މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހިކިފަހުގައި ބަކަ ތެޅުން....(1) |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 10 ޖެނުވަރީ 2011، 05:18 ހޯމަ | |||
''ހިތުގެ ޤަދަރެއް ނުވާ ލޯތްބަކީ ފިތުނަޔޭފިތުނަވެރިކަމުގެ އަލިފާނަކީ ކަރުނަޔޭ''އިސްމާޢީލު މުބާރީކް ފިތުނަޔަކީ ލޯތްބާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫނެވެ. ހިތުގައި އެއްވެސް ޤަދަރެއް އެއަށް ދެވިފައި ނުވަނީ އެހެންވެގެންނެވެ. އެހެންނަމަވެސް އިންސާނުންނަށް މި އުޅެނީ އެޔާ ދުރު ނުވެވިގެންނެވެ. ކޮންމެ ފިތުނައެއްގެ ނަތީޖާޔަކަށް ވެގެން މި ދަނީ ކަރުނަ އެވެ. ޢަރަބި ބަހުގައި ފިތުނައިގެ މާނަ، ހަމަނުޖެހުމާއި ފަސާދައިގެ މާނައިގައި ވެސް ބޭނުންކުރެވެ އެވެ.
އެހެންވެ ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 190 ވަނަ އާޔަތުގައި މީހުންމެރުމަށްވުރެ ވެސް ފިތުނަވެރިކަމުގެ ނުބައިކަން ބޮޑުކަމަށް އިޝާރާތްކުރައްވާފައިވެ އެވެ. ހަމަ އެ ސޫރަތުގައި ފިތުނައިގެ މާނަ އިމްތިޙާންކުރެއްވުމުގެ މާނައިގައި ވެސް އައިސްފައިވެ އެވެ.ހާރޫތާއި މާރޫތު މި ދެ މަލާއިކަތުން، ބާބިލަށް ފޮނުއްވެވި އެވެ. މާތް ﷲ އަށް ނު އުރެދުމަށް އެ ބޭކަލުން މީސްތަކުންނަށް އެންގެވި އެވެ. އެބޭކަލުން ދަސްކޮށްދެއްވި އެއްޗެއް ދަސްކޮށްދެއްވީ މި ނަސޭހަތަށްފަހުގަ އެވެ. އެ ބޭކަލުން މީސްތަކުންނަށް ސިޙްރު އުގަންނަވައިދެއްވި އެވެ. ވަރިތޮޅި، ނުވަތަ ދެމަފިރިން ދުރުކުރާނެގޮތް އުނގަންނަވައިދެއްވި އެވެ. އެހެންނަމަވެސް އެއްވެސްމީހަކަށް އެއްވެސް ގޯނާއެއް ﷲ ގެ ވާގިފުޅާއެކުމެނުވީ ނުފޯރުވޭނެކަން މި ވާހަކަތައް ބަޔާންކުރެއްވި އާޔަތްތަކުގައި ވަޙީ ކުރައްވާފައި ވެ އެވެ. ބަޤަރާ ސޫރަތުގެ އެ އާޔަތުގައި "ފިތުނަ" އައިސްފައި ވަނީ އިމްތިޙާނުގެ މާނައިގަ އެވެ. ދިވެހި ޅެންވެރިޔާ އެ ވިދާޅުވާ ފިތުނަޔަކީ ހިތުތެރޭގައި އުފެދޭ ހަމަނުޖެހުމާއި ފަސާދަކަމުގައި ބެލެވެ އެވެ. އެހެނީ "ފިތުނަ ތަކަކުން މަސްތުވާވަރު ހިތުގެ ގިނަ ސަކަރާތުގާ" މިހެން ވެސް ޅެމެއްގައި އައިއްސަވެ އެވެ. ކޮންމެއަކަސް އަޅުގަނޑުމެން އެންމެންވެސް މި ދިރިއުޅުމުގައި ބޭނުންވެގެން މި އުޅެނީ އެއް ވައްތަރެއްގެ އެއްޗެހިތަކެކެވެ. ކޮންމެވެސް އެއްބަޔަކަށް ކޮންމެވެސް އެއް ވަގުތެއްގައި ހިތް އެދޭގޮތަށް ކަންތައްތައްވެފައި އަނެއްބަޔަކަށް އެދޭއެދުމެއް ޙާސިލް ނުވާގޮތްވެ އެވެ. ކަން މިހެން ދިމާވުމުން އެކަމާ ވާ ދެރައިން ހަމަ ހޭ ފިލާގޮސް ވަޖިދުވުމެއްގެ ތެރެއަށް ވަދެވި ތިމާޔަކީ ޙަޤީގަތުގައި ދެރަވާންވީ މީހެއް ނޫންކަން ހަނދާންނެތި އުޅެވެން ފަށާގޮތާ އެއްގަމުގައި ހުރެމެ ކަނޑުވީ ކަމަށް ހީކޮށް ބިންމައްޗަށް ވެއްޓި ބަކަތަޅަން ފެށުމާ މީ އެއްގޮތް ދެކަންތަކެވެ. ދިވެހީންގެ ތެރޭގައި، ހިކިފަސްތާ ބަކަ ނާޅާށޭ ބުނަނީ މުޅިން އެހެން މާނަ އެއްގަ އެވެ. އާދެ! މާނައެއް ނެތްކަމެއްގައި ނުވަތަ ނަތީޖާއެއް ފެންނަންނެތްކަމެއްގައި، އެކަން ހާޞިލްކުރަން ބުރަ ނޫފުލާށޭ ބުނުމުގެ މާނައިގަ އެވެ. ނުވާވަރު ކަންތައްތަކާ ނޫޅޭށޭ ބުނުމުގެ މާނައިގަ އެވެ. ނަމަވެސް މި ލިޔުމުގައި އަޅުގަނޑު މި ބަސް ބޭނުން ކުރާނީ މީގެ އިދިކޮޅު މާނައިގަ އެވެ. އާދެ! ކަންކަން ކުރެވޭނެ މަގުތައް ފެނި އޮއްވައި، އެއްވެސްކަމެއް ކުރެވޭނެ ގޮތް ނެތްކަމަށް ހީކޮށް ގޮތްހުސްވި ކަމުގެ އިޙްސާސްކުރުމަކީ އެއްގަމުގައި ހުރެމެ ކަނޑުވީކަމަށް ބެލުމެވެ. އަޅުގަނޑު މި ލިޔުމުގައި މި ބަސް ބޭނުން ކުރާނީ އެ މާނައިގަ އެވެ. "ހިކިފަހުގައި ބަކަ ނާޅާށެވެ!'' ކޮންމެ ދުވަހެއްގެ އިރު އެރުމާއެކު އަޑުއިވެމުން ފެންނަމުން ދާ ކަންތައްތަކާމެދު ވިސްނާވަޑައިގެން އަޅުގަނޑު މި ލިއުނު ލިއުމަށް ކޮންމެހެން އިތުބާރު ނުކުރައްވާ އަމިއްލަފުޅަށް ގޮތެއް ނިންމަވާށެވެ. އަޅުގަނޑު މި އާޓިކަލް މި ލިއުނީ އަޅުގަނޑުގެ އުފަލަކަށް ކަމުގަވެސް ވެދާނެ އެވެ. މާތް ﷲ އާދަމްގެ ފާނަށް ގަހަކުން ފަރިއްނުކުޅުއްވުމަށް އަންގަވާފައިވާކަމަށް ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގައި އ އަންގަވާފައިވޭ ނޫންތޯ އެވެ. ކީރިތި ޤުރްއާނުގައިވާ އެ ޙާދިސާ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ވިސްނާ ފިކުރު ކުރާ ބަޔަކު އޭން ޢިބްރަތްތަކެއް ޙާޞިލް ކުރުމަށް ކަން ކަށަވަރެވެ. އާދެ ޝައިޠާނާގެ ވަސްވާހުގެ ސަބަބުން އެ ގަހުން ފަރިއްކުޅުއްވުމާއެކު އެދެކަނބަލުންގެ އައުރަ ކަޝްފުވި އެވެ. ވިސްނާ ވަޑައިގަންނަވާށެވެ. ތަފްސީރު ޢިލްމުވެރިން އަޅުގަނޑުމެންނަށް މި އާޔަތުގެ މާނަ އެކި ގޮތްގޮތަށް ގެނެސްދެއްވާފަވެ އެވެ. އެހެން ނަމަވެސް މުރާދު ހަމަ އެކައްޗެކެވެ. ފަރިއް ނުކުޅުއްވުމަށް އަމުރުކުރެއްވުމުން ފަރިއްކުޅުއްވި ކަމެކެވެ. ކީރިތި ޤުރްއާނުގެ މިފަދަ އާޔަތްތަކުން ޢިބްރަތް ޙާޞިލް ކުރުމަށް ﷲ އަޅުގަނޑުމެންނަށް އަންގަވާފަ އެވެ. "އޭ ބުއްދީގެ އަހުލުވެރިންނޭ ތިޔަބައިމީހުން ޢިބްރަތް ޙާޞިލްކުރާށެވެ.." މި މާނަ ދޭހަވާ ގޮތަށް ކީރިތި ޤުރްއާނުގެ ކިތައްމެ އާޔަތެއްގާ އިލާހީ ހަނދުމަ ކޮށްދެއްވުން އައިސްފައިވެ އެވެ. އާދެ ! ފުރިހަމަ ޢަރަބިބަހުން މާތް ﷲ ކީރިތި ޤުރްއާން ބާވާލެއްވީ ވެސް އެ ފޮތުގައި އަންގަވާފައިވާ ކަންކަމާމެދު އަޅުގަނޑުމެން ވިސްނާ ފިކުރުކުރުމަށްޓަކަ އެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ޢަރަބި ބަހަކީ އެންމެ ފިއްޔަކުން މާނަޔާ ޙާލަތު އަދި ޒަމާން ބަދަލު ވެގެންދާ ވަރަށްވެސް ފުރިހަމަ ބަހެކެވެ. ޢަރަބިން އާއްމުކޮށް ބޭނުންކުރާ ލިއުންތަކާއި ނޫސް މަޖައްލާތަކުގައި ފިލިނުޖަހާ ވެސް އެބަސް ފަހުމުވާކަމީ އެ ބަހުގެ ފުރިހަމަކަމުގެ ހެއްކެކެވެ. މިހެންކަމުން ސަޙާބީންގެ ޒަމާނުން ތާބިޢީންގެ ޒަމާނަށް އައި އިރު ކީރިތި ޤުރްއާނުން އިތުރު ޙިކްމަތްތަކެއް ހާމަވި އެވެ. އަދި އޭގެ ފަހުން ތަބަޢަ ތާބިޢީންގެ ޒަމާނަށް އައި އިރު އެއަށްވުރެ ތަނަވަސްވި އެވެ. އަދި މި ޒަމާނަށް އައި އިރު އޭރުގެ ޢިލްމުވެރިންނަށް އެނގިވަޑައިގެންފައިނެތް އެތައްކަމެއް މި ޒަމާނުގެ ޢިލްމުވެރިންނަށް ހާމަވެއްޖެ އެވެ. އަދިވެސް މިކަން ދަނީ ކުރިއަށެވެ. ދާނީ ވެސް ކުރިޔަށެވެ. ނިމުމެއްނެތި އެވެ. ފިއްޔަކަށް އަދި އަކުރަކަށް ވެސް ބަދަލެއް ނައިސް މިކަން މިގޮތަށް ހިނގަމުން ދާކަމީ ވެސް ކީރިތި ޤުރްއާނަކީ މާތް ﷲ މިއުއްމަތަށް ދެއްވި މުޢުޖިޒާތެއްކަމުގެ ސާބިތު ހެއްކަކަށް ފުދެއެވެ. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން އިންސާނުން ބަސްމޮށިއުޅޭ ކޮންމެ ބަހުރުވައެއްގައި ވެސް އެއްބަހެއްގައި އެތައް މާނައެއް އެކުލެވޭ ބަސްބަސްހުރެ އެވެ. މީގެ މިސާލަކީ (ފެހި ސިގްނަލް ދިނުން) މީގެ މާނަޔަކީ ރުހުން ނުވަތަ ހުއްދަ ލިބުނީ ކަމުގައި ވެސް ވެދާނެ އެވެ. މީގެމާނަޔަކީ ފެހިކުލައިގެ ސިގްނަލެއް މީހަކަށް ދިނުން ކަމުގައި ވެސް ވެދާނެއެވެ. މީގެ މާނަޔަކީ ޓްރެފިކްލައިޓުން ކުރިއަށް ދިއުމަށް އެންގީ ކަމުގަ ވެސް ވެދާނެއެވެ. އާދެ މަޤްޞަދު އެކައްޗެކެވެ، "ދިނުމެވެ." އަތުލުމެއް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން މި އުޅެނީ އާދައިގެ ބަހެއް ނޫނެވެ. ކީރިތި ޤުރްއާނުގެ މާތް ވެގެންވާ އާޔަތެއްގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުތަކަކުން (އަޅުގަނޑަށް) ދޭހަވާ ޢިބްރަތްތެރި މާނަ އެވެ. އެއްގޮތަކަށް ވެސް މީ މި އާޔަތުގެ ތަފްސީރުގައި ވާ މާނައެއް ނޫނެވެ. އަދި ބަހުގެ މާނައެއް ވެސް ނޫނެވެ. އެ އާޔަތުން ލިބިދޭ ޢިބްރަތެކެވެ. ކޮންމެއަކަސް ބަޤަރާ ސޫރަތުގެ 34 ވަނަ އާޔަތުގައި އާދަމުގެ ފާނަށް ގަހަކާ ގާތްނުވުމަށް މާތް ﷲ އެންގެވިކަމަށް އޮތް އިރު އެ އާޔަތުން އަޅުގަނޑަށް ތަޢުބީރު ކުރެވޭ ގޮތް މިތަނުގައި އަޅުގަނޑު ތިބޭފުޅުންނަށް ގެނެސްދެވޭތޯބަލާނަމެވެ. ( 1 ) ތިމާގެ ހަވާ ނަފްސު އެދޭ ކަންކަމުން ނުވަތަ ދުނިޔޭގެ ޒީނަތަށް ހިތްއެދޭ އެދުމަށް ޢަމަލީ ގޮތުން ދުރުވާން ފަރިތަކުރުމީ މާތް ﷲ އެންމެ ފުރަތަމަ ވެސް އިންސާނާޔަށް އުނގަންނަވައިދެއްވި ދެ ފިލާވަޅުން އެއް ފިލާވަޅެވެ. އަދި މި ޒަމާނުގެ ބަހުންނަމަ ޙަޤީޤީ އުފަލުގައި ދެމިހުންނަން ބޭނުންނަމަ ދުނިޔޭގައި ތިމާ ހިތް އެދޭ ކަންތައްތައް ނުވަތަ ދުނިޔެ ތިމާޔަށް އެދިގޮވާގޮވެއްޔަށް ފުރަގަސްދީ ނުއިވޭ ކަމަށް ނޭނގޭކަމަށް ހަދަން ދަސްކުރަންޖެހެ އެވެ. ( 2 ) ދެއްވާފައިވާ ނިޢުމަތް އެއީ ސުވަރުގެ ކަމުގައި ވިޔަސް އިންސާނާއީ ނުލިބޭ އެއްޗިއްސަށް ހިތްކިޔާ މަޚްލޫޤެކެވެ. އެއްވެސް އެހެން ސަބަބެއް މިކަމުގައި ނުވެ އެވެ. އާޚިރުގައި ނުލިބިގެން އުޅޭ އެތި ލިބޭއިރު ލިބުނުއެތީގެ ސިފަތައް ގޮސް ހަރުލާފައި ހުންނާނީ ނުލިބޭ އެހެން އެއްޗެއްގަ އެވެ. މިއަވާ މެންދުރުގެ ފަހަތުން އިންސާނުން މި ދުވަނީ ސުވަރުގެއިން ކެވުނު މޭވާގެ ރަހަލިބޭތޯ ނޫންބާވަ އެވެ؟ އެ މޭވާ ޔަކީ އެއީ މާތް ކަލާނގެ ހެއްދެވި ވެސް އެއްޗެއް ބާވައެވެ؟ މޭވާއެއްގެ ވާހަކައެއް ކީރިތި ޤުރްއާނުގައި ވާރިދުވެފައެއް ނުވެސް ވޭ ނޫންތޯ އެވެ؟ ވަޙީ ކުރައްވާފައޮތީ އެ ގަހާ ކައިރި ނުވާށެވެ. ދެން އެ ގަހުން ފަރިއްކުޅުއްވިކަމުގަ އެވެ. މި ޕޮއިންޓާމެދު އަޅުގަނޑު އަދިފަހުން ކުޑަ އެއްޗެއް ދަންނަވާލާނަމެވެ. ( 3 ) ދުނިޔޭގައި ތިމާ ހިތްއެދޭ އެދުން ޙާޞިލްކުރަން ގިނަފަހަރު ކުރާކަންކަމުން ތިމާގެ އައުރަ ކަޝްފުވެ ބޭޒާރުވެ އެވެ. ( 4 ) ސީދާ ކަލާނގެ ކަމަކާ ދުރުވުމަށް އަމުރުކުރައްވާ ބަސްވަޙީ ކުރެއްވިޔަސް އިންސާނާގެ ހިތް ޝައްކު ވަނީ އިންސާނާޔާއެކުގަ އެވެ. އެހެންކަމުން ކަންތައްތައް ހަނދާންނެތޭލެއް ވަރަށް އަވަސްވެ އެވެ. ހަނދާންނެތުމާ، ޔަޤީންކަން ނެތުމާ، އަމިއްލަ ނަފްސަށް އިތުބާރު ކުޑަވުމުން ވެސް އަމިއްލަ ނަފްސަށް އަނިޔާވެރިވެ އެވެ. ( 5 )ޙަޤީޤީ ދުޝްމަނަކީ އަދި ޙަޤީޤަތަކީ ލޮލަށް ފެންނަން ހުރި އެއްޗެއް ނޫނެވެ. ( 5 ) ހަވާނަފްސު އެދޭ، ނުވަތަ ދުނިޔޭގެ މަޖަލާ އަރާމަށް ހިތް އެދޭ ކޮންމެ އުފަލެއް ނިމިގެންދަނީ ހިތާމައެއް ދީފަ އެވެ. ކުށްވެރިއެއް ކަމުގެ އިޙްސާސް ކުރުވާ ޙާލުގަ އެވެ. ( 6 ) އިބިލީހަކީ ލޯކަނު މީހެއްފަދައިން ވަސްވާސްދޭ ބާރެކެވެ. ދުވާލު ހަތަރުދަމު އިންސާނާގެ ބޮލުގެ ތެރޭ އެ ގަހުން ކާށޭ މިގަހުން ކާށޭ ކިޔަކިޔާ ހުރެ އެވެ. ގަހަކީ ކޮބައިކަމެއް ކާންވީ ކޯއްޗެއްކަމެއް އެ ޝައިޠާނާއަކަށް ނޭނގެ އެވެ. ނުވެސް ބުނެދެ އެވެ. މިހެންވެ، ނަމާދުކުރަމުން ކުރަމުންގޮސް ވެސް މީހުން ފާފަވެރިވާ ހިސާބަށްގެންދެ އެވެ. ރޯދަ ހިފަމުން ހިފަމުން ގޮސް ވެސް މީހުން ފާފަވެރިވާ ހިސާބަށް ދެ އެވެ. މީހުންނަށް ''ހެޔޮކަންކަމަށް އަމުރުކޮށް'' މުންކަރާތް ނަހީ ކުރަމުންގޮސް ވެސް ފާފަވެރިވާ ހިސާބަށްދެ އެވެ.. ބޮޑާ ކަމުގެ ޒައްރެއްގެ މިންވަރު ހިތުތެރޭގައި ވާ މީހާ ވެސް ސުވަރުގެ ނުވަންނާނެކަން އިބިލީހަށް އެނގެ އެވެ. --------------- (ނުނިމޭ) މި ލިޔުން؛ ފޮނުވުން: އަލްފާޟިލް އިސްމާޢީލު މުބާރިކު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް) އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) ޝާއިޢުކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (10)
![]()
...
ލިޔުނީ އިސްމާޢިލް މުބާރަކް, 2011-01-12 15:43:06
ދ ބ ތި ފާހަގަ ކުރެއްވި ޕޮއިންޓް ގޯހެއް ނޫނެވެ، އެއްމެ ފިއްޔަކުން އެއްމެ އަކުރަކުން ޒަމާން އަދި މާނަޔާ ޙާލަތު ބަދަލުވުން އެއީ ބަސްފުރިހަމަ ކަމުގެ ޢަލާމާތެއްނޫނެވެ އެހެންނަމަވެސް ފިލިނުޖަހާ ދިވެހިބަސް ބޭނުން ކުރަންފަށައިފިނަމަ ޢަރަބި ބަހުގާ ވާހެނެއް ނުވާނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ. އެއާ ޚިލާފަށް ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ބަސް ވެއްޓިގެންދާނެއެވެ. ދިވެހި ބަހުން ކުރިން ލިއުނު ލިއުންތަކުގާ ފިލިނުޖަހާ ހުރީ ދިވެހިބަސް ފުރިހަމަކަމަކުން ނޫނެވެ ލިޔެން ކިޔަން އެނެގޭ މީހުން މަދު ކަމުންނެވެ . ކުރީ ޒަމާނެއްގާ މީހަކު ލިޔުނު ސީޓީ އެއްގާ ( ގުލުން ގެގި ފަންގިސް ލަރިސް ބަލަންފާ މުސަޅު ޖިސީ ކަމު ހަދަސް ) ލިޔެފާ އޮތީ އޭނާ ބަހަށް މޮޅު ކަމުން ނެއް ނޫނެވެ، މިހާރުގެ ބަހަށް އޭނާގެ ސިޓީ ގެނައިމަ ދޭހަވަނީ އުނގުލުން ގެނައި ފަނާ ދަނޑިޔާ ބަލައިގެންފާ މޫސާފުޅަށް ދިން ހަނދާން ނުވަތަ ރިސީޕްޓް އެވެ. ޢަރަބި ބަހުގާ ފިލިޖެހޭގޮތްތަކުގެ ޤަވާޢިދު އުނގެނުމެށްޓަކާ ނަޙްވު ، އަދި ޞަރްފު އުނގެނެންޖެހެއެވެ، މިކަމަށް ދިވެހި ބަހުގާ އެއްވެސް ޤަވާއިދެއް އޮތިއްޔާ އޮތީ ބަހުގެ ޤަވާޢިދު އެކަންޏެވެ، މިގޮތަށް ޢަރަބި ބަހުގެ ފުރިހަމަ ކަން ހާމަވާ ކިތައްމެ ކަމެއް އެބަހުއްޓެވެ. އެހެންނަމަވެސް އަޅުގަނޑު ލިޔުނު މައުލޫއަކީ ޢަރަބި ބަހުގެ ފުރިހަމަ ކަމާބެހޭގޮތުން ލިޔުނު މައުލޫއަކަށް ނުވާތީ އެކަމަށް އެހާ ބޮޑު އަހަމިއްޔަތު ކަމެއް ދެވިފާ ނުވަނީއެވެ. އެހެންނަމަވެސް ތި ފާހަގަ ކުރެއްވި ޕޮއިންޓަށް ޝުކުރުވެރިވަމެވެ
...
ލިޔުނީ ނީލަކޯރުގެ އައްސޭރިފަށުން ހިނގާފާ ދާ މީހަކު, 2011-01-14 09:25:51
އަޅުގަނޑަށް މި ލިޔުން ވަރަށް ކަމުގޮސްފި، އެހެނަސް އައިބން ހުސްވެފައިވަނީ ޤުރުއާން އެކަނި ކަމަށް ޢިލްމުވެރިން ބުނާތީ އަހަމު އެވެ.
މި ލިޔުން ލިޔުނު ލިޔުންތެރިޔާއަށް ބުނެލަން އޮތީ، ތިޔަގޮތުގައި ކުރިއަށްދާށޭ، ފެންތަށީގެ ނުފުރި ހުންނަ ބަޔަށް ބަލާ މީހުންނަކީ ގިނަ ބައެކޭ، އެމީހުންގެ ބަހުގައި ގަބޫލުކުރަން ދަތި ހަގީގަތްތައް ވެސް ނިކަން ގިނަ ފަހަރަށް ހުންނާނޭ، ފާޑުކިޔުމަށް ޝުކުރުވެރިވުމުގައި ތިއަށްވުރެ އިހްސާންތެރިވެއްޖެ ނަމަ، އާއެކެވެ. އިހުސާންތެރިކަމުން މީހުން އަޅުވެތިކުރެވޭނެއެވެ........
...
ލިޔުނީ Ismael Mubarak, 2011-01-15 19:42:01
ދަތުރުވެރިޔާ ނީލަކޯރުގެ އައްސޭރިފަށުން ދަމުންވެސް އިޙްސާންތެރިވެއްޖައީމުއެވެ. މަންޒިލް ވަނީ ސާޙިލް އާ ވަރަށް ކައިރީގައެވެ. ރޭގަނޑުފަތިހާ ކައިރީގަ ވާ ފަދައިންނެވެ، ކަށިތައް ފިނިފެންމަލާ ކައިރީގަވާ ފަދައިންނެވެ، ކީރިތި ޤުރްއާނުގާ އައްރަޙްމާން ސޫރަތުގެ 60 ވަނަ އާޔަތުގާ ﷲ ވަޙީ ކުރައްވާފާވަނީ " ޢިޙްސާންތެރިކަމުގެ ބަދަލެއްގެ ގޮތުން އިޙްސާންތެރިކަން ނޫން އެހެން ޖަޒާއެއް ވޭހެއްޔެވެ " . އެހެންކަމުން އަޅުގަނޑަށް މާފު ކުރައްވާށެވެ. ﷲ ނޫން ފަރާތަކަށް އަޅުވެތި ވުމެއްވެސް އަދި އަޅުވެތި ކުރުމެއްވެސް އަޅުގަނޑުގެ ޡަމީރް ގަބޫލެއް ނުކުރެއެވެ. އިޙްސާންތެރިކަމުގެ ބަދަލުގަ އިޙްސާންތެރިކަން ފުދެއެވެ .
...
ލިޔުނީ ދބ, 2011-01-17 00:46:14
އިސްމާޢީލް މުބާރަކަށް އިޙްތިރާމް އަދާކުރަމުން ދަންނަވައިލަމެވެ. ތިޔަ ވިދާޅުވިހެން ދިވެހި ބަހުން ކުރިން ލިއުނު ލިއުންތަކުގާ ފިލިނުޖަހާ ހުރީ ދިވެހިބަސް ފުރިހަމަކަމުން ނޫން ކަމަށް ވެދާނެއެވެ. އަޅުގަނޑުވެސް ދެންނެވީ އެ ވާހަކައެވެ. ފިލިނުޖަހައި ލިޔާ ބަހެއް ފިލިނުޖަހައި ލިޔުމުން އެ ބަހެއްގެ އަހުލުވެރީންނަށް އެ ބަހެއް ފަހުމުވުމަކީ އެ ބަހެއްގެ ފުރިހަމަކަމުގެ ހެއްކެއް ނޫން ވާހަކައެވެ.
ދިވެހި ބަހުން ކުރިން ލިއުނު ލިއުންތަކުގާ ފިލިނުޖަހާ ހުރީ ލިޔަން ކިޔަން އެނގޭ މީހުން މަދު ކަމުން ކަމުގައި ކަނޑައެޅިގެން ތިޔަ ވިދާޅުވި ވިދާޅުވުމަކީ އަނެއްކާ ވެސް އަޅުގަނޑުގެ ހިތުގައި ސުވާލުއުފެދުނު ވިދާޅުވުމެކެވެ. ކޮންމެ ބަހަކީ ވެސް އެ ބަހެއްގެ ގަވާއިދުތައް އެނގިގެން ނޫނީ އެ ބަހެއްގައި ފިލިޖެހޭ ގޮތް އެނގޭނެ ބަހެއް ނޫނެވެ. ދިވެހިބަހުގައި ވެސް ނަޙޫ އާއި ޞަރްފު އެނގިގެން ނޫނީ ބަހުގައި ފިލިޖެހޭ ގޮތެއް ނޭނގޭނެއެވެ. އެހެންނޫނީ "ބަލައި ބޮޑުކުރުން" ލިޔާންވާ ތަނެއްގައި "ބަލާ ބޮޑުކުރުން" ވެސް ލިޔެވިދާނެއެވެ. އަދި "ގޯއްޗަށް ދާން" ލިޔަންވާ ތަނެއްގައި "ގޯތި އަށް ދާން" ވެސް ލިޔެވިދާނެއެވެ. އަޅުގަނޑުގެ ކުރީގެ ކޮމެންޓުގެ ވެސް އަދި މި ކޮމެންޓުގެ ވެސް ބޭނުމަކީ އެއް ގޮތަކަށް ވެސް އަރަބިބަހާއި ދިވެހިބަހާ އަޅައިކިޔުމެއް ނޫނެވެ. އަދި ދިވެހިބަހަކީ އަރަބިބަހަށް ވުރެ ފުރިހަމަބަހެއް ކަން ސާބިތުކުރާން މަސައްކަތްކުރުމެއް ވެސް ނޫނެވެ. ދުނިޔޭގައި މީހުން ވާހަކަދައްކާ ހުރިހައި ބަހެއްގައި ވެސް އެއްގޮތް ސިފަތަކެއް ވެސް ހުރެއެވެ. އަދި އެއް ބަހެއްގައި ނުހުންނަ ސިފައެއް އަނެއް ބަހެއްގައި އެބަ ހުރޭ ވެސް މެއެވެ. އަދި ބަހުގެ ބަސްކޮށާރުގައި ވެސް އެއް ބަހެއްގައި ނުހުންނަ ލަފުޒުތައް އަނެއް ބަހެއްގައި އެބަ ހުރެއެވެ. އަދި ކުރީ ބަހުގައި ހުންނަ ބައެއް ލަފުޒު ފަހު ބަހުގައި ނެތި އެބަ ދެއެވެ. މި ކަންކަމަކީ ބަހުގެ ޢިލްމުގެ ގޮތުން ބަލާ އިރު، އެއް ބަހަށް ވުރެ އަނެއް ބަސް މޮޅުވާ ސަބަބެއް ނޫނެވެ. ބަހެއްގެ ބަހުރުވަތަކުގެ ތެރެއިން އެއް ބަހުރުވައަށް ވުރެ އަނެއް ބަހުރުވައެއް މޮޅު ނުވާ ފަދައިންނެވެ. އަދި އިސްމާޢީލް މުބާރަކުއަރިހުން މާފު އެދެމުން ދަންނަވާލަމެވެ. "މިކަމަށް ދިވެހި ބަހުގާ އެއްވެސް ޤަވާއިދެއް އޮތިއްޔާ އޮތީ ބަހުގެ ޤަވާޢިދު އެކަންޏެވެ." މި ޖުމުލަ ގެންނަވައިފައި އޮތް ގޮތުން އަޅުގަނޑު ވަރަށް ހިތުގައިޖެހުނެވެ. ނީލަކޯރުގެ އައްސޭރިފަށުން ހިންގަވައިފައި ވަޑައިގަންނަވާ އަޚާއަށް ޝުކުރުވެރިވަމެވެ. ފެންތަށީގެ ފުރިފައި ހުރި ބަޔަށް ބަލައިނުލެވުނުކަމީ އަޅުގަނޑުގެ އުނި ކަމެވެ. ރީތިކޮށް ހުދު ދަވާދުލައިފައި ހުރި ފާރަކުން އަޅުގަނޑަށް ކަޅު ތިއްކެއްހެން ހީވި ތަންކޮޅެއް ފެނުނީމާ އެ ތަންކޮޅު މާ ބޮޑަށް ލޮލުގައި އަޅައިގަތީއެވެ. އިސްމާޢީލް މުބާރަކުގެ ޢިލްމުވެރިކަމަށާއި ލިޔުންތެރިކަމަށް އަޅުގަނޑު އެދެނީ ފަހި، ފާގަތި، ކުރިއަރައިފައިވާ ކުރިމަގެކެވެ.
...
ލިޔުނީ ދަނޑުވެރިޔާ, 2011-01-17 04:08:32
އިސްމާޢީލް މުބާރިކުގެ މިލިއުއްވުމަކީ ވަރަށް ފަލްސަފީ ލިޔުއްވުމެކެވެ. މާނަޔަކީ ވަރަށް ބުއްދި ކާމިލް ޖައްވަށް ފަޒާއަށް ހަވާޔަށް ލޯ ހުޅުވިފައިވާ މީހަކަށްމެނުވީ ފަހުމުކުރަން އުނދަގޫވެދާފަދަ ލިޔުއްވުމެކެވެ. ވިމާ މިފަދަ ލިޔުއްވުމަކަށް ވިސްނުންކޮށި ތަޢައްޞަބީ ފިކުރުގެ މީހެއްގެ ފަރާތުން މަލާމާތާއި ނަފްރަތު ރައްދުވުމަކީ ނުވުމަށްވުރެ ވުން ގާތްކަމެކެވެ.
ނަމަވެސް މުބާރިކެވެ! ކުރިއަށް ވަޑައިގަންނަވާށެވެ! މިއީ އިލްމާއި ސައިންސްގެ ދުނިޔެއެވެ. ފިކުރާއި ދިރާސާތަކުގެ މަންހަޖުގެ މައްޗަށް އިލްމު ބިނާވެފައިވާ ޒަމާނެކެވެ. މާނަޔަކީ ޒާމާނަށް ހޭލާގަންފައިވާ ކޮންމެ ސިނކުޑިއަކުން މިލިއުން ޤަބޫލުކުރާނެއެވެ. ތައުރީފްކުރާނެއެވެ. ހިތްވަރުދޭނެއެވެ. ނީލަކޯރުގެ އައްސޭރިން ދަތުރުކުރާ ދަތުރުވެރިއާ ވިދާޅުވެފައިވާ ފަދައިން ގިނަ މީހުން ބަލާނީ ފެންތަށީގެ ނުފުރި ހުންނަ ތަންކޮޅަށެވެ. ތަށި ގަންނައިރު އަގުދީފައި އަންނަނީ ތަށީގެ ތުނބާ ހަމައަށެވެ. ނަމަވެސް ތައްޓަށް އެއްޗެއް އަޅަމުން ގޮސް އަގުދިން ހިސާބުން ބޭރަށް ދިއަޔަސް އޭނާ ޤަބޫލުކުރާނީ އެއީވެސް ހަމަ އިންސާފުކަމުގައެވެ. ނަމަވެސް ނުފުރި ތަންކޮޅެއް ހުރެއްޖެނަމަ އެވާނީ އޭނާޔަށް މައްސަލަޔަކަށެވެ. ވީމާ އިސްމާޢީލް މުބާރިކެވެ. ހަރުދަނާ ފިކުރެއް ކާމިލްބުއްދިއެއް ތިބާއަށް ލިބިފައިވެއެވެ. ތަނަވަސް ޚިޔާލާއި ފަލްސަފީ މަންހަޖެއް ތިބާއަށް ލިބިފައިވެއެވެ. ހިތްވަރުކުރައްވާށެވެ! ކުރިއަށް ވަޑައިގަންނަވާށެވެ!
...
ލިޔުނީ محمد آدم على, 2011-01-17 19:42:32
"ޢަރަބި ބަހަކީ އެންމެ ފިއްޔަކުން މާނަ އާއި ޙާލަތު އަދި ޒަމާން ބަދަލު ވެގެންދާ ވަރަށްވެސް ފުރިހަމަ ބަހެކެވެ." މިއީ ވަރަށް ތެދު ވާހަކައެކެވެ؛ އަދި އެހާމެ ބޮޑު ޙަޤީޤަތެއްމެއެވެ. އެކަމަކު މިއީ ބައެއް ދިވެހީންނަށް އޭގެ މުރާދު އޮޅިފައި އޮންނަ ޢިލްމީ އަދި ލުޣަވީ މަޢްލޫމާތެކެވެ. މި ކަމުގެ ޙަޤީޤަތް އެނގިވަޑައި ނުގަންނަވާތީވެ އަޅުގަޑުމެން ދިވެހީންގެ ވަރަށް ގިނަ ޖީލުތަކެއްގެ (ޙިސާބު ޢިލްމުގެ) އުސްތާޒު عبد الله اسماعيل (ނުވަތަ އިސްމާޢީލު ކަލޭފާނު ގެ ތުއްތު) ވެސް ވަނީ މި ކަމުގައި ސަމާސާ ގޮތަކަށް الشيخ إبراهيم رشدى އާ ވާހަކަދައްކަވާފައެވެ. (رحمهما الله). (ތުއްތު ސާހިބު އާ އައްޝައިޚު އިބްރާހީމް ރުޝްދީ އާ ދެމެދު މި މައުޟޫޢު ގައި ހިނގި މުޙާވަރާ އައްޝައިޚު މުޙައްމަދު ޖަމީލު ގެ ލިޔުއްވުމެއްގައި ހިމަނުއްވާފައި ވެއެވެ. (رحمهم اللهُ جميعا).
ކޮންމެއަކަސް ކޮމެންޓް ދިގު ނުކުރުމުގެ ގޮތުން ކުރު ކުރެވޭތޯ މަސައްކަތް ކުރަމުން ދަންނަވަމެވެ. އެންމެ ފިއްޔަކުންވެސް ޢަރަބި ބަހުގައި މާނަ އަށް ބަދަލު އާދެއޭ ބުނެވެނީ އެއްގޮތަކަށް ވެސް ދިވެހި ބަހުގައި އެކަން ހިގާ ގޮތަށް ނިސްބަތް ކޮށްފައެއް ނޫނެވެ. މައުޟޫޢަށް ތަން ހޯދުމުގެ ގޮތުން ދަންނަވަމެވެ. ދިވެހި ބަހުގައި އެއް އަކުރުތަކެއްގައި ތަފާތު ފިލި ޖެހުމުން މާނަ ތަފާތު ކަލިމަ ތަކެއް އެއިން ނެރެވޭ ފަދައިން އެކަން ޢަރަބި ބަހުގައި ވެސް އޮވެއެވެ. "ބަރު، ބާރު، ބިރު، ބީރު، ބުރު، ބެރު، ބޭރު" އެއީ މި ދެންނެވި ފަދަ ދިވެހި މިސާލަކަށް ވަންޏާ އަންނަނިވި ޢަރަބި ދެ މިސާލަށް ބައްލަވާށެވެ! 1رَجُلٌ ގެ މާނައަކީ ފިރިހެނެކެވެ؛ އެކަމަކު رِجُلٌ ގެ މާނައަކީ ފައެކެވެ. 2 رُسُلٌ އަކީ رَسُول ގެ ޖަމްޢު އެވެ. އެކަމަކު رِسْل އަކީ މަޑުމައިތިރި ކަމާއި މައިތިރިކަމާއި އޯގާތެރިކަމެވެ. އަދި رَسَلٌ އަކީ މީސްތަކުންގެ ޖަމާޢަތެކެވެ. މި ދެމިސާލާއި އަދި މިފަދަ އެއްވެސް މިސާލަކީ މި މައުޟޫޢު ގެ ދަށަށް ވަންނަ މިސާލުތަކެއް ނޫނެވެ. މި ދަންނަވަނީ ޢަރަބި ބަހުގައި އެންމެ ފިއްޔެއްގެ ސަބަބުން މާނަ އެއްފުށުން އަނެއް ފުށަށް ފުރޮޅިގެން ދެއޭ ބުނެވޭ ބަހުގެ މުރާދަކީ މިފަދައިން އައިސްފައިވާ ކަލިމަތަކެއް ނޫނެވެ. ދެން އެހެން ވީ އިރު އެ ބަހުގެ މުރާދަކީ ކޮބައިތޯއެވެ. ދަންނަވަންތޯއެވެ! އެ ބަހުގެ މުރާދަކީ ޢަރަބި ބަހުގެ عِلـْم النـَّـحو ގެ ޤަވާޢިދުތައް ކަލިމައެއްގެ މައްޗަށް تطبيق ކުރުމުން އެ ކަލިމާގެ ފަހު އަކުރަށް އަންނަ ބަދަލުގެ ސަބަބުން މާނަ އަށް އަންނަ ބަދަލު ގެ ވާހަކައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެއީ مرفوع ކޮށް އޮންނަން ޖެހޭ ކަލިމައެއް منصوب ކުރުމުން ނުވަތަ منصوب ކޮށް އޮންނަން ޖެހޭ ކަލިމައެއް مرفوع ކުރުމުން ނުވަތަ مجرور ކޮށް އޮންނަން ޖެހޭ ކަލިމައެއް مجرور ނުކުރުމުން މުޅި ޖުމްލާގެ މާނައަށް އަންނަ ތަފާތުގެ ވާހަކައެވެ. މިއިން އެއްވެސް ޙާލަތެއްގައި ކަލިމާގެ މާނައަކަށް ތަފާތެއް ނާންނާނެއެވެ. އެކަމަކު ތަފާތު މި އަންނަނީ މުޅި ޖުމްލައަށެވެ. ޖުމްލާގެ މާނަ މުޅިން އެއްފުށުން އަނެއް ފުށަށް ޖެހޭ ގޮތް ވެއެވެ. މި ކަމުގެ ވަރަށް ތާރީޚީ މިސާލެއް ފެނިގެން ދާނީ ކީރިތި ޤުރްއާން ލިޔެވިފައިވާ މުޞްޙަފް ތަކުގައި އެންމެ ފުރަތަމަ ފިލިޖަހަން ޖެހުނު ސަބަބުންނެވެ. އެއީ މަޝްހޫރު ވާހަކައެކެވެ.
...
ލިޔުނީ محمد آدم على, 2011-01-17 20:54:10
ޢަރަބި ބަހުގައި އެންމެ ފިއްޔެއްގެ ސަބަބުން މާނަ ތަފާތު ވެގެން ދެއޭ ބުނެވޭ ބަހުގެ މުރާދު މި މިސާލުން ސާފުވެވަޑާއިގަންނަވާނެއެވެ.
ކީރިތި ޤުރްއާން ލިޔެވިފައި ވާ މުޞްޙަފުތަކުގައި އެންމެ ފުރަތަމަ ފިލި ޖަހަން ފެށުނު އަދި علم النحو ގެ ޤަވާޢިދުތައް ލިޔެވެން ފެށުނު ސަބަބެއް ކަމުގައި ރިވާވެގެން ވެއެވެ. أبو الأسود الدؤلى (رحمه الله) އޭނާ ދިރިއުޅުއްވާ ބަޞަރާ ގެ މަގެއްގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް މީހަކު ކީރިތި ޤުރްއާން ކިޔަވާތީ އިވިވަޑައިގަތް އިރު އޭނާ سورة التوبةގެ އާޔަތެއްގެ ހަމަ އެންމެ ކަލިމައެއްގެ އެންމެ ފިއްޔެއް އެމީހަކަށް ނޭގިގެން ނުވަތަ އޮޅިގެން ބަދަލު ކޮށްލުމުން އެ އައި ބަދަލަކީ އެފަދަ ބަދަލަކާ އެކު ކީރިތި ޤުރްއާން އެއްވެސް މުސްލިމަކު ކިޔަވައިގެން ނުވާނޭ ފަދަ ބޮޑު ބަދަލެއް ކަމުން އެކަމާ ޖެހިލުންވެ ވަޑައިގެން ބިރުފުޅުގެން ވަޑައިގަތެވެ. އެމީހަކު ކިޔެވީ މި މާތް އާޔަތެވެ. ﴿إنّ الله بريء من المشركين و رسولُه﴾. އެކަމަކު އެމީހަކު މި އާޔަތް ކިޔެވި އިރު رَسُوْلـُهُ ގެ ލާމުގައި އުބު ފިލި ޖެހުމުގެ ބަދަލުގައި މި ޖެހީ އިބިފިއްޔެވެ. އާޔަތު ގައި ޙަޤީޤަތުގައި އޮންނަ ގޮތަށް އެ ލާމުގައި އުބުފިލި ޖެހީމާ މާނައަކީ: "ހަމަކަށަވަރުން ކީރިތި ﷲ ވަނީ މުޝްރިކުންގެ ކިބައިން ބަރީއަ ވެ ވޮޑިގެންނެވެ؛ އަދި އެކަލާނގެ ރަސޫލާ ވެސް އެ މުޝްރިކުންގެ ކިބައިން ބަރީއަ ވެ ވަޑައިގެންނެވެ." ދެން މި މީހަކު އެ އާޔަތް ނުބައިކޮށް ކިޔެވީމާ މާނަ ބަދަލުވެގެން ދާމިންވަރު ބައްލަވާށެވެ! ހަމައެކަނި މި އާޔަތުގައި ވާ رَسُوْلـُه ގެ ލާމުގައި އުބު ފިލީގެ ބަދަލު ގައި އިބިފިލި ޖެހީމާ މާނައަށް ވެގެންދަނީ: "ހަމަކަށަވަރުން މުޝްރިކުންގެ ކިބައިން ކީރިތި ﷲ ބަރީއަ ވެ ވޮޑިގެން ވެއެވެ؛ އަދި އެކަލާނގެ ރަސޫލާ ގެ ކިބައިން ވެސް ﷲ ބަރީއަ ވެ ވޮޑިގެންވެއެވެ." (و العياذ بالله). ވިސްނާ ވަޑައިގަންނަވާށެވެ! ކީރިތި މާތް ﷲ تبارك و تعالى ގެ ރަޙްމަތާއި ބަރަކާތުން އަދި ޞަލަވާތާއި ސަލާމުން ނިޢްމަތްދެއްވާ މަތިވެރި ކުރައްވާ އަދި އާދަމުގެ ދަރީން ގެ ސާހިބާ (سيّد ولد آدم) ކަމާއި خاتم النبيين ކަން ދެއްވާ ދަރުމަ ކުރެއްްވި المصطفى المختار: محمد صلّى الله عليه و سلّم ގެ ކިބައިން ކީރިތި މޫރިތި ވަންތަ މާތް ﷲ عزّ و جلّ ބަރީއަ ވެ ވޮޑިގަންނަވާނޭތޯއެވެ!!! ބަރީއަ ވެ ވޮޑި ނުގަންނަވާނޭކަން ކަށަވަރެވެ. މިއީ مرفوع ކޮށް އޮންނަން ޖެހޭ ހަމަ އެންމެ ކަލިމައެއް مجرور ކޮށްލުމުން މާނަ ބަދަލުވެގެން ދިޔަ މިންވަރެވެ. ކޮންމެއަކަސް މި މީހަކު މި އާޔަތް މި ކިޔެވި ގޮތާ މެދު ކަންތައް ބޮޑުވެ މިކަމާ ވަރަށް ފިކުރު ކުރެއްވުމަށް ފަހު أبو الأسود الدؤلى (رحمه الله) ނިންމެވީ منصوب އޮންނަ ކަލިމައެއް ނަމަ އެ ކަލިމާގެ މަތީގައި ނުކުތާއެއް ޖައްސަވާފައި، مرفوع ކޮށް އޮންނަ ކަލިމައެއް ނަމަ އެ ކަލިމާގެ ތެރޭގައި ނުކުތާއެއް ޖައްސަވާފައި އަދި مجرور ކޮށް އޮންނަ ކަލިމައެއް ނަމަ އެ ކަލިމާގެ ތިރީގައި ނުކުތާއެއް ޖެއްސެވުމަށެވެ. ދެން އޭގެ ފަހުން މި ޖެހެވުނު ނުކުތާ އިވޯލްވެގެން ވަނީ ފިއްޔަށް ބަދަލުވެ ތަރައްޤީ ވެފައެވެ. ކޮންމެއަކަސް ތަކުރާރުކޮށް ދަންނަވަމެވެ. ޖެހޭ ފިއްޔެއްގެ ސަބަބުން ޢަރަބި ބަހުގައި މާނައަށް ބަދަލު އާދެއޭ ބުނެވެނީ އެއް އަކުރުތަކެއްގައި ތަފާތު ފިލި ޖަހައިގެން ތަފާތު ކަލިމަ ތަކެއް އުފައްދާ ވާހަކައަކަށް ނޫނެވެ. އެއީ علم الصّرف ގެ ތެރެއަށް ވަންނަ ބައެކެވެ. އެކަމަކު މި ވާހަކަ ދެކެވޭ މައުޟޫޢަކީ علم النحوއިން ފެންނަ إعراب ގެ ތަފާތުން (ކަލިމައެއް مرفوع ވުމުންނާއި، ނުވަތަ منصوب ވުމުންނާއި، ނުވަތަ مجرور ވުމުން) މުޅި ޖުމްލާގެ މާނަ ބަދަލުވެ ފުރޮޅިގެން ދާދިޔުމުގެ ވާހަކައެވެ. އެފަދަ ކަމެއް ދިވެހި ބަހަކު ނޯވެއެވެ. މިއީ ދިވެހި ބަހަށް ބުނާ ކުޑައިމީސް ބަހެއް ކަމަށް ނުބައްލަވާށެވެ! އެކަމަކު ފާޅު ކޮށްލާ ޙަޤީޤަތެކެވެ.
...
ލިޔުނީ محمد آدم على, 2011-01-17 21:19:46
"... ޢަރަބި ބަހަކީ ... ... ވަރަށްވެސް ފުރިހަމަ ބަހެކެވެ." މިއީ ވަރަށް ބޮޑު ތެދެކެވެ. އަދި ޙަޤީޤަތުގައި ޢަރަބި ބަހަކީ ދުނިޔޭ ގައި ވާ އެންމެ ޝަރަފު ވެރި، އެންމެ ޤަދަރު ބޮޑު، އެންމެ ޢިއްޒަތްތެރި އަދި އެންމެ ފުރިހަމަ ބަހެވެ. ވިސްނަވާށެވެ! އެތައް ބަހަކުން ކީރިތި މާތް ﷲ ގެ އިލާހީ ވަޙީ ވަނީ އިންސާނިއްޔަތަށް ފޯރާފައެވެ. އެކަމަކު ޢަރަބި ބަހުން ބާވާލެއްވިފައިވާ ކީރިތި މާތް ޤުރްއާން ގެ ޙާލަތުގައި މެނުވީ އެއީ، އެ ވަޙީ ބާވާލެއްވޭ ޤައުމަށް ޚާއްޞަ ކުރެވިފައިވާ ވަޙީއެކެވެ. އަދި ޢަރަބި ބަހުން ބާވާލެއްވިފައިވާ ކީރިތި ޤުރްއާން ފިޔަވާ އެއްވެސް ސަމާވީ ފޮތެއް ރައްކާތެރި ކޮށްދެއްވުމަށް ކީރިތި މާތް ﷲ ޖާމިނުވެ ވޮޑިގެންފަކާ ނެތެވެ. ވީމާ ކީރިތި ޤުރްއާން ދެމިއޮތްހާ ހިނދަކު ޢަރަބި ބަސް ހަމަ އެގޮތުގައި ދެމިއޮންނާނެއެވެ. ޢަރަބި ބަސް ނުދަންނަ މީހަކު ވެސް ކީރިތި ޤުރްއާން ކިޔަވާ އިރު ނުވަތަ ކިޔެވޭ އަޑު އަހާ އިރު އެއީ އީމާންކަމުގެ ނޫރުން ހިތަށް އަލިކަމެއް ލިބިފައި ވާ މީހެއްނަމަ ޢަރަބި ބަހުން އައިސްފައިވާ މި މާތް كلام الله ގައި ހިމެނޭ ރޫޙާނީ އަދި ނޫރާނީ ނަޣަމާ ގެ ރީތި ކަމާއި މީރުކަން ކޮންމެވެސް މިންވަރަކަށް އިޙްސާސް ކުރެވޭނެއެވެ. މުއުމިނެއް ނަމަ އެ އިޙްސާސް ނުކުރެވި ނުދާނެއެވެ. ކީރިތި މާތް كلام الله: القرآن المجيد އެ وعاء އެއް (ކަންވާރެއް) ގައި ރައްކާ ކުރެވި حفظ ކުރެވިފައި ވާ وِعاء ޢަރަބި ބަސް ކަމަށް ވާއިރު ޢަރަބި ބަހާ ދެން އެހެން އެއްވެސް ބަހަކާ އެއް ހަމަ ވާން ގާތް ވާނީ ވެސް ކިހިނަކުންތޯއެވެ؟؟؟؟؟؟؟؟
... ލިޔުނީ Ismael Mubarak, 2011-01-18 18:05:32
މި މައުލޫގާ އަޅުގަނޑު ދަންނަވަން އުޅުނު ޙަޤީޤަތް އެންމެ ފަހުން މުޙައްމަދު އާދަމް ޢަލީ މިވަނީ ވަރަށް ފުރިހަމަޔަށް ބަޔާން ކޮށް ދެއްވާފައެވެ. ފަންވަތް ވިދާޅުވާ ބޭފުޅުންގެތެރޭގާ މިފަދަ ޢިލްމީ ބޭފުޅުން ތިއްބެވި ކަމީ މި ސައިޓް އާ މެދު އަޅުގަނޑުގެ ފަޚްރު އިތުރުވެގެން ދިޔަކަމެކެވެ . މުޙައްމަދު އާދަމް ޢަލީއޭ އަޚާޔަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާނެތެވެ " ޖަޒާކަﷲ ޚައިރަން
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ޢަރަބިން އާއްމުކޮށް ބޭނުންކުރާ ލިއުންތަކާއި ނޫސް މަޖައްލާތަކުގައި ފިލިނުޖަހާ ވެސް އެބަސް ފަހުމުވާކަމީ އެ ބަހުގެ ފުރިހަމަކަމުގެ ހެއްކެކެވެ." މިއީ މަޢުޤޫލު ބުނުމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ބަހެއްގައި ފިލި ނުޖަހާ ލިޔުމުން އެ ބަސް ފަހުމުވުމަކީ އަދި އެ ބަހެއްގެ ފުރިހަމަކަމަށް ދަލީލުކުރާ ކަމެއް ނޫނެވެ. ކޮންމެ ބަހެއް ވެސް ފިލިނުޖަހައި ލިޔަން އާދަކޮށްފިނަމަ އެ ގޮތަށް ލިޔުނީމާ ފަހުމުވާނެއެވެ. ތާނައަކުރުން ލިޔެފައިވަނިކޮށް ފެނުނު އެންމެ ކުރިގެ ލިޔުން، ކަނޑިތީމު ހުކުރުމިސްކިތުގައި ހުރި ލިޔުމުގައި ވެސް ފިއްޔެއް ނެތެވެ. އެކަމަކު ކިޔަަންވެސް އެނގުނެވެ.
މިހާރަކަށް އައިސް އިނގިރޭސިބަހުން ފިލިއަކުރުތައް ނުހިމަނައި ފޮނުވާ ކުރު މެސެޖުތައް ވެސް ކިޔަން އެނގެއެވެ.