެހި ކާބަފައިންވާނީ އިސްލާމްދީނުގެތެރޭ ދިވެހި ޘަޤާފަތް، އަދި ދިވެހި ޘަޤާފަތުގެ ތެރޭ މިދީން ރައްކާތެރިކޮށްދީފައެވެ. ދެން އަޅުގަނޑުމެންނާ ޖެހުމުން އެފަދައިން ކަންތައް ކުރުމަށް އަޅުގަނޑުމެން ނުކުޅެދުނެވެ. އަދި ބަޔެއްގެ ނުފޫޒުގެ ސަބަބުން މިކަމުގެ ޒިންމާ އިސްލާމްދީނުގައި އެޅުވުނެވެ. އަޅުގަނޑުމެން މިކަމާމެދު ތަންކޮޅެއް ފުންކޮށް ވިސްނާލުމުން ފާހަގަކުރެވޭ ކަމަކީ ދިވެހި ޘަޤާފަތަކީ އޮތްއެއްޗެއްކަންވެސް އަނގައިދެނީ އިސްލާމްދީން ކަމެވެ. ދިވެހި ޘަޤާފަތް، ކީއްތޯ؟ ތާރީޚު ރަނގަޅަށް ފެންނަން އޮތީވެސް ދިވެހިން އިސްލާމްވި ފަހުންނޫންތޯއެވެ. އިސްލާމްދީނުގެ ކުރީގެ ދިވެހި ތާރީޚް އެހާ ސާފުކޮށް އެނގޭކަށް ނެތެވެ. ދިވެހި ރާއްޖެ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮންނަތާ 800 އެތައް އަހަރެއްވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އަދު އިސްލާމްދީނާއި ނުލާ ދިވެހި ޘަޤާފަތް ތަމްޘީލެއް ނުކޮށްދެވެއެވެ. ދިވެހި ޘަޤާފަތް އޭގެ އެންމެ ފުރިހަމަ ޝައުކަތާއި ޝައުނަތުގައި ދައްކާދިނުމަށްޓަކައި އިސްލާމްދީން ލާޒިމެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ވިދާޅުވެފައިވެއެވެ. ''ދިވެހިންނަށް ބޭރު ރަށްރަށުގައި ލިބިއޮތް އެންމެ ޤަދަރުހުރި ކަންފުޅަކީ، އެތައް ޒަމާނަކުއްސުރެ މި އޮތް ކުޑަ ދެރަ މީސްކޮޅުމަދު ދައުލަތް މި އޮތް ޒަމާނުގައި އަމިއްލަކަންމަތީގައި އިސްލާމްދީން ހިފަހައްޓައިގެން، މުސްތަޤިއްލު ވެރިކަމެއް ކުރާން ތިބޭކަމެވެ. މި ކަމަށް އެންމެން އުފާވެ އެވެ. އަޖާއިބު ވެސް ވޭމެ އެވެ. މި ކަން ނެތެނިކޮށް ދިވެހިންނަކީ އެއްވެސް ބައެއް ނޫންކަމަށް ވެދާނެ އެވެ. މިއީ ކުޑަ ނިޢުމަތެއް ނޫނެވެ." މިހުރިހާ ވާހަކައެއްގެ ޚުލާޞާއެއްގެ ގޮތުން ދަންނަވާލަން އޮތީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ޤައުމީ ދުވަހުގެ މުނާސަބަތުގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ދިވެހި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވި ބަސްކޮޅެކެވެ. "ދިވެހި ޤައުމިއްޔަތު ބިނާކުރުމުގައި އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ މުހިންމު ތަރިކަތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިބަހާއި ދިވެހި ޘަޤާފަތް ކަމެވެ." ނިންމާލަމުން ދަންނަވާލަންއޮތީ ޤުރުއާނުގެ އާޔަތެއްގެ މާނާއިގައި އައްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ޅެންބައިތެކެވެ. ކަލާނގެ ސަފުން ބަދަލު ނުކުރައްވަތޭ ޤައުމެއްގެ ހާލާތެއް ނުވާނަމަ ޤައުމުގައި ހާލާތު ބަދަލުކުރުމުގެ ޚިޔާލާތެއް މިއީ އަޅުގަނޑު މިނިވަން ދުވަހުގެ ރޭޑިޔޯ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ތައްޔާރުކުރި މަޢުލޫމާތު ކޮޅެކެވެ. ނަމަވެސް އެޕްރޮގްރާމްވީ މިހުރިހާ މަޢުލޫމާތެއް ހުށަހަޅައިދެވޭވަރަށްވުރެ ކުރު ޕްރޮގްރާމަކަށެވެ. މިސަބަބަށްޓަކައި ލިޔުމެއްގެ ޞިފައިގައި ފަންވަތުގެ އަހުލުވެރިންނާއެކު މިމަޢުލޫމާތުކޮޅު ޙިއްޞާކޮށްލީމެވެ. މިކަން ކުރުމަށް ހިތްވަރުދެއްވައި މިލިޔުން އެޑިޓްކޮށްދެއްވި އަލްއަޚް އަޙްމަދު ޝަމީން ދޮންމަނިކަށް ޝުކުރު ދަންނަވަމެވެ. ފަންވަތުގެ އެންމެހާ އަހުލުވެރިންނަށް މިނިވަންދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވަމެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ ހެޔޮއެދޭ އަޚެއް, 2010-07-29 09:19:57
" ކަލާނގެ ސަފުން ......." މިބައިތަކީ، ޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ބައިތެއް ނޫނެވެ. އެއީ އަލްފާޟިލް ޢަބްދުﷲ ޞާދިޤުގެ ބައިތެކެވެ. އަޚޫނާ ޝަމީނަށްވެސް އެކަން ފާހަގަނުކުރެއްވުނުކަން ވަރަށް ދެރައެވެ. ފަންވަތުގެ އެޑިޓޯއަލް ޓީމަށްވެސް އެނގިވަޑައި ނުގަންނަވަނީ ބާވައެވެ. ކޮންމެއަކަސް ވަރަށް ޝައުޤުވެރި ލިޔުމެކެވެ. އަޖުމަލަށް މަރުހަބާއެވެ.... = ހެޔޮއެދޭ އަޚެއް =
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
01. "އަދި ދުނިޔޭގައިވާ ބިމުގެ އުސްމިން އެންމެ ތިރ ސަރަޙައްދުވެސް ވަނީ ރާއްޖޭގައެވެ. އެއީ ސ. ވިލިގިލީނގައިވާ ސަރަޙައްދެކެވެ." މީ އަޅުގަނޑަށް މުޅިން އާ މަޢުލޫމާތެކެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުން ދުނިޔޭގައިވާ ބިމުގެ އުސްމިން އެންމެ ތިރި ތަނަކީ އަލްބަޙްރުލްމައްޔިތު ނުވަތަ ޑެޑް ސީ ގެ ވަށައިގެންވާ ބިމެވެ. އެއީ އައްރޫމް ސޫރަތުގެ 3 ވަނަ އާޔަތުގައި ވާ ބިންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
02."ދިވެހި ރާއްޖޭގައި އަދު ވެރިކަން ކުރަމުންމިދަނީ މިޤައުމުގެ ފުރުތަމަފަހަރަށް ދިމުޤްރާޠީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އިންތިޚާބު ކުރެވިފައިވާ ސަރުކާރެވެ."
ޑިމޮކްރަސީއަކީ އެކިޤައުމުތަކުގައި އެކިސިފަތަކުގައި އޮންމަ އެއްޗެކެވެ. މިސާލަކަށް ޔޫރަޕުގެ ޑިމޮކްރަސީ އެމެރިކާއާއި ތަފާތެވެ. މިޤައުމުގައި ކުރިންވެސް އޮތީ ޑިމޮކްރެޓިކް ސަރުކާރެކެވެ. އެސަރުކާރު ވެރިކަމަށް އައީ ޑިމޮކްރެޓިކް ހަމަ ތަކަކުންނެވެ. ނަމަވެސް މިހާރުގެ ސަރުކާރު ވެރިކަމަށް އައިގޮތާއި އަޅާބަލާއިރު މިސަރުކާރު އައިގޮތް ޑިމޮކްރެޓިކް ގިނަ ހަމަތަކާއި އެއްގޮތެވެ. ނަމަވެސް އެއީ މިސަރުކާރަކީ ޑިމޮކްރެޓިކް ފުރަތަމަ ސަރުކާރޭ ބުނަންޖެހޭ ސަބަބެއް ނޫނެވެ.
03."މިނިވަންކަމާއި ޑިމޮކްރަސީގެ ނަމުގައި ރާއްޖެއަށް ޖެހެމުންދާ މި ވައިރޯޅިތައް "ނަލަ ވައިރޯޅިއަކަށް" ނުވާނެ އެވެ. މި ރޯޅި ނަގޫރޯޅިއަކަށް ބަދަލުވެދާނެކަމުގެ އިންޒާރުތައް ދަނީ ދެމުންނެވެ."
މީ މިވަގުތު މިދިވެހި ޤައުމު ކީއްކުރަންތޯއެވެ. މުޅި އިސްލާމީ އުއްމަތް އެކަމާ ހޭލާ ތިބެންޖެހޭ ކަމެކެވެ. ލާދީނީ އޮއިވަރުތައް މުސްލިމުގެ ތެރޭގައި ފެތުރުމަށް މުސްލިމުންގެ ހަތުރުން ކުރާމަސައްކަތުގައި ލާދީނީ ކަންތައް ވައްދާ ވަލުދޮރާށިތަކަކީ " މިނިވަންކަމާއި، ޑިމޮކރަސީއާއި، އިންސާނީ ޙައްޤުތަކާއި،ހަމަހަމަކާއި،ޚ