މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އަޑުއިވޭ ސުކުން |
|
|
| ދިވެހި - މާދަރީބަސް | |||||||||||||||||||||
| 13 މާރޗް 2010، 00:00 ހޮނިހިރު | |||||||||||||||||||||
|
މުޙަންމަދު ޝާހިދު ޙަލީމު ![]() ފަޟީލަތުއްޝައިޚު އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން، އައްތުޙްފަތުލް އަދަބިއްޔާ ގައި ލިއުއްވައިފައި ވެއެވެ. "ދިވެހި ތާނައިގައި ސުކުން ވާ އޮންނަނީ ހަަތަރު އަކުރެވެ. އެ ހަތަރު އަކުރަކީ (އަހަރެމެންގެ އެދުރު އައްޝައިޚު މުޙައްމަދު ޖަމާލުއްދީނު ބުނިއް ނާއިބު ޢީސަލް މުލަކީ ރަޙިމަހުﷲ ވަނަފަޢަނާ ބިހީ. މިކަލޭގެފާނުގެ ތާނަލިއުމުގެ ގަވާއިދެވެ ކިޔުނު ފޮތުގައި ބުނުއްވި ފަދައިން) އުނިތޮށި ނުވަތަ، ތޫނު އޮށި، މި ދެ ބަހުގައި އެކުލެވުނު ހަތަރު އަކުރެވެ. މި ހަތަރު އަކުރުގައި ސުކުން ޖެހުނީމާ ކިޔެނީ ޢަރަބި ލިޔުމުގައި، އަކުރު އަކުރުގައި ސުކުން ޖެހީމާ ކިޔޭ ގޮތަކަށެއް ނޫނެވެ. މި ހަތަރު އަކުރު ވަކިކޮށް ދައްކާން ޖެހެނީ ވެސް މި ކަމަށް ޓަކައެވެ. އެހެންނާ ސީނަކީ ވެސް ތާނަ ލިއުމުގައި ސުކުން ވާ އަކުރެކެވެ. އެ ސީނުގެ ސުކުން ޢަރަބި ލިއުމުގައި ވެސް ވާ ގޮތާއި، ދިވެހި ބަހުގައި ވާ ގޮތާއި ވަކި ތަފާތެއް ނެތެވެ. މުލަކު މީހުންގެ ބަހުގައި ލާމަކީ ވެސް ސުކުން ވާ އަކުރެކެވެ. މިއަކީ ވެސް ޢަރަބި ލިއުމުގެ ސުކުނަކާއި ވަކި ތަފާތެއް ވާ ސުކުނެއް ނޫނެވެ. މަޘަލަން، "ކަލް މި ނިއެގުނެ އަފުންނަށް، އަލް ކަމެއްކަން ފެނުނީ މި، ވަލް ކަން ވެދޫނީ މި." ފަޟީލަތުއް ޝައިޚު އަލްމަރްޙޫމް އިބްރާހީމް ރުޝްދީ، ސުއލަމުލް އަރީބުގައި ލިޔުއްވައިފައި ވެއެވެ. "ދަންނައެ، ތާނައިގެ ސުކުން ކިޔެނީ، ހަތަރު ގޮތަކަށެވެ. އެއިން ކޮންމެ ގޮތަކަށް ސުކުން ކިޔޭނީ އެ ގޮތަކުން ސުކުން ކިޔޭން ޚާއްޞަވެގެން ވާ އަކުރަކުންނެވެ. ... ފަހެ، އެ ހަތަރުގޮތުގެ ތެރެއިން އެކި ގޮތަށް އެކި އަކުރު ޚާއްޞަވެގެން ވެއެވެ. (އާސީނުތަށި) މި ފަސް އަކުރުގައި ނޫނީ އަޞްލު ދިވެހި ބަސް މޮށުމުގެ ތެރޭގައި، ސުކުން ޖެހޭ އަކުރެއް ނެތެވެ. ފަހެ މި ފަސްއަކުރު ނޫން އަކުރެއް ގައި ސުކުން ޖެހިގެން، ނަމެއް ކިޔާފައ ވާ ނަމަ، ނުވަތަ ބަހެއް ބުނެވިފައި ވާ ނަމަ، އެއީ، ބޭރު ބަހަކުން ވަދެފައި އޮތް ނަމަކަށް، ނުވަަތަ ބަހަކަށް މެނުވީ، ނުވާނެއެވެ." ދިވެހި ބަހުގެ ހުރިހައި އެދުރުން ވެސް ވިދާޅުވެފައި ވާ ފަދައިން، ދިވެހީގެ އާންމު ބަހުރުވައިގައި ސުކުން ކުރަމުން އައިީ ފަސް އަކުރެއްގައެވެ. އެއީ: ށަވިޔަންޏާއި، ނޫނާއި، އަލިފާއި، ތާ އާއި، ސީނެވެ. މި 5 އަކުރުގެ އިތުރަށް ފުވައްމުލަކު ބަހުރުވައިގައި ލާމުގައި ވެސް ސުކުން ކުރެއެވެ. މި އަކުރުތަކުގައި ސުކުން ކުރީމާ، ކިޔަނީ މައިގަނޑު ދެ ގޮތަކަށެވެ. އެއް ގޮތަކީ ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅުވާ ގޮތެވެ. އަނެއް ގޮތަކީ ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅު ނުވާ ގޮތެވެ. ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅު ވާ ގޮތަށް ކިޔަނީ ސީނު ސުކުނެވެ. ފުވައްމުލަކު ބަހުރުވައިގައި ލާމު ސުކުން ވެސް ކިޔަނީ މި ގޮތަށެވެ. ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅު ނުވާ ގޮތަށް ކިޔަނީ ށަވިޔަނި ސުކުނާއި، ނޫނު ސުކުނާއި، އަލިފު ސުކުނާއި، ތާ ސުކުނެވެ. ދިވެހީގެ ތެރެއަށް ބޭރު ބަސްބަހުން ގެނައި ހުރިހައި ލަފުޒެއް، ނުވަތަ ލަފުޒެއްގެ ހުރިހައި އަޑެއް، އެ ގެނައި ދުވަސްވަރެއްގެ ދިވެހި އަޑުތަކަށް ބަދަލުކޮށްލައިފައެއް ނެތެވެ. ދިވެހީގެ ތެރެއަށް ބޭރު ބަސްބަހުން ވަދެފައި ހުރި ލަފުޒުތައް، އެ ބަސްބަހުގައި ކިޔާ ގޮތަށް ކިޔާށާއި، ލިއުމަށް ކުރިއްސުރެން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ކަމަށް ޓަކައި، ދިވެހި ލިޔާ، ތާނަ އަކުރަށް، އެކި ދުވަސްވަރު، އެކި އަދަދަށް، އަކުރު އިތުރު ކުރިއެވެ. އަދި އެ ފަދަ ލަފުޒުތައް، ކިޔާ ގޮތަށް ލިޔުމަށް ޓަކައި، ށަވިޔަންޏާއި، ނޫނާއި، އަލިފާއި، ތާ އާއި، ސީނު ނޫން އަކުރުތަކުގައި ވެސް ސުކުން ކުރާން ފެށިއެވެ. ފަޟީލަތުއް ޝައިޚު އަލްމަރްޙޫމް މުޙައްމަދު ޖަމީލު، ފަތްތޫރައިގެ ތޭރަ ވަނަ އަދަދު ގައި، "ދިވެހިބަހުގެ ބައެއް ގަވާއިދާ ބެހޭ" މި މައިގަނޑު ނަމުގެ ދަށުގައި، ލިއުއްވައިފައި ވާ މަޒުމޫނެއްގައި ވެއެވެ. "މި ދެންނެވީ މާ ކުރީގައި ވެސް އެ ކަން އޮތް ގޮތެވެ. (މާތުރަ: މި ޖުމުލައިގައި ފަޟީލަތުއް ޝައިޚު އަލްމަރްޙޫމް މުޙައްމަދު ޖަމީލު، "މި ދެންނެވީ،"އޭ ވިދާޅުވެފައި އެ ވަނީ، މި މަޒުމޫނުގެ ކުރީބައިގައި ތާނަ ލިޔުމުގެ ގަވާއިދާއި، އައްތުޙްފަތުލް އަދަބިއްޔާއަށް ޙަވާލާ ދީ ބަޔާންކޮށްފައި އެ ވާ، ދިވެހިބަހުގައި ކުރިއްސުރެން ށަވިޔަންޏާއި، ނޫނާއި، އަލިފާއި، ތާއާއި، ލާމާއި، ސީނުގައި ސުކުން ކުރަމުން އަންނަ ވާހަކަ ވިދާޅުވުމަށެވެ.) ދެން މިހާރުގެ ތާނައަށް ބަލައިލަމާތޯ އެވެ؟ ބަލާ އިރު ވަރަށް ގިނަ އަކުރުގައި، ސުކުން ކުރާން ޖެހެއެވެ. އަދި ވަކީން ޚާއްޞަ ގޮތެއްގައި، މުޅީން ތާނައިން ލިޔާ ނަމަ ހުރިހައި އަކުރެއްގައި ވެސް ސުކުން ކުރާން ޖެހެއެވެ. ސުކުން ކުރާން ނުޖެހޭ އެންމެ އަކުރެއް ނޫނީ އަޅުގަނޑުގެ ހިތަކަށް ނާދެއެވެ. އެ އަކުރަކީ ޏަވިޔަންޏެވެ. އެ އަކުރުގައި ސުކުން ކޮށްގެން ކިޔޭ ބަހެއް، އަޅުގަނޑުގެ ހަނދާނަކަށް ނަޔެވެ. މި ކަން މިހެން އޮތުމާ އެކު، ސުކުން ކުރެވޭ އަކުރު ކަނޑައަޅައި ބުނާ ގަވާއިދަށް އޮތީ ބަދަލު ގެންނާން ޖެހިފައެވެ." ދިވެހީގައި ސުކުން ކުރަމުން އަންނަ ހަމަތަކަށް ބަލާ އިރު، ބުނެވެން އޮތީ، ތާނައިގެ ކޮންމެ އަކުރެއް ގައި ވެސް ސުކުން ކުރެވޭނެ ކަމަށެވެ. (ޏަވިޔަނީގައި ވެސް، ޏަވިޔަނީގެ އަޑު އިވޭ ގޮތަށް ސުކުން ކުރެވޭ ލަފުޒެއް، ދުނިޔޭގެ އެއްވެސް ބަހެއްގައި އޮވެފައި، އެ ލަފުޒު ދިވެހިބަހަށް ގެންނަ ދުވަހެއް އަތުވެއްޖެ ނަމަ، ޏަވިޔަނީގައި ވެސް ސުކުން ކުރެވޭނެ އެވެ.) ދިވެހީގައި، ސުކުން ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެ ދެ ބަޔަކީ، އަޑު ނީވޭ ސުކުނާއި، އަޑު އިވޭ ސުކުނެވެ. އަޑު ނީވޭ ސުކުނަކީ، ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅު ނުވާ ގޮތަށް ކިޔާ ސުކުނެވެ. އަޑު އިވޭ ސުކުނަކީ، ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅު ވާ ގޮތަށް ކިޔާ ސުކުނެވެ. ދިވެހީގައި ބޭނުން ކުރަން، ބޭރު ބަސް ބަހުން ހޯދައިފައިވާ ލަފުޒުލަފުޒު، ހެޔޮކޮށް ލިޔުމަށް ޓަކައި، ދިވެހީގައި، އަޑު ނީވޭ ސުކުން ކުރެވޭ އަކުރުތަކުގައި ވެސް، އަޑު އިވޭ ސުކުން ކުރަމުން ދަނިކޮށް، 1980 ވަނަ އަހަރު، ސެޕްޓެންބަރު މަހު، ދިވެހިބަހާއި އަދަބަށް ޚިދުމަތް ކުރާ މަޖިލީހުން ފާސްކުރުމެއް ފާސް ކުރިއެވެ. އެއީ، އަލިފާއި، ޢައިނާއި، ތާގައި އަޑު އިވޭ ސުކުން ކުރާން ޖެހޭ ތަންތާނ ގައި، އެ އަކުރުތަކުގައި އުބުފިލި ޖެހުމެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ނެރެފައިވާ، ބަހުގެ ހަމައިގެ އަތްމަތީ ފޮތުގައި ވެއެވެ. "މިހާރަކަށް އައިސް ލިޔުމުގައި ކޮންމެހެން ލިޔާން ޖެހޭ ބޭރު ބައެއް ބަސްބަސް ތާނައިން ލިޔެވެމުން ދަނީ ލިޔަން ހަމަޖެހިފައިވާ ގޮތާ ޚިލާފަށެވެ. ތިރީގައި މި ވަނީ އެ ފަދަ ބައެއް ބަސްބަސް ލިޔާންވީ ރަނގަޅުގޮތާއި ރަނގަޅުނޫން ގޮތުގެ މިސާލުކޮޅެކެވެ.
ް ނޯޓު: މި ޓޭބަލުގައި މި ވަނީ 24 ސެޕްޓެމްބަރ 1980 ވަނަ ދުވަހު ބޭއްވުނު ދިވެހިބަހާއި އަދަބަށް ޚިދުމަތް ކުރާ މަޖިލީހުން ފާސް ކުރައްވައިފައި ވާ ފާސްކުރެއްވުމެކެވެ." ދިވެހި ބަހާއި އަދަބަށް ޚިދުމަތް ކުރާ މަޖިލީހުން ފާސް ކޮށްފައި ވާ، މި ފާސްކުރުމާ، އަޅުގަނޑަށް މުޅިން އެއްބަހެއް ނުވެވެއެވެ. މި ތާވަލުގައި ވާ މިސާލުތަކަށް ބަލައިލަމާތޯ އެވެ. ފުރަތަމަ "ކޮމަންވެލްތް" އާއި "މިނިސްޓްރީ އޮފް ހެލްތް" އެވެ. މި ދެ މިސާލުގައި ތާގައި ޖަހައިފައި އެވަނީ، އަޑު އިވޭ ސުކުނެވެ. އެހެންކަމުން އެ ތާ ސުކުން ކިޔޭނީ ތާގެ އަޑު ފާޅު ކޮށެވެ. ސުކުނެއްގެ ފަހަތުގައި އޮންނަ ސުކުނެއް، އެ ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅު ނުކޮށް ނުކިޔޭނެތީ، މި ފަދަ ތަންތާނ ގައި، ސުކުން ކުރެވޭ އަކުރުގެ އަޑު ފާޅުކުރުމަށް، އެ އަކުރުގައި، އުބުފިލި ޖެހުމުގެ ބޭނުމެއް ނެތެވެ. ދެން "ތަޢްލީމު" އެވެ. މި ލަފުޒުގައި ސުކުން އޮތީ، ޢައިނުގައެވެ. އެހެންކަމުން އެ ތާނގައި އަލިފުގެ އަޑު ފާޅު ކުރާކަށް ވެސް ނުޖެހެއެވެ. އަދި ޢައިނަކީ އަޑު ނީވޭ ސުކުން ކުރެވޭ އަކުރަކަށް ނުވާތީ، ތަޢްލީމު، ޢައިނުގެ އަޑު ފާޅު ނުކޮށެއް ނުކިޔޭނެއެވެ. އެހެންކަމުން، އަޑުނީވޭ ސުކުންކުރެވޭ އަކުރެއްގެއަޑު ފާޅު ކުރުމަށްޓަކައި، އެ އަކުރުގައި، ސުކުނުގެބަދަލުގައި، އުބުފިލި ޖެހުމުގެ ބޭނުމެއް ނެތެވެ. "މަޣްރިބު" ކަހަލަ، ޣައިނުގައި ސުކުން ކުރެވޭ ލަފުޒުލަފުޒު ގައި ވެސް، ޣައިނުގެ އަޑު ފާޅުކުރުމަށް ޓަކައި، ސުކުނުގެ ބަދަލުގައި، އުބުފިލި ޖެހުމުގެ ބޭނުމެއް ނެތް ފަދައިންނެވެ. ދެން، "އެލިޒަބަތް" އާއި "މައްޛޫން" އެވެ. މި ދެ ލަފުޒުގައި ސުކުން ކުރެވިފައި އޮތް، ތާ އާއި، އަލިފަކީ، ދިވެހީގައި އަޑު ނީވޭ ސުކުން ކުރެވޭ ދެ އަކުރެވެ. އަދި، މި ދެ ލަފުޒު ގައި، ސުކުން ކުރެވިފައި އޮތް، ތާ އާއި، އަލިފުގެ ކުރީގައި ސުކުން ކުރެވިފައި އޮތް އެހެން އަކުރެއް ނެތުމުން، ފަހަރެއްގައި މީހަކު، މި ދެ ސުކުން، ސުކުން ކުރެވިފައި އޮތް އަކުރުގެ އަޑު ފާޅު ނުކޮށް ވެސް ކިޔައިފާނެއެވެ. އެކަމަކު، ދިވެހީގައި ނޫނަކީ ވެސް އަޑު އިވޭ ސުކުނާއި، އަޑު ނީވޭ ސުކުން ކުރެވޭ އަކުރެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 144 ވަނަ މާއްދާގައި އޮންނަ "... ދިވެހި ރާއްޖޭގެ ނުވަތަ ދިވެހިރާއްޖޭގެ ވަކި ހިސާބެއްގެ އަމަންއަމާންކަމަށް ގެއްލުން ލިބިދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި ..." މި ޢިބާރާތުގައި އެ އޮތް "އަމަން" މި ލަފުޒުގައި ނޫނުގައި ކޮށްފައި އެ އޮތީ އަޑު އިވޭ ސުކުނެކެވެ. ނޫނަކީ، އަޑު ނީވޭ ސުކުން ވެސް ކުރެވޭ އަކުރަކަށް ވާތީ، "އަމަން" ގެ ނޫނުގެ އަޑު ފާޅު ކުރުމަށް ޓަކައި، އެ ނޫނު ގައި، އުބުފިލި ނުޖެހި ނަމަވެސް، އެ ނޫނު ކިޔާ އަޑު އިވެނީ، ނޫނުގެ އަޑު ފާޅުކޮށެވެ. އަދި ނޫހެއްގައި އޮތް މަޒުމޫނަކުން ދެ ޖުމުލައެއް ދަންނަވައިލާނަމެވެ. "މައިންތަކުގެ މައްސަލަ ކިތަންމެ ބޮޑުވެފައި ވީ ނަމަވެސް މި ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެއެވެ. ބޮސްނިޔާގެ ކަންކޮޅުތަކުގައި މައިން ވަޅުލައިފައިވާ 19 ހާހަށްވުރެ ގިނަ ސަރަހައްދު ވެއެވެ. އެ ތަންތަނުގައި މައިން ވަޅުލައިފައިވާ ގޮތާއި އަދަދު މާރަނގަޅަކަށް ސާފު ވާނެ ގޮތެއް ވެސް ނެތެވެ." މި މަޒުމޫނުގައި މި އޮތް މައިނަކީ، މައިންބަފައިން ކިޔާ އިރު އެ އޮންނަ މައިންނެއް ނޫނެވެ. މައިންބަފައިންގެ "މައިން" ގެ ނޫނުގައި ކޮށްފައި އޮންނަނީ އަޑު ނީވޭ ސުކުނެވެ. "މައިން" ގެ ނޫނު ސުކުން ދެ ގޮތަށް ކިޔޭ އިރު ވެސް އަދި، މި ދެންނެވި މަޒުމޫނުގައި އޮތް "މައިން"ގެ ނޫނުގެ އަޑު ފާޅުކުރުމަށް ޓަކައި، އެ ނޫނު ގައި، އުބުފިލި ނުޖެހި ނަމަވެސް، އެ ނޫނު ވެސް ކިޔާ އަޑު އިވެނީ، ނޫނުގެ އަޑުފާޅުކޮށެވެ. އެހެންކަމުން، ތާ އާއި، އަލިފު ގައި އަޑު އިވޭ ސުކުން ކުރެވޭ ތަންތާނ ގައި، ތާ އާއި އަލިފުގެ އަޑު ފާޅު ކުރުމަށް ޓަކައި، ސުކުނުގެ ބަދަލުގައި އުބުފިލި ނުޖެހި ނަމަވެސް، ނޫނެކޭ އެއްގޮތަށް، އަކުރުގެ އަޑު ފާޅުކޮށް ކިޔޭނެއެވެ. ފަޟީލަތުއްޝައިޚު އަލްމަރްޙޫމް މުޙައްމަދު ޖަމީލު ލިޔުއްވައިފައި ވާ ގޮތުގައި ވެސް، ބޭރު ބަސްބަސް އެ ބަސްބަސް ކިޔާ ގޮތަށް ލިޔުމަށް ޓަކައި، ތާގައި ސުކުން ކުރެވެއެވެ. މި ފަދަ ތާގައި އުބުފިލި ނުޖަހައި، ސުކުން ކުރުމުން ތާގެ އަޑު ފާޅު ނުވާނެ ކަމަކަށް ލިޔުއްވައިފައެއް ނެތެވެ. ލިޔުއްވައިފައި ވަނީ މި ފަދަ ތާ ސުކުން ކިޔާނީ، ތާގެ އަޑު ފާޅުކޮށް ކަމަށެވެ. އެމަނިކުފާނު، ފިޔަވަޅު- 1، ދިވެހިބަހުގެ ގަވާއިދުގައި ލިޔުއްވައިފައި ވެއެވެ. "ތާ ސުކުން ކިޔޭނީ، ޔާގެ ތަޝްދީދެއް ކިޔާން ފަށާ ގޮތަށެވެ. މިސާލީ: އަތް، ނިތް، ފުތް، ގޮތް، ނެތް. އެލިޒަބަތް، ސުނިލްދަތް ފަދަ ބޭރު ބައެއް ނަންނަމުގައި ފަހުއަކުރުގައި އޮންނަ ތ ސުކުން ކިޔޭނީ މިޔާއި ތަފާތު ގޮތަކަށެވެ. ޢަރަބި ތާއެއް ގައި ސުކުންވީމާ ކިޔޭ ގޮތަށެވެ." (ނިމުނީ) (ނޯޓު: މިއީ 2000 ވަނަ އަހަރު ލިޔެ، އެ އަހަރުގެ އޯގަސްޓުމަހުގެ ފަތްތޫރަިގައި ޝާއިޢުކޮށްފައި ވާ މަޒުމޫނެކެވެ.) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ fkr, 2010-03-12 18:30:47
adhives noonu sukun adu faalhu koh kiyaa than than varah undhagoo. mi mazumoonu gai vaa gothah main kiyaa iru onna faalhu kurano jehey noonu ge adu furathama faharah kiyaa iru hama olhey goi dhimaa vey.. hithah araa mikamah haleh onnaane baava ey!! O
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2010-03-14 04:58:42
ޝާހިދު އަލި އަޅުއްވައިލައްވައިފައި މި ވަނީ ވަރަށް ބޭނުންތެރި މައުޟޫޢަކަށް ކަމަށް ދެކެމެވެ. ސުކުނުގެ ތިޔަ މައްސަލަ އަކީ އަޅުގަނޑުގެ ވެސް ހިތުގައި ޚިޔާލުތަކެއް ހިނގަމުން އައި މައްސަލަ އެކެވެ. ކޮމިޓީގެ ނިންމެވުމާއި، ޝާހިދުގެ ޚިޔާލުފުޅު ވެސް އެއްތަނަކުން ފެނިއްޖެ އެވެ. އަޅުގަނޑުގެ ޚިޔާލު ވެސް ދަންނަވައިލާނަމެވެ. އަޅުގަނޑަށް ވިސްނެނީ އެ ފަދަ ސުކުނަށް އާ ފިއްޔެއް އުފެއްދުމަށެވެ. ތިކިޖެހި ތާނަ އުފެއްދި ފަދައިންނެވެ.
ފިއްޔެއް އުފައްދަން ފެންނަ ދެ ސަބަބެއް އެބަ އޮތެވެ. ފުރަތަމަ ސަބަބަކީ، ބޭރުބަހެއް ނަމަ ކިޔާނީ މި ވެނި ގޮތަކަށޭ، ބުނެވޭ އިރު، ބޭރުބަހެއްކަން ނު ދަންނަ މީހުން ތިބޭނެތީ އެވެ. ބަހެއް އޭގެ ރަނގަޅު ގޮތުގައި ކިޔަން އެނގޭނީ އެ ބަހެއްގެ އަޞްލު ދަންނަ މީހަކަށް ނޫންތޯ އެވެ؟ ބައެއް މީހުންނަށް އިނގިރޭސި ލަފުޒެއް އޮތުމުން އެއީ އިނގިރޭސި ލަފުޒެއްކަން އެނގިދާނެ އެވެ. އެކަމަކު ޢަރަބި ލަފުޒެއް އޮންނަ ޙާލަތުގައި އެއީ ކޮންބަހެއްގެ ލަފުޒެއްކަން އެ ލަފުޒު ކިޔަންވީ ކިހިނެއްކަން އެނގުމުގައި ދަތިތަކެއް މެދުވެރިވެދާނެ އެވެ. ދެވަނަ ސަބަބަކީ، އެ ފަދަ އަކުރެއްގައި އުބުފިލި ޖެހުމަކުން އެ ލަފުޒެއް ކިޔަންޖެހޭ ޙަޤީޤީ ގޮތުގައި ކިޔިގެނެއް ނުދާނެ އެވެ.މި ސާލަކަށް ތަޢުލީމު މި ލަފުޒުގައި ޢައިނުގައި ފިލި އޮތުމުން އެ ތަނުގައި އަލިފުތިރީ ތިކި ޖެހި މަޤުޞަދު ވެސް ޙާޞިލެއް ނުވި އެވެ. ސަބަބަކީ އަލިފު ތިރީ ތިކި ޖެހީ އެ ލަފުޒު އޭގެ ހެޔޮ އަޑުން ކިޔުމަށް މަގުފަހި ކުރުމަށެވެ. ނަމަވެސް ޢައިނު އުބުފިލި ޖެހުމުން އެހެން ސަބަބަކާހުރެ އެ ލަފުޒު ކިޔޭނީ ނުބައިކޮށް ނޫންތޯ އެވެ؟ ވީމާ، އަޅުގަނޑުގެ ޚިޔާލަކީ މި ފަދަ ސުކުން ކިޔުމަށްޓަކައި ފިއްޔެއް އުފެއްދުމެވެ. މި ހާރު ހެދިފައި ހުރި ފޮންޓުގެ ތެރެއަށް އެ ފިލި އިތުރު ކުރުމެވެ. ފިލި ފަރުމާ ކުރުމަކީ އެކަމުގެ އަހުލުވެރިންގެ ކަމެކެވެ. އެކަމަކު އަޅުގަނޑުގެ ވެސް ވިސްނުމެއް އެބަ އޮތެވެ. ސުކުނެއްގައި ކަންކުއްޗަށް ރޮނގެއް ދަމާލެވިފައި އޮތުން ކިހިނެއްވާނެ ތޯ އެވެ؟ މި ކަމުގައި އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަނާއި، އަލްފާޟިލް ޢަބްދުލްޢަޒީޒުޖަމާލު އަބޫބަކުރާއި، އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމުފަދަ ބޭފުޅުންގެ ޚިޔާލުފުޅެއް ވެސް މި ގޮޅިން ފެނިއްޖެ ނަމަ ހާދަހާވާ ރަނގަޅޭ ހިތަށް އަރަ އެވެ.
...
ލިޔުނީ ތިންމީމު, 2010-03-14 13:41:20
ބަހަކީވެސް ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭނެ އެއްޗެކެވެ. ރާއްޖޭގެ އެކިހިސާބުގެ މީހުންގެ ވާހަކަ ދައްކާއިރު އަކުރު ކިޔުމުގައި ތަފާތުތަކެއް ހުރެއެވެ. އެއަންނަ ތަފާތުކުރުންތަކަށް އަކުރު ހަދައި ފިލި ހަދަންވެއްޖެނަމަ ދުވަހަކުވެސް ކޮޅުން ނުލާނެއެވެ. ހަމަ އެގޮތަށް ބޭރުބަހެއްގެ އަޑުއިވޭއިރަށް އެބަހެއް ލިޔަން އަކުރަކާއި ފިއްޔެއް ހަދަންވެއްޖެނަމަ އެކަމަކީވެސް ކޮޅުން ނުލާނެ ކަމެކެވެ. މިސާލަކަށް ބަލާލަމާތޯއެވެ. ސުނާމީ މިބަހަކީ ޖަޕާނު ބަހެކެވެ. ޖަޕާނު މީހުން މިބަސްކިޔާއިރު ސގެ ކުރިޔަށް ޓަވިޔަނީގެ ލުއި އަޑެއް ހުންނާނެއެވެ. ޓ އަދި ސ ގެ މަޚުރަޖުން އަޑެއް ނެރެވޭނެ ގޮތަށް އަކުރެއް އުފައްދަންވީތޯއެވެ. އަޅުގަނޑުގެ ނަޒަރުގައި ޤައުމީ މަރުކަޒުން ނިންމާފައިވާ ނިންމުން ރަނގަޅެވެ. ފަސޭހައެވެ. އަޑެއް އިވޭ ކޮންމެ ފަހަރަކު ގޮތަކަށް ހެދުމުގެ ބަދަލުގައި ލިޔަން ފަސޭހަ ގޮތެއް އޮންނަން އެބަޖެހެއެވެ. ކިޔަންވީގޮތް ދޫކޮށްލަންވީއެވެ. ލިޔުމަށް ހަރުދަނާ ގަވާއިދެއް އޮވެފައި އެގަވާއިދު އެއްފަރާތްކޮށްފައި ތަފާތު ޚިޔާލުގެ ބޭފުޅުން ތަފާތު ވިސްނުމުގައި ތިއްބަވައިގެން ސްކޫލްތަކުގައި ކިޔަވައިދިނުމުން އެމީހަކަށް ފަސޭހަގޮތަކަށް އެމީހަކަށް ފެންނަ ގޮތަކަށް ލިޔަނީއެވެ. ރާއްޖޭގެ އެންމެ ގިނަ މީހުން ދަންނަ ބަހަކީ އިނގިރޭސި ބަހެވެ. އިނގިރޭސީން އިނގިރޭސިބަހުން ވާހަކަދައްކާއިރުވެސް އެއްބަހެއް ތަފާތު ގޮތްގޮތަށްކިޔައެވެ. އެކަމަކު އެބަހުން ލިޔާ ކޮންމެ ފަހަރަކު ކޮންމެ ބަހެއް ލިޔަނީ ޑިކްޝަނަރީގައި އޮންނަ ގޮތަށެވެ. އަރަބި ކަލާމުގެ އަހުލުވެރިން ބަލަނީ މުންޖިދެވެ. ދިވެހިބަހުން ލިޔަންވީމާ ރަދީފު ބެލުމެއް ނޯވެއެވެ. ދަނީ ބަހުސަކަށެވެ. ނުވަތަ ކޮންމެވެސް ބޭފުޅަކު ވިދާޅުވިގޮތަށް ކޮންމެވެސް އުސްތާޛަކަށް ފެންނަގޮތަށް ނުވަތަ ތިމާއަށް ފެންނަގޮތަށެވެ. މިއީ ކަން އޮންނަންވީ ގޮތެއް ނޫނެވެ. ޤައުމީ މަރްކަޒަކީ ކަމާބެހޭ އިދާރާއެވެ. އެ އިދާރާއިން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ލިޔަންވާނީ، ރަދީފުގައި އޮތްގޮތަށެވެ. މިއުސޫލަށް ޢަމަލުކުރަން ފެށިއްޖެނަމަ އެންމެން ދަންނަ އެންމެން ގަބޫލުކުރާ އެއްހަމައެއް އޮންނާނެއެވެ. އެންމެންނަށް އެއް އުސޫލަކުން ކަންކުރަންވެސް ފަސޭހަވާނެއެވެ. ޚިޔާލު ތަފާތުވެއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން ހުށަހަޅުއްވާނީއެވެ. ގޮތެއް ނިމެންދެން ލިޔަންވާނީ ރަދީފުގައި އޮތްގޮތަށެވެ. އެހެން މިސާލަކަށް ބަލާލަމާތޯއެވެ. އެމެރިކާގައި ނުކުންނަ ހުރިހާފޮތެއް ހުންނަނީ ޗިކާގޯ މެނުއަލްގައިވާ ގޮތަށެވެ. އެނޫން ގޮތްގޮތަށް ލިޔެ ފަރުމާކޮށްފައި ހުންނަ ފޮތްތަކަކީ ގަބޫލުކުރާ އެއްޗަކަށް ނުވެއެވެ. އެކަމަކު ރާއްޖޭގައި އެހެންތޯއެވެ. މިންގަނޑެއް ނެތެވެ. އުސޫލެއް ނެތެވެ. އަޅުގަނޑު މިޚިޔާލު މިލިޔުނީ ތިޔަ ބޭފުޅުންގެ ވިސްނުމާއި ޚިޔާލުފުޅުތަކަށް ރައްދުދިނުމަކަށް ނޫނެވެ. ތިޔަބޭފުޅުންގެ ޚިޔާލުފުޅުތަކަށް ތަރުޙީބު ދިނުމަށްޓަކައެވެ. ރާއްޖޭގައި ހަމައެއް ލަމައެއް ނެތީމާ މި މައްސަލައާމެދު ހުރިހާ ބޭފުޅުންވެސް ފުންކޮށް ވިސްނާލަންވެއްޖެ ވާހަކަ ދަންނަވާލުމަށްޓަކައެވެ.
...
ލިޔުނީ fkr, 2010-03-14 19:18:21
mi mazumoonaai , faalhu kurevifai vaa khiyaalu thah Fanvai.info faraathun qaumee marukazah fonuvun rangalhu kamah feney
...
ލިޔުނީ ނަސްރުﷲ ޖަމީލު, 2010-03-24 17:02:37
ތިން މީމުގެ ޚިޔާލަށް އަޅުގަނޑަށް ތާއީދުކުރެވެއެވެ. ދިވެހި ބަހާ ގުޅުންކުޑަ، ބީރައްޓެހި ލަފުޒެއް ދިވެހިން ލިޔަންޖެހިއްޖެނަމަ އާ އަކުރެއް، ނުވަތަ އާ ފިއްޔެއް އުފެއްދުމަކީ ހައްލަކަށް ވުމުގެ ބަދަލުގައި، އެއީ އިތުރު މައްސަލަތަކެއް ކުރިމަތިވެދާނޭކަމެކެވެ. ފިލިތަކާއި އަކުރުތައް ގިނަވެގެން ދިވެހިން ދިވެހިބަހާ ދުރުވެ، އިނގިރޭސިން ނުވަތަ ލެޓިނުން ލިޔަން ފަށާފައިވާ ދުވަސްވަރެއްގައި، އިތުރުކުރެވޭ ކޮންމެ އަކުރަކީ ނުވަތަ ފިއްޔަކީ ދިވެހިން ބަހާ ދުރުވުމަށް މަޖުބޫރުކުރުވާނޭކަމެކެވެ. އަރަބިބަހުގައި ބޭނުންކުރަމުންދާ އުސޫލަކީ ދިވެހިންނަށްވެސް އެންމެ ރަނގަޅު އުސޫލުކަމަށް އަޅުގަނޑަށް ވިސްނެއެވެ. އަރަބި ބަހުގައި ޓ، ޕ، ޏ ފަދަ އަޑުތަކެއް ނުހުރެއެވެ. އެ މީހުން އެފަދަ އަކުރުތަކެއް އުފައްދާކަށް ނުވެސް އުޅެއެވެ. އަރަބިން ބޭރު ލަފުޒެއް ލިޔާއިރު، އޭގެ އަސްލު އަޑާ އެންމެ ވައްތަރުވާ ގޮތަކަށް ކިޔޭނޭ އަރަބި އަކުރެއް ބޭނުންކުރުމުން އެމީހުންނަށް ފުދެއެވެ. އަޅުގަނޑުމެންނަށް އެގޮތަށް ފުއްދައިނުލެވެންވީ ކީއްވެތޯއެވެ. އަޅުގަނޑުމެންވެސް އެ ލަފުޒެއްގެ އަސްލު އަޑާ އެންމެ ގާތްކުރާނޭ އަކުރެއް ބޭނުންކުރުމުން، ނުވަތަ ފިއްޔެއް ޖެހުމުން ފުދޭނެ ނޫންތޯއެވެ. އަޅުގަނޑުމެން ދިވެހި ބަހުން ވާހަކަދައްކާނީ ދިވެހިންނާއެވެ. އެހެންކަމުން، ބޭރުބަހެއް އެ ހަމަ އަސްލު އޮންނަ މަޚްރަޖުން ނުކީދާނެތީ ވިސްނަންވީ ސަބަބަކީ ކޮބައިތޯއެވެ. ދިވެހި ފޭރާމެއް ލައްވައިގެން ދިވެހިންގެ ތެރެއަށް ނެރެން ފަސްޖެހެންވީ ސަބަބެއް ކޮބައިތޯއެވެ.
... ލިޔުނީ ޖިން, 2010-04-10 09:55:26
ދުނިޔޭގެ އެންމެ ގިނަމީހުން ބޭނުންކުރަމުން އަންނަ އިނގިރޭސި ބަހުގައިވެސް، އެމީހުން އާއަކުރެއް އުފައްދާކަށް ނޫޅެއެވެ. އިނގިރޭސި ބަހުގައި "ޏ" ގެ އަޑެއްނީދެއެވެ. އެމީހުން "ޏ" ލިޔަންވެއްޖެ ނަމަ އެޔާ އެންމެ އެއްގޮތްވާ ގޮތަކަށް ލިޔަނީ އެވެ. މުޅިން އެހެން އަޑެއް ނުކުތަސް އަޅައެއް ނުލައެވެ. އަހަރުމެންވެސް ކަންތަށް ކުރަންވީ މި ބީގައިންނެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|