މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| [ރިކައުންޓް] |
|
|
| ދިވެހި - މާދަރީބަސް | |||
| 03 އެޕރީލް 2010، 05:11 ހޮނިހިރު | |||
|
ލިޔުންތެރިކަމުގައި ހިމެނޭ ޢިބާރާތް(ޓެކްސްޓް)ގެ ތެރެއިން...... ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ) (1) ތަޢާރަފު: ލިޔުންތެރިކަން ބެހިގެންވާކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ އާދައިގެ ބަހުރުވައާއި ވަޒަންބަހުރުވައެވެ. ނުވަތަ ނަސްރާއި ނަޒުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޅެން ބަހުރުވައާއި އާދައިގެ ޢިބާރާތެވެ. ބަހެއް ބޭނުންކޮށްގެން އިންސާނަކު ލިޔެއުޅޭ ހުރިހައި ބާވަތެއް މި ދެ ބައިގެ ތެރޭގައި ހިމެނޭނެއެވެ. މީގެ ތެރެއިން ވަޒަން ބަހުރުވައަކީ ނިސްބަތުން މަދުބައެކެވެ. ގިނައީ ވަޒަން ބަހުރުވަ ނޫން އެހެން ބަހުރުވައެވެ. އާދައިގެ ޢިބާރާތެވެ. ޓެކްސްޓެވެ. ލިޔުންތެރިކަމުގައި ހިމެނޭ ޢިބާރާތް(ޓެކްސްޓް) ތަފާތު އެތައް ބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން ސްކޫލްތަކުގައި އެންމެ ޢާއްމުކޮށް ބޭނުންކޮށްފައި ހުންނަ ތަން ފެންނަނީ މައިގަނޑު 7 ބާވަތެކެވެ. އެއީ: 1. ރިކައުންޓް (ނުވަތަ ރިވާކުރުން) 2. އިރުޝާދު 3. މަޢުލޫމާތު ރިޕޯޓް 4. އޮޅުންފިލުވައިދިނުން 5. އެއްކޮޅަށް ވާހަކަދެއްކުން 6. ދެކޮޅަށް ވާހަކަދެއްކުން 7. ވާހަކަ މި 7 ބާވަތެވެ. މި ބާވަތްތަކުގެ ތެރެއިން މި ލިޔުމުގައި މި ބަޔާންކުރަނީ ރިކައުންޓަކީ ކޮބައިކަމާއި ރިކައުންޓްގެ ސިފަތަކާއި ރިކައުންޓްގެ ބާވަތްތަކެވެ. (2) ރިކައުންޓަކީ ކޮބާ؟ ރިކަމުންޓަށް ދިވެހިން ކިޔަން އެންމެ ރަނގަޅު ނަމެއްކަމަށް އަޅުގަނޑު ޚިޔާލުކުރަނީ ރިވާކުރުމެވެ. ރިވާކުރުމަކީ ޢަރަބި ލަފުޒެއް ނަމަވެސް "ރިކައުންޓް" މިލަފުޒަށްވުރެ ދިވެހި ކަންފަތްތަކާއި ދިވެހި ދޫތަކަށް ފަސޭހައީ މިފަދަ ލަފުޒެކެވެ. އެހެނީ ރިވާކުރުމަކީ ކުރީ ޒަމާނުއްސުރެ އަޅުގަނޑުމެން އަޑުއަހައި ބާވެފައިވާ ލަފުޒަކަށް ވެފައި "ރިކައުންޓް"އަކީ ވަރަށް ފަހުން ތަޢާރަފުވި ލަފުޒަކަށް ވާކަމެވެ. ކޮންމެއަކަސް ރިކައުންޓަކީ ނުވަތަ ރިވާކުރުމަކީ ކަމެއް ހިނގި ގޮތް ނުވަތަ ހިނގައި ދިޔަ ގޮތް ކިޔައިދިނުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ރިކައުންޓަކީ ކަމެއް ހިނގައި ދިޔަ ގޮތް ނުވަތަ ކުރެވުނު ތަޖްރިބާއެއް އެކަމެއް ހިނގި ތަރުތީބުން އަލުން ކިޔައިދިނުމެވެ. ރިކައުންޓުގައި ކިޔައިދީފައިވާނީ ހިނގައި ދިޔަ ކަމެއްގެ ވާހަކައެވެ. ޢާއްމު ގޮތެއްގައި ރިކައުންޓް ލިޔަން ފަށައިފައި ހުންނާނީ ކަމެއްގައި ބައިވެރިވި މީހުންނާއި އެކަމެއް ހިނގި ގޮތާއި، ހިނގި ކަމަކާއި، އެކަމެއް ހިނގި ޒަމާނެއް ނުވަތަ ވަގުތަކާއި އެކަން ހިނގި ތަނެއްގެ މަޢުލޫމާތުންނެވެ. ފަށައިގަތުމުގެ މި ބަޔަށް ރިކައުންޓްގައި ކިޔަނީ އޮރިއެންޓޭޝަނެވެ. ނުވަތަ ސެޓިންގ އެވެ. ރިކައުންޓް ލިޔެ ނިންމައިލުމުގައި އޮރިއެންޓޭޝަންގެ ބައި އަލުން ތަކުރާރުކޮށްފައިވެސް ހުރެދާނެ އެވެ. (3) ރިކައުންޓަގެ މަޤުޞަދު: ރިކައުންޓްގެ މަޤްޞަދަކީ ހިނގައި ދިޔަ ނުވަތަ ހިނގި ކަމެއް، އަދި ނުވަތަ ފާއިތުވެ ދިޔަ ތަޖްރިބާއެއް ލިސްޓްކުރުމެވެ. ރެކޯޑްކުރުމެވެ. ނުވަތަ އެކަން ހިނގައިދިޔަ ތަރުތީބަކުން އެކަމެއް ބަޔާންކޮށްދިނުމެވެ. ރިކައުންޓް ލިޔަނީ ކިޔާމީހުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ނުވަތަ މުނިފޫހިފިލުވުމަށްޓަކައި (ނުވަތަ މި ދެކަން ހިމެނޭ ގޮތުން)، ހިނގައި ދިޔަ ކަމެއް ނުވަތަ ހާދިސާއެއް އަލުން ކިޔައިދިނުމަށް ނުވަތަ ރިވާކުރުމަށް ޓަކައެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން އެކަމެއް ހިނގި ތަރުތީބުންނެވެ. އިސްކަންދޭ ނުވަތަ މުހިއްމުކަމުގެ ތަރުތީބަކުން ނޫނެވެ. (4) ރިކައުންޓް ގެ ވައްތަރުތައް: 4.1 ޒާތީ ރިކައުންޓް: ޒާތީ ރިކައުންޓަކީ، ތިމާއަށް ކުރިމަތިވި ނުވަތަ މެދުވެރިވި ކަމެއް އެ ހިނގި ގޮތަށް ކިޔައި ދިނުމެވެ. ވާހަކައެއް ލިޔާ ގޮތަށް ރިކައުންޓެއް ނުލިޔެވޭނެއެވެ. އެހެންވީމާ ޙާދިސާއެއްގެ މެދުތެރެއިން ފަށައިގެން ކަމަކުނުދާނެއެވެ. ރިކައުންޓްގެ ބަހުގެ ސިފަތަކުގެ ތެރޭގައި ހިމެނެނީ ނިމުނުކަމާއި ބަދަލުނަމާއި އޮޅުން ފިލުވައިދިނުމުގެ ޢިބާރާތްތައް ގިނައިން ހުރުމެވެ. (މިސާލަކަށް: އަހަރެން، މަ، މަގޭ ފަދަ ލަފުޒުތަކާއި ސިފަކޮށްދިނުމަށް ބޭނުންކުރާ ނަންއިރުރުތަކެވެ.) މި ވައްތަރުގެ ރިކައުންޓްގައި ޢާއްމު ގޮތެއްގައި ހުންނާނީ ލިޔުންތެރިޔާ އެ ކަމެއްގައި ނުވަތަ އެ ހާދިސާއެއްގައި ހިމެނޭ ކަންތައްތައް އަލުން ކިޔައިދީފައެވެ. އެކަމެއް ތިމާގެ ދުލުން ނުވަތަ ގަލަމުން ރިވާކޮށްފައެވެ. 4.2 ޙަޤީޤީ ރިކައުންޓް: މިވައްތަރުގެ ރިކައުންޓަކީ ހިގައިދިޔަކަމެއް ނުވަތަ ކުރެވުނު ތަޖްރިބާއެއް ނުވަތަ ހާދިސާއެއް ރެކޯޑްކުރުމެވެ. ޢިލްމީ ގޮތުން ހޯދުނު ހޯދުމެއް ނުވަތަ ކުރެވުނު ތަޖްރިބާއެއް އެކަން އޮތްގޮތަށް ކިޔައިދިނުމެވެ. ނުވަތަ ހިނގައިދިޔަ ހާދިސާއެއް ހިނގައިދިޔަ ގޮތަށް ބަޔާންކުރުމެވެ. ސައެންސް ރިޕޯޓާއި ފުލުސް ރިޕޯޓް ހިމެނެނީ މިބައިގެ ތެރޭގައެވެ. 4.3 ޚިޔާލީ ރިކައުންޓް: ކޮންމެވެސް ކަމެއް ހިނގައި ދިޔަ ގޮތްކަމަށް ލަފާކުރާ ގޮތެއްގެ ތަފްޞީލު ދިނުމަށް ނުވަތަ ކަމެއް ހިނގި ކަމަށް ހަދައިގެން (ޚިޔާލީގޮތުން) އެކަން ހިނގި ގޮތުގެ ތަފުޞީލާއެކު ލިޔެވިފައި ހުންނަ ރިކައުންޓަށް ޚިޔާލީ ރިކައުންޓޭ ކިޔައި އުޅެއެވެ. މިސާލަކަށް: "މަގު ފޭރޭ މީހެއްގެ ޙަޔާތުން ދުވަހެއް" ނުވަތަ: "ރޯނުވަށާ މެޝިން އަހަރެން އީޖާދުކުރި ގޮތް"، "ބައިރުފިޔާއެއްގެ ޙަޔާތް.." ފަދަ މައިގަނޑުނަންތަކުގެ ދަށުން ރިވާކުރެވޭ ވާހަކަތައް ވާނީ ޚިޔާލީ ރިކައުންޓް ކަމުގައެވެ. މިއިން ކޮންމެ ބާވަތެއްގެ ރިކައުންޓެއް ނަމަވެސް ލިޔެ ބަޔާންކުރަންވާނީ އެކަމެއް ހިނގި (ނުވަތަ ހިނގި ކަމަށް ބަލާ) ތަރުތީބުންނެވެ. ވާހަކައާއި މަޒުމޫނު ފަދަ ތަކެތި ރިކައުންޓާ ތަފާތުވާ އެންމެ މުހިއްމު ސިފައަކީ މިއީއެވެ. (5) ރިކައުންޓްގެ މައިގަނޑު ސިފަތައް: ރިކައުންޓް ލިޔެފައި ހުންނާނީ ވަކި އެއްޗަކަށް ނުވަތަ މީހަކަށް ނުވަތަ ކަމަކަށް ނުވަތަ ޙާދިސާއަކަށް އެކަނި ބަލައިލެވިގެންނެވެ. މި މައިގަނޑު ސިފައިގެ އިތުރަށް އަންނަނިވި ސިފަތައް ރިކައުންޓްގައި އެކެލެވިފައި ވެއެވެ. 5.1 ޢާއްމު ގޮތެއްގައި ރިކައުންޓް ފަށައިފައި ހުންނަނީ މަންޒަރެއްގެ ތަޞައްވުރު ސިފަކޮށްދެމުންނެވެ. އެހެން ގޮތަކަށް ބަޔާންކުރާނަމަ ކޮންކަމެއް، ކޮންތާކު، ކޮންއިރަކު، ކިހިނެއްކަން ބަޔާންކުރަމުންނެވެ. މިއީ ލިޔުމުގެ ސެޓިންގ އެވެ. 5.2 ސެޓިންގ އާ ގުޅިގެން އަންނާނީ ޙާދިސާތަކުގެ ސިލްސިލާއެވެ. ކަންހިނގައި ދިޔަ ގޮތުގެ ތަރުތީބެވެ. (6) ރިކައުންޓްގެ އޮނިގަނޑު: • ރިކައުންޓްގައި މައިގަނޑު ސުރުޚީއެއް އޮންނަންވާނެއެވެ. ޢާއްމު ގޮތެއްގައި މި ސުރުޚީ ވާންޖެހޭނީ މުޅި ޢިބާރާތުގައި ބަޔާންކޮށް ކިޔައިދީފައިވާ ވާހަކައެއްގެ ޚުލާޞާއަކަށެވެ. • ވަކި ޚާއްޞަ ބައިވެރިޔަކު ހިމެނިފައިވުން. ( މިސާލަކަށް: މަންމަ، ކަކުނި،) • ޢާއްމު ރިކައުންޓްގައި ނަމަ މައިގަނޑު ތިން ބައެއް އޮވެއެވެ. އެއީ: 1. ސެޓިންގ ނުވަތަ އޮރިއެންޓޭޝަން – މިއީ ރިކައުންޓް ދޭހަކޮށްދިނުމަށް ބޭނުންވާ ފަސްމަންޒަރުގެ މަޢުލޫމާތު ހިމަނާ ބައެވެ. ރިކައުންޓްގެ މައިގަނޑު ސިފަތަކުގައި ބަޔާންކޮށްފައި ވާނޭ ފަދައން މި ބައިގައި، ކާކު؟ ކޮންއިރަކު؟ ކޮންތާކު؟ ކީއްވެ؟ މި ސުވާލުތަކަށް ޖަވާބު ދޭންވާނެއެވެ. 2. ހިނގައި ދިޔަ ކަމެއް ނުވަތަ ހާދިސާ ކިޔައިދީފައި އޮންނަން ވާނީ އެކަމެއް ހިނގައިދިޔަ ތަރުތީބުންނެވެ. އެކަމެއްގެ މުހިންމުކަމުގެ ނުވަތަ ލިޔުންތެރިޔާ އިސްކަންދޭ ތަރުތީބަކުން ނޫނެވެ. 3. ކިޔައިދިން ޙާދިސާގެ މައްޗަށް ބިނާކޮށް ލިޔާ މީހާގެ އަމިއްލަ ޚިޔާލު، ނިންމުމެއްގެ ގޮތުން ހުށަހަޅައިލުމަކީވެސް ކޮށް އުޅޭ ކަމެކެވެ. އެ ލިޔުނު ޙާދިސާއެއްގެ ބާވަތުން އަމިއްލަ ޚިޔާލު ހުށަހެޅުމާއި ނޭޅުމަކީ ލިޔުންތެރިޔާގެ އިޚުތިޔާރުގައި އޮންނާނޭ ކަމެކެވެ. މިސާލަކަށް، "މިފަހަރު ބ. އަތޮޅަށް މި ކުރި ދަތުރަކީ ހުރިހާ ގޮތަކުންވެސް އާދަޔާ ޚިލާފު ދަތުރެކެވެ." މި ފަދަ ޖުމުލައެއް ނިންމުމުގައި ގެނެވިދާނެއެވެ. • ރިކައުންޓްގައި ތަފްޞީލްތައް ދޭނީ ކިޔާ މީހަކަށް އެ ޙާދިސާއެއް ނުވަތަ އެކަމެއް އަލުން ރާވައިލުމަށް އެހީތެރިވެދިނުމަށްޓަކައެވެ. (މިކަން މި ގޮތަށް ކުރެވޭނީ ޙަޤީޤީ ހާދިސާއެއް ރިވާކުރާއިރުގަ އެވެ.) • ނިންމުމުގައި އެ ޙަރަކާތަކުން ނުކުތް ނަތީޖާއެއް ހާމަކުރަން ވާނެއެވެ. މިސާލަކަށް: ސައެންސް އެކްސްޕެރިމެންޓެއްގައި. (ޙަޤީޤީ ރިކައުންޓްގައި) • ކަން ހިނގި ވަގުތާއި ތަނުގެ ތަފުޞީލު ސާފުކޮށް ބަޔާންކުރުން. މިސާލަކަށް: ހަވީރު 4:15 ގައި ދެ މީހަކު ގޮސް ސުޕަރމާޓްގެ ދެކުނު ފަރާތު ދޮރުކައިރީގައި މަޑުކޮށްލިއެވެ.(ޙަޤީޤީ ރިކައުންޓް) • ސިފަކޮށްދޭ ފަދަ ތަފްޞީލުތައްވެސް ބޭނުންވެދާނެއެވެ. މިސާލަކަށް: އެ މީހުން ލައިގެން ތިބީ ގަދަ ރަތް ކުލައިގެ ޓީޝާޓްތަކެކެވެ. ބޯ ހުރީ އެކި ތަންތަނުން ޑައިކޮށްފައެވެ.(ޙަޤީޤީ ރިކައުންޓް) • އަމިއްލަ ޚިޔާލާއި ތަޖްރިބާ ހިމެނުން (އެކަމަކު އަމިއްލަ ޚިޔާލު ހިމެނޭނީ ޚިޔާލީ ރިކައުންޓް ގައެވެ.) (7) ބަހުރުވަ: ރިކައުންޓް ލިޔާއިރު ނުވަތަ ކަމެއް ރިވާ ކުރާއިރު ލިޔާ ބަހުރއަކީވެސް މުހިއްމު އެއްޗެކެވެ. މިގޮތުން ރިކައުންޓެއްގައި ނަމަ އެ ވާހަކަތަކުގެ ޚުލާޞާއަކަށް ބެލެވޭ ފަދަ މައިގަނޑު ނަމެއް (ސުރުޚީއެއް) އޮންނަންވާނެއެވެ. ޢިބާރާތްތައް ހުންނާނީ މާޒީ ބަޔާންކޮށްދީފައެވެ. ނިމިނިމުނުކަމުންނެވެ. ބައެއް ފަހަރު ނިމުނުކަން ބޭނުންކުރެވުނަސް ޢާއްމު ގޮތެއްގައިހުންނާނީ ނިމިނިމުނުކަމުންނެވެ. (މިސާލަކަށް: އޭނާ ދުއްވައިގަތެވެ. އެވަގުތު އޭނާ ފައިކައްސާލައިގެން ވެއްޓިއްޖެއެވެ.) ބަހުރުވައިގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ ވަގުތާއި ޒަމާނަށް ނިސްބަތްވާ ލަފުޒުތަކާއި ޖުމުލައިގެ ގިނަބަސް (ފްރޭޒް) ވަރަށް ގިބައިން ބޭނުން ކުރަންޖެހޭކަމެވެ. (މިސާލަކަށް ، ކުއްލިއަކަށް އޭނާ ދުއްވައިގަތެވެ. އެވަގުތު ފަހަތުން އައި މީހަކު ހަޅޭއްލަވައިގަތެވެ. ލަސްތަކެއްނުވެ، އޭނާ ދުވެ ފިލައިފިއެވެ. ޖެހިގެން އައި ދުވަހު، ހަމަ އެތަނުން ...... ) ރިކައުންޓްގައި ލިޔަނީ ނިމިފައި އޮތް ކަމަކަށް ވާތީ، ވަރަށް ގިނައިން ކަންއިތުރު ބޭނުންކޮށްފައި ހުރެއެވެ.، (މިސާލަކަށް: ވަރަށް ބާރަށް ދުވެފައި .........) ރިކައުންޓް ލިޔާއިރު ބަހުރުވަ ބޭނުންކޮށްފައި ހުންނަ ގޮތް އަންނަނިވި 7 ނުކުތާގައި ޚުލާޞާ ގޮތެއްގައި ބަލައިލައިފައި އެވަނީއެވެ. (1) ރިކައުންޓްގައި ކިޔައިދީފައިވާ ވާހަކަތަކުގެ ޢިބާރާތްތައް ޚުލާޞާކޮށްދެނިވި މައިގަނޑުނަމެއް އޮންނަންވާނެއެވެ. (2) ޢާއްމު ގޮތެއްގައި ރިކައުންޓް ލިޔެފައި ހުންނާނީ ނިމުނު ކަމުން ނެވެ. ( އޭނާ ހަޅޭއްލަވައިގަތެވެ.) (3) ރިކައުންޓް ލިޔާއިރު ޙާދިސާ ނުވަތަ އެކަމެއް ހިނގި ވަގުތާ ގުޅުން ހުރި ލަފުޒުތައް (ޖުމުލައިގެ ގިނަބަސް ނުވަތަ ފްރޭޒް) ނުވަތަ ވަގުތާއި ޒަމާނަށް ނިސްބަތްވާ ގުޅުވާ އަކުރު ގިނަގިނައިން ބޭނުންކުރެއެވެ. (މިސާލަކަށް: ހަމަ އެވަގުތު، ވީހައި އަވަހަކަށް، އޭރު، ދެން، އޭގެ ކުރިން، ފަހުން، ފުރަތަމަ، ޖެހިގެން އައި ދުވަހު، އެ ދުވަހު ހަވީރު، ހަމަ އެއް ވަގުތެއްގައި، އޭނާ ދިޔަތަނާ، ހުކުރު ދުވަހު، ހުކުރުން ފޭބިތަނާ، ) (4) ރިކައުންޓް ގައި ބަޔާންކުރަނީ ނިމިފައި އޮތް ކަމެއް، އެއްޗެއް، ޢަމަލެއް ނުވަތަ ހާދިސާއެއް ކަމަށް ވާތީ، ވަރަށް ގިނައިން ކަންއިތުރާއި (ކަމަކަށް އިތުރު ސިފައެއް ގެންނަ ލަފުޒު) ކަން (ޢަމަލެއް ނުވަތަ ޙަރަކާތެއް ދޭހަވާ ލަފުޒު) ބޭނުންކޮށްފައި ހުންނާނެއެވެ. (މިސާލަކަށް: އޭނާ ގޮސް ހުއްޓުނީ ދޮރާ ނިވައިވެގެންނެވެ. އެވަގުތު ރަތްކުލައިގެ ސައިކަލެއް އައިސް ތަންކޮޅެއް ދުރަށް މަޑުކޮށްލިއެވެ. ކުއްލިއަކަށް ވަރަށް ބާރުގަދަ އަޑަކުން މުޅިތަން ދިޔައީ ގުގުމައިގެންނެވެ. ދޮރުފަތާ ނިވައިވެގެން ހުރި މީހާ އަވަސްއަވަހަށް ދެކޮޅު ހޯދައި ބަލައިލުމަށްފަހު "ބުޑުބުޑު ފައިވިއްދައިފައި ދުއްވައިގަތެވެ. ދެން އިވެން ފެށި ފުލުހުންގެ ވެހިކަލްތަކުގެ ސައިރަންގެ އަޑެވެ. ) (5) ލޮނުހެޔޮވަރުކޮށް ކިޔާ މީހުން ޝައުޤުވެރުކުރުމަށްޓަކައި ރިކައުންޓަގައި ވަރަށް ގިނައިން ތަފްޞީލުތައް ދީފައި ހުރެއެވެ. (6) ޒާތީ ރިކައުންޓް ލިޔާއިރު އަބަދުވެސް ބޭނުންކޮށްފައި ހުންނާނީ ޒާތީ ބަދަލުނަމެވެ. (މިސާލު: އަހަރެން، އަހަރެމެން، އަޅުގަނޑު، މަގޭ، އަޅުގަނޑުގެ، މަ، މިފަދަ ލަފުޒުތަކެވެ.) (7) ރައްދު ނުވާކަން ވަރަށް ގިނައިން ބޭނުންކުރެވިފައި ހުރެއެވެ. (މިސާލު: އޭރު ފިހާރަހުރީ ލެއްޕިފައެވެ. އެކަމަކު ފިހާރައިގެ ދޮރުފަތުން ބުރައިގެން ދިޔަ ބިއްލޫރިތައް އޮތީ މުޅި މަގުމައްޗަށް ވިއްސިފައެވެ.) މަޢުލޫމާތު ހޯދުމުގައި ރުޖޫޢަވީ ވަސީލަތްތައް: http://www.andrewseaton.com.au/grecount.htm Yahoo!Answers.htm މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ހައްވަ, 2010-04-03 08:38:09
މިއީ އަދަބީ ދާއިރާއިން ވަރަށް ޢިލްމީ ލިޔުމެއްކަމުގައި ބެވެއެވެ. މިބާވަތުގެ އާ މައުޟޫޢެކެވެ. އަދަބިއްޔާތުގެ ތެރެއަށް އުފަންކުރުމަކީ ލިޔުންތެރިންގެ މަސްއޫލިއްޔަތެކެވެ. ދިވެހިބަހުގެ މުދައްރިސުކަމާއި ލިޔުންތެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރާ ފަރާތްތަކަށް މިއީ ވަރަށް ބޭނުންތެރި މަޢުލޫމާތެއްކަމުގައި ހައްވަ ޤަބޫލުކުރަމެވެ. ޅިޔުންތެރިޔާއަށް ޝުކުރުދަންނަވަމެވެ.
...
ލިޔުނީ Saif, 2010-04-03 10:39:29
މިއީ އަޅުގަނޑު ވަރަށް ބޭނުވެގެނ ނުލިބިގެން އުޅުނު މަޢުލޫމާތެކެވެ. މި ދަނޑިވަޅުގައި މި މުހިއްމު މަޢުލޫމާތު ކިޔުންތެރިންނާ ޙިއްޞާކޮށްލެއްވި ކަމަށްޓަކައި 'ފަންވަތު' ގެ މެނޭޖްމަންޜަށް ޝުކުރުދަންނަވަމެވެ.
...
ލިޔުނީ ނަސްރުﷲ, 2010-04-04 03:58:30
ދިވެހިން ކިޔަން އެންމެ ރަނގަޅު ލަފުޒަކީ "ރިވާކުރުން" ކަމަށް ލިޔުންތެރިޔާ ލިޔުއްވާފައިވާއިރު، ލިޔުމުގައި މުޅިންވެސް ބޭނުންކުރައްވައިފައި މިވަނީ ރިކައުންޓެވެ. އެއީ އަޅުގަނޑަށް މި ލިޔުމުން އެންމެ އަޅައިގަތް ކަންތަކެވެ. ރިވާގެ މާނައެއްކަމަށް ރަދީފުގައި ވަނީ "މީހަކުދެއްކި ވާހަކައެއް ނުވަތަ ހިނގިކަމެއް އެދެއްކިގޮތަކަށް ނުވަތަ އެހިނގިގޮތަކަށް ބުނާ ބުނުން" މި ފަދައިންނެވެ. އެހެންކަމުން، މި ލަފުޒަކީ ހަމަ އެކަށީގެންވާ ލަފުޒެއްކަމަށް ފެނެއެވެ. ވަރަށް ގިނަ މައުލޫމާތު ތަކެއް މި ލިޔުމުން ލިބިއްޖެ ވާހަކަވެސް ކޮމެންޓްކުރުކޮށްލަމުން ދަންނަވާލަމެވެ.
...
ލިޔުނީ mary, 2010-04-04 17:04:06
ޢަބްދުލްޢަޒީޒު ޖަމާލަކީ އަޅުގަނޑަށް ފާހަގަކުރެވޭ ވަރަށް އާދަޔާ ޚިލާފު ލިޔުންތެރިއެކެވެ. ބަހުގެ ދާއިރާއިންނާއި އަދަބުގެ ދާއިރާއިން ވަރަށް ގިނަ ޢިލްމީ ލިޔުންތައް ޢާއްމުކުރައްވާފަ ވާ މޮޅު ލިޔުންތެރިއެކެވެ. ޢަބްދުލްޢަޒީޒު ގެ މިފަދަ ލިޔުންތައް އެއް ފޮތަކަށް އެއްކޮށްލެވިގެން ފޮތްމަޢުރަޒަކުން ފެންނާނެނަމަ ދިވެހިބަހުގެ މުދައްރިސުންނަށް ވަރަށް ފައިދާކުރާނެއެވެ. ލިޔުންތެރިޔާ މިމަސައްކަތްކުރައްވާނެ ނަމައެވެ. ނުވަތަ ޗާޕުޚާނާއަކުންވެސް ކުރަންވެއްޖެ ކަމެކެވެ. މި އަދުގެ ލިޔުމަކީ ވަރަށް ޒަމާނީ މައުޟޫއަކަށް އިންސާފުކުރައްވައިފައިވާ ލިޔުމެކެވެ.
... ލިޔުނީ ރަޒީނާ, 2010-10-29 05:41:03
ޖަމާލުގެ ގިނަ ލިޔުންތައް ހުންނަނީ ބަހުގެ ގަވާއިދާއި އަދަބީ ދާއިރާއިންކަން ފާހަގަކުރެވެއެވެ. އެހެންކަމުން ޖަމާލުގެ މިފަދަ ލިޔުންތައް އެއް ފޮތަކުން ލިބޭނެ ގޮތަކަށް ޗާޕުވެގެން އައުމަކީ ދިވެހި ބަހުން މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށާއި ދިވެހި މުދައްރިސުންނާއި ދަރިވަރުންނަށް ކުރިޔަށް ދިޔުމަށް ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ އެވެ. މިކަން މި މަގަށް ކޮށްދެއްވުމަށް ލިޔުންތެރިޔާ އަރިހުން އެދެމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|