ފަންވަތް ދިވެހި އިޖުތިމާޢީ ލިޔަންކިޔަން ދަތުމުގެ ޙަޤީޤީ މާނަ
ބެލި ޢަދަދު: 935
ލިޔަންކިޔަން ދަތުމުގެ ޙަޤީޤީ މާނަ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
28 މެއި 2009، 00:07 ބުރާސްފަތި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު- ލ. މާވަށް

ލިޔަންކިޔަންދަތުމަކީ ހަމަ އެކަނި ލިޔަންކިޔަން އެނގުމެއްނޫނެވެ. ލިޔަންކިޔަން ދަތުމުގެ މާނަ ލިޔަން ކިޔަން އެނގުމަށްވުރެ މާ ފުޅަލެވެ. އެހެން ގޮތަކަށް ދަންނަވާނަމަ "ލިޔަންކިޔަން ދަތުމުގެ" މާނައަކީ އަކުރެއްގައި ފިލިޖެހީމާ ކިޔާ ގޮތާއި ހަށަނަރަބަޅައިގެ އަކުރުތަކުގައި ފިލި ޖަހައިގެން ލިޔެލަން އެނގުމެއް ނޫނެވެ. އަދި އެކަކުން ސަތޭކައަށް ވިޔަ އަކުރުން ލިޔެ ގުނަން އެނގުމެއް ވެސް ނޫނެވެ. އިސްވެ ދެންނެވި ފަދައިން ލިޔަންކިޔަން ދަތުން ނުވަތަ ލިޓަރެސީ ގެ މާނަ އެޔަށް ވުރެ މާ ފުޅަލެވެ. މާ ތަނަވަހެވެ. ލިޔަންކިޔަން އެނގޭ މީހެއް ނަމަ ފޮތް ކިޔައިގެން މުނިފޫހި ފިލުވައި މަޖާކުރަން އެނގޭނެއެވެ. ކިޔުމުގެ ތެރެއިން ގިނަ މާއްދާތަކެއްގެ މަޢުލޫމާތު ހޯދަން އެނގޭނެއެވެ. އެ މީހެއްގެ ޚިޔާލާއި ފިކުރު އެހެން މީހުންނާ ޙިއްސާކުރުމަށްޓަކައި ލިޔުމުގެ ބޭނުންކުރަން އެނގޭނެއެވެ.  އަދި ތަނަވަސް ޚިޔާލުތަކާއި އާ ތަޞައްވުރުތައް ލިބިގަތުމުގެ ޝައުޤާއި ޤާބިލިއްޔަތު އޭނާއަށް ލިބިފައިވާނެއެވެ. ކުރުކޮށް ދަންނަވާނަމަ ލިޔަންކިޔަން ދަތުމުން އިންސާނާގެ މުޅި ވުޖޫދު ހުޅުވާލައެވެ. ފުޅާކޮށްދެއެވެ. އެހެނީ ލިޔަންކިޔަން އެނގުމަކީ އުނގެނުމުގެ ބިންގަލެވެ. ޢިލްމުގެ ދޮރޯއްޓެވެ. އަނެއް ކޮޅުން ބަލާއިރު ލިޔަންކިޔަން ނު ދަތުމަކީ އޭނާގެ ދުނިޔެ ހަނިކޮށް ބަންދުކުރާ އެއްޗެކެވެ. އުނގެނުމުގެ ދޮރު ހުޅުވިގެން ދާނީ ލިޔަންކިޔަން އެނގިގެންނެވެ.

[ނޭނގުމަށް ވުރެ ވަކިން ދެރަކަމެއް ހަމަ ނެތޭ
                        އޭގެ ގެއްލުމުގެ ޙައްދެއް ހިސާބެއް ނެތޭ]

ދުޅަހެޔޮކަމާއެކު ފުރިހަމަ ޞިއްޙަތެއްގައި ދިރިއުޅުމުގެ ބާރު، ލިޔަންކިޔަންދަތުމުން އިންސާނާއަށް ލިބިދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކުރިއަރައިފައިވާ ޤައުމުތަކާއި ފަޤީރު ޤައުމުތަކުގައިވެސް ޞިއްޙަތު ދެރައީ އަދި ޞިއްޙަތަށް ކުރަން ޖެހޭ ޚަރަދު އިތުރީ ލިޔަންކިޔަން ނުދަންނަ މީހުންގެ ތެރޭގައެވެ. ލިޔަންކިޔަން ދަތުމަކީ ޞިއްޙަތުގެ ވަރަށް ފުޅާ ތަޢާރުފެއްގެ ބަޔެކެވެ. ވިސްނުމުގައި ދިރުމާއި އަޑު އެކުލެވޭ، ޖިސްމާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވުމުގެ އެންމެ މުހިއްމު އަސާސަކީ ލިޔަންކިޔަން ދަތުމެވެ.

ކިޔުމުގައި މައްސަލަ ހުރުމަކީ ކުޑަކުދީންގެ ޞިއްޙަތަށްވެސް ނުރައްކަތެރި ކަމެކެވެ. ލިޔަންކިޔަން ނޭނގޭ ކުދީން އެކުދީންގެ އަމިއްލަ ނަފުސާ މެދު ދެކޭނީ ވަރަށް އިދި ނަޒަރަކުންނެވެ. އެފަދަ ކުދީން އެކުދީންނަކީ "ގަމާރު" ކުދީން ކަމަށް އަމިއްލައަށް ކަނޑައަޅައެވެ. އެހެން ކަމުން މިފަދަކުދީންނަކީ އުޅުން ގޯސް ކުދީންނަށް ވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. ތަފާތު ޖަރީމާތައް ހިންގުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު މިފަދަ ކުދީންނަށް ބޮޑެވެ. މިފަދަ ކުދީން ނަކީ ގިނަ ފަހަރަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ބަލިކަށި ކުދީންނަށް އޮންނަނީ ވެފައެވެ.

ކުޑަކުދީންގެ އެނމެ ޅަފަތުގައި ފޮތުގެ ދުނިޔެ އެކުދީންނަށް ހުޅުވައިލައި ދީފިނަމަ އެކަމުގެ ލާބަޔާއި މަންފާ ވަރަށް ފަހި ގޮތެއްގައި އެކުދީން ނަށް ފެންނާނެއެވެ. އެކުދީންގެ ތުއްތު ދުވަސްވަރު ފޮތެއް ހުޅުވައިގެން އެކުދީންނާއެކު އިށީނދެއްޖެ ނަމަ ވަރަށް ޙައިރާންކުރުވަނިވި ކަންތައްތައް ފާހަގަކުރެވެއެވެ. ތަޞްވީރަކާ މެދު ވާހަކަދައްކަމުން ދާއިރު އާ ލަފުޒުތަކާއި އުފެއްދުންތެރި ޚިޔާލުތަކަށް އެކުދީންގެ ސިކުނޑި ހުޅުވިގެންދެއެވެ. ކުދީންނާއެކު ފޮތްކިޔަމުން ގެންދާނަމަ އަދި އަލުން ހަމަ އެފޮތް ކިޔުއްވާނަމަ އެއީ ލަފުޒުތައް ގުޅިގެން އަންނަ ގޮތާއި އާ ޖުމުލަތައް ހެދުމަށް އެކުދީންނަށް ހުޅުވައިދެވޭ ފުރުޞަތެކެވެ. މިކަމުގެ ސަބަބުން ކުދީންގެ ހިތްތަކުގައި ފޮތަށް ލޯބިކުރުމުގެ ރޫޙު އަށަގަންނާނެއެވެ. އަދި މައިން ބަފައިން ދެކެ ވާ ލޯބި ވެސް މިކަމުގެ ސަބަބުން އިތުރުވެގެން އަންނާނެއެވެ. އެހެނީ ފޮތާއި މައިން ބަފައިންނާ ދެމެދުގައިވާ ގުޅުން އެކުދީންނަށް ފާހަގަކުރެވޭނެއެވެ.

އަޅުގަނޑުމެންގެ ދަރިފުޅަށް ވާހަކައެއް ކިޔައި ދިނުމުން އެއީ އެކުދީން ޝައުޤުވެރިވާ ވާހަކައެއް ނަމަ އަލުން އަދި އެތައް ފަހަރަކު ކިޔައި ދިނުމަށް އެދިދާނެއެވެ. ދަރިފުޅަށް ފަރިތަ އެ ވާހަކަ އެހާ ގިނައިން އަޑުއަހަން ނުވަތަ ކިޔަން އެ ޝައުޤުވެރިވަނީ ކީއްވެގެންކަމާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި ސުވާލު އުފެދިދާނެއެވެ. އެކަމަކު، މިފަދަ ތަކުރުރާރު ކުރުންތަކަކީ، އެއިން ކޮންމެ ފަހަރަކުވެސް އެ ކުދީންނަށް އާ ކަންތައްތަކެއް ދަސްވަމުން އަންނަ ކަމުގެ ފާޅުކަން ބޮޑު ހެތްކެކެވެ. އަދި އެކުދީން ކުޅެން އުޅުމުގައި އެ ފަދަ ވާހަކަތަކުގެ ލަފުޒު ބޭނުންކޮށް އުޅޭ ނަމަ "މިސާލަކަށް: އެއް ސަހަރެއްގައި އުޅުނޭ ...... " މިފަދަ ގޮތަކަށް އެކުދީންގެ އަމިއްލަ ވާހަކަތއް ހަދައިގެން ކިޔަން ފަށައިފި ނަމަ އެއީ ކުދީންނާ އެކު ފޮތްކިޔުމުގެ ތެރެއިން އުފެއްދިފައިވާ ފޮތް ކިޔުމުގެ ހިތްވަރެއްކަން ޔަޤީނެވެ.

ކުދީންނަށް ވާހަކަ ކިޔައި ދިނުމުގެ ބަދަލުގައި ކުދީންނާއެކު ވާހަކަ ކިޔުން މާ މުހިއްމެވެ. މިއީ ހަމަ އެކަނި ތުއްތު ދަރިފުޅަށް ލިބޭ ފައިދާއެއް ނޫނެވެ. މިކަމުގެ ސަބަބުން ތިމާއަށްވެސް ބޭނުންތެރި ގޮތެއްގައި ވަގުތު ހޭދަކުރެވެނީއެވެ. އަދި މިއީ އެކަމުގެ ސަބަބުން ތިމާގެ މުނިފޫހިވެސް ފިލާނެ ކަމެކެވެ.
ލިޔަންކިޔަން ދަތުމުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން އެކަން ކުރަން ޖެހޭނީ އެއީ އެކަމުގެ ސަބަބުން ތިމާ އަށާއި ތިމާގެ ދަރީންނަށް ދުނިޔެ ފުޅާކޮށް ހުޅުވައިލަދޭނެ ކަމަކަށް ހެދުމަށެވެ. އެކަމުގެ ސަބުން އުނގެނުމަށް މަގު ފަހިކޮށްދޭނެ ކަމަކަށް ހެދުމަށެވެ. ފިކުރާއި ޚިޔާލު އެހެން މީހުންނާ ލިޔުމުން ޙިއްސާ ކުރުމުގެ ކުޅަދާނަކަން ލިބި އެހެން މީހުންގެ ލިޔުންތަކުން ތިމާގެ މަޢުލޫމާތު މުއްސަނދިވެ ތަރައްޤީގެ މަގުތައް ހުޅުވިގެން ދާނެ ވަސީލަތަކަށް ހެދުމަށެވެ. ލިޔަންކިޔަން ދަތުމުގެ ޙަޤީޤީ މާނައަކީ މިއީއެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ސަމީޢު, 2009-05-28 02:06:12
މިހާރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރުގެ ފޮޓޯ ބަދަލުވެއްޖެއެވެ. ނަމަވެސް އަދިލިޔުންތަކެއްބަދެލެއްނުވ
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2009-05-29 16:57:39
ވަރަށް ބޭނުންތެރި ދާ އިރާއަކުން، ވިސްނުން ހުޅުވާލައިދޭނެ ލިޔުމެއްކަމަށް ފެނެ އެވެ. ލިޔަން ކިޔަން ދަތުރުމުގެ މަފުހޫމު ގިނަ ބަޔަކަށް ލިބިފައި އޮންނަ ހަނި، ދަތި، ގޮތް ތަނަވަސް ކޮށްލައި ދެއްވީތީ އެވެ. ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނުގެ ލިޔުއްވުމެއްގައި އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެ ޒަމާނުގެ ދިވެހިންނަކީ ފޮތްތެރި ބައެއް ނޫނެވެ. ޢަޒީ ތިޔަ ވިދާޅުވާ ފަދައިން، ލިޔެކިޔުމުން މަޖާ ކުރަން ދަންނަ ދިވެހިން މަދެވެ. އޭރު ވެސް މިހާރު ވެސް މަދެވެ. ގިނައެއް ނޫނެވެ. ޚާއްޞަކޮށް ޢިލްމީ އަދަބީ ލިޔުންތަކުން ފިކުރު މުއްސަނދި ކުރުމުގެ ޝައުޤު ހުންނަ މީހުން އެހާ ގިނައެކޭ ދެންނެވޭކަށް ނެތެވެ. އެކަން ފިލުވައިލައި ފޮތްތެރިކަން ތަރައްޤީ ކުރުމަކީ ޤައުމު ބިނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ލިޔަން ކިޔަން ދަތުމަކީ ހަމަ އެކަނި ''ކުޑަފޮތްލިބުން'' ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮތް އޮތުމުގެ ކުށް ވިސްނުން މި ލިޔުން ވިދާޅުވެއްޖެ އެފަދަ ކޮންމެ ފަރާތެއްގެ ސިކުނޑިން ފިލައި ހިނގައްޖެ ނަމަ ހާދަ ރަނގަޅުވާނެ އެވެ.
...
ލިޔުނީ ގަސްކަރަ, 2011-03-30 02:46:51
ވަރަށް ރަނގަޅު ލިއުމެކެވެ. އުސްތާޒު ނަސީރުގެ ހިޔާލުފުޅަށްވެސް ތާއީދެވެ. އަމައެއާއެކު ތިވިދާޅުވި ފަދައިން ދިވެހިން ފޮތްތެރި ބަޔަކަށް ނުވާ ސަބަބާދޭތެރޭ ވިސްނާލުމަކީވެސް ހަމަރަނގަޅު ކަމެކެވެ. ދިވެހިބަހުން ލިޔެފަ ހުންނަ ފޮތެއްކިޔާލަން ލިބުން އޮންނަނީ ދަތި ކަމަކަށް ވެފައެވެ. ހާއްސަކޮށް އަތޮޅު ތެރޭގަ އުޅުއްވާ ބޭފުޅުންނަށް މިދަތި ބޮޑެވެ. މިކަން ނިމުމަކަށް ގެނައުމަށްޓަކައި ދިވެހި ލިޔުންތެރިން މިފަދަ އިންޓަނެޓު ސައިޓު ތަކުގައި ގިނަލިޔުންތަކެއް ޝާއިރު ކުރައްވަން އެބަޖެހެއެވެ. ހަމަ މިނޭވާގައި ފަންވަތުގެ ހިންގުންތެރީންނާއި ލިޔުންތެރިން ތިޔަކޮއްދެއްވާ އަގުނުކުރެވޭ ޙިދުމަތައް ޝުކުރު ފައްފައް ކުރަމެވެ. އަޅުގަނޑުމެންގެ ހެޔޮއެދުންތައް ވަނީ ތިބޭފުޅުންނާއި އެކުއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 935
extra avandia and congestive heart failure