މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އަމާޒު |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 15 ޖޫން 2009، 09:54 ހޯމަ | |||
|
ޝިފްޒާން އަޙްމަދު ޖާހިލިއްޔަ ޒަމާނުގެ މަޝްހޫރު ޢަރަބި ޅެންވެރިއެއްކަމުގައިވާ އީލިޔާ އަބީ މާޟީ ވިދާޅުވެފައިވެއެވެ. "އަހަރެން އަތުވެއްޖައިމެއެވެ. އެކަމަކު އަހަރެންއައީ ކޮންތާކުންކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ނަމަވެސް އަހަރެން މިހިރީ އައިހެވެ. އަހަރެންނަށް ކުރިމަތިން މަގެއްފެނުމުން އެމަގުން ހިގައިގަތީމެވެ. ރުހުނަސް ނުރުހުނަސް އެމަގުން ހިގުންނޫން އެހެން ގޮތެއް އަހަންނަކަށް ނެތެވެ. އަހަރެން އައީ ކިހިނެއް ކީއްކުރަން ހެއްޔެވެ؟ މިސުވާލުގެ ޖަވާބެއް ވެސް އަހަންނަކަށް ނޭނގެ އެވެ." މިއީ މިދުނިޔެއަށް އަހަރުމެން ފޮނުއްވި ސަބަބު ނުދަންނަ ބައަކު މިދުނިޔޭގެ ދިރިއުޅުމާ މެދު ގެންގުޅެފާނެ ފަލްސަފާއެކެވެ. އެކަމަކު މި ފިކުރަކީ އިސްލާމީ އުޞޫލުތަކަށް ބޯލަނބާ، އިސްލާމްދީން ޤަބޫލުކުރާ ބަޔަކު ޤަބޫލުކުރުން ހުއްދަވާނެ ފިކުރެއްނޫނެވެ. ހިތާމައަކީ އަހަރުމެންގެ ތެރެއިން ގިނަ ޒުވާނުންގެ ފިކުރަކީ އީލިޔާ އަބީ މާޟީގެ ފިކުރު ފަދަފިކުރަކަށްވީކަމެވެ. ގޯޅިގޯޅި ކަންމަތިތަކުގައި ސަކަރާތް ޖެހުމުގައި ރޭދުވާ ހޭދަކޮށްލުމަކީ ޒުވާނުންގެ އާދައެއްކަމުގައިވެއްޖެ އެވެ. ދިރިއުޅުމުގެ އަމާޒަކީ ކޮބައިކަން މި އަދުމިވަނީ އޮޅިފައެވެ. ކެފޭތަކުގައި ކޮފީ މޭޒުދޮށުގައި އަނގަތަޅާލަން ތިބުމަކީ ޒުވާނުންގެ ދިރިއުޅުމުގެ މަންޒިލް މަޤުޞޫދުކަމުގައި ހީވާންޖެހިއްޖެ އެވެ. އާ ފެޝަންތަކާ އެއްގޮތަށް ތިމާގެ ބުރުޞޫރަ ބަދަލުކޮށް، އަނެއްޖިންސުގެ ޒުވާނުންގެ ހިތްތައް އަތުލެވޭނެ ގޮތަށް ތިމާ ހުރުން އެއީ ވަރަށް މުހިންމު ކަމެއްކަމުގައި މި އަދުމިވަނީ ވެފައެވެ. ޒުވާނާއެވެ. ތިބާ މިދުނިޔެއަށް ފޮނުއްވުނީ ހަމަތިޔަ ގޮތަށް އުޅެންހެއްޔެވެ؟ ތިބާ މިދުނިޔޭގައި އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ތިބާގެ ދިރިއުޅުމުގެ އަމާޒަކީ ކޮންކަމެއްހެޔެވެ؟ ތިބާގެ ލަނޑުދަނޑިއަކީ ކޮބައިހެއްޔެވެ؟ މިސުވާލުތަކަށް އެންމެ ރަނގަޅު ޖަވާބެއް ހޯދަން މިމަޒުމޫނު ނިކަން ކިޔައިލާށެވެ. ޙަޤީޤީ ޒުވާނުން: ޒުވާނާއެވެ. ޒުވާނުންކުރެ ޙަޤީޤީ ޒުވާނުންނަށް ބަލައިލާށެވެ. ޢަލީ ބިން އަބީޠާލިބު: އެކަލޭގެފާނުގެ ޢުމުރުފުޅުން ވިހިއަހަރުފުޅުގައި މާތް ނަބިއްޔާގެ ދާންކޮޅުގައި ހިޖުރައިގެ ނުރައްކާތެރި ވަގުތުގައި ހޭދަ ކުރެއްވިއެވެ. ނަބިއްޔާއަށް އެކަލޭގެފާނު މި މުހިއްމު މަސައްކަތަށް އެކަށީގެންވާކަމަށް ޤަބޫލުކުރެއްވުނެވެ. އެހެންކަމުން މި ޒިންމާ އެކަލޭގެފާނާ ޙަވާލުކުރެއްވީއެވެ. އަސްމާ ބިންތި އަބީބަރު: އެކަމަނާގެ އުމުރުފުޅުން އެންމެ ތޭވީސް އަހަރުފުޅުގައި ހިޖުރައިގައި ރަސޫލުﷲއަށް އެހީތެރިވެވަޑައިގަތެވެ. އަދި އެކަމަނާގެ ބައްޕާފުޅަށާއި ރަސޫލާއަށް ފަރީއްކޮޅު ފޯރުކޮށްދެއްވުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގަތެވެ. މުޞްޢަބު ބިން ޢުމައިރު: މަދީނާއަށް މުދައްރިސެއްގެ ގޮތުގައި ނަބިއްޔާ ފޮނުއްވީ މިކަލޭގެފާނެވެ. އެކަލޭގެފާނުގެ ޢުމުރުން ކިހާވަރެއްހެޔެވެ؟ އެންމެ އަށާރަ އަހަރެވެ. މުޢާޛުބިން ޖަބަލު: ޔަމަނުގެ އަހުލުވެރިންގެ ތެރެއަށް ނަބިއްޔާ ފޮނުއްވި ޞަޙާބީ އެވެ. އެއިރު އެކަލޭގެފާނުންގެ ޢުމުރުފުޅުންވާނީ ކިތައްއަހަރުކަމަށް ހެއްޔެވެ؟ އެކަލޭގެފާނުގެ ޢުމުރުފުޅަކީ އެންމެ ވިހިއަހަރުފުޅެވެ. މިޒުވާނުންނަށް ބަލައިލުމުން އެނގުނީ ކޮންކަމެއްހެއްޔެވެ؟ އޭ ޒުވާނާއެވެ. ތިބާއަކީ ވަރަށް މަތިވެރި، އަގުބޮޑު ޚަޒާނާއެކެވެ. ތިބާގެ އަގު އަމިއްލައަށް ވައްޓައިލާ އަމާޒެއްނެތި ދިރިއުޅުމުގެ ކަނޑުގެ އޮއިގައި ބެހިގެންދާ ކަނދުގަނޑަކަށް ތިބާ ތިވަނީ ކީއްވެހެއްޔެވެ؟ ޝައިޠާނާގެ ކަނޑުމަތި އެޅުމެއްގައި ހަތަރު އުދަރެސް ފެނުޖެހިގެންދަނީހެއްޔެވެ؟ އަހަރެމެން މިދުނިޔޭގައި ލެއްވުމުގެ ބޭނުމަކީ..... އަހަރުމެން އުފެއްދެވީ ކީއްވެގެންހެއްޔެވެ. ކޮން ބޭނުމަކަށްޓަކައިހެއްޔެވެ. ހަމައެކަނި ކައިގެން ބޮއިގެން އުޅެލަންހެއްޔެވެ؟ ނުވަތަ ކާވެނިކޮށް ދަރިންހޯދުމަށްފަހު ދުނިޔެއަޅައި ދާންހެއްޔެވެ؟ ނުވަތަ އަހަރުމެން އުފެއްދެވުނީ އެއަށްވުރެ މަތިވެރި މާތް މަޤުޞަދަކަށްޓަކައިހެއްޔެވެ؟ ދުނިޔެއަށް ނޭވައިލައި މިދުނިޔޭގައި އުޅެ މަރުވެގެންދިޔަ ވަރަށް ގިނަމީހުންނަށް އެބައިމީހުން މިދުނިޔެއަށް ފޮނުއްވުނު މަޤުޞަދެއް ނޭނގެއެވެ. އެފަދަ މީހުން މި ދުނިޔެއާމެދު އެކިކަހަލަ ފަލްސަފާތަކެއް އުފަންކުރިއެވެ. މިސާލަކަށް ދަންނަވާނަމަ އަފްލާޠޫން ބުންޏެވެ. ''މާތްﷲ މި ދުނިޔެ އުފެއްދެވުމަށްފަހު މި ދުނިޔެ މަތިން ހަނދުމަފުޅުނައްތަވައިލެއްވިއެވެ. އަދި މިދުނިޔެ އިހުމާލުކުރެއްވިއެވެ.'' އަދި ހުޅަނގުގެ ޘަޤާފަތުގެ އަހުލުވެރިން ބުނެއެވެ. ''މިދުނިޔެއަކީ މަޖާކޮށްލާ އުފާކުރަން އޮތްތަނެކެވެ. މިދުނިޔޭގެ ދިރިއުޅުމުގެ ލަނޑުދަނޑިއަކީ މަޖަލާއުފާކުރުމެވެ. އަރާމު ޙާޞިލުކުރުމެވެ.'' މިދެންނެވުނީ ލަނޑުދަނޑިއެއް ނެތް ދިރިއުޅުމުގެ ފަލްސަފާއެވެ. އެންމެހާ ކަންތައްތަކުގެ އުޞޫލުތައް ހިމެނިގެންވާ ފުރިހަމަ ދީންކަމުގައިވާ އިސްލާމްދީނުގައި ދިރިއުޅުމަށް ވަނީ ލަނޑުދަނޑިއެއް ދައްކަވައިދެއްވާފައެވެ. ފުރިހަމަ ލަނޑުދަނޑިއެކެވެ. އެހެންކަމުން ބަޔާންކުރެވުނު އޮއްޓަރެއްނެތް ފަލްސަފާތަކަކީ މުސްލިމް ޒުވާނާގެ ހިތުން ޖާގަދެވިގެންވާނެ ފަލްސަފާތަކެއްނޫނެވެ. އޭޒުވާނާއެވެ. ތިބާގެ ދިރިއުޅުމުގެ ލަނޑުދަނޑި މާތްﷲވަނީ އެކަލާނގެ ފޮތުގައި ބަޔާންކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވައެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِމާނައީ: "އަދި ތިމަން ރަސްކަލާނގެ އިންސީންނާއި ޖިންނީން ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށްމެނުވީ ނުއުފައްދަވަމެވެ." (ޛާރިޔާތު 56) މިއީ ތިބާގެ ދިރިހުރުމާއި މަރުގެންނެވުމުގެ ލަނޑުދަނޑިއެވެ. ތިބާ ލާކޮންމެ ނޭވާއެއް ލަނީ މި މަޤުޞަދަށްޓަކައެވެ. ﷲގެ ރުހިވޮޑިގަތުން އަދައިގެނެވެ. އެކަލާނގެ ރަޙުމަތަށް އެދިގެނެވެ. އާނއެކެވެ. ތިބާ މިދުނިޔޭގައި އުޅެނީ މި ލަނޑުދަނޑި ޙާޞިލްކުރުމަށެވެ. ﷲގެ ރުހިވޮޑިގަތުން ހޯދާށެވެ. އޭ ޒުވާނާއެވެ. އަހަރެމެންގެ ޙަޔާތުގެ ލަނޑުދަނޑިއެއްކަމުގައި ނިކަން ބޮޑު މަންޒިލްމަޤުޞޫދެއް ނިކަން ކަނޑައަޅަމާހެއްޔެވެ؟ ﷲގެ ރުހިވޮޑިގަތުން ހޯދުމެވެ. މިކަން ޙާޞިލުވާނީ ނިކަން ގިނަ ކަންތައްތަކެއްކޮށްގެނެވެ. އެހެނަސް އަހަރުމެންގެ ޙަޔާތުގެ އަމާޒަކީ މާތްﷲގެ ރުހިވޮޑިގަތުން ލިބިގަތުމެވެ. މިޞްރުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔަކު ކުރެން ނޫސްވެރިއަކު ސުވާލުކުރިއެވެ. "ކަލޭ ދިރިއުޅުމުގައި ޙާޞިލުކުރަން ބޭނުންވަނީ ކޮންކަމެއްހެޔެވެ؟" އެކުޅުންތެރިޔާ ބުންޏެވެ. "އަހަރެންގެ އަމާޒަކީ ސުވަރުގެ ޙާޞިލުކުރުމެވެ." ނޫސްވެރިޔާއަށް ބުނެވުނެވެ. "ނޫނެކެވެ. އަހަރެން ވާހަކަމިދައްކަނީ ކަލޭގެ ދިރިއުޅުމުގައި ކަލޭ އެދޭ ކަންކަމާމެދުގައެވެ. ކަލޭގެ ހުވަފެންތަކާމެދުގައެވެ." ކުޅުންތެރިޔާގެ ޖަވަބަކީ ހަމަކުރީގެ ވެސް ޖަވާބެވެ. "ތިމަންގެ ހުވަފެނަކީ ސުވަރުގޭގައި ވުމެވެ." އެހިސާބުން ނޫސްވެރިޔާ ބުންޏެވެ. "ތިމަންބޭނުންވަނީ ނޫހުގައި ލިޔެލާނެވާހަކައެކެވެ. (އޭނާއަށް މިލަނޑުދަނޑި ޤަބޫލުނުކުރެވުނީއެވެ.) އެންމެފަހުން ނޫސްވެރިޔާ އެހިއެވެ. "ކަލޭ ފުޓުބޯޅަ ކުޅެނީ ކީއްވެގެންހެއްޔެވެ؟" ޖަވާބުގައި ކުޅުންތެރިޔާ ބުންޏެވެ. "އަހަރެން ފުޓުބޯޅަ ކުޅެނީ ފައިސާ ހޯދާށެވެ. އެއިގެ އިތުރުން ޒުވާނުންނަށް ރަނގަޅު މިސާލެއްދެއްކުމަށެވެ. ރަނގަޅު އަޚްލާޤެއްގެ ވެރި ތެދުވެރިކަމާއެކު ﷲއަށް އަޅުކަންކުރާ ޒުވާނަކު ކުޅިވަރުގެ މައިދާނުގައި ކާމިޔާބު ހޯދާތަން ފެނުމުން އޭނާ މިސާލެއްކަމުގައި ބަލާނެ ޒުވާނުންގެ ޢަދަދުވަރަށް ގިނަވެދާނެއެވެ. އަހަރެން މިސާލެއްކަމުގައި ބަލައިގެން ރަނގަޅަށް އުޅޭ ހުރިހާ ޒުވާނުންނާ އެއްމިންވަރަކަށް އަހަރެންނަށް ސަވާބުލިބޭނެއެވެ. މިއީ އަހަރެން ފުޓުބޯޅަކުޅޭ އެންމެ މުހިއްމު ސަބަބެވެ." އާނއެކެވެ. ތިބާ ކޮންމެ ކަމެއްކުރިޔަސް އެކަމެއް ﷲގެ ވަޖުހުފުޅަށްޓަކައި ކުރާށެވެ. އެކަމުގެ އެންމެފަހުގެ މޭވާއަކީ ﷲގެ ރުހިވޮޑިގަތުން ކަމުގައި ހަދާށެވެ. އެއީ ތިބާގެ މިދުނިޔޭގައި ލެއްވެވުމުގެ އެންމެ މުހިއްމު ސަބަބެވެ. ބައެއް ލަނޑުދަނޑިތައް: މުދާއެއްކުރުން: އަހުރެންގެ އަޚުންނޭވެ. މުދަލަކީ އަމާޒެއްނޫނެވެ. މުދަލަކީ ވަސީލަތެކެވެ. މަތިވެރި މާތް އަމާޒެއް ޙާޞިލުކުރުމަށް އެހީތެރިވެދޭ މަދަދުގާރެކެވެ. މުދާލިބިފައިމެ ހިތާމައިގައި އުޅެނީ މަދުބައެއްނޫނެވެ. އަހަރުމެން މުދާ ހޯދަނީ މާތް މަތިވެރި މަޤުޞަދެއް ޙާޞިލުކުރަންކަމުގައި ހަދާށެވެ. އެ މުދަލުގެ ސަބަބުން އަހަރުމެންނާއި އޯގާވަންތަ މާތްﷲއާ މެދުގައި ގުޅުމެއް އުފައްދަމާ ހިނގާށެވެ. މުދަލުގެ އެހީގައި މާތްﷲއާ ގުޅުމެއް އުފެއްދުމޭތޯއެވެ؟ އާނއެކެވެ. އަހަރެން މުދާއެއްކުރަނީ މާތް ރަނގަޅު ދިރިއުޅުމެއް އާރާސްތުކުރުމަށެވެ. އަދި ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށެވެ. އަދި މާތްﷲގެ މަގުގައި ފަޤީރުންނަށް ހޭދަކޮށް އެބައިމީހުންނަށް އެހީތެރިވުމަށެވެ. އެއިރުން އަހަރެން މުދާހޯދުމުގައި ހޭދަކުރާ ކޮންމެ ސިކުންތަކީ މާތްﷲ އަހަރެންނާ މެދު ރުއްސަވާނެ ސިކުންތެކެވެ. މިދެންނެވި ގޮތަށް ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ޚިޔާލުކޮށްލެވޭނެއެވެ. އެއީ މާ އުނދަގޫ ކަމެއްނޫނެވެ. ކާވެނިކުރުން: ކާވެނީގައިވެސް ފޮރުވިފައިވާ އެހެން ލަނޑުދަނޑިއެއް ބާއްވަމާހެއްޔެވެ؟ ނިކަންމަތިވެރި ޤަދަރުހުރި ލަނޑުދަނޑިއެކެވެ. ތިބާގެ ނަފުސުގެ ޢިއްފަތް ހިފަހެއްޓުމެވެ. ތިބާގެ އަންހެނުންގެ އަތުގައި ހިފަހައްޓައި ކުށްފާފައިގެ އަނދަވަޅުން މިންޖުކުރުމެވެ. ﷲ ރުއްސަވާނެ ފަދަ ހެޔޮ އިސްލާމީ ގެއެއް ބިނާކުރުމަށެވެ. ތިބާ ދަތުރުކުރަނީ އަދި ނުކުންނަނީ ކަނީ ބޮނީ ﷲގެ ރުހިވޮޑިގަތުން އަދައިގެންކަމުގައި ހަދާށެވެ. ކާވެނިކޮށް ދަރިންހޯދަންބޭނުންވާ ޒުވާން އަންހެންކުއްޖާ: ކާވެނިކުރަނީ އެހެން އަންހެނުންވެސް ކާވެނިކުރާތީހެއްޔެވެ؟ ނުވަތަ ދަރިން ހޯދަނީ އެކުދިންނާ ސަކަރާތްޖަހައިލާ މަޖާކޮށްލަން ހެއްޔެވެ؟ މިލަނޑުދަނޑިތަކަކީ ހިދުކޮޅެއްގެ ކަންތައްތަކެކެވެ. މުސްލިމު އަންހެނާގެ ލަނޑުދަނޑިއަކީ ﷲއަށް އަޅުކަންކުރާ އެކަލާނގެއަށްޓަކައި މަސައްކަތްކުރާ ޖީލުތަކެއްއުފެއްދުމެވެ. މިސަބަށްޓަކައި އޭނާގެ ދަރިން މަދުރަސާއަށް ފޮނުވާނެވެ. ކިޔަވާމޮޅު ކުދިންނަށް ވޭތޯއެވެ. އަދި އެކުދިން ޙަރަކާތްތެރި ބައެއްކަމުގައި ވުމަށްޓަކައި އެކުދިން މަދުރަސާގެ އިތުރު ޙަރަކާތްތަކުގައި ބައިވެރިކުރާނެއެވެ. މިގޮތުގައި ތިބާހުރެއްޖެނަމަ ދަރިން ތަރުބިއްޔަތުކުރުމުގައި ތިހޭދަކުރާ ކޮންމެ ވަގުތަކީ ތިބާއަށް ގިނަގުނަ ނަފާ ލިބޭނެ ވަގުތެކެވެ. އެކުދިން ފެންވަރުވައި ނަލަކޮށް ހެދުމަށް ތިބާހޭދަކުރާވަޤުތެވެ. އެކުދިންނަށް ހިތްވަރު ދިނުމުގައި ހޭދަކުރާވަގުތެވެ. ނަސޭހަތް ދިނުމުގައި ތިބާހޭދަކުރާ ވަގުތެވެ. ތިބާ އެކުދިންނާ އެކީ ހޭދަކުރާ ކޮންމެ ވަގުތެކެވެ. އެއީ އެވަގުތަކަށްޓަކައި ތިބާއަށް ސަވާބުލިބޭ ވަގުތެކެވެ. ނިންމުން: އޭޒުވާނާއެވެ. ދެކެވުނު ހުރިހާ ވާހަކައެއްގެ ޚުލާޞާއަކީ ތިބާގެ ދިރިއުޅުމުގެ ލަނޑުދަނޑިއެއް ކަނޑައަޅާށެވެ. އަދި އެލަނޑުދަނޑިއަކީ މާތްﷲގެ ރުހިވޮޑިގަތުން ހޯދުންކަމުގައި ހަދާށެވެ. މި ލިޔުން ކިޔުމަށްފަހު ތިބާގެ ލަނޑުދަނޑިތައް ލިޔެލާށެވެ. ކޮންމެ ލަނޑުދަނޑިއެއްވެސް ނިމެނީ މާތްﷲގެ ރުހިވޮޑިގަތުން ޙާޞިލުކުރުމުގެމައްޗަށް ކަމުގައި ހަދާށެވެ. ހަނދާންބަހައްޓާށެވެ. ދިރިއުޅުމުގެ އެންމެ މަތިވެރި އަމާޒަކީ އަހަރުމެން ހައްދަވައި ބަލަހައްޓަވާ ފަރާތް ދެނެގަނެ އެފަރާތުގެ ރުހިވޮޑިގަތުން ޙާޞިލުކުރުމެވެ. އާދައިގެ ގޮތަކަށް ތިބާގެ ދިރިއުޅުން ކުރިއަށް ގެންދާއިރު ތިބާގެ ކޮންމެ ޢަމަލަކީ ސަވާބުލިބެނެވި ޢަމަލެއްކަމުގައި ހަދާށެވެ. އެ ޢަމަލުތައް ﷲގެ ރުހިވޮޑިގަތުން އަދައިގެން އަދާކުރާށެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ޢަބޫ އިބްރާހިމް, 2009-06-15 06:26:12
މި މަޒްމޫނު ޢާއްމު ކޮންމެވެސް ނޫސް މަޖައްލާއެއްގައިވެސް ލިޔެ ޗާޕްކުރުން ރަނގަޅުކަމުގައި އަޅުގަނޑު ޤަބޫލުކުރަމުއެވެ. ސަބަބަކީ އިންޓަރނެޓް ޢާއްމު ވެފައިވަނީ ޅަ ނުވަތަ ޒުވާނުންނަށް ކަމަށް ވެދާނެއެވެ. ނަމަވެސް އެއަށްވުރެ ތަންކޮޅެއް ޢުމުރުން ދުވަސްވީ މީހުންނަށް އިންޓަރނެޓް އެހާ ޢާއްމެއް ނުވެއެވެ. ކަންއޮތްގޮތަކީ މިއީކަމަށްވީއިރު އިންޓަރނެޓް ޢާއްމުވެގެން މިއުޅޭ ޒުވާނުން މި ސައިޓް ބަލަނީ ކިހާމިންވަރަކަށް ކަމެއްވެސް އަޅުގަނޑަކަށް ނޭންގެއެވެ. އަދި އެހާ ޢާއްމުކޮށް ބަލާފާނެކަމަކަށް ޤަބޫލެއްވެސް ނުމެ ކުރެވެއެވެ. މިސަބަބުތަކަށްޓަކައި އިހު ބުނެވުނު ފަދައިން ލިޔެ ޗާޕްކޮށްފިނަމަ ފަންވަތް ކިޔުންތެރިންގެ އިތުރުން އެހެން ބަޔަކުވެސް މި މަޒްމޫނު ކިޔާފާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އަދި ކިޔައިފިނަމަ އެކަމާ ވިސްނާ އެމީހެއްގެ ދިރިއުޅުން އިޞްލާޙް ކޮށްފާނެ ބަޔަކު ވުން ވަރަށް ގާތްކަމުގައި ފެންނާތީ ހާމަކޮށްލީއެވެ. ޝުކުރިއްޔާ!!
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-06-15 08:51:34
މި މަޒުމޫނުގެ ފެށުމުގައި ވަރަށް ބޮޑު ކުށެއް އެބައޮތެވެ. ނަމަވެސް، ލިޔުންތެރިޔާގެ ޒުވާންކަމާއި އޭނާގެ ވައްޓަފާޅިއަށް ބަލާއިރު، އެވަރުގެ ކުށެއް ލިޔެވިދާނެކަމަށް ޤަބޫލުކުރަން ޖެހެއެވެ. އެކަމަށްޓަކައި، އޭނާއަށް ދެރަ ބަހެއް ރައްދުކުރާކަށް ނުޖެހެއެވެ. އޮއިގަދަ ބައެއް ޢިބާރާތްތަކާއި ޓައިޕްކުރުމުގެ ކުށްތައް މަޒުމޫނުގައި ވިޔަސް، މައިގަނޑު ގޮތެއްގައި މަޒުމޫނު ރަނގަޅެވެ. އީލިޔާ އަބޫ މާޟީގެ ޅެމުގައިވާ އެއްޗެއް، މަޒުމޫނު ލިޔުއްވި ލިޔުންތެރިޔާއަށް ރަނގަޅަށް ދޭހަނުވާ ވާހަކަ، ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. ތިރީގައި މިވަނީ ކުށުގެ އިޞްލާޙެވެ. (އީލިޔާ އަބޫ މާޟީ) އޭނާއަކީ، ޖާހިލިއްޔަ ޒަމާނުގެ ޅެންވެރިއެއް ނޫނެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 1889 ގައެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، 1957 ގައެވެ. އުފަން ބިމަކީ، ލުބްނާން ފަރުބަދައިގެ އުތުރެވެ. އޭރު އެތަން އޮތީ ބޮޑު ސީރިޔާގެ ބަޔެއްގެ ގޮތުގައެވެ. 1900 ވަނަ އަހަރު، އީލިޔާ އަބޫ މާޟީ، މިޞްރަށް ހިޖުރަކުރެއްވިއެވެ. އޭނާ ދިރިއުޅުއްވީ މިޞްރުގެ ތަހުޒީބު ރަށް، އިސްކަންދަރިއްޔާގައެވެ. އިބްތިދާއީ މަދުރަސާއިން އޭނާ ވަކިވެލެއްވީ، ފަޤީރުކަމުންނެވެ. މިޞްރުގައި ނެރެވުނު ލުބްނާންގެ މަޖައްލާތަކުގައި އޭނާގެ ޅެންތައް ޝާއިޢުކުރެއްވިއެވެ. އޭގެ ތެރޭގައި "އަލްޢިލްމު" މަޖައްލާއާއި "އެކްސްޕްރެސް" މަޖައްލާ ހިމެނެއެވެ. 1912 ވަނަ އަހަރު، އީލިޔާ އަބޫ މާޟީ، ދެކުނު އެމެރިކާއަށް ހިޖުރަކުރެއްވިއެވެ. ދެން އެބައްރުގައި، އޭނާގެ އަޚަކާއެކު ވިޔަފާރީގެ މަސައްކަތްކުރެއްވިއެވެ. އެއަށްފަހު، ޔޫއެސްއޭ އަށް، ވަޑައިގެން، ނިއުޔޯކްގައި ޤާއިމްވެ ހުންނެވިއެވެ. އަދި އެރަށުގައި، ނެރެވުނު، "ހުޅަނގުގެ ލޯގަނޑު" ނަމަކަށް ކިޔުނު ނޫހުގެ ނާއިބު މުޙައްރިރުކަން ކުރެއްވިއެވެ. އޭނާ ކައިވެނި ބައްލަވައިގަތީ، އެ ނޫހުގެ މުޙައްރިރުގެ ދަރިކަނބަލެއް ކަމުގައިވާ، "ދޫރާ ނަޖީބު ދިޔާބު" އާ އެވެ. އީލިޔާ އަބޫ މާޟީ އަކީ، މަހުޖަރުގެ ޅެންވެރިންގެ ތެރެއިން ފުންނާބު އުސް މޮޅު ފަލްސަފީ ޅެންވެރިއެކެވެ. މަހުޖަރުގައި ޖުބްރާން ޚަލީލު ޖުބްރާން އާއި، މިޚައިލް ނަޢީމާ އާއި ބައިވެރިވަޑައިގެން، "އައްރާބިޠަތުލް ޤަލަމިއްޔާ" އުފެއްދެވިއެވެ. އޭނާގެ ޅެންވެރިކަމުގެ ފަލްސަފާނާ ފެތުރެން މެދުވެރިވީ، އެ ރާބިޠާގެ ސަބަބުންނެވެ. މަހުޖަރުގައި، އީލިޔާ އަބޫ މާޟީ ކުރެއްވި އެންމެ މުހިންމު މަސައްކަތްޕުޅަކީ، "السمير" މަޖައްލާ ނެރުއްވުމެވެ. ފަހުން އެ މަޖައްލާ ދުވަހު ނޫހަކަށް ބަދަލުވިއެވެ. އޭގެ ސަބަބުން މަހުޖަރުގެ އަދީބުންގެ ލިޔުންތަކާއި ޝާޢިރުންގެ ޅެންތައް ޝާއިޢުކުރެވޭނެ މަގު ތަނަވަސްވެގެން ދިޔައެވެ. 13 ނޮވެމްބަރ 1957 ގައި އީލިޔާ އަބޫ މާޟީ، ހާޓްއެޓޭކެއް ޖެހިވަޑައިގެން، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފުމަށް ދާންދެން އެ ނޫސް ދެމިއޮތެވެ. މާތް ﷲ، އީލިޔާ އަބޫ މާޟީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ! އާމީން!
...
ލިޔުނީ ޒާން, 2009-06-16 05:02:01
އަލްއަޚް ޙުސައިން ޢަލީ މުޙައްމަދުއަށް ދަންނަވަމެވެ. ދެއްވި ހިތްވަރަށާއި އިޞްލާޙުކޮށްދެއްވި ކޮށްދެއްވުމަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ. މިލިޔުމުގެ ފެށުމުގައި އަޅުގަނޑަށް ލިޔެވިފައިވާ ކުށަށް އެންމެހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ.
...
ލިޔުނީ عبد المعيد حسن, 2009-06-16 13:08:32
ޒާންގެ މި މަޒުމޫނު، މަހުޖަރުގެ ޅެންވެރިންގެ ހަނދާންތައް އާކޮށްދީފިއެވެ. މިކަމަށްޓަކައި ޒާންއަށް އިޚުލާޞްތެރި ޝުކުރާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ކިޔުންތެރިޔަކު ފާހަގަކުރައްވާފައި އެވާ، ކުށަކީ މަޢުލޫމާތުގެ ކުށެކެވެ. އެޔަކުން މި މަޒުމޫނުގެ ރޫޙަށް އުނިކަމެއް ނާދެއެވެ. އަބޫ އިބުރާހީމްގެ ޚިޔާލަށް ތާއީދުކުރަމެވެ. ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ، މަހުޖަރުގެ ޅެންތަކެއް ކޮންމެވެސް ތަނެއްގައި ވާނެއެވެ. އެއީ، ނުވަދިހައިގެ ކުރީކޮޅުގައި ކޮށްފައިވާ ތަރުޖަމާތަކެކެވެ. ފެނޭތޯ ބަލާލާނަމެވެ. ފެނިއްޖެނަމަ، ފަންވަތުގެ އަހުލުވެރިންނާ ހަމައަށް، އިރާދަކުރެއްވިއްޔާ ގެނެސްދޭނަމެވެ. އެދެވިގެންވަނީ، ބިނާކުރަނިވި ގޮތެއްގައި ވީހާވެސް ގިނައިން ފާޑުވިދާޅުވެދެއްވުމެވެ.
... ލިޔުނީ ސަމީޢު, 2009-06-18 19:48:42
މިމަޒުމޫނު ކިޔާލުމުން ވަރަށް އަސަރުކޮއްފިއެވެ. ސަބަބަކީ މިހާރު ދިވެހި މުޖުތަމައު އޮތްހާލަތުންނެވެ. އަދި އަޅުގަނޑަށް އެންމެކަމުދިޔައެއް އިބާރާތަކީ ''އަޚުންނޭވެ. މުދަލަކީ އަމާޒެއްނޫނެވެ. މުދަލަކީ ވަސީލަތެކެވެ. މަތިވެރި މާތް އަމާޒެއް ޙާޞިލުކުރުމަށް އެހީތެރިވެދޭ މަދަދުގާރެކެވެ. މުދާލިބިފައިމެ ހިތާމައިގައި އުޅެނީ މަދުބައެއްނޫނެވެ.'' ސަބަބަކީ މީހުން އެންމެބޮޑަށް ހަނދާން ނެތިފައި ވަނީ މިކަން ކަމަށް ވާތީއެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|