ފަންވަތް ދިވެހި އިޖުތިމާޢީ ހޫނު ޖަޒުބާތުތަކުގެ ޢުމުރުފުރާ!
ބެލި ޢަދަދު: 1748
ހޫނު ޖަޒުބާތުތަކުގެ ޢުމުރުފުރާ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
21 މާރޗް 2009، 01:50 ހޮނިހިރު

ޝިފްޒާން އަޙްމަދު

ފުރާވަރު އުމުރަކީ، އިންސާނާގެ ޢުމުރުގައި ކުރިމަތިލާންޖެހޭ ޢުމުރުފުރާއެކެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ބޮޑުބަދަލުތަކެއް އަންނަ މިމަރުޙަލާއަކީ ވަރަށް ނާޒުކު ފައްތަރަކަށް އިންސާނާ ގެންދާ މަރުޙަލާއެކެވެ. އެދުންތަކާއި ބޭނުންތަކުގެ ކަނޑަކަށް އިންސާނާ ޣަރަޤުވެގެންދެއެވެ. ހިތުގައި ޝައިޠާނީ ވަސްވާސްތަކަށް ދޮރުތަކެއް ހުޅުވިގެންދެއެވެ. މިފަދަ މަރުޙަލާއެއް ކަޑައްތުކުރާ ހިނދުވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފިކުރުހިންގަންޖެހޭ މަގުތަކެއް ޚިޔާލުގައި ކުރެހިގެންމެނުވީ މިކަނޑުގެ އާފާތްތަކުން މިންޖުވެގެން އަމާން ބަނ ދަރަކަށް ވާޞިލެއް ނުވެވޭނެއެވެ.

މިޢުމުރުގައި އަޅުވެރިދިރިއުޅުމެއް އުޅެވޭނެ ގޮތްތަކެއް ހޯދަންޖެހޭނެއެވެ. ހަމައެފަދައިން ޝަހުވާނީ އެދުންތަކުގެ މަޅިން ރެކިގެން ކުރިއަށް ދެވޭނެ ގޮތެއް ފަހިކުރަންވާނެއެވެ. ދިރިއުޅުމުގެ ޙަޤީޤީ މަންޒިލަށް ދެވޭނެ މަގުތަކެއް ކޮށަންވާނެއެވެ. މިމަގުތަކާއި ގޮތްތައް އިސްލާމް ދީނުގައިވަނީ ބަޔާންކޮށްދީފައެވެ. ޝަހުވަތާއި ކުރިމަތިލުމަށް ނަމާދުގެ އަޅުކަމެވެ. ކެތްތެރިކަމުގެ އިމުން ދުނިޔަވީ އާފަތްތަކުގެ މުސީބާތުން މިންޖުވުމަށް އަޅުވެރިވުމެވެ. މިހިރީ ހައްތާ ވެސް މިކަނޑުގައި ފަތަން ބޭނުންކުރާނެ އާލަތްތަކެވެ.

ނަމާދު:

އިސްލާމް ދީނުގެ ތަނބަކީ ނަމާދެވެ. ނަމާދަކީ ފާޙިޝް އެންމެހައި ނުބައި ޢަމަލުތަކުން މީހާ މިންޖުކޮށްދޭ ހަތިޔާރެވެ. މިސަބަބަށްޓަކައި ކީރިތި ޤުރުއާނުގައި ނަމާދުން ބާރުލިބިގަތުމަށް އަމުރުގެ ބަސްފުޅު އައިސްފައިވެއެވެ. ހަމައެފަދައިން ޞަރީޙަ ލަފްޒުން ނަމާދު މުންކަރާތްތައް މަނާކުރާކަން އަންގަވައިފައިވެއެވެ. ހަމައެފަދައިން ބޮޑެތި ފާޙިޝް ނުބައި ޢަމަލުތަކާ އިންސާނާ ދަފަރާކުރާ ހުރަހަކީ ނަމާދުކަން ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުން އެގެއެވެ. އެހެންކަމުން ޒުވާންކަމުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމުގައިވާ ފުރާވަރުގައި ނަމާދާ ވީހާވެސް ދޯޅު މީހެއްގެ ގޮތުގައި ހުރެވޭތޯ ބަލަންޖެހެއެވެ.

ކުރިން ދެންނެވުނު ފަދައިން ފުރާވަރަކީ ޖިސްމާނީ އެދުންތަކުގެ ކަނޑުގައި އެންމެ ވަރުގަދަ ޠޫފާނު އުފެދޭ ދުވަސްވަރެވެ. އެހެންކަމުން އެދުވަސްވަރު އަޅުކަމާއި ގައިގޯޅިވެގެން އުޅުމަކީ އުދަގޫކަމެކެވެ. ދަތިކަމެކެވެ. އެހެންކަމުން އެފަދައިން ކަންކުރާ ފަރާތަކަށް މަތިވެރި ސަވާބާއި ދަރުމަ ހުރިކަމުގެ ހެޔޮ ޚަބަރު ކައުއިތުރު ނަބިއްޔާވަނީ ދެއްވާފައެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުން ސާބިތުވާގޮތުގައި ޒުވާންކަން އަޅުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނާއަކީ މާތްﷲގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވެހިކަމެއް ނުވާދުވަހުގައި އެކަލާނގެ ހިޔާވެހިކަމުގެ އަރާމު ލިބޭނެ ހަތްމީހުންގެ ތެރެއިން އެކެކެވެ. އެހެންކަމުން މިދުވަސްވަރު ޝައިޠާނާ ދައްކާ ދަޅަތަކުގައި ޖެހިގެން ދުޅަޔަށް ނުގޮސްވޭތޯ ބަލަންޖެހެއެވެ.


މިހާރުގެ ޙާލަތު:

އަޅުގަނޑުމެންގެ ޒުވާންޖީލުގެ ޙާލަތަކީ ކޮބާތޯއެވެ؟ ނަމާދުކުރުމަކީ މުސްކުޅިންގެ އާދައެއްކަމަށް ހީކުރާބައަކު ޒުވާނުންގެ ތެރެއިން ބަޔަކުދެކެއެވެ. އަދި މަދުފަހަރެއްގައި މެނުވީ ނަމާދުކުރުމަކީ ކުރެވޭކަމެއްނޫނެވެ. ހުކުރު ނަމާދުފިޔަވައި ދެންހުރި ނަމާދުތަކަކީ ވާޖިބު ނަމާދުތަކެއްކަންވެސް އެކުދިން ނުދަންނަ ފަދައެވެ. ވަލަޛިކުރުﷲއަށް މިސްކިތްދޮށަށް ކޮންމެ ހުކުރެއްގައި ދެއެވެ.

ރޯދަ:

އިންސާނާގެ ހަށިގަޑަކީ ވަކި ނިޒާމެއްގެ ދަށުން ހިގާ އާލަތެއްފަދަ އެއްޗެކެވެ. އެނިޒާމުގައި ބަނޑުގެ ޝަހުވަތާއި ލަދުގުނަވަންތަކުގެ ޝަހުވަތަކީ ގުޅި ލާމެހިފައިވާ ދެކަމެވެ. ބަނޑުގެ ޝަހުވަތު ފުދި އިތުރަށް ފުއްދުމުން ލަދުވެތި ގުނަންތަކުގެ ޝަހުވަތު ގަދަވެއެވެ. އެއީ ދުނިޔަވީ ތަޖުރިބާއިން އެގޭކަމެކެވެ. މިދެ ޝަހުވަތުގެ މައްޗަށް ބާރު ފޯރުވާ އެންމެ ވަރުގަދަ ވަސީލަތަކީ ރޯދައިގެ މަތިވެރި އަޅުކަމެވެ. މިއަޅުކަމުގެ ސަބަބުން ބަޑުގެ ޝަހުވަތާއި ހަށިގަނޑުގެ އެހެން ޖަޒުބާތުތަކުގެ ޝަހުވަތު ރައްކާތެރި އިމުގެ ތެރޭގައި ހިފެހެއްޓިދެ އެވެ. މިކަމަކީ ފިކުރުކުރާ ކޮންމެ މީހަކަށް އެގޭނެ ފާޅުކަންބޮޑުކަމެކެވެ.

އިސްލާމްދީނުގައި ޖިސްމާނީ އެދުންވެރިކަން ފުއްދަން އޮތް ޙަލާލުމަގަކީ ކާވެންޏެވެ. ކާވެނި ކުރުމުގެ ޤާބިލުކަމާއި ކުޅަދާނަކަން ލިބިފައިނުވާ މީހާއަށް ރައްކާތެރިކަމެއް ކަމުގައި ރޯދައިގެ އަޅުކަން ފުދެއެވެ. އެހެނީ ރޯދައަކީ ޝައިޠާނާގެ ދުނިތަކުން ސަލާމަތްކޮށްދޭ އަށްޑަނައެކެވެ.  މިކަން ޞަލަވާތާއި ސަލާމްލެއްވުނު ނަބިއްޔާގެ މަތިވެރި ނަބަވީ އިރުޝާދުފުޅުތަކުން ދޭހަވެއެވެ. ސުންނަތް ރޯދަތައް ހިފައި އުޅޭ މީހުންގެ ކިބައިގައި އެދުންވެރިކަން ހުންނަ މިންވަރު އެހެންމީހުންގެ ކިބައިގައި ޝަހުވާނީ އެދުންތައް ހުންނަ މިންވަރަށްވުރެ ކުޑައެވެ.

ރޯދައަކީ މާތްﷲއާއި އެކަލާނގެ އަޅުންނާ މެދުގައި އޮންނަ ސިއްރެކެވެ. ރޯދަ ބާޠިލު ވެދާކަންކަމުގެ ތެރޭގައި ޖިސްމާނީ އެދުން ފުއްދުން ހިމެނެއެވެ. މާތްﷲގެ ސިއްރަށް ރައްކާތެރިނުވުމަކީ ކުށެކެވެ. އެހެންކަމުން ރޯދަވެރިޔާ އެސިއްރަށް ރައްކާތެރިވާންޖެހެއެވެ. އެގޮތުން ޖިސްމާނީ އެދުންތައް އެއްވެސް މާނައެއްގައި ފުއްދުމާއި ދުރުހެލިވުމަކީ ރޯދަވެރިޔާގެ މައްޗަށް ވާޖިބެކެވެ. މިހެންވުމުން ރޯދައިގެ ހިޔަލުގައި ހުންނަ މީހާ އެންމެހައި ޝަހުވާނީ ޙަމަލަތަކުން އަމިއްލައަށް މިންޖުވާނެއެވެ.

މިހާރުގެ ޙާލަތު:

ސުންނަތް ރޯދަ ހިފައިލުމަކީ ދަތިކަމެއްދެއްތޯއެވެ؟ ގިނަ ޒުވާނުން ސުންނަތް ރޯދަ ހިފުމަކީ އޮތްކަމެއްކަންވެސް ނުދަނެއެވެ. ކިއެއްހެޔެވެ؟ ރޯދަ ފަރުޟުވެގެންވާ މާތް ރަމަޟާންމަހުގައި ކައިއުޅެނީ ޖެހިލުންވުމެއްނެތިއެވެ. ނަތީޖާއަކީ ރޭ އަޅުކަމުގައި ހޭދަކުރަންޖެހޭ ރޭތައް ޑީޖޭތަކުގައި ނަށުމާއި، ނުބައި ޢަމަލުތައްކުރުމުގައި ހޭދަކުރަނީއެވެ. ލޮލުން ކަރުނަ ހިލުވައިލަނީ މިފަދަ ހިތާމަވެރި މަންޒަރުތަކެވެ. މިފަދަ ޤަބޫލުކުރަން ހިތް ނޭދޭ ޙަޤީޤަތްތަކެވެ.


ބެލުން ތިރިކުރުން:

ނޫރު ސޫރަތުގެ މޫރިތި އާޔަތްތަކުން ސާބިތުވާ ފަދައިން މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުން އެބައިމީހުންގެ ބެލުންތައް ތިރިކުރަންޖެހެއެވެ. އެއްބަޔަކު އަނެއްބަޔަކަށް ކަޅިޖަހައިނުލައި  ބަލަހައްޓައިގެން މި ތިބޭތިބުމަކީ، އިސްލާމީ އަޚްލާޤިއްޔަތާ ފުށުއަރާކަމެކެވެ. ކޮންމެހެން ބަލަން ޖެހިގެން މެނުވީ އަންހެނުންގެ މޫނަށާއި އެކަނބަލުންގެ ހަށިގަނޑުގެ ވަނާތަކަށް ބެލުމަކީ ހުއްދަކަމެއްނޫނެވެ. ފުރާވަރުގެ ދުވަސްތައް ގުނަމުންދާ ޒުވާން ފިރިހެންކުދިންނާއި އަންހެންކުދިންގެ ހިތްތަކުގައި ހޫނުގަދަ އަލިފާން ރޯކޮށްލަނީ އެއްބަޔަކު އަނެއްބަޔަކަށް ބަލާބެލުމެވެ. ކިތަންމެ ޒުވާނުންނެއް މިފާފައިގެ ތެރަށް ޣަރަޤުވަނީ ނޭނގިތިބެއެވެ. އަދި އެކަމުގެ ނަތީޖާ ބަރުދާސްތުކުރަންޖެހެނީވެސް ކުއްލިގޮތަކަށެވެ. ބައެއްފަހަރު ލޯބީގެ ކޮންމެވެސް ގުޅުމަކުން ހަތަރުލޯ ގުޅި ޖިސްމުތައްވެސް ގުޅިދާނެއެވެ. ދެން ކުރެވުނީ ކިހައިވަރެއްގެ ފާފައެއްކަން މިއެނގެނީ މާފަހުންނެވެ. ވަގުތު ފާއިތުވާ ފަހުންނެވެ.

ބަލާ ބެލުމަކީ އިންސާނާގެ ހަށިގަނޑުގެ ހޫނުމިނަށް ބަދަލުގެންނަކަމެކެވެ. ހިތުގައި އެދުމާއި ބޭނުންވުން އުފައްދާކަމެއްވެސްމެވެ. ޖިސްމާނީ އެދުންތައް ކައްކާލާ އެންމެ މުހިންމު އެއްއަޞްލަކީ މިބެލުމެވެ. އަދި ހަމައެފަދައިން ފުރަތަމަ ނަޒަރުންވެވޭ ލޯބިކަމަށް ބައެއްޒުވާނުން ހީކުރާ އެދުންވެރިކަން އުފައްދާ އަޞްލަކީ މިބެލުމެވެ. ޅެންވެރިޔާގެ ޝުޢޫރަކީ އޭނާގެ ތަޖުރިބާގެ ޙަޤީޤަތަކަށް ވުން ވަރަށް ގާތެވެ.

           ''ފުރަތަމަ ނަޒަރު އެންމެ ޢިޝްޤީ އަަސަރު،
                   ކުރަހައިލި ތަސްވީރު ހިތުގައި މިތުރު،
                               ގުރަހައިގެ ތަރިހެން މަށަށް ހީވިޔޭ''

މިސަބަބުތަކަށްޓަކައި ކީރިތި ރަސޫލާ ބެލުން ޞިފަކުރައްވައިފައިވަނީ ޝައިޠާނާގެ ދުނިތަކުގެ ތެރެއިން ވިހަލެވިފައިވާ ވަރަށް ނުރައްކާތެރި ދުންޏެއްކަމުގައެވެ. ހަމައެފަދައިން އެދުނިން ރެކިއްޖެ މީހަކަށް ދުނިޔޭގައި އެކަމުގެ ބަދަލުގައި އަޅުކަމެއް ދަރުމަކުރައްވާނެކަމުގެ ހެޔޮ ޚަބަރު މާތްﷲ ދެއްވިއެވެ. އަދި އެއަޅުކަމުގެ ފޮނިކަމާއި ރާޙަތު ދެދުނިޔޭގައި ލިބޭނެކަމުގައި އަންގަވައިފައިވެއެވެ.

މިހާރުގެ ޙާލަތު:

މަގުމަތިން ހިގަމުންދާއިރު ލޯތަށް އަމާޒުވެފައި ހުންނަނީ ކޮންމެވެސް ދިމާޔަކަށެވެ. ގިނަފަހަރަށް ޖިންސުލަޠީފަކާ ދިމާލަށެވެ. ނުވަތަ އަންހެންވެރިންގެ ލޯތަށް މާރީތި، މާފިރިހެންވަންތަ ފިރިހެންކުއްޖަކާ ދިމާޔަށެވެ. މިކަންމިގޮތަކަށް ހިނގަނީ ގިނަ ފަރާތްތަކަށް މިކަމަކީ ފާފައެއްކަން ނޭނގޭތީއެވެ. އެހެނަސް އެކަން ހިނގާގޮތަށް ބަލާއިރު މިކަމަކީ ފިތުނައިގެ އަޞްލެކެވެ. މިކަމާ ދުރުހެލިވެވޭނެ މަގުތައް ދެނެގަނެ އެކަންކަމާ ދުރުހެލިވުން ވާޖިބެވެ.

ހަނގާކުރުން (ފްލަރޓްކުރުން) :

ދިވެހިބަހުގައި މި އޮންނަ ހަނގާކުރުމަކީ ފަހަރުގައި  ފްލަރޓްކުރުން ކަމުގައި ނުވެދާނެއެވެ. އެހެނަސް މިބަހަށްވުރެ މުނާސަބު ބަހެއް ނޭނގުމުން މިބަސްބޭނުންކުރަމެވެ. މިކަމަކީ ކޮންމެ މީހަކުވެސް މިހާރަކަށްއައިސް ކޮށްއުޅޭ ނުރައްކާތެރި "ކުޑަކުޑަ" ކަމެކެވެ. ޗެޓް ކޮޓަރިތަކުގަޔާއި ބައިސްކޯފްތަކުގައި އެންމެ ގިނައިން ހިނގާކަމަކީ މިކަމެވެ. ޒުވާނުންގެ މެދުގައި މިކަން ޢާންމުވެފައިވަނީ ކަށީ ހިފައިފައިވާ އާދައެކޭ ދެންނެވޭނެ މިންވަރަށެވެ. އަޚުންނޭވެ! މިކަމަކީ ނުރައްކާތެރި ކަމެކެވެ. އެއްޖިންސެއްގެ ޒުވާނުން އަނެއް ޖިންސެއްގެ ޒުވާނުންގެ ހިތް ހޯދުމަށް ކުރާކަންކަމަކީ ދީނުގެ ހަމައިގެ ތެރޭގައި ކުރެވެންޖެހޭކަމެކެވެ.

ކީރިތި މާތް ރަސޫލﷲގެފާނުގެ މައްޗަށް ބައިޢަތު ހިފުމަށް، މަދީނާއަށް  އައިބައެއްގެ ތެރެއިން މީހަކު މަދީނާގެ އަންހެންކުއްޖަކާ ހަނގާކުރިއެވެ. އެކަމުގެ ސަބަބުން އެމީހާއާ ބައިޢަތު ހިއްޕެވުމަށް ރަސޫލުﷲގެފާނު އިންކާރުކުރެއްވިއެވެ. މިކަމުން ހަނގާކުރުމުގެ ނުބައިކަން ތަޞައްވަރުކުރެއްވޭނެއެވެ. ފަހެ، ނުބައި މިޢަމަލާ ދުރުވުން އަޅުގަނޑުމެންނަށް ރައްކައުތެރިކަން ބޮޑެވެ.

މިހާރުގެ ޙާލަތު:
ހަނގާކުރުމުގެ ކަންތައް ޒުވާނުންގެ މެދުގައި އޮތްގޮތާ މެދު އެއްޗެއް ދެންނެވުމަކީ މާބޮޑަށް ބޭނުންކަމެއްނޫނެވެ. އެންމެ ބޭފުޅުންގެ ކުރިފުޅުމަތިން އެކަން ފެންނަމުންދެއެވެ. އެކަމުގައި އެންމެހާ ޒުވާނުން ޝާމިލުވެދާ މިންވަރަށެވެ. އަދި ބައެއްފަހަރަށް ހަރުކުލައިގެ ބޭފުޅުންވެސް މިކަންކުރައްވައެވެ.

ނިންމުން

އޭފުރާވަރުގެ ދުވަސްތައް ގުނާ ޒުވާނާއެވެ. ބޮލުގެ އިސްތަށިގަޑަށް ބަދަލުގެނައުމާއި އައުފެޝަންތަށް ހޯދައިގެން އެގޮތަށް ހެދުން އެޅުމަށްވުރެ މުހިންމީ މާދަމާއަށް ރަނގަޅު ކޮއްތެއް ތައްޔާރުކުރުމެވެ. ތިފުރާގައި ޝައިޠާނާ ތިބާގެ ހިތް ބުއްދީގެ މައްޗަށް ގަދަކުރަން އުޅޭނެއެވެ. ދަނޑިވަޅަކީ ނުރައްކާތެރި ދަޑިވަޅެކެވެ. ފައްތަރަކީ ނުވިސްނައިފިނަމަ އަނދަވަޅަކަށް ވެއްޓިދާނެ ފައްތަރެކެވެ. މިބުނެދިން ކަންކަމުގެ އެހީގައި ޙިމާޔަތް ހޯދާށެވެ. ނަމާދުގެ އެހީގައި ޝައިޠާނާއަށް ހިތުގައި ހުޅުވިފައިހުރި ދޮރުތަކުގައި ބަންދުބޯޑު އަޅުވާށެވެ. ރޯދައިގެ އެހީގައި އިބިލީހާއި އޭނާގެ ބައިވެރިންގެ ޙަމަލާތަކުން ދަފަރާވާށެވެ. ބެލުން ތިރިކޮށްގެން ތިބާގެ އެދުންތަކުގައި ކަސްތޮޅު އަޅުވައި ހިލަހިލާ ޖަހައި ހިފަހައްޓާށެވެ. މިކަންކަން ކުރެވިއްޖެނަމަ ތިބާ ހުންނާނީ ދަގަނޑު ދަހަނާއެއްގެ އެހީގައި ރައްކާތެރިކުރެވިފައެވެ. ޙިމާޔަތްކުރެވިފައެވެ.

           ''ކޮޅަށް ހުރެ ނުވަތަ ސަޖިދައިގައި ލޮލަށް ފިނި ކަރުނަޔާ އެކުގައި،
               މޮޅަށް   ކުރެވޭ    ދުޢާތަކަކީ، ވަރަށް   މަޤުބޫލު ހަތިޔާރެއް''

ޅެންބައިތު: (1) ޔޫސުފު ޢަލިފުޅު
        (2) މުޚްތާރު ފަހުމީ

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ ޝިފޫ.., 2009-03-20 21:05:28
މިހާރުގެ ހާލަތާ ވަރަށް ގުޅޭ......... އޭފުރާވަރުގެ ދުވަސްތައް ގުނާ ޒުވާނާއެވެ................................އަޅުގަނޑުމެންގެ ޒުވާންޖީލުގެ ޙާލަތަކީ ކޮބާތޯއެވެ؟!!!!
އިބިލީހާއި އޭނާގެ ބައިވެރިންގެ ޙަމަލާތަކުން ދިފާއުވާށެވެ...!
...
ލިޔުނީ some one, 2009-03-20 21:35:53
jazaakallah khair
...
ލިޔުނީ ‰‰‰މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-03-22 08:45:55
ހަނގާކުރުން މިބަހަށް ވުރެ ފްލަރޓިންގގެ މައުނަ ދޭހަވާ އެހެން ބަހެއް ދިވެހި ބަހުގައި އޮންނާ، އެބަހަކީ މައްލަވަ / މައްލަވަކުރުން.
ދިވެހި ބަސްފޮތުން:

ހަނގާ
(1) ކުރާއުނދަގޫ.
(2) ތޮޅޭތޮޅުން.
(3) ޅަކުއްޖާ މީހަކާ އަޅާލައިގެން އެޖައްސާ ވައްތަރު.
(4) (ޏ) ބުޅާކުޅުވާ ފިހިގަނޑު.

މައްލަވަ
މީހަކާ ދިމާއަށް މާބޮޑަށް ބެލުމާއެކު ހީނ އިޝާރާތްކޮށް ކުރާ ސަމާސާ.
...
ލިޔުނީ zaan, 2009-03-22 18:20:28
muslihah heyo dharuma dhehvaashi
...
ލިޔުނީ kiyuntherieh, 2009-03-23 05:09:04
mikahala liyunthah ginain genesdhevvun edhen. May Allah bless u all n take u 2 the right path. Aaaameeeen
...
ލިޔުނީ ‰‰‰‰‰މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-03-30 08:37:40
އަޅުގަނޑަށް ތިޔަފަދަ ހެޔޮ ދުޢާއެއް ކޮށްދެއްވި މާތް އަޙާއަށް ހެޔޮ ރަޙްމަތާއި މަތިވެރި މާތް ﷲ ގެ ޙަޟްރަތުން ފުއްސެވުން މިންވަރު ކުރައްވާށިއެވެ. އާމީން

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1748
extra avandia and congestive heart failure