މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ގިތެއު ގުޅި (2) |
|
|
| ދިވެހި - މާދަރީބަސް | |||
| 04 އޮކްޓޫބަރ 2009، 00:03 އާދީއްތަ | |||
|
ރޭޑިއޯ ތަމްސީލެއް: 13 ސެޕްޓެމްބަރ، (އާދީއްތައާ) ގުޅޭ... ތިންވަނަ ބައިފޮނުއްވީ؛ އިސްޔާސް ޝުޖާޢު ލިޔުއްވީ؛ އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލު ދީދީ ( ފުރަތަމަ އިވެނީ ދުންބޯ އަޑު، ގުޑުގުޑާ ދަމާ އަޑު، އަންހެނުން ރަނޑުފާޑަށް ގިނަ އަންހެނުންތަކެއް ވާހަކަ ދައްކާ އަޑު. އެއްފަހަރާ ހީނގަންނަ އަޑު. އޭގެތެރެއިން )ބީފާނު: ވީކާ.....! ( ކާފު ދަމާލާފައި ) ވީކާ! ވީކާ: އާ...ދެ! ލައްބަ! އާދެ! މިދަނީ. ބީފާނު: ކީއްތަ ކުރަނީ....... އައްދޭ! މުޅިމޫނުން ދާހިއްލާފާ. ތެއުހޭނިފާ. ހާދަ ބޮޑު މަސައްކަތެއްގައި އުޅޭހެން ހީވެއޭ....... މޫސަ. ވީކާ: އަމައްޔާތް! އަޅުގަނޑު ނޫޅެން. ބީފާނު: ކޮބައިތަ ހެދުންތައް. އިސްތިރިކޮށް ފަތްޖަހައި ހަދައިފިންތަ؟ ވީކާ: އަދި މިއުޅެނީ ނުވެގެން. އަޅުގަނޑުގެ ކޮއްކޮ އައިސް ދައްކާން ފެށި ވާހަކައަކުން. ބީފާނު: ކޮންވާހަކައެއްތަ؟ ކޫކާ! ........ އައިސްބަލަ. މިކޮޅަށް އައިސްބަލަ! ކޫކާ: ކީކޭތޯ! އަޅުގަނޑަށް މިއުޅެނީ އަދި މިހިސާބަށް ނުވަދެވިގެން. ބީފާނު: ކީއްވެގެންތަ؟ ކިސީކާ: ބީފާނުމެންނަށް ނީވުނަސް، އެކުދިންގެ މަޖާ ވާހަކަ އޮވޭދޯ! ރަކީކާ: ވާހަކަވާ އެބަހުރި. އަހަރެމެން މުސްކުޅިންނަށްވުރެން، އެކުދިންގެ ތަޖުރިބާއާ ވާހަކަ މިހާރު މާ ގިނަ. ކޫކާ: ނޭނގޭ ތިޔަ ކިޔުއްވާ އެއްޗެއް. ކޮންވާހަކައެއްތޯ؟ ބީފާނު: ނޭނގެ! ވީކާ އެބުނީ ތިމަންނާއަށް ނާދެވިގެން މި އުޅެނީ ކޮއްކޮ ދައްކާ ވާހަކައަކުންނޭ. ކޫކާ: އެވާހަކައަކީ މޫސަގެ ވާހަކަ. ބީފާނާ މޫސަޔާ ދެމީހުންގެ ވާހަކަ. ބީފާނު: އެއީ ކޮންވާހަކައެއްތަ؟ ކޫކާ: މީހުން އެބަ ކިޔާ މޫސަޔާ ބީފާނާޔޭ. އަދި ބީފާނާ ތައްޚާނާއޭ. މޫސަޔާ ވީކައްތަޔާއޭވެސް ކިޔާ- ތައްޚާނާ ވީކައްތަޔާއޭވެސްކިޔާ. ވީކާ: ( ހަޅޭލައިގެންފާ ) އަޅުގަނޑު ނޫޅެން. އަންމާ! އެހެރަ ކެހެރިގަނޑެއް......! ކިސީކާ: ކީއްތަވީ، އެކަނި ފިލާނެނޫން! ފަޅުފިލާނެނޫން! ....... ނިދިވެސް ފިލާނެ! ކޫކާ: އިހަށްދުވަހު، މޫސަ އައިސް ބީފާނު ނިދާން އޮންނަވަނިކޮށް އެނދަށް އެރިވާހަކަވެސް ދައްކާ. އަދި..... ބީފާނު: ދެން ކޮންކަމެއް............؟ ކޫކާ: ދެން ...... ވީކައްތަ ގެއްލުނު ވާހަކަވެސް ދައްކާ. ތައްޚާނު ގެއިން ފަތިހު ނިކުންނަނިކޮށް ފެނުނޯ! ބޯ ހުރީ ހޭވިފަޔޯ! ވީކާ: މަނުވެސް ދެނަހުރިން- ތިޔައީ މުޅިން ހޮޅިވާހަކަ..... މުޅިން ހާހޫރަވާހަކަ..... އެދައްކަނީ، އެދައްކަނީ، ބީފާނު ދެއްވި އެއްޗެއް ހިފައިގެން މޫސަ އަތަށް ދޭން ދިޔަ ރެއެއްގެ ވާހަކަ. މޫސަ ގެއަކު ނޫޅޭ. ދިމާވީ ތައްޚާނާ...... ބީފާނު: އެހެންދޯ! ވީކާ: އެހެރީ ހަދައިގެން ދައްކާ ވާހަކަ. ބީފާނުގެ ކަމަކާ އަޅުގަނޑު ދިމާކުރާނެތޯ؟ އެއް އުމުރެއްވެސް ނޫން. ކަށިއަޅާ ހީވަނީ އިލިތަކެއްހެން. ކިސީކާ: ހޫން! ދެން ތިޔަވާހަކަތައް- ހާސަރުތައް ދަމާނެ ކަމެއް ނެތް. އަވަހަށް ހެދުންތައް އިސްތިރިކުރަން އަވަހަށް ދޭ! ވީކާ، ކޫކާ: ( ދެބެން ޒުވާބުކުރަމުން، އެހެންނުވާނެ ކިޔަމުން ގޮސް އަޑުނިވާވާއިރަށް ) ބީފާނު: ދެން ބަލާ! ކަންތައް ހުންނަ ގޮތް...... އަހަރެން ދެކެ ލޯބިން އުޅޭ ތައްޚާނުގެ ވާހަކަ އެދައްކަނީ. ޙައިރާން ހީވޭ! ރަކީކާ: ޙައިރާނެއް ނުހީވޭ! އެއީ ފިރިހެނުންގެ ގޮތް. އެއްފަހަރާ ދެތިން ގުޅިއަށް އަތްކޮއްޕާނެ. ތިޔައީ، އަހަރެމެންގެ ދުވަސްވަރު ނަމަ މިހާރު ފޫކޮޅަށް ހޫނުފެން ޖަހާ، މޫނުގައި ބޮލާކީނު ލައިފައި ބޭރުކޮށްލައިފީމުސް. އާނ! ގައިމުތާ! ކިސީކާ: އެމޫނުގައި އަލުން ލާން އޮތީ ކޮން ބޮލާކީނެއް. ބޮލާކީންޏާ އޮތީ ލާނިމިފާ. އަލުން ލާނެ ބޮލެއް ކީންޏެއް ނެތް. ބީފާނު: އަސްތާ! ތިޔަހެން ބުނާކަށް ނުވާނެ. އޭނާ ކަޅަސް ރީތި ( ރާ ދަމާލާފައި ) ރީތި. ރަކީކާ: ކޮންތަނެއްތަ ރީތީ. ބީފާނު: މީހުން ބުނޭ ފިރިހެނުންގެ ރީތިކަން ހުންނަނީ، ބުމަޔާ، ދެކަންފަތާ، ނޯށުތެރެއާ، މިތަންތަނުން ފަޅާފައި ހުންނަ އިސްތަށީގައޭ. އަދި ތުނބުޅި މަތިމަހުގައޭ. އަދި އެއަށްވުރެވެސް ރީތިކަން ހުންނަނީ އަތުގައި ހުންނަ ލާރީގައޭ. އަދި އެއަށްވުރެ ރީތިކަން ގިތެއުގުޅީގައި ހުރިކަމަށް މީހުން ބުނޭ. ..... ރަކީކާ: އާނ! ތިޔަހެން ވިއްޔާ އެއަށްވުރެ ރީތި އިންސާނަކު ދުނިޔެއަކު ނުހުންނާނެ. އިހުޒަމާނުގެ ގިރީކުން، ރޯމަނުންގެ ތެރޭގައިވެސް އެފަދަ ބޭކަލަކު އުފެދުނު ކަމަކަށް ނުވާނެ! އާޗާ! ތިޔޮތީ ކަމެއްތާ! ގިތެއުގުޅިއަށް ސާބަސް! އެވަރުކަމެއް އޮއްވާތޯ މޫސައާ ދިމާއަށް ކަޅި އަޅުއްވަނީ- ބީފާނު: އަސްތާ! އެއީ ތިޔަހެން އޮތް ކަމެއްނޫން. އެއީ ވަކިކަމެއް. އެއީ ދެއިރު ދޭތެރޭ ނުވަގަޑި ސައި ( ހީނގަތުމެއް ) ގިތެއުގުޅީގެ ވާހަކަ މޫސަގެ ފޮނި ދުލުން ދައްކަމުން ދާއިރު، މޫނަށާ ލޮލަށާ، ވަމުން އެދާގޮތް ފެނިފާ ކުޅުދިޔާވޭ....... ކިސީކާ: އަދި ސޮނިވެސް ވެއްޓެޔޯ. އަދި މޫސަގެ އަތްފައިން ކުރަމުން އެގެންދާ ކަންތަކުން ސޮނިވެއްޓުމަށްވުރެ ބޮޑެތި ކަންތައް ވޭނޫންތޯ؟ ( ހީނގަތުމަށް ފަހު ނޮޅިދަމާލުމެއް ) ބީފާނު: އާނ! އެއީވެސް ދެން އޮތްކަމެއް. އޮތްކަމެއް ނެތްކަމަކަށް ނުވާނެ. ހިނގިކަމެއް ނުހިނގާކަމަކަށް ނުވާނެ. ވެއްޖެކަން ހައްޖާ ހަމައޭ ބުނޭނޫންތޯ؟ ނޯ! ( ހީނގަތުމެއް ) ރަކީކާ: ދެން ތައްޚާނަށް އޮތް ލޯބި ދިޔައީ ކޮންތާކަށްތޯ؟ ފެންވަރާ ހިނައި ތޯހިރުވާން ދިޔައީތޯ؟ ބީފާނު: ބަލަ އަދިވެސް ނޭނގެނީތަ؟ ނޭނގެންޏާ މިބުނަނީ- ލޯބި އޮތީ ތައްޚާނަކަށް ނޫން. ގިތެއުގުޅިއަށް. އެއީ ގިތެއުގުޅިން އައި ލޯބި. ގޮދަންޕޫރު ވަލުބިތްދޮށުން އައި ލޯބި. އެނދުތަންދޮށުން ނުކުތް ލޯބި....... ނޯ! ( ހީނގަތުމެއް ) ރަކީކާ: ތިޔަހެންޏާ ރަނގަޅު! ބީފާނު: ( ތަންކޮޅެއް ބާރަށް ) ވީކާ! ......... ވީ.....ކާ! އަދިވެސް އެކަހީނުޢާލިމް ނުދުރުވޭތަ؟ ހަވީރު އަންނާނަމޭ ބުނެފަ. ވީކާ: އަދި ހަވީރު ނުވަނީ ތޯއްޗެ! ކަހީނުންނަށް ހަވީރު ވާނީވެސް އިރުވަރުން. ކަހީނު: ކަހީނު އަޑުއެހީން. ދެކަންފަތުން އެހީން. ހަތަރެސްފަޔާ ބޮނބިފަޅިމަތިންވެސް އެހީން. ބަޓަރުދަޅުގެ މަތި ނެގީން. ގިތެއުގުޅީން ރަހަ ބެލީން. ބީފާނު: ދުރުވޭ! ދުރުވޭ! ކަހީނެކޭ ބަޑިއެދުރުބެއެކޭ ހަމައެއްގޮތް. ނަންކިޔާއިރަށް ހުންނަނީ ފެންނަން..... ނޯ! ކަހީނު: އާނ! ބަޑިއެދުރު އެއީ އަޅުގަނޑުމެންގެ ކުނިބުނިކާފަ ނޫންތޯ! އޭނަގެ ދަރިކޮޅުން އައިކަމުން ކަހީނުކަމުގެ ހުރިހާ ކަމެއް މިހިރީ ދަސްވެފައި. ދަސްނުވިޔަސް ކިޔަސް ކިޔެވިފައި. ހަތަރެސްފައި ބެލުން، ލޯބޯ ކަންފަތް ނޯށް ފަދަ ތަންތަން ބެލުން، އަދި ކިހިލިފަތި އުކުޅުވަޅުވެސް ބެލުން، އިރުވަރު ބެލުން، ނަކަތްރާހި، އަޑުބަލާހި ބެލުން، މީ ހައްތާ މަމެން ކޮށްއުޅޭ ކަންތައް. މިއަދު އިރުއަރާނެ ވާހަކަޔާ، އިރުއޮއްސޭނެ ވާހަކަޔާ، މިކަހަލަ އެތައް ވާހަކައެއް މާކުރީން އޮންނާނީ ބުނިގޮތާ ތަފާތަށް އެއްކަމެއްވެސް ނުވޭ. ރަކީކާ: ގިތެއުގުޅީގެ ކަންތައް އޮތީ ކިހިނެއްތޯ ބައްލަވަން ވީނޫންތޯ؟...... އަދި، ކުޑަ ގިތެއު ..... ބީފާނު: އަޗިހ! ..... ނޫޅެން..... ނޯ! ކަހީނު: ތިޔަވެސް އެނގިދާނެ! އަތްދައްކަވާ! ބީފާނު: އަން! މިއޮތީ. ބަލާނެ ވަރަކަށް ބަލާ! ހުތުރެއް ނުވާނެ! ރާޅެއްނުވާނެ. ހަރެއް ނުވާނެ. ކަހީނު: އާނ! ރަނގަޅު. އަނެއް އަތްވެސް ..... އައްދޭ! .... ގިތެއުގުޅި މިއޮތީ އަތްމައްޗަށް ބަންޑުންވެފާ....... ހިތިތަށި ބަންޑުން..... އާނ! މިއަތުގެ އޮމާންކަން އެންމެ އެއްކަހަލަ އެއްޗަކީ ހަންފީރު. ބީފާނު: އަޗިހ! ..... ނޫޅެން...... ނޯ! ކަހީނު: އިނގިލިތައް މަޑުކަމުންގޮސް ހީވަނީ ކުރެދި އިލިތަކެއްހެން. ބީފާނު: ދެން ސަމާސާނުކޮށް ގިތެއުގުޅީގެ ކަންތައް ވާންއޮތީ ކިހިނެއްތޯ ބައްލަވާދެއްވާ! ދެކަމުން ކުރެ ރަނގަޅީ ކޮންކަމެއްތޯ؟ ކަހީނު: އާނ! ގިތެއުގުޅިތާ! އެއީ ގިތެއުގުޅިއެއް. ގާތްވާން ނުކެރޭފަދަ ކަރު ގިތެއުގުޅިއެއް. ނަމަވެސް، މުސްކުޅި ގިތެލަށް ކަމުދާނީ، މުސްކުޅު ގުޅި. ޒުވާން ގިތެލަށް ޒުވާންގުޅި. އެހެން ނުވިނަމަ ކަމިނިއޭށިޔައު-ކަޅު ނިމުމެއް ނިމިދާށިޔައު. ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ. ބީފާނު: ތިޔަ ބުނުއްވަނީ ވަރަށް ބޮޑު ތެދެއްކަމަށް މިހާރު އެއބަހީވޭ. ކަހީނު: އެބަ ވިސްނެމުންދެޔޭ..... އެބަ ފޯރަމުން ދެޔޭ..... ވައިގެ ކަނޑުގެ ބާރާ..... މީނދަ ބަލަގަމާރާ. ބީފާނު: ދެން މިތިބަ ދެމީހުންގެ އަތްވެސް ބައްލަވާދެއްވާ! ވީކާ: އަން! މިއޮތީ. ބައްލަވާ! ކަހީނު: މިއޮތީ އަތެއް ނޫން. މިއޮތީ ހަތެއް. ހަތެއްގެ ދަށުގައި ރަހެއް. ރަހެއްގެ ބޮލުގައި ގަހެއް. ހަތަރެއް ފަހެއް ހަޔެއް. ތައްޚާނު ގެންގުޅުއްވާ މޫސަޔެއް. މިކަން ނުވިނަމަ ގުސަޔެއް..... ވެއްޖެނަމަ ކަޅުސަޔެއް.. ދުވަސްކޮޅަކުން ދަރި އަސައެއް. ވީކާ: އަމައްޔާތް!..... ނޫޅެން. ކަހީނު: އުޅުނަސް ނޫޅުނަސް ވާންހުރި ކަމެއް ވާށި! .... ނޫންނަމަ ވާނީ ތާށި! ރަކީކާ: މަގޭ އަތެއް ނުދައްކާނަން. ތިޔައުޅެނީ ސަކަރާތްގަންނަން. ކަހީނުންގެ ބަސް ޤަބޫލުކުރާނީ ކާކުތަ؟ ކަހީނު: އެންމެންވެސް ޤަބޫލުކުރޭ. މަވެސް ޤަބޫލުކުރަން. އަތްނުދައްކާނިއްޔާ ބަނޑުދައްކާ! ނޫނީ ފޫޅުދައްކާ! އޭރުން ވާންހުރި ކަމެއްވިއްޔާ ކިޔާދޭނަން. ރަކީކާ: އާނ! ވާންހުންނަ ކަންތައް ހުންނާނީ ފޫޅުގައި ލިޔެފަޔޯ! ޙައިރާން ހީވޭ! ކަހީނު: ނުދައްކާނިއްޔާ ގަދަކަމުންވެސް ބަލާނަން! ރަކީކާ: ގަޔަށް އަރައިގެން ނުވާނެ. ކަހީނު: ގަޔަކަށް ނާރާނަން. ގުޔަކަށް ނާރާނަން. މިހެން ބެލީމާ ފޫޅު ފެނޭ. އެހެން ބެލީމާ ފޫޅުފެނޭ. ފޫޅުތެރޭން ކަޅުދިރިފުއްތަކެއްގެ މިސާލުގައި ހުރި މިލަފުއްފުއް ފެނޭ. ބަނޑުގެ ހުރިހާ ރޫތަކެއް ފެނޭ. ރަކީކާ: ދެން ގޯސް ނުގޮވާ ހިމޭންވޭ! ތިޔައުޅެނީ އަންހެނުންގެ ތެރޭގައި ހަޔާތްގޮވަންވެގެން. ކަހީނު: ހަޔާތް އެއީ ގޮވާ އެއްޗެއްތަ؟ އަންހެނުންގެ ތެރޭގައި ގޮވާ އެއްޗަކީ ހާލެއް ނޫންތަ! ތިޔައީ ހައްތާވެސް ކުކުޅު. މަށަކީ ހާލެއް. ކުކުޅުހާލެއް. .... ކައްކަކާކޯ! ބީފާނު: ދެން މާބޮޑަށް ސަމާސާ ނުކޮށް ރަކީކާގެ އަތް ބައްލަވައި ދެއްވާ! ރަކީކާ: ނުދައްކާނަން! ބީފާނު: އެހެންވިއްޔާ ކިސީކާ. ކިސީކާ: އަން މިއޮތީ. ކަހީނު: އާނ! އާނ! ފިރިކަލޭގެ މަރުވެފައި. މަހާނަ ފަސްގަނޑު ހަރުވެފައި. ގިތެއުގުޅި ކަރުވެފައި. ކިސީކާ: ނޭނގުނެންނު! މަގޭ ފިރިމީހާ މަރެއްނުވޭ. މިހާރުވެސް އެބަހުރި. ފިހާރައަށް ގޮސް ގަދަވެ ސަލާމަތުން އެބައުޅޭ! ކޮބާ! ނޭނގޭކަން ބޭޒާރު ވީނޫން! އެހެންވީމާ ތެދުބުނާ އިރުވެސް ކަހީނުންނަކީ ދޮގު ހަދާ ބައެކޭ ބުނެވެނީ. ކަހީނު: މިތާކު އަދި ދޮގެއް ނެތެންނު! މަރުނުވާކަން ދެނަހުރީމުތަ؟ އެއީ މިތާ ތިބި އެކަކަށްވެސް އެނގޭ ކަމެއްނޫން. ކިސީކާ: ހަމަ ގައިމުވެސް އަދު މެންދުރުވީ އިރަކު މަރެއްނުވޭ. މަރުވިނަމަ މަށަށް ނޭނގިއެއް ނޯންނާނެ ނޫން. ކަހީނު: އެންމެ ރަނގަޅު. މަބުނާ ގޮތް ދިމާވެއްޖެނަމަ މަށާ އިންނަން ވަޢުދުވެ ރަންކިޔާ! ކިސީކާ: ދިމާނުވިނަމަޔޯ؟ ކަހީނު: އޭރުން؟ އޭރުންވާނެ ގޮތް އެބަ އެނގޭނޫން! އޭރުން ކަލެޔާ އިންނަން އަހަރެން ވަޢުދުވެ ރަންކިޔައިފާނަން. ( އެންމެން ހީނގެންފައި- ކޫކާއަށް ) ކިސީކާ: ކޫކާ! ކޫކާ! ދޮންމަނިކު ފިހާރައިގައި އުޅުއްވާތޯ ބަލަން ގޮސްބަލަ. ކަހީނު: (ހީނގެންފައި) ބަލަ. ބަލަ ދޮންމަނިކުގެ ވާހަކައެއް ނުދެކެވޭނޫންތަ؟ މަބުނީ ފިރިކަލޭގެ މަރުވެފައޭ. ކާކުގެ ފިރިއެއް. އެއް ނުބުނަން. އެވެސް ބުނެފާނަން. ބީފާނު: ބުނެބަލަ! ކަހީނު: ބީފާނުގެ ފިރި..... ބީފާނު: އާނ! އާނ! ދިމާވެއްޖެ. ރަންކިޔަންވީ. ކިސީކާ: ކަހީނުބޭ ދޮގުހަދާ ހަމަޔަށް ރަން ....... (އެންމެން ހީނގެންފައި އެކިމީހުން އެކި ވާހަކަ ދައްކައިގަންނަނީ. ގުޑުގުޑާ ދަމަނީ) އަޑުތަކުގެ ތެރެއިން. ބީފާނު: ދެން އެންމެ ރަނގަޅު. ކަހީނު ތިޔަ ކިޔުއްވި ގޮތްތައް ޤަބޫލް ކުރެވިއްޖެ. ދެން އަޅާނެ ފިޔަވަޅެއް. ކަހީނު: ދެން އަޅުއްވާން އޮތް ފިޔަވަޅަކީ މީ. ގިތެއުގުޅި އަތުން ވީއްލުނަ ނުދެއްވާ. އެއީ ބީފާނުގެ ނަސީބު ގުޅިއަށް ވެދާނެ. ބީފާނު: ބައްދަލުވާނެ އިރުވަރެއް ބުނުއްވާ! ކަހީނު: އިރުވަރު ބުނަން އެނގޭނީ ވިސްނާލާފާ. ( މިހެން ބުނެފާ މަޑުމަޑުން) ހުވަން ދިނަށަ- އައްސިދަ ކެތި ރޯނު- ވާތިރޯނު-ހިމަރޯނު-ފަލަރޯނު، އުގާރޯނު، މެދުޖެހޭ ނަކަތް، ހާގޯށިކޮތަން، ހުވަނދުކޮތަން. މެދުޖެހޭ ވަގުތު ލޯބި ގަދަވެއި. އަވަހަށް ވަރިވޭ. ބައްދަލުވިނަމަ ގިތެއުގުޅި ނުތެޅެއި. ކުންބަ ހޮބަ! އާނ! އެނގިއްޖެ. އާޓްގަޑި ބައި. އެއީ އަށްގަޑި ބައި. ބީފާނު: އެނގިއްޖެ. ތިޔަބުނުއްވި ވަގުތަށް ތައްޔާރުވާނަން. ނަލަ ހެދޭނަން. މަތިމައްޗަށް ތިން ހެދުން ލާނަން.... ކުދީންނޭ! އަވަހަށް ތަންތަން ކުނިކަހާ، ފޮޅާ، ފުނާއަޅާ ހަދަން އުޅޭ! ވީކާވެސް! ވީކާ: އަޅުގަނޑުތޯ؟ އަޅު ކީއްކުރަންތޯ؟ ތިޔައީ ބީފާނުގެ ކަމެއްނޫންތޯ؟ ދެކަންތައްވެސް ބީފާނު. ބީފާނު: އަޗިހ! ... ނޫޅެން.... ނޯ! އެންމެން އެކީރާގަކަށް: ނޫޅުނަސް އުޅުނަސްހެވޭތިޔައީ އެދޭ ގުޅުއޭ ގިތެއު. ނޫނގުޅާކަށް ދެންއުޅޭނެކަމެއް ނެތޭ ބޮލުގައި ގިތެއު. ފޫގަޅައިގެން ހުންނަވާއިރު ހޫނުގަދަ ގިނަވަގުތުގައި. ފޫޅުގައި ތިއްކެން މިއިންކުޑަ ޖައްސަވާށޭ މޮޅުގިތެއު. ޖައްސަވާށޭ މޮޅު ގިތެއު. ޖައްސަވާށޭ މޮޅު ގިތެއު. * * * * * މިބައިގެ މީހުން: 1. ބީފާނު 2. ވީކާ 3. ކޫކާ: ވީކާގެ ކޮއްކޮއެއް 4. ކިސީކާ 5. ރަކީކާ 6. ކަހީނު ޢާލިމް: އިރުވަރުބަލާ އަތްބަލާ، ފާލުބަލާ ފާޑުގެ މީހެއް. (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ޢަބުދުﷲ, 2009-10-04 10:35:08
މިލިޔުން ކިތަންމެހާވެސް މޮޅެވެ. އެކަމަކު އުސްތާޒުލް ޖީލް އާއި މެދު އަޅުގަޑުގެ ހިތުގައި އުފެދިފައިވާ ޤަދަރާއި ހައިބަތަށް ޝައިޚްގެ މިފަދަލިޔުއްވުން ތަކުގެ ސަބަބުން ހަޤީޤަތުގައިވެސް ހިރަފުސް އަރާކަމުގައި ދެންނެވިދާނެއެވެ. (ޝައިޚުގެ މިފަދަ ޚިޔާލުތައް ޝައިޚުއާއި ގުޅުވަން އަޅުގަނޑަށް ވަރަށް އުނދަގުލެވެ. )
... ލިޔުނީ އަމަތުﷲ , 2009-10-07 21:05:06
ބައެއް މީހުން ޙަޔާތުގެ މާނަ ކުރަނީ ކަނޑިއެއްގެ މިޔަޔަށް ވުރެވެސް ހަނިކޮންނެވެ. އެ ޙަޔާތުގައި ހިނގަން އޮތް މަގުކަމުގައިވާ ދީނުގެ މާނަ ކުރަނީ އަދި އެއަށްވުރެ ވެސް ހަނިކޮންނެވެ. އެ ފަދަ މީހުންގެ ވިސްނުން ހުންނަނީ އިންސާނާގެ ފިޠުރަތާއި، ޠަބީޢަތާ ނުގުޅޭ ހުވަފެނީ ޢާލަމެއްގަ އެވެ. އެ ކަމަކު އެ މީހުންނަށް އެކަމެއް ނޭނގެ އެވެ. އެމީހުން ހީކުރަނީ އެއީ ރޫޙާނީ ޢާލަމެއްގައިވާ ފިކުރުތަކެއްކަމަށެވެ.
ދީނަކީ އިންސާނުންނަށްޓަކައި ބާވާލެއްވި އެއްޗެކެވެ. އެހެންކަމުން އެދީން އިންސާނީ ޖަޒުބާތާއި އިޙްސާސްތަކަށް އިޙްތިރާމު ކުރާނެ އެވެ. ޢިލްމާ އަދަބިއްޔާތާއި ތާރީޚު ހިއްސާކުރާނެ އެވެ. ސައިންސާއި އީޖާދުގެ އުދަރެހަށް ޖާގަ ދޭނެ އެވެ. އެހެންކަމަށް ވާނަމަ، މުސްލިމު ދަންނަބޭކަލަކު، މޮޅު އަދީބަކަށްވެއްޖެ ހާލަތުގައި، ނުވަތަ ކުޅަދާނަ ޅެންވެރިޔަކަށް ވެއްޖެ ޙާލަތުގައި އޭނާގެ އަދަބީ އީޖާދީ އުފެއްދުންތަކާމެދު އިސްލާމީ އުންމަތް ފަޚުރުވެރިވާންޖެހޭނެ އެވެ. އެކަމަކު ބައެއް މީހުންގެ ވިސްނުމުގައި ދީނުގެ މާނައާއި އިންސާނި ޙަޔާތުގެ މާނަ ހަނިވެފައިވާ މިންވަރުން، މުސްލިމުންގެ ޙަޟާރަތަކަށް މިއަދު މާބޮޑު ޖާގަ އެއްނެތެވެ. އުސްތާޛު ޖަމީލުގެ މި އުފެއްދެވުމަކީ އަދަބީގޮތުންނާއި ތާރީޚީ ގޮތުންނާއި، ފިކުރީގޮތުންނާއި، ފަލްސަފީގޮތުން ވެސް އާދަޔާ ޚިލާފު މޮޅު ލިޔުއްވުމެކެވެ. ދީނާ ޚިލާފުކަމެއް ނެތި އިޖުތިމާޢީ މެސެޖުތަކެއް ހިމެނޭ ލިޔުމެކެވެ. މާތް ﷲ އެމަނިކުފާނަށް ރަޙްމަތް ލައްވާށި އެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|