ފަންވަތް ދިވެހި މާދަރީބަސް ނަހަލާލު ބަސް
ބެލި ޢަދަދު: 1942
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ނަހަލާލު ބަސް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
25 ޑިސެމްބަރ 2009، 06:20 ހުކުރު

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑު

މަޢުލޫމާތެއް ތިމާއާ ހަމަޔަށް ފޯރީމާ، އެކަމެއްގެ ދޮގުތެދު ބަލައިލެވެނީ މަދުމީހަކަށެވެ. ކޮންމެ މަޢުލޫމާތަކީ، ކޮންމެ ޚަބަރަކީ، ތެދު އެއްޗަކަށް ނުވާތީ، ބައެއް ފަހަރަށް ވަރަށް ބޮޑެތި އޮޅުންތައް ބައެއް މީހުންނަށް އަރައެވެ. ނަތީޖާއެއްގެ ގޮތުން ޙަޤީޤަތެއް ނެތް ކަމެއްގައި އެހެންމީހުންގެ ބޮލުގައި ނޭދެވޭ އިލްޒާމުތައް އެޅުވޭތަން އާދެ އެވެ. ނުބައި މަޢުލޫމާތުގެ ބޭނުން ނުބައިގޮތުގައި ހިފޭތަން ވެސް އާދެ އެވެ.

އަޅުގަނޑުމެންގެ މާދަރީބަހާ ބެހޭގޮތުން ވެސް މި ފަދަ ދޮގު މަޢުލޫމާތު ބައެއް މީހުން ފަތުރަ އެވެ. ބައެއް ފަހަރަށް އެފަދަ މީހުން ހިތްހަމަ ނުޖެހޭކަމެއް ދިމާވެފައި އޮތީތީ އެވެ. ބައެއް ފަހަރަށް އެފަދަ މީހުންގެ ޢިލްމީ އަދަބީ ކަންވާރުގައި ފޮދުވަރެއް ނެތީތީ އެވެ. އަދި ބައެއް ފަހަރަށް  މި ކުރެވެނީ ޤައުމީ ނިސްބަތުގައި ކިހާވަރެއްގެ އިހާނެތި ޢަމަލެއްކަން އިޙްސާސް ނުކުރެވޭތީ ކަމަށް ވެސް ވެދާނެ އެވެ.

މި އަދު ދިވެހިބަހުގެ ޑިޕްލޯމާ ކޯސްތައް އެބަ ހިންގެ އެވެ.  ޑިގްރީ ކޯސްތައް ފުލުފުލުން ނިންމެމުން އެބަ ދެ އެވެ. އެކަމަކު މި އަދު މި ކަންކަން މި ގޮތަށް މި ކުރެވެނީ ކޮންމެ ވެސް ޒަމާނެއްގައި ''ދިވެހި ބަހުގެ މަސްއޫލުވެރިން'' އެ ބަހުގެ ފުށްކިބައިގައި އަޅައި އޭގެ ވަޒަނުން ބޭރުކޮށްލީމާ ހައިބަނޑާ ކަށްބިމުގައި ކަށްވަޅުގެ ތުންފަތްމަތީ ވަނިކޮށް، ފަހުން އައި ބަޔަކު ކުރި ހޭހަމުގެ ސަބަބުން އަލުން ދިރުން ލިބުނީތީ އެވެ. މި ދިރުން ގެނައުމުގައި އެތައް ބުރަ މަސައްކަތެއް ކުރެވިފައިވެ އެވެ. އެ ކަންފުރިހަމަ ވުމުގައި އެތައް ރުކުންތަކެއް ހިމެނިފައިވި އެވެ. އެއް ރުކުނަކީ،  ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒެވެ. އެ މަޒުކަޒާއި މާނަވީގޮތުން ގުޅިފައިވި ޤައުމިއްޔަތަށް ލޯބިހުރި، ޤައުމީ ހައިސިއްޔަތުން މަސްއޫލުވެރި ސިކުނޑިތަކެވެ. އެ މަރުކަޒުގެ މަސައްކަތްތަކެވެ.  އެ މަރުކަޒުގައި އޮންނަ ދިވެހި ބަހުގެ ކަންކަން ބަލަހައްޓާ ކޮމިޓީ، ނުވަތަ ''ބަސްކޮމިޓީ'' އެވެ.

ބަސްކޮމިޓީ އަކީ، ރާއްޖޭގައި ތިއްބެވި ޢިލްމީ ޤާބިލް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމިޓީ އެކެވެ. އެކޮމިޓީއަކީ ހަމަ އެކަނި ޤައުމީ މަރުކަޒުގެ ތެރޭން އެކުލަވައިލެވިފައި އޮތް ކޮމިޓީއެއް ނޫނެވެ.

ބަސްކޮމިޓީގެ މަސައްކަތްތައް ގިނަގުނަ އެވެ. އޭގެތެރޭން  އެއް މަސައްކަތަކީ، ބަސްހެދުމެވެ. އާ  ބަސް ހެދުމެވެ.  އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވަނީ، ވަރަށް ޢިލްމީ ގޮތެއްގަ އެވެ. ހަމަ ބޭފުޅަކު އެއްޗެއް ވިދާޅުވާއިރަށް އެ ބަހެއް ބަސްފޮތުގައި ހިމެނުއްވީއެއް ނޫނެވެ. ހަދަން ގަސްތުކުރެވޭ  ކޮންމެ ބަހަކާމެދު އެތައް ބަހުސެއް ކުރެވެ އެވެ. އެތައް ބެލުންތަކެއް ބެލެ އެވެ. މި ގޮތުން އެ ބޭފުޅުން މަސައްކަތް ކުރެއްވުމުގައި ހަރުދަނާ މިންގަނޑުތަކެއް  ގެންގުޅުއްވި އެވެ. އުސޫލުތަކެއް ހިފެހެއްޓެވި އެވެ. ދެ މިސާލެއް ދަންނަވާލާނަމެވެ.

1-    ބޭރުބަހަކަށް ބޭނުން ކުރާނެ ދިވެހި ބަހެއް ހައްދަވަން ވެއްޖެ ނަމަ، އެ ބޭރު ބަހެއްގެ މާނައާ އެންމެ ގާތްކުރާ ދިވެހި ބަހެއް، ނުވަތަ ދިވެހި ބޯދާ ބަހެއް ހޯއްދަވައެވެ. ދެން މި ހޯދުނު ދިވެހި ބަހުން  އެ ބޭރުބަހުގެ  އަސްލުމާނަ ނުލިބިއްޖެ ނަމަ، ދިވެހި ބަހުގެ މާނަ ތަނަވަސް ކުރެވެ އެވެ. މި ސާލަކަށް، ''ލީކު'' މި ބަހަކީ އިނގިރޭސި ބަހުގައި އޭގެ މާނަ ވަރަށް ތަނަވަސް ބަހެކެވެ. ދިޔާ އެއްޗެއް ވެސް ލީކު ވެދާނެ އެވެ. ހިކި އެއްޗެއް، ނުވަތަ  މަޢުލޫމާތެއް ނުވަތަ ވައި ވެސް ލީކު ވެދާނެ އެވެ. ދިވެހި ބަހުގައި ލީކުގެ މާނަ ހިމެނޭ ބަހެއް އޮވެ އެވެ. އެއީ ''ނީރުން'' މި ބަހެވެ. އެކަމަކު ދިވެހިން މި ބަސް ބޭނުން ކުރަމުން އައިގޮތަށް ބަލާއިރު، ނީރާނީ ހަމަ އެކަނި ދިޔާ އެއްޗިއްސެވެ. ހިކި އެއްޗިހި، ޚަބަރު، ވައި، މި ތަކެތި ނީރާ ކަމަށް ކިޔައެއް ނޫޅެއެވެ. ނަމަވެސް ބަސް ކޮމިޓީން ފަހުން ވަނީ މި މާނަތައް ނީރުމުގެ މާނައިގެ ތެރެއަށް ލައްވައި، ލީކުވުން ބޭނުން ކުރެވޭ ހުރިހާތަނެއްގައި ނީރުން ބޭނުން ކުރެވޭގޮތް ހައްދަވައިފަ އެވެ. މާނަ ތަނަވަސް ކުރައްވާފަ އެވެ. މިއީ ވެސް އެބޭފުޅުން ގެންގުޅުއްވި އެއް އުސޫލެވެ.

2-     ބަސް  ހެދޭ ކަމަކާމެދު ފިކުރު ހިންގެވުމަށްފަހު، އޭގެ މަސައްކަތާއި ގުޅޭގޮތުން ދިވެހި ބަހުގެ ވެށިން ލިބޭ ނިޝާންތަކަށް ބަލައި ރަމްޒީ އަކުރުތަކެއް ނެރެ އެކުލަވައިލުމަކީ ވެސް ބެއްލެވި ގޮތެކެވެ.  މި ސާލަކަށް ''ނެޓްވޯކް'' މި ބަހަށް ދިވެހި ބަހުން ކިޔުމަށް އުފެއްދެވި ނަމަކީ، ''ވިޔުގަ'' އެވެ. މި އަކުރުތައް ނަންގަވާފައި މިވަނީ ''ވިޔުންގަނޑު'' މި ބަހުން ކަމަށްވެ އެވެ.

އަޅުގަނޑުގެ މައުޟޫޢަށް ދޮރުހުޅުވާލުމަށްޓަކައި، މިވާހަކަތައް ދަންނަވާލީމެވެ. މަޤުޞަދަކީ، ބަސްކޮމިޓީން އުފެއްދެވި ބަސްތައް އުފައްދަވާފައިވަނީ، އުސޫލެއްގެ މަތިންކަމުގައި ދަންނަވާލުމެވެ. ޢިލްމީ  ހަމަތަކެއްގެ މަތިންކަމުގައި ދަންނަވައިލުމެވެ. ބަސްކޮމިޓީގެ މޭޒުމަތިން އުފަންވާ ބަސްތަކުގެ ވުޖޫދު އެނގެން އޮންނާނެ އެވެ. ތަފުސީލުތައް ފެންނަން ހުންނާނެ އެވެ. ފަހަރެއްގައި ވެސް މީގެ މާނައަކީ، ކޮންމެ ބަހެއް އުފަންވާންޖެހޭނީ އެކަމަށް އައްޔަނު ކުރެވިފައިވާ ރަސްމީ ކޮމިޓީއަކުންނޭ ދަންނަވާލުމެއް ނޫނެވެ. އެކަމަކު ބަހަކީ، އޭގައި ހަމަޔަކާއި، އުސޫލެއް ހިމެނޭ އެއްޗެކޭ ދަންނަވާލުމެވެ. ހަމަ އެކަނި ފަންނަކަށްވުމުގެ ބަދަލުގައި ފަންނަކާއި، ޢިލްމެއްކަން ހިތަށް ގެނައުމެވެ.

ޙަޤީޤަތް މި ހެން އޮތް އިރު، ޢިލްމީ އެއްވެސް އަސަރެއްނެތި ބަޔަކު ''ނުބައި ބަސްތަކެއް'' ވައިގައި ހިއްޕި އެވެ. މި ބަސްތަކާ މެދު ބައެއް މީހުން ހީކުރަނީ އެއީ ވަކި މީހަކު އުފައްދާފައިވާ ރަސްމީ ބަސްތަކެއް ކަމަށެވެ. ދެން މި ލިޔެލަނީ މި ދެންނެވި ނުބައި ބަސްބަހުގެ ބައެއް މިސާލެވެ. ކުށްބަސްތަކުގެ ބައެއް މިސާލެވެ.  އާދެ!  ގައުމިއްޔަތަށް ފުރައްސާރަ ކުރުމުގެ ބައެއް މިސާލެވެ.

1-    އެނދުމަތިކުރުން

(މި އުޅެނީ މަންމަ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވައިގެންނޭ ބުނުމުގެ ބަދަލުގައި މަންމަ އެނދުމަތި ކޮށްގެންނޭ ބުނާތީ އިވެ އެވެ. މީޑިޔާ އިންވެސް މިބަސް މި ގޮތަށްއިވެ އެވެ. ފެނެ އެވެ. އެކަމަކު މި ގޮތް ރަނގަޅެއް ނޫނެވެ. ކީއްވެތޯ އެވެ؟ ބިންމަތި ކުރުމޭ ދިވެހިން ކިޔައި  އުޅެއެވެ. އެކަމަކު މީހަކު ބިންމަތި ކޮށްލައިފި ނަމަ ގިނަފަހަރަށް އެ ފަކީރުގެ ހޭވެރިކަންވެސް ނުހުންނާނެ އެވެ. މީހަކު ބިންމަތި ކޮށްލެވޭނީ އެވަރު ކޮށްލައިގެންނެވެ. ތިމާގެ ގަދަބަދަވިކަން ފިސާރި ދައްކައިލައިގެންނެވެ. ވީމާ އެނދުމަތި ކޮށްލުމަކީ ކޮބައިކޮބައިތޯ އެވެ؟

2-    އަތުފޯލި

ބައެއް މީހުންނަށް ހީވަނީ ރިމޯޓު ކޮންޓްރޯލުގެ ދިވެހި ނަމަކީ މިއީ ކަމަށެވެ. އެކަމަކު މިއީ ވެސް ފުރައްސާރަ ނަމެކެވެ. ދިވެހިން ވެސް ކިޔަނީ ''ރިމޯޓު'' މި ގޮތަށެވެ. އަތޮޅަށް އިނގިރޭސިން ''އެޓޯލް'' ކިޔަނީ އެ ބަސް ފަގީރު ކަމަކުން ނޫނެވެ.

          
3-    ބަރަހަނާ މާލަން

މި ނަމަކީ ''ފާޚާނާ'' މި ނަމުގެ ބަދަލުގައި  ބޭނުން ކުރުމަށް ވައިގައި ހިއްޕާފައިވާ ފުރައްސާރަ ނަމެކެވެ. މިއީ ވެސް ބަސްކޮމިޓީން ހެއްދެވި ނަމެއް ނޫނެވެ.

މީގެ އިތުރަށް ކުޑަކުދިންގައި ޖަހާ ނެޕީއަށާއި، އަންހެނުންނާއި ފިރިހެނުންގެ ''ނިވައިމަގުގެ ފޭރާމަށް'' ވެސް ވަރަށް ހުތުރު ނަންތައް ހަދައި މީހުންނަށް އެއީ ހަގީގީ ނަންނަންކަމުގައި ހީކުރުވާފައި ވެ އެވެ. މި ދެ އެއްޗަކީ ވެސް ކޮންމެ ވެސް ... މަތަ އެކޯލަ އެވެ.

ލިޔުން ނިންމާލުމުގެ ކުރީގައި އަދި އެއްބަހަކާ  ބެހޭގޮތުން އެއްޗެއް ދަންނަވައިލާނަމެވެ. އެ ބަހަކީ މި ދެންނެވި ފުރައްސާރަ ގިންތީގެ ބަހެއް ނޫނެވެ. އެކަމަކު ވެސް ވަރަށް ގިނަ ބަޔަކަށް އޮޅުން އަރާފައި އޮންނަ މައްސަލައެއްކަމަށް ފެންނާތީ ދަންނަވާލާ ހިތްވަނީ އެވެ.

ބައެއް މީހުން ހީކުރަނީ ކޮންޕިޔުޓަރަށް ކިޔާ ދިވެހި ނަމަކީ، ''މަސްނޫވީ ސިކުނޑި'' ކަމަށެވެ. މިއީ ވެސް ގޯހެކެވެ. ކޮންޕިޔުޓަރަށް ދިވެހިން ވެސް ކިޔަނީ ކޮންޕިޔުޓަރެވެ. އެއަށް ކިޔާ އެހެން ނަމެއް ބަސްކޮމިޓީންވެސް އުފައްދަވާފައެއް ނުވެ އެވެ. ''މަސްނޫވީ ސިކުނޑި'' އަޅުގަނޑުމެންގެ ބައެއް މީހުންގެ ސިކުނޑީގެ ތެރެއަށް ވަނީ މީޑިޔާގެ ތެރޭން ލައިފައެވެ. ނޭނގުމެއްގެ ތެރޭގައިކަމަށް ފެނެ އެވެ.

ހދ. ކުޅުދުއްފުށީ ޖަލާލުއްދީނު ސްކޫލު ހުޅުއްވައި ދެއްވި ދުވަހު އެތަނުގެ ކޮންޕިޔުޓަރު ލެބާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ވިދާޅުވި އެވެ. މި އަދު އަޅުގަނޑު މެންނަށް މިވަނީ ''މަޞްނޫޢީ ސިކުނޑިއެއް'' ލިބިފަ އެވެ. ބައެއް މީހުން ހީކުރީ އެއީ ކޮންޕިޔުޓަރަށް ކިޔާ ދިވެހި ނަންކަމަށެވެ. އޭގެ ފަހުން މީޑިޔާއިން އެ މާނައިގައި އެ ބަސް ބޭނުން ކުރާތީ އިވުނެވެ. އެކަމަކު އެއީ އެހެން އޮތްކަމެއް ނޫނެވެ. އެއީ ވާހަކަ ދެއްކުންތެރިކަމުގެ ހުނަރެވެ. ތާނަ ޓައިޕިން ކޯސް ހުޅުއްވައި ދެއްވި ދުވަހު އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. '' މި އަދު އަޅުގަނޑު މެންނަށް މިވަނީ އަތް ވާޅުނުވާ ކާތިބަކު ލިބިފަ އެވެ'' އޭގެ މާނައަކީ ޓައިޕްރައިޓަރަށް ކިޔާ ދިވެހި ނަމަކީ ''އަތްވާޅު ނުވާ ކާތިބު'' ކަމުގައި ވުމެއް ނޫން ދޮގެއްތޯ އެވެ؟

އާދެ! ކޮންމެޔަކަސް މި ފަދަ މަޖާޒީ ބަސްތަކާއި، އަޅުގަނޑު އިސްވެ ދަންނަވާލި ފުރައްސާރަ ބަސްތަކާ ތަފާތެވެ. މަޖާޒަކީ އަދަބިއްޔާތުގެ ބަޔެކެވެ. އެހެންކަމުން މަޖާޒުން ބަސް މުއްސަނދި ކުރަންޖެހޭނެ އެވެ. މުއްސަނދިވާނެ އެވެ. ބަސް ޒީނަތްތެރިވެސް ވާނެ އެވެ. އެކަމަކު ފުރައްސާރަ ބަސްތަކުން ބަހުގެ މޫރިތިކަމަށް ލޮޅުން އަރަ އެވެ. އެހެންކަމުން އެފަދަ ނޭދެވޭ ކަންކަމުން  އަޅުގަނޑުމެންގެ ލިޔެކިޔުން ސަލާމަތްތެރި ކުރަންޖެހޭނެ އެވެ. އޭގެ ހުތުރުކަމާއި އައިބުކަން އެނގެން ޖެހޭނެ އެވެ. އެ ބަސްތައް ބޭނުން ކުރުމާ އަޅުގަނޑުމެން ދުރުހެލިވާންވެސް ޖެހޭނެ އެވެ.

ޙަޤީޤަތް ނޭނގޭ ވަރަށް ގިނަ ބަޔަކު، އިސްވެ ދަންނަވާލެވުނު ފަދަ ހުތުރު  ކޮންމެ ބަހެއްގެ ފޫޅުކަނޑާތީ އިވެނީ އަޅުގަނޑުމެންގެ ލޮބުވެތި އުސްތާޛު ޢަބްދުﷲ ޞާދިޤަށެވެ. އެކަމަކު ޙަޤީޤަތް ކުރީން މި ބަޔާންކޮށްލެވުނީ އެވެ.  އޭން ބަހެއް ޢިލްމީ އަދަބީ އެއްވެސް ހަމަޔަކަށް ނުފެތެ އެވެ. އިޖުތިމާޢީ އަޚުލާޤީ އެއްވެސް ގިއުގަނޑެއްގެ ތެރެއަކަށް ނުވަދެ އެވެ.  ބަސް ހެދި މީހަކު ވެސް  ނޭނގެ އެވެ. 


(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (13)Add Comment
...
ލިޔުނީ އަޙްމަދު , 2009-12-25 04:21:43
ހަމަތެދެއްތޯއެވެ. އަޅުގަނޑުވެސް ހީކުރީ އެއީ ޤަޢުމީމަރުކަޒުން ހައްދަވާފައިވާ ބަސްތަކެއްކަމަށެވެ. އަދިއެއްވާހަކަދަންނަވާލާނަމެވެ. މި މަޒުމޫނުގެ ސުރުޚީ ވަރަށް ކަމުދެއެވެ.
...
ލިޔުނީ alimanik, 2009-12-25 13:28:52
dhuniyeyge bas bas mussandhivanee ebbahun aneh bahah gengosgen.. varah gina spanish, french italian bas bas hunnaane english bahah gengossa.,,fahareggaaves maanayakah balaafaeh noon lanee eh.. ivey gothaai enme faadu gothakah balaafa lanee... endhumathikurun ei hama rangalhu baheh.. thigothah viyya maybiskadhuruves mee kamunudhaa baheh..dhivehin dhakkane boakoshaa vaahakaves..boleh nukoshaa evves meehaku.. ehunnanee dhivehi bahuge balaaghaiytherikan..bahakee thalhudhadi eh..ethalhudhadi nuvatha lock code akee faseyhain break kollevey ehchekah vegen nuvaane..bas dhasvaanee ebahun vaahaka dhakkaa maahauluga ulhegen.... bahakee bas commitee in hadhaa ehcheh noon..bas hadhaanee mujthamauga ulhey meehun..ebas jeheynee bas commitee ashaa radheefah laan..masverin beynun kuraane faadu faaduge slang thavves.. eves jeheyne bas fothah leven..emeehun kairiah gos aharemenakah nubuneveyne.."balaga ey thihen kiyaa baheh bas commitee in adhi faaheh nukureyeye".. english dictionary migothun namoonaa akah balaa bala naseeeroo......
...
ލިޔުނީ ‡މުޞްޠަފާ ޙުސައިން, 2009-12-26 00:55:06
ވަރަށް ރަނގަޅު ލިޔުމެކެވެ. ތިޔަ ވިދާޅުވި ފަދައިން، ބަހަކީ ހަމަ އެކަނި އާޓެއް ނޫނެވެ. ނުވަތަ ފަންނެއް ނޫނެވެ. އެއީ ފަންނަކާއި އުސޫލުތަކެއް ހިމެނޭ އެއްޗެކެވެ. އިނގިރޭސި ބަހަށް ބެލި ނަމަވެސް މި ކަން އެނގޭނެ އެވެ. އެކަމަކު އިލްމީ ފެންވަރެއްގައި ވިސްނައިފި މީހަކަށެވެ. މި ސާލަކަށް އެމެރިކާގެ މަޝްހޫރު ބަސްފޮތްކަމުގައިވާ ވެބްސްޓަރ ފުދެ އެވެ. ކޮންމެ ބަހެއް ގެ ތަފުސީލާއެކު، އެބަސް ކިޔާނެ ގޮތްވެސް ލިޔެދީފައި އޮވެ އެވެ. އޭގެ މާނަ އަކީ އެ ނޫން އަޑަކުން އެ ބަސް ބޭނުން ކޮށްފި ނަމަ ބަހުގެ ރީތިކަން، ނުވަތަ ނަސީރު ވިދާޅުވެފައިވާ ގޮތަށް ނަމަ ''ބަހުގެ މޫރިތިކަން'' ގެއްލެނީ އެވެ. އެ ހުރިހާ ތަފުސީލެއް ބަޔާން ކޮށްފައި އެ ވަނީ އެހެންވެގެންނެވެ. އެކަން ކުރަނީ ވެސް ބަހުގެ އިލްމު ލިބިތިބި މީހުންނެވެ. ހަމަ އެކަނި ކެމްބްރިޖުން އޯލެވެލް ހަދައިގެން ތިބި މީހުންނެއް ނޫނެވެ.

އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މި މަޒުމޫނުގައި ނަޞީރު ވިދާޅުވެފައި އޮތް އެއްޗެއް އަލިމަނިކަށް ވިސްނިވަޑައިގެންފައެއް ނެތެވެ. ބަހަކީ ޢިލްމަކާއި ފަންނެކޭ ތިޔަ ވިދާޅުވި ބަހުގެ މުރާދު އޭނާ އަށް އޮޅުން ފިލައިވަޑައިގެންފައި ނެތްކަން ފާޅު ކުރައްވާފައިވާ ޚިޔާލުން އެނގެ އެވެ. އެފަދަ ޚިޔާލަށް ޒަރީފު ޚިޔާލޭ ކިޔަފައި އޮތްވައި ފަންވަތުން ދުށީމެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އިނގިރޭސި ބަހުގައި އެއަށް ކިޔަނީ ކޮންޓެކްސްޓުން ބޭރުވުމެވެ. ގިނަ ފަހަރަށް އެހެންވަނީ ނަޞީރު ވިދާޅުވެފައިވާހެން ''ޢިލްމީ ކަންވާރުގައި ފޮދުވަރެއް ނެތީމަމެވެ.''

ނަޞީރުގެ ވާހަކަ ރަނގަޅެވެ. ޑިމޮކްރަސީއަށް ބާޒާރު މަތީގައި ''ދިމާކުރާތީ '' އަދި '' ދީން މުގުރާއެތި'' މި ހެން ކިޔައި އުޅެ އެވެ. ނަޞީރު ތިޔަ ވިދާޅުވަނީ މި ފަދަ ބަސްތަކަކީ ބަހުގެ މޫރިތި ކަމާ ޚިލާފު ބަސްތައް ކަމަށެވެ. ތިޔަ ވާހަކަ ރަނގަޅެވެ. ޝުކުރިއްޔާ އެވެ! މީ އަޅުގަނޑުގެ ޚިޔާލެވެ.
...
ލިޔުނީ alimanik, 2009-12-26 04:51:59
Alhugandu dhannavaanee naseerakee dhivehi bahugaa harukashi khiyaalu gengulhey beyfulhekay.. Naseeruge liyuvvumeggaa ovey "Nubai meehegge cycle" ah faadu kiyaafa....English bahugaa "wrong" ah dhivehi bahun kiyaanee "nubai".. ehenveema ehen meehegge cycle ah erijjenyaa aharemenakah nubuneveyne "wrong" meehegge cycle ekay..aharemenah buneveynee "nubai meehegge cycle" ekay...ei dhivehi bahuge gothun kusheh noon..english bahugaa annaane cool meehunge vaahakaves...namaves eyge lafzee maana ah balaaifinama "fini meeheh" ei..visni vadaigenfitho
...
ލިޔުނީ އަމް, 2009-12-28 13:51:19
ލިޔުން ވަރަށް ރަނގަޅު. އެކަމަކު އަހަންނަށް ހީވަނީ ތިފަދަ ބަސްތަކަކީ "ބަޒާރުމަތީ" ބަސްތަކެއްހެން. މިބުނީ ރަސްމީކޮށް ބަސްފޮތެއްގައި ލިޔެ އާއްމުކޮށްގެން ކިޔަންފެށުނު ބަސްތަކެއް ނޫންހެން އަހަންނަށް ހީވަނީ. އަހަންނަށް ހީވަނީ މިފަހަކަށް އައިސް އާއްމުވި "ހުޅުރޯގާ" އަކީވެސް ބަސްކޮމެޓީން ފާސްކުރި ބަހެއްނޫންހެން. އެކަމަކު ރަނގަޅު ބަހެއްކަންނޭގެ މިއީ. މިގޮތަށް ހެދެމުންދާ ބަސްތަކުގައި އެދުވަސްވަރަކާއި ގުޅިގެން ބަސްއުފެދެމުންދާނީ. މިކަމުގަ އެއްވެސް ހިފެހެއްޓުމެއް ނެތުމުން ގޯސް ބަސްވެސް އަދި ރަނގަޅު ބަސްވެސް އުފެދެމުން ދާނެ. މިސާލަކަށް "ޕާރޓޭ"، "ޕާޓު"، "މަޅީގެ މީހުން"، ދެން މިފަދަ އެތައް އެތައް ބަސްތަކެއް ހިމެނޭ. އެ ހާލަތެއް ނިމުމުން ބައެއްބަސް ފަނޑުވެގެން ދޭ. މިހާރު އެވަރަށް ނުދަންނަ މީސްމީހުންނަށް ގޮވާއިރު "ޕާރޓޭ" އޭ ކިޔާފަ ނުގޮވާހެން.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-01-01 02:20:32
އާދަމް ނަޞީރުގެ ވާހަކަފުޅާއި އަޅުގަނޑު އެއްބަހެއެވެ. ނަމަވެސް މިލިޔުމުން ފެނުނު އެއްބަހަކާއި މެދުގައި ނަޞީރު ބުނެދެއްވައިފައިވާ ގޮތާއި މެދުގައި އަޅުގަނޑު އެހައި ހިތްހަމައެއް ނުޖެހެއެވެ. އެއީ "އެދުމަތިކުރުން" މިބަހެވެ. ކޮންމެ ބަހެއްގައި ތަފާތު އެކިއެކި ކަހަލަ ބަސް ހިމެނެއެވެ. ބައެއް ބަސް ބަހަކީ އެބަހަކުން ތަފާތު އެތައް ގިނަ ޙާލަތްތަކުގައި ބޭނުންކުރެވޭ އަދި ބޭނުންކުރެވޭ ޙާލަތާއި ގުޅޭގޮތުން ބަހުގެ މައުނަ ތަފާތުވާ ބަސްތަކެކެވެ. އިނގިރޭސީ ބަހުގައި މިފަދަ ބަސްބަހަށް ކިޔައި އުޅެނީ "ސިނޮނިމްސް" ކަމުގައި އަޅުގަނޑަށް އެނގިފައިވެއެވެ. ބޭނުންކުރެވޭ ޙާލަތާއި ގުޅޭގޮތުން ދިވެހި ބަހުގައި، އޭގެ ދޭހަ ތަފާވެގެން އަންނަ ބަހެއްގެ ވާހަކަ ދަންނަވައިފިނަމަ އެކަން ޤަބޫލު ކުރައްވާނަންތޯއެވެ. އެކަމަކު މިބަހަކީ އަޅުގަނޑު ކުރިން ދެންނެވި ގިންތީގައި ހިމެނޭ ބަހެއް ކަމުގައި ނުވެދާނެއެވެ. މިސާލަކަށް އަންހެނަކު ނުވަތަ ފިރެހެނަކު އަނެއް ފިރިހެނަކަށް ނުވަތަ އަންހެނަކަށް "ކަލާ" މިބަހުން މުޚާޠަބު ކުރުމަކުން، އަބުއި ކަމެއްކަމުގައި ނުދެކޭނެއެވެ. އެކަމަކު އަންހެނަކު އަންހެނަކަށް އަދި ޚާއްޞަކޮށް ފިރިހެނަކު ފިރިހެނަކަށް "ކަލާ" މުޚާޠަބުކޮށްފިނަމަ، މިއަދުގެ ދިވެހި މާހައުލުގައި 100 އަކުން 90 މީހުންގެ ނަޒަރުގައި މިގޮތަށް މިބަސް ބޭނުންކުރެވުމަކީ އަބުއި ކަމެކެވެ. ނަމަވެސް އަސްލުގައި މިބުނެވި ދިޔަ ބަހުގެ ޙަޤީޤަތަށް ރުޖޫޢަ ވާއިރު މިފަދަ އަބުއި ކަމެއް ވާނެ ކަމުގައި އެކަކުވެސް ނުދެކޭނެއެވެ. ސަބަބަކީ "ކަލާ" މިބަހަކީ "ކަލޭ" މިބަހުގެ މާތްގޮތް ކަމުގައި އަޅުގަނޑަށް އެނގިފައިވާތީއެވެ. އާދަމް ނަޞީރުގެ ލިޔުމުގައި ފާހަގަ ކުރައްވައިފައި ނެތް ނަމަވެސް ބަސް ދެނގަތުމުގައި ވަރަށް މުހިންމު 2 ކަމެއް އަޅުގަނޑު ފައުޅުކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ބަހާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ބަހުގެ އަހުލުވެރިންނަށް ފޯރުކޮށް ދިނުމެވެ. ބަސް ނޭނގުމަކީ ބަހުގެ ނިކަމެތިކަން ކަމުގައި ދެކޭ މީހުނަށް މިއަށް ވުރެ މޮޅު ބޭހެއް ނޯންނާނެ ކަމުގައި ހީވެހެއެވެ. މިހެން ދަންނަވަން ޖެހެނީ، ދިވެހި ބަސް ކިޔަވައިދިނުމުގައި މިއަދުގެ ކިޔަވައިދިނުމުގެ ނިޡާމް ބައްޓަންވެފައި އޮތީ ވަރަށް ބޮޑަށް ޢާންމު ބަހުރުވައަށް ޚާއްޞަވެެގެންނެވެ. ނަމަވެސް ދިވެހި ބަސް މައިގަނޑު ގޮތެއް ހިމެނިފައި މިއޮންނަނީ މައިގަނޑު ހަތަރު ބަހުރުވައެއް (ޑައިލެކްޓެއް) ގެ މައްޗަށެވެ. އޭއީ ހއ. ފެށިގެން ލ އަތޮޅާއި ދެމެދުގައި ޖުމްލަގޮތެއްގައި ތަފާތުތަކާއި އެކުނަމަވެސް ވާހަކަ ދެކެވެނީ ދިވެހި ޢާންމު ބަހުރުވަ ނުވަތަ މާލޭ ބަހުރުވައޭ މިކިޔާ ބަހުރުވައިން ކަމުގައި އަޅުގަނޑަށް ފެނެއެވެ. ގއ. އަދި ގދ. ގައި ބޭނުން ހުވަދޫ ބަހުރުވައާއި ފުވައްމުލަކުގައި ބޭނުން ކުރެވޭ ފުވައްމުލަކު ބަހުރުވަ އަދި އައްޑޫގައި ބޭނުންކުރެވޭ އައްޑޫ ބަހުރުވައެވެ. މީގެއިން ކޮންމެ ބަހުރުވަހަކީ އޭގެ ޒާތުގައި ދިވެހި ބަހުގެ މުއްސަނދިކަން ނުހަނު އިތުރުކޮށްދޭ ބައިތަކެކެވެ. ނަމަވެސް ރަސްމީ ކިޔެވުމުގެ ނިޡާމުގައި މިބަހުރުވަތަކަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނުވުމުގެ ސަބަބުން ދިވެހިބަހުގެ ވަރަށް ބޮޑުބައެއް ޒަމާނާއެކުވެގެން ބީވަމަމުން ދާކަމުގެ އިޙްޞާސް އެބަކުރެވެއެވެ. މިދެންނެވިބަހުގެ މިސާލެއް ދަންނަވަންހެއްޔެވެ. މިހާރުގެ ތަޢުލީމީ ނިޡާމުގެ ތެރެއިން ދިވެހިބަސް ކިޔަވައިގެން ނުކުމެ ހުރި ދިވެހި ދަރިވަރަކާއި އަޅުގަނޑު މިކުރާ ސުވާލު ދަންނަވައިލަބަލާށެވެ. "ދިވެހިބަހުގައި އަތުގެ ނުވަތަ ފައިގި އިނގިލިތަކުގެ ދޭތެރެއަށް ކިޔަނީ ކީކޭތޯ އައްސަވާށެވެ". 100 އަކުން 60 ދަރިވަރުން ބުނުން އެންމެ އެކަށީގެންވާ ޖަވާބަކީ "ދެއިނގިލި ދޭތެރެ" އަދި އަނެއް 40 ކުދިން ބުނުން އެކަށީގެންވާ ޖަވާބަކީ " އެބަސް ނޭނގޭ ކަމުގައި". އެކަމަކު ދިވެހި ބަހުގެ ބަހުރުވަތައް ދިވެހިބައެއް ގޮތުގައި ބަލައިގެން މިދަރިވަރުންނަށް ކިޔަވައިދެވުނުނަމަ "ދެއިނގިލި ދޭތެރެ" (މިއީ ބަހެއް ނޫން) އަށްވުރެ މާފުރިހަމަ މާރިވެތި ބަހެއް ދިވެހިބަހުގެ ހުވަދޫ ބަހުރުވައިގައި ބޭނުން ކުރެވެއެވެ. އޭއީ "ކަރަބަޔާ" މިބަހެވެ. ފަހަރެއްގައި އަދި މިއަށްވުރެވެސް ފުރިހަމަ ބަސްތަކެއް ފުވައްމުލަކާއި އައްޑޫ ބަހުރުވައިގައި އޮތުންވެސް އެކަށީގެންވެއެވެ. ބަހުރުވައިގެ ދިރާސާއެއްކޮށްލުމުން މިކަން ކަށަވަރު ވެދާނެއެވެ. ދެވަނަ ކަމަކީ މިޑީއާގެ ދައުރެވެ. އަޅުގަނޑު މިކޮމެން ލިޔަމުން ދިޔަ ވަގުތު ޓީ.ވީ މޯލްޑިވްސްއިން ގެނެސްދެމުންދިޔަ ރިވައިންޑް ޕްރޮގްރާމްގެ ހުށަހެޅުންތެރިޔާ ޕްރޮގްރާމް ނިންމަވާލައްވަމުން ވިދާޅުވީ "އިރާދަ ކުރެއްވިއްޔާ އަންނަ ހަފުތާގެ ޕްރޮގްރާމްގައި މިއަށްވުރެ (ސަޅި) އައިޓަމްތަކެއް ތިޔަބޭފުޅުންނާއި ބައްދަލުކޮށްލުމުގެ އުއްމީދުގައި ވަކިވެލަން". ހަމަގައިމުވެސް ބްރެކެޓް ކުރެވިފައިވާ ބަސް ބޭނުންކުރެވިފައިވަނީ ރަނގަޅު އެބަހާއި އެކަށީގެންވާ ޙާލަތުގައި ނޫންކަމުގައި އަޅުގަނޑަށް ފެނެއެވެ. ވީމާ ބަސް ހެޔޮގޮތުގައި ބޭނުންކުރުމުގައި މީޑިއާ މިހާރަށް ވުރެ ޛިންމާދާރުވާން ޖެހެއެވެ.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-01-09 08:19:44
އަޅުގަނޑުގެ ކުރިން ދީފައިވާ ޚިޔާލަށް، ނަޞީރުގެ ޚިޔާލެއް ލިބޭނެ ކަމުގެ އުއްމީދުގައި އަޅުގަނޑު މިހުރީ...،
...
ލިޔުނީ €އާދަމް ނަޞީރު އިބްރާހީމް, 2010-01-09 14:06:06

މުޞްލިޙު މުޙަންމަދު އިސްމާޢީލުގެ އަރިހުން މާފަށް އެދެމުން ޝުކުރު ދަންނަވަމެވެ. މާފު އެދުނީ ޖަވާބު ނޭރުވި ލަސްވި ކަމަށްޓަކަ އެވެ. ޖަވާބު ނޭރުވުނީ މި ކޮމެންޓު ކުރައްވާފައި އޮތްކަން އަޅުގަނޑަށް މީގެ ކުރިންގެ އެނގިފައި ނެތީތީ އެވެ. ޝުކުރު ދަންނަވަނީ އަޅުގަނޑުގެ ލިޔުން ވިދާޅުވެ ވަރަށް ޢިލްމީ ގޮތެއްގައި ޚިލާލު ފާޅު ކުރައްވާފައި ވާތީ އެވެ.

އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން ދެމީހުންނަށް ވެސް މި ދެއްކެނީ މައިގަނޑު އެއްވާހަކައެއްކަމަށް ވިސްނޭ ކަމަށެވެ. އަޅުގަނޑުގެ މަޒުމޫނުގެ މަގުސަދަކީ، ވަކި ބަސްތަކަކާ މެދު މުޖުތަމަޢަށް އޮޅިފައި އޮތް އޮޅުމެއް ތިލަ ގޮތެއްގައި މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމެވެ. މުޞްލިޙު ފާޅުކުރައްވާފައިވާ ޚިޔާލުފުޅު ބޮޑަށް ގުޅެނީ އޭގެ ޢިލްމީ ފަސްމަންޒަރާކަމަށް ފެނެ އެވެ. ޢިލްމީ ގޮތުން ފުންކޮށް ކަވިކޮށް ވިސްނައިފި ނަމަ ތިޔަ ވިދާޅުވި ފަދަ އެތައް ކަމެއް ފެންނާނެ ދޮގެއްތޯ އެވެ.

ވަކި ބަހަކާބެހޭ ގޮތުން ސުވާލުކޮށްލުމުން ދަންނަވަމެވެ. މި ބަސްތައް ހެދިކަމަށްވަނީ މާލޭގެ މަތީ ސާނަވީ ފެންވަރުގެ މަދަރުސާއެއްގެ ދަރިވަރުންތަކެއް، އެކުދިންގެ އަނގަމަޖަލަށެވެ. ޒުވާންކަމުގެ ފޯރީގައި ''ލާނެތް ވިސްނުމުގަ'' އަޅުގަނޑުގާތުގައި މި ވާހަކަ ބުނީ އެކުދިންގެ ތެރޭގައި މި ކަމުގައި އޭރު ބައިވެރިވިކަމަށް ބުނާ މީހެކެވެ. އޭރު ދަރިވަރެކެވެ. މީހެކެވެ. މިހާރު ޓީޗަރެކެވެ. ބޭފުޅެކެވެ. އަޅުގަނޑުގެ ރައްޓެއްސެއްވެސްމެ އެވެ. ބަޔަކު މީހުންނަށް ކުރެވިފައިވާ ދެރަކަމަކަށްވާތީ، އެހެންނާ ހަވާލާ ދޭގޮތަށް ލިޔުމުގައި ހަވާލާ ނުދިނީ އެވެ.

އެ ކުދިން މުޞްލިޙް ތިޔަ ވިދާޅުވި ބަސް ހެދިކަމަށްވަނީ، ހަމަ އަޅުގަނޑު ބަޔާންކޮށްފައި އެވާ މާނައިގަ އެވެ. އަޅުގަނޑަށް އެ ބަސް ވަކިން ތަފުސީލު ކޮށްލެވުނީ އެހެންވެގެންކަމަށް ވެދާނެ އެވެ.

ކޮންމެ އަކަށް ބަހާ ބެހޭ ވާހަކަ ދެއްކުމަކީ މި ފަދަ ކިތައްމެ ކުރިއެއް އޭގެ ތެރޭން ފަޅާނެ، ހިތަށް އުފާވެރިކަން ލިއްބައިދޭނެ ކަމެކެވެ. އެތައް ސުވާލެއް، ރޯވަމުން ކުރިލަމުން ހެދޭނެ ކަމެކެވެ.

ވ. ބޮޑަށް ޝުކުރިއްޔާ އެވެ!
...
ލިޔުނީ އ.ޝުޖާޢު, 2010-01-25 10:36:34
މުސްލިހުގެ ވާހަކައަށް ތާއީދުކުރަމެވެ. ("ކަރަބަޔާ"
އަހުރު
(ސ.) ދެއިނގިލި ދޭތެރެ.)
މަލިކު މީހުން ވާހަކަދައްކާ މަހަލް (ދިވެހިބަސް) ބަހަކީ ވެސް ދިވެހި ބަހުގެ ބަހުރުވައެކެވެ. ހަގީގަތުގައި ބަހުރުވަތަކުން ލަފުޒުތައް ހޯދައިގެން ބޭނުންކުރާނަމަ ވަރަށް ގިނަ ލަފުޒުތައް މި "ދިވެހިބަހަށް" އިތުރު ކުރެވިދާނެއެވެ. މިސާލަކަށް އާންމު ދިވެހިބަހުގައި (ރަސްމީ ތައުލީމުގައި ކިޔަވައިދޭ ބަހުރުވަ) މަންމަގެ ބައްޕައަށާއި ބައްޕަގެ ބައްޕައަށްވެސް ދަރިފުޅު ކިޔަނީ "ކާފަ" އެވެ. ނަމަވެސް ދެކުނުގެ ބަހުރުވަތަކުގައި ބައްޕަގެ ބައްޕައަށް ދަރިފުޅު ކިޔަނީ "ކާފަ" ކަމުގައި ވިޔަސް މަންމަގެ ބައްޕައަށް ކިޔަނީ "މާފަ"އެވެ. މަންމަގެ މަންމައަށް އާންމު ބަހުރުވައިން "މާމަ" ކިޔާއިރު ބައްޕަގެ މަންމައަށްވެސް މި ކިޔަނީ ހަމަ މާމަ އެވެ. ނަމަވެސް ދެކުނުގެ ބަހުރުވަތަކުގައި މާމަ ކިޔަނީ މަންމަގެ މަންމަ އަށެވެ. ބައްޕަގެ މަންމައަށް ކިޔަނީ "މުންނަ" އެވެ. އަވައްޓެރި ހިންދީބަހުގައި "މުންނާ" މިލަފުޒު ބޭނުން ކުރެއެވެ. އެކަމަކު މިދެންނެވި މާނައަކުނޫނެވެ.
ވީމާ މިފަދަ ލަފުޒުތައް ބަހުގެ ތެރެއަށް ގެނެސް ބަސް މުއްސަނދިކުރުން މުހިންމުކަމުގައި ދެކެމެވެ.
ދެން "މަސްނޫވީ (މަޞްނޫޢީ) ސިކުންޑި" މިލަފުޒާ ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް އަޅުގަނޑުވެސް ބުނެލޭނެމެވެ. ނަސީރު ވިދާލުވިހެން އެ ބަހަކީ "ކޮންޕިއުޓަރ" ގެ ދިވެހި ނަމެއް ނޫނެވެ. މިބަހަކީ އަރަބި ލަފުޒަކާއި ދިވެހި ލަފުޒަކާ ގުޅާލައިގެން ހަދާފައިވާ ބަހެކެވެ. "މަސްނޫއީ" ގެ މާނައަކީ ( އުފެއްދި/ހެދި [އާރޓިފިޝަލް]) މިއެވެ. މަސްނޫއީ ސިކުނޑި މިބަސް ނިސްބަތް ކުރަނީ ކޮންޕިއުޓަރު އިލްމު(ކޮމްޕިއުޓަރ ސައިންސް)ގެ ގޮތްޕެއް ކަމަށްވާ "އާޓިފިޝަލް އިންޓެލިޖެންސް" އަށެވެ.
ދެން ބަސްކޮމެޓީއިން ނެރެފައި ހުރި ބައެއް އާ ބަސްތައް -ގިނަ ބަސްބަސް- ދިވެހިންގެ ތެރޭގައި ނުހިނގަނީ ކީއްވެތޯވެސް ވިސްނާލަން ޖެހެއެވެ. ބޭރު ބަސްބަހުގެ ލަފުޒަކަށް އާ ބަހެއް ހަދާއިރު އެ ބަހަކީ އެބައެއްގެ އަހުލުވެރިންގެ ބަހުގެ އަޑުމަޚުރަޖަށް ފެތޭ، މީހުންނަށް ފަސޭހައި ކިޔާލެވޭ ބަހަކަށް ވުން މުހިންމެވެ. ނޫންނަމަ ކިތަންމެ ރީތި ބަހެއް ހެދިއަސް އެބަހަކީ މީހުން ބަލައިގަންނަ ބަހަކަށް ނުވެދާނެއެވެ. އަލަށް ހެދި ބަސްތަކުގެ ތެރެއިން ގިނަ ލަފުޒުތަކެއް ބޭނުން ނުކުރެވެނީ މިހެންވުމުން ކަމަށް ވެދާނެއެވެ. ޓަރމިނަލުގެ ބަދަލުގައި ހެދި "ގިމަތަ" މިލަފުޒުގެ އަޑު އެއް ގޮތަކަށްވެސް އިވޭ ތޯއެވެ. "ޒިބްރާ ކޮރޮސް" އަށް ކިޔަނީ "ކަފިހިހުރަސް" ކަން އެނގިވަޑައިގަންނަވަނީ ކިތަށް ބޭފުޅުންނަށްތޯއެވެ؟ "ސައިޓް އޮފީސް" ގެ ބަދަލުގައި ހެދި "ދަރުނު އޮފީސް" ނުވަތަ "ބިންމަތީގެ" ކޮބައިތޯއެވެ؟ "ބިޒިނަސް" ގެ ބަދަލުގައި "ވުނަދާނަ" ބޭނުން ކުރަނީ ކިތަށް ބޭފުޅުންތޯއެވެ؟ "ޕޭވްމެންޓް" ގެ ބަދަލުގައި "ދުވާރު" މަދުންނަމަވެސް އަދި އަޑު އިވެނީ ކީއްވެތޯއެވެ؟ އެކަމަކު ބަހާމެދު ވިސްނާ ބައެއް މީހުން ބުނަނީ "ޕޭވްމަންޓް" އަކީ މަގުގައި ހިންގަން ޚާއްސަކޮށްފައިވާ ބަޔަށް ކިޔާ ނަމަކަށް ވާ އިރު "ދުވާރު" ގައި ކޮރުކަމެއް އެބަހުއްޓެވެ. "އެތްލެޓިކްސް" ގައި ދުވަން ޚާއްސަކޮށްފައި އޮންނަ "ޓްރެކް"އަށް "ދުވާރު" ކީ ނަމަ ކިހާ ރަނގަޅުވީސްހެއްޔޭ ބުނާ ބަޔަކުވެސް އެބަތިއްބެވެ. "ދުވާރު" މިބަސް ނެރުމުގެ ކުރިން މިކަމާ ވިސްނާލެވުނުނަމަ ރަނގަޅުވީސްތޯއްޗެކެވެ. ދެން އެހެން އެކަން ނުކުރެވޭނެކަމަށް ހަމައެއްގެ ގޮތުގައި ވިދާޅުވާނީ " އެހެންވިއްޔާ 'ސްވިމިން ޓްރެކް' އަށް ކިޔާނީ "ފަތާރު" ތޯއެވެ" މިހެން ދޮއްތޯއެވެ؟
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2010-01-26 03:36:28
މި ފަހަރު އަޅުގަނޑު މި އުޅެނީ، ޝުޢޫރެއް ހިއްސާކޮށްލާ ހިތްވެގެންނެވެ. މި ލިޔުން ވިދާޅުވި ބޭފުޅުންނާއި، ޚިޔާލު ފާޅުކުރެއްވި ބޭފުޅުންނާ އަދިވެސް ބައިވެރިވެލާ ހިތްވެގެންނެވެ. ޝުކުރުވެރިކަމާއެކުގަ އެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ''ދުވާރު'' އެއީ އަލަށް ހެދިބަހެއް ނޫނެވެ. އެކަމަކު އެއީ އަލަށް މާނަ ތަނަވަސް ކުރެވުނު ބަހެކެވެ. ދިވެހި ބަހުގެ އުސްތާޛަކު (ހަނދާންވާ ގޮތުގައި އަލްފާޟިލް ޢައްބާސް އިބްރާހީމް) އަޅުގަނޑުގާތުގައި ވިދާޅުވި އެވެ. ދިވެހި ބޯދާ ބަހުގައި ދުވާރަކީ، މަގުގެ ދެފަރާތުގައި ހިނގަން އޮންނަ ހަނި، ހުސްތަނެވެ. (މި ސާލަކަށް ވާރޭ ވެހި މަގުމެދުގައި ފެންގަނޑުގަނޑު ހެދުމުން ފުޅައް ފުޅައް ބުޑުން ހިކިކޮށް އޮންނަ ޖާގައިގައި ހިނގައިފައިދާ މީހާ އެ ހިނގަނީ މަގުގެ ދުވާރުގަ އެވެ.) ވީމާ، މި މޭރުމުން ވިސްނާނަމަ، ފުޅައް ބުޑުން ހިނގާމީހާ ހިނގަމުންދާ ހިސާބަކީ، (މަގުގެ ކައިރިމައްޗަކީ) ދުވާރެވެ.

ބަސްކޮމިޓީގެ ބޭފުޅުން މި ބަހާމެދު ބަޙުޘު ކުރެއްވުމަށްފަހު، ''ދުވާރު'' މި ބަހަކީ މި ހާރު އޭގެ ޒަމާނާ ސަބަބު ފާއިތުވެފައިވާ ރީތި މައް ދިވެހި ބަހެއްކަމަށް ދެކިވަޑައިގަތެވެ. އަދި އަލުން އެ ބަސް ދިރުއްވުމުގެ މަޤުޞަދުގައި އެ ބަސް ''ޒަމާނީ ކޮށްލެއްވި'' އެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ، މިހާރަކު ފުޅަފެއް ނެތެވެ. މިހާރު ގިނައިން ހުރީ ފާރެވެ. މިހާރު، ''ތަޅުން އެޅި މަގުތަކެއް'' ރާއްޖޭގައި ހިސާބަކަށް ނަމަވެސް އެބަހުއްޓެވެ. މި ފަދަ މަގުމަގުގައި މި ހާރު އޮތީ ވާރޭ ވެހުނަސް ފައި ނުތެންމައި ދެވޭ ގޮތަށް އެޅިގަލުން ހެދިފައިވާ ''މަގުގެ ކައިރިމައްޗެކެވެ.'' ވީމާ މި ''ތަޅުންފަށަށް'' ކިޔާނެ އާ ނަމެއް ހެދުމަށްވުރެ އެ ތަނަށް ދުވާރުން މާ ރަނގަޅުވާނެކަމަށް، އެކަމަކީ މި އުސޫލުތަކުން ބަލާއިރު އެންމެ ހަމަ ކަމެއް ކަމަށް މި މައްސަލައިގައި ''އަކުރަށްވުރެ ފުންކޮށް ވިސްނައިވަޑައިގަތް'' ބޭފުޅުން ދެކިވަޑައިގަތެވެ.

ދެން އޮތް ސުވާލަކީ ހިނގާތަނަކަށް ދުވާރު ކިޔަނީ ކީއްވެތޯ ކުރެވޭ ސުވާލެވެ. މި ސުވާލާމެދު ވެސް މި ސާލެއް ހިތަށް އާދެ އެވެ. ''އަސް އެއީ ނުލާހިކު ބާރަށް ދުވާއެއްޗެކެވެ. އެކަން އެހެން އޮއްވައި، ނުވެސް ދުވެވޭ ނުވެސް އުދުހެވޭ (މާނައަކީ ވަރަށް ފޮއް) ދޫންޏަކަށް ''އަސްދޫނި'' އެ ބަކިޔަ އެވެ. ބަސްކޮމިޓީން އެނަން ހެއްދެވީތީއެއް ނޫނެވެ. މި ކަމާ ޝަކުވާއެއް ކުރެވޭ އަޑެއް ވެސް ނާހަމެވެ.

(ތިރީގައި އެވަނީ ފާޅުކުރެވޭ މި ޝުޢޫރުގެ ނުނިމި އޮތްބަ އެވެ..)
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2010-01-26 03:37:56
އަޅުގަނޑަކީ ބަހުގެ މާހިރެއް ނޫނެވެ. އެކަމަކު ބަހަށް ލޯބިހުރި މީހެކެވެ. ބަސްކުރި އަރުވާ ހިތްވާ މީހެވެ. އެހެންވީމާ މި ކަހަލަ ވާހަކަ ދެއްކެނީ އެވެ.

މީގެ ދެރެއެއް ކުރިން ރާއްޖޭގެ ވަރަށް ޤާބިލް ލިޔުންތެރިއެއްގެ ދަޢުވަތަކަށް އޭނާގެ އަރިހަށް ދިޔުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އޭނާ ލިޔުއްވި ފޮތެއް ހަދިޔާއެއްގެ ގޮތުން ދެއްވި އެވެ. އޭނާއަކީ، ދިވެހި ބަހުގެ އިތުރަށް ޢަރަބި، އުރުދޫ، އިނގިރޭސި، ދެނެވަޑައިގަންނަވާ ބޭފުޅެވެ. ގިނަ ތަރުޖަމާތަކެއް ކުރައްވަމުން ގެންދަވާ، އުފެއްދުންތެރި ލިޔުންތަކެއް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައި ވެ އެވެ. އޭނާ ވިދާޅުވި އެވެ. ''ދިވެހި ރާއްޖެ ނޫނީ ހުރިހާ މީހުން ބަހުގެ މާހިރުންނަށް ވެފައި އޮތް ޤައުމެއް ތިމަންނަ ނުދަންނަމެވެ. އިނގިރޭސި ބަހުގައި ލިޔުންތެރިންނަކީ ބަހުން ވާހަކަ ދައްކާ މީހުންނަކީ ބަސްބޭނުން ކުރާމީހުންނެވެ. ބަހުގެ ހަމަނެރޭ މީހުންނަކީ ވަކި ބައެކެވެ. ހަމަ ނެރޭ މީހުން ހަމަ ނެރުނީމާ ލިޔާމީހުން ލިޔަނީ އެވެ. ކޮމްޕިޔުޓަރުގައި ''މައުސް'' އޮންނާތީ މައުސް އެއީ މީދަލޭ ބުނެ އެކަމަށް އިންކާރު ކުރާކަށް ދެންތިބި މީހުންނެއް ނޫޅެ އެވެ.''

މާފުކުރައްވާށެވެ! މިއީ ފަހަރެއްގައި ވެސް އެއްވެސް ބޭފުޅަކަށް ނިސްބަތްކޮށް ދަންނަވާލި ވާހަކަ އެއް ނޫނެވެ. އެކަމަކު މި ފަދަ ޢިލްމީ ބޭފުޅުންގެ މި ފަދަ އިޙްސާސްތަކަކީ ވެސް އޭން ޢިބްރަތް ލިބިގަތުން މުހިންމު ޝުޢޫރުތަކެއް ކަމަށް އަޅުގަނޑަށް ވިސްނޭތީ މި ތާނގައި ނަކަލު ކޮށްލީ އެވެ.

ރަނގަޅު ވާހަކަފުޅެކެވެ. ބަހުގެ އެއްވެސް ކަމަކީ، އަޅުގަނޑުމެން ފިކުރު ނުކުރަންވީ ކަމެއް ނޫނެވެ. ފިކުރުކޮށް ޚިޔާލު އުފައްދަންޖެހޭނެ އެވެ. ދިރާސާކޮށް، ޢިލްމުގެ ކަނޑަށް ފީނަންޖެހޭނެ އެވެ. އަޅުގަނޑުގެ ފެންވަރުން އަޅުގަނޑު ވެސް ވިސްނައިލީމެވެ . އަޅުގަނޑުގެ ހިތަށް ޖަމާވި ޝުޢޫރުތައް ތިޔަ ބޭފުޅުންނާ ހިއްސާކޮށްލާނަމެވެ. ކޮން ޝުޢޫރުތަކެއްތޯ އެވެ؟

މި ތަނުގައި (ދުވާރުގައި) މި އޮތް، ''ދުވާ'' ގެ މާނަ އަކީ ކޮބައިތޯ އެވެ؟ އަޅުގަނޑަށް ކޮޅުނު ކޮޅުންތަކުން އެނގުނީ އެއީ ''ދުވުން'' ނޫންކަމެވެ. އެންމެ ބޯދާ ގޮތުގައި އެ ބަސް އުފެދުނީ ވެސް އެމާނައިގައި ކަމަކަށް ނުފެނުނެވެ. ހަމަ އެހެންމެ ''ދުވާރު''ގެ ''ދުވާ'' މި ބަސް ވަކިން އޮންނަ އިރު އެއިން ލިބިދޭ މާނައަކީ ކޮބައިބާ އެވެ؟ ''ދުވާރު'' ކިޔުމުން އެއަށް އަންނަ ބަދަލަކީ ކޮބައިބާ އެވެ؟ ''ހިނގާރު'' ކީނަމަ ވާނީ ކިހިނެއްބާ އެވެ؟ އެހެންކަމަށް ވާނަމަ، ''ހިނގާ'' ގެ މާނަ އެކަނި އެނގިގެން ފުދޭނެ ބާވަ އެވެ؟ ''ރު'' މި ''ބަހުގެ'' މާނަ ބަލާކަށް ނުޖެހޭބާ އެވެ؟ ''ހިނގާ'' ގެ މާނަ އެނގެ އެވެ. ''ރު''ގެ މާނައަކީ ކޮބައިބާ އެވެ؟ މަގުމަތި ހެއްޔެވެ؟ ނުވަތަ ތަޅުންގަނޑު ހެއްޔެވެ؟ އަޅުގަނޑަކަށް ''ރު''ގެ މާނަ އެއް ވަތްކަކުން ނުފެނުނެވެ. އެކަމަކު ''މަކަރު'' ގެ މާނަ އެނގުނެވެ. ''ބޮކަރު''ގެ މާނަ އެނގުނެވެ. ފެނުނެވެ. މި ދެ ބަހުގައި ކުރިޔަށް އޮތް އަކުރާއި ފިލި، (މަ/ބޮ) ކަނޑައިލީމާ ދެން އުފެދެނީ އެއްލުޒެވެ. ''ކަރު'' މި ލަފުޒެވެ. ''ކަރު''ގެ މާނަ ވެސް ދެނެގަންނަން ވަރަށް ފަސޭހަ ދެއްތޯ އެވެ؟ ޝައްކެއް ވެސް ނެތް ގޮތުގައި އެއީ، ބޮލާއި ހަށިގަނޑާއި ދޭތެރެ، އެހެން ނޫންތޯ އެވެ؟ އެކަމަކު، ވަގުތު އޮތިއްޔާ އަޅެ ބަސްފޮތް ބަލައިލަމާތޯ އެވެ؟

ކަރު؛
(1) ބޮލާއި ހަށިގަނޑާއި ދޭތެރެ. (2) ދަތްދޮޅިޔާއި ލަގޮނޑިވަޅާ ދޭތެރެ. (3) ބަނޑިޔާ ނުވަތަ ފުޅި ފަދަ ބައެއް ކަންވާރުގެ މަތީން ހިމަކޮށްލައިފައި ހުންނަ ހިސާބު. (4) ޝަރުބަތާއި، ދިވެހި ހަކުރުފަދަ ފޮނިތަކެތީގެ ތެރޭގައި ފުއްފުކަށް ގަނޑުގަނޑަށް ހެދޭ ހަކުރު. (5) ބައެއް މޭވާއާއި، ތަރުކާރީގެ އެތެރޭގައި، އޮށްތައް ހަރުލައިފައި އޮންނަ މަޑުތަން. (6) ބައެއް ޒާތުގެ މޭވާއާއި، ތަރުކާރީގެ އެތެރޭގައި، ހަރުކޮށް އޮންނަ ކާންބޭނުން ނުކުރާތަން. (7) ލިބާހުގައި ބޮލުން ވައްޓައިލާން ކަނޑާތަން. (8) ލިބާހުގައި ބޮލުން ވައްޓައިލާން ކަނޑާތަނުން ނަގާފޮތިކޮޅު. (9) ނައިބޮލީގެ އެތެރޭގައި ފަށްފަށަށް ހުންނަ ހަރުތަންތަން. (01) މަސް ބައްދަން ފަޅުތެރޭގައި ހަދާ ގޮނީގެ އަނގަމަތީގެ ހިމަތަން. (11) ކާށިހުންޏާއި ތެޔޮ އަޅައިގެން ހަދާ ކާއެއްޗެއްސާއި ތެލަށް އަންނަ ނުބައިކަމެއް.
...
ލިޔުނީ sujau Adam, 2010-02-04 09:35:13
alimaniku buny thedheh . mujuthamaun bas ufahdhaany . muzuthamaugaa e baheh egothah meehun gaboolu kureema e, othy bahuge ahuluverin e bas gaboolukohfai. dhen jeheyny bas kometyn dhiraasaathakeh kohgen ebas beynun kuraane hamathakeh hamajehsumah fah radheefah laaan.e ahfahu ebas goeskoh beynun kuraakamah vany nama aey kuh baheh.
...
ލިޔުނީ ސުޖާ / ބޮޑުފޮޅުދޫ , 2010-02-04 10:38:03
އަޅުގަނޑަކީ ބަހަށް ލޯބިކުރާމީހަކީމެވެ. އެހެންކަމުން މަތީގައިވާ ލިޔުމާއި މެދު ކޮންމެވެސް އެއްޗެއް ބުނެލާނަމެވެ.
އާދަން ނަސީރުގެ ޚިޔާލާއި އަޅުގަނޑުގެ ޚިޔާލު ވަރަށް ތަފާތެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި މުޖުތަމައުގައި ބޭރުގެ ފަރަންޖީން ބަހުން ނުވަތަ އެހެންވެސް ބަހަކުން ބޭނުންކުރަމުން އަންނަ ބަހެއްގެ ބަދަލުގައި އައު ބަހެއް އުފެދި ، އެބަސް ބޭނުންކުރަން ފެށި އެބަސް އާއްމު ވުމުން ހަޤީޤަތުގައިވެސް އެބަހުގައި އަޅުގަނޑުމެންގެ ހެދުން އާދެ! ދިވެހި ލިބާސް ލެއްވިއްޖެއެވެ. އެއީ އަޅުގަނޑުމެންގެ ދިވެހިބަސް ކުރިއެރުމަށް އޮތްމަގު ފުޅާވެގެން ދާނޭކަމެއްވެސް މެއެވެ. ކަން މިހެންއޮތްއިރު އެބަސް ވަކި ހަމައަކަށްފައްތައި ރަދީފަށް އެބަސް ލުމަކީ ބަސްކޮމެޓީގެ ޒިންމާއެއް ނޫންތޯއެވެ؟ އެބަސް ހަމައަކަށްފައްތައި ރަދީފަށް ލުމަށްފަހު އެބަހުގެ ހަމަތަކާއި ޚިލާފްވާގޮތައް އެބަސް ބޭނުންކުރާނަމަ އެއީ ކުށްބަހެކެވެ. ޝުކުރިއްޔާ !

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1942
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone