މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ގިތެއު ގުޅި (3) |
|
|
| ދިވެހި - މާދަރީބަސް | |||
| 20 އޮކްޓޫބަރ 2009، 13:36 އަންގާރަ | |||
|
ރޭޑިޔޯ ތަމްސީލެއް (ފަހުބައި) 4 އޮކްޓޯބަރ (އާދީއްތަ)އާ ގުޅޭ... ހަތަރުވަނަ ބައި ލިޔުއްވީ؛ އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލުދީދީ ފޮނުއްވީ؛ އިލްޔާސް ޝުޖާޢު ތައްޚާނު: މޫސާ! މޫސާ! މޫސަ: އޯތް! ލައްބަ. އާދެ! ތައްޚާނު: ހެދުން އިސްތިރިކޮށް ތައްޔާރު ކޮށްފިންތަ؟ މޫސަ: ތިޔަކަންތައް އޮތީ ކޮށްނިމިފައި ހެނދުނުއްސުރެވެސް. ތައްޚާނު: ކިހިނަކުންތަ؟ މޫސަ: ބުނުއްވި ގޮތަށް- މޮޅަށް ރަނގަޅަށް. ތައްޚާނު: ރަނގަޅަށް މޮޅަށް؟ މޫސަ: ލައްބަ! ރަނގަޅަށް މޮޅަށް- މޮޅަށް ރަނގަޅަށް އިސްތިރިކޮށްފައި އޮންނާނީ. ވަރިތޮޅިވެސް އޮންނާނީ ކޮށްފާ. ތައްޚާނު: ބަލަ އިސްތިރިވަރިތޮޅި އެއީ އެހެން ކަމެކޭ. މޫސަ: އެއީ، އެކައްޗެއް ނޫންތޯ؟ ލޯއިސްތިރި، ދަގަނޑުއިސްތިރި، ކަރަންޓްއިސްތިރި، ވަރިތޮޅިއިސްތިރި، މިހުރިހާ ވައްތަރުކުންވެސް އޮންނާނީ އިސްތިރިކޮށް ނިންމާފާ. ކަމުދޭތޯ ބައްލަވަން..... ތައްޚާނު: އާނ! ގެނޭ! ގެނޭ! ބަލާބަލަ! މިއޮތީ އިސްތިރިކޮށްފާ! ހީވަނީ، މީދާކޭ އުނބަކުން ނެރެފާ އޮތް އެއްޗެއްހެން. މޫސަ: ދެން ކުރާނީ ކީއްތޯ؟ ހެދުންލައްވައިގެން ހުންނަވަނިކޮށް އިސްތިރި ކާއްތާލިއްޔާ ކީއްތޯ؟ ތއްޚާނު: އެންމެ ރަނގަޅުވާނެ! ދެންދޭ މޫސަވެސް ނަލަހެދިގެން އަންނަން. ގިތެއުގުޅި ކޮބައިތަ؟ މޫސަ: ތައްޔާރަށް ހުންނާނެ! ހިމަރޯނުން ވެހައި، ތުނިގޯނނިން އުރަލައި، ހުދުފޮތިން ބަނދެފައި ހުންނާނެ. ގެންދާނީ ކިހިނެއްތޯ؟ އަތްމައްޗަށްލައިގެން ގެންދެވޭވަރަށް ވުރެ ބަރު. މިހައި ނަލަހެދިގެން ހުރެ ކޮނޑަށްލައިގެން..... ތައްޚާނު: ލޮރީއެއް ގެންނަންވީނޫން. ވެއްޔާ ގަލާ އަރުވައިގެން ދުއްވާ ކަހަލަ ލޮރީއެއް ރަނގަޅުވާނެ. މޫސަ: ތިޔައިރުން ތެޅިދާނެ. މަޑުމަޑުން ދާ އެއްޗެއް. ތައްޚާނު: ތިޔަހެންވިއްޔާ އެމްބިޔުލަންސް....... މޫސަ: އޭރުން ހީވާނީ ސަންދޯކެއްހެން. ތައްޚާނު: ދެނޯ! އަތްގާޑިޔަލެއް ރަނގަޅުވާނެތަ؟ މޫސަ: ވަރަށް ރަނގަޅުވާނެ. ގާޑިޔަލެއްގައި ބަހައްޓައި އަޅުގަނޑުމެން ފަހަތުގައި ތިބެގެން މަޑުމަޑުން ގެންދާނީ. އޭރުން ކަމެއް ނުވާނެ. ތައްޚާނު: ތިޔައީ ވަރަށް މޮޅު ގޮތެއް. އަވަހަށް ދަމާ ހިނގާ. ( ދެން އިވެނީ ގާޑިޔަލެއްގެ އަޑު ) ތައްޚާނު: މޫސާ! އޭތް! ހުއްޓިބަލަ! މޫސަ: ކީއްތޯވީ؟ އެއްޗެއް ހަނދާންނެތުނީތޯ؟ ތައްޚާނު: ނޫން! ބުއްދިއަށް އައި ބަދަލެއް. ހަނދާންވީ ގޮތެއް. ވިސްނުމަށްވީ ގޮތެއް. ވައިބަދަލުވާން އުޅެނީ. މޫސަ: ކޮންވައެއްތޯ؟ އިސްވައިތޯ؟ ތައްޚާނު: ނޫން! ހަވައި. ހަވައި ދަންނަމުތަ؟ އެއީ ހިތުގެ ލޯތްބަށް ކިޔާ ނަމެއް. މޫސަ: އެއީ އެހާ ފަސޭހައިން ބަދަލުވާ ވަޔެއް ކަމެއް އަޅުގަނޑު ނުދަންނަމޭ. ބަދަލުވީތީވީ އަނެއްކާ ކިހިނަކުންތޯ؟ ކޮންފަރާތަކަށްތޯ؟ ދެން ގިތެއުގުޅިޔޯ؟ ތައްޚާނު: އޭގެ މިސްރާބު ބަދަލުކުރާކަށް ނުޖެހެޔޭ...... ވީކާ މަށަށް..... ބީފާނު ކަލެޔަށް...... އެންމެ ރަނގަޅުތަ؟ މޫސަ: ނޫން! ނޫން..... އަރަފޯދިގެނެއް ނުވޭ. އަރަފޯދިގެންވަނީ ހަމަ އިހަށްވެސް އޮތްގޮތް. ތައްޚާނަށް ބީފާނު. އަޅުގަޑަށް ވީކަވިއްކުން. އުމުރުވެސް.... ހުރިހާ ގޮތަކުން ބެލިޔަސް..... އަދި ލޯބީގެ ގުޅުންވެސް...... ތިޔައީ ގިތެއުގުޅިން އައި ކަމެއް ނޫންތޯ؟ ތައްޚާނު: އެހެން ހަދައިގެން ނުވާނެ. ބީފާނާ ގިތެއުގުޅިޔާ ކަލެއަށް. މޫސަ: ދެން އަވަހަށް ހިންގަވާ! ތިޔަގޮތްގޮތެއް ދެނެއް ނުވެވޭނެ. މިހާރު މިއޮތީ، ގުރުސް ފެންމަތިވާ އިރުވަރު ޖެހިފާ. (މިހާތަނުން މިޔުޒިކް ކުޑަކުޑަ ތަންކޮޅެއް. އޭގެފަހުން) ބީފާނު: ވީކާ! ވީކާ! ( ދަމައިލައިފައި) ވީކާ: ލައްބަ! އާދެ! ބީފާނު: ކޮބާ ހުރިހާ ކަމެއް ތައްޔާރުވެއްޖެތަ! ވީކާ: ލައްބަ! ތައްޔާރު! ބީފާނު: ކޮންހެދުމެއްތަ ނެގީ؟ ވީކާ: މެހިސީ....... ބީފާނު: ކޯންޗެކޭ؟ ކޮންސިއެކޭ. ވީކާ: މެހިސީއޭ ކިޔާ ހެދުމެއް އޮވޭ ނޫންތޯ. ދިގުކޮށް އޮންނަ ހެދުމެއް. ބީފާނު: ނޫން! ނޫން! ތިޔަކަހަލަ އެއްޗެއް ކަމަކު ނުދާނެ. އަހަރެމެންގެ ޒަމާނުގެ ހެދުން އަހަރެމެނަށް ކަމުދާނީ. ތިޔަ ބުނާ ކަހަލަ އެއްޗެހި ކަމުދާނީ، ކަލޭމެން ފުރާވަރުގެ ކުދީންނަށް. ވީކާ: ދެން ކޮން ހެދުމެއްތޯ؟ ބީފާނު: ދިވެހިހެދުން. އެއީ ބޯވަޅު އެޅި ލިބާސް، ކަސަބު ޖެހި ފޭލި- ދެން ބޮލުގައި ރުމާފަޅި. ވީކާ: އަޅުގަނޑޯ އަޅުގަނޑު ހެދޭނީ ކޮންހެދުމެއްތޯ؟ ބީފާނު: ތިޔަ ބުނާ މެހިސީ ލައިގެން ނުކުމޭ. އޭއިރުން ފެނިލައްވާނީ. ވީކާ: ރަކީކާޔާ ކިސީކާވެސް ނަލަހެދިގެން އައިސް އެބަތިބި. ބީފާނު: މިތަނަށް ގެނޭ! ކިސީކާ: ( ހީނގެންފައި) އަދިވެސް ބީފާނު ތިޔަ އިންނެވީ އިންނެވި ގޮތަށް. ހެދިލައްވާނީ ކޮންއިރަކުންތޯ؟ ބީފާނު: އަދި ލަހެއް ނުވޭ. އިރުއޮއްސި ބައިގަޑި ވީމާ ކައިގެން، ފެންވަރައިގެން ހެދުންލައިގެން ނުކުންނަހައި އިރުވެސް އެބައޮތް. އެހެންނޫނަސް މިހާރު މިއިނދެވެނީ..... ދެހިތްމަތީ. ރަކީކާ: އެޔޯ އަނެއްކާ؟ ބީފާނު: މިހާރު ކިޔަމުން މިއަންނަ ލަވަ، ޖަބުނާދެކާގެ ލަވަ ބަދަލުކޮށްލަންވީއޭ ހިތަށް އެބައަރާ. ކިސީކާ: ކިހިނަކުންތޯ؟ ބީފާނު: މަށަށް މޫސަ- ވީކާއަށް ތައްޚާނު. ވީކާ: އަމައްޔާތް! އަޅުގަނޑު ނޫޅެން----- ބީފާނު: ދެން ކީއްތަވީ؟ ލާރިއާ-ނަމާ، ގަދަރާ އިއްޒަތާ. ވީކާ: އުމުރާ-މަތިމަހާ-ތުނބުޅިއާ..... ނޫޅެން..... ބީފާނަށް ތައްޚާނު. އަޅުގަނޑަށް މޫސަ-. ރަކީކާ: ތިޔަވަނީ އަނެއްކާ ކޮންކަމެއްބާ. ގިތެއުގުޅިން އައި ކުށުވެރިކަމަކަށްވެސް ވެދާނެ. އަވަހަށް ކަމެއް ކުރަމާ ހިންގަވާ! ބީފާނު: ނޫނޭ! މީ ތިޔަކަހަލަ ކަމެއް ނޫން. މިކަހަލަ ބަދަލު ގެނައުމަކީ، ބޭނުން ކަމެކޯ! އަބަދު އެއްގޮތަކަށް އެއްސިފައެއްގައި ނުތިބެ ވޭނެޔޯ. ކިސީކާ: ދެން ގިތެއުގުޅިޔޯ؟ ބީފާނު: ގިތެއުގުޅިވެސް މަށަށް- މޫސަވެސް މަށަށް- ތައްޚާނުވެސް މަށަށް. ވީކާ: ދެން އަޅުގަނޑޯ! ބީފާނު: ވީކަޔަށް މެހިސީ. ވީކާ: ތިޔަގޮތެއް ނުފުދޭ. ކިސީކާ: ބީފާނު! ދެން އެކުން ގޯސްގޮވަން ނުހައްދަވާ! މިއޮއްހާ ދުވަހު ރާވައިގެން އެދިގެން އުޅުނު ކަންތައް އެންމެ ސިކުންތެއްގެ މޮޔަބުއްދިއަކާހުރެ ނަގާނުލައްވާ! ބީފާނު: ތިޔަ ކިޔަނީ ކީކޭތަ؟ މޮޔަބުއްދި ހުރޭތަ؟ މޮޔަވެއްޖިއްޔާ ބުއްދިއެއް ނުހުންނާނެ. މޮޔަޔާ ބުއްދުއާ އެކެއް ނުވާނެ. ލޯތްބާ ގިތެއުގުޅިއާވެސް..... ރަކީކާ: ކަހީނުޢާލިމުވެސް ބުނުއްވިނޫންތޯ! ނަސީބުގުޅިއޭ. އެގުޅި ދޫކޮށްނުލައްވާށޭ! ބީފާނު: ދޫކޮށެއްނުލާނަމޭ! ގިތެއުގުޅި ދޫކުރާނެތަ؟ ނަމަވެސް މޫސަގެ އެހެރަ ނަލަ ފަށުވިގޮތް....... ވީކާ: ފަށުވިތޯއްޗެ! ތިންއުޅި ބަރަނިން އެއްއުޅި މަދުވެފައި. ބީފާނު: އެހެންވިއްޔާ މަށަށް ދޭންވީނޫން. ވީކާ: ގިތެއުގުޅި ދެއްވަނިކޮށް....... ބީފާނު: ގުޅިޔޭ؟ ގުޅިޔޭ؟ ގުޅިޔެއް ނުދެވޭނެ! ކުޅިވަރެއް ކަމުގައި ބުނާ ތިޔަގުޅި ގިތެއު ނުދެވޭނެޔޭ! ވީކާ: ހޫނުފެން ޖެއްސެވިޔަކަސް ނަލަ މޫސައެއް ނުދެވޭނެޔޭ! ރަކީކާ: ދެން ވާހަކަ ދިގުނުކުރައްވާ ތައްޔާރުވެލައްވާ. މިހާރު އެހެރަވަނީ ހަގަޑިބައި. ބީފާނު: އާނ! މިދަނީ ފެންވަރަން. ބޮލަށް ފެންއަޅާލީމާ، މޮޅު ބުއްދި ފިކުރު އަންނާނެ ކަމަށް މީހުން ބުނާތީ އަހަން. ( މިޔުޒިކް ކޮޅެއް) މޫސަ: (ވަދެގެން އަންނަމުން) ބީފާނު! ބީފާނު! ބީފާނު: ކާކުތަ؟ ކޮންބައެއްތަ؟ މޫސަ: އަޅުގަނޑުމެން އަތުވެއްޖައީމު- އެބަތިބީމު- އިށީނދެއްޖައީމު ( މީން ކޮންމެ ބަހެއް ދަމާލައިފައި) ތައްޚާނު: ( ވައިއަޑުން) އަޑުގަދަ ނުކުރޭ! ތަންގަނޑު މީހުން..... މޫސަ: އަޑުގަދައެއް ނުވާނެ. ވާވަރަކަށްވުރެން ގަދައެއް ނުވާނެ. ތައްޚާނު: ( ވައިއަޑުން) ބީފާނު ކޮބައިބާ؟ މޫސަ: އެހެރަ ނުކުންނަވަނީ ނޫންތޯ؟ ވިދުވަރު ފެންނަން ފަށައިފި. ކުލަވަރު ފެންނަން ފަށައިފި. ވަސްގަނޑު ދުވަން ފަށައިފި. މައިން ތަނަށް ލައްގަޅޭ! ރަންފޮއްޓެއް ލައްގަޅޭ! އަހާނ! މިފެނުނީ އެހެން ބީފާނެއް. ވީކަފާނު. ތައްޚާނު: (ވައިއަޑުން) އެހެރަ ކަޅިރަވައެއް..... އެހެރަ އެސްފިޔައެއް. މޫސަ: ނޫން! ނޫން! އެއީ އަދި ހިޔަނިފުޅު..... ވީކާ! ބީފާނު ކޮބައިތަ؟ ވީކާ: ( ހިނިގަނޑަކާއެކު) އެބަ ދުރުވޭ. ޖޫސްތަށި އެހެންމީހަކު ގެންނާކަށް ކަމަކު ނުދިޔަ. މޫސަ: ޖޫސް އެކަނިތަ؟ އެހެން އެއްޗެއް ނެތްތަ؟ ވީކާ: ނޫނޭ! އައިސްކްރީމް- ބަނަސްކްރީމް- ޝޭވިންކްރީމް- މިކަހަލަ ކިތަންމެ އެއްޗެއް ތަށިތައްޓަށް އެޅެމުން އެބަދޭ. ބަލާލާށޭ ބުނުއްވީމާ މިބަލައިލީ. މޫސަ: ކަމުދާވަރުވޭތަ؟ ވީކާ: ތިޔައެއް އެނގޭނީ ބީފާނަށްތާ! އާނ! މިހިރަ ދުރުވަނީ. ( ދެން އިވުނީ، ރާސްލާފައި ތަށިތަކަކާ ތަބަކާ ވެއްޓި، ޖޫސްތައް ފައިބައިގެން ދިޔައަޑު) މޫސަ: އަހާނ! ސަހަރޯ! ތައްޚާނުގެ އެހެރަ ރީތި ހެދުންތައް...... މުޅީން ޚަރާބު. ވީކާ: އެހެންނޫންތަވާނީ. ބީފާނު ތަބައް ހިއްޕަވައިގެން ދުރުވިއިރު، ބެއްލެވެނީ މޫސަޔާ ދިމާއަށް ވިއްޔާ. މޫސަ: ތައްޚާނުވެސް ބައްލަވަން އިންނެވީ ވީކަފުޅާ ދިމާއަށް..... ވީކާ: ދެން ކީއްތަވީ! ހުތުރެއް ނުވާނެ!...... ބީފާނު: ހާދަ ދެރައޭ! އަޅުގަނޑު ކުރިކަމެއް ނޫން! ތަށިތައް ކުރިކަމެއް. ވެއްޓިގަންނާންވީ ކީއްކުރަން. ތައްޚާނު: އެއީ ކަމެއްނޫން. މިކަހަލަ ހެދުމެއް ދެހެދުމެއް ނޫން! ސާޅީސް ހެދުން. ބީފާނު: މޫސާ! ގިތެއުގުޅި ކޮބައިތަ؟ މޫސަ: ތިޔަހަރީ ނޫންތޯ! އަޅުގަނޑުމެން ގެނެސް ބެހެއްޓިތާ ތިޔަހަރީ..... އަހާނ! ގިތެއުގުޅި ބެހެއްޓިފައި އެހެރީ ފެންތަކެއްގެ ތެރޭގައިތާ! ކިސީކާ: ( އެތަނަށް ނުކުމެފައި) ތިޔަތާކު ފެނެއް ނުހުންނާނެ. ބީފާނު: ދެން ކޮން ފެނެއްބާ! ފެންގަނޑު ބޮޑުވަމުން ދުރަށް ފެތުރެމުން އެބަދޭ. ރަކީކާ: ތިޔަވީ ގޮތެއް ބަލަމާ ހިންގަވާ! ތައްޚާނު: މޫސާ! އަޅެ އެވަނީ ކީއްތޯ ބަލާބަލަ! މޫސަ: އެނގޭނީވެސް ބެލީމާތާ. (މިހެން ކިޔަމުން ގުދުވެލާފައި) އަހާނ! ކަމަކުދާކަށްނެތް. ގިތެއުގުޅި ބޭއްވިފައި އެއޮތީ ބަންޑުން. ގިތެއުގުޅި ފައިބާ އެހެރަ ހުސްވަނީ. ހާދަހާ ދެރައޭ. މަގޭ ގިތެއުގުޅި.... (ރޮއިގަތުމެއް) ބީފާނު: ގިތެއުގުޅި ބަންޑުން. ޖޫސްތަށި ބަންޑުން. ދެފަރާތް އެއްވަރު. ޑްރޯމެޗަކަށް ނިމުނީ..... ތައްޚާނު: މާފުކުރައްވާ! ބީފާނު! މޫސަ: ( ސިއްރުސިއްރުން، ވައިއަޑުން) ބަލަ ދެންމެ ދެއްކެވި ވާހަކަޔޯ؟ ތައްޚާނު: ބީފާނު ފެނުނީމާ ބަދަލުވެއްޖެ. އެހެރަ ކަޅިރަވައެއް..... އެހެރަ ސިފަޔެއް...... ބީފާނު: ( ރަނޑު ހިނިގަނޑަކާއެކު) މާފުކުރައްވާ! ތައްޚާނު! ވީކާ: (ވައިއަޑުން) ދެންމެ ދެއްކެވި ވާހަކަޔޯ؟ ބީފާނު: ތައްޚާނާ ގިތެއުގުޅިއާ ފެނުނީމާ ބަދަލުވެއްޖެ. އެހެރަ ބުމައެއް. އެހެރަ ދަތްދޮޅިއެއް. ތައްޚާނު: މާފުކުރެވޭނީ ގޮތެއްގެ މަތީން. ބީފާނު: ކޮންގޮތެއްތޯ؟ ތައްޚާނު: އިންނަންކަމަށް. ބީފާނު: ޤަބޫލް!...... އަޗިހ! ނޫޅެން... ނޯ! މޫސަ: ( ހީނގެންފައި) އާނ! ތިޔަކަން ތިޔަ ނިމުނީ ނިމެންވީ ގޮތަށް- ތިޔައީ ހަމަ އެންމެ ވަރުގަދަ ލޯބި- ގިތެއުގުޅިން ނެގި ލޯބި! ގިތެއުގުޅިން ނެގި ލޯބި. ނާނާ. އާނ! އާނ! ހޫނ! ހޫނ! އަގުހުރި މީރު ދޭރަހަ ކަރުނުވެހުރި މޮޅު ގިތެއުގުޅިން... ގުޅިކޮޅު ގިތެލުން މުޅިފުޅު ހަނޑުލުން ކުޅިގަދަ ބިރިޔާނީ ކުކުޅުން، މުޅިއުމުރަށް ދެމިހުންނަ މިއަސަރުން، ފުޅިފުޅިޔަށް އެޅި ބަންޑުންލައިފިޔެ.ގި....... ރަނގަ ރަނގަ ތޮޅިޔާ މުރަނގަ ދެ ތޮޅިޔާ، ރަނގަވާޅުން ނެގި ތިން އުޅިޔާ ބަނގަލާމަތިމަސް ދެވަންތުނބުޅިޔާ އަނގަމަތި ހުރި ސިފަ ފޮރުވައިދީފިޔެ. ގި...... ނަންހުރި ނިޔަނެތި ކަންކޮޅުތަކުގައި، ރަންކުޑަބީފާނާ ތައްޚާނު، ފަންވަރު ދެރަކޮށް، މަންޒިލް ކުރުކޮށް، ރަންކުލަ ދިރިއުޅުމަށް ގެނުވައިފިޔެ. ގި..... * * * * * މިބައިގެ މީހުން: 1. ތައްޚާނު 4. ވީކާ 2. މޫސަ 5. ރަކީކާ 3. ބީފާނު 6. ކިސީކާ (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|