މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ޤައުމީ ލޯބި |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 04 ފެބްރުވަރީ 2009، 15:33 ބުދަ | |||
|
= އަޙުމަދު ނާޞިރު- ޑައިމަންޑްވިލާ، ސ.ހިތަދޫ އިންޑިޔާ ކަނޑުގެ މެދުތެރޭގައި މުތްތަކެއް ހެން އުކާލެވިފައިވާ ރަށްތަކަކުން އަތުރާލެވިފައިވާ މިކުޑަކުޑަ ޖަޒީރާ ޤައުމު، ދިވެހިރާއްޖެއަކީ، މިފަސްގަނޑަށް އުފަންވާ ކޮންމެ ދިވެހި ކޮންމެ ދަރިއަކު ފަޚުރުވެރިވާ ފަދަ ޤައުމެކެވެ. ޤުދުރަތީ ރީތި މަންޒަރުތަކުން ޖަރީވެފައިވާ މިލޮބުވެތި ފަސްގަނޑުގައި ދިރިއުޅޭ ދިވެހި ރައްޔަތުންނަށް ލިބިފައިވާ ނިޢުމަތްތަކަކީވެސް ޝުކުރު އަދާކުރުން ޙައްޤު ނިޢުމަތްތަކެކެވެ.ނޫކުލައިގެ ކަނޑުފަޅުތަކާއި ރިހިކުލައިގެ ތުނޑިތަކާއި ފެހިކުލައިގެ ދަނޑުބިންތަކަކީ، އޯގާތެރި ހިތްހެޔޮ ރައްޔަތުންގެ އުފާތަކާ ގުޅިފައިވާ ވަސީލަތްތަކަކެވެ. ޚާއްސަގޮތެއްގައި ދިވެހިންގެ އިޤްތިސާދީ ލޭނާރު ކަމުގައި ބެލެވޭ މަސްވެރިކަން އެތަނަކާ ގުޅޭ ކަނޑުފަޅުގެ ސަރަހައްދަކީ މިރޮނގުން ފާހަގަކޮށްލެވޭ ތަންތަނެވެ. ކަނޑުގައި އަޅާލެވިފައިވާ ރޮނގުތަކެއް ފަދަ މިނާޒުކު ރަށްތަކުގެ ތެރެއިން ހުރިހާ ރަށްރަށުގައި ނެތަސް ގިނަ ރަށްތަކަކީ ދަނޑު ގޮވާމުގެ މުއްސަނދިކަންވެސް ތަފާތު ފެންވަރުގައި ކުރެވޭ ނުވަތަ ކުރެވިދާނެ ރަށްތަކެކެވެ. މިލޮބުވެތި ފަސްގަނޑަށް އުފަން ކޮންމެ ދަރިއެއްގެ ހިތުގައި މި ޤައުމާދޭތެރޭ އުފެދޭ ލޯތްބާއި ހިތުގައި ދެވިފައިވާ ޤަދަރަކީ ސަބަބުތަކެއް ނެތި ދެވޭ ލޯތްބާއި ޤަދަރެއް ނޫނެވެ. ހޭޅިފަށުގައި ހެދިފައިވާ ގަސްތަކުގެ ހިތްފަސޭހަ ކަމުން ހަށިފުރާލައިގެން އެރީތި ދޮންވެލިގަނޑުގެ މަތީ އިށީނދެއިންނައިރު ވަރުނުލާ ރާޅުތަކުގެ މިއުޒިކީ އަޑު އިވޭ އެއްވެސް އިންސާނަކަށް މިއީ ދޮގެއް ނޫންކަން ހާމަވާނެއެވެ. ކުރީޒަމާނުއްސުރެ ދިވެހިންގެ ހިތުގައި ދިވެހިރާއްޖެއަށް ދެވިފައިވާ ކުލުނާއި ލޯބީގެ ހުރި ފުންކަން ތާރީޚީ އެކިއެކިވާހަކަ ތަކުންނާއި ކުރީގެ މަޝްހޫރު ލިޔުއްވުންތެރިންގެ ވާހަކަތަކަކުން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. މަޝްހޫރު " ދޮން ހިޔަލާއި އަލިފުޅު" އަދި "ރިވާޔަތު މޫސާ ވަޒުލޭޚާ" ފަދަ ވާހަކަތަކަކީ މީގެ ހެކިތައް ކަމުގައި ބެލެވެއެވެ. މިފަދަ ފުން ލޯތްބެއް އަމިއްލަ ވަޒަނަށް ދީފާނެ ދެވަނަ ބަޔަކު މިދުނިޔޭގައި އުޅޭނެބާވައޭވެސް އެއީ ކުރެވޭނެ ސުވާލެކެވެ. މިހުރިހާ ކަމެއްވެސް ގުޅިފައިވަނީ ދިވެހިންގެ އުޅުމާއި އާދަކާދައާއި ލައި އުޅުނު ފޭރާމާއި ކުރާ މަސައްކަތާއި ، އޮތްގާތްގުޅުމާއި ހުރި ރަނގަޅު ޚުލްޤަކާއެވެ. މަޝްހޫރު އިބްނު ބަޠޫޠާ ފަދަ ބޭފުޅުންގެ ލިޔުއްވުން ތަކުން ދިވެހިންނަކީ ކޮންބައެއްކަން ބިދޭސީންނަށް ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. ޤައުމީ ލޯތްބަކީ ކޮންއެއްޗެއްކަމާއި އޭގެ ބޭނުންތެރިކަން މިއަދުގެ ކިޔަވާ ކުދިންނަށް ދަސްކޮށްދިނުމަކީ މުހިއްމުކަމެކެވެ. ޤައުމީ ދިދައާއި ޤައުމީ ސަލާމުގެ މަތިވެރިކަމާއި، ޤައުމީ އަބްޠާލުންގެ ޒިކުރާ އާކުރުން ފަދަ ކަންތައްތަކަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި އަރަމުން އަންނަ ޖީލުތަކަށް ކޮންމެހެން އެނގެން ޖެހޭ އަސާސީ ފިލާވަޅުތަކެކެވެ. މިއީ މިއަދުގެ މުދައްރިސުންނަށް ޤައުމީ މަންހަޖުގެތެރެއިން އުނގަންނައިދެވޭނެ ވަރަށް ބޭނުންތެރި ފިލާވަޅުތަކެކެވެ. ޤައުމީ ލޯބި ދެމެހެއްޓުމަކީ ޤައުމުގެ ދިރުން ދެމެހެއްޓުމެވެ. ޤައުމު ދެކެ ލޯބި ވުމަކީ ޤައުމަށް ވަފާތެރި ޚިދުމަތެއް އަދާކުރުމެވެ. މިޚިދުމަތަކީ ތިމާގެ އަމިއްލަ އެދުމަށްވުރެ ޤައުމުގެ ހެވާ ލާބަޔަށް ކުރެވޭ ޚިދުމަތެއްކަމުގައި ވާންޖެހެއެވެ. ވަކި ރޮނގަކުން ނޫނެވެ. ހުރިހާ ރޮނގަކުންނެވެ. މިނިވަންކަމާއި ،ތިމާވެށި ހިމާޔަތް ކުރުމާއި ،ބަހާއި އަދަބާއި، ދީނީ އުސޫލުތަކާއި ،ދިވެހި އާދަކާދަ އަށް ވެސް ކުރެވޭ ޚިދުމަތްތަކެއްގެ ގޮތުގައެވެ. މިކަންތައްތައް ކުރަންވީ ވަކިބަޔަކު މަތިވެރިކުރުމުގެ ނިޔަތުގައި ނުވަތަ ވަކިބަޔަކު ނިކަމެތި ކުރުމުގެ ރޫހެއްގައެއްވެސް ނޫނެވެ. ޤައުމަށް ކަމެއް ކޮށް ދިނުމަކީ ޤައުމުގެ ކޮންމެ ފަރުދަކަށްވެސް އޮތް ހައްޤެވެ. އެގޮތުން ނިކަމެތި މީހާއިން ފެށިގެން މަތީ ވެރިންނާ ހަމައަށް ވެސް ކޮށްދީފައި ހުންނަ ޚިދުމަތްތަކަކީ ބަލައިގަންނަންޖެހޭނެ ޚިދުމަތްތަކެކެވެ. ޤައުމީ ޚިދުމަތްތަކަކީ އަބުރުވެރި ޚިދުމަތްތަކެކެވެ. މިފަދަ ޚިދުމަތްތައް އަދާކުރެވެނީ ސިޔާސީގޮތުންވެސް ވަކި އިމެއްގެ ތެރޭގައި އިޖުތިމާއީ ރޫޙު އާލާވާގޮތުގެ މަތިންނެވެ. ކޮންމެހިނދެއްގައިވެސް ޤައުމު ތިމާއަށް ކަމެއް ކޮށްދޭނެތޯ ނުބަލައި ތިމާއަށް ޤައުމަށްޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަމާހިނގާށެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|