މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ނޫސްވެރިންގެ ޒިންމާ |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 24 މާރޗް 2009، 00:44 އަންގާރަ | |||
|
މުޙަންމަދު ވަޙީދު، މަޑުލު ފަންވަތުގެ ޚާއްޞަ ނޯޓު: އަލްފާޟިލް މަޑުލު މުޙަންމަދު ވަޙީދަކީ، އަލަށް ފަންވަތާ ގުޅިވަޑައިގެންނެވި، ރާއްޖޭގެ ޒަމާންވީ ކުޅަދާނަ ލިޔުންތެރި އެކެވެ. ފަންވަތުގެ އިދާރީ ޓީމާއި، އެހެނިހެން ލިޔުންތެރީންނާއި، ތިޔަ ލޮބުވެތި ކިޔުންތެރީން ހިމެނޭގޮތުގައި އަލްފާޟިލް މަޑުލު މުޙަންމަދު ވަޙީދަށް މަރުޙަބާޔާއި ހެޔޮ އެދުންތައް ބަރުތީލަ ކުރަމެވެ. ވަޙީދުގެ އާ ލިޔުއްވުންތަކާއި، ކުރީން ލިޔުއްވާފައިވާ ބައެއް ލިޔުއްވުންތައް ކުރިޔަށް އޮތްތާނގައި ފަންވަތުން ފެންނާނެ ކަމަށް ވިދާޅުވި އެވެ. މި ލިޔުމަކީ، ވަޙީދުގެ ފިކުރީ ހުށަހެޅުއްވުންތަކުގެތެރޭން އޭނާ ފަންވަތުގެ އަހުލުވެރީނަށް ފޯރުކޮށްދެއްވި، ފުރަތަމަ ހަދިޔާ އެވެ. ނޫސް މަޖައްލާއަކީ، ފައިދާވާގޮތަށް ހިންގާ ވިޔަފާރިއަކަށް ވުރެ ބޮޑަށް، މަސްއޫލިއްޔަތަކާއި ޒިންމާއެއް އުފުލަންޖެހޭ މުއާޞަލާތީ ވަސީލަތެކެވެ. އެއީ ހަމަ އެކަނި ހުސް ވަގުތުތައް ފުރާލަން މީހުންނަށް ކިޔާލާނެ އެއްޗެއް ހުށަހަޅައިލަން ކުރާ ކަމެއް ނޫނެވެ. ނޫސްވެރިކަމުން، މުޅި މުޖުތަމަޢުގެ ޙަޔާތަށް އަސަރު ފޯރުވަ އެވެ. އެ އެއްޗެއްގައި ޝާއިޢު ކުރާ ލިޔުންތަކުގެ ބާވަތުން، އެދެވޭ އަސަރާއި، ނޭދެވޭ އަސަރު ފޯރުވަ އެވެ. މީހުން ޢިލްމުވެރިކުރުވާ ފަދައިން، މީހުން ފާސިދު ކޮށްދީފާނެ އެވެ. ލޯތްބާއި އެކުވެރިކަމާއި، ހަމްދަރުދީ އަށަގަންނުވާ ފަދައިން، ނަފުރަތާއި ދުޝްމަންކަމާއި ހިތިކަން އުފައްދައިދީފާނެ އެވެ. އެހެންވީމާ، ނޫސް މަޖައްލާ ނެރެންވާނީ، ވިސްނާފަ އެވެ. އެކުވެރިކުރުވުމުގެ މަޤުޞަދުގައި ނަމަ، ދެކޮޅުވެރިކަމާއި، ޙަސަޔަށް ތަންދީގެން ނުވާނެ އެވެ. ނޫހުގެ އެންމެ އިސްވާޖިބަކީ، ޚަބަރު ފެތުރުމެވެ. ވާނުވާ އޮޅުން ފިލުވައިދިނުމެވެ. އަންނަމުންދާ ބަދަލުތަކާއި ލަފާކުރާ ލަފާކުރުންތަކަށް ކިޔާމީހުން ތައްޔާރު ކޮށްދިނުމެވެ. ނޫހާއި ޚިލާފަށް މަޖައްލާއަކީ، ކިޔާނެ ތަފާތު ވައްތަރުގެ ލިޔުންތައް ކިޔަން ލިބިދޭ އެއްޗެކެވެ. މުނިފޫހި ފިލުވުމާއި، މަޢުލޫމާތު މުއްސަނދި ކޮށްދިނުމާއި، ޚަބަރުތަކުގެ ފަސްމަންޒަރު އޮޅުންފިލުވައި ދިނުމަކީ މަޖައްލާތަކުން ކުރާ ކަންތައްތަކެވެ. ފަހަރެއްގައި ވެސް ތަނުގައި ހަމަނުޖެހުން އުފެއްދުމަށާއި، މުޖުތަމަޢު ބައިބައިކުރުމަށާއި، ނަފުރަތުކުރާ ބަޔަކާމެދު ޙަސަދަ ފިލުވައިލުމުގެ މަޤުޞަދުގައި ދުނިޔޭގެ އެއްވެސް ތަނެއްގައި ނޫސް މަޖައްލާ ނެރޭކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. އެއާ ޚިލާފަށް ވަކި ސިޔާސީ ޕާޓީއެއްގެ ސިޔާސަތާއި ކުރިޔަށް ރާވައިފައިވާ ކަންތައްތަކާއި، ކުރިމަގުގެ ތަޞައްޥުރު ހާމަ ކުރުމަށް ނޫސް މަޖައްލާ ނެރެ އެވެ. އެފަދަ ނޫސް މަޖައްލާތަކުން ސަރުކާރުގެ ނުވަތަ ވަކި ސިޔާސީ ޕާޓީ އެއްގެ ކަންތައްތައް ދޯދިޔާކަން ހާމަ ކޮށްދީފައި ހުރެ އެވެ. ހަމަ ބުއްދިޔަށާއި، ވިސްނުމަށް ގެނެވޭ ގޮތަށް ހަމަ ދައްކައިގެން ޢިލްމީ ގޮތަކަށެވެ. އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢު ކުޑަކަމާއި އެކަކު އަނެކަކަށް ދަންނަލެއް ބޮޑުކަމާއި، އެއް ޢާއިލާ އަނެއް ޢާއިލާއާ ގުޅިފައިވާލެއް ބޮޑުކަމުން ނޭދެވޭ ނޫސްވެރިކަމުން ނިކުންނަ ނަތީޖާ ވިހައެއް ފަދައިން މުޅި މުޖުތަމަޢަށް ފޯރުވައިފާނެ އެވެ. އެ ވިހަ ނައްތައިލަން ދަތިވާނެ އެވެ. ޒާތީވުމަށް ވުރެ ތެދު ޙަޤީޤަތް ހާމަ ކުރަން މަސައްކަތް ކުރުމުން ނޫސްވެރިކަމުގެ މަޤުޞަދު ޙާޞިލްވާލެއް ރަނގަޅުވާނެ އެވެ. ލިޔުންތެރިންނާއި ނޫސްވެރިންގެ ޒިންމާއަކީ މުޖުތަމަޢުގައި ހުރި ނޭދެވޭ ބަލިތައް ނައްތައިލުމެވެ. ރައްޔިތުންނަށް ހެޔޮ ގޮތް އޮޅުން ފިލުވައި ދިނުމެވެ. ތެދު ހާމަ ކޮށްދިނުމެވެ. ހަމަ ކުއްލިޔަކަށް އަޅުގަނޑު ހަނދާނަށް އަންނަނީ، 1993ވަނަ އަހަރު ރާއްޖޭގައި ފާހަގަ ކުރެވުނު ރާއްޖޭގެ ފުރަތަމަ ލިޔުންތެރިންގެ ދުވަހުގެ މަތީންނެވެ. އެދުވަހުގެ މުނާސަބަތުގައި ޤައުމުގެ ޒަޢީމު ނެރުއްވި ޚިޠާބުގައި ވިދާޅުވެފައިވެ އެވެ. ''ޝައްކެއްނެތެވެ. ލިޔުންތެރިންނަކީ، ޤައުމެއްގެ ޙަޔާތުގައި ވަރަށްވެސް މުހިންމު ދައުރެއް އަދާކުރާ ބަޔެކެވެ. ތަހުޒީބުވަމުން ކުރި އަރަމުން އަންނަ ޤައުމެއްގައި އެ ޤައުމަށް މަގުދެއްކުމުގެ މުހިންމު ވާޖިބު އަދާކުރާ ބަޔަކީ، އެ ޤައުމެއްގެ ލިޔުންތެރީންނެވެ. ޙަޔާތުގެ މައިދާނުގައި ޤައުމުތަކަށް ކުރިޔަށް ދާންވީ މަގުތައް ކުރަހައިދޭ ބަޔަކީ އެ ޤައުމެއްގެ ލިޔުންތެރީންނެވެ. ޤައުމަށް ލިބެމުންދާ ތަޖުރިބާތައް ހާމަވަމުންދަނީ ލިޔުންތެރީންގެ ލިޔުންތަކުންނެވެ.'' ބަލަ، މި ކަމުގެ މަތިން އަޅުގަނޑުމެން އެންމެން ހަނދާން ނެތުނީތޯ އެވެ؟ މިހާރު މިވަނީ ކިހިނެއްތޯ އެވެ؟ ލިޔުންތެރީންގެ މަސްއޫލިއްޔަތާއި ނޫސްވެރިކަމުގެވާޖިބާއި މުޖުތަމަޢު މަގަށް އެޅުވުމާއި މި ހުރިހައިކަމެއް ދިޔައީ ކޮންތާކަށްތޯ އެވެ؟ އަޅުގަނޑު ކުރިން މި އިޝާރަތްކުރި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ، ލިޔުންތެރިންނަށް އިސްތިމާސެއް ކުރެއްވި އެވެ. އެ އިލްތިމާސް ވެސް ހަނދާން އާކޮށްލުމަށްޓަކައި، މި ތަނުގައި ނަކަލު ކޮށްލަމެވެ. ''އަޅުގަނޑު ތިޔަ ބޭފުޅުންނަށް މި އިލްތިމާސްކުރަނީ ތަރައްޤީވަމުން އަންނަ ޤައުމެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ޤައުމާ ކުރިމަތިވާ މައްސަލަތަކާމެދު ވިސްނަވައިގެން އެ ކަންތައްތަކާ ހެޔޮގޮތުގައި ކުރިމަތިލުމުގެ އެކަށޭނަކަން ދިވެހި ޤައުމުގައި އުފައްދައި ދެއްވުމަށް ތިޔަ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ބާރުގަދަ ހަތިޔާރެއްގެ ބޭނުންކުރައްވައިގެން، އަޅުގަނޑުމެންގެ އާ ޖީލަކީ، ޤައުމު ދެކެ ލޯބިވާ، ދީނަށް ޙުރުމަތްތެރިކޮށް ހިތާ، އުފެއްދުންތެރި، ޤައުމު ބިނާކުރުމުގައި ފުރިހަމަޔަށް ޙިއްސާކުރާ ބަޔަކަށް ހައްދަވައިދެއްވުމަށެވެ. އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ފިކުރީ ހަނގުރާމަތަކާއި ޘަޤާފީ ހަނގުރާމަތަކުގެ ނުރައްކަލުން ޤައުމު މިންޖު ކުރައްވައި ސަލާމަތުގެ އައްސޭރިޔަކަށް، ޤައުމު ގެންގޮސް ދެވޭތޯ މަސައްކަތް ކުރެއްވުމަށެވެ.'' ދެން ވިސްނާލަންވީ ލިޔުންތެރިކަމާއި ނޫސްވެރިކަން ދަތުރުކުރަމުން މި ދަނީ ސަލާމަތުގެ އައްސޭރިޔަކަށް ޤައުމު ގެން ގޮސް ދެވޭނެ ފަދަ ގޮތަކަށްތޯ އެވެ؟ މި ޤައުމުގެ އެއްޗެހިތަކުގެ ތެރެއިން ތިމާވެށި ނޫނަސް ނާޒުކު އެއްޗެހި އެބަ ހުއްޓެވެ. މީހުންގެ ފިކުރާއި ވިސްނުން ހެޔޮ ގޮތަކަށް ބަދަލު ކުރުމަށް ލިބިފައިވާ ފުރުޞަތު ނުބައި ގޮތަކަށް ބޭނުން ކުރުމަކީ، ނުރައްކާތެރި ކަމެކެވެ. އެކަމަށް ސަމާލުވުން ހުއްޓެވެ. ލޯތްބާއި އެކުވެރިކަމާއި އެއްބައިވަންތަކަމަށް މަގުފަހި ކުރުމުން ނިކުންނަ ނަތީޖާ، ނަފުރަތާއި ޙަސަދަވެރިކަން އުފެއްދުމުން ނިކުންނަ ނަތީޖާއަށް ވުރެ ފޮނިވާނެ އެވެ. މި ކަން އޮޅިފައި އޮންނާނެ އެކަކު ވެސް ނޫސްވެރިކަމުގައި އުޅޭނެ ކަމަކަށް ނުދެކެމެވެ. (ނިމުނީ) (މިލިޔުމުގެ ދެއްވީ ހާޑުކޮޕީ އެކެވެ. ހަވާލާ ދިނުމަށް ވެސް ވިދާޅުވި އެވެ.) ހަވާލާ މުޙަންމަދު ވަޙީދު މަޑުލު(2006).ޖަމާޢަތުގެ ޚަބަރު (328). ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން. މާލެ،
|
| ހަމަ މި ގަލަމުން |
|---|