މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދެފަރާތަށް ދައުރުވާންޖެހޭ ލޯބި |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 10 އެޕރީލް 2009، 02:07 ހުކުރު | |||
ތިބާގެ މައިން ބަފައިން ތިބާއަށް ލޯބިދިންގޮތަށް ތިބާވެސް އެފަރާތަށް ލޯބިދޭށެވެ.އަޙްމަދު ރަޝީދު އެސްޖެހިގެ، ލ. ފޮނަދޫ މިއީ މީގެ ދުވަސްކޮޅެއް ކުރިން އީ-މެއިލް ގެންގުޅުއްވާ ބޭފުޅުންނަށް ފޯރވާރޑް މެއިލް އެއްގެ ގޮތުގައި ވަރަށް ގިނަފަރާތްތަކަކަށް ލިބިފައިވާ މެއިލް އެއްގައިވާ ޢިބުރަތުން ފުރިގެންވާ ވާހަކައެކެވެ. އަޅުގަނޑަށްވެސް މި މެއިލް ރައްޓެއްސެއްގެ ފަރާތުން ލިބުމުން ތިޔަބޭފުޅުންނާއި ޙިއްޞާކޮށްލުމަށް ޤަޞްދުކޮށް ތަރުޖަމާ ކޮށްލީއެވެ.ގެއެއްގެ ސިޓިންގ ރޫމުގެ ސޯފާއެއްގައި ޢުމުރުން 80 އަހަރުވެފައިވާ ބައްޕައަކު އޭނާގެ 45 އަހަރުގެ ފިރިހެން ދަރިފުޅާއިއެކު އިށީންދެލައިގެން އިނެވެ. ފިރިހެން ދަރިފުޅަކީ ވަރަށް މޮޅަށް ކިޔަވައިގެންވެސް ހުރި މީހެކެވެ. • ކުއްލިއަކަށް އެގޭގެ ކުޑަދޮރުމަތީގައި ކާޅެއް އައިސް ޖެއްސިއެވެ. އެވަގުތު ބައްޕަ އޭނާގެ ދަރިފުޅުކުރެން އަހާލިއެވެ. "ދަރިފުޅާ! އެއީ ކޮންއެއްޗެއް؟" ދަރިފުޅު ޖަވާބުގައި އެއީ ކާޅެއްކަމަށް ބުންޏެވެ. • ކުޑައިރުކޮޅަކަށްފަހު ބައްޕަ ދެވަނަފަހަރަށް ދަރިފުޅުކުރެން އަހާލިއެވެ. "ދަރިފުޅާ! ކުޑަދޮރުމަތީގައި އެއިނީ ކޮންއެއްޗެއް؟" • "ބައްޕާ... ދެންމެއެއްނޫންތަ މިބުނީ އެއީ ކާޅެކޭ!" ދަރިފުޅު ޖަވާބުދިނެވެ. • އޭގެ ކުޑައިރުކޮޅެއްފަހުން މުސްކުޅި ބައްޕަ އޭނާގެ ދަރިފުޅުކުރެން ތިންވަނަފަހަރަށްވެސް އެ ސުވާލުކޮށްލިއެވެ. މިފަހަރު ދަރިފުޅު ޖަވާބުދިނީ ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުމާއި އެކުގައެވެ. "އެއީ ކާޅެކޭ!.... ކާޅެކޭ!" • އެއިގެ ކުޑަކުޑަ ހިނދުކޮޅަކަށްފަހު އަނެއްކާވެސް ބައްޕަ ސުވާލުކޮށްލިއެވެ. މިފަހަރު ދަރިފުޅުގެ ރުޅި އިންތިހާއަށް ގޮސް ބާރަށް ހަޅޭއްލަވައިގަތެވެ. "ކީއްވެގެންތަ ހަމަ އެއް ސުވާލެއް ތަކުރާރުކޮށް އަހަމުން ތިޔަގެންދަނީ؟....ކިތައްފަހަރު ބުނެވިއްޖެތަ އެއީ ކާޅެކޭ!..... މިވަރަށް ބުނާއިރުވެސް ބުނާއެއްޗެއް ނޭގިގެން ތިއުޅެނީ؟" • އެއިގެ ކުޑައިރުކޮޅެއްފަހުން ބައްޕަ އޭނާގެ ކޮޓަރިއަށްވަދެފައި ނުކުތްއިރު އަތުގައި ދުވަސްވެ ކަފަވެފައިވާ ޑައިރީއެއް އޮތެވެ. އެއީ ބައްޕަގެ ޅައިރުއްސުރެން ގެންގުޅެމުން އަންނަ ޑައިރީއެކެވެ. ޑައިރީން ގަނޑެއްހުޅުވާލަމުން އޭނާގެ ދަރިފުޅުކުރެން އެ ޞަފުޙާގައި ލިޔެފައިވާ އެއްޗެއް ކިޔާލުމަށް އެދުނެވެ. ދަރިފުޅު އެ ޞަފުޙާ ކިޔާލިއިރު އޭގައި ލިޔެފައިވަނީ މިހެންނެވެ. • "މިއަދު އަހަރެންގެ ދަރިފުޅުގެ ޢުމުރުން 3 އަހަރުގައި އެއިނީ އަހަންނާއި އެކު ގޭގެ ސިޓިންގ ރޫމްގެ ސޯފާގައެވެ. އެހެން ތިއްބާ ކާޅެއް އައިސް ކުޑަދޮރުމަތީގައި ޖެއްސިއެވެ. އަހަރެންގެ ދަރިފުޅު އެއީ ކޮންއެއްޗެއްތޯ އަހަރެންގެ ކައިރީގައި 23 ފަހަރު ސުވާލުކުރިއެވެ. އަހަރެންވެސް 23 ފަހަރު ޖަވާބުގައި ބުނީ އެއީ ކާޅެއްކަމުގައެވެ. 23 ފަހަރު އަހަރެންކުރެން ދަރިފުޅު ސުވާލުކުރުމުން ކޮންމެ ފަހަރަކުވެސް ލޯބިން ދަރިފުޅުގެ ގައިގާ ބައްދާލާ ވަރަށް ލޯބިން ޖަވާބުދިނީމެވެ. އެހާގިނަފަހަރު ދަރިފުޅު އެސުވާލުކުރިނަމަވެސް އަހަރެންގެ ހިތުގައި ރުޅިވެރިކަމާއި ފޫހިކަމެއް ނުއުފެދެއެވެ. އަދި ކިއެއްތަ؟، އެއިގެން ކޮންމެފަހަރަކުވެސް އަހަންނަށް އިޙްސާސްކުރެވެމުން ދިޔައީ ދަރިފުޅުގެ ޟަޢީފުކަމާއި މަޢުޞޫމް ކަމެވެ." • މަތީގައިވާ ޙާދިޘާއިން ދޭހަވެގެން އެދިޔައީ ކޮންފަދަ މަތިވެރި މިޘާލެއް ހެއްޔެވެ؟ ބައްޕަ އޭނާގެ ދަރިފުޅު ކުޑައިރު 23 ފަހަރު ތަކުރާރުކޮށް އެއްސުވާލު ކުރަމުން ދިޔައިރުވެސް 23 ފަހަރުވެސް ބައްޕަ ޖަވާބުދިނީ އެއްވެސް ފޫހިކަމެއް ރުޅިވެރިކަމެއް ނެތިއެވެ. އެހެނަސް މިއަދު އެ ބައްޕަ ދަރިފުޅުކުރެން އެއްސުވާލެއް ތަކުރާރުކޮށް 4 ފަހަރު ކުރުމުން ދަރިފުޅުހުރީ ރުންކުރުވެ ރުޅިއައިސްފައެވެ. • އެހެންކަމުން އަހަރަމެން ވިސްނަންވީ ކަމަކީ، އަހަރަމެންގެ މައިންބަފައިން ގައިބާރުދެރަވެ މުސްކުޅިވެފައި ވިޔަސް އެމީހުންނާއިމެދު ހަރުކަށިނުވުމާއި އެމީހުންނަކީ ބުރައެއްކަމުގައި ނުދެކި އެމީހުންނާއި އޯގާތެރިކަމާއިއެކު މުޢާމަލާތުކޮށް، ކިޔަމަންތެރިވެ، އިޙްތިރާމްކޮށް ޚިދުމަތްކޮށްދިނުމަކީ އަހަރަމެންގެ ވާޖިބެއްކަމުގައި އަބަދުވެސް ދެކެން ޖެހޭނެކަމެވެ. އަބަދުވެސް މައިންބަފައިންނާއިމެދު ވިސްނާ އެމީހުން ހިތުގައި ނުޖައްސާވޭތޯ ބަލާށެވެ. އެހެންކަމުން މިއަދުންފެށިގެން ކޮންމެ މީހަކުވެސް ތިރީގައިވާ ޢިބާރާތްކޮޅު ބާރަށް ކިޔާލާ ހިތުގައި ޢަޒުމެއް ނުވަތަ މޮޓޯއެއްގެ ގޮތުގައި މިކަންތައްތައް ހައްދަވާށެވެ. " އަހަރެން ބޭނުންވަނީ އަހަރެންގެ މައިންބަފައިންނަކީ އަބަދުވެސް އުފަލުގައި ތިބޭ ބަޔަކަށް ވުމަށެވެ. އެމީހުން އަހަރެން ތުއްތުއިރުއްސުރެން ފެށިގެން ބަލައި ބޮޑުކުރީ ނުހަނު އޯގާތެރިކަމާއި އެކުގައެވެ. އެމީހުން ކޮޅުނެތްކޮޅަށް އަހަންނަށް ލޯބިދިނެވެ. އެމީހުން ހުރިހާކަނޑުއޮޅިތަކަކާއި އެންމެހައި ހުރަސްތަކެއް އަތްވާއި ވާރެއަށް ބެލުމެއްނެތި އެ ހޭދަކޮށްލީ މިއަދު އަހަންނަކީ މި މުޖުތަމަޢު ބަލައިގަންނަފަދަ މީހަކަށް ހެދުމަށްޓަކައިކަން ކަށަވަރެވެ.ެ
|
| ހަމަ މި ގަލަމުން |
|---|