މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހަރުބަހާއި މަޖާޒު ބަސް |
|
|
| ދިވެހި - މާދަރީބަސް | |||
| 10 އޮގަސްޓް 2009، 01:31 ހޯމަ | |||
|
މަޑުލު މުޙަންމަދު ވަޙީދު ކޮންމެ ޘަޤާފަތެއްގެ މީހުންގެ ތެރޭގފައި ވެސް ހަރުބަހާއި މަޖާޒު ބަސް ހުރެ އެވެ. އެ ފަދަ ބަސްބަސް އެ ބައެއްގެ ތެރޭގައި ބޭނުން ކުރަނީ އެ ބައެއްގެ ދިރިއުޅުމާއި ގުޅޭ ގޮތަށެވެ. ދާދި ފަހުން އެފްރިކާއަށް، އަޅުގަނޑު ދިޔަ ދިޔުމެއްގައި އެފްރިކާގެ މަޖާޒުބަހާއި ހަރު ބަސްތަކެއް ލިބުނެވެ. އޭގެ ތެރެއިން ބައެއް ބަސްބަސް ފަތްތޫަރައިގެ އަހުލުވެރީންނާއި ހިއްސާކޮށްލުމުގެ ބޭނުން ބޮޑުކަމަށް ދެކެމެވެ.ސަބަބަކީ އަޅުގަނޑުމެން ދިވެހީންގެ ޘަޤާފަތަކީ ވެސް އެކަހެރިކޮށް ދުނިޔޭގެ އެހެން މިހުންނާ ނުގުޅި އޮތް ޘަޤާފަތެއް ނޫން ކަމަށް އިޙްސާސްވާލެއް ބޮޑުކަމެވެ. މި އިޙްސާސް ކުރެވެން މެދުވެރިވި އެއް ސަބަބަކީ، އަޅުގަނޑު ދިޔަ ގާނާ ކިޔާ ގައުމުގައި އޮށްވަޅަށް ކިޔާ ނަން އެނގުމުންނެވެ. ކުރީން އަޅުގަނޑުމެންނަށް ހަމަގައިމު ވެސް އަޅުގަނޑަށް ހީވެފައި އޮންނަނީ އޮށްތަކަކާއި ވަޅުތަކެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރަކަށް ވާތީ އެ ކުޅިވަރަށް އޮށްވަޅު ކިޔުނީ ކަމަށެވެ. ގާނާގައި އޮށްވަޅަށް ކިޔަނީ އޮއްވާރޭ އެވެ. ލެޓިން އކުރުން އެ ލަފުޒު ލިޔެފައި އޮންނާނީ ''ރާއޯ'' މި ގޮތަށެވެ. އެހެންވީމާ އޮށްވަޅޫ ރާއްޖެއަށް އައީ އެފުރިކާއިންިކަމަށް ވުން ވަރަށް ގާތެވެ. މަޖާޒުބަހާއި ހަރުބަހުގެ ވާހަކަ ފަށައިގެން ގޮސް މިހާރު ދަންބެރަށްވުރެ ތަޑު ދިގުވެއްޖެ އެވެ. ވީމާ، އަޅުގަނޑު ފަށިގަތް މައިގަނޑު ނަމަށް އެނބުރިދާނަމެވެ. 1- ބޮކެއް ފަހަތަކަށް ނުފުމޭނެ އެވެ. (ޒިމްބާބުވޭ) މި ބަހުގެ މާނައަކީ، އެއްވެސް މަޚުލޫޤަކީ، އެ މަޚުޅުޤެއް ހައްދަވައިފައިވާ ޠަބީޢަތާ ޚިލާފު ގޮތަކަށް ދިރިއުޅޭނެ އެއްޗެއް ނޫންކަން އަންގައިދިނުމެވެ. 2- ވަލުގައި ހުންނަ ކޮންމެ ގަހެއްގެ ދަރަކީ، އުނދުނުގައި ޖައްސަން ކަމުދާނެ ދަރެއް ނޫނެވެ. (ސޫދާން) 3- ފަތްގިނަ ކުކުޅެއް ބޮޑުކަމަށް ފެންނާނެ އެވެ. (ޒެމްބިއާ) 4- ކަޅު ގެރިޔަކަސް، ހުދު ގެރިޔަކަސް، ގެރީގެ ކިރު ހުންނާނީ ހުދުކޮށްނެވެ. (ޓެންޒޭނިޔާ) 5- ރުޅިއައިސްގެން އެއްލާ ގާބުރިއަކުން ޖަހަން ބޭނުންވާ އެތީގައި ޖެޭނީ މަދު ފަހަރަކު އެވެ. (މަލާވީ) 6- ފައިކައްސައިލައިފި ނަމަ، ނުވެއްޓި ހުރުމަށް ބެލެންސް ކުރެވިދާނެ އެވެ. އެކަމަކު ދޫ ކައްސައިލައިފި ނަމަ، ބޭރުވީ ލަފުޒެއް ހަމަޔަކަށް ނޭޅުވޭނެ އެވެ. (ގާނާ) 7- ކުޅަނދުރު ކަށިޖަހައިފާނެ ކަމަށް، ދުއްވައިގަންނަންޏާ، މާމުއި ހިފައިގެން ދުވެގެން ނުވާނެ އެވެ. (ކެމަރޫން) 8- ދުޝްމިނާ ވައްޓަައިލުމަށް އަނދަވަޅެއް ނުކޮންނާށެވެ! އެ އަނދަވަޅަށް ގާތް މީހަކު ވެސް ވެއްޓިދާނެ އެވެ. (އިތިއޮޕިޔާ) 9- އަނގައިން ބުނާ ބަސް އެއްލާ ގާގަނޑެއް ފަދަ އެވެ. އެއްލުމަށް ފަހު އަނބުރާ ނުގެނެވޭ ފަދައިން އަނގައިން ބޭރުވާ ބަސް ވެސް އަނބުރައެއް ނުގެނެވޭޏެ އެވެ. (ގާނާ) 10- ޢިލްމުގެ ވަޅުން ފެންނުބޯން ހުރި މީހާ މަރުވާނީ، ޖާހިލުކަމުގެ ސަހަރާގައި ކަރުހިއްކައިގެންފައި ހުރެ އެވެ. (ގިނީ) 11- އަމުރާ ކިޔަމަން ނުވާ މީހަކަށް އަމުރެއް ނުކުރެވޭނެ އެވެ. (ކެންޔާ) 12- ރާމާމަކުނު ގަހުން މައްޗަށް އެރިވަރަކަށް އެ ސޮރުގެ ފޫކޮޅު ބޮޑަށް ފެންނާނެ އެވެ. (މަލާވީ) 13- ބައްޕަގެ ގޭގައި އަލިފާންޖެހި ދަރިޔަކަށް ލިބޭނެ ވާރުތަ މުދަލަކީ އަޅިތަކެކެވެ. (ނައިޖީރިޔާ) 14- މާ ބާރަށް ހޭރޭ ކުކުޅަކަށް މަތިން އަންނަ ބާޒުގެ އަޑެއް ނީވޭނެ އެވެ. (ސޫދާން) 15- ބޮކަކަށް ފެނުގެ މުހިންމުކަން އެނގެނީ ކޯރު ހިކުނީމަ އެވެ. (ޒެމްބިއާ) 16- އަތުގައި ހުރި ކަށިތަކުގެ ދިގުމިނަށްވުރެ ދުރަކަށް އަތެއް ނުފޯރާނެ އެވެ. (ކެމަރޫން) 17- ހިންޏަކަށް ނާށްޓެއްގައި ހުރި ފެން ފޮދަކީ ވެސް ކަނޑެކެވެ. (ނައިޖީރިޔާ) 18- ހިނީގެ ތެރޭގައި ވެސް ބިޔަ ހިނި އުޅެ އެވެ. (ނައިޖީރިޔާ) 19- އަންހެނަކު ކުރިމަގާ މެދު ފިކުރު ކުރަނީ ފިރިޔަކު ލިބެންދެނެވެ. ފިރިހެނަކު މީހަކާ އިންނަންދެން ކުރިމަގާމެދަކު ފިކުރެއް ނުކުރެ އެވެ. (ޔޫގަންޑާ) 20- ހުދު ދަތްތައް ފެންނަ ކޮންމެ ފަހަރަކީ، އެކުވެރިކަމުގެ ހިނިތުންވުމެއްކަމަށް ނުބަލާށެެވެ. (ނައިޖީއާ) 21- ބަނޑުގައިވާ ދަރިފުޅަށް، މަންމަ އުޅޭ ބަދިގޭގައި ހުރި ދުމުގެ އުނދަގުލެއް ނުވެ އެވެ. (ކެމަރޫން) 22- އައު ފިހިގަނޑަކުން ކުނިކަހަން ފަސޭހަ ވިޔަސް، ކުނި ހުރިތަންތަން އެނގޭނީ ބައު ފިހިގަނޑަށެވެ. (ގާނާ) 23- އެންމެ ރާގެއް އެނގެންޏާ މުޅި ރެޔަކު ނުނެށޭނެ އެވެ. (މަލާވީ) 24- ބައްޕައަށް ވުރެ ތިމާ އިސްކޮޅުން ދިގަސް، ތިމާއަކީ، ބައްޕައަށް ގޮތް ބުނެދެންޖެހޭ މީހަކަށް ނުވާނެ އެވެ. (މަލާވީ) 25- ބޯމަތީގައި ހުރި އެތި ވެއްޓިދާނެކަމަށް ހިފަހައްޓާއިރު، ކިހިލިފަތްދަށަށް ލައިފައިވާ އެއްޗަށް ވާނެ ގޮތަކާ މެދު ވިސްނާށެވެ. (އިތިއޮޕިއާ) 26- ހިތްހެޔޮކަމުގެ ބަހެއް ބުނުމަކުން ދޫކަންފައްޗެއް ނުވާނެ އެވެ. (ލައިބީރިއާ) 27- ހުރިހާ އިނގިލިތައް އެއް ވަތަަރުވުމަކީ، ބޭނުންކަމަކަށް ނުވިޔަސް، ކަމެއް ކުރާއިރު ހުރިހާ އިނގިލިތައް ބައިވެރިވުމަކީ ބޭނުންކަމެކެވެ. (ކެންޔާ) 28- ދެވޭ ނުދެވޭ ތަނެއް ނޭނގެންޏާ، ކޮންމެ މަގެއް ވެސް ރަނގަޅުވާނެ އެވެ. (ސައުތު އެފުރިކާ) 29- ކުއްތާއަކަށް ވައްވައް ޖަހަމުން ދަތެއް ނޭޅޭނެ އެވެ. (ނައިޖީރިއާ) 30- ވާރޭގެ ތެރޭގައި ހުރި ރުއިމަކުން ކަރުނައެއް ނުފެންނާނެ އެވެ. (ކެމަރޫން) 31- ކަންނެތް މީހާ ގެ އަޅާނީ އަނގައިންނެވެ. (ގާނާ) 32- ދެފައި ހުއްޓެއްކަމަކު، އެކަކަށް ވެސް އެއްފަހަރާ ދެ ގަހަކަށް ނޭރޭނެ އެވެ. (ކެންޔާ) 33- ބޮޑު ނޭފަތެއް ލިބިފައިވާ މީހަކަށް ހީވާނީ އެހެން މީހުން އެ ދައްކަނީ އޭނާގެ ނޭފަތުގެ ވާހަކަކަކަމަށެވެ. (ސިއެރެލިއޯން) 34- ފަސޭހަކުރެވޭނީ ބައްޔެވެ. މަރެއް ފަސޭހައެއް ނުކުރެވޭނެ އެވެ. (ގިނީ) 35- މޭވާ ނެތް ގަހަކަށް ގަޅިއެއް ނޫކާނެ އެވެ. (ކެމަރޫން) 36- މުށިބަނޑިޔަލެއްގެ މަތީގައި އޮތް މީދަލެއްގައި ޖަހަން ގައު ނޫކާށެވެ. (ޓެންޒޭނިއާ) 37- އެހެން މީހުންގެ ވާހަކަ ކަލޭގާތުގައި ދަައްކާ މީހާ ކަލޭގެ ވާހަކަ އެހެން މީހުންގެ ގާތުގައި ވެސް ދައްކާނެ އެވެ. (ގާނާ) 38- މޮޔަޔަކާ އަރައިރުން ނުވާށެވެ. އަޑު އަހާ މީހުންނަށް ދެ މީހުންކުރެ މޮޔައަކީ ކޮބައިކަމެއް ނޭނގޭނެ އެވެ. (ނައިޖީރިއާ) 39- ގަނޑުވަރެއްގައި އުޅޭތީއޭ ކިޔައިފައި ކުރަތްޕަކަށް ވަކި ހެދުމެއް އަޅާކަށް ނުޖެހޭނެ އެވެ. (ޔޫގެންޑާ) (ނިމުނީ) މަޑުލު މުޙަންމަދު ވަޙީދު (2004). ފަތްތޫރަ (300). ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.
|
| ހަމަ މި ގަލަމުން |
|---|