ފަންވަތް ދިވެހި އިޖުތިމާޢީ އަހަރެން ހުންނަނީ އަނބިދަށުވެފައެވެ.
ބެލި ޢަދަދު: 2089
އަހަރެން ހުންނަނީ އަނބިދަށުވެފައެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
05 އޮގަސްޓް 2010، 00:26 ބުރާސްފަތި

އިބްރާހީމް ނަޢީމު

އަހަރެން ހުންނަނީ އަނބިދަށުވެފައިކަމަށް އެންމެ ބޮޑަށް ގަބޫލުކުރަނީ އަހަރެންގެ މަންމައާއި މަންމަފަރާތު ބޮޑުދައިތަމެންނާއި އަހަރެންގެ އެއްބަނޑުއެއްބަފާ ކުދިންގެ ތެރެއިން ދެ އަންހެން ކޮއްކޮއެވެ. އާއިލާގައި އަހަރެންގެ ދޮއްޓަށް އަންހެން ކުއްޖަކު ނުހުންނާތީވެ އެކަމާ ކަންބޮޑުވާނެ ދައްތައަކު ނެތެވެ. ދެން އެޚިޔާލަށް އެންމެ ބޮޑަށް ތާއީދުކުރަނީ އަހަރެންގެ ގާތްރައްޓެހިންގެ ތެރެއިން ހައެއްކަ މީހުންނެވެ.

އަހަރެން ވަޒީފާ އަދާކުރަނީ ބޮޑު ވިޔަފާރި ކުންފުންޏެއްގެ މައި އޮފީހުގައެވެ. ވަޒީފާގެ ޒާތުން ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ދާންޖެހެއެވެ. އަދި ވަޒީފާގެ ބުރަކަމުން ގޭގައި ހޭދަކުރެވެނީ ވަރަށް ކުޑަވަގުތު ކޮޅެކެވެ. ހަފްތާބަންދަށް ލިބެނީ ހަމައެކަނި ހުކުރު ދުވަހެވެ. އެދުވަހު ގޭތެރޭގައި ކުރަން ހުންނަ މަސައްކަތް ގިނަކަމުން މަންމަމެން ގެއަށް ވަދެލެވޭވަރު ވަނީ ހަވީރު ނުވަތަ އިރުއޮއްސޭފަހުންނެވެ. ހަމަ ދާއިރަށް މަންމަގެ ޝަކުވާތަށް ފަށާނެއެވެ. "ދަށުވެފައި ހުންނަވަރުން ހުކުރު ދުވަހުވެސް މިގެއަށް އާދެވޭނީ އެންމެ ފަހުންނެވެ. ހުކުރުން ފައިބައިގެން ކާލަން އައި ނަމަ ވާނީ ކީން ހެއްޔެވެ." މަންމައަށް ހިތްވަރުދީ، މަންމަގެ ކޮޅު ގަދަކުރަން ދެ ކޮށްކޮވެސް ތިބޭނީ އަތުކުރި އޮޅާލައިގެންނެވެ. ކިތަންމެ ގިނައިރު އެގޭގައި މަޑުކުރިޔަސް ހަމަ ނުކުންނަށް ހިގައިގަންނައިރަށް މަންމަ ބުނާނެއެވެ. "މިގެއަށް ވަނުމާ ދިއުމާއެވެ. ދަށުވިޔަސް ދެން ތީ ބޮޑުވަރެވެ."

ގިނަދުވަސްދުވަހު އޮފީސްނިންމާފައި ގެއަށް އާދެވޭއިރު ހުންނަނީ އިރުއޮއްސެން ކުޑަތަން ވެފައެެވެ. ގެއަށް ހަމަ ވަދެވޭއިރަށް ބައްޕާއޭކިޔާ ދުވަމުން ފުމެމުން ދަރިފުޅުއައިސް ބައްދާލާނެއެވެ. އެހުރިގޮތަށް ހުރެ ފުރަތަމަވެސް ޖެހޭނީ ދަރިފުޅު އުރާލާށެވެ. އެގަޑީގައި އަންހެނުން އުޅޭނީ ދަރިފުޅުގެ ކާނާ ތައްޔާރުކުރާށެވެ. ދަރިފުޅަށް ކާންދީ ނިމުމުން އޭނަޔާއެކު ކުޑަ ވަގުތުކޮޅެއްހޭދަކޮށްލާފައި އިޝާނަމާދު ކޮށްލައިގެން އަހަރެން ގޮސް ދަރިފުޅު ނިންދަވަނީއެވެ. އެހާތަނަށް އަދިކިރިޔާ ރޭގަނޑުގެ ކެއުން ތައްޔާރު ކުރެވޭނީއެވެ. ކައިގެން ތަށިތައް ދޮވުމުގެ ޒިންމާ ގިނަފަހަރު އުފުލާނީ އަހަރެންނެވެ. ދެން އެވީ ބަދިގެތެރެސާފުކޮށް ސިޓިން ރޫމުގެ އެތަން މިތާގައި ހުންނަ ދަރިފުޅުގެ ކުޅޭސާމާނު ތަރުތީބުކޮށް އޭގެތެރެއިން ހަޑިވެފައި ހުރި ތަކެތި ދޮވެ ރީތިކޮށް މާދަމާއަށް އެތަކެތި ތައްޔާރުކުރާށެވެ. މިކަމުގައިވެސް އަންހެނުންނަށް އެހީތެރިވަމެވެ. މިކަން ނިމޭއިރު ގިނަ ރެރޭ ހުންނާނީ ދިހައެއްޖަހާ ބޮޑުވެފައެވެ. ދެން އެފެށުނީ އަހަރެންގެ މައުލޫމާތު ތާޒާ ކުރުމުގެ ވަގުތެވެ. ނޫހެއްކިޔަސް ފޮތެއްކިޔަސް  އެކަން ކުރަންލިބޭގަޑިއަކީ އެއީއެވެ. އަންހެނުން އެގަޑީގައި އުޅޭނީ އަނެއްދުވަހު ހެނދުނު އަހަރެން އޮފީހަށް ދާން ލާނެ ހެދުމެއް ތައްޔާރުކުރުމުގައެވެ. އެކަން ނިމުމުން އެދުވަހު  ދާކޮށް ހަޑިކޮށްފައިހުރި ދަރިފުޅުގެ ހެދުންތަށް ދޮންނަން ވީއެވެ. މިކަން ކުރަނީ އެއްރޭ އަހަން ނެވެ. އަނެއްރޭ އަންހެނުންނެވެ. ހަފްތާގެ ގިނަދުވަސްތައް ނިމިގެން ދާނީ މިކަހަލަ ގޮތަކަށެވެ.

ދެން މިއަންނަނީ ހުކުރުދުވަހެވެ. ފަތިހު ތެދުވެ ދަރިފުޅުގޮވައިގެން ދުއްވާލަން ދިއުމާ، މޫދަށް އެރިލަން ދިއުން އޮންނާނެއެވެ. ނުވަތަ ޖުމްހޫރީ މައިިދާނުގައި އެއުޅޭ ކޮތަރުތަކަށް ކާންދޭން ދިއުން އޮންނާނެއެވެ. ވަރަށް މަދު ދުވަހެއްގައި އަންހެނުނާއި ދަރިފުޅު ގޮވައިގެން ކާނިވަލަށް ހެނދުނު ސައިބޯލަންވެސް ދެވެއެވެ. އެކަން އެބީދައިން ނުހިނގާ ދުވަހެއްނަމަ އަހަރެން ދަރިފުޅު ގޮވައިގެން ގެއަށް އަންނައިރު އަންހެނުން ހުންނާނީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައެވެ. އެކަން ނިމިގެން އަހަރެން ގެ މަސައްކަތަކަށް ވާނީ ނިމިދިޔަ ހަފްތާގައި ދާވެފައިހުރި އަހަރެންގެ ހެދުންތަކާއި އަންހެންގެ ހެދުންތަށް ދޮވެދިނުމެވެ. އެއަށްފައު ގޭތެރެއާއި ބަދިގެ ތެރެ ފޮޅާ ސާފުކޮށްދިނުމެވެ. ދެން މެންދުރަށް ލައިގެންކާނެ އެއްޗެއް ތައްޔާރުކުރުމެވެ. ބައެއްފަހަރު ކުކުޅު ރިހައެވެ. އަނެއްބައި ފަހަރު ފަރުމަސް ރިހައެވެ. މަދު ދުވަހެއްގައި ޕާސްތާ ނުވަތަ ސްޕެގެޓީއެވެ. އަދި ހުކުރަށް ދިއުމުގެ ކުރިން ފާޚާނާ ދޮވުންވެސް އެއީ އަހަރެން އާމްކޮށް ކުރާކަމެކެވެ. ހުކުރުދުވަސް ފިޔަވައި ހަފްތާގެ ކޮންމެދުވަހަކުވެސް މިދެންވި މަސައްކަތްތައް ކުރަނީ އަންހެހުން އެކަނި މާއެކަންޏެވެ.

އަހަރެން ހުކުރުން އަންނައިރު ދަރިފުޅަށް އޮންނާނީ ނިދިފައެވެ. ދެންއެވީ މެންދުރުގެ ކެއުމައިގެން އުޅޭށެވެ. ކައިގެން ތަށިތެލި ސާފުކޮށްލުމަށްފަހު އޮންނާނީ އަރާމުކޮށްލުމެވެ. އާމްގޮތެއްގައި އަހަރެން ބާޒާރުކުރަނީ ހުކުރުދުވަހުގެ ރޭގަނޑުއެވެ. އެހެން ވަގުތެއް ހަމަ ނުވަނީއެވެ.

ހުކުރު ދުވަހު ހަވީރަކީ ވަރަށް ޚާއްސަ ވަގުތެކެވެ. އަހަރެންގެ ގާތްރައްޓެހިންވެސް ސައިބޯލަން ދާން ގުޅާނެއެވެ. އަނެއްކޮޅުން މައިންބަފައިންނަށް ޒިޔާރަތްކޮށް ހާލުބަލާލަން ލިބޭ ވަގުތަކީވެސް އެއީއެވެ. އިސްކަންދޭނީ ކޮންބަޔަކަށް ހެއްޔެވެ. އަހަރެންގެ މަދު ރައްޓެހިންކޮޅަކީވެސް އަހަރެންނަށް ވަރަށް މުހިންމު ބައެވެ. ހަމައެފަދައިން އަހަރެން މީހަކަށް ހަދައި ހިތްފުރި ބަންޑުންދާވަރަށް ލޯބިދީ އޯގާތެރިވި އަހަރެންގެ މައިންބަފައިންގެ މަތިން ވެސް ހަނދާން ނައްތައެއްނުލެވޭނެއެވެ. މިކަން ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެކަމަށް ހީކުރަމެވެ. ދެރަތަންކޮޅަކީ އަހަރެންގެ އެކުވެރިންނަށް އަހަރެންގެ ދިރިއުޅުމުގެ ކަންތައް ރޭވިފައވާގޮތް ބަލައި ނުގަނެވޭތީއެވެ. މަންމަ އާއި ބޮޑުދައިތަމެންގެ ވާހަކަ ބާއްވާށެވެ. ފަހަރެއްގައި އެމީހުންގެ ޒުވާންދުވަސްވަރުގެ ދިރިއުޅުމުގެމާހައުލާއި އާދަކާދަތަކާއި ކުރާމަސައްކަތްތައް މިޒަމާނާ ތަފާތުވީމައި އެމީހުންނަށް އެހެން ހީވަނީކަމަށް ވެދާނެއެވެ. ނަމަވެސް އަހަރެންގެ ރައްޓެހިންނަކީވެސް ޒިންމާާދަރު ވަޒީފާތަކުގައި އުޅޭ ތަންދޮރު އޮޅުންފިލާ ހޭލުންތެރިން ކަމަށް އަަރެން ގަބޫލުކުރަމެވެ. އެމީހުންނަށް ނުވިސްނެނީ ކީއްވެބާވައެވެ.

މިކަމަކީ އަހަރެންނާއި އަހަރެންގެ ރައްޓެހިންނާ އެތައްފަހަރަކު ދެބަސްވެވި ބަހުސް ކުރެވިފައިވާ ކަމެކެވެ. އަނެއްކާ މިއަދުވެސް އެވާހަކަ ފެށިއްޖެއެވެ. އަހަރެން ބުނީމެވެ. އަހަރެންގެ ދިރިއުޅުމުގެ ކަންތައް މިވަގުތައްހުރީ މިހެންނެވެ. އަޅެ ތިޔައިގެ ތެރެއިން އެއްވެސް މީހަކު އެމީހާގެ ދިރިއުޅުން އަހަރެން މިކިޔައިދިންހާ ތަފްޞީލުކޮށް ބުނެދީބަލާށެވެ.

މިކަމަށް އިސްނެގިމީހާގެ ވާހަކަވެސް ކުރުގޮތަކަށް ކިޔައިދޭނަމެވެ. ހެނދުނު ތެދުވަނީ "ބާއްޖަވެރި ހެނދުނެއް" ކަމަށް އިއުލާނުކުރީމައެވެ. އެވީ އޮފީހަށް ދާށެވެ. ހަވީހު އޮފީސް ނިމިގެން ގެއަށް އައިސް އެވީ ނިދާލާށެވެ. މެޗެއް ކުޅޭދުވަހެއްނަމަ ދަނޑަށް ދާށެވެ. ރޭގަނޑު ނުވައެއް ދިހައެއް ޖަހާލީމާ އެވީ ކާށެވެ. ސިޔާސީ މަސްރަހުގެ ފިނިހޫނުމިން އިނގޭނެ ޓީވީ ޕޮރޮގްރާމުތަށް ބަލާށެވެ. އެއަށްފަހު ނިދާށެވެ.

އަހަރެން: ހެނދުނު އޮފީހައްދާން ވާއިރަށް ހެދުން ތައްޔާރުކުރަނީ ކާކުހެއްޔެވެ.
އެކުވެރިޔާ: ނޭނގެއެވެ. އަންހެނުން  ނުވަތަ ގޭގައި ގެންގުޅޭ މީހާއެވެ.
އަހަރެން: މެންދުރު ކައްކަނީ ކާކުހެއްޔެވެ.
އެކުވެރިޔާ: ހީވާގޮތުން ގެންގުޅޭމީހާއެވެ.
އަހަރެން: ދަރިފުޅު އިސްކޫލަށް ގެންދިއުމޯ؟
އެކުވެރިޔާ: ބައެއްފަހަރު އަންހެނުން. ބައެއްފަހަރު އަންހެނުންގެ ކޮއްކޮ.
އަހަރެން: ދެން ގޭތެރޭގެ އެހެން މަސައްކަތްތަކޯ؟
އެކުވެރިޔާ: ތިޔަ ހުރިހާ ތަފްޞީލެއް ނޭގެ. ގޭގައި އުޅޭނީ އަންހެނުންނާއި އަންހެނުންގެ ކޮއްކޮ އަކާއި އަންހެނުންނަށް ފަސޭހަކޮއްލަދެން ގެންގުޅޭ ލަންކާ މީހެއް. އެތަނުން ކޮންމެވެސް އެކަކު ކުރާނެ.
އެންމެ ރަނގަޅެވެ. އަހަރެންގެ ގޭގައި އުޅެނީ އަހަރެންނާއި އަހަރެންގެ އަންހެނުންނާއި، ނޮކޮޅުވަތް، ހަލަނި އެހަނަސް އަހަރުމެން ދެމީހުން ހިތާފުރާނައިން ލޯބިވާ އަހަރެމެންގެ ދަރިފުޅެވެ. އެކުވެރިންނެވެ. ތިޔައެކުވެރިންނާ އަހަރެން އެއްބަސް ވެއްޖައީމެވެ. އަހަރެން މިހުރީ އަނބިދަށުވެފައެވެ. އަދި ހުންނަން ބޭނުމީވެސް މިގޮތަށް ދަށުވެފައެވެ. ނަމަވެސް އެއްކަމެއް އަހަރެންނަށް ކޮށްލަދޭށެވެ. މިލިޔުން ތިޔައެކުވެރިން ކިޔާލުމަށްފަހު ތިޔައެކުވެރިންގެ އަނބިންނަށްވެސް ދައްކާލާށެވެ. އަދި މިކަމާ އެމީހުންގެ ޚިޔާލުވެސް ހޯދާލާށެވެ. އަހަރެން މިހުރީ އަނބި ދަށުވެފައި ހެއްޔެވެ؟

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (17)Add Comment
...
ލިޔުނީ yaanath, 2010-08-05 05:05:14
nooney zimmaadharu firin thibeynee thigothuga ekamaku ragalhu kuranjehey kanthathakehvs ebahuri.
...
ލިޔުނީ ‰‰‰‰މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-08-05 07:31:19
މިއަދު އަންހެނުންނާއި ފިރިހެނުން ވަނީ މާތް ވެގެންވާ އިސްލާމީ ޝަރީޢަތުގައި އަނބީންނާއި ފިރީންނަށް ކަނޑައަޅުއްވައި ނިންމަވައިފައިވާ ދައިރާތައް ހަނދުމަ ނެތިކޮށްފައެވެ. ނުވަތަ ޤަޞްދުގައި އެގޮތާއި މެދު ދެބަސްވެ އަމިއްލަ ގޮތްތައް، ބަޔާން ކުރައްވައިފައިވާ ގޮތުގެ މައްޗަށް އިސްކޮށްފައެވެ. މިއަދު ދިވެހި މުޖުތަމަޢުގެ ޢާންމު ބަހުރުވައިން މިކަން ސިފަކޮށްފި ނަމަ ބުނެވޭނީ އެއްބާރު އަނެއް ބާރުގެ މައްޗަށް ޣައިރު ޤާނޫނީ ގޮތުން ވެރިވެގަތުމަށް ނުވަތަ ވެރިވެގަނެގެން އުޅެނީއެވެ. ފިރީންގެ ހުންނަނީ މާބުރުގެ އުސޫލެވެ. އަންހެނުންގެ މިހުންނާ ބަގީޗާގައި ފަރިވެ ފޮޅޭ އަދި މޯޅިވަމުންދާ މާމެލާމެލީގެ އުސޫލެވެ. ޢުޒުރަކަށް މައިގަނޑު ގޮތެއްގައި ދައްކައި އުޅޭ މިނިވަންކަމުގެ ކާޑެވެ. ޤާނޫނަކަށް ދައްކައި އުޅެނީ މަމީ އަންހެނެކޭ މަށަށްވެސް މަގޭ އަމިއްލަ ބޭނުންތަކެއް ވެޔޭ، މަމީ ފިރިހެނެކޭ މަށަށްވެސް މަގޭ އަމިއްލަ ބޭނުންތަކެއް ވެޔޭ. އެކަކު އަނެކެއްގެ އައިބުތައް ފައުޅުކުރުމުގެ ޙުއްޖަތަކީ މާއްދިއްޔަ ޤާނޫނުތަކުން "ވިސްލް ބްލޯވަރޒް"އަށް ލިބިދޭކަމަށް ބުނާ އިޚްތިޔާރީ ބާރެވެ. ހިތަށް އެރީމައި ނިޡާމީ ނުކުތާ ނަގައިގެން އަންހެނުންވެސް އަދި ފިރިހެނުންވެސް އެކަކު އަނެކަކަށް އަނިޔާވެރިވާނޭ މަގުން ވަރި ޢިއުލާނުކޮށް ހަދަތެވެ.
...
ލިޔުނީ ފާތުން, 2010-08-05 07:49:11
varah molhu liyumeh
...
ލިޔުނީ އަލީ, 2010-08-05 09:12:04
ތިކަންތައްތައް ތިކުރަނީ އަނބިމީހާގެ ޕްރެޝަރުންނަމަ ތިހުރީ ހަމަ ރީއްޗަށް އަނބިދަށުވެފައެވެ. އެއާއި ޚިލާފަށް ތިބާގެ އިސްނެގުމާއި އެކު ހަމަ ތިބާގެ އަނބިމީހާއަށް ފަސޭހަކޮށްދޭން ކުރާކަންތަކެއްނަމަ އަނބިދށުވުމޭ ބުނެވޭކަށް ނެތެވެ. ދުވަހު ތާވަލުގައި ހުރި ވަރަށް ގިނަ ކަންތައް ތަކަކީ ރަނގަޅުކަންކަތެވެ. ތިބާގެ ރައްޓެހިމީހާގެ ތާވަލާއި އަޅާބަލާއިރު ހަމަ 100 ބަރާބަރެވެ. އެކަމް ވިސަނާލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމުގައި ދެކެމެވެ. ތިބާގެ ދިރިއުޅުމުގައި ތިކުރެވެނީ ހާދަމަދުކަމެކެވެ. ކުރުކޮށްބުނާނަމަ ތިކުރެވެނީ އޮފީސް މަސައްކަތާއި އަނބިމީހާއަށް އެހީވުން އެކަންޏެވެ. ދުވާލެއްގެ ތެރޭގައި ދިރިއުޅުމުގެ މަޝްރޫޢުގެ އެތަށް ކަމެއް ނިންމާ ކިތައްމީހުން އުޅޭބާއޭ ހިތައްނާރާހެއްޔެވެ. ތި ޓޭބަލް ކުޑަކޮށް މުރާޖަޢާކޮށްލުން ރަނގަޅެވެ.
...
ލިޔުނީ uza, 2010-08-05 09:38:05
alhe mashaves thikahala hubby eh libeynenama dho
...
ލިޔުނީ އަހުމަދު, 2010-08-06 03:11:23
ދެމީހުންވެސް ތިކަންތައްތިކުރަނީ އިސްނަގައިގެންނަމަ ނުވަތަ އަނބިމީހާ ، ފިރިމީހާ .. ޕްރެޝަރުންނޫންނަމަ ވަރަށް ރަނގަޅު. އެހެންނަމަ ތިއީ އަނބިދަށުވުމެއް ނޫން.. ތިކަހަލަ ރިލޭޝަންޝިޕް އެއްވާނީ ވަރަށް އަންޑަސްޓޭންޑިގް އުފާވެރި ދިރިއުޅުމަކަށް
...
ލިޔުނީ އަބޯ, 2010-08-06 07:19:06
އަހަރެންގެ ހިޔާލް ވަރަށް ތަފާތު. އަހަރެން ދެކޭގޮތުގައި މީ ވަރަށް ކަންނެތް އަތްންބެއް. ވަޒީފާއަކަށް ދާ މީހެއްނޫން. އެކަމަކު ފިރިމީހާ އެހާބުރަކޮށް އުޅެ އޮފީސް ނިންމާފައި އިރުއޮއްސޭއިރު ގެޔަށް އާދެވޭއިރު ހަރާން ގޭތެރޭ ކުރެވުނު ކަމެއް. ދުވަހުގެ ހުރިހާ ކަމެއް ނިންމަން އެޖެހެނީ ރޭގަނޑު ހަތަރުދަމު އުޅުގެން ފިރިމީހާއަށް.
...
ލިޔުނީ naxu, 2010-08-06 08:35:30
anbi dhashuvumaki anhenun force koh gen nuvatha rulhi athu vedhaanethi birun kanthah kurun. thiee anhenun dheke loabivaa firiyeh kan gaimu.
...
ލިޔުނީ އަޙުމަދު, 2010-08-06 14:02:05
ދުވަހު ތާވަލުގައި ދީނީ ކަންތަކަށްވެސް ވަގުތު ހުސްކުރާނަމަ 100 އިންސައްތަ ރަނގަޅު ކަމަށް ބުނެވިދާނެ. އެހެން ނަމަވެސް މިހާރު ދެވޭނީ 50 އިންސައްތަ. ސަބަބަކީ މިހާރުގެ ތާވަލަކީ ދުނެޔޭގެ އުފަލާއި ހިންހަމަޖެހުމަށް ހަދާއި ރާވާފައިވާ ތާވަލަކަށް ވާތީ. އާޚިރަތް ދުވަސް އަންނާނޭކަން ހަދުމަ ކުރުން މުހިންމު ކަމުގައި ދެކެން.
...
ލިޔުނީ އިބްރާހިމް ނަޢީމް, 2010-08-08 03:53:49
އަޅުގަނޑުގެ ލިޔުން ވިދާޅުވި ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އަދި ކޮމެންޓް ކުރެއްވި އެންމެހާ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ހުށަހަޅުއްވާފައިވާ ހުރިހާ ޚިޔާލުތަކުގައި ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދީފައިވާތީ ވަރަށްވެސް އުފާކުރަމެވެ.

މިލިޔުން ފަންވަތުގައި ޝާއިޢު ކުރެވުނުއިރު އަޅުގަނޑުހުރީ ފަންވަތުގެ ކިޔުންތެރިންނާ ތަންކޮޅެއްދުރު މާހައުލެއްގައެވެ. ނަމަވެސް ލިޔުމާ ގުޅިގެން ދެފަރާތެއްގެ ފޯނުކޯލު އަޅުގަނޑަށް ލިބުނެވެ. އެއްބޭފުޅަކު ވިދާޅުވީ ދީނީ ކަންތައްތަކަށް އަޅުގަނޑު ސަމާލުކަން ނުދޭވާހަކައެވެ. އަދި ދީނީ ކަންތައްތަކަށް ސަމާލުކަން ދިނުމަށް ނަސޭހަތްތެރި ވިއެވެ. ކޮމެންޓު ކުރެއްވި އެއްބޭފުޅަކުވެސް އެކަމަށް ނަސޭހަތްތެރި ވެފައި އެބައޮތެވެ. ޝުކުރިއްޔާއެވެ. ތިޔަނަސޭހަތް އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލު ކޮށްފީމެވެ. އަދި އަމަލުތަށް އެގޮތުގައި ބެހެއްޓުމަށް އަބަދުވެސް ބާރު އަޅާނެވާހަކަ ދަންނަވަމެވެ.
ދެން ފޯނުކުރީ އަޅުގަނޑަކީ ކާކުކަމާއި އަޅުގަނޑުގެ ދިރިއުޅުމުގެ ކަންތައް ހުންނަގޮތް އިނގޭ ގާތް ރަހުމަތްތެރިއެކެވެ. އޭނާ ދެކޭގޮތުގައި އަޅުގަނޑުގެ ލިޔުމުގައި ވަރަށް ދޮގުވާހަކަތަށް ގިނައެވެ. ދަންނަވަން އޮތީ ލިޔުމުގައި "އަޅުގަނޑު" ބޭނުންކޮށްފައި އޮތް އޮތުން ދޭހަކޮށްދެނީ އަޅުގަނޑުގެ އަމިއްލަ ނަފްސު ނޫންކަމެވެ. ފަހަރެއްގައި އެއީ ދޮގަކަށް ނުވާނެވާހަކައެއް ނޫނެވެ. ނަމަވެސް އެއީ ލިޔުންތެރިކަމުގައި ބޭނުންކުރެވޭ ހަމައެއްކަމަށް ފެންނާތީވެ އެގޮތަށް ލިޔުނީއެވެ. ލިޔުންތެރިން ލިޔާ ކޮންމެ ލިޔުމަކީ ސީދާ އެލިޔުންތެރިންގެ ހަޔާތާ ގުޅިފައިވާ ލިޔުމަކަށް ވާންޖެހޭނެކަމަ އަޅުގަނޑެއް ނުދެކެމެވެ. އެހެންމީހަކަށް ދިމާވި ހާދިސާއެއްވެސް ތިމާއަށް ދިމާވި ކަމެއްގެ ގޮތުގައި ލިޔެވިދާނެއެވެ. ނަމަވެސް އެވާހަކަ އެ ލިޔަނީ ދޮގުހެދުމުގެ ނިޔަތަކު ނޫނެވެ. ދެން މިކަމުގައި އަޅުގަނޑު ކުރިޔަށް ދާނީ ދީނީ އިލްމުވެރިއެއް ކައިރިން މިފަދަ ލިޔުންތައް މިގޮތަށް ލިޔެވިދާނެތޯ އަހައި އޮޅުންފިލުވުމަށް ފަހުގައެވެ. އަދިވެސް އެއްފަހަރު ލިޔުންވިދާޅުވީ އެންމެހާ ފަރާތްތަކށް ޝުކުރިއްޔާއެވެ. ފަންވަތުގެ އެންމެހާ އަހުލުވެރިންނަށް ރޯދަމަހުގެ ތަހުނިޔާ އެވެ.
...
ލިޔުނީ ފާތުމަތު ހުސައިން / ނ.މިލަދޫ, 2010-08-09 11:03:58
ރަންގަނޅު ފިރިން ނަކީ އަބަދުވެސް އަނބި މީހާ އާ އާއި ލާގެ ކަން ކަންކަމުގައި އަމިއްލައަށް އިސްނަގައި ގެން މަސައް ކަތް ކުރާމީހުން ނެވެ. ގޭތެރޭ ގައި އަނބިމީހާ އަށް އެހީވުމަކީ އަނބީ ދަށުވުމެއް ނޫން. މިވާހަކަ އިގައި އިހުސާން އަކީ ވ.ވ.ވ.ވ.ވ. ރަނގަޅު ފިރިއެއް . ހުރިހާ ފިރެހެނުން ވެސް ނަމޫނާ އަކަށް އިހުސާން ބަލާ............
...
ލިޔުނީ ކަރުނަ, 2010-08-09 16:18:04
މި ލިއުން ކިޔައިލުމުން އަނބިމީހާ އާ ފިރިމީހާގެ ގުޅުން އޮންނަންޖެހޭގޮތް ........
...
ލިޔުނީ demafirin, 2010-08-11 04:24:06
this is da way how to act demafirin
...
ލިޔުނީ މާލިމީ, 2010-10-16 15:03:51
މިލިޔުން އަންހެންވެރިންނަށް ވަރަށް ކަމުދާނެ. މިލިޔުން ލޔުނުމީހާ ވަރަށް ކާމިޔާބުވާނެ. އެކަމަކު ފިރިހެނުންނަށް މިލިޔުން އެހާ ރަނގަޅެއް ނޫން.yaanath ބުނެފައިވާ ފަދައިން މި ފިރިހެންމީހާވެސް ރަނގަޅުކުރަންޖެހޭ ބައެއްކަންތައް އެބަހުއްޓެވެ.
...
ލިޔުނީ xinhin, 2010-11-15 16:17:57
anhenunnah eheetheri vumaky anbidhashuvumeh nooneve
...
ލިޔުނީ ސީނާއި ޓަވިޔަނި, 2010-11-27 18:41:02
އަނބިމީހާއަށް އޭނަގެ އެއްވެސް ޕްރެޝަރަކާ ނުލާ އެހީތެރިވެދިނުމަކީ އަނބިދަށުވުމެއްނޫން.... އެކަމަކު މި ގޭގައި ލަންކާ މީހަކާއި އަނބިމީހާގެ ކޮއްކޮ ވެސް އުޅޭއިރު އެއީ ވިސްނާލުލަން ޖެހޭކަމެއް.........
...
ލިޔުނީ އައިޝަތު ބަޝީރު, 2011-07-14 03:55:20
ނޫނޭ! އެއީ ކޮންމެހެން އަބިދަށުވުމެއްނޫން އަބިމީހާއަކީވެސް ގޭގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާނޭ ބައެއް އެހެންވީމާ ދެމީހުންވެސް އެކަކު އަނެކަކަށް އެހީވުމަކީ ދިރިއުޅުން އާރާސްތު ކުރުމަށް އެޅޭ ފިޔަވަޅެއް ދެމީހުން އެކަކު އަނެކަކަށް އެހީތެރިނުވެ ހިންހަމަޖެހޭ ރަގަޅު ދިރިއުޅުމެއް ނޫއުޅެވޭނެ
ޝުކުރިއްޔާ!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2089
extra avandia and congestive heart failure