މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މޯބައިލް ފޯން... ޒަމާނީ ޢާއިލީ މައްސަލަ |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 28 މެއި 2009، 00:03 ބުރާސްފަތި | |||
|
ލިޔުނީ: ޢަލީ ރަޝީދު (ރޭޝް) އިންސާނާ ދުނިޔެ ތަރައްޤީ ކުރަމުންގޮސް، މިއަދު މިވަނީ ދުނިޔެ މުށުތެރެއަށް ލެވޭ ވަރުގެ ކުޑަކުޑަ ތަނަކަށް ހަދާފައެވެ. ބާވަތް ބާވަތުގެ އިލެކްޓްރޯނިކް އާލާތްތަކުން މުޅި ދުނިޔެ އެމީހަކު އެހުރިތާކު ހުރެގެން ބަލައިލެވޭ ވަރަށް މިއަދު އިންސާނާވަނީ ތަކެތި ތަރައްޤީކޮށްފައެވެ. އޭގެތެރޭގައި ރޮބަޓް، ކޮމްޕިއުޓަރ، އިންޓަރނެޓް، މޯބައިލް ފޯން، ސެޓަލައިޓް އަދި ކޭބަލް ޓީވީ ފަދަ އެތައް ވަޞީލަތްތަކެއް ހިމެނެއެވެ. މިހުރިހާ ތަކެއްޗަކީވެސް އިންސާނާއަށް ލާބައާއި މަންފާ ހޯދުމަށްޓަކައި
އިންސާނާގެ ބުއްދީގެ ބޭނުން ކޮށްގެން އިންސާނުން އުފައްދާފައިވާ ތަކެއްޗެވެ. މިހުރިހާ ތަކެއްޗަކީވެސް އެތަކެތި ބޭނުން ކުރަންވީ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ އިންސާނާއަށް ލާބައާއި މަންފާ ލިބެނިވި ތަކެއްޗެވެ. ނަމަވެސް މިފަދަ ޓެކްނޮލޮޖީގެ އާލާތްތަކަކީ އެތަކެތި ބޭނުން ކުރަންވީ ގޮތް ނޫން އެހެން ގޮތަކަށް ބޭނުން ކުރެވޭނަމަ ވަރަށް ބޮޑު މުޞީބާތެއް އަތުވެދާނެފަދަ ތަކެއްޗެވެ. އަޅުގަނޑު މީގެތެރެއިން ބަލާލާނީ މޯބައިލް ފޯނުގެ މައްޗަށެވެ. އިންސާނަކު އެންމެ ފުރަތަމަ ފޯނެއް އުފައްދާފައިވަނީ 07 މާރޗް 1876 ގައެވެ. އެއީ ސްކޮޓްލޭންޑްގެ ސައިންޓިސްޓެއް ކަމަށްވާ އެލެގްޒެންޑަރ ގްރަހަމް ބެލްއެވެ. އޭގެ އެތައް އަހަރުތަކެއް ފަހުން ޑޮކްޓަރ މާރޓިން ކޫޕަރ ކިޔާމީހަކު މޯބައިލް ފޯން ދުނިޔެއަށް ތަޢާރަފު ކުރިއެވެ. އަދި މޯބައިލް ފޯނަކުން އެންމެ ފުރަތަމަ ކޯލެއް ކޮށްފައިވަނީ 03 އޭޕްރީލް 1973 ގައެވެ. މިއަދު އެކި ބްރޭންޑްތަކުގެ އެކި ސައިޒުގެ އެކިއެކި ބޭނުންތަކަށް ޚާއްޞަކޮށްގެން އުފައްދާފައިވާ މޯބައިލް ފޯނު ލިބެން ހުރެއެވެ. މޯބައިލް ފޯނު ތަޢާރަފުވުމާއި ގުޅިގެން ކޮންމެ މީހަކުވެސް ފޯނެއް ހޯދުމަށް އަވަސްވެގަތެވެ. އެހެނީ އެއީ ނުހަނު ގިނަ ފަސޭހަތަކެއް އަދި ފައިދާތަކެއް ދިރިއުޅުމުގައި ހޯދައިދޭއެއްޗެކެވެ. ޢާއިލާ މީހުންނާއި ކޮންމެ ތަނެއްގައި ހުރެ ގުޅާ ވާހަކަ ދައްކާ ޙާލުބެލެއެވެ. ގާތް ރަޙްމަތްތެރިންގެ ޙާލު ބަލާ، ދިމާވާ ކަންކަމުގައި ޚިޔާލުދީ، ޚިޔާލު ހޯދާ މަޝަވަރާކުރެވެއެވެ. ދެމަފިރިއެއް ނަމަ އެކަކު އަނެއްކެގެ ޙާލުބަލާ، ދަރިންނާއި ވާހަކަ ދައްކާ ޢާއިލީގުޅުން ބަދަހި ކުރެވެއެވެ. އަދި މިޒަމާނުގެ ވިޔަފާރީގަ އާއި ހިންގުމުގެ ދާއިރާގައި މޮބައިލް ފޯނަކީ ވަރަށް މުޙިއްމު ރޯލެއް ކުޅޭ އެއްޗެކެވެ. އިންސާނާ ވާ ވައްދާލާ، ޢާ އިލާތައް ޙަލާކުކޮށް ރޫޅާލުމުގައި މޯބައިލް ފޯނަކީ ވަރަށް ބޮޑު ރޯލެއް ކުޅޭ އެއްޗެކެވެ. އެހެނީ މިޒަމާނުގައި ދިވެހި ޢާ އިލާތައް ރޫޅި، ދެމަފިރިން ވަރިވުމުގެ ސަބަބުތަކުގެ ތެރެއިން ދެވަނަ ނުވަތަ ތިންވަނަ އަދި ބައެއްފަހަރު ފުރަތަމަ ސަބަބަކަށްވެސް މޯބައިލް ފޯނުވެއެވެ. ދަންވަރު ނިދަން އޮއްވާ އަނބިމީހާގެ ފޯނަށް ނުދަންނަ އާ ނަމްބަރަކުން ގުޅާފާނެއެވެ. އެއީ ކާކުތޯ ބެލުމުގެ ނިޔަތުގައި އަނބިމީހާ ފޯނަށް ޖަވާބުދިނުމުން، ފިރިމީހާ ނިދީތަ؟ ކީއް ތިކުރަނީ؟ މިފަދަ ސުވާލުތަކެއް އަންނާނެއެވެ. ނިދިފިލާ ދިޔައީއެވެ. ދަންވަރު ދޭއް ނުވަތަ ތިނެއް ޖަހަންދެން އެމީހަކާއި ވާހަކަ ދެއްކުމުގައި ނުނިދާ ހޭލާ އޮވެއެވެ. ފިރިމީހާގެ ގޯސްވާހަކައާއި ހިތްހަމަޖެހޭ ވަރަށް ޚަރަދު ނުކޮށްދޭ ވާހަކައާއި އަދި އަމުދުން ނުދައްކަންވީ ވާހަކަ ކަމުގައިވާ ދެމަފިރިންގެ ޖިންސީ ގުޅުމުގެ ވާހަކަވެސް ހާމަކުރެއެވެ. ޖެހިގެން އަންނަ ދުވަހު ދެމީހުން ދެމީހުންނަށް ފޯނުން ފޮޓޯ ފޮނުވާ ދަންނަ ގާތް ދެރައްޓެހިންނަށްވެއެވެ. ފޯނުގައި ކޮންމެވެސް އަންހެން ނަމެއްޖަހައި އެއްކަލަ ނަމްބަރު ރައްކާކުރެއެވެ. ފިރިމީހާއަށް އޮޅުވާލާށެވެ. މިފަދަ ތިން ހަތަރު ނަމްބަރު، މިގޮތަށް ރައްކާ ކޮށްގެން ގެންގުޅޭނެއެވެ. މިއީ ދިވެހި މުޖުތަމަޢުގައި މިހާރު ވަރަށް ޢާއްމުކޮށް ހިނގަމުން އަންނަކަމަކެވެ. މާގިނައިން އަނބިމީހާ ފޯނުގައި ހުންނަކަން ފާހަގަކުރެވިގެން ފިރިމީހާ ސުވާލެއްކޮށްފިނަމަ އެއީ މިވެނި ރަށެއްގެ އައިޝާއެކޭ ނުވަތަ ފާތުން އެކޭ ބުނެ ފަރުޖައްސާލާނެއެވެ. ނަމަވެސް ފިރިމީހާގެ ހިތަށް ކެތްނުކުރެވިގެން، ތިމަންނަވެސް ތިޔަ ރައްޓެއްސަކާ ވާހަކަ ދައްކާލަން ބޭނުމޭ ބުނެ ފޯނު ދޭށޭ ބުނެފިނަމަ ފޯނު ދޭނެ ހަމަ އެއްމެ ގޮތެއްވެސް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. ވާހަކަ މިދައްކަނީ އަންހެނަކާނޫނެވެ. ފިރިހެނަކާއެވެ. އަނބިމީހާ ފޯނު ނުދިނުމުން، ފިރިމީހާ ގަދަކަމުން ފޯނު އަތުލައިގެން ބަލާއިރު މިވަނީ ފިރިހެނަކަށެވެ. މިހިސާބުން ދަރިއަކު ލިބިފައި ހުއްޓަސް އަދި ނެތަސް ދެމީހުންގެ މެދުގައި އޮތް އިތުބާރު ގެއްލި ދިރިއުޅުން ވިއްސިވިހާލިވީއެވެ. އަދި ދެމަފިރިން ވަރިވާ ހިސާބަށްގޮސް ފިރިމީހާ އަނބިމީހާ ވަރިކުރާނެއެވެ. ފިރިމީހާއަށް އަނބިމީހާ ދޮގު ހެދީމައެވެ. އޮޅުވާލީމައެވެ. ހަމަ މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ފިރިމީހާ ކަންތައް ކުރިކަމުގައިވީ ނަމަވެސް ބޭޒާރުވާ ދުވަހަކުން އަނބިމީހާ ފިރިމީހާއަށް ކުރާ އިތުބާރު ގެއްލިދާނެއެވެ. ތިމާގެ ފޯނަށް ނުދަންނަ ނަމްބަރުކުން ގުޅީމަ ނުވަތަ މެސެޖެއްކުރީމަ އެއަށް ޖަވާބުދާރީ ވެވެނީއެވެ. މިހެން އަންނަ ކޯލްތަކަށް ޖަވާބު ދިނުމަށްވުރެ ނުދިނުން ރަނގަޅުވެފަ ފައިދާ ބޮޑުވާނެއެވެ. އެހެނީ މިފަދަ ކޯލަކަށް ޖަވާބު ދީފިނަމަ ދެވަނަފަހަރަށްވެސް އޮންނާނީ ޖަވާބުދެވިފައެވެ. މިގޮތަށް ފޯނުން ވާހަކަ ދައްކަމުންގޮސް ފޮޓޯ ފޮނުވާ ދަންވަރު ލަވަބާޒީ ކުޅެ، މި ނާޖާއިޒް ގުޅުން ވަރަށް ބޮޑަށް ބަދަހިވެއެވެ. ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް އޮޅުވާލަނީ މިހިސާބުންނެވެ. އަހަރު ދެއަހަރުވެފައިވާ މިފަދަ ގުޅުންތައް ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް އެނގިގެން ވަރަށް ގިނަ ދެމަފިރިން ވަކިވެފައި އެބަހުއްޓެވެ. އެއްވެސް އަންބަކު ނުވަތަ ފިރއަކު އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އިތުރު މީހަކާ ނާޖާއިޒް ގުޅުމެއް އޮންނާކަށް ނޭދޭނެއެވެ. އަޅުގަނޑުގެ އެތައް ރައްޓެހިންނަކަށް މިކަން ދިމާވެފައި އެބަހުއްޓެވެ. މިފަދަ ވާހަކަތައް އަޑުއަހަމުންދާއިރު ހިތައް ވަރަށް އަސަރުކުރެއެވެ. ފުރިހަމަ ލޯބި ދީގެން، ބަރާބަރަށް ހުރިހާ ޚަރަދެއް ކޮށްދީގެން ރަށުގަ އަނބިމީހާ ކައިރީގަ އުޅެމުން ދާއިރުވެސް މިފަދަ އެތައް ޙާދިޘާއެއް ހިނގާފައި އެބަހުއްޓެވެ. ދިވެހިރާއްޖޭގައި މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ ޢަދަދު 350000 ށް ވުރެ ގިނައެވެ. މިއީ މި ޚިދުމަތްދޭ ފަރާތްތަކަށް ނުހަނު ފައިދާ ބޮޑުވާނެ ޢަދަދެކެވެ. ކުރިއަށް އޮތްތަނުގައިވެސް މިޢަދަދު ވާނީ އިތުރެވެ. މިޚިދުމަތްދޭ ފަރާތްތަކުން އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުން ވަރި މަދުކުރުމަށް ވަރަށް މުހިއްމު ފިޔަވަޅުތަކެއް އެޅިދާނެއެވެ. އެއީ ވިސްނާ ދުރާލައިގެން ކުރެވިދާނެކަމެކެވެ. ހަމަ ޖައްސަންވީ އުޞޫލްތަކެކެވެ. ޤަވާޢިދުތަކެކެވެ. ދެމަފިރިއެއްގެ ދެމެދުގައި މިފަދަ ކުންފުންޏަކުން ދޭ ޚިދުމަތަކުން މައްސަލަޖެހުމަކީ އެކަމާ އެއްވެސް މީހަކަށް އެ ކުންފުންޏެއް ގޯސްކުރެވޭނޭ ކަމެއް ނޫނެވެ. އަދި އެފަދަ ފަރާތްތަކާއި ވާބެހޭވެސް ކަމެއްނޫނެވެ. ނަމަވެސް ކުރެވިދާނެ ވަރަށްގިނަ ކަންތައްތއް އެބަހުއްޓެވެ. ފުރަތަމަކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނީ ކޮންމެވެސް ވަރެއްގެ އިތުރު އަގެއް ދައްކައިގެން ނަމަވެސް ދެމަފިރިންގެ ފޯނަށް އަންނަ ކޯލްތަކާއި ގުޅާ ކޯލްތައް ދެފޯނަށް ފެންނަގޮތް ހެދުމެވެ. ނުވަތަ އެފަދަ ކުންފުޔެއްގެ އޮފީހަށް ދިއުމުން ފިރިމީހާގެ ފޯނުން ނުވަތަ އަނބިމީހާގެ ފޯނުން ކޮށްފައިވާ މުޢާމަލާތްތައް ލިބޭނޭ ގޮތެއް ހެދިދާނެއެވެ. އަގެއް ދައްކައިގެން ކަމުގައިވިޔަސް އެންމެ ރަނގަޅު ވާނެއެވެ. އެހެންނޫނީ މުސްތަޤުބަލުގައި ރާއްޖޭގައި މޯބައިލް ފޯނުގެ ސަބަބުން ރޫޅޭ ޢާ އިލާތައް އިތުރުވާނެއެވެ. އެހެނީ މޯބައިލް ފޯނުން ނުކުރެވޭ ކަމެއްނެތެވެ. ފޮޓޯ ފޮނުވެއެވެ. ވާހަކަ ދެއްކެއެވެ. ވީޑިއޯ ކޯލް ކުރެވެއެވެ. އެދުން ފުއްދެއެވެ. ޓެކްސްޓް މެސްޖް ފޮނުވެއެވެ. މިހެންގޮސް އެތައްކަމެއް ކުރެވެއެވެ. އަދި މުސްތަޤުބަލުގައި މޯބައިލް ފޯނުން ކުރެވޭ ކަންތައްތައް ވާނީވެސް އިތުރެވެ. ދީނީ ގޮތުން ބަލާއިރު ފިރިމީހާ ނުރުހޭ ނުވަތަ ހިތްހަމަނުޖެހޭ މީހަކާ އަނބިމީހާ ވާހަކަ ދެއްކުމަކީ ހުއްދަވެގެން ވާކަމެއް ނޫނެވެ. މިގޮތުން ދީނީ ނަޞީޙަތް ދެއްވާ ބޭފުޅުންނަށްވެސް މިކަން ހުއްޓުވުމުގައި މުހިއްމު ރޯލެއް އަދާކުރެވިދާނެކަމަށް އަޅުގަނޑު ދެކެމެވެ. އެގޮތުން ރަށްރަށުގައި ދީނީ ނަޞީޙަތް ދެއްވާއިރު، މޯބައިލް ފޯނުން ނުދަންނަ ފިރިހެނުންނާއި ވާހަކަ ދައްކާ ފޮޓޯ ފޮނުވާ މެސެޖްކޮށް ހެދުމާއި އަދި ތިމާގެ ޢާއިލީ ހުރިހާ މައްސަލައެއް ނުދަންނަ ނުފެންނަ ފިރހެނުންނަށް ކިޔައިދީ، ފިރިމީހާގެ ހުރިހާ ވާހަކަތަކެއް ބޭޒާރުކުރުމަކީ ދީނީ ގޮތުން ބަލާއިރު ކިހާވަރެއްގެ ކަމެއްކަން އޮޅުންފިލުވައި ދެވިދާނެއެވެ. އަދި "ފޯން ސެކްސް ޖެއްސުމަކީ" ކިހާވަރެއްގެ ނުބައި ކަމެއްކަން ބުނެދެވިދާނެއެވެ. އަޅުގަނޑު މިގޮތަށް މި ހާމަކުރަނީ މިކަމުގައި ފިރިހެނުންނަށްވުރެ އަންހެނުން ކުރީގައި އުޅޭކަމަށް ފާހަގަ ކުރެވޭތީއެވެ. ނަރަކައިގައިވެސް އެންމެ ގިނަވާނީ އަންހެނުންނޭ ބުނާތީ އަޅުގަނޑު އަހަމެވެ. އަދި ގިނަ ފިރިހެނުން ނަރަކަވަންތަވެރިން ކަމުގައި ވާނީ އަންހެންވެރިންގެ ސަބަބުންނޭ ބުނާތީ އަހަމެވެ. ވީމާ، އަންހެންވެރިންނަށް މިކުރެވޭ ކަންތައް ރާއްޖޭގެ މީޑިއާ މެދުވެރިކޮށްގެން ނަމަވެސް އެމީހުންނަށް ވިސްނައިދޭން އެބަޖެހެއެވެ. ރާއްޖޭގެ މަޝްހޫރު ދެ ރޭޑިއޯ ސްޓޭޝަނަކުން މަތީގައި ދެންނެވުނު ކަންތައްތައް ދިވެހިން ލައްވާ ކުރުވާ އަދި އެކަމަށް ހިތްވަރުދީ މީހުންގެ މޯބައިލް ނަމްބަރުތައް ބަހާ، މީހުންގެ އަނބިންނާއި ހިލޭ ފިރިހެނުންނާއި އަދި ހިލޭ އަންހެނުންނާއި މީހުންގެ ފިރިންނާއި ވާހަކަ ދައްކުވާ ނާޖާއިޒް ގުޅުންތައް އުފައްދައިދޭ ދެ އެވެ. އެއީ އެކަމުގައި ފާޅުގައި މަސައްކަތްކުރާ ދެ ހަބެވެ. ނުވަތަ ދެހަރުގެއެވެ. މިއީ މި ދެޗެނަލް އަޑުއަހާ އެންމެހާ ދިވެހިރައްޔިތުން ދެކެދެނެ ހުރިކަމެކެވެ. އަދި މިޒަމާނުގެ ގިނަ އަންހެނުންނަށް މިފަދަ ރޭޑިއޯ ޗެނެލަކަށް ގުޅާ ކޮންމެވެސް ފިރިހެނަކާ ވާހަކަދައްކާފަ ނުވަތަ ލަވައެއް ކިޔާލައިގެން ނޫނީ ނިދޭ ކަމަކަށް ނުވާނެއެވެ. މިހެންކަމުން އަޅުގަނޑު މި ދެ ޗެނަލަށް ގޮވާލާނީ އެފަދަ މުޑުދާރު ޢަމަލުތައް މީހުން ލައްވާ ކުރުވުމުން ދުރުވެ، ދީނީ ނަޞީޙަތްތައްވެސް ގިނަގިނައިން ފޮނުވުމަށެވެ. ޚާއްޞަކޮށް ދައުލަތުގެ ޗެނެލަށް އަޑަށް ބާރުލައި މިހެން ގޮވާލަމެވެ. ސައުވީސް ގަޑިއިރު ލަވާއާއި މިއުޒިކު ފޮނުވުމާއި އަދި މީހުން ހައްދާ، އެމީހުން ލައްވާ ލަވަކިއުއްވާ ހެދުމަކީ ދީނީ ގޮތުން ބަލާއިރު މާރިވެތި އަދި އެދެވިގެންވާ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝާނާއި ބެހޭ ޤާނޫނަށް އިޞްލާޙް ގެނެސްގެން ނަމަވެސް މި 'ޒަމާނީ ޢާއިލީ މައްސަލަ' އިން މިކުޑަކުޑަ ދިވެހި މުޖުތަމަޢު ސަލާމާތް ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ޒިނޭކުރުން މަދުކުރުމަށްޓަކައެވެ. ރާއްޖެއިން ވަރި މަދުކުރުމަށްޓަކައެވެ. ދިވެހި ދަރިފަސްކޮޅު އޮޅުން ބޮޅުމެއްގެ ތެރެއަށް ދިޔަ ނުދިނުމަށްޓަކެއެވެ. އަޅުގަނޑުމެންގެ ޅަދަރީންނަކީ މަންމަ އާއި ބައްޕަގެ ލޯބިލިގެން ބޮޑެތިވާ ދަރީންތަކަކަށް ހެދުމަށްޓަކައެވެ. މިހެންގޮސް އެތައް މުންކަރާތްތަކަކުން ދިވެހިން ސަލާމަތްކުރުމަށް ޓަކައެވެ. ޙަޤީޤަތުގައި މައްސަލައަކީ މޯބައިލް ފޯނެއް ނޫނެވެ. އެކުރެވޭ ކަމަކީ ކިހާވަރެއްގެ ފާހިޝް ޢަމަލެއްކަން ނޭނގެނީއެވެ. ތިމާމެންގެ ޢަޤީދާ ބަލިކަށީއެވެ. އީމާންތެރިކަން ކުޑައީއެވެ. ހުޅަނގަށް ލެބެވެނީއެވެ. "ފޯން ސެކްސް ޖައްސާ" ހިތް ވަނީއެވެ. ތިމާ ހެއްދެވި ފަރާތްކަމުގައިވާ ކުޅަދުންވަންތަ މާތްﷲ ގެ މަތިން ހަނދާން ނެތެނީއެވެ. އާޚިރަތް މަތިން ހަނދާންނެތި ނަރަކަ އަކާއި ސުވަރުގެއެއް ވާކަމުގެ މަތީން ހަނދާންނުވަނީއެވެ. ނުވަތަ ހަނދާން ކުރަން ބޭނުން ނުވަނީއެވެ. ރާއްޖޭގައި ދީނީ ނަޞީޙަތް ދިނުން ވޭތިވެދިޔަ ތިރީސް އަހަރު ވަރަށް މަދެވެ. އަދި މިފަދަ ނޭގުމުގެ ތެރެއިން ކުރެވޭ ކަންތައްތައް ދީނީ ގޮތުން އޮންނަގޮތް ރާއްޖޭގެ އެއްވެސް ދީނީ ޢިލްމުވެރިއަކު ހާމަ ކުރަށްވާފައެއް ނެތެވެ. މިއަދުގެ ސަރުކާރުން ދީނީ ދަންނަ ބޭކަލުންނަށް، ދީނީ މަޢުޟޫތަކަށް ބަޙުޘްކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ދީފާވެއެވެ. ވީމާ، "މޯބައިލް ފޯނު... ޒަމާނީ ޢާއިލީ މައްސަލަ" މި މަޢޫޟޫއަށް ދީނީ ފަޠުވާ ދެއްވުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އަޅުގަނޑު ހަރުއަޑުން ގޮވާލަމެވެ. މިސްކިތްތަކުގައެވެ. ޖަލްސާތަކުގައެވެ. ރާއްޖޭގެ މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އަޑު އިއްވުމަށްޓަކައެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ސަމީޢު, 2009-05-28 00:23:02
މިއީ ވަރަށް ރަނގަޅުލިއުމެއް ވަރަށް ރަނގަޅު މަޢުލޫމާތެއް ރާއްގޭގައި ނޫނަސް މުޅިދުނިޔޭގައިވެސް މިކަން އެބަހިނގާ އަޅުގަނޑު ހީކޮށްގެން ހުރީ ރާޖެއާހަމައަށް މިކަން މިހައި ފުޅާކޮށް ނާންނަކަމަށް މިގޮތަށް މީހުންގެ އަނބިންނާ ފިރިންނަށް ގުޅަނީ އާމުގޮތެއްގައި ތަންކޮޅެއް ދޮށީ އުމުރިގެމީހުން ފޮޓޯއެއް ފޮނުވާށޭ ބުނާއިރަށް ފޮނުވާނީ ކޮންމެވެސް ޅަކުއްޖެއްގެ ފޮޓޯ އަޅުގަނޑުގެ25ހަކަށް އަހަރުގެ ރައްޓެއްސަކަށްވެސް އުމުރުން ސާޅިހުންމަތީގެ އަންހެނަކު ތިގޮތަށް ގުޅައިގެން އުޅުން ފޮޓޯވެސް ފޮނުވި ވަރަށް ރީތި ޅައަންހެން ކުއްޖެއްގެ ފޮޓޯފޮނުވަނީ އެއީ ދަރިއެއް ނުވަތަ މާމަ ދަރިއްގެ ފޮޓޯހެން ހީވަނީ މިކަން ފަޅައިއެރިދުވަހު ވަރައްފޯރިހުރި.....
...
ލިޔުނީ އިއްމަ, 2009-05-28 09:18:06
"ރާއްޖޭގެ މަޝްހޫރު ދެ ރޭޑިއޯ ސްޓޭޝަނަކުން މަތީގައި ދެންނެވުނު ކަންތައްތައް ދިވެހިން ލައްވާ ކުރުވާ އަދި އެކަމަށް ހިތްވަރުދީ މީހުންގެ މޯބައިލް ނަމްބަރުތައް ބަހާ، މީހުންގެ އަނބިންނާއި ހިލޭ ފިރިހެނުންނާއި އަދި ހިލޭ އަންހެނުންނާއި މީހުންގެ ފިރިންނާއި ވާހަކަ ދައްކުވާ ނާޖާއިޒް ގުޅުންތައް އުފައްދައިދޭ ދެ ހަބެވެ."
މިޖުމްލައިގެ ފެށުމާއި ނިމުން ނުގުޅޭ ކަން ފާހަގަކުރަން ލިޔުމަކީ ހަޤީޤަތުގައި ދިވެހި މުޖުތަމަޢަށް ދީފައިވާ ވަރުގަދަ މެސެޖެއް. ޢަލީގެ ލިޔުމަށް އަޅުގަނޑު ތާޢިދު ކުރަން
... ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-05-28 20:26:03
މިލިޔުން ލިޔުއްވި އަޅުގަނޑު ލޮބުވެތި އަޚާއަށް ފަށްފަށުން ޝުކުރުގެ ބަސްތައް ދަންނަވަމެވެ. މިއީ އަސްލުގައި ކަންހިނގާ މަގުކަމާއި މެދު އަޅުގަނޑުގެ ހެކިވަމެވެ. ވަރަށް ދެރަ ހިތާމަހުރި ކަމެކެވެ. ނަމަވެސް މިއަދު މިދިވެހި މުޖުތަމަޢު މިވަނީ މިފަދަ ކަންކަން ވިސްނައިވެސް ނުގަނެވޭނޭފަދަ، ދަރަޖައަކަށް އަޚްލާޤީ ގޮތުންނާއި ، އިޖްތިމާޢީ ގޮތުން ފުންމިންނޭގޭ އަނދިރި ވަޅަކަށް ވެއްޓިފައެވެ. މުޖުތަމަޢުގައި ހުރި މިފަދަ ބޮޑެތި މައްސަލާތަކަށް އަވަސް ނަޒަރެއް ހިންގައި ތަންފީޒީ ގޮތެއްގައި އިސްލާޙުގެ މަގަށް ފިޔަވަޅުތަކެެއް އެޅުން މިހާރު މާބޮޑުތަން ލަސްވެއްޖެ ކަމުގައި ފެނެއެވެ. އަޅުގަނޑު ގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ވަރަށް އާދޭހާ އެކު ދަންނަވަމެވެ. އިންސާނާ ދިރިއުޅުމުގައި މިފަދަ ނޭދެވޭ ކަންކަމާއި ކުރިމަތިލާންޖެހެއެވެ. ނަމަވެސް ތިމާގެ އަމިއްލަ ނަފްސަށް ތެދުވެރިވާ މީހުން ފިޔަވައެވެ. އަޚުންނޭވެ. ތައުބާގެ ތަނަވަސް ދޮރު އިންތިޒާރު ކުރަނީ ތިޔަ އަޚުންގެ އިޚްލާޞްތެރި ތައުބާއަށެވެ. އަވަސްވެގަންނާށެވެ. ދޮރުބަންދުވުމުގެ އަލާމާތްތަށް ފެނުމުގެ ވަޤުތު ކުޑަތަންވަނީއެވެ. އެފަހުގައި ތައުބާވުމެއް، ތައުބާލެއްވުމެއް ވެސް ނުވެއެވެ. މާތް ﷲގެ ރަޙްމަތުގެ ދަރުބާރު ހައްދެއްނެތްހާ މިންވަރަށް ތަނަވަސް ވެގެންވެއެވެ. އަވަސް ވެގަންނާށެވެ. ތައުބާ ވުމަށްޓަކައި މިއީ ތިބާއަށް ލިބޭ އެންފަހުގެ ސިކުންތު ނުވަތަ ފަޅިސިކުންތު ކަމުގައި ވުމީ ހަމަގާތް ކަމެކެވެ. އަވަހަށް އިޚްލާޞްތެރި ހިތަކާއިގެން މާތް ﷲގެ ރަޙްމަތައް އެދި ތައުބާ ވާށެވެ. ތިބާ (އަދި މިނިކަމެތި އަޅާވެސް ޝާމިލުވާ ޙާލު) ގެ ތައުބާ ޤަބޫލު ކުރެއްވުމުގައި މާތްﷲ ފުދިވޮޑިގެންވެއެވެ. ކޮންމެ އިންސާނަކަށް ވެސް ފާފަ ކުރެވޭނެއެވެ. ކުދިކުދި ފާފައިން ފެށިގެން ބޮޑެތިވެގެންވާ ފާފަތަކެވެ. ނަމަވެސް މާތް ﷲށް ޝަރީކު ކުރުން ފިޔަވައި ކޮންމެ ފާފައަކަށްވެސް ތައުބާވެއްޖެ ނަމަ އެކަލާނގެ އިރާދަ ކުރެއްވި އަޅަކަށް ތައުބާލައްވައެވެ. އުއްމީދުން ފުރިގެންވާ ހިތްތިރި ހިތަކާއިގެން މާތްﷲގެ ޙަޟްރަތަށް ތިބާ ޙާޟިރުވެ ތައުބާ ވެއްޖެނަމަ ތިބާގެ ތައުބާ ޤަބޫލު އެކަލާނގެ ޤަބޫލު ކުރައްވާނެވެ. އެކަލާނގެ ވަޢުދުފުޅަކީ ތެދުވެގެންވާ ޙައްޤެވެ. އެއަކަށް ބަދަލު އައުމެއް ނުވެއެވެ. ޔާ ﷲ އަޅަމެންވަނީ އަމިއްލަ ނަފްސަށް ހައްދެއް ނެތްގޮތުގައި އަނިޔާވެރިވީ މީހުންގެ ތެރިއިންނެވެ. ފަހެ އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވައި، އަޅަމެނަށް އިބަރަސްކަލާނގެ ރަޙްމަތް ނުލައްވައިފިނަމަ އަޅަމެން ވާހުށީ ގެއްލެނިވެ ހަލާކުވެެގެންވާ މީހުންގެ ތެރެއިންނެވެ. ފަހެ އަޅަމެން އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެންގެ ފާފަތައް ފުއްސެވުމަށް އެދި ދުޢާދަންނަވަމެވެ. އިނބަރަސްކަލާނގެއީ ގިނަގިނައިން އަޅުތަކުންގެ ދުޢާ އިޖާބަ ކުރައްވާ އަޅުތަކުންގެ މައްޗަށް އޯގާވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ފަހެ އަޅަމެންނަށް ފާފަ ފުއްސަވާ މިދުނިޔެމަތީގެ ޢަޒާބުންނާއި، ކައްވަޅުގެ ޢަޒާބުންނާ، ނަރަކައިގެން ޢަޒާބުން އަޅަމެން މުއްތިކުރައްވައި ސަލާމަތްކުރައްވައި ފާންދޭވެ. އިނބަރަސްކަލާނގެ ރަޙްމަތުގެ ދޮރު ތަނަވަސްވެގެންވެއެވެ. އިނބަރަސްކަލާނގެއީ އިނބަރަސްކަލާނގެ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ޖައްބާރުވަންތަ ޤައްހާރުވަންތަ އިލާހެވެ. ފަހެ އަޅުތަކުންވަނީ އިނބަރަސްކަލާނގެ އެހީތެރިވަންތަކަމާއި، މަދަދަށް އިންތިހާއަށް ބޭނުންވެގެންނެވެ. ފަހެ އަޅަމެންގެ މަށްޗަށް އޯގާވަންތަވޮޑިގެން، ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގަށް މަގުދައްކަވާއި، އެމަގަށް އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވައި، އިބަރަސްކަލާނގެ ޙަޟްރަތަށް އައުމަށް އަޅަމެން ގޮވައިލެވިއްޖައުމަށް ދާންދެން ތެދުމަގުތި ސާބިތުވުމެގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. އާމީން ޔާރައްބަލް ޢާލަމީން.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |