މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޤައުމީދުވަހުގެ ޚިޠާބު |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 28 ފެބްރުވަރީ 2009، 03:37 ހޮނިހިރު | |||
|
ލިޔުނީ: ޝިފްޒާން އަޙްމަދު ނޯޓް: މިލިޔުމަކީ ޙަޤީޤަތުގައި ތަޤްރީރެއްގެ ޞިފައިގައި ލިޔެފައިވާ ލިޔުމެކެވެ. އެހެންކަމުން މިލިޔުން ލިޔެވިފައިވާނީ ވާހަކަދައްކާ ގޮތަށެވެ. ލިޔާގޮތަކަށް ނޫނެވެ. އެކަން ސަމާލުކަމަށް ގެނައިމެވެ. "ޙަމްދުކުރަމުން ވަންތަ ރަޙްމަތްއިންގެ ކިބަޔަށް ދޭވަތާރަމްޒުކުރަމުން ދެއްވި ހެޔޮރޯދީގެ މައްޗަށް ނިޢުމަތާ މައްމިކަލަ ހެޔޮ ރަޙުމަތެއްކަމުވީ މުޙައްމަދު މުޞްޠަފާ ޔަށް ސަނާބުނެ ލެއްވި ޞަލަވާތާ ސަލާމާ ބަރަކާތާ އާލުނާ އަޞްޙާބުނަށް މިންނަތްކުރެއްވެވި އަރިހުގާ ޙާލަތަކުގައި އެންމެހައިވީ ނިޔަތުގައި ތެދު ލޮބުވަތާ" އަޅުގަނޑު މިތަނަށް މިހުއްޓުނީ ވާހަކައެއް ކިޔައިދިނުމަށް. އަދި ހަމައެފަދައިން އެވާހަކައިން ޙާޞިލްކުރެވޭނެ ޢިބުރަތްތައް ހަނދާން ކޮށްދޭން. އެހެނީ ހަނދާންކޮށްދިނުމަކީ ފައިދާކުރުވަނިވިކަމެއް. އެވާހަކައަކީ ނުވަވަނަ ޙަސަންރަސްގެފާނު އެރަސްގެފާނުގެ އަތްޕުޅުގައި އޮތް އަލިގަދަ ވޮށް ނިއްވަވައިލައްވާފައި، ދޮން ފަރަންޖީ އަންހެނެއްގެ ފަހަތުން އަނދިރިކަމުގެ ތެރެއަށް ވެންނެވިގޮތުގެ ވާހަކަ. އަދިއެއަށްފަހު ދިވެހިން އެއަނދިރިކަމުގެ ތެރެއަށް ވެއްދެވުމުގެ ނުބައި މަޤްޞަދުގައި އަނދިރި އަނދިރިން މިރަށްތަކުގެ މައްޗަށް ފާކުރެއްވިގޮތުގެ ވާހަކަ. އެއަށްފަހު އެތަށް އަހަރުތަކަކަށް ދިވެހިން އަޅުވެތިކަމުގެ އަނދިރި އަނިޔާވެރި ދުވަސްތައް ހޭދަކުރި ވާހަކަ. އެދުވަސްތަކުގައި ދިވެހިން ތަޙައްމަލުކުރި އަނިޔާވެރިކަމުގެ ވާހަކަ. ހުވަފަތްކޮށްލެވުނު އަބިންގެ ވާހަކަ، ޔަތީމްވި ދިވެހި ޅަދރިންގެ ވާހަކަ. މިއެންމެންގެ ޙައްޤުގައި ޖިހާދަކުރެއްވުމަށް އުތުރުން ހިތްވަރުގަދަ ފަހުލަވާނަކު ނުކުމެވަޑައިގަތްގޮތުގެ ވާހަކަ. އަދި އެބޭކަލެއްގެ ޙިކްމަތު ޢަމަލީގެ ސަބަބުން ދިވެހިންނަށް އަޅުވެތިކަމުގެ ވަކިތަކުން ނެއްޓި މިނިވަންކަމުގެ އަރާމު ޙާޞިލްކުރެވުނު ގޮތުގެވާހަކަ. އާދެ. މިއަދު އަޅުގަނޑުމެން މިފާހަގަ ކުރާ ދިވެހިރާއްޖޭގެ ޤައުމީދުވަހާ ގުޅިފައިވާ ޒިކުރާތައް. މަތިވެރި ހަނދާންތައް. ޢިބުރަތްތެރި ވާހަކަތައް. ފަޚުރުވެރިވާ ވާހަކަތަކާއި ހިތާމަވެރި ވާހަކަތައް. އަދި މިއަދުގެ ޙާލަތާއި ކަންހިގަމުން އަންނަގޮތްތައް. މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ޢަދުއްވުންގެ ޙަމާލާގެ ވާހަކަތައް. ޤައުމީ ދުވަސް ފާހަގަކުރުމަކި ބައެއްމީހުންދެކޭގޮތުގައި ރަމްޒީކަމެއް. އެހެންނަމަވެސް މިދުވަހުގެ މުނާސަބާ ފާހަގަ ކުރުމަކީ ހަމައެކަނި ރަމްޒީ ކަމެއްކަމުގައި ވެގެންނުވާނެ. މިދެންނެވުނު ވާހަކަތަކުން ލިބޭ ދަރުސްތައް، ފިލާވަޅުތައް ދަސްކޮށް ހޯދައިގަނެ، އެއިގެ އެހީގައި މާދަމާއަށް ތައްޔާރުވުން މުހިއްމު. އެހެނީ މާޒީއަކީ މުސްތަޤުބަލަށްޓަކައި މަގުދައްކާ އާރުކާޓީ. މާޒީ އަލުން ތަކުރާރުވުމަކީ ވުންއެކަށީގެންވާކަމެއް. އެހެންއެކަން ވެދާނެކަމަށް ބަލައި ތައްޔާރީ ޙާލަތެއްގައި ތިބުން މުހިއްމު. ރިވެތިކޮށް ފިކުރާއި ވިސްނުން ހެޔޮމަގުން ހިންގާލަމާ ދިވެހި ޢިއްޒަތްތެރި ވަޠަން ޙާލާއި މާޒީން ދެކިލަމާ މިވެށި ދައްކައިދޭ ޙަޤީޤަތްތައް ބަލައި ހޯދައިލަމާ ރިވެތިކޮށް ދިވެހިންކަމަށްވީތީ ފަޚުރުވެރި ދެންވަމާ! އާދެ! އަޅުގަނޑުމެން އެކަމަކާ މެދު ފަޚުރުވެރިވާ ދިވެހި މާޒީގެ ވާހަކަތަކުން ޢިބްރަތް ޙާޞިލްކުރައްވާ އެއިން މުސްތަޤުބަލަށް ތައްޔާރުވުމަށް އެހީ ހޯއްދެވުން ވަރަށް މުހިއްމު. މިދުވަހާމެދު ވިސްނާލުމުން އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމާ ހުރިގުޅުން އެނގިގެންދޭ. ދިވެހިރާއްޖެއަށް ނިސްބަތްވާ އެކަކު މިދީން ދޫކޮށް އެހެންދީނަކަށް ވަދެ، މިރާއްޖޭގެ އަހުލުވެރިން އެދީނަށް އެނބުރުވުމަށް މަސައްކަތްކުރުމުން ދިވެހިން ފަނަރައަހަރާއި އެތައްމަހެއްވަންދެން ހިތާމަކުރަންޖެހުނު އެބައިމީހުންނަށް އަނިޔާވެރިކަމުގެ ގިލަންވެރިކަން ތަޙައްމަލުކުރަން މަޖުބޫރުވި. އެހެނީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ އަޞްލަކީ އިސްލާމްދީން. އެދީނަށް ތަބާވުމުގެ ނަޞީބު ލިބުނީތީ އަޅުގަނޑުމެން އުފާކުރަމު. ފަޚުރުވެރިވަމު. ތިބެ އިލާހީ ދީނުގައި އެކަލާނގެޔަށް ކުއްތަންވަނީ، ލިބެވިދާ ރޫޙީ ޣިޒާއިން ފިކުރުގައި އެއްގޮތްވަނީ، ނުބެހި އޮއިވަރުގައި ޒަމާނީ މިގޮތުގައި ސާބިތުވަނީ، ރިވެތިކޮށް ދިވެހިންކަމަށްވީތީ ފަޚުރުވެރި ދެންވަމާ! އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމާއި ދިވެހިރާއްޖޭގެ އިސްތިޤްލާލިއްޔަތާ ވަނީގުޅިލާމެހިފަ. އެހެންކަމުން މިދީނުގެ ތަރަހައިން ބޭރުނުވެ، މިދީނުގެ ހަމަތަކުގައި ގަދައަށް ހިފަހައްޓައިގެން މެނުވީ މިނިވަން ބައެއްގެ ގޮތުގައި އަޅުގަނޑުމެނަށް ދެމި ތިބެވިދާނެކަމަކަށް ނުފެނޭ. އެހެންކަމުން އިސްލާމީ ހަމަތަކަށް ފުރިހަމައަށް ކިޔަމަންވާ މިދީންދެކެ ލޯބިވާ ބައެއްކަމުގައި ކޮންމެ ދިވެހި ދަރިއަކުވާންޖެހޭނެ. ހަމައެފަދައިން މިދުވަހުގެ ދަރުސްތަކުގެތެރޭގައި ދިވެހިން ދުވަހަކުވެސް އަޅުވެތިކަމަށް ނުރުހޭނެކަމުގެ ފިލާވަޅުވެސް ހިމެނޭ. ކޮންމެ ބަޔަކު ދިވެހި ޤައުމުގެ މިނިވަންކަމާ ތޮޅުނަސް ދިވެހިން އެކަމަށް "އާހޫނ" ބުނެ ރުހިގެން ނުތިބޭ. ނުކުމެ ޖިހާދުކުރި. ދީނާއި ވަޠަނުގެ ޙައްޤުގައި ޤުރުބާނީތަކެއްވި. އެކަމުގެ ފޮނި ނަތީޖާ މިއަދު އަޅުގަނޑުމެން މިދެކެނީ. އާދެ. މިނިވަން ޖައްވަކަށް ނޭވާލުމުގެ ނިޢުމަތް އަޅުގަނޑުމެނަށް މިލިބުނީ އެދުވަހު ކާބަފައިން ވެވަޑައިގަތް ޤުރުބާނީގެ ސަބަބުން. އެހެންކަމުން މިއީވެސް އަޅުގަނޑުމެން އެކަމާމެދު ފަޚުރުވެރިވާންޖެހޭ މުހިންމުކަމެއް. މާކުރިން ދެކިފައިވިޔަސް އަޅުވެތިކަމެއް މާޒީތެރޭން، ކާކުހެ ރުހުނީ އެކަން ދާއިމްވުމަށް، ދިވެހިންތެރޭން، އާކުރީ މިނިވަންކަމޭ ޤާބިލްވެތިބެ ދުނިޔޭތެރޭން ރިވެތިކޮށް ދިވެހިންކަމަށްވީތީ ފަޚުރުވެރި ދެންވަމާ! މިދުވަހުން ލިބޭ އެންމެ މުހިންމު ދަރުސަކީ ޤައުމީ ލޯބީގެ ދަރުސް، ޙުއްބުލް ވަޠަންގެ ފިލާވަޅު. ޤައުމު އަނިޔާވެރިކަމާއި ޡުލްމުގެ ފުން އަދަޅަށް ވެއްޓޭހިނދު އެއަނދަވަޅުން ޤައުމުނަގައި ޤައުމު ސަލާމަތްކުރެވޭނީ ޤައުމުގައި ޤައުމުދެކެ ލޯބިވާ ބަޔަކުތިބެގެން. އެކަމަކީ ތާރީޚްގެ ޞަފްޙާތަކުން ސާބިތުވާ ކަމެއް. ބޭދާޅީންގެ އަނިޔާވެރިކަމުގެ ދަށަށް ޤައުމު ދިޔުމުން އަލްޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިން ނުކުމެވަޑައިގަތް. ހަމައެފަދައިން ކަނޑުގެ ބާޒުކަމުގައި ޞިފަކުރެވުނު ފަރަންޖީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުގެ ދަށަށް ދިޔަވަގުތު އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ނުކުމެވަޑައިގަތް. އެއިގެ އެތަށްއަހަރެއްފަހުން ދިވެހިން އިނގެރޭސީންގެ ޙިމާޔަތޭކިޔުނު ސިޔާސީ އަޅުވެތިކަމުން މިންޖުކުރެއްވުމަށް ސުއްމުވުލް އަމީރު މުޙައްމަދު އަމީން މަސައްކަތްކުރެއްވި. ފަހުން ސުއްމުވުލް އަމީރު އިބްރާހީމް ނާޞިރު ދޮށިމޭނާ ކިލެގެފާނުން ދިވެހިންނަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވައި އެކަންކާމިޔާބު ކުރެއްވި. ނިމިދިޔަ ސައްތައިގެ ތެރޭގައި ދިވެހިންނާ ކުރިމަތިވި އެންމެ ނުރައްކާތެރި އެއްދުވަހަކީ ކަޅުބުރާސްފަތި. އެދުވަހުވެސް ދިވެހި ޤައުމުދެކެ ލޯބިވާ ޝަހީދު ޙުސައިން އާދަމްފަދަ ހިތްވަރުގަދަ ޒުވާނުންވަނީ މިޤައުމަށްޓަ އެބޭކަލުންގެ ފުރާނަފުޅުތައް ޤުރުބާންކުރައްވާފަ. މިއީ އަޅުގަނޑުމެންގެ ތާރީޚުން ފެންނަ ޙަޤީޤަތްތައް. މިޤައުމުގެ އިސްތިޤްލާލިއްޔަތަށް އުނިކަންލިބޭ ކޮންމެ ޙާލަތެއްގައި މާތްﷲގެ ތަނަވަސް ރަޙްމަތްފުޅުން ޤައުމުދެކެ ލޯބިވާ ހަރުދަނާ މުވާޠިނުންތަކެއް ނުކުމޭ. މިޤައުމަށްޓަކައި ޖިހާދުކުރޭ. މިއަބްޠާލުންގެ ސަބަބުން ދިވެއްސަކަށްވީތީ ފަޚުރުވެރިވުން ޙައްޤު. އެބޭކަލުންނަށްޓަކައި މިޤައުމަށް ނިސްބަތްވީތީ ފަޚުރުވެރިވާން ޖެހޭ. އަހުރަވެތި އަލިރަސްގެފާނާ އަދި މުޙައްމަދު ތަކުރުފާނު، އަހުރުމެން ޒިކުރާކުރަންވީ، ދޮން ޙަސަން މާތް މަނިކުފާނު، ފަހުގެ ތާރީޚުން ޙުސައިން އާދަމްގެ ޖޯޝާ އެވިޖުދާން، ރިވެތިކޮށް ދިވެހިންކަމަށްވީތީ ފަޚުރުވެރި ދެންވަމާ! އަދި އަޅުގަނޑު ފާހަގަކުރާ އަނެއް ނުކުތާއަކީ ބޮޑެތި ބާރުތަކާ ކުރިމަތިލައި ބައިމަދު، ވަސީލަތްތައް މަދު ދިވެހި އުންމަތް ނަޞްރާއި ފަތަޙަ ހޯދިކަން. އެފަދަ ބައެއްގެ އަތްދަށަށް ޤައުމު ހިނގައްޖެނަމަ ދިވެހިން އެބައިމީހުން މިޤައުމުން ބޭރުކޮށް ފައްސައިލިކަން. މިޤައުމުގައި ހަމަޖެހިލައިގެން ބޭނުންގޮތެއްގައި ތިބުމުގެ ފުރުޞަތު އެމީހުންނަށް ލިބިފައިނެތްކަން. އާދެ! ތޮޅެލުމަށް ދިވެހިންގެ ޤައުމާ އައި ފުށެތިކާލުން، ހޮޅިން، ކޮޅިގަނޑެއްގައިޖެހި ބުރައިގެންނޭ ދިޔައީ ބޭރަށް އޮޅިން، މޮޅިޔަކަށްފަހު ދިވެހި އުންމަތް އަތްފިރާލިޔެ ދަތްދޮޅިން، ރިވެތިކޮށް ދިވެހިންކަމަށްވީތީ ފަޚުރުވެރި ދެންވަމާ! ދެން ދަންނަވަންއޮތީ ފަޚުރުވެރިކަމާއެކު ދަންނަވާ ވާހަކައެއްނޫން. އެހެންނަމަވެސް ނިހާޔަތަށް ލަދުވެތިވާ ޙާލު ދެރަވާ ޙާލު ދަންނަވާ ވާހަކަތަކެއް. އެހެންނަމަވެސް މުހިންމު ފިލާވަޅުތަކެއް. މިފަދަ ފިލާވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިންްމު ފިލާވަޅަކީ ޣަދަރުވެރިވުމުގެ ވާހަކަ. ޚިޔާނާތްތެރިންގެ ވާހަކަ. މިވާހަކަތައް ދަންނަވަން ލަދުވެތިވަން. އެހެންނަމަވެސް ތާރީޚްގެ ފަތްފުށްތައް ނިއުޅާލުމުން މިވާހަކަތައްވެސް ފެންނާތީ، ތާރީޚީ ޙަޤީޤަތްތަކެއްކަމުގައިވާތީ ދަންނަވާލާނަން. ނުވަވަނަ ޙަސަންރަސްގެފާނާއި ތާޖުއްދީންގެ ދެދަރިންނާއި ކަޅު މުޙައްމަދު ރަަސްގެފާނު ފަދަ ޚާއިނުންގެ ވާހަކަ. އެމީހުން މިލޮބުވެތި ޤައުމަށް ޣަދަރުވެރިވީ ގޮތުގެ ވާހަކަ. ހަނދާންކޮށްމިދެނީ ދިވެހިންނަށް ލިބިފައިވާ މިނިވަންކަން ގެއްލުނުކޮންމެ ފަހަރަކުވެސް އެމިނިވަންކަން ވިއްކާލީ ދިވެހިންގެ ތެރެއިން ޣަދަރުވެރިވި މަދުބައެއްކަން. މިފަދަ ބަޔަކުކަމުގައި އަޅުގަނޑު ނުވުމަށް ގަދައަޅައި މަސައްކަތްކުރަން އެބަޖެހޭ. ޤައުމުދެކެ ލޯބިވާ ދިވެހިވަންތަކަމަށް ލޯބިކުރާ ދިވެހި މުވާޠިނުންތަކެއް ކަމުގައި ވުމަށް ޢަޒުމް ކަނޑައަޅަން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރެއިން އެކަކީވެސް ނުވަވަނަ ޙަސަންރަސްގެފާނު ފަދަ، ޝަމްސުއްދީނާއި މުޙުޔުއްދީން ފަދަ ޚާއިނެއްކަމުގައި ނުވުމަށް ހިތުގެ އެންމެ ފުނުން ނިޔަތް ގަންނަންޖެހޭ. މިފަދަ ހިތާމަވެރި ވާހަކައަކަށްފަހު ބައިތެއް ދަންނަވާލާ ހިތެއް ނެތް. އެހެންވީމާ އަނެއް ނުކުތާއަށް ބަލައިލާނަން. ހަމައެފަދައިން މިދުވަހުގެ ވާހަކަތަކުން ޙާޞިލްކުރެވޭ އަނެއް ފިލާވަޅަކީ، އަޅުގަނޑުމެންގެ ޤައުމުގެ ދާޚިލީ ކަންކަމާ ބޭރުގެ ފަރާތްތަކާ ބެއްސުން މާރަނގަޅު ނޫންކަން. އެކަމުގެ ނަތީޖާ މާރަނގަޅު ނޫންކަން. އެފަދައިން އަޅުގަނޑުމެން ޢަމަލުކުރުމުން މިނިވަންކަން ގެއްލެނީ. އަޅުވެތިކަމުގެ ދަށަށްދަނީ. އެހެންކަމުން އެހެންމީހުންނާ އަޅުގަނޑުމެންގެ ކަންކަން ޙަވާލުކުރުމުގެ ބަދަލުގައި އަމިއްލައަށް ކަންކަން ޙައްލުކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ޢަދުއްވުން ތިބެނީ ފާރައަށް. ޙަމަލާދޭނެ އެންމެ ރަނގަޅު އިރުވަރާއި ދަޑިވަޅު އައުމުގެ އިންތިޒާރުގައި. އެކަން ދަނެގެން އެމީހުންނަށް އެޙަމަލާ ފެށުމަށް ފުރުޞަތު ތަނަވަސްވިޔަ ނުދީ ކުރިޔަށް ދާން އެބަޖެހޭ. އަޅުގަނޑުމެންގެ އެތެރޭގެ މަސްރަޙު ގޯސްވުމުން އެމީހުން އެކަމުގެ ތެރަށް ވެއްދުމީ އަމިއްލައަށް ހަލާކުވެގަތުން. އެއީ އަލިފާންގަޑެއްގެ ތެރެއަށް ފުންމާލުންފަދަ މޮޔަކަމެއް. ދެން އޮތީ އަދުގެ ޙާލަތުގެ ވާހަކަ. މިއަދު މިޤައުމަށް ކުރިމަތިވެފައިވާ ބިޔަ ގޮންޖެހުންތަކުގެ ވާހަކަ. ޢަދުއްވުންގެ ޙަމަލާތަކުގެ ވާހަކަ. މިވާހަކަތައް ކަނުލައި އަޑުއައްސަވައި މިވާހަކަތަކާމެދު ފިސާރި ރަނގަޅަށް ވިސްނަވައި، މިޤައުމުގެ ކުރިމަގަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުން ވަރަށްވެސް ބޭނުންތެރި. އެމީހުން މިއަދު ކުރާކަމަކީ ޒުވާނުންގެ ފިކުރު ގޯސްކޮސް ޅަކުދިން ހަލާކުކުރަނީ. އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އެމީހުންގެ އުޞޫލުތައް ޢާންމު ކުރަމުންގެންދަނީ. މިކަންކަމާމެދު ސަމާލުވުމުގެ ވާހަކަ މިފަދަ ދުވަހެއްގައި ދައްކަން ޖެހޭނެ. ޢަދުއްވުންގެ ޙަމަލާތަކާމެދު ހޭލަން ޖެހޭނެ. އެމީހުންގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާނުން ހަމަމަގުން ކަސިޔާރުވަމުންދޭ. އެމީހުންނަށް މަގު އޮޅޭ. އެހެނީ އެމީހުން.... އަނދޮޅުކަންމަތީ ގައުމު އޮއްވައި ނިދާފައި ޅަނދޮޅު ސިކުނޑިތައް ކޮށްލަނީ އެތިބަ ބަނޑި ބަނޑި މިއަދު އަޅުގަނޑުމެންގެ ދުޝްމިނުންގެ ޙަމަލާތައް އަމާޒުވަނީ އަޅުގަނޑުމެން ކިޔަވާކުދިންނަށް. އެކަން ދެނެގަނެ އެކަމާމެދު ސަމާލު ނުވެވުނު ނަމަ އަޅުގަނޑުމެންގެ ޤައުމު އެކީ ހަލާކުވެދާނެ. އެއިރުންވާނެގޮތް ކުރުކޮށް ދަންނަވާނަން. އެއިރުން ވާނެގޮތަކީ: ފަހާލާ ދިވެހިވަންތަ ހުރިހާ އަސަރުތައް ޖަހާނެ ބަނދަރު ހުޅަނގު ކިއްސަރުގެ އޮޑިއޮޑި ގެނެސްދޭނެ މިނިވަންކަމުގެ ނަންމަތީގައި މިނެތް އޭގެނެތް ބޮޑެތި ބާޠިލުގެ ބޮނޑި ބޮނޑި މިސާލުން އަސޭ އަދި ޢިރާޤުުން އެދައްކާ މިސާހިތުވެދާނޭ ދިވެހި ގައުމު ކުނޑި ކުނޑި އެހެންކަމުން ފިކުރީ ހަގުރާމައިގެ އޮއިވަރުން މިންޖުވެގެންތިބެ، ޤައުމީ ނަވު ސަލާމަތް އައްސޭރިއަކަށް ގެންދިއުމަށް އިހުގައި މިދެންނެވުނު ނުކުތާތަކަށް ރިޢާޔަތްކުރައްވާނެކަމަށް އުންމީދުކުރަން. އަދި ދިވެހި ޤައުމުގެ މުހިންްމު ސިފަތަކާ މެދު ފަޚުރުވެރިވާ އެސިފަތަކަށް ލޯބިރކުރައްވާ ދިވެހި މުވާޠިނެއްކަމުގައި ވެވަޑައިގަތުމަށް ތިޔަ އެންމެ ލޮބިވެތި އަރިސްތަކަށް އިލްތިމާސްކުރަން. އަދި އެކަންކުރެއްވުމަށް ވަރަށް އާދޭހާއެކު ދަންނަވަން. އާދެ: "ދިވެހި ވަންތަކަމާ، ދިވެހި އުންމަތުގެ މާތް ޝަރަފަށްޓަކާ، ދިވެހި ތާރީޚާ ދިވެހި ޤައުމުގެ ނަމާ އަބުރަށްޓަކާ، ދިވެހި ކީރިތި ފަސްގަޑަށް ނިސްބަތްވެފައިވިކަމަށްޓަކާ، ރިވެތިކޮށް ދިވެހިންކަމަށްވީތީ ފަޚުރުވެރި ދެންވަމާ!" ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ބަރަކާތުހޫ! މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ fizaan, 2009-02-28 17:17:45
ވަރަށް ރީތި މޮޅު ސްޕީޗެއް. މި ގައުމުގެ ހަގިގަތްތަކުގެ މައްޗަށް ލިޔެފައިވޭ. ޝަމީނުގެ ޅެމުގައި އޮތް ފަދައިން ގައުމުގެ ޙަގީގީ ސޫރަ ކުރަހައިދޭ. ޝިފުޒާނުގެ ކޮންމެ ލިޔުމެއް ވެސް ވަރަށް ކަމުދޭ.
... ލިޔުނީ މ, 2009-03-02 09:48:36
ޤައުމުގެ ބޮޑެތި ޚާއިނުންގެ ނަންތައް ގެންނެވި އިރު، ޝަހީދު ޙުސައިން އާދަމްފަދަ ހިތްވަރުގަދަ، ޒުވާން ބަޠަލުންގެ ފުރާނައިން އަގުދައްކަން ޖެހުނު،ކަޅު އަނދިރި ދުވަސް މި ޤައުމާ ކުރިމަތި ކުރުވި ޚާއިނުންގެ ނަންތައް ނެތީމާ އުނި. ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް ޙަޤީޤަތަކީ ފޮރުވޭ އެއްޗެއް ނޫން! އަދި ކިތަންމެ ވަރަކަށް ދޮންކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނެ!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |