މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދިވެހިރާއްޖޭގައި ބިދޭސީން |
|
|
| ދިވެހި - އިޖުތިމާޢީ | |||||||||||||||||||||||||||||||||||||||||||
| 12 ޑިސެމްބަރ 2008، 15:59 ހުކުރު | |||||||||||||||||||||||||||||||||||||||||||
|
ލިޔުނީ : މިރާޒް މުޙައްމަދު މާލޭގެ މަގުމައްޗަށް މިހާރު ނިކުމެލުމުން އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ، ބިދޭސީއަކު ނުފެންނާނެ އެއްވެސް މަގަގަށް އަޅުގަނޑަށް އެރުން މިހާރު އެއީ ނާދިރު ކަމެކެވެ. ކޮންމެވެސް އަދަދަކަށް ބިދޭސީން ނުފެންނާނެ އެއްވެސް ވަގުތެއް، އެއްވެސް މަގެއް، އެއްވެސް ވަޒީފާއެއް މިހާރު ނެތެވެ. އަޅުގަނޑު މިދައްކަނީ ފަތުރުވެރިންގެ ވާހަކައެއް ނޫނެވެ. ރާއްޖޭގައި އެކި އެކި މަސައްކަތްތަކުގައި އައިސްތިބި ނުވަތަ ގެނެވިފައިތިބި ބިދޭސީންނެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް މިކަމާ ބެހޭގޮތުން އަޅުގަނޑު ބަލާލީމެވެ. ބިދޭސީންގެ އަދަދުމިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް ލޭބާރގެ 2006ގެ ތަފާސްހިސާބުން ދައްކާގޮތުން ޑިސެމްބަރު މަހުގެ ނިޔަލަށް ދިވެހިރާއްޖޭގައި އެކުޖުމްލަ 53،901 ބިދޭސީން މަސައްކަތް ކުރަމުން އެބަގެންދެއެވެ. އޭގެ ތެރެއިން 20،582 މީހުންނަކީ ހަމައެކަނި އިންޑިޔާ މީހުންނެވެ. އަދި 20،414 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އަދި 7،517 ސްރީލަންކާ މީހުންނާއި 1،450 ނޭޕާލް މީހުން މަސައްކަތް ކުރަމުން ގެންދެއެވެ. މިއީ އަޅުގަނޑުމެންފަދަ ކުޑަ ގައުމަ ކަށްބަލާއިރު މަދު އަދަދެއްކަމަށް އަޅުގަނޑަކަށް ނުފެނެއެވެ. މިގޮތުން 2003 ވަނަ އަހަރުން ފަށައިގެން 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް ނެގިފައިވާ ތަފާސްހިސާބަށް ބަލާލަމާ ހިންގަވާށެވެ.ކޮންމެއަހަރަކުވެސް އެންމެގިނައިން ބިދޭސީން ގެނެވިފައިމިވަނީ އިންޑިޔާއިންނެވެ. 2003ވަނަ އަހަރު އިންޑިޔާއިން ގެނެވިފައިވާ ބިދޭސީންގެ އިންސައްތަ 46.27 އިން މިހާރު ވަނީ 38.18 އަށް ދައްވެފައެވެ. ނަމަވެސް ބަންގްލަދޭޝް އިން ގެނެވިފައިވާ ބިދޭސީންގެ އިންސައްތަ ވަނީ 18.60 އިން 37.87 އަށް އިތުރުވެފައެވެ. ހަމައެކަނި އިންޑިޔާ، ބަންގްލަދޭޝް، ސްރީލަންކާ އަދި ނޭޕާލް، މި 4 ގައުމުގެ ބިދޭސީން ރާއްޖޭގައި ތިބި އިންސައްތަ އަށް ބަލާލާއިފިނަމަ – 2003 ގައި %92.22 ، 2004 ގައި %91.42 ، 2005 ގައި %92.16 އަދި 2006 ގައި % 92.69 – ބިދޭސީންނަކީ ހަމައެކަނި މި 4 ގައުމުން ގެނެވިފައިވާ ބިދޭސީންނެވެ. އަދި ފާއިތުވެދިޔަ އަހަރުތަކަށް ބެލުމަށް ފަހު، މި އަދަދުތައް ކުރިއަށް ލަފާކުރާ ގޮތުގެ ތަފާސްހިސާބެއް ހެދުމުން ދައްކަނީ:2010 ވަނަ އަހަރު ދިވެހިރާއްޖޭގައި 79،493 ބިދޭސީން މަސައްކަތް ކުރަމުންގެންދާނެކަމަށެވެ. އަދި ރާއްޖެގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ އަދަދު 38،024 އަށް އަރާނެކަމަށެވެ. ދިވެހި ރައްޔިތުންގެ އަދަދުމިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުން 2006 ވަނަ އަހަރު ނެރުނު ދިވެހިރާއްޖޭގެ ޕޮޕިއުލޭޝަން އެންޑް ހައުސިން ސެންސަސް ރިޕޯރޓުން ދައްކަނީ ދިވެހިރާއްޖޭގެ ޕޮޕިއުލޭޝަން ވަނީ 2000 ވަނަ އަހަރު 270،101 ން 2006 ވަނައަހަރު 298،968 އަށް އިތުރުވެފައެވެ. އަދި މީގެތެރެއިން 103،693 މީހުންނަކީ ވެރިކަންކުރާ ރަށް މާލޭގައި ދިރިއުޅޭ މީހުންނެވެ. 1985 ން 2006 ވަނަ އަހާރާއި ހަމައަށް ނެގިފައިވާ ތަފާސްހިސާބުން ދައްކަނީ :
ދިވެހިރާއްޖޭގެ ޕޮޕިއުލޭޝަނަށް ބަލާއިރު ވޭތުވެދިޔަ 20 އަހަރުދުވަހުގެ ތެރޭގައި 118،880 މީހުން ވަނީ އިތުރުވެފައެވެ. އިންސައްތައިން ބަލާނަމަ 1985 އަށް ބަލާއިރު %40 މިހާރުވަނީ އިތުރުވެފައެވެ. އަދި މިނެގިފައިވާ ތަފާސްހިސާބަށް ބެލުމަށްފަހު ކުރިއަށް ލަފާކޮށްފިނަމަ ދައްކަނީ 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ޕޮޕިއުލޭޝަން 329،831 އަށް އަރާނެކަމަށެވެ. މަތީގައިވާ ބިދޭސީންނާއި ދިވެހިންގެ ތަފާސްހިސާބަށް ބަލާއިރު، މިވަގުތު ދިވެހިރާއްޖޭގައި ކޮންމެ 5 ދިވެހިންނަށް 1 ބިދޭސީއަކު އެބަހުއްޓެވެ. އަދި 2010 ވަނަ އަހަރު ކޮންމެ 4 ދިވެއްސަކަށް 1 ބިދޭސީއަކު ހުންނާނެއެވެ. މިއީ އެއްވެސް ގައުމަކަށް އެގައުމެއްގައި ބިދޭސީން ގެންގުޅެން ގަބޫލް ކުރެވޭނޭ އަދަދެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. އެއީ، ބިދޭސީން ރާއްޖޭގައި ގިނަވުމުން އެކަމުގެ ނޭދެވޭ ވަރަށް ގިނަ އަސަރު އަޅުގަނޑުމެންގެ މުޖްތަމާއަށް ކުރާނެއެވެ. އަޅުގަނޑުމެންގެ ދީނާއި، ސަގާފަތަށް ވެސް މީގެ އަސަރު ފޯރާނެކަން އަދި މިހާރުވެސް ފޯރަމުން އެބަދާކަން ހަމަޔަގީނެވެ. މީގެ އިތުރުން މިބައިމީހުންނަށް ހޭދަކުރާ ފައިސާ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ހިފެހެއްޓޭނެނަމަ، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އިކޮނޮމީއަށް ފައިދާކުރާނެކަންވެސް ޔަގީނެވެ. އަދި ހަމަ އެހެންމެ، ބިދޭސީން ގިނަވުމުން އަޅުގަނޑުމެން އެންމެ ހާސްވާންޖެހޭނެ އެއްކަމަކީ އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށެވެ. މިމީހުންކުރަނީ ކޮން ކަމެއްތޯ؟މިހުރިހާ ބިދޭސީންނެއް ދިވެހިރާއްޖެ ގެނެސް މިކުރަނީ ކޮންކަމެއްތޯއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް ލޭބާރގެ 2006ގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ ބިދޭސީން (16،415) ގެނެވިފައި މިވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށެވެ. މިއާ ޖެހިގެން އެންމެ ގިނައިން ބިދޭސީން (11،095) ގެނެވިފައިވަނީ ރިސޯޓް ތަކަށެވެ. ނަމަވެސް 2003 ގައި ކޮންސްޓްރަކްޝަން މަސައްކަތުގައި ގެނެވިފައިވަނީ 6502 ބިދޭސީންނެވެ. އަދި ހަމައެއަހަރު ރިސޯޓްތަކުގައި ބޭނުންކުރެވިފައިވަނީ 9420 ބިދޭސީންނެވެ. ވީމާ، އެންމެބޮޑު ތަފާތެއް އައިސްފާ މިވަނީ އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުނިތައް އިތުރުވެ، އެ ކުންފުނިތަކުން މަސައްކަތު ގެންނަ ބިދޭސީން އިތުރުވުމު ންނެވެ. ކޮންސްޓްރަކްޝަން މަސައްކަތުގައި ބިދޭސީން އެކުރާ މަސައްކަތް ކުރާނެ ދިވެހިން ނުލިބެނީތޯއެވެ. ނުވަތަ އެ ބިދޭސީން އެ ކުރާއަގުގައި މަސައްކަތް ކުރާނޭ ދިވެހިން ނެތީތޯއެވެ. އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ ބިދޭސީން ލައްވާ އަޅުގަނޑުމެން މިކުރުވާ މަސައްކަތް އެއަގުގައި ކުރާނޭ ދިވެހިން ނެތީއެވެ. ނަމަވެސް، އެބައިމީހުން މިހާގިނަވުމުން ކުރާ ނޭދެވޭ އަސަރުތަކަށް ބަލާފައި، އަޅުގަނޑުމެންގެ ދިވެހިރައްޔިތުންނަށް އިތުރު ފައިސާ ޚަރަދުކޮށްގެން ނަމަވެސް، ދިވެހިން މިފަދަ މަސައްކަތްތަކުގައި ބޭނުންކުރުމުން އެކަމުގެ ފައިދާ ފަހުން އަޅުގަނޑުމެންގެ މި ދިވެހި ވަތަނަށް މާ އެދެވޭގޮތުގައި ކުރާނެއެވެ.ވީމާ، އަޅުގަނޑުމެންގެ މިވަތަން ހެޔޮގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން އެންމެހާ ދިވެހިންވެސް މިހާރު ވިސްނަންވެއްޖެއެވެ. އަދި އަޅުގަނޑުމެންގެ ފަސްގަނޑު ބިދޭސީންނާއި ހަވާލުނުކޮށް އަޅުގަނޑުމެންގެ ފުރިހަމަ ބާރުގެ ދަށުގައި ބޭއްވޭތޯ އެއްބާރުލަމާ ހިންގަވާށެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ޝާހިދު , 2008-12-12 12:13:58
މި ކަހަލަ މަޒުމޫނުތައް ގިނަގިނައިން މި ސައިޓުން ފެންނާނެ ކަމަށް އުންމީދު ކުރަން. ވަރަށް ފުރިހަމަ މަޒުމޫނެއް. ކުރައްވާފައިވާ މަސައްކަތަށްޓަކައި މިރާޒަށް ޝުކުރިއްޔާ!
ޚިޔާލު ހުށަހަޅާ
|
|||||||||||||||||||||||||||||||||||||||||||
| ހަމަ މި ގަލަމުން |
|---|