މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޕުލާސްޓިކު ފިނިފެންމާ |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 30 އޮކްޓޫބަރ 2010، 01:31 ހޮނިހިރު | |||
|
އާދަމް ނަޞީރު އިބްރާހީމް (2010) އަހަރެން މީނީ ތިބާ އާ ވަރަށް ގާތުގަ އެވެ. ތިބާގެ ގޭގަ އެވެ. ބޮޑުކޮޓަރީ
ތެރޭގަ އެވެ. ހަނދާން އެބަ ހުރިހެއްޔެވެ؟ މަގުމަތީ ބާޒާރުން ގަނެގެން،
އަހަރެން މި ތަނަށް ގެނައީ ތިބާ އެވެ. އަހަރެންގެ ކުލަ ތިބާ އަށް ރީއްޗެވެ. ތިބާ އަހަންނަށް ލޯބި ކުރަމު އެވެ. ހަފުތާއަކު އެއްފަހަރު ފޮޅައި ސާފު ކުރަމުއެވެ. ރީތި ކުރަމު އެވެ. ކީއްވެގެންހެއްޔެވެ؟ އަހަރެންގެ ކިބައިން ތިބާ އަށް ހިތްހަމަ ޖެހުމެއް ލިބޭތީ ހެއްޔެވެ؟ ތިބާގެ ގެއަށް ޒީނަތްތެރިކަމެއް އަންނާތީ ހެއްޔެވެ؟ ބޮޑުކޮޓަރީގައިވާ ފަޅުކަން އަހަރެންގެ ސަބަބުން ފިލައިދާތީ ހެއްޔެވެ؟ ހެޔޮ އެދޭ އެކުވެރިޔާ އެވެ. މީހުން ބުނާތީ އަހަމެވެ. ''މަލެއްގައި ވިއްޔާ ވަހެއް ހުންނާނެ'' އެވެ؟ މި ބަހުގެ މާނައަކީ ކޮބައިހެއްޔެވެ؟ ތިބާ މި ބަހާ މެދުގައި ވިސްނައިލީމުހެއްޔެވެ؟ އަހަންނަށް އެބަ ހާދަ ވަރަކަށް ވިސްނެ އެވެ. ތިބާގެ ނަޒަރުގައި ވެސް އަދި އަހަރެންގެ ނަޒަރުގައި ވެސް އަހަންނަކީ މަލެކެވެ. ރީތި ފިނިފެންމަލެކެވެ. ހާދަ ބައެއްގެ ސަމާލުކަން އަހަންނާ ދިމާޔަށް ހުއްޓެ އެވެ. އެކަމަކު އެއީ ހަމަ އެކަނި ބަލައިލާށެވެ. އެ ނޫން ކަމެއް އަހަރެންގެ ކިބައިޔަކުން އެމީހުންނަކަށް ނުފުދެ އެވެ. ރަޙްމަތްތެރިޔާ އެވެ! ޙަޤީޤީ ފިނިމެންމާ އަހަންނާ ހާދަ ތަފާތެވެ. ކުލައިގެ ގޮތަކުންނޫނެވެ. ކުޑަބޮޑުމިނުގެ ގޮތަކުންނެއް ވެސް ނޫނެވެ. ފިޔައިގެ އަދަދުގެ ގޮތަކުން ވެސް ނޫނެވެ. އެކަމަކު އޭގެ ފިޔަތަކުގެ ނާޒުކުކަމެވެ. އޭން ލިއްބައިދޭ މީރުވަހެވެ. އެ ވަހުގެ ހިތްގައިމުކަމެވެ. ގަހުގައި އިންނަ އިރުވެސް އަންނަ ވައިރޯޅިޔާއެކު އަތްއަތަށް ހެލިލާ ފަރިކަމެވެ. އޭގައި ދިރުމެއްވެ އެވެ. މިޔުޒިކެއް ވެ އެވެ. މަލުގެ ވަހުގެ ވާހަކަ ތަކުރާރު ކޮށްލަމެވެ. އޭގެ ވަހުގައި މީރުކަމެއް ވެ އެވެ. ހުވަނދުކަމެއް ވެ އެވެ. ޢަބީރެއް ވެ އެވެ. މަލެއްގައި ނަމަ ވަހެއް ހުންނަން ޖެހޭނެ އޭ އެ ބުނާ ބަހުގެ މާނައަކީ މިއީކަން ކަށަވަރެވެ. ފަހަރެއްގައި ވެސް އެއީ ކޮންމެ ކޮންމެ ޒަވި ވަހެއްގެ ވާހަކައެއް ނޫނެވެ. ޙަޤީޤީ ފިނިފެންމަލުން މީހުން ހާދަ ބޭނުމެއް ހިފަ އެވެ. އެ މާ މީހުންނަށް ފައިދާހުރި ހާދަ ޚިދުމަތެއް ދެ އެވެ. އެއިން މުޅި އިންސާނިއްޔަތަށް ހާދަ މަންފާއެއް ލިބިދެ އެވެ. ގިނަ ބަޔަކު އަވަދި ނެތިފައިވަނީ އެ މަލުން ލިބިދޭ ޢަބީރުން މީރުވަސް ދުވާ ހުވަނދުތައް ހެދުމުގަ އެވެ. ހަފުލާތައް ޒީނަތްތެރި ކުރުމުގަ އެވެ. އުފާވެރި ގުޅުންތަކުގެ ރަމްޒީ ހަދިޔާތައް ބަދަލުކުރުމުގަ އެވެ. ކީއްހެއްޔެވެ؟ ތިބާގެ ޤައުމީ މަލުގެ ޝަރަފު ވެސް ދީފައިވަނީ ހަމަ އެ ފަދަ މަލަކަށެވެ. މި ކަންކަމާމެދު އަހަރެން ވިސްނަމެވެ. ފިނިފެންމަލެކޭ ބަޔަކު އަހަންނަށް ކިޔަސް ހަމަ ހަޤީޤަތުގައި ވެސް އަހަންނަކީ އެ ފަދަ ނަމެއްގެ ޙައްޤުވެރިޔަކުތޯ ސުވާލު އުފައްދަ މެވެ. އަހަރެންގެ ތަނޑިއަކީ ޅަނދޮޅުކަމެއް ނެތް ރަބަރު ގަނޑެކެވެ. އަހަރެންގެ ފިޔަތަކަކީ ނާޒުކުކަމެއް ނެތް ކުރަކި ކަމެކެވެ. އަހަރެންގެ ވަހަކީ ހުވަނދުކަމެއް ނެތް އާވިގަނޑެކެވެ. އެހެން ގޮތަކަށް ބުނާނަމަ، އަހަންނަކީ އަސަރެއް ރާޙަތެއް ނެތް ޤަދަރެއް ޢިއްޒަތެއް ނެތް ނަމެކެވެ. ޝައްކެއް ނެތެވެ. ފިނިފެންމަލެއްގެ އެންމެ މުހިންމު އެއްޗަކީ އޭގެ ވަހެވެ. އޭގައިވާ ނާޒުކުކަމެވެ. އޭގެ ސަބަބުން އޭގެ ވެރިޔާއަށް އުފާވެރިކަމެއް ދެވެ އެވެ. އެ މަލަކީ އޭނާގެ ޚިދުމަތުގައިވާ އެއްޗެއް ކަމުގައި ވެދެ އެވެ. ނަމަވެސް.... އަހަރެން މިއާ ޚިލާފެވެ. އަހަރެން ވަނީ ތިބާގެ ޚިދުމަތުގަ އެއް ނޫނެވެ. އެކަމަކު ތިބާ ވަނީ އަހަރެންގެ ޚިދުމަތުގަ އެވެ. އަހަރެންގެ ހިރަފުސް ފޮޅުމުގަ އެވެ. އަހަރެންގައި ފެންފޮތި ލުމުގަ އެވެ. ކުޑަކުއްޖަކު އަތުން ވެސް އަހަންނަށް ގެއްލުމެއް ވެދާނެތީ ފާރަލުމުގަ އެވެ. ބަދަލުގައި އަހަންނަށް ދެވެނީ ކޮން އެއްޗެއްހެއްޔެވެ؟ އަނެއްކާ ވެސް އަންނަ ހަފުތާއަށް ޖަމާކޮށްލެވޭ ހިރަފުސްކޮޅެވެ. އޭގައިވާހައި ޖަރާސީމާ އެކުގައި ވެސް މެ އެވެ. ރަޙްމަތްތެރިޔާ އެވެ. ވިސްނާށެވެ. އިންސާނުންގެ ތެރޭގައި ވެސް މި ފަދަ މީހުން އުޅެ އެވެ. މި ފަދަ މީހުން ތިބެ އެވެ. ބޭރުފުށުން ބެލީމައި އެއީ ހަމަ އިންސާނުންނެވެ. ހެދުމުގެ ނަލަކަމާއި، ބަހުގެ އޮލަ ކަމުގަ އެވެ. މޫނުގެ އަލިކަމާއި، ޙަރަކާތުގެ ހަލިކަމުގައި ވެސް މެ އެވެ. މި ފަދަ މީހުން އެ ފާޅުވެގެންފައިވާ ރޮނގަކުން ބަލައިފި ނަމަ، އެ ރޮނގުގެ ވިޔަޔާދާ ހެޔޮލަފާ މީހުންނާ މާބޮޑު ތަފާތެއް ނޯވެ އެވެ. ބޭރަށް ފެންނަ ފަރަގެއް ނޯވެ އެވެ. އެކަމަކު އެތެރޭން އަންނަ އަރަގެއް ވެސް ނުހުންނާނެ އެވެ. މިއީ ޙަޤީޤަތުގައި ކޮންފަދަ ބައެއްތޯ ނިކަން ވިސްނައިލަ ބަލާށެވެ. އެއީ ބޭސްވެރިންކަމުގައިވާނަމަ، އެމީހުންގެ ފަރާތުން ތިބާއަށް ލިބެނީ ޞިއްޙީގޮތުން ރަނގަޅު ފަރުވާތޯ ނުވަތަ އަސްލެއް ނޭނގޭ ހިލިބޭސްގަނޑެއްތޯ ބަލާށެވެ! އެއީ ލިޔުންތެރިންކަމުގައިވާނަމަ، އެމީހުންގެ ފަރާތުން ތިބާއަށް ލިބެނީ ޢިލްމީ ގޮތުން އޮއްޓަރުހުރި ލިޔުންތަކެއްތޯ، ނުވަތަ މާނައެއް ނެތް ހާސަރުތަކެއްތޯ ވިސްނާށެވެ. އެއީ ސިޔާސީ މީހުންކަމުގައިވާނަމަ، އެމީހުންގެ ކިބައިން ތިބާއަށް ފެންނަނީ ޤައުމުގެ މަޞްލަޙަތަށްޓަކައި ދުރުމުސްތަޤުބަލަކަށް އިސް އުފުލައިލެވިފައިވާ ބޯތަކެއްތޯ، ނުވަތަ ފައިގެ ބޮނޑުވާ އިނގިއްޔަށްވުރެ ދުރަށް ނަޒަރު ނުފޯރާ އަމިއްލަ އެދުމުގެ ލޯތަކެއްތޯ ވިސްނާށެވެ. އެއީ ދަންނަބޭކަލުން ކަމުގައިވާނަމަ، އެ މީހުންގެ ފަރާތުން ތިބާއަށް އިވެނީ ޙިކްމަތްތެރި ރިވެތި ވަޢުޡާއި ނަސޭހަތްތޯ، ނުވަތަ ރޭވުންތެރިކަމެއް، ޙުއްޖަތެއްނެތް ހުސް އަޑުގަދަކުރުންތަކެއްތޯ ވިސްނާށެވެ. އެކުވެރިޔާ އެވެ! ޙަޤީޤީ ފިނިފެންމަލުގެ ކުލަރީތިވާނެ އެވެ. ކަރުގަނޑު ނާޒުކު ވާނެ އެވެ. ވަސް މީރުވާނެ އެވެ.
---------------- (ނިމުނީ) މި ލިޔުން؛ ޓައިޕްކުރުން: އާދަމް ނަޞީރު އިބްރާހީމް އަލުން ބެލުން: '' '' ޝާއިޢުކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (11)
![]()
...
ލިޔުނީ ސަމީޢު, 2010-10-29 19:54:12
ވަރަށް ފުރިހަމަ ލިޔުމެއް މި ލިޔުމަކީ ވެސް ރަބަރު ލިޔުމެއް ނޫން މީ ހަޤީޤީ ލިޔުމެއް މި ލިޔުމުގައި އަލި އަޅުވާލައިފައިވާ ކަންތަކާމެދު ވިސްނާނެ ނަމަ ....
...
ލިޔުނީ finifenmaa, 2010-10-30 02:38:17
meee hama hageegathugaves red finifenmaleh. v kula reeethi. karugandu v naazuku. v vasmeeru. shukuriyyaaa
...
ލިޔުނީ މުހައްމަދު, 2010-10-30 07:22:21
އެހެންކަމަށް ވާނަމަ، ބޭރަށް ފެންނަ ފަރަގެއް ނެތަސް، އެތެރޭން އަންނަ އަރަގެއް ވެސް ނުހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ...
...
ލިޔުނީ kiyuntheri eh, 2010-10-31 07:20:28
vr furihama lumeh ekamu heevanee liyuntheriyaa meehakaadhimaalah bunan beynun vefahuri vaahakathakeh liumakun bunelaafa hurihen miee liuntheriyaage amillavaahakatha keh dho
...
ލިޔުނީ latheef, 2010-10-31 11:01:01
އުސްތާޛަކީ ޙަޤިޤީ ފިނިފެންމަލެކެވެ. އުސްތާޛްގެ ލިއުއްވުންތަކުން ހިތްތަކަށް އުފާވެރިކަން ލިއްބައިދެއެވެ. ސިކުނޑި ތާޒާވެ ހަރުދަނާވެއެވެ. ލޯތަކަށް ހިތްހަމަޖެހުން ލިބެއެވެ. ޤައުގެ މާދަމާގެ މުސްތަޤުބަލަށް އުޖާލާކަން ގެނެސްދެއެވެ. އުސްތާޛްގެ ވިސްނުންފުޅުގައި ސިޔާސީ ތަޣައްޔަރުކަމެއް ނެތެވެ. އިޖުތިމާޢީ ބަލިމަޑުކަމެއް ނެތެވެ. ތަޢައްޞަބެއް ނެތެވެ. ފަޚުރުވެރިކަމެއް ނެތެވެ. އެހެންކަމުން އަޅުގަނޑު ދަންނަވާނީ އުސްތާޛް އާދަމް ނަޞީރަކީ ޙަޤިޤީ ފިނިފެންމަލެކެވެ.
...
ލިޔުނީ maalimee, 2010-10-31 11:05:46
އުސްތާޛެވެ! "ފަރަޤު ޢަރަޤު" މިއީ ޢަރަބި ދެ ލަފުޡެއްނޫންތޯއެވެ؟ ވީއިރު "އ ގ" މި ދެއަކުރުގައި ނުކުތާ ނުޖައްސަވާ އެއޮތީ ކީއްވެތޯއެވެ. ޖަވާބެއް ބޭނުމެވެ.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2010-10-31 12:49:22
އަޅުގަނޑާ މެދު ހެޔޮ އެދުމުގެ ޝުޢޫރުތައް ފާޅު ކޮށްލެއްވި އެންމެހައި ބޭފުޅުންނަށާއި، މި ލިޔުން ވިދާޅުވި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ''ކިޔުންތެރިއެއް'' ގެ ނަމުގައި ޚިޔާލު ފާޅުކުރެއްވި ކިޔުންތެރިޔާ އަށް ދަންނަވައިލަމެވެ. މިއީ ވަކި ފަރާތަކަށް އަމާޒުވާ ލިޔުމެއް ނޫނެވެ. މި ލިޔުން އެއްވެސް ގޮތަކުން އެއްވެސް ފަރާތަކަށް ރައްދުވާނަމަ، އެ ފަރާތަކީ އިޞްލާޙުވާން ބޭނުން ކޮންމެ ފަރާތެކެވެ. ރަނގަޅުމަގުގައި އެމީހެއްގެ ހުނަރު ބޭނުން ކުރަން ގަސްތު ކުރާ ކޮންމެ ފަރާތެކެވެ. އެގޮތުގައި ދެމި ހުރެވޭތޯ މަސައްކަތްކުރަން ބޭނުންވާ ކޮންމެ މީހެކެވެ. އެ އެހެންކަމަށް ވާނަމަ، މި ލިޔުން ރައްދު ކުރަނީ، ނުވަތަ މި ލިޔުމުގައިވާ ނަސޭހަތް އަމާޒު ކުރަނީ ހަމަ އެންމެ ފުރަތަމަ ވެސް ޚޮދު އަޅުގަނޑުގެ އަމިއްލަ ނަފުސަށެވެ.
ތިކިޖެހި ތާނައާ ގުޅުން ހުރި ސުވާލު ކުރެއްވި ފަރާތަށް ދަންނަވާލަމެވެ. ރަނގަޅެވެ. ތިޔަ ދެލަފުޒަކީ ވެސް އަރަބި ދެ ލަފުޒެވެ. އަރަބި ބައެއް ލަފުޒު ލަފުޒަކީ ދިވެހި އަޑުތަކަށް ހޭނިފައިވާ ލަފުޒުތަކެވެ. އަދި ބައެއް ލަފުޒުގެ ދާއިރާ އަށް ބަލާއިރު، އޭގެ ތިކި އުނިކޮށްލުމުން ލިޔުމުގެ އަދަބީ ރޫޙަށް އުނިކަމެއް ނާދެ އެވެ. މީގެ އިދި ކޮޅަކީ، މި ސާލަކަށް ''ޣާޒީ'' މި ލަފުޒެވެ. މި ލަފުޒުން ނުކުތާ އުނިކޮށްލައިފި ނަމަ، އެ ލަފުޒުން ގަސްތުކުރެވޭ ހައިބަވެތި މާނަ ގެއްލިގެން ދެ އެވެ. ނަމަވެސް ''ޤަމީޞް'' މި ބަސް ''ގަމީސް'' މިހެން ލިޔުމުން ނުވަތަ ކިޔުމުން މި ދެންނެވި ފަދަ ކަމެއް ފާހަގައެއް ނުވެ އެވެ. ދެން ތިޔަ ސުވާލު ކުރެއްވި ނުކުތާ އަށް ބަލާއިރު، އެ ދެ ލަފުޒު ދެ ޖުމުލައެއްގައި ގެނެވިފައި އެވަނީ ޖުމުލައިގެ މިޔުޒިކަށް އިސްކަން ދީގެންނެވެ. ކިޔަން ފަސޭހަ ނޫން ބަރު ދެ ލަފުޒެއް އޮތުމަކީ އެ މިޔުޒިކު އުފެދުމުގައި ދަތިތަކެއް ހުރެދާނެ ކަމެކެވެ. ދިވެހި ބަހުގެ ބަސްފޮތުގައި ''ފަރަގު'' މި ބަސް މި ގޮތަށް އެބަ އޮތެވެ' މާނަތައް ތިރީގައި މިވަނީ އެވެ. (1) އެއްގޮތްކަންނެތް. (2) ޚިލާފު. (3) އެއްވަރުނޫން. (4) ތަފާތު. ނަމަވެސް ''ޢަރަޤު'' މި ލަފުޒެއް ނެތެވެ. ހިތަށް އެރި އެވެ. ޖުމުލަ އިބާރާތް ކުރެވުނު ގޮތުގެ މަޤުޞަދު ހާސިލުވަނީ މި ތަނުގައި އަރަގު ގެ ލަފުޒުގައި ނުކުތާ ނުޖެހީމަ އެވެ. އަނެއްކޮޅުން އެ ލަފުޒަކީ ޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގެ ތެރޭގައި ދިވެހިން ވަރަށް ލުއިކޮށް ކިޔައި އުޅޭ އޭގެ އަޑު ދިވެހި ވެފައިވާ ލަފުޒެކެވެ. ފަރަގު ފަދައިންނެވެ. އަޅުގަނޑު ގެންގުޅުނު ވިސްނުން މި ދަންނަވައިލެވުނީ އެވެ. ސުވާލު ކޮށްލެއްވީތީ އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|